އަދުގެ ޚާއްސަ

Print

ދިވެހިބަހަކީ ތިންވަނަ ސާސްކަފުގައި ދިވެހީންނަށް ބޭނުން ބަހެއްބާ؟

ޝާޢިއުކުރީ މުޙަންމަދު ޝާހިދު ޙަލީމް . ހިމެނޭބަޔަކީ މާދަރީބަސް


މުޙަންމަދު ޝާހިދު ޙަލީމު

(މިއީ، އަޅުގަނޑު 1999 ވަނަ އަހަރުގެ މެދެއްހައި ހިސާބުގައި ލިޔެ، އެ އަހަރުގެ އޯގަސްޓުމަހުގެ ފަތްތޫރައިގައި ޝާއިޢުކުރި މަޒުމޫނެކެވެ. މިއަދު، ބައިނަލްއަޤްވާމީ މާދަރީބަހުގެ ދުވަހު މި މަޒުމޫނު އަލުން ތިޔަ ބޭފުޅުންނާ ހިއްސާކޮށްލާ ހިތްވީއެވެ.

އަޅުގަނޑު މި މަޒުމޫނު ލިޔުމުގެ މަގުސަދަކީ އަޅުގަނޑުމެންގެ މާދަރީބަހަކީ މި ސާސްކަފުގައި ބޭނުން ބަހެއްތޯ، ނުވަތަ ނޫންތޯ ސުވާލު އުފެއްދުމެއް ނޫނެވެ. ދިވެހިބަހަކީ އަޅުގަނޑުމެންގެ ޤައުމިއްޔަތުގެ އެއް ރުކުން ކަމަށް ބުނަމުންދާ އިރު، އަޅުގަނޑުމެންނަށް ޢަމަލު ކުރެވޭ ގޮތުން އެ ރުކުން އަޅުގަނޑުމެންގެ ޤައުމިއްޔަތުގެ ރުކުންތަކުގެ ތެރެއިން އުނިވެގެން ހިނގައިދާނެ ކަން އަޅުގަނޑުމެންގެ ސަމާލުކަމަށް ގެނައުމެވެ.

އިނގިރޭސިބަހާ މެދު އަޅުގަނޑުމެން ދެކޭ ގޮތާއި، ދިވެހިބަހާ މެދު އަޅުގަނޑުމެން ދެކޭ ގޮތުގެ މައްޗަށް ބަލާ އިރު، ދިވެހިބަހަކީ ބޭނުން ބަހެއް ނޫންކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ކަމުގައި ބެލިދާނެ ތަން އެބަ އޮތްކަން ފާހަގަކުރުމެވެ. އިނގިރޭސިބަހަކީ އަޅުގަނޑުމެންނަށް ކިތަންމެ ބޭނުންތެރި ބަހެއް ކަމުގައި ވީ ނަމަވެސް، ދިވެހިބަހަކީ ވެސް އަޅުގަނޑުމެންނަށް ދޫކޮށްލެވެން ނެތް ބަހެއްކަމުގެ ހޭލުންތެރިކަން އިތުރުކުރުމެވެ. ދިވެހިބަހަކީ އަޅުގަނޑުމެންގެ ޤައުމިއްޔަތުގެ އެއް ރުކުން ކަމަށް އަޅުގަނޑުމެން ގަބޫލުކުރާ ކަމަށް ވާނީ، އެ ބަސް ދެކެ ލޯބިވެ، އެ ބަހަށް ހޭހަންކޮށް، އެ ބަސް ރައްކާތެރިކޮށް ދަމަހައްޓައިގެން ކަން ހަނދާންކޮށްދިނުމެވެ.) ***

ދިވެހިބަހަކީ ދިވެހީގެ ހިލިހިލާގެ އެއް ބޮޅެވެ. ދިވެހީންގެ އެއްބައެއްވަންތަކަން ދެމެހެއްޓުމަށް މަގުފަހިކޮށްދޭ އެއް ވަސީލަތެވެ. ދިވެހިވަންތަކަމުގެ އެއް ރުކުނެވެ.

