އަދުގެ ޚާއްސަ

Print

ހޮހަޅައިގެ ތިން މިތުރުން

ޝާޢިއުކުރީ އިބްރާހީމް އަޙްމަދު . ހިމެނޭބަޔަކީ އެނގޭތަ



އިބްރާހީމް އަޙްމަދު

ފަންވަތުގެ ޚާއްޞަ ނޯޓު:

''އައްޝައިޚު އިބްރާހީމް އަޙްމަދަކީ، އަލަށް ފަންވަތާ ގުޅިވަޑައިގެންނެވި ލިޔުންތެރިއެކެވެ. އިސްލާމީ ތާރީޚުގެ ރޮނގުން މަތީތަޢުލީމު ޙާޞިލް ކުރައްވާފައިވާ ޢިލްމުވެރިއެކެވެ. އޭނާގެ ވަރަށް އަގުހުރި ލިޔުންތައް މިހާރު ވަނީ ފަންވަތަށް ހަދިޔާ ކުރައްވާފަައެވެ. އެހެންކަމުން އަލްއަޚު އައްޝައިޚު އިބްރާހީމް އަޙްމަދަށް، ފަންވަތުގެ ހިންގުންތެރީންނާއި، އެހެނިހެން ލިޔުންތެރިންނާއި، ކިޔުންތެރިންގެ ނަމުގައިވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ.''

ހޮހަޅައިގެ ތިން މިތުރުން

ކީރިތިރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން ޢަބްދުﷲ ބުނު ޢުމަރު ރިވާކުރައްވާފައިވ ާ ޙަދީޘެއްގެ މާނައިގައިވެއެވެ.  ތިންމީހަކު ހިނގާލަން ގޮސް އުޅުމުގެ ތެރޭގައި ވިއްސާރަވެ ވާރޭވެހޭން ފެށުމުން ހިޔާވުމަށް ފަރުބަދައެއްގެ ހޮހަޅަށް  ވަންތަނާ  އެފަރުބަދައިން ބޮޑު ހިލަގަޑެއް ނެއްޓި ވެއްޓިގެން އައިސް އެ ހޮހަޅައިން އެތިންމީހުންނަށް ނުނުކުމެވޭގޮތްވެ ހޮހަޅައިގެ ދޮރުބަންދުވެ ތާށިވެއްޖެއެވެ. ދެން މިތިން މީހުން އެކަކު އަނެކަކާ ދިމާއަށް ބަލާލާފައި އެބަބުނެއެވެ. ތިޔަބައިމީހުންނަށް ކުރެވިފައިވާ ޞާލިޙު ޢަމަލުތަކަށް ބަލާ އެކަމުގެ ވާހަކައިން ދަންނަވައިގެން ﷲ ތަޢާލާ ތިޔަބައިމީހުން މިތިބި ޙާލުން ސަލާމަތް ކުރައްވަތްތޯ ދަންނަވަމާ ހިނގާށެވެ! ފަހަރެއްގައި އެކަންކަމުގެ ސަބަބުން މިތަނުން ނުކުމެވޭ ފަދަ މަގެއް ﷲ ދައްކަވާފާނެއެވެ.

