އަދުގެ ޚާއްސަ

Print

އުއްމުލް މުއުމިނީން އައްސައްޔިދާ ސައުދާ ބިންތު ޒަމްޢަތު ރަޟިޔަﷲ ޢަންހާ - ދެވަނަބައި

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ ޚާއްޞަ


(ކުރީގެ  ބަޔާގުޅޭ..)

ޢަބްދުﷲ ފާރޫޤު ޙަސަން


އިތުރުސާހިބާގެ ޚިދުމަތުގައި


އުއްމުލް މުއުމިނީން އައްސައްޔިދާ ސައުދާ ރަޟިޔަﷲ ޢަންހާ އިތުރުސާހިބާގެ ގަނޑުވަރަށް ބަދަލުވެ ވަޑައިގަތުމަށްފަހު އެކަމަނާގެ ކޮންމެ ދުވަހަކާއި ކޮންމެ ރެޔެއް ފާއިތުވަމުން ދިޔައީ ހިތްޕުޅު ހަމަޖެހިވަޑައިގަތުމާއި އުފާފާގަތިކަމުގައެވެ. އުއްމުލް މުއުމިނީން އެކަމަނާގެ ނަސީބުފުޅާމެދު ފަޚުރުވެރިވެ ވަޑައިގެންނެވިއެވެ. މުސްތަޤުބަލާމެދު އެކަމަނާގެ ހިތްޕުޅުގައި ހަމަޖެހުމާއި ޔަޤީންކަން އޮތެވެ.

ކައުސާހިބާ ބޭރުން ގަނޑުވަރަށް ވަޑައިގެން އެކަމަނާގެ އަރިހުގައި އިށީދެވަޑައިގަތުމުން އެކަމަނާ ޙަބަޝާގައި ހޭދަކުރެއްވި ދުވަސްވަރުގެ ވާހަކަ ބައެއްފަހަރަށް ވިދާޅުވެދެއްވައެވެ. އިތުރު ސާހިބާ ވަރަށް ބޮޑަށް ސަމާލުކަން ދެއްވައިގެން އެވާހަކަފުޅުތައް އަޑު އައްސަވައެވެ. ޚާއްޞަކޮށް ކައުސާހިބާގެ ލޮބުވެތި ދަރިކަނބަލުން އައްސައްޔިދާ ރުޤައްޔާއާއި ދަނބިދަރިކަލުން ޢުޘްމާން ރަޟިޔަﷲ ޢަންހުއާ ބެހޭ ވާހަކަތައް ވަކީންބޮޑަށް ޝައުޤުވެރިވެވަޑައިގެން އަޑުއައްސަވައެވެ.

އެދުވަސްވަރު އިތުރު ސާހިބާ ހުންނެވީ އުއްމުލްމުއުމިނީން އައްސައްޔިދާ ޚަދީޖަތުލް ކުބްރާގެ ގެކޮޅުގައެވެ. އިތުރު ސާހިބާގެ ދެދަރިކަނބަލުން ކަމުގައިވާ އައްސައްޔިދާ އުއްމުކުލްޘޫމް ރަޟިޔަﷲ ޢަންހާއާއި، އައްސައްޔިދާ ފާޠިމަތުއްޒަހްރާ ރަޟިޔަﷲ ޢަންހާއާ ދެބީނުންވެސް ތިއްބަވަނީ އެގެކޮޅުގައެވެ.

އުއްމުލް މުއުމިނީން އައްސައްޔިދާ ސައުދާއާއި، އައްސައްޔިދާ ރުޤައްޔާ ބިންތު ރަސޫލުﷲ އާދެބޭފުޅުން ވަނީ ޙަބަޝާގައި ތިއްބެވި ދުވަސްވަރު ތަޢާރުފްވެ ވަޑައިގެން ރަޙްމަތްތެރިކަމުގެ ގުޅުމުން ގުޅިވަޑައިގެންފައެވެ. އައްސައްޔިދާ ރުޤައްޔާ ރަޟިޔަﷲ ޢަންހާ ޙަބަޝާއިން އެނބުރި މައްކާއަށް ވަޑައިގަތީ އިތުރުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމް އައްސައްޔިދާ ސައުދާއާ ކާވެނި ބައްލަވައިގެންނެވި ފަހުންނެވެ.

އައްސައްޔިދާ ރުޤައްޔާ ރަޟިޔަﷲ ޢަންހާ ޙަބަޝާއިން މައްކާއަށް އެބނބުރި ވަޑައިގެން ގަނޑުވަރަށް ވަޑައިގަތުމާއެކު ސައްޔިދާ ރުޤައްޔާއާއި، ސައްޔިދާ އުއްމުކުލްޘޫމާއި، ސައްޔިދާ ފާޠިމާއަށް ލިބިވަޑައިގަތީ އުފާފުޅާއި ހިތާމަފުޅު އެކުވެފައިވާ ޝުޢޫރުތަކެކެވެ. ދިގުމުއްދަތަކަށްފަހު ތިންބޭފުޅުން ބައްދަލުވެވަޑައިގަތުމުގެ އުފާފުޅެވެ. މައިކަނބަލުން އައްސައްޔިދާ ޚަދީޖަތުލް ކުބްރާ ރަޟިޔަﷲ ޢަންހާ އަވަހާރަވެފައިވާކަމުގެ ހިތާމަފުޅެވެ. އެވަގުތު އެމާތް ތިންބީނުން އެބޭފުޅުންގެ މައިކަނބަލުންނަށްޓަކައި ކަރުނަފޮދު އޮހޮރުއްވިއެވެ.
   
