އަދުގެ ޚާއްސަ

Print

އަލްއިމާމު އިބްނު ތައިމިއްޔާ - (ފުރަތަމަ ބައި)

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ ޚާއްޞަ


މުސްލިމުންގެ ސިޔާސީ މުފައްކިރުންގެ ތެރެއިން
އަލްއިމާމު އިބްނު ތައިމިއްޔާ

ފޮތް ހަދިޔާ ކުރެއްވީ: ޢަބްދުﷲ ފާރޫޤް ޙަސަން

ފަންވަތުގެ ޚާއްޞަ ނޯޓު:

''މިއީ އަލްއަޚު އަލްފާޟިލް ޢަބްދުﷲ ފަރޫޤު ޙަސަން ފަންވަތަށް ފޯރުކޮށްދެއްވި ވަރަށް އަގުހުރި ހަދިޔާއެއް ކަމަށް ގަބޫލު ކުރަމު އެވެ. ފާރޫޤު ޙަސަންގެ ލިޔުއްވުންތަކަކީ، އަދަބީ، ޢިލްމީ އަގުހުރި ރަން މުތްތަކެކެވެ. އިމާމު އިބްނު ތައިމިއްޔާގެ ޙަޔާތްޕުޅާ ބެހޭ ގޮތުން އެކުލަވާލައްވާފައިވާ ލިޔުއްވުމަކީ، 28 ޞަފުޙާގެ މައްޗަށް އެކުލެވިގެންވާ ފޮތެކެވެ. މި ފޮތް ފަންވަތުގައި ޝާއިޢު ކުރަން މި ފެށީ، އުއްމުލް މުއުމިނީން އައްސައްޔިދާ ސައުދާގެފާނުގެ މާތް ސީރަތުގެ މައްޗަށް އަލްފާޟިލް ޢަބްދުﷲ ފާރޫޤު ޙަސަން ލިޔުއްވާފައިވާ ލިޔުމެއްވެސް ފަންވަތުގައި ހިމަނަމުން ގެންދާ ޙާލުގައެވެ. ފަންވަތާމެދު ތިޔަ ބަހައްޓަވާ ގާތްކަމަށްޓަކައި ފަންވަތުގެ ކިޔުންތެރީންނާއި، އެހެނިހެން ލިޔުންތެރީންނާއި، ހިންގުންތެރީންގެ ފަރާތުން އަލްފާޟިލް ޢަބްދުﷲ ފާރޫޤު ޙަސަނަށް ނުހަނު އިޚްލާޞްތެރިކަމާއެކު، ފަށްފަށުން ޝުކުރާއި ހެޔޮ އެދުންތައް ބަރުތީލަ ކުރަމު އެވެ. ''

މުސްލިމުންގެ ސިޔާސީ މުފައްކިރުންގެ ތެރެއިން
އަލްއިމާމު އިބްނު ތައިިމިއްޔާ

ޢަބްދުﷲ ފާރޫޤު ޙަސަން

ހިޖްރައިން ހަތްވަނަ ޤަރްނަކީ އިސްލާމީ ތާރީޚުގެ އެންމެ ކަޅު ދުވަސްވަރެވެ. ޢައްބާސީ ޚިލާފަތުގެ ކަނިވަމުންއައި ބައްތި ނިވުނީ އެސައްތައިގައެވެ. ބަޣުދާދުގައި އޮތް ޢައްބާސީ ޚިލާފަތު އުވުމާއެކު މުސްލިމުންގެ ތެރޭގައި ނަމެއްގައި އޮތް މަރުކަޒީ ސަރުކާރުވެސް އުވިގެން ހިނގައްޖެއެވެ. ލެޔަށް ފެންބޮވައިގެންފައިތިބި ތާތާރުން އިސްލާމީ ދުނިޔެއަށް ފެތުރިގެންދިޔައީ އިލާހީ ކޯފާއެއްފަދައިންނެވެ. އެބައިމީހުންގެ އަތްމަތީގައި މުސްލިމުންގެ އެތައް ދައުލަތްތަކެއް ވަނީ ވުޖޫދުން ފޮހެވިގެންގޮސްފައެވެ. އެތައް އެތައް ރަށަކުން ކުށެއްނެތް އެތައްކުރޯޑު ބަޔަކުވަނީ ގަތުލުވެ ލެޔާތަތްތެޅިފައެވެ. އެތައް ޔުނިވަރސިޓީ ތަކަކާއި، އޮބްޒަވޭޓްރީ ތަކަކާއި ކުތުބުޚާނާތަކެއްވަނީ އަނދައި އަޅިޔަށްވެފައެވެ.

