އަދުގެ ޚާއްސަ

Print

ހިސާބަށްވުރެ ބޮޑަށްރުޅިގަދަ ވެއްޖިއްޔާ......!

ޝާޢިއުކުރީ ޙުސައިން ޞަލާޙުއްދީން . ހިމެނޭބަޔަކީ އިޖުތިމާޢީ


ފަޟީލަތުއްޝައިޚުލްމަރުޙޫމު ޙުސައިން ޞަލާޙުއްދީން

ސަލާމްލެއްވި ޢީސާގެފާނުންގެ މީލާދުގެ ދެހާހެއްގައި އަހަރުގެ ކުރީން އޮޅުދޫކަރައިގެ ބަޔެއް ރަށެއްގައި ރަސްކަމުގައި ހުންނެވި ވަރަށް ރަނގަޅު ރަސްކަލަކަށް ކިޔޭ ނަންފުޅަކީ (ކިލެނީތީސާއެވެ.) މިރަސްގެފާނީ ވަރަށް ބޮޑަށް ދީންވެރި، ދީނުގެ ކަންތައް ކުރިއަށް ނެރުއްވައިގެން އުޅުއްވާރަސްކަލެކެވެ. ދީލާތި ރަސްކަލެއް މެއެވެ. އެޒަމާނަކީ އޮޅުދޫކަރައިގެ ބޫޒާގެ ދީން ރަނގަޅަށް އޮވެގެން ފެށިގެން އައި ރަނގަޅު ދުވަސްވަރެވެ. އެކަރައިގައި އެވަގުތަށް ހުރި އެންމެބޮޑު ހާމުދުރަކީ ދީނުގެ ޢިލްމަށް ވަރަށްބޮޑު ޒާހިދުކަމަށް އަރައިހުރި ރަނގަޅު ހާމުދުރެކެވެ.


ރަސްގެފާނަށާއި، ރަސްގެފާނުންގެ އެއްބަފައި ކޮއްކޯފުޅު (އުއްތިޔާ) އަށާއި ދެބޭފުޅުންނަށް ކިޔަވައި އެރުވި އެދުރު ބޭކަލަކީވެސް މިބުނި ބޮޑު ހާމުދުރެވެ. އެއްތިޔާއަކީ ދީންވެރިކަން ކުޑަ ޝަހުވާނީ މިޒާޖުގެ ބެއިފުޅެކެވެ. ދީނުގެ ކަންކަމާއި އަޅައި ލެއްވުންވެސް ކުޑައެވެ. ރަސްގެފާނުންގެ ކަންތައް ހުންނަގޮތަކީ، ކޮންމެ ދުވަހަކު ރަސްގެފާނުން ހެނދުނު ފަރީއްކުޅުވާނީ ހާމުދުރުންނާއި އެކުގައެވެ. އެންމެބޮޑު ހާމުދުރުވެސް މި މަޖިލީހަށް ޙާޟިރުވާނެއެވެ. ވަރަށްގިނަ ހާމުދުރުން މިކެއުމަށް އައުދެތެވެ. އެއެންމެންނަށް ކަމޭހިތްތަވައި ކާންދެއްވުމުގައި ރަސްގެފާނާއި ރަސްގެފާނުންގެ އަނބިކަނބަލުން ރާނީއާއި މަސައްކަތްޕުޅު ކުރައްވައި އުޅުއްވަތެވެ. މިމަޖިލީހަށްވެސް އުއްތިޔާ ވަޑައިގަންނަވަނީ ދާދި މަދު ފަހަރަކުއެވެ. އަބަދުވެސް މި މަނިކުފާނުން އުޅުއްވަނީ ނުލަފާޒާތުގެ މީހުނާއެކު ރަށްބޭރުގައި ސިކާރަ ކުރެއްވުމުގައެވެ.