މީގެ ތެރެއިން އެކަކު ﷲގެ ޙަޟްރަތުގައި ދުޢާދަންނަވަން ފެއްޓިއެވެ. އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! ތިމަންގެ މައިންބަފައިން  މުސްކުޅި ޙާލުގައި ދުނިޔޭގައި އެބަތިއްބެވެ. އަދި ތިމަންގެ އަންހެނުންނާ ކުޑަދަރިފުޅެއް ވެއެވެ. އެއެންމެން ބަލަހައްޓަނީ ތިމަން ގެރިބަކަރި ހުއްޕައިގެންނެވެ.  ތިމަން އެގޮތުން ގެރިބަކަރީގެ ކިރު ފެލުމަށްފަހު  ތިމަންގެ ދަރިފުޅަށްވުރެ ކުރިން ކިރު ދެނީ ތިމަންގެ މައިންބަފައިންނަށެވެ. މިގޮތަށް ކަންތައް ކުރަމުން ދިޔަ ދުވަސްތަކުގެ ތެރެއިން އެއްދުވަހު ތިމަން ހުރެހުރެވެސް މަންމައާއި ބައްޕައެއް ނައެވެ. ދެން އެމީހުން އާދޭތޯ އިންތިޒާރުގައި ހުއްޓާ އެދުވަހު ހަވީރުވުމުން  ތިމަން އެމީހުން ކޮބައިތޯ ބެލިއިރު ތިބީ ނިދާފައެވެ.  ދެން ބަކަރިކިރުފެލައިގެން  އައިސް އެދެމީހުންގެ ގާތުގައި މަޑުކޮށްގެން އެމީހުން ހޭލާތޯ ބަލާން ހުރިއިރު އެމީހުންނަށްވުރެ ކުރިން ތިމަންގެ ދަރިޔަށް ކިރުދޭކަށްވެސް ނުކުރުނެވެ. އޭރު ދަރިފުޅު ކިރުބޯންވެގެން ހުރެ ރޮއި އުދަގޫކޮށް ހަދައެވެ. އެހެންނަމަވެސް އެދެމީހުންނަށް އުދަގޫވެދާނެތީ ގޮވާކަށްވެސް ނުކުރެނެވެ. މިހެން އުޅެނިކޮށް އެރޭގެ ފަތިސްވެއްޖެއެވެ. ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! ތިމަން މިކަން ކުރީ އިނބަރަސްކަލާނގެ ވަޖުހުފުޅަށްޓަކައި ކަމަށްވާނަމަ ތިމަންމެނަށް މިތަނުން ނުކުމެވޭނެ ގޮތް މެދުވެރިކޮށް ދެއްވާނދޭވެ! އަދި ހާމަ ސަރަޙައްދަކަށް ނުކުމެވޭނެ ގޮތެއް މިންވަރު  ކުރައްވާދޭވެ! މީނާ މިދުޢާ ކުރިތަނާ އެހިލަގަނޑު ކުޑަކޮށް ދުރަށް ޖެހިލައި ބޭރުމައްޗާ އުޑުމަތި ފެންނަގޮތް ވެއްޖެއެވެ.

ދެވަނަ މީހާ ﷲގެ ޙަޟްރަތަށް ދުޢާ ދަންނަވާން ފެއްޓިއެވެ. އޭ ﷲގެ ރަސޫލާއެވެ. ތިމަންގެ ބޮޑުބޭބެގެ އަންހެންދަރިއަކާ ތިމަންނަ ވަރަށް ބޮޑަށް ލޯބިވެވިއްޖެއެވެ. އަންހެނުންދެކެ ފިރިހެނަކު ލޯބިވާނެ އެންމެ މަތީދަރަޖައަށެވެ. އަދި އޭރު އޭނާއާއެކު ގުޅުން ހިންގަން ވެސް ބޭނުންވިއެވެ. ދެން އޭނާ އަށް މިކަން ހުށައެޅުމުން އޭނާ 100 ދީނާރު ދިނީމާ ނޫނީ މިކަން ޤަބޫލު ކުރަން ބޭނުން ނުވިއެވެ. ދެން ތިމަން ބުރަ މަސައްކަތްކޮށް 100 ދީނާރު ޖަމާކޮށްގެން އެއަންހެން ކުއްޖާގެގާތަށް އައިސް އެއަންހެން މީހާއަށް ދިނުމުން އޭނާ ތިމަންނާއާއެކު ފާޙިޝް ޢަމަލުކުރުމަށް އެއްބަސްވެ ގެން ގޮސް އެކަން ކުރަން ނުފެށި އުޅެނިކޮށް އޭނާ އެބަބުނެއެވެ. އޭ ﷲގެ އަޅާއެވެ. ތަޤްވާވެރިވާށެވެ. އަދި ތިޔަ ޢަމަލު ކާވެންޏަކަށްފަހު ނޫނީ ނުކުރާށެވެ!  ނުވަތަ ޒިނޭ ނުކުރާށެވެ! ދެން ތިމަން އެކަން ހުއްޓާލީމެވެ.  އޭ ހައްދަވާ ބޮޑުކުރެއްވި ﷲއެވެ. ތިމަން  މިކުރިކަމަކީ ﷲގެ ހަޟްރަތުން ޘަވާބާއި ދަރުމައަށް އެދިގެން ކުރެވުނު ކަމެއް ކަމުގައިވާނަމަ  މިތަނުން ނުކުމެވޭނެ މަގެއް ދައްކަވާނދޭވެ.  މީނާގެ މިދުޢާ ނިމުމާއެކު އެހިލަގަނޑަށް ގުޑުން އައިސް ކޮންމެވެސްވަރެއްގެ ތަންކޮޅެއް ދުރުވެގެން ދިޔައެވެ.