މިދެންނެވި ޢިލްމީ، ތަހުޒީބީ ސިޔާސީ ހަލާކުގެ އަސަރު ޢަޤީދާ އަށާއި އަމަލުތަކަށް ފޯރުމަކީ ލާޒިމީކަމެކެވެ. އޭގެސަބަބުން ދީނުގެތެރެއަށްވަނީ ސުމާރެއްނެތްހައިގިނަ ބިދުޢަތަކެއްވަދެފައެވެ. ޤަބުރުތަކަށް އަޅުކަންކުރުމާއި ވަލީވެރީންގެ ކަރާމަތަށް އީމާންވުމަކީ އިސްލާމްދީނުގެ "ރުކުންތަކެއް" ކަމުގައި ވަނީ ބެލެވެން ފަށައިފައެވެ. ޖިހާދުކުރުމާއި އިޖްތިހާދުކުރުންވަނީ މާޒީގެ ވާހަކަތަކަކަށްވުރެ އިތުރު ޙައިޘިއްޔަތެއްނެތް ކަންކަމަށްވެފައެވެ. އިލްމުވެރީންގެ ފިގުހަށް ވަދެތިއްބެވުމުގެ ދަލީލަކީ ބަހުޘްކުރުމުގެ ޖަލްސާތަކުގައި އެއްބޭކަލަކު އަނެއްބޭކަލަކަށް ކިސަޑުއުއްކެވުންކަމުގައި ވަނީ ބެލެވިފައެވެ. ތަޤްވާވެރިކަމަކީ އެހެންމީހުނާ އެކަހެރިވެ ދުނިޔެއަޅައިފައިތިބުންކަމުގައި ސޫފީންވަނީ ކަނޑައަޅައިފައެވެ. ހާލަތު ނުބައިން ނުބަޔަށް ބަދަލުކުރުމުގައި ޢާއްމުން ފަލްސަފާއަށް ލެނބެމުން ދިޔުމަކީ ވަރަށް ފުޅާ ދައުރެއް އަދާކުރި އެއްކަންތަކެވެ. ނަތީޖާއެއްގެ ގޮތުން ކީރިތި ޤުރްއާނާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘުފުޅުތައް ތައުވީލުކުރެވެމުން ދިޔައީ ޙައިރާންވެ އަންތަރީސްވާފަދަ ގޮތްގޮތަށެވެ. މާތްﷲ އާއި އެކަލާނގެ ރަސޫލާގެ އިރުޝާދުތަކާއި އަމުރުފުޅުތައް ފަލްސަފާއާ ތަޠުބީޤު ކުރުމުގެ މަގު ހޯދުމުގެ ގޮތުންނެވެ. ނަތީޖާއެއްގެ ގޮތުން އިސްލާމީ އުސޫލުތަކުގެ ތެރޭގައި ހިމެނެމުންދިޔަ "އަރަތްތައް" ހައްލުކުރުމަކީ އާއްމުންފިޔަވައި ޚާއްޞުންނަށްވެސް އުނދަގޫ ކަމަކަށްވަނީވެފައެވެ.