ދިވެހިބަހަކީ ދިވެހީންގެ ބަހެވެ. ޒަމާނުއްސުރެން ދިވެހީން ވާހަކަދައްކަމުން، ލިޔަމުން އައި ބަހެވެ. ގިނަ ދިވެހީން މިހާރު ވެސް އާންމުކޮށް ވާހަކަދައްކާ، ލިޔާ ބަހެވެ.

ދިވެހިބަހުން ވާހަކަދައްކައިގެން، ދިވެހިބަހުން ލިޔެގެން ދިވެހި ކާބަފައިންނަށް، އަނެކަކަށް އަންގައިދޭން ބޭނުންވާ ކަމެއް އަންގައި ނުދެވިފައެއް ނެތެވެ. އަދި މިހާރު ދިވެހިބަހުން ވާހަކަދައްކާ، ލިޔާ ދިވެހީންނަށް ވެސް އަނެކަކަށް އަންގައިދޭން ބޭނުންވާ ކަމެއް އަންގައިނުދެވިފައެއް ނޯވެއެވެ.

ތެދުފުޅެކެވެ. ޒަމާނަށް އަންނަ ބަދަލާއެކު، އަލަށް ތަޢާރަފުވާ ކަންކަމާއި، އެއްޗެއްސަށް ކިޔާނެ ނަން އުފައްދަން ޖެހެއެވެ. އެހެން ބަސް ބަހުން ހޯދަން ޖެހެއެވެ. އެއީ އަދި ދިވެހިބަހުގެ ނުފޯރާ ކަމެއް ނޫނެވެ. ކޮންމެ ބަހެއްގައި ވެސް އެ ކަން އޮންނާނޭ ގޮތެވެ.

ދިވެހިބަހާ މެދު ދިވެހީން ފަޚުރުވެރިވާން ޖެހޭ ކަންތައްތަކެއް އެބަ ހުއްޓެވެ. ދިވެހިބަހަކީ ދިވެހީންގެ އަމިއްލަ ބަހަކަށް ވާ ކަމެވެ. ދިވެހިބަހަކީ އެ ބަސް ލިޔާނޭ އަމިއްލަ އަކުރުތަކެއް ހުރި ބަހަކަށް ވާ ކަމެވެ. ދިވެހިބަހުގައި ދިވެހި ތިމާވެށްޓާ ގުޅޭ ލަފުޒުތައް އެހެން ބަސްބަހަށް ވުރެން ތިޔާގެކަމެވެ.

ދިވެހީން ބުނާ އަޑު އިވެއެވެ. ލިޔެފައި ހުއްޓާ ފެނެއެވެ. ދިވެހީންނަކީ ޤައުމިއްޔަތަށް ލޯބިކުރާ ބައެކެވެ. ދިވެހިބަހަކީ ދިވެހި ޤައުމިއްޔަތުގެ އެއް ރުކުނެވެ. ދިވެހީންނަކީ ދިވެހިބަސް ކުރިއެރުވުމަށް ތާއަބަދު މަސައްކަތްކުރަމުން އަންނަ ބަޔެކެވެ.
ދާދި ފަހުން ބޭއްވި، ފަށާތަޢުލީމުގެ މުޤައްރަރު އިޞްލާޙުކުރުމުގެ މަހާސިންތާގައި، ފަށާތަޢުލީމުގެ ހަރުފަތުގައި ދިވެހިބަސް އުނގަންނައިދިނުމަށް އިތުރު ސަމާލުކަމެއް ދިނުމަށާއި، ތިމާވެށީގެ ޢިލްމާއި، ދިވެހި ތާރީޚާއި، ދިވެހި އާދަކާދައާއި، ދީނީ ޢިލްމު ދިވެހިބަހުން ކިޔަވައިދިނުމަށް، ބައެއް ބޭފުޅުން "ވަގުތީ، ޝަޚުޞީ، ޖަޒުބާތީ ޚިޔާލުތަކެއް" ހުށަހެޅުއްވީ މި ދެންނެވި ސަބަބުތަކާ ހުރެ ކަމަށް ގަބޫލުކުރެވެއެވެ.