އުއްމުލް މުއުމިނީން އައްސައްޔިދާ ސައުދާ ރަޟިޔަﷲ ޢަންހާ އަވަސް އަވަހަށް ވަޑައިގެން ނުހަނު ލޯބިފުޅުން ސައްޔިދާ ރުޤައްޔާ އެކަމަނާގެ މޭފުޅާއެކު ބޮނޑިކޮށްލެއްވިއެވެ. އެދެބޭފުޅުން ޙަބަޝާގައި ތިއްބެވިއިރު ދެބޭފުޅުންގެ މެދުގައި މިބާވަތުގެ ތިމާގެފުޅުކަމުގެ ގުޅުމެއް ޤާއިމުވެދާނެކަމަކަށް އެއިން އެއްވެސް ބޭފުޅަކަށް ކުޑަކޮށްވެސް ޚިޔާލުފުޅުވެސް ކޮށްލެއްވިފައެއް ނެތެވެ. މިހާރު ސައްޔިދާ ރުޤައްޔާގެ ކުރިފުޅުމަތީގައި ސައްޔިދާ ސައުދާ އެހުންނެވީ އެކަމަނާގެ ލޮބުވެތި ދޮންމަންމާފުޅުގެ ސިފައިގައެވެ. އައްސައްޔިދާ ސައުދާ، ސައްޔިދާ ރުޤައްޔާގެ އަރިހުގައި އަރާމުކޮށްލައްވާން ވިދާޅުވިއެވެ. ދަތުރުފުޅުގެ ވަރުބަލިފުޅުކަން ފިލުއްވައި ލެއްވުމަށްޓަކައެވެ. ކައުސާހިބާ ޞައްލަﷲ އަލައިހިވަސައްލަމައަށް ލޮބުވެތި ދަރިކަނބަލުންނާއި، ދަނބިދަރިކަލުން ފެނިވަޑައިގަތުމުން މިންނެތްފުށުން އުފާފުޅުކުރެއްވިއެވެ.  
 
އުއްމުލް މުއުމިނީން އައްސައްޔިދާ ސައުދާ ބިންތު ޒަމްޢަތު ރަޟިޔަﷲ ޢަންހާ ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެކެ ވަރަށް ބޮޑަށް ލޯބިފުޅުވެއެވެ. އިތުރުސާހިބާގެ ގަނޑުވަރުގެ ހުރިހާކަމެއް ނުހަނު ފަރުވާތެރިކަމާއެކު ބަލަހައްޓަވައި ދެއްވިއެވެ. އިތުރު ސާހިބާގެ ތުއްޕުޅު ދެދަރިކަނބަލުން ގެންގުޅުއްވައި ތަރުބިޔަތުކުރެއްވުމުގައި ވަރަށް ހީވާގިފުޅު ވެވަޑައިގެންނެވިއެވެ. އެކަމަނާއަކީގެ ހިންގެވުމުގައި ވަރަށް ފާޑުހުރި ގެވެހި ބޭފުޅެކެވެ. އެކަމަނާ އިތުރުސާހިބާއަށް ވަރަށް ފުރިހަމަޔަށް ޚިދްމަތް ކުރެއްވިއެވެ. އިތުރުސާހިބާގެ ހިތްޕުޅުގައިވާ ހިތާމަފުޅާއި މޮޅިފުޅުކަން ފިލުއްވުމަށް އޯގާވެރިކަމާއިއެކު ބާރުއެޅުއްވިއެވެ.

މަދީނާއަށް ހިޖުރަކުރެއްވުން

ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވި ސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ، އުއްމުލް މުއުމިނީން އައްސައްޔިދާ ސައުދާއާ ކާވެނި ބައްލަވައިގެންނެވި ފަހުން ތިން އަހަރެއްހައި ދުވަހު މައްކާގައި ދިރިއުޅުއްވިއެވެ. އެއަށްފަހު އެމާތް ސާހިބާއަށް ހިޖުރަކުރެއްވުމުގެ އިލާހީ އަމުރުފުޅު ލިބިވަޑައިގެންފިއެވެ. އިތުރުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ހިޖުރައިގެ ދަތުރުފުޅުގައި އަރިހުގައި ބައިވެރިކުރެއްވީ އަބޫބަކުރުއްޞިއްދީޤު ރަޟިޔަﷲ ޢަންހުއެވެ. އެދެބޭކަލުންވެސް މަދީނާއަށް ދަތުރުފުޅު ކުރެއްވީ އަހުލުޢިޔާލުން މައްކާއަށް ދޫކުރައްވައިފައެވެ.