އިސްލާމީ އުންމަތުގެ ޙާލަތު މިދަރަޖަޔަށްދާ ކޮންމެ ފަހަރަކު މުސްލިމުންގެތެރެއިން މުޖައްދިދަކު އުފެއްދެވުމަކީ އިލާހީ ސުންނަތެކެވެ. އާދަޔާ ޚިލާފު ކެރި ވަޑައިގަތުމަކާއި ޤާބިލިއްޔަތަކާއި، ހިތްވަރުފުޅަކާއި ވަރުގަދަ ޢަޒުމުފުޅަކާއެކު އިސްލާމީ އުންމަތަށް އައު އިންޤިލާބެއް ގެންނެވުމަށްޓަކައެވެ. މީސްތަކުންގެ ޢަޤީދާތައް އިސްލާޙުކުރުއްވައި އެބައިމީހުންގެތެރޭގައި އަމަލުކުރުމުގެ ބާރު އަލުން ދިރުއްވުމަށްޓަކައެވެ. ބަޣުދާދުވެއްޓުމުގެ ސަބަބުން އިސްލާމީ އުންމަތުގައި ޢާއްމުވެފައިއޮތް ސިޔާސީ، ދީނީ، އިޖްތިމާއީ ގިލަންވެރިކަމުން އުންމަތް ސަލާމަތްކުރެއްވުމަށްޓަކައި އޯގާވަންތަ މާތްﷲ މެދުވެރިކުރެއްވި މަތިވެރި މުޖައްދިދަކީ އިމާމު އިބްނު ތައިމިއްޔާއެވެ. އިސްވެދެންނެވި ހަލާކާއި ނިކަމެތިކަމުން އިސްލާމީ އުންމަތް ސަލާމަތް ކުރެއްވުމަށް އިބްނު ތައިމިއްޔާ ޖިހާދުކުރެއްވީ ހަމައެކަނި ދޫފުޅާއި ގަލަންކޮޅަކުންނޫނެވެ. އަދި ކީއްތޯއެވެ؟ ކަނޑިކޮޅު އުރައިން ދަންމަވައިގެން ތާތާރުންގެ ކުރިމައްޗަށްވެސް ނުކުމެވަޑައިގެންނެވިއެވެ. ނުޞައިރީންނާ ކުރިމަތިލެއްވިއެވެ. އިބްނު ތައިމިއްޔާ މެދުވެރިވެވަޑައިނުގެންނެވިނަމަ އިރުމަތީގެ އިސްލާމީ އެހެނިހެން ދައުލަތްތަކެކޭ އެއްގޮތަށް ޝާމްކަރައާއި މިޞްރުވެސް ތާތާރުންގެ ބިރުވެރި މުސީބާތުގެ ޝިކާރަޔަކަށް ވެގެންދިޔައީސްކަން ކަށަވަރެވެ. އިބްނު ތައިމިއްޔާ މުސްލިމުންގެތެރެއިން ބިދުއަތައް މުގުރުއްވިއެވެ. މުސްލިމުންގެ ތެރެއަށް އައު އިސްލާމީ ރޫހެއް ފުމެލެއްވިއެވެ. ޝައްކެއްނެތްގޮތުގައި އެމަސައްކަތްޕުޅަކީ އެކަލޭގެފާނަށް ތާއަބަދު ތާރީފު ޙައްޤު މަސައްކަތްޕުޅެކެވެ.


ޙަޔާތްޕުޅުގެ ޞަފްޙާތައް


އިބުނު ތައިމިއްޔާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ތާތާރުން ބަޣުދާދު ތަޅައިލިތާ އެންމެ ފަސްއަހަރު ފަހުންނެވެ. 10 ރަބީޢުލްއައްވަލް 661 (23-22 ޖެނުއަރީ 1263)ވީ އާދީއްތަ ދުވަހުއެވެ. ދިމިޝްޤުގެ ކައިރީގައި އޮންނަ ޙައްރާނުގެ މިނިހެޔޮބިމުގައެވެ. އެކަލޭގެފާނުގެ ނަންފުޅަކީ އަޙްމަދެވެ. އެކަލޭގެފާނުގެ ލަޤަބުފުޅަކީ ތަޤިއްޔުއްދީނެވެ. ކުންޔަތަކީ ޝިހާބުއްދީނެވެ. އެކަލޭގެފާނުގެ ކާބަފައިކަލުންގެ ތެރޭގައި މުޙަންމަދު ބިން ޚުޟުރެވެ ކިޔުނު ބޭކަލަކު އުޅުއްވިއެވެ. މުޙަންމަދު ބިން ޚުޟުރުގެ މައިކަނބަލަކީ ތައިމިއްޔާއެވެ ކިޔުނުބޭކަނބަލެކެވެ. އެކަމަނާއަކީ އެތައް ހިސާބެއްގެ ދުރަށް ނަންފުޅުހިނގައިފައިވާ މަތިވެރި ދަންނަބޭކަނބަލެކެވެ. ޢާލިމާއެކެވެ. އެޚާންދާން ނިސްބަތްވެފައިވަނީ އެމާތްކަމަނާގެ ނަންފުޅަށެވެ. އެމާތް ޢާލިމާގެ މަސައްކަތްޕުޅުގެ ބަރަކާތުން މުޅި އެޢާއިލާއަކީވެސް އިލްމުގެ މުންނާރަކަށްވިއެވެ. އެބޭކަލުންގެ މަސައްކަތްޕުޅަކަށް ހެއްދެވީ ޢިލްމުފެތުރުއްވުމެވެ. އިބްނު ތައިމިއްޔާގެ ބައްޕާފުޅު ޢަބްދުލްޙަލީމާއި، ކާފާފުޅު އަބްދުއްސަލާމް ހިމެނިވަޑައިގެންފައިވަނީ އެޒަމާނުގެ ނަންހުރި ޢާލިމުންގެތެރެއިންނެވެ. ޚާއްޞަކޮށް ޙަދީޘު ޢިލްމުގައި އެދެބަފައިކަލުންނަކީ "ދިގުއަތްޕުޅެއް" ލިބިވަޑައިގެންފައިވާ ދެބަފައިކަލުންނެވެ. އެދެބަފައިކަލުންވަނީ އެރޮނގުން ފާހަގަކޮށްލެވޭފަދަ ފޮތްތަކެއްވެސް ލިޔުއްވައިފައެވެ.