އެހެންނަމަވެސް ދިވެހި ތިމާވެށިން އިވޭ އަޑުތަކަށާއި، ފެންނަ ލިޔުންތަކަށް އަންނަމުންދާ ބަދަލާ މެދު ފިކުރުކޮށްލުމުން ހިތަށްއަރައެވެ. ދިވެހީންނަކީ ޤައުމިއްޔަތަށް ލޯބިކުރާ، ދިވެހިބަހަކީ ދިވެހި ޤައުމިއްޔަތުގެ އެއް ރުކުން ކަމަށް ގަބޫލުކުރާ، ދިވެހިބަސް ކުރިއެރުވުމަށް ތާއަބަދު މަސައްކަތްކުރާ ބައެކޭ ބުނެފައި، ލިޔެފައި އެ ހުންނަނީ ޙަޤީޤަތާ އެއްގޮތަށް ބާވައެވެ. ނުވަތަ ޤައުމެއްގައި ވިއްޔާ އެ ކަންކަން ހުންނާންވާނީ އެ ގޮތަށް ކަމަށް ގަބޫލުކުރެވޭތީ، އެ ގޮތަށް ބުނެފައި، ނުވަތަ ލިޔެފައި ހުންނަނީ ބާވައެވެ.

މި ގޮތަށް އަޅުގަނޑުގެ ހިތަށްއަރަނީ ކީއްވެގެންހެއްޔޭތޯއެވެ؟ ބައެއް ލިޔުންތައް ކިޔައިލުމުންނާއި، ދެކެވޭ ބައެއް ވާހަކަތައް އަޑުއަހައިލުމުން، ދިވެހިބަހުގެ ބޭނުންތެރިކަން ދިވެހީންނަށް ކުޑަވަމުން އަންނަ ކަމަށް އިޙްސާސުކުރެވޭތީ އެވެ.
ދިވެހީންގެ ތަންކޮޅެއް ކުރީގެ ކުދީން މަންމަ ބައްޕައަށް، މަންމަ ބައްޕަ ކީ ނަމަވެސް މަންމަ ބައްޕަ އަށް މަމީ ޑެޑީ ކިޔާ ކުދީން މިހަރު އަންނަނީ ގިނަވަމުންނެވެ. ކުއްޖާ އުފަންވުމާ އެކު އެންމެ ފުރަތަމަ ޝަހާދަތްޖައްސާ ހެން، މި ޒަމާނުގެ މައިންބަފައިން، އެ މީހުންގެ ތުއްތު ތުއްތު ދިވެހީންނަށް "މަމީ ޑެޑީ ޖައްސައިދެނީ"، އެންމެ ޅަފަތުގައި ވެސް އިނގިރޭސިބަހުގެ ބިންގާ އަޅައިނުދީފިނަމަ، އިނގިރޭސިބަހަށް ހިތްގާވެ، ދޫކޮށިވެދާނެތީ ކަމެއް، ނުވަތަ މަންމަ ބައްޕައަށް ވުރެ މަމީ ޑެޑީގެ އަސަރުގަދަވެފައި، ފޮނިވީމާ ކަމެއް ދަންނަވާކަށް ނޭނގެއެވެ. އަޅުގަނޑު ގަބޫލުކުރާހިތްވަނީ އެއީ މަންމަ ބައްޕައަށް ވުރެ މަމީ ޑެޑީގެ އަސަރުގަދަވެފައި ފޮނިވެގެން ކުރާ ކަމެއް ނޫން ކަމުގައެވެ. އިނގިރޭސިބަހަކީ މި ޒަމާނުގެ ދިރިއުޅުމަށް ކޮންމެހެން ބޭނުން ބަހަކަށް ވުމާއެކު، ކުއްޖާގެ އެންމެ ޅަފަތުގައި އެ ބަހުގެ ބިންގާއަޅައިދީގެން ނޫނީ ކުއްޖާ އިނގިރޭސިބަހާ ދޯޅުނުކުރެވިދާނެއޭ ހީވާތީ ކުރާ ކަމެއް ކަމުގައެވެ.

