އަދުގެ ޚާއްސަ

Print

އަލްއިމާމު އިބްނު ތައިމިއްޔާ - (ދެވަނަބައި)

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ ޚާއްޞަ


ލިޔުއްވިފޮތްތައް
ޢަބްދުﷲ ފާރޫޤު ޙަސަން

އަލްއިމާމު އިބްނު ތައިމިއްޔާ ދުނިޔޭގައި އުޅުއްވީ 66 އަހަރުއެވެ. އެމުއްދަތުގެތެރެއިން ގިނަދުވަސްތައް ހޭދަކުރެއްވީ ކިޔަވައިދެއްވުމުގައެވެ. އެކިފަހަރުމަތީން ޖަލުގައިވެސް ދިގުމުއްދަތެއް ހޭދަކުރެއްވިއެވެ. އޭގެ އިތުރަށް ޖިހާދުގައިވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މިހުރިހާ މަސައްކަތްޕުޅުތަކަކާއެކުވެސް އެކަލޭގެފާނުގެ ތަޞްނީފުތަކުގެ އަދަދު ފަސްސަތޭކައަށް އަރައެވެ. ޢައްލާމާ އައްޛަހަބީ ވިދާޅުވާގޮތުން އެއްހާހަށް އަރައެވެ. އެޒަމާނުގައި އާއްމުވެފައިއޮތް ހުރިހާ އިލްމުތަކެއްގެ ދާއިރާތަކަކަށް އެތަޞްނީފުތައް ބެހިފައިވެއެވެ. އިމާމުގެ ތަޞްނީފުތަކުގެ ތެރެއިން މިމަޒުމޫނުގެ މައުޟޫޢަކީ ސިޔާސަތާބެހޭ މައުޟޫޢުތަކެވެ. އެކަލޭގެފާނު ލިޔުއްވި ފޮތްތަކުގެ ތެރެއިން ސިޔާސަތާ ބެހޭގޮތުން ފާހަގަކޮށްލެވޭ އެއްފޮތަކީ އަލްއިމާމަތު ވައްސިޔާސަތު މިފޮތެވެ. އަނެއްފޮތަކީ އައްސިޔާސަތުއް ޝަރުޢިއްޔާ ފީ އިޞްލާޙިއްރާޢީ ވައްރިޢާޔާއެވެ.

މިދެފޮތްވަނީ ވަރަށްބޮޑަށް މަޝްހޫރުވެފައެވެ. ވެރިކަންކުރުމުގެ އުޞޫލުތައް އެދެފޮތުގައިވަނީ ބަޔާންކުރައްވައިފައެވެ. ވެރިންނާއި ރައްޔިތުންގެ ގުޅުމުގެމައްޗަށްވަނީ އަލިއަޅުއްވައިފައެވެ. ވަލިއްޔުލް އަމުރާއި އޭނާގެ ވާޖިބުތަކާމެދުވަނީ ބަޙުޘު ކުރައްވައިފައެވެ. ޝަރްޢީ އިންތަކާއި ހައްދުތަކާއި އިސްލާމީދައުލަތެއްގެ ބަޖެޓާމެދުވަނީ ވާހަކަ ދައްކަވައިފައެވެ. މިމަޢުޟޫގައި ފާހަގަކޮށްލެވޭ އަނެއްފޮތަކީ މިންހާޖުއް ސުންނާއެވެ. އެފޮތަކީ ދީނީ، ސިޔާސީ ފޮތެކެވެ. ޙަޤީޤަތުގައި އެފޮތް ލިޔުއްވައިފައިވަނީ ޝީޢީންނަށް ރައްދު ދެއްވުމުގެ ގޮތުންނެވެ. ނަމަވެސް އެފޮތުގައި ސިޔާސީ އުޞޫލުތައް ވަރަށް ގިނައިންވަނީ ބަޔާންކުރައްވައިފައެވެ. ޚާއްޞަކޮށް ޚިލާފަތުގެ މައްސަލައާމެދު ތަފްޞީލުކޮށްވަނީ ބަޙްޘުކުރައްވައިފައެވެ.

