އަދުގެ ޚާއްސަ

Print

ޣީރަތާއި ޓޮލަރޭޓް

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ އިޖުތިމާޢީ


އާދަމް ނަޞީރު އިބްރާހީމް
 
ދިވެހި ލިޔެކިޔުމުގެ ތާރީޚުން ދިގު ރޮނގެއް ދަމާލީމެވެ. އޭގެ ދެކޮޅުން ވަރަށް ތަފާތު ދެ ލަފުޒެއް ފެނުނެވެ. ދެ ޒަމާނެއްގެ ދެލަފުޒެވެ. ދެ ބަހެއްގެ ދެ ލަފުޒުވެސްމެ އެވެ.  ޢަރަބި ބަހާއި އިނގިރޭސި ބަހުގެ ދެލަފުޒެވެ. މީގެ ތެރޭން ދުވަސްވެފައިވަނީ ޢަރަބި ލަފުޒަށެވެ. އެ ލަފުޒަށް ކިޔަނީ ޣީރަތެވެ. ނުވަތަ ޣީރަތްތެރިކަމެވެ. ހަގު ލަފުޒަށް ކިޔަނީ ޓޮލަރޭޓެވެ. ލިޔެކިޔުމުގައި ޓޮލަރޭޓު ކުރުން، ޓޮލަރޭޓު ނުކުރެވޭ މީހުން، މި ފަދަ ބަސްތައް ހިމެނިގެންދާތަން މިހާރު އެބަ ފެނެއެވެ.

މި މަޒުމޫނުގައި އެއްޗެއް ދަންނަވާލެވޭތޯ އަޅުގަނޑު ބަލާނީ މި ދެލަފުޒުން ދިވެހި ބަހަށް ފޯރާފައިވާ އަސަރަކަށް ނޫނެވެ. ދިވެހީންނަށް ފޯރާފައިވާ އަސަރަށެވެ. ދިވެހިންގެ މާނަވީ ފިކުރީ ވެށްޓާ މި ދެލަފުޒާ ދެމެދުހުރިކަމަށް އަޅުގަނޑަށް ވިސްނޭ ގުޅުމެއްގެ މައްޗަށެވެ! 

ޣީރަތްތެރިކަމަކީ، އިންސާނާގެ ފިޠުރަތުގައި ޤުދުރަތުން ލައްވާފައިވާ ސިފައެކެވެ. ތިމާ ލޯބިވާ މީހެއް ނުވަތަ ތަނެއް، ނުވަތަ އެއްޗެއް ނިކަމެތި ކޮށްލެވޭ ހިނދުގައި، އެކަން އެކުރާ ފަރާތެއްގެ މައްޗަށް ތިބާގެ ހިތުގައި އުފެދޭ ނަފުރަތުގެ ޝުޢޫރަކީ ޣީރަތްތެރިކަން ކަމުގައި ޢަރަބި ބަސް ދެނެވަޑައިގަންނަވާ ބޭފުޅުންގެ އަރިހުން އެނގިފައި ވެއެވެ. މި ސާލަކަށް ތިބާގެ މަންމައާ ދިމާއަށް، މީހަކު އެއްޗެއް ބުނުމުން، އެހެން މީހެއްގެ މަންމާއާ ދިމާޔަށް އެފަދަ އެއްޗެއް ބުނެވޭ ޙާލަތުގައި ކުރާ އަސަރާ ޚިލާފު އަސަރެއް ތިބާ އަށް ކުރާނެއެވެ. އެ ހެން ކަމުން މަންމައަށް އިހާނެތި ބަސް ބުނި މީހާގެ މައްޗަށް ކުރެވޭ ނަފުރަތަކީ، ނުނިޔަތްލެވޭ ނުނިޔަތް ލުމަކީ، މަންމަގެ މައްޗަށް އޮތް ލޯބީގެ ސަބަބުން ތަންފީޒުވީ ކަމެކެވެ. އެއީ ޣީރަތްތެރިކަމެވެ.