އިބްނު ތައިމިއްޔާ ދުނިޔޭގެ އަލިކަންދެކެވަޑައިގެންނެވިއިރު ތާތާރުންގެ ފިތުނަ އޮތީ އޭގެ އެންމެ ޒުވާންކަމުގައެވެ. އީރާނާއި ޢިރާގު ސުންނާފަތިކުރުމަށްފަހު އެބައިމީހުން މިޞުރާބު ޖަހައިފައިވަނީ ޝާމުކަރަޔާ ދިމާޔަށެވެ. އިބްނު ތައިމިއްޔާ ބޮޑުފުޅުވީ އެ ނުސިޔާނު ދައުރުގައެވެ. އެކަލޭގެފާނުގެ އުމުރުފުޅުން ހައަހަރުފުޅުގައި ތާތާރުންގެ އުނދަގުލާހުރެ އެޢާއިލާއަށް މަޖްބޫރުވީ ޙައްރާން ދޫކޮށްލެއްވުމަށެވެ. ދިމިޝްޤުގައި ވަޒަންވެރިވެވަޑައިގަތުމަށެވެ. އިބްނު ތައިމިއްޔާގެ ތަޢުލީމީ ދައުރުފެށެނީ ދިމިޝްޤަށް ވަޑައިގަތުމަށްފަހުގައެވެ. އެޒަމާނުގެ އާދަކާދައިގެ މަތީން އިބްތިދާއީ ތަޢުލީމް ހޯއްދެވީ އަމިއްލަފުޅު ގެއިންނެވެ. އެންމެ ފުރަތަމަ ކީރިތި ޤުރްއާން ދަސްފުޅުކުރެއްވިއެވެ. އެއަށްފަހު ނަޙުވު ޞަރަފާއި ތާރީޚާއި އަދަބުގެފޮތްތައް ވިދާޅުވިއެވެ. އެންމެ ހަތަރު އަހަރުދުވަހުގެތެރޭގައި ހުރިހާ ޢިލްމުތަކަކަށްމެ ފުރިހަމަޔަށް އަހްލުވެރިވެ ވަޑައިގެންނެވިއެވެ. އިބްނު ތައިމިއްޔާ ތަފްސީރާއި، ޙަދީޘާއި، ފިޤުހުގެ މަތީ ދަރަޖައިގެ ފޮތްތައް ކިޔަވައި ވިދާޅުވީ ޝާމުކަރައިގެ ޢާލިމުންގެ އަރިހުންނެވެ. އެކަލޭގެފާނުގެ އުސްތާޛުންގެތެރޭގައި ބައްޕާފުޅާއި، ޒައިނުއްދީނު އަޙްމަދު ބިން ޢަބްދުއްދާއިމް އަލް މުޤައްދަސީ އާއި، ނަޖްމުއްދީން ބިން ޢަސާކިރާއި، ޒައިނަބު ބިންތު މައްކީއާއި، ޝަމްސުއްދީނު ޙަންބަލީފަދަ އެތައް ޝަޚްސިއްޔަތެއް ހިމެނެއެވެ. އެގާރަ އަހަރުގެ ތަޢުލީމީ ޙަޔާތްޕުޅަކަށްފަހު އުމުރުފުޅުން އެންމެ ސަތާރަ އަހަރުފުޅުގައި ފަތުވާދެއްވުމުގެ ފެންވަރު ހުރިބޭކަލެއްކަމުގައި ޤަބޫލުކުރެވުނެވެ. ފޮތްތައް ތަޞްނީފުކުރައްވަން ފެއްޓެވިއެވެ. އެކާވީސް އަހަރުގެ އުމުރުފުޅުގައި ބައްޕާފުޅު އަވަހާރަވުމުން ޙަންބަލީ ފިގުހުގެ އުސްތާޒެއްގެ ގޮނޑިކޮޅުވެސް ވާރުތައިން ލިބިވަޑައިގަތީ އިބްނު ތައިމިއްޔާއަށެވެ. އުމުރުފުޅުން ތިރީސް އަހަރުފުޅުވެސް ނުވަނީސް ޗީފް ޖަސްޓިސް (ޤާޟިލްޤަޟާތު)ގެ މަޤާމު ހުށަހެޅުނެވެ. އެކަލޭގެފާނުގެ ޢިލްމުވެރިކަމާއި، ފިޤުހުވެރިކަމުގެ ބޮޑުކަމުންނެވެ. ނަމަވެސް އިބްނު ތައިމިއްޔާ އެމަޤާމު ޤަބޫލުފުޅެއް ނުކުރެއްވިއެވެ. ހިޖްރައިން 691ގައި (1292މ.) އިބްނު ތައިމިއްޔާ ޙައްޖުވެވަޑައިގެންނެވިއެވެ.