ޚިޔާލުފުޅު ފާޅުކުރެއްވި ބަހުރުވައާއި ހެކިދެއްކެވިގޮތް

އިމާމު އިބްނު ތައިމިއްޔާގެ ތަޞްނީފުތަކުގައިވަނީ އައުޚިޔާލުފުޅާއި އަމިއްލަފުޅުގޮތްކޮޅެކެވެ. އާއްމުގޮތެއްގައި ބޭނުންފުޅުކުރައްވައިފައިވަނީ ޢާއްމުންނަށް ފަހްމުކުރާން ފަސޭހަ ބަހުރުވައެކެވެ. އާއްމުންނަށް ފަސޭހައިން ހަޖަމުކުރެވޭފަދަ ޢިބާރާތްތަކެވެ. ނަމަވެސް އިދިކޮޅުފަރާތްތަކުގެ ޢަޤީދާއަށް ރައްދުދެއްވާން ބޭނުންފުޅުވުމުން ޢިބާރާތްތައް ވަރަށް ވަރުގަދަ ކުރައްވައެވެ. ކުޑަވެސް ދަތިފުޅުކަމެއްނެތި ދަލީލަކަށްފަހު ދަލީލެއްދައްކަވަމުން ހެކިތައްބަޔާންކުރައްވަމުން ގެންދަވައެވެ. ބުއްދީގެ ދަލީލުތަކާއި ޢިލްމީ ޙަވާލާތަކުގެ ޒަރީޢާއިންނެވެ. އެންމެ އިދިކީލިމީހުންވެސް އިސްދަށަށްޖަހައިލަން މަޖްބޫރު ކުރައްވައެވެ. އެފަދަ ޙާލަތްތަކުގައި ބައެއްފަހަރު ޢިބާރާތްތަކުން މަލާމާތުގެ ކުލަވެސް ވަނީފެނިފައެވެ.

އިބްނު ތައިމިއްޔާ އެކަލޭގެފާނުގެ ޙަޔާތްޕުޅު ވަގުފުކުރައްވައިފައިވަނީ އެންމެ މަގުޞަދަކަށްޓަކައެވެ. އެމަޤްޞަދަކީ މުސްލިމުން ކީރިތި ޤުރްއާނާއި ޙަދީޘްފުޅުތަކުގައި ވަރުގަދަޔަކަށް ހިފެހެއްޓުމެވެ. އެހެންހުރިހާ އެއްޗެއްސެއް ދޫކޮށްލުމެވެ. އެކަމަށްޓަކައި އެކަލޭގެފާނު ހަނގުރާމައިގެ މައިދާނަށް ނިކުމެވަޑައިގަތީ "ބަރަހަނާކަނޑިކޮޅެއް" ހިއްޕަވައިގެންނެވެ. އެމަޤްޞަދު ހާޞިލުކުރެއްވުމަށްޓަކައި އެކަލޭގެފާނުގެ ދޫފުޅާއި ގަލަންކޮޅު ވަރަށްފުރިހަމަޔަށް ބޭނުންފުޅުކުރެއްވިއެވެ.

އިމާމު އިބްނު ތައިމިއްޔާ އެކަލޭގެފާނުގެ ސިޔާސީ ޚިޔާލުފުޅުތަކާއި ނަޒަރިއްޔާތައް ސާބިތުކުރެއްވުމަށްޓަކައި މުޅީންހެން ހެކިދައްކަވައިފައިވަނީ ކީރިތި ޤުުރްއާނާއި ކައުސާހިބާގެ ޙަދީޘުފުޅުތަކުންނެވެ. ޞަޙާބީންގެ އާޘާރުތަކުންނާއި މުސްލިމުންގެ މަޝްހޫރު ރަސްރަސްކަލުންގެ ޢަމަލުފުޅުތަކުންވެސް ބައެއްފަހަރަށްވަނީ ހެކިދައްކަވައިފައެވެ. ކީރިތި ޤުރުއާން އެކަލޭގެފާނުގެ ނަޒަރިއްޔާތަކުގެ ބިންގަލަކަށް ހައްދަވަން ވަރަށްބޮޑަށް މަސައްކަތްޕުޅުކުރެއްވިއެވެ. ނަމަވެސް ކީރިތި ޤުރްއާނުގެ އާޔަތެއް އެއްވެސް ވަރަކަށް ތައުވީލުކުރައްވާކަށެއް އެކަލޭގެފާނު ޤަބޫލުފުޅެއްނޫނެވެ. ގަދަކަމުން ވަކިމާނައެއް ނެރުއްވާކަށެއްވެސް ރުހިވަޑައެއް ނުގަންނަވައެވެ. އިމާމު އަބަދުވެސް ނަންގަވަނީ އާޔަތްތަކުގެ ލަފުޒީމާނައެވެ.