މީހުންގެ އަނބީންގެ ސިކާރަ ކުރައްވާލެކެއް މަދެއް ނޫނެވެ. އެކުން މިއުއްތިޔާ ގަނޑުވަރަށް ވަޑައިގަތުން މަދުވެފައިވާ ކަމަކީ، ރަސްގެފާނުންގެ އަނބިކަނބަލުންނާއި މެދުގައި އެމަނިކުފާނު ބައްލަވައި އުޅުއްވާ ލޯފުޅު ނުރައްކައުތެރިވެ، އެކަން ފަހަނަޅައި އިތުރުވެ އެރާނީގެ މައްޗަށް ވައްތަރު ވައްތަރުގެ ބަސްފުޅުތަކުން ދޫފުޅު ދިގުކުރައްވާތީ ރާނީ ހިތްޕުޅާނުވެ ނަސޭހަތް ދެއްވައި ދެން ތިޔަގޮތް ނުހުއްޓެވީ ވިއްޔާ ރަސްގެފާނުންގެ އަރިހުގައި ޝަކުވާ ކުރައްވައިފާނަމޭ ވިދާޅުވި ފަހުންނެވެ. ވިދާޅުވެސް ވިޔޯލަޔޭ. ފަހަރިކަމަނާ ފެންނަންޏަކާ މިގޮތެއް ނުހުއްޓޭނެޔޭ. ދެން ނުފެންނަ ފަށުގައި އުޅޭނީއެވެ. އެކަމަކު އަޅުގަނޑާ އެއްބަސް ނުވިކަމުގެ ހިތާމަ ލިބިވަޑައި ގަންނަވާނެއެވެ.

ފަހަރިކަމަނާ ވިދާޅުވިޔޭ، ނުބައިކަމަކާ މެދުގައި ނުލަފާ މީހަކާ އެއްބަސް ނުވެގެން އެއް ހަށިގަނޑަށް މުޞީބާތެއް ލިބުނަސް ޖާނަކަށް ހިތާމަޔެއް ނުލިބޭނެޔޭ.

މިކަންމިހެން ހިނގައިފައި ވަނިކޮށްމެ އުއްތިޔާގެ އުނދަގޫތައް އެހެން މީހުންނަށް ބޮޑުވެ އެކިއެކި ފަރާތުން ރަސްގެފާނަށް ޝަކުވާ އުފުލި ވަރަށް ކޯފާ އިސްކުރައްވައި އުއްތިޔާ ގެންނަވައި ރަސްކަމުގެ ދަރުބާރުގެ ތެރޭގައި ކޯފާވެ، ތިޔަ އުޅުއްވާ ނުބައިގޮތް ނުހުއްޓެވީ ވިއްޔާ ގަނޑުވަރު ތެރޭ އެންމެ ބޭފުޅުންގެ ދަރަޖައިން ބޭރުކޮށްފާނަމޭ. އަދި ޤަތުލުވެސް ކޮށްފާނަމޭ. ވިދާޅުވެ ކޯފާވެއްޖެއެވެ.

މިއަށްފަހުގައި ވީގޮތަކީ އުއްތިޔާ ގެއްލިއްޖެއެވެ. ވީގޮތަކީ މީނާ ފިލައިވަޑައިގެން މިރަސްގެފާނުންގެ ވެރިކަމުގެ ބާރު ނުފޯރާ ފަށެއްގައި އެމަނިކުފާނު އުޅުއްވާހިތްޕުޅުވާ ގޮތްތަކަށް އުޅުއްވަނީއެވެ.

