www.fanvai.info

Print

ދިވެހި ކްރިކެޓް - 1

ޝާޢިއުކުރީ މުފީދު ތިންމީމު . ހިމެނޭބަޔަކީ ކުޅިވަރު


ތިންމީމު

ރާއްޖެއިން ބޭރުން ރާއްޖެއަށް އެތެރެވި ކުޅިވަރުތައް ވަރަށް ގިނައެވެ. އޭގެ ތެރެއިން ބައެއް ކުޅިވަރުތަކަކީ ރާއްޖޭގައި ވަރަށް މަޝްހޫރު ކުޅިވަރުތަކެކެވެ. މަޤްބޫލު ކުޅިވަރުތަކެކެވެ. ކުޅިބަލާމީހުން ގިނަ ކުޅިވަރުތަކެކެވެ. ކުޅުންތެރިން ގިނަ ކުޅިވަރުތަކެކެވެ. ނަމަވެސް، ބައެއް ކުޅިވަރުތައް އެހާ މަޤްބޫލު ނޫނެވެ. މަޤްބޫލު ނޫން ކުޅިވަރުތައްވެސް ބައެއް ދުވަސްވަރަށް މަޝްހޫރުވެއެވެ. މަޝްހޫރުވިނަމަވެސް، ބައެއް ދުވަސްވަރު އެކުޅިވަރުތަކުގެ އަޑެއް އެއްގޮތަކަށްވެސް ނީވޭފަހަރުވެސް އާދެއެވެ. އަދި ބައެއް ކުޅިވަރުތަކަކީ މަޝްހޫރު ކުޅިވަރުތަކެއް ނޫނެވެ. މަޤްބޫލު ކުޅިވަރުތަކެއް ނޫނެވެ. އެފަދަ ކުޅިވަރުތަކުގެ ކުލައެއް، ވަހެއް ދިވެހި ޖައްވުގައި ނުޖެހުނެވެ. މިއީ ޖުމުލަގޮތެއްގައި ބޭރުން ރާއްޖެއަށް އެތެރެވި ކުޅިވަރުތަކަށްވީގޮތެވެ.

ކްރިކެޓަކީވެސް ރާއްޖެއިން ބޭރުން ރާއްޖެއަށް އެތެރެވި ކުޅިވަރުތަކުގެ ތެރޭގައި ހިމެނޭ ކުޅިވަރެކެވެ. ރާއްޖެއަށް އެތެރެވިތާ ގިނަދުވަސްވީ ކުޅިވަރެކެވެ. ޒަމާންވީ ކުޅިވަރެކެވެ. ރާއްޖޭގައި އުޅޭތާ ޤަރްނަކަށްވުރެ ގިނަދުވަސްވީ ކުޅިވަރެކެވެ. ކްރިކެޓުގެ މަޝްހޫރުކަމާއި މަޤްބޫލުކަމަށް ބަލާއިރު ހިމެނެނީ ކުރިން މިދެންނެވި ބައިތަކުގެތެރެއިން ދެވަނަ ބައިގައެވެ. ބައެއް ދުވަސްވަރަށް މަޝްހޫރުވާ ކުޅިވަރެއްގެ ގޮތުގައެވެ. ބައެއް ދުވަސްވަރަށް އަޑެއްބަޑެއް ނީވޭ ކުޅިވަރެއްގެ ގޮތުގައެވެ. މަޤްބޫލުކަމާއި މަޝްހޫރުކަމުގެ ގޮތުން ތަންކޮޅެއް ފަހަތުގައި އޮތްނަމަވެސް ދިވެހި ކްރިކެޓަކީ ކާމިޔާބީގެ ރޮނގުން ބަލާއިރު އެއްވަނަ ކުޅިވަރެވެ. ދިވެހި ކުޅިވަރުގެ ތާރީޚުގައި އެންމެފަޚުރުވެރި ކުޅިވަރެވެ. ރާއްޖެއިން ބޭރުގައިކުޅެ ރާއްޖެއަށް އެންމެގިނަފަހަރު ރީތިނަން ހޯދައިދިން ކުޅިވަރެވެ. ބައިނަލްއަޤްވާމީ ތިންތަށި ރާއްޖެއަށް ހޯދައިދިން ކުޅިވަރެވެ. 