މިސާލެއްގެގޮތުން އެކަލޭގެފާނުގެ އައްސިޔާސަތުއް ޝަރްޢިއްޔާގައި، ވެރިން އެބޭފުޅުންގެ ދަށުން މަސައްކަތްކުރާ މީހުން ޢައްޔަން ކުރެއްވުމުގައި އެކަށީގެންވާ ޤާބިލްމީހުން މަޤާމުތަކަށް ހޮއްވެވުމަށް ވަރަށް ބޮޑަށް ބާރުއެޅުއްވިއެވެ. މަޤާމުތައްލިބުން ޙައްޤުނޫން މީހުންނަށް އެއްވެސް ޙާލެއްގައި ރިޢާޔަތެއް ނުދެއްވަން ބާރުއެޅުއްވިއެވެ. ދަލީލެއްގެގޮތުން ބަޔާންކުރައްވައިފައިވަނީ ކީރިތި ޤުރުއާނުގެ އަންނަނިވި އާޔަތެވެ.

" އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ﷲއަށާއި، ރަސޫލާއަށް ތިޔަބައިމީހުން ޚިޔާނާތްތެރި ނުވާށެވެ! އަދި ތިޔަބައިމީހުންގެ އަމާނާތްތަކަށް، އެނގިއެނގިތިބެ ތިޔަބައިމީހުން ޚިޔާނާތްތެރިނުވާށެވެ"
(އަލްއަންފާލު: 27)
މަޝްވަރާކުރެއްވުމުގެ މުހިންމުކަން ވެރީންނަށް ބަޔާންކޮށްދެއްވުމަށްޓަކައި ހުށަހަޅުއްވަނީ ތިރީގައި މިދަންނަވާ އާޔަތެވެ.
"ފަހެ، އެއުރެންނަށް ކަލޭގެފާނު ޢަފޫ ކުރައްވާށެވެ! އަދި، އެއުރެންނަށް ފާފަފުއްސެވުންއެދި ދަންނަވާށެވެ! އަދި، ކަންތަކުގައި ކަލޭގެފާނު އެއުރެންނާ މަޝްވަރާ ކުރައްވާށެވެ!"
(އާލުޢިމްރާން: 159)

އިމާމް އިބްނުތައިމިއްޔާ އެއްގޮތަކަށްވެސް ޟަޢީފު ޙަދީޘެއް ސަނަދަކަށް ނަހައްދަވައެވެ. އެކަލޭގެފާނު މަސައްކަތްޕުޅު ކުރައްވައިފައިވަނީ "ޞަޙާޙުސިއްތާ" (ޙަދީޘުފުޅުގެ ފޮތްތަކުގެ ތެރެއިން އެންމެ ސައްޙަކަންބޮޑު ހަފޮތް)ގެ ދާއިރާއިން ބޭރަށްނިކުމެވަޑައި ނުގަތުމަށެވެ. އެހެންފޮތެއްގެ އެހީ ހޯއްދަވައިފައިވަނީ ވަރަށް ނާދިރު ގޮތެއްގައެވެ. ހާލަކުން ފަހަރަކުއެވެ. އެފަދަ ޙާލަތްތަކުގައިވެސް މަސްނަދު އިމާމުއަޙްމަދަށްވުރެ ބޭރަކަށް ނިކުމެވަޑައެއް ނުގަންނަވައެވެ. މިސާލެއްގެގޮތުން ދަންނަވަމެވެ. އެކަލޭގެފާނު ދެކެވަޑައިގަންނަވާގޮތުގައި މަޑުމައިތިރިކަމާއި ރީތިއަޚްލާޤަކީ ޙާކިމުންނާއި، "މޮހުމާއިގޮށްޖެހުމުގެ" އަހްލުވެރީންނަށް ކޮންމެހެން ބޭނުން ސިފައެކެވެ. އެހެންކަމުން އެކަމަށް ބާރުއަޅުއްވައި ދަލީލެއްގެގޮތުން ދައްކަވަނީ ޞަޙީޙައިނީގައިވާ ޙަދީޘުފުޅެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ، މުޢާޛުބިން ޖަބަލު ޔަމަނުކަރައިގެ ގަވަރުނަރުކަމުގައި ފޮނުއްވިއިރު ދެއްވި ނަސޭހަތްޕުޅުގައި ވިދާޅުވިއެވެ. "އޯގާވެރިކަމާއެކު ކަންތައްކުރައްވާށެވެ.