މިކަމާއެކު މި މަނިކުފާނުންގެ ހިތްޕުޅަކުން ފަހަރި ކަމަނާއެއްވެސް ނުފިލައެވެ. މިކަމާހުރެ މި މަނިކުފާނުން ވަރަށް ނުބައި ފިކުރުފުޅެއް ކުރައްވައިފިއެވެ. މި މަނިކުފާނުންނަކީ ވެސް ލިޔުމަށް ވަރަށް ކުޅަދާނަ ބެއިފުޅެކެވެ. އެންމެބޮޑު ހާމުދުރު ލިޔާ އަކުރާއި ހަމަ ތާފަތު ނުވާނޭހެން ލިޔުއްވާންވެސް ރަނގަޅަށް ދެނެވަޑައި ގަނެއެވެ. ދެން މިމަނިކުފާނު އެބޮޑު ހާމުދުރު ލިޔާގޮތަށް ތާފާތު ނުވާނޭހެން ލޯބިވެރިކަމުގެ އެތައް ރައިވަރުތަކެއް ތާރުކު ފަންތަކެއްގައި ލިޔުއްވައި، ތައްޔާރު ކުރައްވައިފައި އެމަނިކުފާނާއި ވަރަށް އެކުވެރިވާ ވަރަށްބޮޑު ނުބައި މީހަކަށް ނަސޭޙަތް ދެއްވައި، ކަންތައް ކުރާނޭ ގޮތުގެ މައްޗަށް ދެމީހުން ރަނގަޅަށް އެއްބަސްވެ، ހާމުދުރެއްގެ ހެދުން މިމީހާޔަށް ތައްޔާރުކޮށް ދެއްވައި ހާމުދުރުން އާދަވެގެން ކިޔަވައިލައި އުޅޭ ތަކެތިވެސް ދަސްކޮށް ދެއްވާފައި މިނުބައި ސިޙުރުވެރިކަމުގެ ވިހަ ރަސްގެފާނުން ހުންނަވާ ރަށަށް ފޮނުއްވައިފިއެވެ.

ދެންވީގޮތަކީ އެއްދުވަހެއްގެ ހެނދުނުގެ ހާމުދުރުންގެކެއިމުގެ މަޖިލިސުން ރަސްގެފާނުން އަވަދިވެ ވަޑައިގެން އެބޮޑު ހާމުދުރު ބޭރު ދޮރުއަށްޓާއި ހަމައަށް އެރަހައްޓަވާން ރަސްގެފާނުންގެ ދެކަނބަލުން އެހާމުދުރާއެކު ތަންކޮޅެއް ފަހަތުން ވަޑައިގަންނަވަނިކޮށް މި އެތޭގައިމެ އައި ހާމުދުރަކު ޒާތަކަށް ތަންވަޅެއް ހޯދާން އުޅޭހެން އުޅެލައިފައި ރާނީގެ ކުރިމަތި ފުޅަށް ސިއްރު ކަހަލަ ގޮތަކަށް އޮޅައިފައި އޮތް ރައިވަރު ފަންހޮޅިއެއް ވައިޓައިލައިފިއެވެ. މިތަން ރަސްގެފާނަށްފެނިވަޑައިގެން ގުދުވެ ވަޑައިގެންފައި ނަންގަވައިގެން ބައްލަވައި ލެއްވިއިރު ކަމަކުދާކަށެއް ނެތެވެ.

މިހިރަ ބޮޑު ހާމުދުރު ކަލޭގެފާނު ރާނިޔާއި މޮޔަވެގެން އޮޅޭތާ ކިތަންމެ ދުވަހެކެވެ.

އެއްވެސް އެއްޗެއް އެއްސެވުމަކާއި ނުލައި ފަންހޮޅި ވައްޓައިލި ހާމުދުރުގެ ބޯ އެރަސްގެފާނުގެ އުނަގަނޑުފުޅުގައި އޮތް ކަނޑިކޮޅުން އުދުއްސައި ލައްވައިފިއެވެ. ހަމަ އެކަނޑިކޮޅުންމެ އަނބިކަމަނާގެ އިސްތަށިފުޅުވެސް އުދުއްސައި ލައްވައިފިއެވެ. ވިދާޅުވިޔޭ މިކަހަލަ އެއްޗެތި އަޅައިގެން މިތިބެނީ މިކަހަލަ ކަންތަކަށް ޓަކައެވެ.

ދެން ކުރެއްވި ކަމަކީ އެބޮޑު ހާމުދުރުގެ ހަތަރެސްފައިގައި ކަސްތަޅު އަޅުވައި ހައްޔަރު ކުރައްވައިގެން ވަރަށްބޮޑު ކާށިތެޔޮ ތާނގީއެއްގައި ކޮޅަށް ބަހައްޓަވައިގެން އެތެޔޮ ތާނގީ ކައްކައި ހިންދައި ހާމުދުރުގެ ހަށިގަނޑު އަނދައި އަޅިޔަށް ވާންދެން އަންދަވައިފިއެވެ.

