އަދުގެ ޚާއްސަ

Print

ދަރީން ގެންދެވުމަށް ކެތްތެރިވުން

ޝާޢިއުކުރީ އިބްރާހީމް ރަޝީދު މޫސާ . ހިމެނޭބަޔަކީ ޢަޤީދާ


މަރުގެ ޙަޤީޤަތް (ކުރީގެ ބަޔާގުޅޭ...)

އިބްރާހީމް ރަޝީދު މޫސާ

2-    މަރަކީ  ޔަޤީން

އަރަހުށި މާތް ﷲ މަރަށް ޔަޤީނުގެ ނަން ކީރިތިޤުރްއާނުގައި ދެއްވާފައި ވެއެވެ. حَتَّى أَتَانَا الْيَقِينُ  المدثر: ٤٧- ޔަޤީންކަން ( އެބަހީ މަރު) ތިމަންމެންނާ ހަމަޔަށް އަތުވެއްޖައުމަށްދާންދެނެވެ.
އެއީ މަރުގެ ސަބަބުން ޙަޤީޤަތްތައް ހާމަވެގެންދާނެތީއެވެ. ގުޅުންތައް ކެނޑިގެންދާނެތީއެވެ. މާތްﷲ ވަޙީކުރައްވަނީ وَجَاءَتْ سَكْرَةُ الْمَوْتِ بِالْحَقِّ ذَلِكَ مَا كُنتَ مِنْهُ تَحِيدُ. - لَقَدْ كُنتَ فِي غَفْلَةٍ مِّنْ هَذَا فَكَشَفْنَا عَنكَ غِطَاءَكَ فَبَصَرُكَ الْيَوْمَ حَدِيدٌ - ق : 19-22 " އަދި މަރުގެ ސަކަރާތް ޙައްޤުގޮތުގައި އަންނަ ހުއްޓެވެ. އެއީ ތިބާ އެއަށް ފިލަންއުޅޭކަމުގައިވީ މަރެވެ. އަލުން ދިރުއްވުމަށް ތާޅަފިލި ފުމެލެއްވޭނެއެވެ. އެއީ ކާފިރުންނަށް ޢަޛާބުގެ އިންޒާރު އަންނަދުވަހެވެ. އަދި އެދުވަހު ކޮންމެނަފްސެއް މަޙްޝަރުބިމަށް އަންނަ ހުށީ އޭނާއާ އެކުގައި ލަވައިގެންދާނޭ މަލާއިކަތަކާއި ހެތްކަކުވާ ޙާލުގައެވެ.ހަމަކަށަވަރުން، ތިބާ މިކަންތަކާ މެދު  ޣާފިލުކަމެއްގައި ވީމުއެވެ. ފަހެ، ތިމަންރަސްކަލާނގެ ތިބާގެ ކިބައިން ޣާފިލުކަމުގެ ފަރުދާ ކަޝްފުކުރެއްވީމެވެ. ފަހެ، މިއަދު ތިބާގެ ލޮލަކީ  ތޫނުލޮލެކެވެ. "

    އަދި ވެސް ވަޙީކުރައްވަނީ : وَلَقَدْ جِئْتُمُونَا فُرَادَى كَمَا خَلَقْنَاكُمْ أَوَّلَ مَرَّةٍ وَتَرَكْتُم مَّا خَوَّلْنَاكُمْ وَرَاء ظُهُورِكُمْ وَمَا نَرَى مَعَكُمْ شُفَعَاءَكُمُ الَّذِينَ زَعَمْتُمْ أَنَّهُمْ فِيكُمْ شُرَكَاء لَقَد تَّقَطَّعَ بَيْنَكُمْ وَضَلَّ عَنكُم مَّا كُنتُمْ تَزْعُمُونَ  الأنعام: ٩٤  -  އަދި މަޙްޝަރަށް ފޮނުއްވާހިނދު ، އެއުރެންނަށް  އަންގަވާނެތެވެ. ތިޔަބައިމީހުން ، ތިމަންރަސްކަލާނގެ ޙަޟްރަތަށް ތިޔައައީ ، އެކަހެރީންގެ ގޮތުގައެވެ. ފުރަތަމަފަހަރު ތިމަންރަސްކަލާނގެ  ތިޔަބައިމީހުން ހެއްދެވި ފަދައިންނެވެ. އަދި ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ދެއްވި ތަކެތި ތިޔަބައިމީހުންގެ ފަހަތަށް ދޫކޮށްފައެވެ. ތިޔބައިމީހުންނާއެކު ، ތިޔބައިމީހުންގެ ޝަފާޢަތްތެރީންވާތެނެއް ނުފެނެއެވެ. އެތަކެއްޗަކީ ، ތިޔަބައިމީހުންގެތެރޭގައި ޝަރީކުންކަމަށް ތިޔަބައިމީހުން ހީކޮށްގެން އުޅުނުތަކެއްޗެވެ. ތިޔަބައިމީހުންނާ އެތަކެއްޗާ ދެމެދުގައިވާ ގުޅުންތައް ކެޑި ވަކިވެއްޖެކަން ކަށަވަރެވެ. އަދި ޝަފާޢަތްތެރިވާނެކަމަށް ތިޔަބައިމީހުން ހީކޮށްއުޅުނު ތަކެތި ، ތިޔަބައިމީހުންގެ ކިބައިން  ގެއްލިއްޖެއެވެ. "