ދިވެހިރާއްޖޭގައި މާ މަޝްހޫރު މާ މަޤްބޫލު ކުޅިވަރަކަށް ކްރިކެޓް ނުވިޔަސް، އެއީ މިސަރަޙައްދުގެ ބައެއް ޤައުމުތަކުގެ ޤައުމީ ކުޅިވަރެވެ. އެމީހުން އެންމެބަލާ ހިތްވާ ކުޅިވަރެވެ. އެންމެ ކުޅޭ ހިތްވާ ކުޅިވަރެވެ. ކްރިކެޓަކީ އިންސާފާއި ހަމަ ހާމަކޮށްދޭ ކުޅިވަރެކެވެ. ގަޑިޔަށް ޙުރުމަތްތެރިކޮށް ހިތުމަށް ދަސްކޮށްދޭ ކުޅިވަރެކެވެ. އަމުރަށް ކިޔަމަންވާން ދަސްކޮށްދޭ ކުޅިވަރެކެވެ. ހިތްވަރުކުރަން ދަސްކޮށްދޭ ކުޅިވަރެކެވެ. ބައިގަނޑުގެތެރޭގައި މީހުންނާ އެކުލަވައި އުޅޭނެގޮތް ދަސްކޮށްދޭ ކުޅިވަރެކެވެ. ތެދުވެރިކަމާއި ވަފާތެރިކަމާއެކު ކަންކުރަން ދަސްކޮށްދޭ ކުޅިވަރެކެވެ. ކާމިޔާބާއި ނާކާމިޔާބު ދަސްކޮށްދޭ ކުޅިވަރެކެވެ. ރީތި މަތިވެރި އަޚްލާޤުތަކެއް ދަސްކޮށްދޭ ކުޅިވަރެކެވެ. ހަރުދަނާ ޝަޚުޞިއްޔަތެއް ބިނާކޮށްދޭ ކުޅިވަރެކެވެ. ވިސްނާ ފިކުރުކޮށްގެން ކަންކަން ކަނޑައެޅުމަށް މަގުދައްކާ ކުޅިވަރެކެވެ. ފުރިހަމަ ޞިއްޙަތާއި ކެތްތެރިކަމަށް މަގުދައްކާ ކުޅިވަރެކެވެ. ކުރުކޮށް ބުނާނަމަ ކްރިކެޓުގެ އަސްލު އުސޫލުތައް ބިނާވެފައިވަނީ މީހާ މުޖުތަމަޢުގެ ތެރެއަށް ހޭނި ތަރުބިޔަތުވާންވީ ހުރިހާ ގަވާއިދުތަކަކާއި އުސޫލުތަކެއްގެ މައްޗަށެވެ.

ކްރިކެޓަކީ އާދައިގެ ކުޅިވަރެއް ނޫނެވެ. ކްރިކެޓަކީ މާތް މީހުންގެ ކުޅިވަރެކެވެ. ރަސްރަސްކަލުންގެ ކުޅިވަރެކެވެ. ރައީސުންގެ ކުޅިވަރެކެވެ. ދިވެހިބަހުން ކުރުކޮށް ބުނާނަމަ އެއީ ރަސްގެފާނު ކުޅިވަރެވެ. މިކަމަށް ރާއްޖޭގެ އެހާރާއި މިހާރުގެ ތާރީޚު ހެކިދެއެވެ. ރާއްޖޭގައި ކްރިކެޓް ކުޅުއްވި ބޭފުޅުންގެ ތެރޭގައި ދިވެހި ދައުލަތުގެ އެންމެ އިސްމަގާމުތައް ފުރުއްވި ބޭފުޅުންހިމެނެއެވެ. ވަޒީރުންވެސް ހިމެނެއެވެ. ފާހަގަކޮށްލެވޭ ބޭފުޅުންތެރޭގައި، އައްސުލްޠާން އިބްރާހީމް ނޫރައްދީން، ޖަލާލަތުލްމަލިކު މުޙަންމަދު ފަރީދުލްއައްވަލު، ޞާޙިބުއްރިޤްޢާ އަލްއަމީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނު، އަލްއަމީރު ޙަސަން ފަރީދުދީދީ، ޞާޙިބުލްފަޚާމާ އަލްއަމީރު މުޙަންމަދު އަމީން ދޮށިމޭނާ ކިލެގެފާނު، ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ހިމެނިވަޑައިގަންނަވައެވެ. އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް މުޙަންމަދު ނަޝީދަކީވެސް ކްރިކެޓް ކުޅުއްވާ ބޭފުޅެކެވެ. ފާހަގަކޮށްލެވޭ އެހެން ބޭފުޅުންތެރޭގައި އަލްފާޟިލް އަލްމަރްޙޫމް ޢަހްމަދު ޢަލިދީދީ، އަލްފާޟިލް އަލްމަރްޙޫމް ޙަސަން ޢަލިދީދީ، އަލްފާޟިލް އަލްމަރްޙޫމް އަޙްމަދު ޙިލްމީދީދީ، އަލްފާޟިލް އަލްމަރްޙޫމް އަޙްމަދު ޒަކީ، އަލްއުސްތާޛު ފަތުޙުﷲ ޖަމީލު، އަލްފާޟިލް އަޙްމަދު މުޖުތަބާ، އައްނަބީލު އަލްމަރްޙޫމު އަޙްމަދު ޢަލިދީދީފަދަ ދައުލަތުގެ އިސްމަގާމުތައް ފުރުއްވި ވަރަށްގިނަ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.