ދިވެހި ކުޑަކުދީންގެ ތެރެއިން، ދިވެހިބަހުން ވާހަކަދައްކަން ލިބޭ ފުރުޞަތު މަދުވަމުން އަންނަ ކުދީން މިހާރު ދަނީ ގިނަވަމުންނެވެ. މަދަރުސާގައި ވާހަކަދައްކަނީ އިނގިރޭސިބަހުންނެވެ. ގޭގައި ވެސް އިނގިރޭސިބަހުންނެވެ. މިހާރުގެ ޒުވާން ގިނަ މައިންބަފައިންނަކީ އިނގިރޭސިބަސް ދަންނަ މައިންބަފައިންނަށް ވުމާއެކު އެ މީހުންގެ ދަރީން އިނގިރޭސިބަހަށް ބީރައްޓެހިވެދާނެތީ އިނގިރޭސިބަހުން ނޫނީ ދަރީންނާ ވާހަކައެއް ނުދައްކައެވެ. އެހެނީ ކުރިމަގުގައި އިނގިރޭސިބަހަށް ބީރައްޓެއްސަކު ވާނީ، ދުނިޔެއަށް ވެސް ބީރައްޓެއްސަކަށެވެ.

އޮފީސް އޮފީހަށް ދިވެހިމުވައްޒަފުން ބޭނުންވެގެންނާއި، ރާއްޖެއިން ބޭރުގައާއި ރާއްޖޭގައި ހިންގާ ކޯސްތަކުގައި ބައިވެރިވާނޭ ދިވެހީން ބޭނުންވެގެން ކުރާ އިޢުލާން އިނގިރޭސިބަހަށް ބަދަލުވަމުން އެބަދެއެވެ. ދައުލަތުގެ ރަސްމީ ލިޔުންތަކުގެ ތެރެއިން ކޮންމެހެން ބޭރު ބަހަކުން ލިޔަންޖެހޭ ލިޔުންތައް މެނުވީ އެހެން ހުރިހައި ލިޔުންތަކެއް ލިޔެފައި ހުންނާން ޖެހެނީ ދިވެހިބަހުންކަމަށް ވުމާ އެކު ކުރިން މި ދެންނެވި ފަދަ އިޢުލާންތައް އިނގިރޭސިބަހުން ލިޔެފައި ހުންނާނީ އެ އިޢުލާންތަކަކީ ވެސް މިހާރު ކޮންމެހެން އިނގިރޭސިބަހުން ލިޔާންޖެހޭ އިޢުލާންތަކަކަށް ވާތީ އެވެ.

ދިވެހީންނަށް އާންމުކޮށް ކިޔަނީ އަރަބި ނަން ކަމަށް ވުމާއެކު ދިވެހީން އާންމު ގޮތެއްގައި ސޮއިކޮށް އުޅެނީ އަރަބިއަކުރުންނެވެ. މަދު ބަޔަކު ތާނައަކުރުން ވެސް ސޮއިކުރެއެވެ. ރާއްޖެއަށް އިނގިރޭސިބަސް ތަޢާރަފުވެ އިނގިރޭސިބަހުން ލިޔާ ލިޔުންތަކުގައި ސޮއިކުރާން ޖެހުމުން، ބައެއް މީހުން އެ ފަދަ ލިޔުންތަކުގައި އިނގިރޭސިއަކުރުން ސޮއިކުރެއެވެ. ދައުލަތުގެ ރަސްމީ ލިޔުންތަކުގެ ތެރެއިން ސޮއިކުރުން ލާޒިމު ކޮންމެ ލިޔުމެއްގައި ސޮއިކުރާންޖެހެނީ އެ ލިޔުމެއް ލިޔެފައިވާ ބަހުގެ އަކުރުން، ނުވަތަ ތާނައަކުރުން، ނުވަތަ އަރަބިއަކުރުންނެވެ. އެހެންނަމަވެސް މިހާރު ދިވެހީން ސޮއިކޮށްފައި ހުންނަ ލިޔުންތަކަށް ބަލައިލާއިރު، ދިވެހިބަހުން ތާނައަކުރުން ލިޔެފައި ހުންނަ ލިޔުންތަކުން ވެސް އިނގިރޭސިއަކުރުން ކޮށްފައި ހުންނަ ސޮއި ފެނުމަކީ އާންމު ކަމެކެވެ. މިހާރު ދިވެހީންނަށް ފަސޭހައީ ކަނާއަތުން ވައަތަށް އަތް ހިންގުމަށް ވުރެ ވައަތުން ކަނާއަތަށް އަތް ހިންގާށެވެ.