މަރަކީ ޣައިބުގައިވާ ޙަޤީޤަތެކެވެ. އެކަމާ މެދު އެއްވެސް ޝައްކެތްނެތެވެ. މަރަކީ އެއްވެސް އިސްތިސްނާއެއްދަންނަ އެއްޗެއްނޫނެވެ. ލޯބިވެރިއެއްނެތް އެއްޗެކެވެ. ޢުޛްރެއް ޤަބޫލުކުރާ އެއްޗެއްނޫނެވެ. ލަސްކުރުމެއް ފަސްކުރުމެެއް ބަލައިގަންނައެއްޗެއްވެސް ނޫނެވެ. އޭގެކުރިމަތީގައި އެންމެން ހަމަހަމައެވެ. އެއީ ދަންނަވައިގެން ކަންތައްކޮށްދޭނެ އެއްޗެއްވެސް ނޫނެވެ. އެއީ ސަޔާއި ރިޝްވަތަށް ހެއްލޭނެ އެއްޗެއްނޫނެވެ. އަންނާށޭ ގޮވައިލުމުން ޖެހޭނީ އެއާ އެކު ދާށެވެ.

މަރަކީ ކުޑަކުދީންނާއި ބޮޑެތިމީހުން ވަކިކުރާ އެއްޗެއް ނޫނެވެ.ވެރީންނާއި ރައްޔިތުން ތަފާތުކުރާ އެއްޗެއް ނޫނެވެ. މުއްސަނދީންނާއި ފަޤީރުން ތަފާތުކުރާ އެއްޗެއްނޫނެވެ. މާތްމީހުންނާއި ދެރަމީހުން ތަފާތުކުރާ އެއްޗެއްނޫނެވެ. ދުޅަހެޔޮމީހުންނާއި ބަލިމީހުން ތަފާތުކުރާ އެއްޗެއްނޫނެވެ. ވަރުގަދަމީހުންނާއި ވަރުދެރަމީހުން ތަފާތުކުރާއެއްޗެއް ނޫނެވެ.
މަރަކީ ވަގުތުއޮތްމީހުންނާއި ވަގުތުނެތްމީހުން ތަފާތުކުރާ އެއްޗެއްނޫނެވެ. ބޭސްވެރީންނާއި ބޭސްކުރާމީހުން ތަފާތުކުރާ އެއްޗެއްނޫނެވެ. އެއީ ކުލަޔާއި ޤައުމާއި ޖިންސް ތަފާތުކުރާ އެއްޗެއްވެސް ނޫޏެވެ. މާތްﷲ ވަޙީކުރައްވަނީ : كُلُّ مَنْ عَلَيْهَا فَانٍ - وَيَبْقَى وَجْهُ رَبِّكَ ذُو الْجَلالِ وَالإِكْرَامِ  - الرحمن: 26 -27  " އެބިންމަތީގައިވާ ކޮންމެ އެއްޗަކީ ފަނާވެދަނިވި  އެއްޗެކެވެ.  އަދި ކަލޭގެފާނުގެ ވެރި،ކީރިތިވަންތަކަމާއި ،މާތްވަންތަކަމުގެ  ވެރިރަސްކަލާނގެ ޛާތުފުޅު  ދެމިވޮޑިގެންވެއެވެ. "
މިއަދު ރުއިމީހާއަށްޓަކައި އެހެންމީހުންނަށް ރޯންޖެހޭނެއެވެ.