މަދީނާއަށް ވަޑައިގެން ހަމަޖެހިވަޑައިގަތުމަށްފަހު އިތުރު ސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ އަހުލު ޢިޔާލުން ބައްލަވައި، ޒައިދު ބިން ޙާރިޘަތު ރަޟިޔަﷲ ޢަންހުއާއި، އަބޫރާފިޢު ރަޟިޔަﷲ ޢަންހު މައްކާއަށް ފޮނުއްވިއެވެ. އުއްމުލް މުއުމިނީން އެކަމަނާގެ ދެދޮންދަރިކަނބަލުން ކަމުގައިވާ އައްސައްޔިދާ އުއްމުކުލްޘޫމާއި، އައްސައްޔިދާ ފާޠިމަތުއްޒަހުރާ ގޮވައިގެން އެބޭކަލުންގެ އަރިހުގައި މަދީނާއަށްވަޑައިގެންނެވިއެވެ.

ބައެއް ރިވާޔަތްތަކުގައިވާ ގޮތުން އައްސައްޔިދާ ސައުދާ މަދީނާއަށް ވަޑައިގެން ފައިބައިވަޑައިގެންނެވީ އަބޫއައްޔޫބުލް އަންޞާރީ ރަޟިޔަﷲ ޢަންހުގެ ގެކޮޅަށެވެ. ކައުސާހިބާ އޭރު ހުންނެވީ އެގެކޮޅުގައެވެ. ނަމަވެސް ބައެއް އެހެނިހެން ރިވާޔަތް ތަކުގައިވާ ގޮތުން، އަލްމަސްޖިދުއްނަބަވީއާ އިންވެގެން އިތުރު ސާހިބާގެ އަހުލުބައިތުންނަށްޓަކައި ހެއްދެވި ކޮޓަރިކޮޅުތައް އޭރުހުރީ ނިމިފައެވެ. އެހެންކަމުން އިތުރުސާހިބާގެ އަހްލުބައިތުން ފައިބައި ވަޑައިގަތީ އެކޮޓަރި ކޮޅުތަކަށެވެ. މިމަސްއަލައާ ގުޅޭގޮތުން އިތުރު އެހެން ރިވާޔަތެއްވެސް ވެއެވެ. އެރިވާޔަތުގައިވާ ގޮތުން ކައުސާހިބާގެ އަހްލުބައިތުން ފައިބައިވަޑައިގަތީ ޙާރިޘަތު ބުނުއް ނުޢުމާން ރަޟިޔަﷲ ޢަންހު ކައުސާހިބާގެ އަހްލުބައިތުންނަށްޓަކައި ވެދުންކުރެއްވި ގެކޮޅަކަށެވެ.

އިތުރު ސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޠާހިރު އަނބިއަނބި ކަނބަލުންގެ ތެރެއިން އުއްމުލް މުއުމިނީން އައްސައްޔިދާ ޚަދީޖަތުލް ކުބްރާ ރަޟިޔަﷲ ޢަންހާ ފިޔަވައި އިތުރު ސާހިބާގެ ޞުޙުބަތުގައި އެންމެ ދިގު މުއްދަތެއް ހޭދަކުރެއްވުމުގެ ނަސީބު ލިބިވަޑައިގަތީ އައްސައްޔިދާ ސައުދާއަށެވެ. އެކަމަނާ ގާތްގަނޑަކަށް ސާދަވަރަކަށް އަހަރު އިތުރުސާހިބާގެ އަނބިކަނބަލެއްގެ މަޤާމުގައި އިންނެވިއެވެ.

އައްސަޔިދާ ސައުދާއާއި އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާއާ ދެބޭކަނބަލުންނާ އިތުރު ސާހިބާ ކާވެނިބެއްލެވީ ދާދި އެކުއެކީގައެވެ. ނަމަވެސް އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ އިތުރު ސާހިބާގެ ގެކޮޅަށް ވަޑައިގަތީ މަދީނާއަށް ހިޖްރައަށް ވަޑައިގަތުމަށްފަހުގައެވެ. ހިޖުރައިން އެއްވަނަ އަހަރުއެވެ.

އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާއަކީ އައްސައްޔިދާ ސައުދާއަށްވުރެ މާހަނގު ބޭކަނބަލަކަށްވުމާއެކު ގޭތެރޭގެ ދިރިއުޅުއްވުމާއި، ގެހިންގުމާބެހޭ ކަންކަމުގައި ވަރަށް ތަނަވަސް ހިތްޕުޅަކުން ޢާއިޝަތުގެފާނަށް ސައުދާ އެހީތެރިވެވަޑައިގެން ދެއްވިއެވެ. ކައު ސާހިބާގެ އެއްވެސް އަނބިކަނބަލަކާ އައްސައްޔިދާ ސައުދާއާ ދެމެދު ދުވަހަކުވެސް މަސްއަލައެއް ނުއުފެދެއެވެ. ހުރިހާ ހަތުރަނބިކަނބަލުންނާއެކު ވެސް އެކަމަނާ ބޭއްވެވީ ވަރަށް ޚާއްޞަ ގާތްކަމެކެވެ. ޚާއްޞަކޮށް އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާއަށް ވަކީންބޮޑަށް ކަމޭހިއްތެވިއެވެ. ހެޔޮފުޅުކޮށް ހިތްތެވިއެވެ.

