އަދުގެ ޚާއްސަ

Print

އަޅުގަނޑުމެންގެ ބަސް -–އަޅުގަނޑުމެންގެ މޫނު

ޝާޢިއުކުރީ މުޙަންމަދު ޝާހިދު ޙަލީމް . ހިމެނޭބަޔަކީ މާދަރީބަސް


މުޙަންމަދު ޝާހިދު ޙަލީމު


މިއަދަކީ ދިވެހީންގެ ޤައުމީ ދުވަހެވެ. ޤައުމީ ދުވަހަކީ ޤައުމުގެ ކަންތައްތަކާ މެދު ވިސްނައި ފިކުރުކޮށް، ޤައުމީ މަޞްލަޙަތުތަކާއި، ތަރިކަތަކާއި، އަގުތައް، ރައްކައުތެރިކުރުމަށް އައު ޢަޒުމެއް ކަނޑައަޅާންޖެހޭ ދުވަހެކެވެ. ޤައުމުވަންތަކަން އޭގެ މަތީގައި ބިނާވެފައިވާ ބައިތައް، އޭގެ ދުޅަހެޔޮަކަންމަތީގައި ދެމެހެއްޓުމަށް އައު ހިތްވަރަކާއެކު މަސައްކަތް ފަށާންވީ ދުވަހެކެވެ. ޤައުމީދުވަހު ޤައުމުގެ ކަންތައްތައްތަކާ މެދު ޚިޔާލުކުރާ އިރު، އަބަދުވެސް އެންމެ އިސްކަމެއް ދޭން ޖެހޭނީ ޤައުމީ އެއްބައިވަންތަކަމަށާއި އެކުވެރިކަމުގެ މައްޗަށް ކަމާ މެދަކު ޝައްކެއްނެތެވެ. އެހެނީ ޤައުމެއް ޤައުމަކަށް ވަނީ އެ ޤައުމެއްގެ އަހުލުވެރީންނަކީ ޤައުމީ އެއް ސިފަތަކެއް ހިއްސާކުރާ ބަޔަކަށް ވެގެންނެވެ.

މިއަދު ދިވެހިޤައުމުގެ ކަންތައްތަކާ މެދު ފިކުރުކޮށްލާ އިރު، އެންމެ ބޮޑު ސަމާލުކަމެއް ދޭން ޖެހިފައި ވާ އެއް ކަމެއްގެ ގޮތުގައި އަޅުގަނޑުމެންގެ ޤައުމީ ބަސް މަރުވިޔަނުދީ ރައްކައުތެރިކޮށް ދެމެހެއްޓުމަށް މަސައްކަތްކުރުން ހިމެނެއެވެ. އެހެނީ، އަޅުގަނޑުމެންގެ ބަހަކީ އަޅުގަނޑުމެން އެކުވެރިކޮށް އެއްބަޔަކަށް ހަދާ އެންމެ ވަރުގަދަ އެއް ވަސީލަތެވެ. އަޅުގަނޑުމެންގެ ޤައުމުވަންތަކަމުގެ އެއް ބަހާއެވެ. އަޅުގަނޑުމެންގެ ބަސް އަޅުގަނޑުމެންގެ އަތުން ބީވެގެން ހިނގައްޖެ ނަމަ، އަޅުގަނޑުމެންނާ ވަކިވެގެން އެ ދިޔައީ، އަޅުގަނޑު ދެކޭ ގޮތުގައި، އަޅުގަނޑުމެންގެ ދިވެހިވަންތަކަމުގެ އެންމެ ބޮޑުބަ އެވެ.