ޓޮލަރޭޓް މިއީ އިނގިރޭސި ބަހެއްކަމާއި، އެބަހުގެ މާނައަކީ، ކަންކަން ތަޙަންމަލު ކުރުން ކަމަށް އިނގިރޭސި ބަހަށް ފާގަތި ބޭފުޅުންގެ އަރިހުން އެނގިފައިވެ އެވެ.  މި ޒަމާނުގައި ކޮންމެ މީހަކުވެސް ވާންޖެހޭނީ ރަނގަޅަށް ކަންކަން ޓޮލަރޭޓު ކުރެވޭ ފަދަ މީހަކަށް ކަމުގައި ބުނާތީ އަހަމެވެ. މި ޒަމާނުގެ ކުރިއަރާފައިވާ މީހުންގެ ގޮތަކީ އެއީ ކަމަށް ވެއެވެ. ޓޮލަރޭޓު ނުކުރެވުމަކީ، ''ނައިސް''  މީހުންގެ ގޮތެއް ނޫންކަމަށްވެ އެވެ.

އަޅުގަނޑަށް ސުވާލު އުފެދެނީ މިހާ ހިސާބުންނެވެ.  މި ޒަމާނަކަށް އައިސް "ޣީރަތްތެރިކަން'' މި ބަސް އަރުއްވައިގަތީ ކީއްވެބާ އެވެ. ލިޔުމަކުން ވެސް ނުފެނެއެވެ. ތަޤުރީރަކުން ވެސް ނީވެ އެވެ. އެކަމަކު ޣީރަތްތެރިވާންވީ މީހުންނާއި ތަކެއްޗާއި ތަންތަން ފެނެއެވެ.  އެކަންކަން އެބަ ހުއްޓެވެ. ދީނުގެ ޣީރަތްތެރި ކަމެވެ. ގައުމުގެ ޣީރަތްތެރިކަމެވެ. ދިވެއްސަކަށްވީތީ، ދިވެހި ވަންތަ ކަމުގެ ޣީރަތްތެރިކަމެވެ.

ދިވެހިންގެ ފޮތުންނާއި ގޮތުން ''ޣީރަތްތެރިކަން'' ފޮހެވުމަކީ، ދިވެހިންގެ ހިތުން ވެސް ޣީރަތްތެރިކަން ފޮހެވުން ނޫންބާވައެވެ. އެހެން ކަމަށްވާނަމަ އެއީ ވަރަށް ބިރުވެރި ކަމެކެވެ. ބިރު ހުރި ކަމެކެވެ.  އެހެން ވެއްޖެ ނަމަ، ހަމަގައިމުވެސް ނުނި ކުމެ ނުދާނެ ނަތީޖާއެއް އޮންނާނެއެވެ. އެއީ ޣީރަތްތެރި ކަމުން އަގުއަރައި، ކަރާމަތާ ޤަދަރު އުފުލުނު ހުރިހާ ތަންތަނާއި ކަންކަމާއި ސިފަތައް ފުރައްސާރައިގެ ބާޒާރުގައި ވުމެވެ. ތިބާ މުސްލިމަކަށްވެ ހުރި ހާލު މީހަކު، ދީނަށް ފުރައްސާރަ ކުރަނީއެވެ. އަސަރެއް ނެތެވެ. ތިބާ ދިވެހި ބިމަށް އުފަން ދިވެއްސަކަށްވެ ހުރި ހާލު މީހަކު ދިވެހި ގައުމުގެ ތާރީޚާއި ދިވެހި ވަންތަކަމަށް އިހާނެތިކޮށް ހިތަނީ އެވެ. ފަރުވާލެއްނެތެވެ.  ކީއްވެހެއްޔެވެ؟ ތިބާއަކީ ''ކުރި އަރާފައިވާ'' ދިވެއްސެކެވެ. ތިބާ ތިޔަ އިންނެވީ ޓޮލަރޭޓު ކުރައްވައިގެންނެވެ.