މިހާހިސާބުން ތިންވަނަ މީހާ ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަން ފެށިއެވެ. އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! ތިމަންނައަކީ ކުއްޔަށް މަސައްކަތްކުރާ މީހުން ގެންގުޅުނު މީހަކީމެވެ. އެއީ ތިމަންގެ ދަނޑުގައި ހަނޑޫ ހައްދައި އުޅުމަށެވެ.  މިގޮތަށް ކުއްޔަށް ގެނައި މީހަކު މަސައްކަތް ނިމުމުން އޭނާގެ އުޖޫރަ ހޯދުމަށް އެދުމުން ތިމަން އޭނާގެ ޙައްޤު އޭނާއަށް ދީފީމެވެ. ދެން އޭނާ މިގޮތަށް މަސައްކަތް ކުރަމުން ދިޔައިރު އޭނާއަށް ލިބުނު އުޖޫރަ ނުނަގައި ހުރެ ގިނަވުމުން ތިމަން އެއަށް ގެރިއެއް ގަނެ އެގެރި ހުއިހައްޕައި ބަލަހައްޓަން ފެށިތަނާ އޭތިވިހައިގެން  ދަރިންގެ ޢަދަދު ގިނަވެއްޖެއެވެ.  ދެން މިކަން މިހެންވެފާ އޮއްވާ އޭނާއައިސް އޭނާގެ ހައްޤު ހޯދުމަށް އެދުމުން ތިމަން ބުނެފީމެވެ. މިވެނި ހިސާބެއްގައި ގެރިޔަކާއި އެގެރީގެ ދަރިންތައް އޮންނާނެއެވެ. އެތަކެތި ގެންދާށެވެ.  ދެން މީނާ ބުންޏެވެ. ތިމަންނާއަށް މަލާމާތް ނުކުރާށެވެ! ﷲއަށް ބިރުވެތި ވާށެވެ. ދެން ތިމަން ބުނީމެވެ. ތިމަން ކަލޭއަކަށް މަލާމާތެއް ނުކުރަމެވެ.އެގެރިޔާއި އޭގެ ދަރިން ކަލޭ ގެންދާށެވެ! އެއީ ކަލޭގެ އުޖޫރައެވެ.  އޭ ހައްދަވާ ބޮޑުކުރެއްވި ﷲއެވެ. ތިމަން  މިކުރިކަމަކީ ﷲގެ ހަޟްރަތުން ޘަވާބާޢި ދަރުމައަށް އެދިގެން ކުރެވުނު ކަމެއް ކަމުގައިވާނަމަ  މިތަނުން ނުކުމެވޭނެ މަގުގެ ނުހުޅުވިވާ ބައި ހުޅުވިގެންދާފަދަ ގޮތެއް ދައްކަވާނދޭވެ.  މީނާގެ މިދުޢާ ނިމުމާއެކު އެހިލަގަނޑަށް ގުޑުން އައިސް  ހޮހަޅައިން ނުކުމެވޭނެ ގޮތް ﷲ އިރާދަ ކުރައްވައިފިއެވެ.

އިދާރާ

ވާހަކަ