މި ވަގުތަކީ މުޅި ދުނިޔޭގައި ވެސް، ދުނިޔޭގައި މީހުން ވާހަކަދައްކައި އުޅޭ ހުރިހައި މާދަރީބަހެއް ރައްކައުތެރިކޮށް ޙިމާޔަތްކުރުމަށް މަސައްކަތްކުރުމަށް ގޮވައިލެވެމުން އަންނަ ވަގުތެކެވެ. އެހެނީ ކޮންމެ ބައެއްގެ ވެސް މާދަރީބަހަކީ އެ ބައެއްގެ މާޒީއާއި މުސްތަގުބަލާ ގުޅުވައިދޭ ފާލަމެވެ.  އެ ބައެއްގެ ވަށައިގެންވާ ދުނިޔެއާ މެދު އެ ބައެއްގެ ވިސްނުމާއި ފިކުރުތައް ހުރި ގޮތް ދައްކައިދޭ ލޯގަނޑެވެ. އެއްވެސް ބައެއްގެ މާދަރީބަސް މަރުވެއްޖެ ނަމަ ދުނިޔެއަށް ގެއްލިގެން އެ ދިޔައީ މީހުން ވާހަކަދައްކައި އުޅުނު ބަހެއް އެކަންޏެއް ނޫނެވެ. އެ ބަހާ އެކު ދުނިޔެއަށް ގެއްލިގެން އެދިޔައީ އެ ބަހުގެ އަހުލުވެރީންގެ މާނަވީ ސަގާފީ ތަރިކައިގެ އަގުހުރި ޚަޒާނާ ވެސް މެއެވެ. ޔުނެސްކޯއިން މީލާދީން 2000ވަނަ އަހަރުން ފެށިގެން ބައިނަލްއަޤްވާމީ މާދަރީބަހުގެ ދުވަހެއް ފާހަގަކުރަމުން އަންނަނީ މި ސަބަބުސަބަބާ ހުރެއެވެ. އެއްވެސް ބައެއްގެ މާދަރީބަސް އުވުނަ ނުދިނުމަށް ހިތްވަރުދިނުމުގެ ގޮތުންނެވެ. އަދި ޔުނެސްކޯ އިން ބައިނަލްއަޤްވާމީ މާދަރީބަހުގެ ދުވަހުގެ ގޮތުގައި 21 ފެބްރުއަރީ ކަނޑައެޅުމަކީ ވެސް މާދަރީބަސް ރައްކައުތެރިކުރުމަށް މަސައްކަތްކުރާ މީހުންނަށް އިތުރަށް ހިތްވަރުދިނުމަށް ކުރެވުނު ކަމެކެވެ. އެހެނީ ފެބްރުއަރީ 21 އަކީ، 1952 ވަނަ އަހަރު، މިހާރުގެ ބަނގްލާދޭޝް، އޭރުގެ އިރުމަތީ ޕާކިސްތާނުގައި، މާދަރީބަހުގެ މައްޗަށް އެހެން ބަހެއް އިސްކުރާން ކުރެވުނު މަސައްކަތާ ދެކޮޅުހަދައި، މާދަރީބަސް ރައްކައުތެރިކުރުމަށް ހިންގުނު ޙަރަކާތުގައި ބަނގްލާދޭޝްގެ ޒުވާނުންތަކެއް ޝަހީދުވީ ދުވަހެވެ.

މި އަހަރުގެ ބައިނަލްއަޤްވާމީ މާދަރީބަހުގެ ދުވަހާ ގުޅިގެން ޔުނެސްކޯ އިން ހިންގި އެއް ޙަރަކާތަކީ ދުނިޔޭގެ މަރުވުމުގެ ނުރައްކައު ކުރިމަތިވެފައިވާ ބަސްބަހުގެ ޗާޓުފޮތުގެ އާ އިސްދާރުގެ އިލެކްޓްރޯނިކު ކޮޕީ ޝާއިޢު ކުރުމެވެ. މަރުވުމުގެ ނުރައްކައު ކުރިމަތިވެފައިވާ ގަތްގަނޑަކަށް 2500 ބަހުގެ މަޢުލޫމާތު މި ފޮތުގައި ހިމަނައިފައި ވެއެވެ. މި ބަސްތައް ބަހައިލައިފައި ވަނީ 5 ބަޔަކަށެވެ. އެއީ އެ ބަސްބަހާ ކުރިމަތިވެފައި ވާ މަރުވުމުގެ ނުރައްކަލުގެ މިންވަރުގެ މައްޗަށް ބަލައިފައެވެ.