އުއްމުލް މުއުމިނީން އައްސައްޔިދާ ސައުދާއާބެހޭގޮތުން، އުއްމުލްމުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވެފައިވެއެވެ.
"ސައުދާމެނުވީ ޙަސަދަވެރިކަމުގެ ޝުޢޫރު ނުގެންގުޅޭ އަންހެނަކު އަހަރެން ނުދެކެމެވެ. އެމީހެއްގެ ހަށިގަނޑުގައި އަހަރެންގެ ފުރާނަ ވާނެނަމަ ރަނގަޅޭ އަހަރެންގެ ހިތަށްއަރާ އަންހެނަކީ ވެސް ހަމައެކަނި ސައުދާއެވެ."

އުއްމުލް މުއުމިނީން އައްސައްޔިދާ ސައުދާއާއި އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާއާ ދެބޭކަނބަލުން ބައެއް ފަހަރަށް އެއްބޭކަނބަލަކު އަނެއްބޭކަނބަލަކާ ސަމާސާފުޅު ކުރައްވައިވެސް އުޅުއްވިއެވެ. އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ ރިވާކުރައްވައިފައިވެއެވެ.

ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެއްދުވަހަކު އަހަރެމެންގެ ގާތަށް ވަޑައިގެންނެވިއިރު އައްސައްޔިދާ ސައުދާވެސް އަހަރެމެންގެ ގޭގައި އިންނެވިއެވެ. އިތުރު ސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިށީނދެވަޑައިގަތީ އަހަރެމެން ދެމީހުންގެ ދޭތެރޭގައެވެ. އެދުވަހު އަހަރެން ކައްކައިފައި ހުރީ ޙަރީރާއެވެ. އިތުރުސާހިބާ ފަރީއްކުޅުއްވާން ފެއްޓެވުމުން އަހަރެން ސައުދާގެ އަރިހުގައި ދެންނެވީމެވެ. ކަމަނާވެސް ފަރީއްކުޅުއްވާށެވެ. ސައުދާ އެކަމާ އިންކާރު ކުރެއްވުމުން އަހަރެން ސައުދާގެ އަނގަފުޅުމަތީގައި ޙަރީރާ ކޮޅެއް އުނގުޅައިލައިފީމެވެ. ސައުދާވެސް އަހަރެންގެ އަނގަމަތީގައި ޙަރީރާ ކޮޅެއް އުނގުޅުއްވައިލެއްވިއެވެ. އިތުރު ސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަހަރެމެންގެ ޙަރަކާތާމެދު ވަރަށްބޮޑަށް ހިނިވަރުނަކުރެއްވިއެވެ.

އުއްމުލް މުއުމިނީން އައްސައްޔިދާ ސައުދާ ރަޟިޔަﷲ ޢަންހާއަށް ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ފަރާތްޕުޅުން ދައްޖާލުގެ ފިތުނައިގެ ވާހަކަ އަޑުއިވިވަޑައިގަތީއްސުރެ އެކަމަނާ ދައްޖާލުދެކެ ވަރަށް ބޮޑަށް ބިރިފުޅުގެން ވަޑައިގަންނަވައެވެ. ދައްޖާލާބެހޭ ވާހަކައެއް ދައްކައިލިޔަސް ސައުދާ ބިރުފުޅުން ފިތްކަނޑައިގެންދާވަރުވެއެވެ. ކައުސާހިބާގެ ހުރިހާ އަނބިއަނބިކަނބަލުންނަށްވެސް އެކަން އޮތީ އެނގިވަޑައިގެންފައެވެ.

އުއްމުލް މުއުނިމީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާއާއި އުއްމުލް މުއުމިނީން އައްސައްޔިދާ ޙަފްޞާ ރަޟިޔަﷲ ޢަންހާ ދެބޭކަނބަލުން އެއްދުވަހަކު ސަމާސާފުޅު ކުރެއްވުމުގެ ގޮތުން ސައުދާގެ އަރިހުގައި ދައްޖާލުގެ ވާހަކަ ދެއްކެވިއެވެ. އެބޭފުޅުން ސުވާލުކުރެއްވިއެވެ.

"ކަމަނާ ޚަބަރު އައްސަވައިފީމުތޯއެވެ؟'
އައްސައްޔިދާ ސައުދާ ވިދާޅުވިއެވެ. "ކޮން ޚަބަރެއްތޯއެވެ؟"
ޢާއިޝާއާއި ޙަފްޞާ ޖަވާބުދެއްވިއެވެ. "ދައްޖާލު ފާޅުވެއްޖެއެވެ!"