ކްރިކެޓް ރާއްޖެއަށް އެތެރެވީ އައްސުލްޠާން އިބްރާހީމް ނޫރައްދީނު (ދެވަނަ) ފަހަރަށް ރަސްކަމަށް އިސްވެވަޑައިގަތުމަށްފަހުގައެވެ. ލިޔުންތައް ދައްކާގޮތުގައި އެއީ މީލާދީން 1890 ވަނަ އަހަރެވެ. ރަދުން ރާއްޖެއަށް ތަޢާރުފު ކުރެއްވި މި ކުޅިވަރު މާލޭގެ ބޮޑުންގެ ތެރޭގައި އެދުވަސްވަރު ކުޅުނެވެ. ރަދުން، ރާއްޖެއަށް ކްރިކެޓް ތަޢާރުފުކުރެއްވިނަމަވެސް ވައިގައި ހިފާގޮތެއް ނުވިއެވެ. މަޤްބޫލު ކުޅިވަރަކަށް ނުވިއެވެ. ދިވެހިން މާ ޝައުޤުވެރިވާ ކުޅިވަރަކަށް ނުވިއެވެ. ދުވަސްތަކެއް މާޒީއާއެކު ވަމުންދިޔައީ މާބޮޑު ކުރިއެރުމެއްނެތިއެވެ. ނަމަވެސް، އަތިރީގޭ އަލްއަމީރު އިބްރާހީމް ދޮށިމޭނާ ކިލެގެފާނުގެ ދަރިކަލުން އައްނަބީލު އަޙްމަދު ދީދީ ގާލީގެ ރިޗްމަން ކޮލެޖުން ކިޔަވާވިދާޅުވެގެން މާލެވަޑައިގަތުމާއެކު ކްރިކެޓަށް ވަރަށްބޮޑު ދިރުމެއް ލިބުނެވެ. އާގަނޑުވަރުގައި ހެވިކަން ދަސްކުރަން އުޅުނު ކުދިންގެތެރެއަށް ކްރިކެޓް ތަޢާރުފުވެގެން ދިޔައެވެ. އާގަނޑުވަރުގައި ކްރިކެޓް ދަސްކުރި ކުދިންގެ ތެރޭގައި އަލްފާޟިލް އަލްމަރްޙޫމް މީރުބަހުރު އިސްމާޢީލުދީދީއާއި ހެންވޭރުގޭ އަލްފާޟިލް އަލްމަރްޙޫމް ޢަލިދީދީ (ފަހުން އަލްއަމީރު އަލްމަރްޙޫމް ޢަލީ ރަންނަބަނޑޭރި ކިލެގެފާނު) ހިމެނިވަޑައިގަތެވެ. މިބޭފުޅުންގެ ތެރޭގައި ކްރިކެޓް ކުޅެ އުޅުނީ ކްރިކެޓުގެ ގަވާއިދުތަކާ މުޅިން އެއްގޮތަކަށް ނޫނެވެ.  އެދުވަސްވަރު ކްރިކެޓަށް ކިޔާއުޅުނީ ދިވެހި ނަމެކެވެ. އާދެ، ”ފިލާގަނޑުބޯޅަ“އެވެ. ފިލާގަނޑުބޯޅަ ކުޅުން ހުއްޓުނީ 1902 ވަނަ އަހަރު އިބްރާހީމް ނޫރައްދީން އަވަހާރަވުމާހިސާބުންނެވެ. 