ދިވެހިބަހުން ޢިބާރާތް ކޮށް، ފަރުމާކޮށްފައި ހުންނަ ދަޢުވަތުކާޑާއި، އިޝްތިހާރުފަދަ ތަކެތި ކުރިން ފެންނަހައި ގިނައިންނެއް މިހާރަކު ނުފެނެއެވެ. މިހާރު ގިނައިން ފެންނަނީ އިނގިރޭސިބަހުން ޢިބާރާތްކޮށް، ފަރުމާކޮށްފައި ހުންނަ އިޝްތިހާރާއި ދަޢުވަތުކާޑެވެ. މީހުންގެ ހިތްދަމައިގަންނަ ފަދަ ގޮތަކަށް އެއްޗެއް ޢިބާރާތްކޮށް، ރީތި ފަރުމާއަކަށް ފަރުމާކުރެވޭނީ މިހާރު އިނގިރޭސިބަހުންނާއި، އިނގިރޭސިއަކުރުން ކަމަށް ބެލެވޭތީ އަންނަ ބަދަލެއް ކަމަށް ގަބޫލުކުރަންޖެހެއެވެ.
ހުޅަނގާއި، އުތުރާއި، އިރާއި، ދެކުނު ދިވެހިބަހުން ބުނަން ނޭނގޭ ދިވެހީންނާއި، ހިސާބު އަދަދެއް ދިވެހިބަހުން ބުނަން ނޭނގޭ ދިވެހީން އަންނަނީ އިތުރުވަމުންނެވެ. އެކަމަކު ދިރިއުޅުމުގެ މައިދާނުގައި ކުރިއަށްދިއުމަށް އެ މީހުންނަށް ކުރިމަތިވާ އެއްވެސް ހުރަހެއް ނެތެވެ. އިނގިރޭސިބަހުން ގުނާށާއި، ހަތަރު ބިތް ބުނެދޭން އެނގޭތީ އެވެ.

ދިވެހިރާއްޖޭގެ ރަށެއް ކަމުގައިވާ އައްޑުއަތޮޅުގެ "ގަން" މި ރަށުގެ ނަން "ގޭން" މި ގޮތަށް ދިވެހި ލިޔުންތަކުގައި އެބަ ހުރެއެވެ. ހަމަ އެ ފަދައިން، "ގޭން" މި ގޮތަށް ކިޔާ އަޑު ވެސް އިވެއެވެ. އަދި ގަމޭ ބުނީމާ އެއީ ކޮން ރަށެއްކަން މިހާރު އެނގުނަސް، ގަމޭ ބުނީމާ އެއީ ކޮން ރަށެއްކަން ކުރިމަގުގައި ނޭނގުމަކީ ދުރުކަމެއް ނޫނެވެ. ހަމަ އެ ގޮތަށް ދިވެހީންގެ ދުލުކުރިއަށް އެޓޮލް އައިސް، އަތޮޅު ހިތުން ފޮހެވި، އަތޮޅު އެއީ ބަސްފޮތުގައި އޮންނަ ބޯދާބަހަކަށް ބަދަލުވެގެން ދިޔުމަކީ ވެސް ދުރުކަމެއް ނޫނެވެ. މިހެން މި ކަން ވިޔަސް ގަމާއި، އަތޮޅު ނޭނގޭ ދިވެހީންނަށް ދިރިއުޅުމުގައި ދިމާވާނޭ އެއްވެސް ދައްޗެއް ނޯންނާނެއެވެ. ގޭނާއި އެޓޮލް އެނގޭނެތީއެވެ.

ކޮންމެ ދުވަހަކު އިވޭ އަޑުތަކަށާއި، ފެންނަ ލިޔުންތަކަށް ފުންކޮށް ވިސްނައިލައްވައިފި ނަމަ، ދިވެހީން އެނގިގެން ނަމަވެސް، ނޭނގި ނަމަވެސް، ދިވެހިބަހަށް ފުރަގަސްދީފައި، އިނގިރޭސިބަހާ ދިމާއަށް ދުވަމުންދާކަން އެނގިވަޑައިގަންނަވާނޭ އިތުރު ކިތަންމެ ކަމެއް ފާހަގަކުރެއްވޭނެއެވެ.