މިކަންތައް ކުރައްވާއިރު ހަމަ އެއްވެސް މީހަކަށް ކިތަންމެ ކުޑަވެސް އެއްޗެއް ދަންނަވާކަށެއް ކުޅަދާނައެއް ނުވިއެވެ. މިކަހަލަ މިކަހަލަ ކަންތަކާއި ވިދިގެން ފަހުން އަންނާން އޮންނަ ބޮޑު ހަލާކެއް ތައްޔާރުވެފައި އޮންނާނޭ ކަމަކަށެއް މީހުންގެހިތަކަށެއް ނުވިސްނޭ ކަހަލައެވެ.

މިއަނދައި ދިޔަ ހާމުދުރުގެ ރޫޙާނީކަން ގަދަކަމުން މީނާ މިކަމަކަށެއް ނުކުޅެދިއެއް ނުގަނެއެވެ.

ވަރަށް އުފަލުގައި ހުރެ ފަހުނޭވަޔަށް ދާދެން ދީނުގެ ފަރާތުން މީސްތަކުންނަށް ހެޔޮ ނަސޭހަތާއި ވަޢުޡުތަކުގެ މައްޗަށް އެކުލެވިގެންވާ ޅެންތަކެއް ހަދައިގެން ކިޔަކިޔައި ހުއްޓެވެ. ފަހު ނޭވަޔާއި އެކުގައި ރަސްގެފާނަށާއި ރަށަށް ހެޔޮދުޢާތައް ކުޅައެވެ. މިޅެންތަކުގެ ތެރޭގައި މީނާ ހީކޮށްފައިވެޔޭ. މިފިތުނައަކީ ތިމަންގެ މީގެ ކުރީގެ ޖަނަމުގައި އިސްވެފައިވާ ކުށެއްގެ ސަޒާ ކަމުގައި ވުމަށް އެދެމެވެ. މިއިން އެއަންގާ ކަމަކީ މިފަހަރު އޭނާ މި ދުނިޔެއަށް އައިފަހުން ކުށެއް ނުކުރާ ކަމަށެވެ.
މީނާ މިދުވަހު ތެޔޮތާނގީގައި ހުރެގެން ކީޅެންތައް ކަމުގައި މިހާރުވެސް ސިންގަޅައިން ޅެންތަކެއް ގެންގުޅެ ކިޔައި އުޅެތެވެ. މިޅެންތަކަކީ ވަރަށްވެސް ޙިކްމަތާއި ވަޢުޡު ހުރި އެއްޗެކެވެ.

މި ހާމުދުރުގެ އަޅިއާއި ރާނީގެ އަޅިތައް އެކު އަންދައިފައި ކަނޑަށް އުކައިލާން ރަސްގެފާނު އަމުރު ކުރެއްވިއެވެ. މިއަޅިތައްގޮސް ކަނޑުގައި ހަމަޖެހުމާއެކު ކުއްލިއަކަށް ކަނޑުބޮޑުވާން ފަށައިފިއެވެ. ވައިބާރުވެ ރާޅުތައް ރުޅިއައިސް އިރުއޮއްސޭއިރަށް މިދިމާއިން އެއްގަމަށް އަރާން ފަށައިފިއެވެ. އެރެއިގެ އިރު އެރިއިރަށް މުޅި މިފަރާތް ގިރައި ރުއްތައްވެރި ގެތައް ވެއްޓި މީހުންތައް ރޮއިހޭރި ޅަދަރީން ގޮވައިގެން ދުވާން ފަށައި ފޫއެވެ. ދުވާ މީސްތައް ގޮސް އެއްވަނީ ކީލަނީތީސާގެ ރަސްކަމުގެ ގަނޑުވަރުގެކައިރަށެވެ. ހަވީރު ނުވަނީސް ރާޅުތައް އެގަނޑުވަރާއި ދާދިގާތަށް އަތުވެއްޖެއެވެ. މިއިރުވެސް ރަސްގެފާނު އަދި ކޯފާ މަޑުނުވެގެން އެއްވެސް މީހަކަށް ފެނިވަޑައި ނުގަންނަވާން ކަމަށް ގަނޑުވަރުގެ ތެރޭގައި ވެއްޖެއެވެ.
ދެން އެންމެންގެ ހަޅޭގަދަވެގެން ނޯންނެވިގެން ނުކުމެވަޑައި ގެންފިއެވެ. ނުކުމެވަޑައި ގަތުމުން އެތަނަށް އެއްވެފައި އޮތް މީސްތަކުން ވަރަށް ހުތުރުބަހުން ރަސްގެފާނަށް ގޮވާން ފަށައިފޫއެވެ. މިބައިމީހުން ގޮވަތޭ. ދެންވެސް މިރަށާއި މިރަށު މިތިބަ މީހުނާއިގެން ސަލާމަތެއް ވާނޭގޮތެއް ހޯއްދަވާށެވެ.