މި ދެންނެވި 5 ބައިގެ ތެރެއިން ފުރަތަމަ ބަޔަކީ މަރުވުމުގެ ނުރައްކަލާ ދިމާއަށް ދަތުރުކުރާާ ބަސްބަހުގެ ބައެވެ. މި ބައިގައި ހިމެނޭ ބަސްބަހުގެ އަހުލުވެރީންގެ ތެރެއިން ގިނަ ކުޑަކުދީން އެ ބަހުން ވާހަކަދައްކައެވެ. ނަމަވެސް ބައެއް ތަންތާނގައި (މިސާލަކަށް ގޭގައި) އެ ބަހުން ވާހަކަދެއްކުމަށް ހުއްދައެއް ނޯވެއެވެ. ދެވަނަ ބަޔަކީ މަރުވުމުގެ ނުރައްކައު ޝައްކެއްނެތި ކުރިމަތިވެފައި ވާ ބަސްބަހުގެ ބައެވެ. މި ބައިގައި ހިމެނޭ ބަސްބަހުގެ އަހުލުވެރީންގެ ތެރެއިން ކުޑަކުދީން އެ ކުދީންގެ ގޭގައި މާދަރީބަސް ދަހެއް ނުކުރެއެވެ. ތިންވަނަ ބަޔަކީ މަރުވުމުގެ ނުރައްކައު ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ބަސްބަހުގެ ބައެވެ. މި ބައިގައި ހިމެނޭ ބަސްބަހުގެ އަހުލުވެރީންގެ ތެރެއިން އެ ބަހުން ވާހަކަދައްކަނީ މާމަކާފަމެންނާއި މުސްކުޅީންނެވެ. މައިންބަފައިންނަށް ބަސް އެނގުނު ނަމަވެސް މައިންބަފައިންގެ މެދުގަައި، ނުވަތަ މައިންބަފައިން ދަރީންނާ އެ ބަހަކުން ވާހަކައެއް ނުދައްކައެވެ. ހަތަރުވަނަ ބަޔަކީ މަރުވުމުގެ ނުރައްކައު ނޭވާހޮޅިޔަށް އެޅޭވަރަށް ކުރިމަތިވެފައިވާ ބަސްބަހުގެ ބައެވެ. މި ބައިގައި ހިމެނޭ ބަސްބަހުގެ އަހުލުވެރީންގެ ތެރެއިން އެ ބަހުން ވާހަކަދައްކާ އެންމެ ހަގު އުމުރުފުރައަކީ މާމަކާފަމެންނާއި މުސްކުޅީންނެވެ. އަދި އެބައިމީހުން ވެސް އެ ބަހުން ވާހަކަދައްކަނީ މަދު ފަހަރަކު، ދައްކާވާހަކައިގެ ތެރެއިން ބައެއް ވާހަކައެވެ. ފަސްވަނަ ބަޔަކީ މަރުވެފައިވާ ބަސްބަހުގެ ބައެވެ. ބަހެއް މަރުވެފައިވާ ކަމަށް ބަލަނީ އެ ބަހަކުން ވާހަކަދައްކާ އެކަކު ވެސް ނެތުމުންނެވެ.

މަރުވުމުގެ ނުރައްކައު ބަސްބަހާ ކުރިމަތިވެފައި ވާ މިންވަރު ބަލަނީ، 9 ކަމަކަށް ބަލައިގެންނެވެ. އެ 9 ކަމަކީ ޔުނެސްކޯގެ ތަޖުރިބާކާރުންގެ ވަގުތީ ޖަމާޢަތަކުން ތައްޔާރުކުރި މިންގަނޑު ތަކެކެވެ. މި ދެންނެވި ނުވަ ކަމަކީ: (1) އެއް ޖީލުން އަނެއް ޖީލަށް ބަސް ރައްދުކުރުމާއި، (2) އެ ބަހަކުން ވާހަކަދައްކާ މީހުންގެ ބަރާބަރު އަދަދާއި، (3) ޖުމުލަ އާބާދީގެ ތެރެއިން އެ ބަހަކުން ވާހަކަދައްކާ މީހުންގެ މިންވަރާއި، (4) ބަސް ބޭނުންކުރާ ތަންތަނަށް އަންނަ އުނި އިތުރާއި، (5) ބަސް ބޭނުންކުރާ އައު ތަންތަނާއި، މީޑިޔާ އާ ކުރިމަތިލާ ގޮތާއި، (6) ބަސް ކިޔަވައިދިނުމަށާއި ލިޔާންކިޔާން ދަސްކޮށްދޭން ބޭނުންކުރާ ތަކެއްޗާއި، (7) ސަރުކާރުންނާއި އެހެނިހެން މަޢުހަދުތަކުން ބަހާ މެދު ދެކޭ ގޮތާއި، ގެންގުޅޭ ޕޮލިސީ ތަކާއި، (8) އެ ބަހުގެ އަހުލުވެރީން ބަހާ މެދު ދެކޭ ގޮތާއި، (9) އެ ބަހަކާ ގުޅޭގޮތުން ލިޔެވިފައިވާ މަޢުލޫމާތުގެ ފެންވަރާއި ބާވަތެވެ. މި ނުވަ ދާއިރާގެ ތެރެއިން އެންމެ ދާއިރާއަކަށް ބަލައިގެން ވަކި ބަހަކީ މަރުވުމުގެ ނުރައްކައު ކުރިމަތިވެފައިވާ ބަހެއް ކަމަކަށް ކަނޑައެއް ނޭޅޭނެއެވެ. އެ ކަން ކަނޑައެޅުމަށް މި ދެންނެވި ހުރިހައި ކަމަކަށް އެކުގައި ބަލަން ޖެހެއެވެ.

