އަދުގެ ޚާއްސަ

Print

ދިވެހިންނާއި ޤައުމިއްޔަތު

ޝާޢިއުކުރީ އަޙުމަދު ނާޞިރު . ހިމެނޭބަޔަކީ އިޖުތިމާޢީ


އަޙުމަދު ނާޞިރު – ޑައިމަންޑްވިލާ، ސ. ހިތަދޫ

ދިވެހިން އެންމެ ކުލަގަދަކޮށް ފާހަގަކުރާ އެއްދުވަހަކީ ދިވެހިރާއްޖޭގެ ޤައުމީ ދުވަހެވެ. ދިވެހިންގެ މިނިވަންކަން ގެއްލިފައިވަނިކޮށް އުތީމު ބޮޑުތަކުރުފާނު ދިވެހި ޤައުމަށް ފަތަހަހޯއްދެވި ދުވަހެވެ. ޤައުމީ ދުވަސް ފާހަގަކުރުމުގެ ބޭނުމަކީ ކޮބައިތޯއެވެ؟ ދިވެހިންގެ ހިތްތަކުގައި ޤައުމީ ލޯބި އާލާކުރުވުމެވެ. ކާބަފައިން އުޅުއްވި އައިތަވެރި ދިރިއުޅުން އެއްވެސް އުނިކަމެއްނެތި އެއްޖީލުން އަނެއްޖީލަށް ފޯރުކޮށްދިނުމެވެ.

ތާރީޚުގެ ތެރެއަށް ފީނައި މާޒީގެ އުޖާލާ މަންޒަރުތަކަށް ނަޒަރު ހިންގާލާއިރު ފެންނަނީ މާރީތި އުފާވެރި ކުރެހުންތަކެކެވެ. ޤައުމަށް އައިސްފައިވާ ތަފާތު ނޫރާނީ ދައުރުތަކުގެ ހަނދާންތަކާއި އައުދާނަ އިތުރު އަބްޠާލުންގެ ޒިކުރާ ތައް އާވަމުންދެއެވެ. ނަމަވެސް ސަފުހާ ތައް އުކެމުން އައިސް ޒަމާން ބަދަލުވެގެންދިޔައިރު ޤައުމިއްޔަތުގެ ޝުޢޫރުތައް ކިލަނބުވެއްޖެއެވެ. އޭގެ ރުކުންތަކުގެ ބާރު ދެރަވެ ޢިމާރާތް ވެއްޓެން ކައިރިވަނީއެވެ.

ދިވެހި ޤައުމިއްޔަތު ބިނާވެފައިމިވަނީ މައިގަނޑު ހަތަރު ބައެއްގެ މައްޗަށެވެ. އެއީ މާތްގެންވާ އިސްލާމް ދީނާއި ، އުފަން ޤައުމުގެ އަމިއްލަ މާދަރީބަސް ކަމުގައިވާ ދިވެހި ބަހާއި، ދިވެހިންގެ ސަޤާފަތާއި ކާބަފައިން ހޯއްދަވާ ދެއްވާފައިވާ މިނިވަންކަމެވެ. މި ހަތަރު ބަޔަކީވެސް އެއްލެއަކުން ގުޅިފައިވާ ހަތަރުބައެވެ. މިއިން ބަޔަކަށް ލޮޅުމެއް އެރިއްޔާ އޭގެ އަސަރު އަނެއް ބައިތަކަށް ކުރާނެކަމީ ޝައްކެއް ހުރިކަމެއް ނޫނެވެ.