މިހިރީ ހަމަހައްތާ މަނިކުފާނުންގެ ކޯފާއާއި އަނިޔާގެ ނަތީޖާއެވެ. އަހަރެމެނަށް މިހިރަ ލިބެނީ ތިޔަކަހަލަ އަނިޔާވެރިއަކު ކުރާހާ ކަމަކަށް ދޫކޮށްގެން ތިބުމުން ލިބޭންވީ ކަންތަކެވެ.

ދެން ރަސްގެފާނުން ވަރަށް ހިތާމަކުރައްވައި ހުރިހައި ހާމުދުރުން އެއްކުރައްވައިގެން އައްސަވައިފޔޭ. ދެން ކުރާންވީ ކިޔެއްބާވައެވެ. މިބައި މީހުންވެސް ވަރަށްބޮޑަށް ފޫހިވެފައި ތިބިކަމުން އެއްޗެއް ނުދަންނަވައި އެބަތިބެތެވެ. މަޑުމަޑުން ތިބެގެން ކިޔަތޭ އިހަށް އެކުރެއްވި ކަންތައް ތަކުގައި މީހަކުގެ ލަފަޔެއް އެއްސެވިނަމަ ވީކީއް ހެއްޔެވެ. މިހެން ތިބެފައިމެ މީގެ ތެރެއިން ވަރަށް ދުވަސްވެފައި ހުރި މުސްކުޅި ހާމުދުރަކު ދަންނަވައިފިއެވެ. ދެން މަނިކުފާނު، ކުރައްވާން އޮތީ އެންމެ ކަމެކެވެ. އެކަމަކީ މަނިކުފާނުންގެ އެއިންނެވި ކުށެއްނެތް ރީތި މާތް ދަރިކަނަބަލުން މިކަނޑުގެ ތެރެއަށް ބައްސަވައި ލެއްވުމެވެ. މިހެން ހައްދަވައިފިނަމަ ރަށުން ދެން އޮތްތަނެއް މިފަހަރަށް ސަލާމަތް ވެދާނެޔޭ ހީވެއެވެ. ރަސްގެފާނުން އަދި އެއްޗެއް ވިދާޅުނުވަނީސް މީސްތަކުން އަވަސް ކުރައްވާށޭ އަވަސް ކުރައްވާށޭ ކިޔައި ހަޅެއިލައިގެން ފޫއެވެ.

ރަސްގެފާނުން ވަރަށް ހިތާމަފުޅުގައި ހުންނަވައި ދަރިކަނބަލުންގެ އަރިހަށް ވަޑައިގެން ވިދާޅުވެއްޖެޔޭ.
ދަރިކަނބަލުންނޭވޭ. ބައްޕައާއި ރަށުގެ ސަލާމަތަކަށް ދަރިކަނބަލުން މިކަނޑަށް ޤުރްބާންވާން ޤަބޫލުވާނޫ ހެއްޔެވެ.
މިދަރިކަނބަލުން ވިދާޅުވިޔޭ. އާދެހޭ. އާދޭހޭ. އެކަމަނާއަށް ކިހައި އަވަހަށް މިހެން ވިދާޅުވެ މިކަން ޤަބޫލު ކުރެއްވޭނޭހޭ. މިކަމަނާގެ އެމާތް މަންމާފުޅު މިކަނޑަށް ޤުރްބާންވެ ދިޔައީ މިކަމަނާ ބައްލަވާން އިންވަނި ކޮންނެވެ.