ހަރުކަށިވެވަޑައިނުގަންނަވާށެވެ. މީސްތަކުންގެ ހިތްތައް އުފާކޮށްދެއްވާށެވެ. އެބައިމީހުންގެ ރުހުން ހޯއްދަވާށެވެ. އެބައިމީހުން ދުޝްމިނުންނަށް ނަހައްދަވާށެވެ." އިތުރު ދަލީލެއްގެގޮތުން ބަޔާންކުރައްވަނީ ބަދަވީންގެމީހަކު މަސްޖިދުއްނަބަވީއަށް ކުޑަކަމުދިޔަ ޙާދިޘާއެވެ. ޞަޙާބީން އެކަމާ ނިހާޔަތަށް ކޯފާއިސްވާގޮތްވުމުން އިތުރު ސާހިބާ ޙަދީޘުކުރެއްވިއެވެ. " ތިޔަބައިމީހުން ފޮނުއްވުނީ އޯގާވެރިވުމަށްޓަކައެވެ. ހަރުކަށިވުމަށްޓަކައެއްނޫނެވެ."

އިމާމު އިބްނު ތައިމިއްޔާ ވިދާޅުވާގޮތުގައި އިސްވެރިޔަކަށް ހުންނަވާބޭފުޅަކަށް ހެޔޮއެދުމަކީ ރައްޔިތުންގެ މައްޗަށް ވާޖިބުކަމެކެވެ. އެވާހަކަފުޅުގެ ސަނަދެއްގެ ގޮތުން ގެންނަވައިފައިވަނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘުފުޅެކެވެ. އިމާމު މުސްލިމު ރިވާކުރައްވާ ޙަދީޘުފުޅެކެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘުފުޅުކުރެއްވިއެވެ. "އަރަހުށި މާތްﷲ ތިންކަމަކާމެދު ރުހިވޮޑިގަންނަވައެވެ. އެންމެފުރަތަމަކަމަކީ އެކަލާނގެ ރަސްކަންފުޅަށް އަޅުކަންކުރުމާއި އެކަލާނގެއަށް ޝަރީކުނުކުރުމެވެ. ދެވަނަކަމަކީ އެކަލާނގެ މަގުގައި އެންމެން ގުޅިގެން ހިފެހެއްޓުމާއި ވަކިވަކިވެގެން ނުދިޔުމެވެ. ތިންވަނަކަމަކީ އެކަލާނގެ ތިޔަބައިމީހުންގެ ކަންތައްތަކާ މަތިކުރައްވައިފައިވާ ވެރިމީހާއަށް ހަމްދަރުދީވެ އެމީހާއަށް އިޚްލާޞްތެރިވެ ހެޔޮއެދުމެވެ."

ކުރިންވެސް ދެންނެވިފަދައިން މާތްﷲގެ ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ބަސްފުޅުތަކާއި ޢަމަލުފުޅުތަކުން ދަލީލުދެއްކެވުމުގެ އިތުރަށް ދަރަޖަމަތިވެރި ޞަޙާބީންގެ އާޘާރުތަކުންވެސް ދަލީލު ދައްކަވައިފައިވެއެވެ. ޚާއްޞަކޮށް ހަތަރު ޚަލީފާއިންގެ ބަސްފުޅުތަކާއި އެބޭކަލުން ޢަމަލުކުރައްވައިފައިވާގޮތްކޮޅުން ތަކުރާރުކުރައްވައި ހެއްކާއި ދަލީލު ދައްކަވައިފައިވެއެވެ. މިސާލެއްގެގޮތުން މާތްކަމާއި ދަރަޖައިގެ ގޮތުން އެބައެއްގެ ތެރޭގައި ހުރި އެންމެ ރަނގަޅުމީހާ ކަމުގައިނުވާމީހަކު ޝަރުޢީމަޞްލަޙަތަކަށްޓަކައި ވެރިޔަކަށް ހެދިދާނެކަމުގެ ހެއްކެއްގެ ގޮތުން ބަޔާންކުރައްވަނީ އަމީރުލް މުއުމިނީން އަބޫބަކުރުއް ޞިއްދީޤު ރަޟިޔަﷲ ޢަންހު، ޚާލިދުބުނުލް ވަލީދު ރަޟިޔަﷲ ޢަންހު ކޮމާންޑަރުއިންޗީފްކަމުން ވަކިނުކުރައްވައި އެމަޤާމުގައި ބަހައްޓަވައިފައިވުމެވެ. ޚާލިދުގެ ފަރާތްޕުޅުން އިޢުތިރާޟުކުރެއްވޭފަދަ ބައެއްކަންތައްތައް ފެނިވަޑައިގެންފައިވުމާވެސް އެކުގައެވެ.