އެވާހަކަ އަޑުއިވި ވަޑައިގަތުމާއެކު އައްސައްޔިދާ ސައުދާ ބިރުފުޅުން ދުވެވަޑައިގެންފައި ވަޑައިގެން ކައިރީގައި ހުރި ކުޑަކުޑަ ކޮޓަރިއަކަށް (ބައެއް ރިވާޔަތްތަކުގައިވާ ގޮތުން ފޭލިގެއަކަށް) ވެދެވަޑައިގެން ފިލާވަޑައިގެންފިއެވެ. އެތާނގައި މަކުނުވާތަކާއި ދުންތައް ވަރަށް ގިނައިން އޮތެވެ. ސައްޔިދާ ޢާއިޝާއާއި ސައްޔިދާ ޙަފްޞާ ހިނިފުޅުވަޑުވާން ފައްޓަވައިފިއެވެ. ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް އެވަގުތު އެތަނަށް ވަޑައިގެންނެވިއްޖެއެވެ. އިތުރު ސާހިބާ ސުވާލުކުރެއްވިއެވެ. ތިޔަބޭފުޅުން ހިނިފުޅު ވަޑުވަނީ ކޮންކަމަކާތޯއެވެ. ސައްޔިދާ ޢާއިޝާއާއި ސައްޔިދާ ޙަފްޞާ ވިދާޅުވިއެވެ. ކަންވީގޮތަކީ މިއީއެވެ. ސައްޔިދާ ސައުދާ މިހިރަ ކޮޓަރީގައި ފިލައިވަޑައިގެން އެބައިންނެވިއެވެ.
ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ސައުދާގެ ހިތްޕުޅު ހަމަޖައްސަވައި ދެއްވިއެވެ. އެކޮޓަރީގެ ދޮރުމައްޗަށް ހުއްޓިވަޑައިގެން ވިދާޅުވިއެވެ. "ސައުދާއެވެ! ބޭރަށް ނިކުމެވަޑައިގަންނަވާށެވެ. ދައްޖާލެއް އަދި އެހެން އެއްޗެއްވެސް މިތަނަކަށް ނާދެއެވެ."

އިތުރު ސާހިބާގެ އަޑުފުޅު އިވިވަޑައިގަތުމުން ސައްޔިދާ ސައުދާ ބޭރަށް ނިކުމެވަޑައިގެންފިއެވެ. ކަންހިނގިގޮތް އެނގިވަޑައިގަތުމުން ސައްޔިދާ ސައުދާވެސް ހިނިފުޅުވެޑުވިއެވެ.
ޝައްކެތްނެތެވެ. މިބާވަތުގެ ކަންތައް ހިނގާނީ އެގެއެއްގެ އަހުލުވެރިން އެކަކު އަނެކަކަށް ވަރަށް ހިތްސާފު ގެއެއްގައެވެ. އެކުވެރިކަމުގެ ގުޅުން ބޮޑު ރަހްމަތްތެރި ބައެއްގެ މެދުގައެވެ. އެކަކު އަނެކަކުދެކެ ލޯބިވާ، ހަމްދަރުދީވާ ބައެއްގެ ތެރޭގައެވެ.

އުއްމުލް މުއުމިނީން އައްސައްޔިދާ ސައުދާ ބިންތު ޒަމްޢަތު ރަޟިޔަﷲ ޢަންހާގެ ބައްޕާފުޅާ ދެބެއިންގެ ދެދަރިބޭކަލެއް ކަމުގައިވާ ސުހައިލް ބިން ޢަމްރަކީ އެކަމަނާގެ ކުރީގެ ފިރިކަލުން އައްސުކްރާނުގެ އަޚެކެވެ. ސުހައިލަކީ ޤްރައިޝްވަންހައިގެ ބޮޑުންކުރެ އެންމެ ތަޖުރިބާކާރު އެންމެ ރޯފިލައިފައިވާ ސިޔާސީ އެއްޝަޚުޞިއްޔަތެވެ. ޤްރައިޝުންގެ ވާހަކަދެއްކުންތެރިޔާގެ ނަންފުޅުން މަޝްހޫރުވެވަޑައިގެންފައިވާ ކުޅަދާނަފުޅު ވާހަކަދެއްކެވުންތެރިޔާއެވެ. އޭނާ އިސްލާމްވެވަޑައިގަތީ މައްކާ ފަތަޙަ ކުރެއްވި ދުވަހުއެވެ.
ބަދުރު ހަނގުރާމައިގެ އަސީރުންގެ ތެރޭގައި ސުހައިލުވެސް ހިމެނި ވަޑައިގެންނެވިއެވެ. އޭނާ ހުންނެވީ ޞަޙާބީންގެ ތެރެއިން މާލިކް ބިން ދުޚުޘަމްގެ ބެލެހެއްޓެވުމުގެ ދަށުގައެވެ. އިސްލާމީ ލަޝްކަރު މަދީނާއަށް ދަތުރުކުރި މަގުމަތީގައި ސުހައިލު މާލިކުގެ އަރިހުގައި ވިދާޅުވިއެވެ. އަޅުގަނޑު ޤަޟާޙާޖަތެއް ކޮށްލާން ބޭނުންވެއެވެ. އެހެންކަމުން ކުޑަކޮށް މަޑުކޮށްލަދެއްވާށެވެ. މާލިކު ސުހައިލުގެ ބަސް ޤަބޫލުކުރައްވައި ސުހައިލު ގޮވައިގެން ލަޝްކަރާ ދުރަށް އެއްފަރާތަކަށް ޖެހިވަޑައިގެންނެވިއެވެ. ސުހައިލު ޤަޟާޙާޖަތްކުރައްވަން ފުރުސަތުދެއްވައިފައި މާލިކު ދުރަށްވަޑައިގަތުމާއެކު ސުހައިލު ފުރުސަތުގެ ބޭނުންކުރައްވައިގެން ފިލާވަޑައިގަންނަވާން މަސައްކަތް ކުރެއްވިއެވެ. ދުވެވަޑައިގެންފައި ވަޑައިގެން ގަސްތަކެއްގެ ނިވަލުގައި ފިލައިވަޑައިގެންނެވިއެވެ.