ކަން މިހެން އޮތުމާއެކު، ދިވެހީންނަކީ ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ، ދިވެހިބަހަކީ ދިވެހި ޤައުމިއްޔަތުގެ އެއް ރުކުން ކަމަށް ގަބޫލުކުރާ، ދިވެހިބަސް ކުރިއެރުވުމަށް ތާއަބަދު މަސައްކަތްކުރާ ބައެއް ކަމަށް ގަބޫލުކުރަން އަޅުގަނޑަށް ދައްޗެވެ. ހަމަ އެއާ އެކު، އަޅުގަނޑު ގަބޫލުކުރަން ބޭނުން ނުވިޔަސް، އަޅުގަނޑަށް ގަބޫލުކުރަން ޖެހެނީ، ދިވެހިބަހަކީ ދިވެހި ޤައުމިއްޔަތުގެ އެއް ރުކުން ކަމަށް ގަބޫލުކުރާ ކަމަށް ދިވެހީން ބުނި ނަމަވެސް، ދިވެހީންނަށް ދިވެހިބަހާ ދުރަށް ދެވެނީ، ދިވެހިބަހަކީ ދިވެހި ޤައުމިއްޔަތުގެ އެއް ރުކުން ކަމަށް ދިވެހީންނަށް ގަބޫލުނުކުރެވޭތީ ކަމުގައެވެ. އަދި ދިވެހީންނަކީ ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ ބައެއް ކަމަށް ބުނި ނަމަވެސް، ދިވެހި ޤައުމިއްޔަތަށް ލޯބިނުކުރާތީ ކަމުގައެވެ. ހަމަ އެފަދައިން ދިވެހީންނަކީ ދިވެހިބަސް ކުރިއެރުވުމަށް ތާއަބަދު މަސައްކަތް ކުރާ ބައެއް ކަމަށް ބުނަމުން، ލިޔަމުން ގެންދިޔަ ނަމަވެސް، ދިވެހި ތިމާވެށީން "ތަފާތު ކުރެހުމެއް" ފެންނަމުން ދަނީ، ދިވެހީންނަށް ދިވެހިބަހާ ނުލައި އުޅެވިދާނޭ ކަމަށާއި، އިނގިރޭސިބަހާ ނުލައި ނޫޅެވޭނޭ ކަމަށް ގަބޫލުކުރެވޭތީ ކަމުގައެވެ.

އެހެންކަމުން މިހައި ހިސާބުން އަޅުގަނޑުގެ ހިތުގައި އުފެދެނީ އެންމެ ސުވާލެކެވެ. ދެ ހާހުގެ އަހަރުތަކުގައި، ތިންވަނަ ސާސްކަފުގައި، ދިވެހިބަހަކީ ދިވެހީންނަށް ބޭނުން ބަހެއް ބާވައެވެ؟

ދިވެހިބަހަކީ ދިވެހީންގެ ބަހެވެ. ދިވެހީން ނޫން އެހެން ބަޔަކު އެ ބަހުން ވާހަކައެއް ނުދައްކައެވެ. "ދިވެހި ބާޒާރަށް ނޫން އެހެން ބާޒާރަކަށް އެ ބަހެއް ނުވިކެ"އެވެ. އަޅުގަނޑުމެންނަށް މިހާރު ވިސްނޭ ގޮތް ބަދަލުނުވެއްޖެ ނަމަ، ކުރިއަށް އޮތް ތާނގައި، "ދިވެހި ބާޒާރަށް ވެސް އެ ބަސް ވިކޭނެ ކަމެއް" ނޭނގެއެވެ! އިނގިރޭސިބަހަކީ ދުނިޔޭގެ ބަހެވެ. ދުނިޔޭގެ އެންމެން ހެން ވާހަކަދައްކާ ބަހެވެ. ދުނިޔޭގެ "ހުރިހައި ބާޒާރަކަށް ވިކޭ" ބަހެވެ. އެ ބަހާ ނުލައި މިހާރު ވެެސް، އަދި ކުރިމަގު ގައި ވެސް ޙަރަކާތްތެރި ދިރިއުޅުމެއް އުޅެވެން ނެތް ބަހެވެ.