މިއަދު ތަޢުޒިޔާކިޔާމީހާއަށް ތަޢުޒިޔާ ކިޔޭނެއެވެ
މިއަދު އަލްވަދާޢުކިޔާ މީހާއަށް އަލްވަދާޢުކިޔޭނެއެވެ.
ހަނދުމަކުރެވުނުމީހާގެ މަތީން ހަނދުމަނެތޭނެއެވެ.
މިއަދު އުފުލިމީހާ އުފުއްލޭނެއެވެ.

މަރު ހަމަ ކޮންމެމީހަކަށް އިންތިޒާރުކުރާނެއެވެ. ދުނިޔެއަށް  އައިދުވަހުން ފަށައިގެން ކޮންމެމީހަކީ މަރުގެ ދަތުރުމަތީގައިވާ މީހެކެވެ. މަރާ ދިމާޔަށް ދަތުރުކުރާމީހެކެވެ.
މަރާ މެދު އަހަރެމެން ކިތަންމެ އަވަދިނެތިވެ އުޅުނަސް، މަރު އަހަރެމެންގެ މަތިން  އަވަދިނެތިއެއް ނުވާނެއެވެ.
އަހަރެމެން މަރުމަތިން ޣާފިލު ވިޔަސް ، މަރު އަހަރެމެންގެ މަތިން ޣާފިލެއް ނުވާނެއެވެ.ކޮންމެތަނެއްގައި  ، ކޮންމެ ގޮތަކަށް ، މަރަށް ފިލަންއުޅުނަސް،   މަރަށް ފިލޭނެ ހަމަ އެކަކުވެސް ނުވެއެވެ.

މަރަށް ހުރަސްއެޅޭނެ ހަމަ އެކަކުވެސް ނުވެއެވެ. މަރަށް ހުރަސްއެޅޭނެ އެއްވެސްބާރެއް    ނުވެއެވެ. ކިއްލާތަކަށާއި ބުރުޒުތަކަށް،  ބިނާތަކަށާއި ފުޅަށްތަކަށް، ދިފާޢީނިޒާމުގެ އެއްވެސްބާރަކަށް މަރަކަށް ހުރަހެއްނޭޅޭނެއެވެ.
ހަށިފާރަވެރީން ކިތަންމެ ގިނަޔަސް، ހަނގުރާމަމަތީ ހަތިޔާރުތައް ކިތަންމެ ވަރުގަދަޔަސް، މަރަށް ހުރަހެއްނޭޅޭނެއެވެ. މާތްﷲ ވަޙީކުރައްވަނީ : أَيْنَمَا تَكُونُواْ يُدْرِككُّمُ الْمَوْتُ وَلَوْ كُنتُمْ فِي بُرُوجٍ مُّشَيَّدَةٍ النساء: ٧٨  - އުސްވެގެންވާ ގަދަފަދަ ކިއްލާތަކެއްގެ ތެރޭގައި ތިޔަބައިމީހުންތިބިކަމުގައި ވިޔަސް ތިޔަބައިމީހުން ތިބި ކޮންމެ ތަނަކުން މަރު ، ތިޔަބައިމީހުން އަތުލާނެތެވެ. "

އެހެނީ ، ފުރާނަޔަކީ އިންސާނާގެ ބާރުގެ ދަށުގައިވާ އެއްޗެއްނޫނެވެ. އެއީ ކޮންކަހަލަ އެއްޗެއްކަމެއް އިންސާނާއަކަށް އަދިވެސް ނޭގެއެވެ. އަދި ނުމެ އެގޭނެމެއެވެ. وَيَسْأَلُونَكَ عَنِ الرُّوحِ قُلِ الرُّوحُ مِنْ أَمْرِ رَبِّي وَمَا أُوتِيتُم مِّن الْعِلْمِ إِلاَّ قَلِيلاً  الإسراء: ٨٥ – ފުރާނާގެ ވާހަކައިން އެއުރެން ކަލޭގެފާނާ ސުވާލުކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ. ފުރާނައަކީ ( ހަމަ އެކަނި ) ތިމަންކަލޭގެފާނުގެ  ވެރިރަސްކަލާނގެ  ދެނެވޮޑިގަތުމުގެ  ތެރެއިން ވާ  އެއްޗެކެވެ. އަދި ތިޔަބައިމީހުންނަށް ޢިލްމުގެ ތެރެއިން ވަރަށްކުޑަ މިންވަރެއް މެނުވީ ލިބިގެންްނުވެއެވެ.