ޙާކިމަކު ހަމައެކަނި އޭނާގެ ގާތްތިމާގެމީހަކަށްވީތީ ނުވަތަ ރަޙްމަތްތެރިޔަކަށްވީތީ މީހަކަށް މަޤާމެއްދިނުމާ އިމާމު ވަރަށް ވަރުގަދަޔަށް ދެކޮޅުހައްދަވައެވެ. އެކަމުގެ ދަލީލެއްގެގޮތުން ގެންނަވައިފައިވަނީ އަމީރުލް މުއުމިނީން ޢުމަރުލްފާރޫޤު ރަޟިޔަﷲ ޢަންހުގެ ބަސްފުޅެކެވެ. ޢުމަރުގެފާނު ވިދާޅުވެފައިވެއެވެ. "މުސްލިމުންގެ ވެރިކަމަކާ ޙަވާލުވެހުރިމީހަކު މަޤާމަކަށް މީހަކު ހޮވުމުގައި ޤާބިލިއްޔަތަށް ބެލުމުގެ ބަދަލުގައި ތިމާލޯބިވާ މީހަކަށްވާތީ ނުވަތަ ގާތްތިމާގެ މީހަކަށްވާތީ މީހަކު މަޤާމަކަށް ހޮވައިފިނަމަ އޭނާ މާތްﷲއަށާއި، އެކަލާނގެ ރަސޫލާއަށާއި، މުސްލިމުންނަށް ޣަދަރުވެރިވެއްޖެއެވެ."

ޝަރުޢީ ޙައްދެއް ޤާއިމުކުރާންޖެހޭވަގުތު އެކަމާ ފަސްޖެހޭގޮތްވުމަކީ ރަނގަޅުކަމެއްނޫންކަމަށް އިމާމު ދެއްކެވި ވާހަކަފުޅުގެ ޙުއްޖަތެއްގެ ގޮތުން ގެންނަވައިފައިވަނީ އަމީރުލް މުއުމިނީން ޢުޘްމާން ޛުއްނޫރައިނި ރަޟިޔަﷲ ޢަންހުގެ ބަސްފުޅެކެވެ. ޢުޘްމާނުގެފާނު ވިދާޅުވެފައިވެއެވެ. "މީހެއްގެ މައްޗަށް ޝަރްޢީ ހައްދެއް ޤާއިމުކުރާންޖެހުމުން އެކަމުން އެމީހަކު ސަލާމަތްކުރުމަށްޓަކައި ޝަފާޢަތްތެރިވާ މީހާއާއި ޝަފާޢަތް ޤަބޫލުކުރާމީހާއާ ދެމީހުންގެ މައްޗަށް މާތްﷲގެ ލަޢުނަތް ހުއްޓެވެ."

ސަރުކާރުގެ މުވައްޒަފުންގެ ޢަމަލުތަކާއި އެބައިމީހުން އުޅޭ ނޫޅޭގޮތް ޙާކިމާ ވަރުގަދަޔަކަށް ބައްލަވަންޖެހޭނެކަމަށް އިމާމު ދެއްކެވި ވާހަކަފުޅަށް ދަލީލުދައްކަވައިފައިވަނީ އަމީރުލް މުއުމިނީން ޢަލީ މުރްތަޟާ ކައްރަމަﷲ ވަޖުހަހޫގެ ބަސްފުޅަކުންނެވެ. ގަވަރުނަރެއްގެ އަނިޔާވެރިކަމުގެ ޚަބަރު އިވިވަޑައިގަތުމުން ޢަލީގެފާނު ވިދާޅުވިއެވެ. "އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! އިބަރަސްކަލާނގެ ޚަލްޤުތަކުންނަށް އަނިޔާވެރިވާކަށެއް މިއަޅާފަހަރެއްގައިވެސް އޭނާ އަކަށް އަމުރެއް ނުކުރަމެވެ."