ދިވެހިބަހަށް ބީރައްޓެހިވުމަކީ، އަޅުގަނޑުމެންނަށް މިހާރު ގަބޫލުކުރެވޭ ގޮތް ބަދަލުނުވާނަމަ، މިހާރު ވެސް، ކުރިމަގުގައި ވެސް ދިރިއުޅުމުގެ ތަރައްޤީގެ ދުވެއްޔަށް މަޑުކަމެއް އަންނާނޭ ކަމެއް ނޫނެވެ. އެކަމަކު އިނގިރޭސިބަހަށް ބީރައްޓެހިވުމަކީ، މިހާރު ވެސް، ކުރިމަގުގައި ވެސް ދިރިއުޅުމުގެ ތަރައްޤީގެ ދުވެއްޔަށް މަޑުކަން އަންނާނޭ ކަމެކެވެ. ދިވެހިބަހަށް ބީރައްޓެއްސަކަސް، އަޅުގަނޑުމެން މި ދަތުރުކުރަމުންދާ މަގުން ކުރިޔަށްދާ ނަމަ، ކުރިމަގުގައި އޭނާ ދިވެހިރާއްޖެއަށް ވެސް ބީރައްޓެއްސަކަށް ނުވާނެއެވެ. އިނގިރޭސިބަހަށް ބީރައްޓެއްސަކު ވާނީ ކުރިމަގުގައި ދިވެހިރާއްޖެއަށް ވެސް ބީރައްޓެއްސަކަށެވެ.

ކުރިއަށް އޮތް ސާސްކަފަކީ މިހާރުގެ ޒުވާނުންގެ ސާސްކަފެވެ. މިހާރުގެ ޅަކުދީންގެ ސާސްކަފެވެ. އެ ކުދީން ވާނީ އިނގިރޭސި ކިޔަވައިގެން ތިބި ކުދީންނަށެވެ. ދިވެހިބަހަށް ބީރައްޓެހި ނަމަވެސް، އިނގިރޭސިބަހާ ރައްޓެހި ކުދީންނަށެވެ. މިހާރު ތިބި އިނގިރޭސި ނުދަންނަ ދިވެހީންކޮޅު ވެސް، އާ ސާސްކަފުގައި، އިނގިރޭސި ދަންނަ ދިވެހީންގެ އަތްމައްޗަށް ދިވެހިރާއްޖެ ދޫކޮށްފައި ހިނގައިދާނެއެވެ.

ވީ އިރު ވަގުތާ، ޝަޚުޞީ، ޖަޒުބާތީ ޚިޔާލުތައް އެކަހެރިކޮށްލައިފައި، އަޅުގަނޑުގެ ސުވާލަށް އަޅުގަނޑު އަމިއްލައަށް ޖަވާބުދޭ ނަމަ، ހިތާދެކޮޅަށް ނަމަވެސް، ޖަވާބުދެވެން އޮތީ އާ ސާސްކަފަށް ދިވެހިބަހަކީ ބޭނުން ބަހެއް ނޫން ކަމަށެވެ.
ދިވެހިބަހަކީ ކުރިއަށް އޮތް ސާސްކަފުގައި ދިވެހިރާއްޖެއަށް ބޭނުން ބަހެއް ކަމަށް ނުވާ ނަމަ، ފަށާތަޢުލީމުގެ މަރުޙަލާގައި ވެސް އެންމެ ބޮޑަށް ސމާލުކަން ދޭން ޖެހޭނީ އިނގިރޭސިބަހަށެވެ. ތިމާވެށީގެ ޢިލްމު ވެސް، ދިވެހި ތާރީޚު ވެސް، ދީނީ ޢިލްމު ވެސް އިނގިރޭސިބަހުން ކިޔަވައިދެވިދާނެއެވެ. ފަށައިގަންނަ އިރު ކުއްޖާ އަށް ދޭހަވުން ކުޑަވި ނަމަވެސް، ދުވަސްކޮޅެއްގެ ތެރޭގައި އެ ކަން ރަނގަޅުވެދާނެއެވެ.