އިސްލާމީ ފިޤުހުގެތާރީޚުގައި ހިޖްރީ ހަތްވަނަ ސައްތައާއި، އަށްވަނަ ސައްތަޔަކީ މުނާޡިރާގެ ދައުރެވެ. އެދުވަސްވަރު ޢާއްމުކޮށް ޙަންބަލީންނާއި، އަޝްޢަރީންގެ މެދުގައި މުނާޡިރާ ކުރެވެމުން ދިޔައެވެ. އިބްނު ތައިމިއްޔާއަކީ ޙަންބަލީ ފިކުރީ މަދަރުސާއާ ގުޅިފައިވާ ބޭކަލެކެވެ. އެކަލޭގެފާނު ޤާހިރާގައި ހުންނަވަނިކޮށް ޙަމާތުން އައި ސުވާލަކަށް އަލް ޢަޤީދަތުލް ޙަމަވިއްޔާގެ ނަމުގައި މަޝްހޫރުވެފައިވާ ޖަވާބުލިޔުއްވިއެވެ. އެޖަވާބުގައި މުތަކައްލިމުންނަށް ވަރަށް ވަރުގަދަޔަށް އިޢުތިރާޟުކުރައްވައި ރައްދު ދެއްވިއެވެ. އެބޭކަލުންގެ ޚިޔާލުފުޅުތަކަށް ވަރަށް ވަރުގަދަޔަށް ދެކޮޅުހެއްދެވިއެވެ. އެފަތުވާ ހިމެނުނީ ބައެއްމީހުން އިބްނުތައިމިއްޔާއާ ދެކޮޅުވެރިވުމުގެ ސަބަބެއްކަމުގައެވެ. ނަތީޖާއެއްގެ ގޮތުން އިބްނު ތައިމިއްޔާއަށް ފަތުވާދެއްވުން މަނާކުރެވުނެވެ. އެކަލޭގެފާނުގެ ޢަޤީދާއާބެހޭގޮތުން ސުވާލުކުރުމަށްޓަކައި ދިމިޝްޤަށާއި ޤާހިރާއަށް އެކިފަހަރުމަތީން ހާޒިރުކުރެވުނެވެ. ހިނގަމުންދިޔަ ކަންތައްތަކުގެ ތެރޭގައި ދިމިޝްޤާއި، ޤާހިރާއާއި އިސްކަންދަރިއްޔާގައި އެކިފަހަރުމަތީން ހައްޔަރުކުރެވުނެވެ.