3-    މަރަކީ ޢިބްރަތެއް :

މަރަކީ އެންމެބޮޑު މުޞީބަތެވެ. އެންމެބޮޑު ބަލާވެރިކަމެވެ. މާތްﷲ މަރަށް މުޞީބަތުގެ ނަންވެސް ދެއްވާފއި ވެއެވެ. އެކަލާނގެ ވަޙީކުރައްވަނީ فَأَصَابَتْكُم مُّصِيبَةُ الْمَوْتِ المائدة: ١٠٦ – މަރުގެ މުޞީބާތް ތިޔަބައިމީހުންނަށް ޖެހިއްޖެނަމަ " އެވެ. އެހެންކަމުން މަރާމެދު ޣާފިލުވުމަކީ އެންމެބޮޑޮމުޞީބާތެވެ.
މަރުން ޢިބްރަތް ޙާޞިލުނުކުރާނަމަ ، ދެން ޢިބްރަތްޙާޞިލުކުރާނީ ކޮންކަމަކުންތޯއެވެ.؟ މިހެންވެ، މަރުމަތިން ހަނދާންކުރުމަކީ ކޮންމެމުއުމިނެއްގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ.އޭގެ މަތިން ހަނދުމަކުރުމަކީ އެކަމުގެ މުޞީބާތް ކުޑަކޮށްދޭނެކަމެކެވެ. އެކަމަށް ތައްޔާރުވާން ސަމާލުކަންދޭނެ ކަމެކެވެ.
އެެއްދުވަހަކު ޢާއިޝަތުގެފާނު އަރިހަށް އަންހެނަކު އައިސް އޭނާގެ ހިތްހަރުކަމާ މެދު ޝަކްވާދެންނެވިއެވެ. އުއްމުލްމުއުމިނީން ޢާއިޝަތުގެފާނު އޭނާއަށް ނަޞީޙަތްތެރިވެ ވަޑައިގަތީ މަރުމަތިން ގިނަގިނައިން ހަނދުމަކުރުމަށެވެ.  މި ނަޞީޙަތާ އެއްގޮތަށް އެކަނބުލޭގެ ޢަމަލުކުރުމުން އޭނާގެ ހިތް އޯގާތެރިހިތަކަށް ބަދަލުވެގެން ދިޔައެވެ. 

    މާތްﷲ ރުއްސުންލެެއްވި ޢުމަރު ބިން ޢަބްދިލްޢަޒީޒަކީ ކޮންމެ ރެއަކު އެކަލޭގެފާނުގެ ދަރުބާރަށް ޢިލްމުވެރީންނާއި ވާޢިޡުންނާއި އަޅުވެރީން އެއްކުރައްވައި ، މަރުމަތީން ހަނދުމަކުރެއްވި ބޭކަލެކެވެ. އެދަރުބާރު ގައި ކޮންމެ ރެއަކު ޖަނާޒާއެއް ބާއްވަވާ ފަދައެވެ. އެބޭކަލުން މަރުމަތިން ހަނދުމަފުޅުކުރައްވައި ކީރިތިފުޅު ކުރައްވަވައެވެ.  
    މަަރަކީ ހަމަ ކޮންމެމީހަކާ ވެސް ކުރިމަތިންލާން ޖެހޭނެ ޙަޤީޤަތެކެވެ. އެހެންކަމުން އެކަމާ މެދު އަބަދުވެސް ހަނދުމަކުރަންޖެހޭނެއެވެ. އެއީ އެއްވެސް އިންޒާރެއް ނުދީ އަންނަ އެއްޗެއްނޫނެވެ. ކޮންމެ ދުވަހަކު އެތައްބަޔަކު ، ރަޙްމަތްތެރީން، ގާތްތިމާގެމީހުން، އަނބިދަރީން ، ދަންނަމީހުންނާއި ނުދަންނަމީހުން މަރުވާ އަޑު އަހަމުއެވެ. މިއީ އެކަމުގެ އިންޒާރު ނޫންތޯއެވެ؟