ދެން ރަސްގެފާނު މިޤުރުބާނުގެ ކަންތައް ތައްޔާރު ކުރައްވައި ރަތުރަނުން ހަދައި ތައްޔާރު ކޮށްފައިހުރި ކުޑަވަރުގެ ބައްތެއްޔަކަށް މި ކަމަނާލައްވައި ފަރީކުޅުއްވާނޭ އެތިކޮޅެއްވެސް ލައްވައިފައި ބައްސަވައި ލައްވައިފިއެވެ. މާތް ރަސްކަލާނގެ އަޒަލުގައި ކުރައްވައިފައިވާ އިރާދަފުޅުގެ ވަގުތު އައިސް މިކަމަނާ ގޮވައިގެން ވަޔާއި އެކަނޑުގެ އޮއިވަރު ދާންވީ ދިމާޔަށް ހިނގައި ގަތުމުން މި ވިއްސާރަގަނޑު މަޑުވެ ކަނޑު މައިތިރި ވެއްޖެއެވެ.

އިރުއޮއްސި އަނދިރިވުމުން ހަނދު މޫނުއަލިކޮށް މުޅި ކަނޑުގައި ރިހި ގިރިޓީގެ ދަވާދުލައިފިއެވެ. އުޑުމަތީގައި ހީނފައި އަރައި އެކަމަނާއަށް އަލިކޮށްކޮށް އެހުރި ހަނދަކަށްވުރެ މިކުށެއްނެތް ސާފު ޝާހުޒާދީގެ މޫނުފުޅުގެ ޒީނަތްތެރި ކަމެއްވެސް ކުޑައެއް ނޫނެވެ. އެކަމަނާ ކުޑަ އިރުކޮޅަކު މާތްރަސްކަލާނގެ ޤުދުރަތްތެރިކަމުގެ ކާރުޚާނާއަށް ބައްލަވަން އިންނަވައި ހިތްޕުޅު ފަސޭހަ ކުރައްވައިގެން އޮށޯވެވަޑައިގެން އުފަލުގައި އަވަހާރަފުޅު ލެއްޕެވީއެވެ. މިހާރު އެކަމަނާ އެ އޮންނެވީ ރިހިކުލައިގެ ދޫލައެއް މަތީގައި ހުރި ރަން ބޯޓެއްގެ މަތީގައި ހުރި މާމެލާމެލީގެ ދާންމަތި ކޮޅެއްގައެވެ. އިރުއަރައި އަލިވެގެން ހެއިފުޅު އެރިއިރު ވަރަށް ޢިއްޒަތްތެރި ބަޔަކު މިބައްތެލީގައި ހިފަހައްޓައިގެން ބާރަށް ހެލުނަ ނުދޭށޭ. މިއޮންނެވި މަލާއިކަތާ ހެއިފުޅު އަރައިދާނެޔޭ ކިޔައެވެ. މިކަމަނާއަށް ލޯފުޅު ހުޅުވައި ލައްވައިފައި ހީފުޅުވީ މިއާދެވިގެން އުޅެނީ ދީވަލޯކައަށް ކަމަށެވެ. ތެދުވެވަޑައިގެން އިށީނދެ ވަޑައިގެން ޙަމްދާއި ޝުކުރު ކުރައްވައިފައި ވިދާޅުވިޔޭ. އަޅުގަނޑުގެ ބައްޕާފުޅާއި ރަށުގެ ސަލާމަށް މިއަޅާގެ ޖާނުން ކުޅަ ޤުރްބާން ޤަބޫލު ކުރެއްވިއްޖެ ތޯއެވެ. މިތާ ހުންނެވި ޒުވާން ރީތި ރަސްކަލަކު ދެއަތް ޖޯޑު ކުރައްވައިފައި އެ ވިދާޅުވަނީޔޭ. އާދޭހޭ. އާދޭހޭ. ތިޔައީ އަޅުގަނޑަށް ކަލާނގެ ފޮނުއްވި މާތް އަނބިކަނބަލުންނޭ. މިހާރު ތިޔައީ ރުހުނާޔޭ ކިޔޭ ރަށުގެ ރާނީއެވެ. އަޅުގަނޑަކީ މިރަށުގެ ތަޚްތު މިލްކުވެގެންވާ ސިރީކަވަންތީސާއެވެ. އަޅުގަނޑު ކަމަނާގެ އިންތިޒާރީގައި މިއަތިރިމަތީގައި ހުންނަތާ އަދަށް މިއީ ތިންވަނަ ދުވަހެވެ.