މާލިކު އަވަސް އަވަހަށް ވަޑައިގެން އިތުރު ސާހިބާއަށް އެޚަބަރު ދެއްވިއެވެ. އިތުރު ސާހިބާ އިސްލާމީ ލަޝްކަރު މަޑުކުރައްވައި ސުހައިލު ހޯދަން އަމުރުކުރެއްވިއެވެ. ސުހައިލު އަތުލައިގަނެ ހައްޔަރުކުރުމަށް ނުވަތު ޤަތުލުކޮށްލުމަށް އެންގެވިއެވެ. މުޖާހިދުން އޭނާ ހައްޔަރުކުރައްވައި ދެއަތްޕުޅު ފުރަގަހަށް ލައްވައި ކަނދުރާފުޅާއެކު ބެންނެވިއެވެ. އޭނާ މަދިނާއަށް ގެނެވުނީ އެގޮތުގައެވެ.

އައްސައްޔިދާ ސުއަދާއަށް އެކަމަނާގެ ނުހަނު ގާތްތިމާގެފުޅު ޅިޔަނަކު އެގޮތަށް ހައްޔަރުވެވަޑައިގެންފައި ހުންނަވަނިކޮށް ފެނިވަޑައިގަތުމުން ސުހައިލުގެ ހިތްޕުޅުގައި ޣީރަތު އުފެއްދެވުމުގެ ގޮތުން ވިދާޅުވެވުނެވެ. "ތިޔަފަދަ ނިކަމެތިގޮތަކަށް ދުނިޔޭގައި ހުންނެވުމަށްވުރެ ކަލޭގެފާނަށް ރަނގަޅުވީހީ ޝަރަފުވެރިކަމާއެކު އަވަހާރަވުމެވެ. ކަލޭގެފާނު ހައްޔަރުވެވަޑައިގަތުމަކަށް ލަދުފުޅުގެން ވަޑައެއްނުގަންނަވާތޯއެވެ؟" އައްސައްޔިދާ ސައުދާ އެހެން ވިދާޅުވިއިރަކު އެކަމަނާއަކަށް، އިތުރު ސާހިބާ ޞައްލަﷲ އަލައިހިވަސައްލަމަ އެކަމަނާގެ ވާހަކަފުޅު އަޑު އައްސަވާން ހުންނެވިކަމެއް އެނގިވަޑައެއް ނުގަންނަވައެވެ.

ކައުސާހިބާ އެވަގުތު ޙަދީޘުކުރެއްވިއެވެ. "ސައުދާއެވެ! ކަމަނާ އޭނާގެ ހިތުގައި މާތްﷲ އާއި އެކަލާނގެ ރަސޫލާއާމެދު ނަފުރަތު އުފައްދަވަނީތޯއެވެ؟"
ސައުދާ އަވަސް އަވަހަށް ވިދާޅުވިއެވެ. "އޭ މާތްﷲގެ ރަސޫލާއެވެ! އަޅުގަނޑަށް މަޢާފްކުރައްވާށެވެ. ޙަޤީޤަތުގައިވެސް މިމަންޒަރު ފެނިފައި އަޅުގަނޑަށް ބަރުދާސްތު ނުކުރެވުނީއެވެ. ބޭއިޚްތިޔާރުގައި އަޅުގަނޑުގެ ދުލުން އެބަސްތައް ބޭރު ކުރެވުނީއެވެ. އަޅުގަނޑަކީ މާތްﷲ އާއި އެކަލާނގެ ރަސޫލާއަށް ބޯލަނބާ މީހަކީމެވެ. ކިޔަމަންތެރިވާ މީހަކީމެވެ. އަޅުގަނޑުގެ ވާހަކަޔާމެދު ކަލޭގެފާނު ނުޤަބޫލުފުޅު ވެވަޑައިގެންފިނަމަ އަޅުގަނޑު ހިތުގެ އެންމެ ފުންމިނުން މަޢާފުއެދެމެވެ."