4-    މަރަކީ  ﷲގެ ނިޢުމަތެއް


މާތްﷲ ވަޙީކުރައްވަނީ كُلُّ مَنْ عَلَيْهَا فَانٍ - وَيَبْقَى وَجْهُ رَبِّكَ ذُو الْجَلالِ وَالإِكْرَامِ - فَبِأَيِّ آلاء رَبِّكُمَا تُكَذِّبَانِ الرحمن: 26 -27– 28- އެބިންމަތީގައިވާ ކޮންމެ އެއްޗަކީ ފަނާވެދަނިވި  އެއްޗެކެވެ.  އަދި ކަލޭގެފާނުގެ ވެރި،ކީރިތިވަންތަކަމާއި ،މާތްވަންތަކަމުގެ  ވެރިރަސްކަލާނގެ ޛާތުފުޅު  ދެމިވޮޑިގެންވެއެވެ. ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް އިންކާރު ކުރަނީ ، ތިޔަދެބައިމީހުންގެ ވެރިރަސްކަލާނގެ  ނިޢުމަތްތަކުގެ ތެރެއިން ކޮންކޮން ނިޢުމަތެއް ހެއްޔެވެ؟ " މި ދެއާޔަތުން އެގޭގޮތުގައި މަރަކީ ﷲގެ ނިޢުމަތްތަކުގެ ތެރެއިން ނިޢުމަތެކެވެ. އެއީ ދޮގުވެރިއަކު މެނުވީ އެކަމާ ދެކޮޅުނަހަދާނެ ނިޢުމަތެކެވެ.

މަރު ނިޢުމަތަކަށް ވަނީ ކީއްވެގެންތޯއެވެ.

ހ- އެއީ ދުނިޔަވީ ޙަޔާތުގެ މަތިން ހަނދުމަކޮށްދޭ ކަމަކަށް ވާތީއެވެ. ނިޢުމަތެއްގެ މަތިން ހަނދުމަކޮށްދޭ ކަމަކީ  ނިޢުމަތެކެވެ.
ށ- އެއީ އެންމެ ޢިބްރަތްތެރި  ވަޢުޡުކަމުގައިވާތީ އެވެ. އަދި އެންމެ ޢިބްރަތްތެރި ފިލާވަޅުކަމުގައިވާތީއެވެ.
ނ- ލޯބިވާމީހުން މަރުވުމުން އެކަމަށް ކެތްތެރިވުމަކީ އެކަމަށް ހެޔޮޖަޒާ ލިބޭކަމެކެވެ. މިސަވާބު ލިބެނީ މަރުގެ ސަބަބުންކަމަށްވާތީ އެއީ ނިޢުމަތެކެވެ.
ރ- މަރުގެ ސަބަބުން މަސައްކަތުގެ ގޮވެތިން ޖަޒާލިބުމުގެ ގޮވެއްޗަށް ދެވެއެވެ. މުއުމިނުންނަށް ހެޔޮސަވާބު ލިބުމުގެ ގޮވެއްޗަށް އަދި ކާފިރުންނަށް އެމީހުންގެ ކާފިރުކަމަށާއި ނުކިޔަމަންތެރިކަމަށް ޖަޒާލިބޭ ދުނިޔެއަށް ދެވެނީ މަރުގެ ސަބަބުންނެވެ.

ބ- މަރުގެ ސަބަބުން އަނިޔާވެރީންނާއި ޖައްބާރުންގެ ޙަޔާތް ނިމިގެންދެޔެވެ. މިކަމުގެ ސަބަބުން އެމީހުންގެ އަނިޔާތަކާއި ތުރާތަކުން މީސްތަކުންނަށް ސަލާމަތްކަން ލިބެއެވެ. އެމީހުން ގަނޑުވަރުތަކުން ކަށްވަޅުތަކަށް ގެންދަނީ މަރެވެ. އެމީހުން އެމީހުންގެ ހަށިފާރަވެރީންނާއި އެމީހުންގެ ލަޝްކަރީންގެ ޙިމާޔަތާއި ރައްކައުތެރިކަމުން ފަނިފަކުސާގެ ބެލުމުގެ ދަށަށް ގެންދަނީ މަރެވެ. މިއީ ނިޢުމަތެއް ނޫންތޯއެވެ. މާތްﷲ ވަޙީކުރައްވަނީ  فَمَا بَكَتْ عَلَيْهِمُ السَّمَاء وَالأَرْضُ الدخان: ٢٩ ފަހެ، އެއުރެންމައްޗަށް އުޑެއް ވެސް އަދި ބިމެއް ވެސް ނުރޮއެވެ.