މާތްވެގެންވާ އިސްލާމް ދީނުގެ އުސޫލުތަކާއި ދީނީ އަޤީދާ ޅަދަރިންގެ ކިބައިގައި އަށަގެންނެވުމަށް މާޒީގައި ކުރެވުނު ކަންތައްތައް މިހާރު ކޮބައިބާވައެވެ؟ އެދުރުގެއިން ޢަރަބި އަކުރު އުނގަންނައި ނިމުމުން ފަރިވަޅުކައްކައި ޢައްމަ ފޮތުގެ ސޫރަތްތައް ކިޔަވަން ސަލަވާތް ފާތިހާގެ ބަރަކާތުން ފެށި ފެށުމާއި ކުޑަކުދިންނަށް "ސާޅީސް ނަމާދު " އަދާކުރުވުމަށް އެދުރުބެ ނޫނީ އެފަދަ އެހެން ބޭކަލަކާއެކު މިސްކިތަށް ފޮނުވި ފޮނުވުން މިހާރު ނުފޮނުވައެވެ. ހަމަގައިމު ވެސް އޭރުގެ ކިޔަވާގެއިން ނިކުންނަ ކުއްޖާ ޢައްމަ ފޮތުން ކިޔަވަން އެނގި ނަމާދު ކުރަން އެނގި ނަމާދުގައި ކިޔާތަކެތި ދަސްވެ މިހުރިހާ ކަމެއް ފުރިހަމަ ވެ މަދުރަސާއަކަށް ނުވަތަ މަކުތަބަކަށް ދާއިރު ހުންނަނީ ތަސައްރަފު ފުދިފައެވެ. މިހާރު މިފަދައިން މިކަންތައް ނުކުޅަޔަސް ވަކިއަތަކަށް ބުރަނުވެ ދަންނަވަންޏާ ދެންނެވޭނީ މިހާރުގެ މައިން ބަފައިން ދަރިންގެ ދީނީ އަޤީދާ ހަރުލައްވައި ދީނީގޮތުން ކުއްޖާ ހޭލުންތެރި ކުރުވާކަށް މިމަސައްކަތްތަކެއް ނުކުރާކަމަށެވެ. ޕްރީ ސްކޫލާއި ޕްރައިމްރީ ސްކޫލްތަކެއް ހުރުމުން ގިނަ މައިންބަފައިން ދެނެވަޑައިގަންނަވަނީ އެއީ މަދުރަސާތަކުގެ ޒިންމާއެއްކަމަށެވެ. ނޫނެކެވެ. މަދުރަސާއަށް ދިޔަޔަސް އެއީ މައިން ބަފައިންގެ ޒިންމާއެކެވެ. މިއަދު ކިޔަވާ ކުދިންގެ ހިތްތަކުގައި ދީނީ ހޭލުންތެރިކަން ނެތުމުގެ ސަބަބަކީ މިއީ ނޫންތޯއެވެ.

ކުރީގެ މަކުތަބުގަޔާއި މަދުރަސާތަކުގައި ދިވެހި އަކުރުތައް ރީތިކޮށް ލިޔުއްވުމަށް ވަރަށް ބޮޑަށް ބާރު އެޅުވުނެވެ. އެގޮތުން ލިޔުން ވަކި މާއްދާއެއްގެ ގޮތުގައި އޮވެ ފޮޅުވަތް އަޅައިދީ ލިޔުއްވައި އެއަށް މާކުސް ދެވި ކުއްޖާއެކަމަށް އަހުލުވެރި ކުރެވުނެވެ. ފަސޭހަ ދިވެހި އާއި ކުޑަކުދިންގެ ބަގީޗާ ފަދަ ޅަކުދިން ނަށް ބަސް އުނގަންނައިދޭން އޭރު ހުރި ފޮތްތަކަކީ މިހާރު ހުރި ފޮތްތަކަށްވުރެ މޮޅު ފޮތްތަކެއް ތޯ ނުވަތަ ނޫންތޯ އެއީ ކިޔުންތެރިން ވިސްނާލަންވީ ނުކުތާއެކެވެ. ވަކި ހިސާބަކުން ދަރިވަރުންގެ އެހީތެރިޔާއާއި އެއްކޮށްލިބާގާ އިން ދަރިވަރުންގެ ދިވެހި ބަސް މުއްސަނދި ކުރުމަށް ކުރެވުނު މަސައްކަތުގެ އަގުހުރި ނަތީޖާތައް ހޯދިފައި ހުރީ އޭރުގެ ބަހުގެ އުސްތާޛުންގެ މޮޅު ކަމުންނެވެ. މިދުވަސްވަރަކީ ކުދިންނާއި ރައްޓެހި ވަށާޖެހިފައިވާ ތަޢުލީމެއް އޮތް ޒަމާނަކަށްވީ ހިނދު މިކަންތައް އޭރަށްވުރެ ކާމިޔާބު ގޮތަކަށް ނުގެންދެވެންވީ ސަބަބެއް އެބައޮތްތޯއެވެ؟ މިހާރު އޯލެވެލް ނިންމާ ކުދިންނަށްވެސް ރިތިކޮށް ތާނަ ލިޔާކަށް ނޭގެއެވެ. މިޒަމާނުގެ މަސްނޫޢީ ސިކުނޑިތަކުގެ އެހީގައި ލިޔުނަސް އޮފީސްތަކުގައި އަތުން ލިޔާ ލިޔުންތކެއްވެސް މަދެކޭ ނުދެންނެވޭނެއެވެ. މަދު ކުދިންތަކަކަށް ޕޯޑިއަމްގެ ކައިރީ އަނގަތަޅާލެވުނަސް ގިނަކުދިންނަކީ އެކަމަށް އެހާ " ކޮލިފައި" ކުދިންނެއްނޫނެވެ. ލިޔުންތެރިންގެ ޢަދަދު ގިނަޔަސް ކުށްމަދު ލިޔުންތަކެއް މަދެއްނޫނެވެ.