ކައުސާހިބާ ޞައްލަﷲ ޢަލައިހިވަސައްލަމަ ހިނިވަރުނަ ކުރައްވައި އައްސައްޔިދާ ސައުދާއަށް މާފުދެއްވިއެވެ. ހަމައެއާއެކު އަސީރުންނަށް ހެޔޮކޮށް ހިތުމަށް އާއްމު އިޢުލާނެއްކުރެއްވިއެވެ. އެބޭކަލެއްގެ ބެއްލެވުމުގެ ދަށުގައި ހުރި އަސީރަކަށް ހެޔޮކޮށް ހިތްތެވުމަށް ޞަހާބީންނަށް އަމުރުކުރެއްވިއެވެ. އިތުރު ސާހިބާގެ އަމުރުފުޅަށް ޞަޙާބީން އަމަލުކުރެއްވިއެވެ. އެއަށްފަހު ޞަޙާބީންގެ ކޮންމެ ބޭކަލަކުވެސް ފަރީއްކުޅުއްވުމުގެ ކުރީން އެބޭކަލެއްގެ ޙަވާލުގައިހުރި އަސީރަކަށް ކާން ދެއްވައެވެ.     

ފަރުދާގެ އާޔަތް ބާވައިލެއްވުން

މަދީނާގެ އެދުވަސްވަރުގެ ހާލަތުނިޔާކުރާގޮތުން އުއްމަހާތުލް މުއުމިނީންވެސް މަދީނާގެ އާދަކާދައިގެމަތީން ޤަޟާޙާޖަތަށް ވަޑައިގެން އުޅުއްވީ ރަށްބޭރުގައި އޮންނަ ޖަންގަލިތަކުގެ ތެރެއަށެވެ. ނަމަވެސް ޢުމަރުލް ފާރޫޤު ރަޟިޔަﷲ ޢަންހު އެކަމަކާ ހިތްޕުޅު ހަމަޖެހިވަޑައެއް ނުގަންނަވައެވެ. ޢުމަރުގެފާނު ދެކެވަޑައިގަންނަވާގޮތުގައި މުއުމިނުންގެ މައިކަނބަލުން ތިއްބަވާން ޖެހިވަޑައިގަންނަވާނީ ފަރުދާގައެވެ. އެހެންކަމުން ޢުމަރު ރަޟިޔަﷲ ޢަންހު ކައުސާހިބާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ހިރިޔާފާތުރާގެ ދަށަށްވެސް އެމަސްއަލަ ހުށަހެޅުއްވިއެވެ. ނަމަވެސް ކައުސާހިބާ އެކަމަކަށް ޖަވާބުފުޅެއް ނުދެއްވައެވެ. ކަމާގުޅޭގޮތުން އިލާހީ އަމުރުފުޅެއް އައިސްފައި ނުވާތީއެވެ.

އެދުވަސްވަރު، އުއްމުލް މުއުމިނީން އައްސައްޔިދާ ސައުދާ އެއްރެޔަކު ޤަޟާޙާޖަތަކަށް ބޭރަށް ނިކުމެވަޑައިގެންނެވިއެވެ. އުއްމުލް މުއުމިނީންއަކީ އިސްކޮޅުފުޅު ދިގު ސަމައްތަރުފުޅުހެޔޮ ބޭކަނބަލެކެވެ. އެކަމަނާ ދަންނަ މީހެއްކަމުގައިވާނަމަ ރޭގަނޑުވެސް އެކަމަނާ ފާހަގަކުރެވޭނެއެވެ. އެކަމަނާއާ ޢުމަރުގެފާނާ މަގުމަތީން ބައްދަލުވެ ވަޑައިގަތުމުން ޢުމަރުގެފާނު ވިދާޅުވިއެވެ.

"އޭ ސައުދާއެވެ! އަޅުގަނޑަށް ކަމަނާ އެނގިއްޖެއެވެ."
ޢުމަރުގެފާނުގެ ބަސްފުޅާމެދު އުއްމުލް މުއުމިނީން ހިތްޕުޅު ހަމަޖެހިވަޑައެއް ނުގެންނެވިއެވެ. އެހެންކަމުން އެނބުރި ވަޑައިގެން ކައުސާހިބާގެ އަރިހުގައި އެކަމުގެ ޝަކުވާކުރެއްވިއެވެ. ފަރުދާގެ އާޔަތް ބާވައިލެއްވީ މިހާދިޘާއާ ވިދިގެންނެވެ. މިއީ ޞަޙީޙު ބުޚާރީގެ އެއްރިވާޔަތެއްގައިވާ ގޮތެވެ. ނަމަވެސް ޙިޖާބުގެ އާޔަތުގެ ސަބަބުއްނުޒޫލާމެދު ޢިލްމުވެރީންގެ މެދުގައި ޚިލާފެއް އުޅެއެވެ. ފިޤުހުވެރީންކުރެ ޖަމާޢަތެއްގެ ބޭކަލުންގެ ނަޒަރުގައި ފަރުދާގެ އާޔަތް ބާވައިލެއްވީ ކައުސާހިބާ ޒައިނަބު ބިންތު ޖަޙްޝާ ކާވެނި ބައްލަވައިގެން އެކަމުގެ މުނާސަބާގައި ބޭއްވެވި ވަލީމާގެ ޙާދިޘާއާ ވިދިގެންނެވެ.