މަރުވުމުގެ ނުރައްކާ ކުރިމަތިވެފައިވާ ބަސްބަސް ބައިކޮށްލެވިފައި ވާ 5 ބަޔަށާއި، މަރުވުމުގެ ނުރައްކާ ބަހަކާ ކުރިމަތިވެފައި ވާ މިންވަރު ދެނެގަންނަން ބަލާ ކަންތައްތައް ވިސްނުމުގައި ބަހައްޓައިގެން އަޅުގަނޑުމެންގެ މާދަރީބަހާ މެދު ވިސްނައިލާ އިރު އަޅުގަނޑުމެން ފިކުރުބޮޑުވާން ޖެހޭ ކިތަންމެ ކަންތައްތަކެއް އެެބަ ހުރި ކަމަށް އަޅުގަނޑު ދެކެމެވެ. އެހެނީ، އަޅުގަނޑުމެންގެ ބަހާ މެދު އަޅުގަނޑުމެންގެ ބައެއް މީހުންނަކަށް ފަޚުރުވެރިއެއް ނުވެވެއެވެ. އަޅުގަނޑުމެންގެ ބަހާ ދިމާއަށް ނުރުހުމާއި ނިކަމެތިކަމުގެ ލޮލުން ބަލާ މީހުން އަޅުގަނޑުމެންގެ ތެރޭގައި އެބަ ތިއްބެވެ. އަޅުގަނޑުމެންގެ މާދަރީ ބަހުން ދަރީންނާ ވާހަކަނުދައްކާ މައިންބަފައިން އަޅުގަނޑުމެންގެ ތެރޭގައި އެބަ އުޅެއެވެ. އަޅުގަނޑުމެންގެ ބައެއް ގޭގޭގެ މާޙައުލަކީ ދިވެހިބަހުގެ މާޙައުލެއް ނޫނެވެ.

ބައިނަލްއަޤްވާމީ މާދަރީބަހުގެ ދުވަސް، ފެބްރުއަރީ 21 ފާއިތުވެގެން އެ ދިޔައީ އިހަށް ދުވަހުއެވެ. އަޅުގަނޑުމެން ވެސް އެދުވަސް ފާގަކުރީމުއެވެ. އެކަމަކު އަޅުގަނޑުމެންގެ މާދަރީބަހާ މެދު، އެ ދުވަހު ވެސް ފުންކޮށް ވިސްނީ ކިތައް މީހުން ކަމެއް ދަންނަވާކަށް ނޭނގެ އެވެ. މާދަރީބަސް ރައްކައުތެރިކުރުމަށް ޤުރުބާންވީ ޒުވާނުންގެ ޤުރުބާނީން ހިތްވަރު ލިބިގަތީ އަޅުގަނޑުމެންގެ ތެރެއިން ކިތައް މީހުން ކަމެއް ނޭނގެއެވެ.

މިއަދަކީ އަޅުގަނޑުމެންގެ ޤައުމީ ދުވަހެވެ. މިއަދު އަޅުގަނޑުމެން ކަނޑައަޅާ، ނުވަތަ އައުކުރާ ޢަޒުމުތަކުގެ ތެރޭގައި، އަޅުގަނޑުމެންގެ ޤައުމިއްޔަތުގެ އެންމެ މުހިންމު އެއް ބަހާ ކަމުގައި ވާ ދިވެހިބަސް މަރުވިޔަ ނުދީ ރައްކައުތެރިކޮށް، ދިރުވައި، އާލާކުރުމުގެ ޢަޒުމު ހިމަނަމާތޯއެވެ. އަޅުގަނޑުމެންގެ ބަހަކީ އަޅުގަނޑުމެންގެ މޫނެވެ. އަޅުގަނޑުމެންގެ މޫނުގައި އެހެން މޫނުމައްޗެއް ދުވަހަކުވެސް ނާޅާން މިއަދު ނިންމަމާތޯއެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