އިމާމު އިބްނު ތައިމިއްޔާއަކީ ހަމައެކަނި ދޫފުޅާއި ގަލަންކޮޅުގެ ފަހުލަވާނެއްނޫނެވެ. އަދިކީއްތޯއެވެ. މައިދާނުގައި ފިސާރިޔަކަށް ފައިންޕުޅުހަރުލާ ކުޅަދާނަފުޅު ކަނޑިހެއްވެއްވެސްމެއެވެ. ހަލާކޫޚާނުގެ ދަރިފުޅު ޤާޒާން ޝާމުކަރަޔަށް ހަމަލަދިނީ އެކަލޭގެފާނުގެ ޒުވާން އުމުރުފުޅުގައެވެ. އޭރުޝާމްކަރައޮތީ މިސްރުގެ ވެރިކަމުގެދަށުގައެވެ. ޤާޒާން މިސްރުގެ ރަސްގެފާނު ބަލިކޮށް ޙިމްޞު ހިފިއެވެ. ޤާޒާން ދެންރާވަމުން ގެންދިޔައީ ދިމިޝްޤު ހިފުމަށެވެ. ޤާޒާން ދިމިޝްޤު ހިފަން އުޅޭޚަބަރު ދިމިޝްޤުގެ އަހްލުވެރިންނަށް ލިބުމާއެކު އެރަށުގައި ވަރަށްބޮޑަށް ބިރުވެރިކަން ފެތުރުނެވެ. ފޭރުމާއި ލޫޓުވުމުގެ ޙަރަކާތް އާންމުވިއެވެ. އިމާމް އިބްނު ތައިމިއްޔާ އެދަނޑިވަޅުގައި އެކަލޭގެފާނުގެ ހިތްވަރުފުޅާއި ރޭއްވެވުންތެރިކަން ހާމަކުރެއްވިއެވެ. ޤާޒާންގެ ގާތަށް ވަޑައިގެން އޭނާއާ ވާހަކަ ދައްކަވައިގެން ދިމިޝްޤުގެ އަޙްލުވެރިންނަށް އަމާންކަން ހޯއްދެވިއެވެ. ހަމައެކަނިދިމިޝްޤުގެ އަހްލުވެރިން ޤަޒާނުގެ އަނިޔާވެރި ޙަމަލާއިން ސަލާމަތްކުރެއްވީކީ ނޫނެވެ. ޤާޒާނުގެ އަތްދަށުގައި ހައްޔަރުވެފައިތިބި ބައިތުލްމަޤްދިސްގެ މުސްލިމުންގެ އެތައްބަޔަކުވެސް ސަލާމަތް ކުރެއްވިއެވެ. ދިމިޝްޤުގައި އަމަން ޢަމާންކަން ޤާއިމްކުރެއްވުމަށްޓަކައިވެސް އިބްނުތައިމިއްޔާ ކުލަގަދަ ޚިދުމަތްތަކެއް ކުރެއްވިއެވެ.

ހިޖުރައިން ހަތްވަނަ ޤަރުނުގެ އެންމެ ފަހުއަހަރު އަނެއްކާވެސް ޤާޒާން ދިމިޝްޤަށް ހަމަލަދޭން އުޅޭ ޚަބަރު ލިބިއްޖެއެވެ. ނަމަވެސް އެފަހަރު އިބްނުތައިމިއްޔާ ޤަޞްދުކުރެއްވީ ހަމައެކަނި އަމާންކަމުގެ ފަތެއް ހޯއްދަވައިގެން ހުއްޓަވައިލައްވާކަށެއް ނޫނެވެ.އެކަލޭގެފާނު ޢަހްދުކުރެއްވީ އިސްލާމްދީނުގެ ދުޝްމަނު ތާތާރުންނާ ހަނގުރާމައިގެ މައިދާނުން ބައްދަލުކުރެއްވުމަށެވެ. އެހެންކަމުން ދައުލަތުގެ ބޮޑުން ހަނގުރާމަޔަށް ތައްޔާރުކުރެއްވުމަށްޓަކައި އިބްނު ތައިމިއްޔާ މިސުރަށް ވަޑައިގެންނެވިއެވެ.މިސުރުގެ ދަރުބާރަށް ވަޑައިގެން ރަސްގެފާނާއި ދައުލަތުގެ ބޮޑުންގެ ކުރިފުޅުމަތީގައި ޖިހާދުގެ މާތްކަމާއި ބޭނުންތެރިކަމުގެ މައްޗަށް ނުހަނު ޖޯޝްހުރި އެތައް ތަޤްރީރެއް ކުރެއްވިއެވެ. ނަތީޖާއެއްގެގޮތުން ކުރިޔަށްތިއްބެވި ބޭފުޅުންގެ ހިތްވަރުފުޅު އާވިއެވެ. އަޒުމު އިތުރުވިއެވެ. އެބޭފުޅުން ތާތާރުންނާ ވަރުގަދަޔަކަށް ކުރިމަތިލައްވަން ތައްޔާރުވެ ވަޑައިގަންނަވާން ފެއްޓެވިއެވެ. މިސުރުގައި ޖިހާދުގެތައްޔާރީތައް ކުރިޔަށްދާންފެށުމުން އިބްނު ތައިމިއްޔާ ވަޑައިގަތީ ދިމިޝްޤަށެވެ. ނަމަވެސް އޭގެ ދެއަހަރުފަހުން ތާތާރުން ދިމިޝްޤަށް ހަމަލާދިނުމުން ރަސްގެފާނު ވަރަށްބޮޑަށް ފިކުރުފުޅު ބޮޑުވިއެވެ. ޝާމްކަރައާއި މިސުރު ތާތާރުންނަށް ދޫކޮށްލައްވައިފައި ފިލައިވަޑައިގަތުމާކައިރިޔަށް ކަންތައްތައްދިޔައެވެ. އަނެއްކާވެސް އިބްނުތައިމިއްޔާ މިސުރަށްވަޑައިގެން ރަސްގެފާނާ ބައްދަލުކުރައްވައި ހިތްވަރުދެއްވިއެވެ. ރަސްގެފާނުގެ އަޒުމުފުޅު ވަރުގަދަކުރެއްވުމުގައި ކާމިޔާބު ހޯއްދެވިއެވެ.ނަތީޖާއެއްގެގޮތުން މުސްލިމުން ވަރަށްވަރުގަދަ ސާބިތުކަމަކާއެކު ތާތާރުންނާ ކުރިމަތިލިއެވެ. މަޢުރިކާ ޝަޤްޙަބުގައި ތާތާރުންގެ ނުވަދިހަހާސްމީހުން ގަތުލުކޮށް ތާތާރުންގެ ލަޝްކަރު ބަލިކުރިއެވެ. އެހަނގުރާމައިގައި އެންމެ ހިތްވަރާއި ފަންވަރު ދެއްކެވި އެއް ހެއްވަކީ އިމާމު އިބްނު ތައިމިއްޔާއެވެ.