ދެން މިތާނގައި މިކަމަނާ މިރަސްގެފާނާއި ކާވަނި ބައްލަވައި ރުހުނާގެ ރަސްކަމުގެ ކޮއިލު ތެރެއަށް ދިހަމީލުގެ ދުރުމިނަށް ހިންގަވައިފައި އެވަޑައިގަތީ ފެހިކުލައިގެ ދޫލަމަތީގައި މާމެލާމެލި ފަތުރައިފައިވާ މަގަކުންނެވެ. މުޅި މަގުގެ ދެފަރާތުގައި ސަފު ހަދައިފައި އެތިބީ ފަނަރަ އަހަރާއި ވިހި އަހަރާއި ދެމެދުގެ އަންހެން ކުދީންނެވެ. ކޮންމެ މީހަކާ އަރައި ހަމަވެ ވަޑައިގަތީމާ އެމީހަކު ދެއަތް މައްޗަށް ނަގައިފައި ޝާދު. ޝާދޫވޭ ގޮވައިލަޔޭ. އެއިން ކޮންމެ މީހެއްގެ ކުރިމައްޗަށް ކަވަނަތީސާގެ ޚައްދާމުން ސަތޭކަ ދީނާރުގެ ކީސާޔެއް ވައިޓައިލައެވެ.

އެންމެ ފުރަތަމައަށް މުޅި އޮޅުދޫކަރަ އެއްވެރިކަމެއްގެ ދަށަށް ޖަމާކުރައްވައި ބޭރުމީހުންގެ އުނދަގޫތަކުން ވެރިކަން މިންޖު ކުރައްވައި ރަސްކަމެއްގެ ކީރިތި މޫރިތިކަން ގެންނެވި ރަސްކަލަކީ މިކަމަނާ ކަވަންތީސާއަށް އާލާސްވެ އިންނަވައި ރައްކައުވި ޢިއްޒަތްތެރި ޑުޓޫ. ގެމްނޫ ކަމުގައި ވިއެވެ. ކިލެނީތީސާއަށް ވީގޮތަކީ ދަރިކަނބަލުން ބައްސަވައި ލެއްވިތާ ހަތްދުވަހުން ކޯފާ މަޑުވީމާ ތަންދޮރު އެނގިވަޑައިގެން ހިތާމަ ބޮޑުވަމުންގޮސް ހިތާމާގައި އަވަހާރަވީއެވެ. (ނިމުނީ)

ނޯޓު: މި ލިޔުމުގެ ސުރުޚީއެއްގެ ގޮތުގައި ލިޔުއްވާފައިވަނީ، ތިރީގައި މިވާ ގޮތަށެވެ. ސުރުޚީ ދިގުކަމުން މަތިން ޖާގަ ނުލިބިގެން ކުރުކޮށްލީއެވެ. އަސްލު ގޮތް މިރީގައި މި ވަނީ އެވެ.

''ހިސާބަށްވުރެ ބޮޑަށްރުޅިގަދަ ވެއްޖިއްޔާ ތިމާގެ އަބުރާއި، ޢިއްޒަތާއި، އަނބިދަރީނާއި ވެރިކަމާއި އެކުގައި ހިނގައި ދާނެއެވެ.''

ހަމަމިގަލަމުން

އިދާރާ

ވާހަކަ