ނޫރައްދީނު ބަންޑާރައިން އަވަހާރަވުމަށްފަހު 28 އަހަރުވަންދެން ރާއްޖޭގައި ކްރިކެޓް ކުޅުނުކަމެއް އެނގޭކަށް ނެތެވެ. 28 އަހަރުފަހުން އަލުން ކްރިކެޓް ކުޅެން ފެށުނީ އަލްއަމީރު ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނުގެ ވެރިކަމުގެ ދައުރުގައެވެ. އަލްއަމީރު މުޙަންމަދު ފަރީދުދީދީ ކޮޅުބުން ކިޔަވާވިދާޅުވެގެން މާލެވަޑައިގަތުމަށްފަހުގައެވެ. މުޙަންމަދު ފަރީދު ރާއްޖެއަށް ވަޑައިގެން ކްރިކެޓް ކުޅުއްވަން ފެށްޓެވީ ކްރިކެޓުގެ ގަވާއިދާ އެއްގޮތަށެވެ. އެއަށްފަހު ދުވަސްކޮޅެއްވަންދެން ކްރިކެޓް ކުޅުނެވެ.
ތިންވަނަފަހަރަށް އާބާރަކާއެކު ކްރިކެޓް ކުޅެން ފެށީ މަޝްހޫރު ދެވަނަ ބޮޑުހަނގުރާމައިގެތެރޭގައެވެ. ސުމުއްވުލްއަމީރު މުޙަންމަދު އަމީން ދޮށިމޭނާ ކިލެގެފާނު ދިވެހިދައުލަތް ހިންގަވަމުން ގެންދެވި ދުވަސްވަރުއެވެ. މިދުވަސްވަރު ކްރިކެޓަށް ކިޔާއުޅުނީ ކިރިކެޓެވެ. ކްރިކެޓް ދަސްކޮށްދިނުމަށް ކޯޗެއް، ފުރަތަ ސަރުކާރުން ގެންނެވީވެސް މިދުވަސްވަރުއެވެ.

ޝްރީލަންކާއިން ކޯޗެއް ގެނައީ ކްރިކެޓާއި ފުޓްބޯޅަ ދަސްކޮށްދިނުމަށެވެ. ކޯޗުގެ ނަމަކީ މިސްޓަރ މައިކަލް ޑިސިލްވާއެވެ. އޭނާ ވަރަށްގިނަ ކުދިންނަށް ކްރިކެޓް ދަސްކޮށްދެއްވިއެވެ. މައިކަލް ޑިސިލްވާގެ ގާތުން އަންހެން ކުދިންވެސް ކްރިކެޓް ދަސްކުރިއެވެ. ކްރިކެޓް ދަސްކޮށްދިނީ އަންހެން ދެޓީމަށެވެ. އޭގެ ތެރެއިން އެއްޓީމުގެ ކެޕްޓަނަކީ، އަންނަބީލާ އަމީނާ މުޙަންމަދު އަމީނެވެ. އަނެއް ޓީމުގެ ކެޕްޓަނަކީ، އަލްފާޟިލާ ދިޔާނާ ޢަބްދުލްވައްހާބެވެ.

މާލޭގައި ކްރިކެޓުގެ ފޯރި ވަރަށް ގަދައެވެ. ވަރަށް ބާރަށް ކްރިކެޓް ކުރިއަރައި ތަރައްޤީވަމުން ދިޔައެވެ. މިހާ ބާރަށް، މިހާ ފޯރިއާއެކު ކްރިކެޓް ތަރައްޤީވުމުގެ އެންމެބޮޑު ސިއްރަކީ، ސުމުއްވުލްއަމީރު މުޙަންމަދު އަމީން އުފެއްދެވި ކުޅިވަރުގެ މުންތަޡަމްއެވެ. އެކޮމިޓީން ކްރިކެޓް ކުރިޔަށް ގެންދިޔުމަށް ކުރެއްވި މަސައްކަތެވެ. މިދެންނެވި މުންތަޡަމު، މުޙަންމަދު އަމީން އުފެއްދެވީ، 1950 ވަނަ އަހަރުގެ މާޗްމަހުގެ 22 ވަނަ ދުވަހުއެވެ. ރައީސަކީ ޚުދު އެމަނިކުފާނެވެ. ނާއިބު ރައީސުންނަކީ، ވެލާނާގޭ އަލްފާޟިލް އަލްމަރްޙޫމް އިބްރާހީމް މުޙަންމަދު ދީދީއާއި، އަލްފާޟިލް އަލްމަރްޙޫމް އަޙްމަދު ޙިލްމީދީދީއާއި، އަލްމަރްޙޫމާ އަންނަބީލާ އާމިނަތު ޙުސައިނެވެ. ސެކްރެޓެރީއަކީ، ކުޅިވަރަށް ޚިދްމަތްކުރުމުގެ ލާމަސީލު ޝަޚްޞިއްޔަތެކެވެ. އެފަދަ ދެވަނައެއް ނެތް ހީވާގި ކުޅިވަރު އެދުރެކެވެ. އަލްފާޟިލް މުޙަންމަދު ޒާހިރު ނަޞީރެވެ.