އަދިވެސް ވަޙީކުރައްވަނީ فَقُطِعَ دَابِرُ الْقَوْمِ الَّذِينَ ظَلَمُواْ وَالْحَمْدُ لِلَّهِ رَبِّ الْعَالَمِينَ  ٤٥ –  ދެން އަނިޔާވެރިވީ  މީހުންގެ  ދަރިފަސްކޮޅަށްދާންދެން  ނެތިކުރެއްވިއެވެ. ޙަމްދުހުރީ ޢާލަމުތަކުގެ ވެރި ﷲއަށެވެ. "

ޅ- މަރަކީ ނިޢުމަތެކެވެ. އެހެނީ، އެކަމުގެ ސަބަބުން މުއުމިނުންނަށް ދުނިޔޭގެ ކަންބޮޑުވުންތަކާއި ހާސްކަމުން ސަލާމަތްވެވެއެވެ. ދުނިޔޭގެ އާފަތްތަކާއި އިމްތިޙާނުތަކާއި ބަދުނަޞީބުކަމާއި ފިތުނައިން ސަލާމަތްވެވެއެވެ. އަބޫޤަތާދާ ގެ އަރިހުން ރިވާވެގެންވާ ޙަދީޘެއްގައި ވެއެވެ. " އެއްދުވަހަކު ރަސޫލުﷲގެފާނު އަރިހުން ލައިފާ ސަންދޯކެއް ގެންދެވުނެވެ. އެހިދު، އެކަލޭގެފަނު ޙަދީޘް ކުރެއްވިއެވެ. " مستريح ومستراح منه  ، قالوا : يا رسول الله ما المستريح ، والمستراح منه فقال : العبد المؤمن يستريح من نَصَبِ الدنيا والعبد الفاجر يستريح منه العباد والبلاد والشجر والدواب    އޭނާ އަށް  އުނދަގޫތަކުން އަރާމު ލިބިއްޖެއެވެ. އަދި އޭނާގެ އުނދަގޫތަކުން އެހެންފަރާތްތަކަށް އަރާމުލިބިއްޖެއެވެ. އެބައިމީހުން ދެންނެވޫއެވެ. އޭﷲގެ ރަސޫލާއެވެ. އުނދަގޫތަކުން އޭނާއަށް އަރާމުލިބުނުމީހަކީ އަދި އޭނާގެ އުނދަގޫތަކުން އެހެންފަރާތްތަކަށްް އަރާމުލިބުނުމީހަކީ ކާކުތޯއެވެ. ޙަދީޘްކުރެއވިއެވެ. މަރުވުމުންް ދުނިޔޭގެ އުނދަގޫތަކުން މުއުމިނުއަޅާއަށް އަރާމުލިބެއެވެ. އަދި ފާޖިރުއަޅާ މަރުވުމުން  އަޅުންނަށާއި ރަށްރަށާއި ގަސްގަގެއްސަށާއި ޖަނަވާރުތަކަށް އަރާމުލިބެއެވެ. "

ކ- މާތްﷲ އެކަލާނގެ ހެއްދެވި އެއްޗެހީގެ މައްޗަށް މަރުވުން މިންވަރުކުރައްވާފައި ނުވާނަމަ ދުނިޔެ މުސްކުޅީންގެ ބޮޑުދާރުލްއާސާރަކަށް ވެދާނެއެވެ. 500 އަހަރުގެ މީހުންނާއި 2ހާސްއަހަރުގެ މީހުންނާއި 7ހާސްއަހަރުގެމީހުންނާއި އަދި މިއަށްވުރެވެސް މުސްކުޅިން  ދުނިޔޭގައި ތިބޭނެއެވެ. މި ކަމުގެ ސަބަބުން ނުކުޅެދުުންތެރިން ބެލެހެއްޓުން ނުކުރެވޭވަރުގެ ކަމަކަށްވާނެއެވެ.

މިކަމުގެ ސަބަބުން އާބާދީތައް ބޮޑުވެ ، ބިންކުޑަވެ،  ދިރިއުޅުން މުޞީބާތަކަށް ވެދާނެއެވެ.މިސާލަކަށް ދެ މެހި މެދުނުކެޑި 5އަހަރު ވަންދެެން ވިހަމުންދާނަމަ ދުނިޔޭގައި އުޅޭމެހީގެ ސަބަބުން ދުނިޔޭގެ ވަށައިގެން، މިމެހިތައް 5ސެންޓިމީޓަރުގެ ފަށަލައެއް ލާނެއެވެ. އެހެންކަމުން މަރަކީ ބޮޑުނިޢުމަތެކެވެ. ދިރޭއެއްޗެހި މަރުނުވާނަމަ  މިކަވްނަށް ތިލަފަތުގެ ދެފަރާތް ހަމަ ޙަޔާތެއް ނުލިބޭނެއެވެ. (ނުނިމޭ)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