އަދި ދިވެހިބަހަކީ ތަޢުލީމުގެ އެއްވެސް މަރުޙަލާއެއްގައި، މަޖްބޫރު މާއްދާއަކަށް ނުހަދައި، ބޭނުން ކުއްޖަކަށް، އިނގިރޭސިބަހުން ދިވެހިބަސް ވެސް ކިޔަވައި ދެވިދާނެއެވެ. ހިނިފުޅުނުވަޑުވާށެވެ. މިއީ ސަމާސާއަށް ދެންނެވި ވާހަކައެއް ނޫނެވެ. ދިވެހިބަހާއި ބަހުގެ ގަވާއިދާބެހޭ ފޮތްފޮތް، ބިދޭސީން އިނގިރޭސިބަހުން ލިޔެފައި ވެސް އެބަހުރި ނޫންތޯއެވެ؟ އަޅުގަނޑު ދެންނެވި ގޮތަށް ދިވެހިބަސް އިނގިރޭސި ބަހުން ކިޔަވައިދޭ ނަމަ، ދިވެހިބަހަކީ ވެސް އޮންނަ، ނުވަތަ އޮތް ބަހެއްކަން އެ ކުދީންނަށް އެނގެމުން ދާއިރު، އިނގިރޭސިބަހަށް އިތުރަށް ވަދެވެމުން ދާނެއެވެ. އެޔާ އެކު، ދިވެހި ކިޔަވައިދިނުމަށް މިހާރު ބޭނުންކުރާ ވަގުތުކޮޅު މިހާރަށްވުރެ ފައިދާ ހުރި ގޮތެއްގައި ބޭނުން ކުރެވޭނެ އެވެ.

ދިވެހިބަސް މިހާރު މި ކިޔަވައިދެވޭ ވަރަށް ވެސް ކުރިމަގުގައި ކިޔަވައިނުދީފިނަމަ، ދިވެހީންގެ އެއްބައެއްވަންތަކަން ދަމަހައްޓާ އެއް މަސްދަރު އުވިގެން ހިނގައިދާނެތީ ކަންބޮޑުވެވަޑައިނުގަންނަވާށެވެ. އޭރުން އަޅުގަނޑުމެންގެ އެއްބައެއްވަންތަކަން ދަމަހައްޓާ އެއް ބަހާއަށް އިނގިރޭސިބަސް އޮންނާނީ ވެފައެވެ. ހުރިހައި ދިވެހީންވެސް އޭރުން ވާހަކަދައްކައި، ލިޔެކިޔައި ހަދާނީ އިނގިރޭސި ބަހުންނެވެ. އަދި ދުވަސްކޮޅަކުން އެ ބަސް އޮންނާނީ ދިވެހިބަހަށް ވެސް ވެފައެވެ. ބޭރު ބަސްބަހުގެ މައިބަހުގައި ހިމެނޭ ވަކި ބަސްބަސް - އޮފީސް، ވޯޓު، ރެޑިޔޯ، މެޗު، ޝޯ ކަހަލަ ބަސްބަސް - ބޭނުންކުރާތާ ގިނަ ދުވަސްވުމުން ދިވެހިބަހަށް ވެފައިވާ ފަދައިންނެވެ.

ދިވެހިބަހަކީ ކުރިޔަށް އޮތް ސާސްކަފަށް ބޭނުން ބަހެއް ކަމަށް ވާ ނަމަ އަޅުގަނޑުމެންނަށް ޖެހޭނީ އަޅުގަނޑުމެން މި ދާ ގޮތަށް ބެހިގެން ދިޔަނުދީ ރަނގަޅު މިސްރާބަށް ދަތުރު ބަދަލުކޮށްލާށެވެ. އިނގިރޭސިބަހަކީ އެ ބަހާ ނުލައި އުޅެވެން ނެތް ބަހަކަށް ވެގެން އެ ބަސް "ގެއަށް ގެނައި ނަމަވެސް" ދިވެހި ބަހަކީވެސް ދޫކޮށްލެވެން ނެތް ބަހެއްކަން ހިތުގެ އަޑިން ގަބޫލުކޮށް އެ ބަސް ވެސް "ގެއިން ބޭރަށް ނުލައި ގެންގުޅޭށެވެ." ކާންބޯން ދީގެންނެވެ. ބައްޔެއް ވެއްޖެ ނަމަ ފަރުވާކޮށްދީގެންނެވެ. ގެއްލުމެއް ނުރައްކަލެއް ފޯރިޔަ ނުދީ، ދޭންޖެހޭ ރައްކާތެރިކަން ދީގެންނެވެ. ***

ހަމަމިގަލަމުން

އިދާރާ

ވާހަކަ