މާފު ކުރައްވާށެވެ! އަޅުގަނޑުގެ މަޤުޞަދަކީ އެއްވެސް ބަހަކަށް، އެއްވެސް ރަށްވެހި ކަމަކަށް ތަޢައްޞުބުވުމެއް ނޫނެވެ. އެކަމަކު އަޅުގަނޑު މި ދަންނަވަނީ މި ވާހަކަ އެވެ. އައްސުލްޠާނު ޢަލީ ހަވަނަ (ޝަހީދު އަލި ރަސްގެފާނު)ގެ މަތިވެރި ޤުރުބާނީއާ ބެހޭ ގޮތުން ވާހަކަ ދެކެވުނު ތަނެއްގައި، ބޯން އިން ލަވާޒާ ކޮފީތަށިން ކޯވަރެއް ދަމާލާފައި އެކަކު ބުންޏެވެ. ''ތިއީ ކުރުނބާ ބޯންއުޅެ މަރުވި މީހެއް''  سبحانﷲ އެވެ. މިއީ ވެސް ހަމަ ދިވެހިންބާވައެވެ. މުސްލިމުން ބާވަ އެވެ.  އޭނާގެ މި ވާހަކައަށް ދެންތިބި ގިނަ  މީހުން ހީނގަތް އަޑަށް، ވަށައިގެން ހުރި ފާރުތަކުގައި ރެނދު ނުލާކަމެއް ވެސް ނޭނގެއެވެ.  މިއީ ވެސް ޓޮލަރޭޓު ކުރުން ހެއްޔެވެ؟ ޤައުމީ ޣީރަތާއި ވަޠަނީ ލޯތްބާއި، އިންސާނީ ކުލުނު ކޮބައިތޯއެވެ؟ މި ފަދަ ޖީލެއްގެ ދަރީން، މާދަމާ ޤައުމަށް ބޮޑުކަމެއް ދިމާވާ ވަގުތު ގައުމުގެ ދިފާޢުގައި ނުކުންނާނެ ކަމުގެ އޮތީ ކޮންޔަޤީން ކަމެއް ހެއްޔެވެ؟ އެހެންކަމަށްވާނަމަ ޤައުމީ ނިސްބަތުގައި އެފަދަ ޖީލެއްގެ ބޭނުމަކީ ކޮބައިހެއްޔެވެ؟

އަޅުގަނޑު ދަންނަވާލަން މި އުޅުނީ، މިވާހަކަ އެވެ.  ތަޙަންމަލު ކުރުމަކީ ވެސް ވަކި އިމެއްގައި އޮންނަންވާނެ ކަމެކެވެ. އެއްވެސް މީހެއްގެ މައިންބަފައިންނާއި، އަނބިދަރީންނާއި، ދީނާއި ގައުމުގެ ލޯތްބާއި ކަރާމާތަކީ ކުޑަ އެއްޗެއް ނޫނެވެ. އެކަންކަމަށް ބަހުން ނަމަވެސް ޢަމަލުން ނަމަވެސް، އިހާނެތިކޮށް ހިތޭތަނެއްގައި ދިފާޢުގައި އަޑު އުފުލުމަކީ ނެތްކަމެއް ނޫނެވެ. އަދި ކިއެއްތަ އެއީ ކުރަން ޖެހޭނެ ކަމެކެވެ. ލާޒިމުކަމެކެވެ. ފަސް ޙިއްސު ސަލާމަތުން ހުރިނަމަ ކުރާނެ ކަމެކެވެ.

ތުރުކީގެ ބޮޑުވަޒީ ޠައްޔިބު އެރުދޯޣާން ދާދި ފަހުން ދުނިޔޭގެ ފެންވަރުގެ ފޯރަމަކުން ނިކުމެވަޑައިގަތީ ފަލަސްޠީނުގެ މީހުންނަށް އިސްރާއީލުން ދެމުންގެންދިޔަ އިހާނެތި ޙަމަލާތަކުގެ ސަބަބުން ހިތްޕުޅުގައި އުފެދިފައިވާ ޝުޢޫރުތަކެއްގެ ސަބަބުންނެވެ. އެމަނިކުފާނުގެ ހިތްޕުޅުގައި އޮތީ ދީނީ ލޯތްބާއި އިންސާނީ ކުލުނުގެ ޣީރަތްތެރިކަމެވެ.  އެކަމަކު އިސްރާއީލާއި އެމީހުންގެ ވާގިވެރިންގެ ކުރިމަތީގައި އެރުދޯޣާންވީ ޑިމޮކްރަސީ އަށް ކުފޫ ހަމަ ނުވާ، ޓޮލަރެންސީއެއް ނެތް މީހަކަށެވެ.