ސުވަރުގޭގައި އިތުރުސާހިބާގެ އަނބިކަނބަލަކަށް ވެވަޑައިގަތުމުގެ އެދުންފުޅު


އިސްވެދިޔަ ޞަފްޙާތަކުގައި ބަޔާންކޮށްފައިވާނޭ ފަދައިން ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވި ސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ، އައްސައްޔިދާ ސައުދާއާ ކާވެނިބެއްލެވި އިރުވެސް އެކަމަނާވަނީ އާއްމުކޮށް ކާވެނީގެ ދަޢުވަތު ލިބިވަޑައިގަތުމުގެ މޫސުން ފަހަނަޅައިފައެވެ. އިތުރު ސާހިބާގެ އަނބިކަނބަލަކަށް އެކަމަނާ ޚިޔާރު ކުރެއްވުމުގެ އެންމެ މުހިންމު ސަބަބަކަށްވީ އެކަމަނާއަކީ ޔަތީމު ބޭފުޅުންކޮޅަކާއި މުސްކުޅިފުޅު ބައްޕާފުޅަކު ބަލަހައްޓަވަމުން ގެންދެވި އަތްޕުޅުމަތިބަރު ބޭކަނބަލަކަށްވެފައި އެކަމަނާގެ އިސްލާމްކަމުގެ އިސްކަމާއި، ޚުލުޤުފުޅުމާތްކަމާއި، އިތުރުސާހިބާގެ އޯގާވެރިކަމެވެ. އެހެންކަމުން އިތުރުސާހިބާ ތިމަންކަމަނާ ދޫކޮށެއް ނުލައްވާނެބާވައޭ މިސުވާލު އަބަދުވެސް އެކަމަނާގެ ހިތްޕުޅުގައި އޮވެއެވެ. ޚާއްޞަކޮށް އެކަމަނާ މުސްކުޅިފުޅުވުމުން އެކަމާ ވަކީންބޮޑަށް ފިކުރު ކުރައްވާން ފެއްޓެވިއެވެ. އިތުރުސާހިބާގެ އަނބިކަނބަލެއްގެ ޙައިޘިއްޔަތުން މަޙްޝަރަށް ވަޑައިގަތުމަކީ އެކަމަނާގެ ހިތްޕުޅުގެ ވަރަށް ބޮޑު އެދުންފުޅެކެވެ.

އެހެންކަމުން ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި ވިދާޅުވިއެވެ.
"އޭ މާތްﷲ ގެ ރަސޫލާއެވެ! މިހާރު އަޅުގަނޑަކަށް ފިރިޔެއްގެ މުހުތާދެއްނެތެވެ. ނަމަވެސް ކަލޭގެފާނުގެ އަނބިކަނބަލަކަށް އަޅުގަނޑު ބައިންދަވާށެވެ. އަޅުގަނޑަށް ޚާއްޞަކުރައްވައިފައިވާރޭ ޢާއިޝާއަށް ދެއްވާށެވެ. ކަލޭގެފާނުގެ އަނބި އަނބިކަނބަލުންގެ ތެރޭގައި މަޙްޝަރުކުރެއްވުން އަޅުގަނޑު އެދެމެވެ."
ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމަނާގެ ހުށަހެޅުއްވުން ޤަބޫލުކުރެއްވިއެވެ.

އިލްމުވެރީން ވިދާޅުވާގޮތުގައި އައްނިސާއު ސޫރަތުގެ 128 ވަނަ އާޔަތް ބާވައިލެއްވީ އެޙާދިޘާއާ ވިދިގެންނެވެ. އެއާޔަތުގެ މާނައިގައިވެއެވެ.
"ފިރިމީހާ ދުރުހެލިވެ، ނުވަތަ ވާހަކަ ނުދައްކައި ހުރެދާނެކަމަށް އަންހެނަކަށް ބިރުހީވެއްޖެނަމަ، އެދެމީހުންގެ މެދުގައި އެކުވެރިކަމުގެ ޞުލްޙަވުމަކުން ޞުލްޙަވުމާމެދު، އެދެމީހުންގެ މައްޗަކަށް ކުށެއްނެތެވެ. ޞުލްޙަވުން ހެޔޮކަންބޮޑެވެ."

މަޖްމަޢުއްޒަވާއިދުގައިވާ ގޮތުން އުއްމުލް މުއުމިނީން އައްސައްޔިދާ ސައުދާ ރަޟިޔަﷲ ޢަންހާ އިތުރުސާހިބާގެ އަރިހުގައި ވިދާޅުވިއެވެ.
"ކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާއެކު ޙަޝްރުވާން އަޅުގަނޑު އެދެމެވެ. އެބޭކަނބަލުންނަށް ލިބިވަޑައިގަންނަވާ ޘަވާބެއް އަޅުގަނޑަށްވެސް ލިބުމަށްޓަކައެވެ."


ހަމަމިގަލަމުން

އިދާރާ

ވާހަކަ