އަދުގެ ޚާއްސަ

Print

ރޯދަ މަހުގެ ކަރާފަނި

ޝާޢިއުކުރީ ޢަބްދުﷲ ޞާދިޤު . ހިމެނޭބަޔަކީ ސަމާސާ އަދަބު


ޢަބްދުﷲ ޞާދިޤު

ތޮއްޑޫ ޒުވާނެކެވެ. އެއީ ރާއްޖޭގައި އޮންނަ " ކަރާގެ ސަހަރެވެ". އެކަމަކު އެރަށު މީހަކުވެސް މާލޭގައި އުޅޭކަމަށް ވަނީ ވިއްޔާ އަޅުގަނޑުމެނަށް ވެސް ގަބޫލު ކުރެވޭނެފަދައިން އޭނައަށް ވެސް އެރަށުކަރައެއް ލިބޭނީ އެހެންނާ މާރުކޭޓުން ގަނެގެންނެވެ. ނޫނީ އެރަށު މީހަކު ފޮނުވިއްޔާއެވެ. މިތަނުން ފަހުން މިދެންނެވި ނަސީބު  އެޒުވާނާއަށް ވަނީ ލިބިފައެވެ. އެރަށުން އޭނާގެ ތިމާގެ މީހުން ކަރާ ފޮނުވައެވެ. ޚާއްޞަކޮށް އޭނާގެ ތިމާގެ މީހުން ރޯދަމަހު ވަރަށް ބޮޑަށް މިކަމަށް ސަމާލުކަން ދެއެވެ.

ރޯދަމަސް ދެބައިވި ތަނާހެންވެސް އޭނާގެ ދައްތަ ކަރައެއް ފޮނުވާފައި އޮތެވެ. ހަވީރުވާން ފެށުމުން އަންހެނުން އަހާލިއެވެ. މިރޭ އެއްކަލަ ކަރައިން ފަނިގިރަންވީ ނޫންހެއްޔެވެ؟ އޭނާ ބުންޏެވެ. ނޫނޭ، ނޫނޭ ތިޔައީ މާދޮން ކަރައެކެވެ. އަދި އިހަށް ބާއްވާލާށެވެ. އަހަރެން މާރުކޭޓަށް މިދަނީ ކަރައެއް ގަނެލާށެވެ. ވަރަށް އަވަހަށް އަންނާނަމެވެ.

އިރުއޮއްސުމުގެ ކުރިން ކަރާ ގަނެގެން އައިސް އެއިން ފަނި ގިރާލައިގެން ބޮއިލައިގެން އަނެއްކަރާ ބާއްވާލީއެވެ. ދެންއައީ ވަރަށް ހޫނު ރެއެކެވެ. ދެމަފިރިންނަށް މިތިބީ ތަރާވީސް ދަމުގެ ކަންތަކުން ނިމިގެން ރަނގަޅަށް ނިދިފައެވެ. ކުއްލިއަކަށް ހޭލެވުނީ މާބޮޑަށް ހޫނުވާތީއެވެ.

އަންހެނުން ބުންޏެވެ. މިހާރުދެން އެއްކަލަ ކަރާ ފަޅާލައިގެން ފަނިގިރާލަމާ ހިނގާށެވެ. މިހޫނުވަނީ އަމަށަކު ވަރަކަށް ނޫނިއްޔާއެވެ. އަދިއިތުރަށް ބުންޏެވެ. އަހަރެން މިދަނީ ކަރާބަލައެވެ. ބޮޑުތަށްޓަކާ ވަޅިޔަކާވެސް ގެންނާނަމެވެ. އޭނާއެދިޔަގޮތަށް ގޮސް ބަލާލިއިރު ހަމަ އެބޭއްވިތާނގައި ކަރާ އެބަ އޮތެވެ. އެއްވެސް ފިކުރެއް ނެތި ކަރަޔާ ވަޅިޔާ ތަށްޓަކަށް ލައިގެން އެ ހިފައިގެން އައިސް ބަހައްޓައިފިއެވެ. ފިރމީހާވެސް ދެފަހަރަކު މޫނު ފޮހެލާފައި ލޯހުޅުވާލާފައި އެއްކަލަ ކަރާ އެބަފަޅާލިއެވެ.