މާތް ޞަޙާބީން ގެ ބަސްފުޅުތަކުގެ އިތުރަށް ތާބިޢީންގެ ބަސްފުޅުތަކާއި ހަތަރު އިމާމުންގެ ބަސްފުޅުތައްވެސް ދަލީލެއްގެ ގޮތުން ބޭނުންފުޅުކުރެއްވިއެވެ. ޚާއްޞަކޮށް ވަރަށް ގިނަ ފަހަރަށް ޢުމަރު ބިން ޢަބްދުލްޢަޒީޒު ޢަމަލުކުރައްވައިފައިވާ ގޮތްކޮޅާއި ހަތަރު އިމާމުންގެ ރައުޔުގެ ވާހަކަ ބަޔާންކުރައްވައެވެ. އިމާމު އިބްނު ތައިމިއްޔާގެ ހެކިދެއްކެވުމުގެ ގޮތްކޮޅަކީ ކަނޑައެޅިގެންހުރި ޝަރުޢީ އުޞޫލުތަކެކެވެ. އެހެންކަމުން ދުނިޔޭގެ ތާރީޚުގެ ހާދިޘާތަކަކަށެއް އެކަލޭގެފާނުގެ ހެކިދެއްކެވުމުގައި އެއްވެސް ޖާގައެއް ނުދެއްވައެވެ.

އިމާމު އިބްނު ތައިމިއްޔާ އޭރަކު ވާހަކަފުޅުދައްކަވާ މަޢުޟޫޢަކާ ގުޅޭގޮތުން ޖައްސަވާ މިސާލުތަކުންވެސް ވަރަށްފުރިހަމަޔަށް ދަލީލު ދައްކަވައެވެ. އެކަލޭގެފާނު ވިދާޅުވެފައިވެއެވެ. ވަލިއްޔުލް އަމްރާ ވެރިކަން ޙަވާލުކުރެވެނީ ހެޔޮކަންތައް ކުރުމަށް މީސްތަކުން ޝައުގުވެރި ކުރުއްވުމަށްޓަކައެވެ. ނުބައިކަންތައްތައް ހުއްޓުވުމަށްޓަކައެވެ. ނަމަވެސް ވަލިއްޔުލް އަމްރު ރިޝްވަތު ހިއްޕަވައި މީސްތަކުން ނުބައި ކަންތައްތައްކުރުމަށާއި އުރެދުންތަކަށް އަރައިގަތުމުގެ ސަބަބަކަށް ވެވަޑައިގަންނަވާނަމަ ވަލިއްޔުލް އަމްރަށް އަމަލުކުރެއްވެމުންއެދަނީ އޭނާއާ އެމަސްއޫލިއްޔަތު ޙަވާލުކުރެވުނު މަޤްޞަދާ ޚިލާފަށެވެ. އެފަދަމީހުންގެ މިސާލަކީ މީހަކު އޭނާގެ ދުޝްމިނުންގެ ކިބައިން ސަލާމަތްވުމަށްޓަކައި ނޯކަރަކު ހޯދުމުން އެނޯކަރު އޭނާގެ ސާހިބާއަށް އެހީތެރިވުމުގެ ބަދަލުގައި ދުޝްމިނުންނާ ބައިވެރިވެ ސާހިބުމީހާގެ ގައިގައި ތަޅައި އަނިޔާކުރުމުގެ މިސާލެވެ. މާތްﷲގެ މަގުގައި ޖިހާދުކުރުމުގެ މަޤްޞަދުގައި މުދާހޯދުމަށް ފަހު އޭގެބޭނުންކޮށްގެން ކާފަރުންނާ ހަނގުރާމަކުރުމުގެ ބަދަލުގައި މުސްލިމުންނާ ހަނގުރާމަކުރާ މީހެއްގެ މިސާލެވެ.

އިބްނު ތައިމިއްޔާ ވިދާޅުވާގޮތުގައި ކުށްވެރީންނަށް ޙައްޤު އަދަބުދިނުމަކީ ކުށްވެރީންނަށް ހުރި ރަޙްމަތެކެވެ. މިސާލެއްގެގޮތުން ވިދާޅުވެފައިވެއެވެ. ބޭސްވެރީން ބަލިމީހުންނަށް ހިތިބޭސްތައް ބޯންދެއެވެ. ހަށިގަނޑުގެ މަސްކޮށައެވެ. ކަށިހަރައެވެ. ހަމައެފަދައިން އިންސާނުން އަމިއްލަޔަށްވެސް ހިތިބޭސްބޮއެވެ. ނުހަނު ބުރަމަސައްކަތް ކުރެއެވެ. ނަފްސާނީގޮތުންނާއި ޖިސްމާނީގޮތުން އަރާމާއި، ރާޙަތުލިބިގަތުމަށްޓަކައެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