ދިވެހިންގެ ރީތި ޢަދަކާދަތަކަކީ އިސްލާމީ އަދި އިޖުތިމާއި ރީތި އަދަބުތަކުގެ ފޭރާން ލެވިފައިވާ ވަރަށް މާތް އަގުހުރި އާދަކާދަ ތަކެކެވެ. ދިވެހި ރާއްޖެ އިސްލާމްވެ ދީނީ ގޮތުން ބުއްދި ހަމަވުމާއެކު ފެނިގެންދިޔަ ދިވެހި ސަޤާފަތަކީ އެހެން މީހުންނަށް ހުރި ނަމޫނާތަކެކެވެ. ތަޢުލީމު އުނގެނުމުގަޔާއި ، ކުޅިވަރުކުޅުމުގަޔާއި މީހުންގެ ތެރޭ އުޅުމުގަޔާއި މިހެންގޮސް މިފަދަ އެތައް ދާއިރާތަކަކުން ދިވެހި ކާބަފައިން އަހުލުވެރިކޮށްދެއްވި ސަޤާފަތުގެ ކަންފުޅެއްވެސް މިދިވެހި ޤައުމުގެ ފަސްގަނޑުން މިހާރު އެބަފެނޭބާވައެވެ؟ މީގެ ސަބަބުން ދިވެހިން ގެ ދީނީ ހޭލުންތެރިކަމަށާއި ދިވެހިންގެ ބަހަށް އެޅިފައިވާ ހިޔަނީގެ ވާހަކަ އިތުރަށް ދައްކާކަށް އަޅުގަނޑު ނެތީމެވެ. މިކަންތައްތައް މިގޮތަށް ދަންޏާ ދިވެހިންގެ އުޅުން ފުރޮޅާލަން ދެންނަގާނީ ކިތައް އަހަރު ތޯ ނުވަތަ ކިތައް ދުވަސްތޯ ތިޔަބޭފުޅުން ވިސްނާލައްވާށެވެ.

ދިވެހި ޤައުމުގެ މިނިވަންކަން ކޮންމެފަހަރަކުވެސް ގެއްލިގެންދަނީ ދިވެހިންގެ ތެރެއިން ބަޔަކު ޤައުމަށް ޚާއިނުވެގެންނެވެ. ނުވަވަނަ ހަސަން ރަސްގެފާނާއި ހަސަންތާޖުއްދީނުގެ ދެދަރިކަލުންނާއި ކަޅުމުހައްމަދާއި ، ނޮވެންބަރު 3 ގެ ޢުދުވާނުގައި ހިމެނޭ ބައިވެރިންނަކީ ދިވެހި ތާރީޚުގެ ސަފުޙާތައް ލެއިން ފަވާލާ ކަޅުއަނދިރިކަމުގެ ތެރެއަށް ގެންދިޔަ މީހުންނެވެ. މިމީހުންގެ ޣައްދާރީ ޢަމަލުތަކުން ނޫނީ މިޤައުމުގެ އިސްތިޤްލާލަކަށް އެއްވެސް އުނިކަމެއް ނާދެއެވެ.
ޤައުމިއްޔަތަށް ލޯބިކުރުމަކީ މިދެންނެވި މައިގަނޑު ބައިތަކުގެ ބާރު ގަދަކޮށްދޭނެ ހަމައެކަނި ބޭހެވެ. ޤައުމެއްގެ އަފްރާދުންގެ ހިތްތަކުގައި އެޤައުމަކަށްޓަކައި ޤައުމީ ލޯބި ނެތް ބައެއްގެ މިނިވަންކަން ދެމިއެއް ނޯންނާނެއެވެ. ޤައުމަށްޓަކައި ލޯބި އުފެދި ޤައުމަށް ހެޔޮއެދިގެން މަސައްކަތް ކުރަން މިއަދުގެ ކިޔަވާ ކުދިންނަށް ޤައުމީ މަންހަޖުގެތެރެއިން މިއަށްވުރެ ޒިންމާދާރު ގޮތަކަށް ދަސްކޮށްދެން އެބަޖެހެއެވެ. މިއަދުވެސް ދިވެހި ދަރިންގެ އަޒުމަކަށް ވާންވާނީ އެދަރިންގެ މޭ ޤައުމަށްޓަކައި އައްޑަނަކައަކަށް ދޫކޮށްލުމެވެ. ހަމަ މިމޭރުމުން އެކުދިންނަށް ޝަޚުސިއްޔަތެއް ހުރި ލޯތްބަކީ އަދި އާރުލާވެސް ލޯތްބަކީ، ފަޚުރާ ޝަރަފުވެރި ބާރަކީ ޙުއްބުލްވަޠަންކަންވެސް ދަސްވާން އެބަޖެހެއެވެ. ދޮގެއްތޯއެވެ؟

އިދާރާ

ވާހަކަ