ކަމަކު ދާކަށް ނެތެވެ. މިއީ އަދި ދޮންވެސް ނުވާ އެއްޗެކެވެ. އެތެރެ އޮތީ މުޅިން ހުދުވެފައެވެ. ދުވައިގަތީވެސް ހިތިވަހެކެވެ. މީނާ ރުޅިއަރައިގެންފާ ބުންޏެވެ. ހަވީރު މިފަޅާލައިގެން ފަނި ނުގިރުނުކަން ހަމަ ނަސީބެވެ. އަރައިގަތްރުޅިޔާ ވެފައިހުރި ފޫހިން އެހިފައިގެން ބޭރަށް ނުކުމެ ހެނދުނު އުކާލަން ތައްޔާރުކޮށްފައި ހުރި ކުނިގޯންޏަށް އެއްކަލަ ކަރާ އެބަ ވައްޓާލިއެވެ. ދެން ވަޅިދޮވެލައި އަތްދޮވެލައި ހަދައިގެން ފުރިޖުގައި ހުރި ޖޫސްއެތިން ދެމަފިރިން ދެޖޫސްތަށި ބޮއިލައިގެން އެނދަށް އަރާއޮށޯވެ ނިދައިފިއެވެ.

ދެމަފިރިންނަށް ހެނދުނު  ތެދުވެވުނުއިރު ގޭތެރޭގައި މީހަކު ރުޅިއައިސްގެން މާބާރަށް އެއްޗެހި ގޮވާއަޑު އެބަ އިވެއެވެ. އިރުކޮޅަކުން އެއީ ދައްތަގެ އަޑުކަން އެނގިއްޖެއެވެ. ބުނާއަޑު އިވުނެވެ. އަޅެ މީހަކު ހައިރާނެއް ނުވާނެހެއްޔެވެ. އަހަރެން އެބޭއްވީ މިތާނގައެވެ. އެއެއް ބުޅަލެއް މީދަލެއް ނުކާނެކަން ޔަގީނެވެ. އެއީ އަހަރެން މިއަދު ހަވީރު ކަނދި ކައްކަން ގަނެގެން ގެނައި ފުފުލެކެވެ. އެހަމަ މައްޗަށް އަރުއްވައިގަތީކަމެއް ބިންފަޅާލާފައި އަޑިޔަށްދިޔައީ ނޫންކަމެއްވެސް ނޭނގުނެވެ.

މިއަޑަށް ފިރިމީހާ ވަގެއްހެން ފިލަފިލައިގެން ބޮނދަބޮނދައިގެން ބަދިގެތެރެއަށް ގޮސް ބަލާލިއިރު އެއްކަލަ ކަރާ ހަމަ އެ ބޭއްވިތާނގައިއެބަ އޮތެވެ. ދެން އޭނާހިތަށް އެރިއެވެ. މިކުރެވުނުމޮޔަކަމެއް ނިކަން ބަލާބަލާށެވެ. ކަރައެކޭ ހީކޮށް އަހަރެމެންނަށް މިފަޅާލެވުނީ ފުފުލެކެވެ. އަހަރެން މީ އެ ކަރާރަށުގެ މީހަކީމެވެ. މިކަން މީހަކަށް އެނގިއްޖެއްޔާ އަހަންނަށް ކިހާ މަލާމާތެއް ކުރާނެހެއްޔެވެ؟

ދެރައީ މިކަމެއް ކުރެވުނުކަން           
      ކަރަޔާ ފުފުލާ ވަކިނުވިކަން!

އިދާރާ

އެނގޭތަ؟

ވާހަކަ