އިބްނު ތައިމިއްޔާ އެކަލޭގެފާނުގެ ހުރިހާ މަސައްކަތްޕުޅެއް ހޭދަކުރެއްވީ މުސްލިމުން އެއްވަނަ ޤަރުނުގައި ތިބި އުޞޫލުތަކަށް އަނބުރާގެންދެވުމަށެވެ. އިސްތައްޓެއްގެ ފަލަމިނުގެ މިންވަރަށްވެސް އެގޮތާދުރަށް ދިޔަނުދެއްވުމެވެ. އެހެންކަމުން އުންމަތުގެ ހުރިހާ ފިރުޤާތަކަކާއި ފިކުރީ ހުރިހާ މަދަރުސާތަކަކާވެސް އެކަލޭގެފާނު ވަރަށްބޮޑަށް ދެކޮޅު ހެއްދެވިއެވެ. އެފަރާތްތަކުގެ ޢަޤީދާއަށް އިޢުތިރާޟުކުރެއްވުމުގައި ދޫފުޅާއި ގަލަންކޮޅުގެ ބޭނުންކުރެއްވިއެވެ. އެކަލޭގެފާނު ވިދާޅުވާގޮތުގައި ކީރިތި ޤުރްއާނުގެ އާޔަތްތަކުން ނަގަންވާނީ ހަމައެކަނި ލަފުޒީމާނައެވެ. ބިދުޢަތަކާ ދެކޮޅުހެއްދެވިއެވެ. މަހާނަތަކަށް ޒިޔާރަތްކޮށް އުޅުންވަރުގަދަޔަކަށް ނަހީކުރެއްވިއެވެ. ސޫފީންނާއި، ފިލޯސަފަރުންނާއި، މުތަކައްލިމުންވެސް އެކަލޭގެފާނުގެ އަމާޒުފަތްގަނޑަކަށް ހެއްދެވިއެވެ. އެކަލޭގެފާނަށް ތަކުރާރުކޮށް ޖަލަށްވެދެވަޑައިގަންނަވާން ޖެހިވަޑައިގަތީ އެސަބަބާހުރެއެވެ. ޖަލުގައި ހުންނަވާއިރުވެސް އެކަލޭގެފާނުގެ މަސައްކަތްޕުޅަކީ ފޮތްލިޔުއްވުމެވެ. އެކަލޭގެފާނަށް ހަމްދަރުދީވެވަޑައިގަންނަވާ ބޭފުޅަކަށް ދަރުބާރުގެ ނުފޫޒު ލިބިވަޑައިގަތުމުން ނުވަތަ ސަރުކާރަށް އެކަލޭގެފާނުގެ ޚިދްމަތްބޭނުންވުމުން އެކަލޭގެފާނު ޖަލުންދޫކޮށްލެވެއެވެ.