ކަން މިހެން އޮތް އިރު، އަޅުގަނޑަށް ވިސްނޭ ގޮތުގައި ކަންކަން ތަޙައްމަލު ކުރުމަކީ ވެސް އެކި މީހުންނަށް އެކި ގޮތަށް މާނަ ކުރެވޭ ކަމެކެވެ. ހަމަ އެހެންމެ ކޮންމެހެނެއް އެކަން އޮތަސް އެއީ  އޮންނަންވާނެ ވެސް ކަމެކެވެ. ''ޓޮލަރޭޓު'' ކުރެވެން ޖެހެއެވެ. ޣީރަތްތެރިކަމުގެ ރޫޙާ އެކުގައެވެ. ޕެޓުރޯލަށް ފުޅިމަދު ވިރޭހެން އޭގެ އެއްލަފުޒަކުން އަނެއް ލަފުޒު ވިރި، ހުލިވެގެން ނުވާނެ އެވެ. ދެ ލަފުޒާއި، ދެ ޖަޒުބާތު އެއްހަމައެއްގައި އެއްފަސް ވާންޖެހެއެވެ. އެހެންކަމުން، ކިތަންމެ ޒަމާނެއް ވެފައި ވިޔަސް، ޣީރަތްތެރިކަން އަލުން އަޅުގަނޑުމެންގެ ތެރެއަށް އެބަ ގެންނަންޖެހެއެވެ.  އެ ލަފުޒަށް އަލުން މި ގައުމުން ތަންދޭންޖެހެއެވެ. އަޅުގަނޑުމެންގެ ހިތްތަކާ ނަފުސުތަކުން ޖާގަ ދޭންޖެހެއެވެ. އޭރުން، ފީވެ ބުރިބުރިވެފައި ހުންނަ ދިވެހި ދިދަ އޮޑި ދޯނި ފަހަރަކުން ނުފެންނާނެ އެވެ. ގައުމީ ދުވަހާއި، ގައުމުގެ ރަންހަނދާން ތަކާ ގުޅިފައިވާ އެފަދަ އެހެނިހެން ދުވަސްދުވަހު،  އަވައްޓެރި ބަނގުލަދޭޝް މީހުން، އަޅުގަނޑުމެންގެ އަމިއްލަ ގައުމުގެ ދިދަ ހިފައިގެން ނިކުމެއް މަގުމަތީ ދިދަޖަހަން އުޅޭ މަންޒަރު ފެނުމުން، ތިބާގެ ލޯބިވާ އުފަން ދަރި ދަރިފުޅު  ދޮންމަންމައެއް ނުވަތަ ދޮން ބައްޕައެއްގެ  އަތްމަތީ ވަނިކޮށް ފެނުމުން ކުރާ ފަދަ ހިތްދަތި އަސަރު ތިބާގެ ހިތަށް ނުކޮށެއް ނުހުންނާނެ އެވެ. ދިވެހި ބަހާއި، އަމިއްލަވަންތަކަން ދެކެ ލަދުގަންނަ ދިވެހިންވެސް މަދުވާނެ އެވެ.  ދިވެހިންގެ ދީނާއި، ދިވެހި ވަންތަކަން ނަގަހައްޓާނެ ޖީލެއް ފައްކާވާނެއެވެ. އެ ކުދީން ޅެންވެރިޔާގެ މި ޝުޢޫރުތައް ހެމުން  އުފަލުން ކިޔާނެ އެވެ.

''ކޮން ފަދަ ނަސީބެއްތޯއެ މީ ދޮންވެލި ބިމެއްގައި ލެއްވުމީ
             ހަންހާރަވެތި ދިވެހިންގެމީ ގިންތީ ތެރޭ   ހިމެނުއްވުމީ

ތާރީޚަކާއި ސަގާފަތެއް، މާރީތި އަޚުލާޤިއްޔަތެއް
             ޖާރީވި ނަލަ ޤައުމިއްޔަތެއް މާޒީވި     ނަސްލެއްގައިވުމީ

ދިވެހިން ދިވެހި ބިމުގައި އުޅޭ، ދިވެހިން ދިވެހި ދީނަށްއުޅޭ
             ދިވެހިން ދިވެހި ގޮތުގައި އުޅޭ ދިވެހިންގެ ދަރިއެއްކަމުވުމީ''

                      (ނިމުނީ)


ޅެންބައިތުތައް: އަލްމަރުޙޫމް ޔޫސުފު މުޙަންމަދު ފުޅުގެ ޅެމަކުން ނަގާފައި.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