ޤައުމީ ދުވަސް
އާދަމް ނަޞީރު އިބްރާހީމް/ (1998)
{މަޤުތޫލު}
މިއީ ދިވެހި އުންމަތުގެ ޝަރަފުގެ ދުވަސް
މިއީ ރިވެތި ޚިދުމަތުގެ އުފަލުގެ ދުވަސް،
ޒަމާން ދެއްކި ނާމާންކަމުގެ ޖަންގަލީން،
އަމާންކަމުގެ ބަނދަރަށް ނިކުމެވުނު ދުވަސް
އަރަށް ލިބުނު އަޅުވެތިކަމުގެ ވިހަދިލައިން،
ކަރަން ފެށްޓި މޭތައް ފަސޭހަވި ދުވަސް
ނުފޫޒާއި ބާރާ ހެމުން އުފަލުގައި،
ކުފޫ ހަމަވެގެން އައިސް، މުށަށް ވަން ދުވަސް
ހެމުން ހޭފަށުން އައިސް ބަނދަރުކުރި ބަޔަކު،
ރޮމުން ކަރުނަ އަޅަމުން އެނބުރި ދިޔަ ދުވަސް
އެހެން ކަރަޔަކުން އައި ނުވަރު އޮޑި ފަހަރު،
ބެހެން ކަނޑުތޮށިން ބޭރުކުރެވުނު ދުވަސް
އިލާހިއްޔަ އައުދާނަ ރަޙްމަތްފުޅުން،
ކިލާކަން ފިލާ ސާފުކަން އައި ދުވަސް
ޙަރާމާ ޙަލާލާ ދެތަންވެވި މުޅީން،
ސަރާސަރު، ރަނގަޅުމަގު އަމާންވީ ދުވަސް
ހިތަށް ކުރެވެމުން އައި އެ ހިތި ތަޖުރިބާ،
ބިތަށް ގޮސް ދިމާ ލޮލުކޮޅަށް އޮބި ދުވަސް
ތަރައްޤީގެ ހުރިހާ އަސަރުތައް އަލުން،
ވަރަށް ހަލުވިކޮށް އުދުހިފައި އައި ދުވަސް
ދިވެހި ރާއްޖެ މިނިވަންކަމުގެ ނަންމަތީ،
ރިވެތި ކުލަތަކެއް ދޭހުގާ ފެވި ދުވަސް
ޒަޢީމުންގެ ހިތްވަރުފުޅާ މިންނަތުން،
މަޢީޝަތުގެ އުންމީދު ލިބެވުނު ދުވަސް
އުތީމުގެ ތުނޑިން ވެލިފުކެއް ނަމަވިޔަސް،
މުތީއެއް ފަދައިން ލޮބުުވަތަންވީ ދުވަސް
ގަޔާވާ މަގުން ދިވެހި ދިދަ އާހުގާ
ވަޔާ ވިހުރެމުން މަރުޙަބާކީ ދުވަސް
ނަޒުމުތައް ކިޔާ މަޢުނަވީ އެއް ހިތުން
އަޒުމުތައް ދިރޭ ދިވެހި ޤަައުމީ ދުވަސް