ހަމައެކަނި ޒިޔާރަތްކުރުމުގެ ގަސްދުގައި މަދީނާއަށް ޒިޔާރަތްކުރުމަކީ ޝަރްޢީގޮތުން ސާބިތުކަމެއްނޫންކަމުގެ ފަތުވާއެއް ނެރުއްވުމާވިދިގެން އެކަލޭގެފާނާ ދެކޮޅަށް ފިތުނައިގެ އަލިފާންގަނޑެއް ރޯވިއެވެ. ފިޤުހުވެރީން އެކަލޭގެފާނު ކުފުރުވެވަޑައިގެންފިކަމުގެ ފަތުވާ ނެރުނެވެ. ނަތީޖާއެއްގެ ގޮތުން ހިޖްރައިން 726 ވަނަ އަހަރުގެ ޝަޢުބާންމަހު އިމާމު ދިމިޝްޤުގެ ކިއްލާގައި ހައްޔަރުކުރެވުނެވެ. ބައެއް އިލްމުވެރީން ވިދާޅުވާގޮތުގައި ޙަޤީޤަތުގައި އެފަތުވާއަކީ އޭގެދިހައަހަރުކުރިން ދެއްވައިފައިވާ ފަތުވާއެކެވެ. އެކަލޭގެފާނާ ދެކޮޅުވެރި މީހުން އެފަތުވާގެ މައްސަލަ މާބޮޑުކޮށްލީއެވެ. ހައްޔަރުކުރިތާ ކުރީކޮޅުގައި އެކަލޭގެފާނަށް ބޭނުންފުޅުވާ ހުރިހާއެއްޗެހިކޮޅުތަކެއް ލިބިވަޑައިގަންނަވައެވެ. ފަތުވާލިޔުއްވުމުގެ ހުއްދަވެސްއޮތެވެ. ނަތީޖާއެއްގެގޮތުން އެކަލޭގެފާނަށް ތާއީދުކުރާމީހުން ދުވަހެއް ދުވަހަކަށް އިތުރުވަމުންދިޔައެވެ. އަނެއްކޮޅުން ބައެއްފަރާތްތަކުގެ ދެކޮޅުހެދުމާއި އިޢުތިރާޟު ކުރުންވެސް ގިނަވަމުން ދިޔައެވެ. އެންމެފަހުން ސަރުކާރުން އެކަލޭގެފާނުގެ އަތްޕުޅުން ލިޔުއްވުމަށް ބޭނުންކުރައްވާ ހުރިހާއެއްޗެހިކޮޅުތަކެއް އަތުލަން ހުކުމް ކުރާންޖެހުނެވެ. އެއަމުރަކީ އިބްނު ތައިމިއްޔާއަށް ބަރުދާސްތުކުރެއްވޭވަރުގެ ކަމަކަށެއް ނުވިއެވެ. އެކަލޭގެފާނުގެ އެންމެފަހު ޖުމުލަ ލިޔުއްވީ ބޯޓުދެލިންނެވެ. "އަހަންނަށް ޙަޤީޤީ އަދަބެއް މިލިބުނީ ހަމައެކަނި މިފަހަރުއެވެ." ވިދާޅުވިއެވެ. އެ ޙާދިޘާއަށްފަހު މާގިނަ ދުވަސްތަކެއްނުވެ އެކަލޭގެފާނު އާލާސްކަންފުޅާ ވެއްޖެއެވެ. އެންމެ ވިހިދުވަހު އާލާސްކަންފުޅާ އުޅުއްވުމަށްފަހު 2ޛުލްޤަޢިދާ 728(26-27 ސެޕްޓެމްބަރ 1328)ގައި މިފަނާވަނިވި ދުނިޔެއަށް އަލްވަދާއު ވިދާޅުވެއްޖެއެވެ. އެކަލޭގެފާނުގެ މައްޗަށް ޙާޒިރުގައި ހަތަރުފަހަރަށް ކަށުނަމާދު ކުރެވުނެވެ. ދެލައްކަ ފިރިހެނުންނާއި ފަނަރަހާސް އަންހެނުން ކަށުނަމާދުގައި ބައިވެރިވިއެވެ. އިސްލާމީ އުންމަތުގެ ކަންކޮޅުތަކުގެ ތެރެއިން އެޚަބަރުލިބުނު ކޮންމެ ރަށެއްގައި ޣައިބުގައި ކަށުނަމާދުކުރެވުނެވެ. އަރަހުށި މާތްﷲ އެކަލޭގެފާނަށް ރަޙްމަތްލައްވާށިއެވެ.

އިބްނު ތައިމިއްޔާ ފަސްދާނުވެޑުވުނީ ދިމިޝްޤުގެ "ޞޫފިއްޔާ" ޤަބުރުސްތާނުގައެވެ. ސޫރިޔާ ޔުނިވަރސިޓީ ބިނާ ކުރުމަށްޓަކައި މިހާރުވަނީ އެޤަބުރުސްތާނުގައި ހުރި ހުރިހާ މަހާނަތަކެއް އުވާލެވިފައެވެ. މިހާރު ސަލާމަތުން ފެންނާންހުރީ ހަމައެކަނި އިބްނު ތައިމިއްޔާގެ މަހާނަފުޅެވެ. (ނުނިމޭ)



ހަމަމިގަލަމުން

އިދާރާ

ވާހަކަ