މުންތަޡަމް ކޮމިޓީއާއެކު މުޙަންމަދު އަމީން އެޅުއްވި އަނެއް ފިޔަވަޅަކީ، މާލޭގެ ހަތަރު އަވަށުގައި ކުޅިވަރު ކްލަބުތައް އުފެއްދެވުމެވެ. މިކަން ވެގެންދިޔައީ، ކްރިކެޓް މަޝްހޫރުކުރުމަށް ހިންގާލި އިންޖީނަކަށެވެ. ވަރަށް ފޯރިއާއި ވާދަވެރިކަމާއެކު ހަތަރުއަވަށުގެ ހަތަރު ކްލަބުން ކްރިކެޓް ކުޅެން ފެށިއެވެ. ކުޅެމުންދިޔައީ ވާދައާއި ފޯރީގައި ކުޅިވަރުގެ ރޫޙާ އެއްގޮތަށެވެ. އާދޭހެވެ. [ކުޅޭށެ ކްރިކެޓް، ކުޅޭށެ ކްރިކެޓް، ހިތާއާއި ރޫޙުން ކުޅޭށެ ކްރިކެޓް، އުޅޭށެ އަންގާގޮތަށް އެކްރިކެޓް، ބަހާއި ޢަމަލުން ކުޅޭށެ ކްރިކެޓު، ]ގެ ފޯރިގަދަ ރޫޙުގައެވެ. ވާދަކޮށް މޮޅުވުމުގެ ރޫޙުގައެވެ. ގަވާއިދަށް ކިޔަމަންވެތިބެ ކުޅެ މޮޅުވުމުގެ ރޫޙުގައެވެ.
  
ކްރިކެޓް ތަރައްޤީކުރުމަށް ފެށި މަސައްކަތުގެ ނަތީޖާ ރަނގަޅެވެ. މޮޅު ގިނަ ކްރިކެޓަރުންތަކެއް އުފެދުނެވެ. ކާމިޔާބު މުބާރާތްތަކެއް ބޭއްވުނެވެ. ކްރިކެޓް ކުޅުއްވި ބޭފުޅުންގެ ތެރޭގައި އަޙްމަދު ޙިލްމީ، އަޙްމަދު ޢަލިދީދީ، ބަންދު މުޙަންމަދު ކަލޭގެފާނު، ކެރަފާ މުޙަންމަދު ކަލޭގެފާނު، ޢަލީ ޙުސައިންދީދީ، އަޙްމަދު އާދަމް، މުޙަންމަދު ޒަކީ، އެން.ޑީ. ޢަބްދުﷲ ، ކަނޑި އަޙްމަދު އިސްމާޢީލު، އާދަމް ޙަލީމް، ޢަބްދުއްސައްތާރު މޫސާ ދީދީ، ޙުސައިން މޫސާ ދީދީ، ޢަބްދުއްރަޝީދު ޢަބްދުލްވައްހާބު، ކޮލިގޭ ޢަލިމަނިކު، އަޙްމަދު ޢަލިދީދީ، މައިޒާން ޢުމަރު މަނިކުފަދަ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން އަނދިރި އާދަމްފުޅު، ޅަރީތި ކަޅުތުއްތު، ދޮންއާދަމް، މާބަނޑޭރި އަޙްމަދު މަނިކު، ބޮނޑިބަތް ދޮހޮއްތު، އޭޑީ އާދަމްފުޅުފަދަ ކުޅުންތެރިން ފާހަގަކުރެވެއެވެ.

ކްރިކެޓުގެ ތިންވަނަ ދައުރުގައި ރާއްޖޭގައި އުފެދުނު އެންމެ މަޝްހޫރު އެންމެމޮޅު ކްރިކެޓަރަކީ ޙުސައިން ރަޝީދެވެ. އެޒަމާނުގެ ގިނަ ބަޔަކު ގަބޫލުކުރާގޮތުގައި ޙުސައިން ރަޝީދަކީ ރާއްޖެ ދުށް އެންމެމޮޅު ކްރިކެޓަރެވެ. ހަތަރަކަށް، ހަޔަކަށް ޖަހާލުން އޭނާއަށް އުނދަގޫކަމަކަށް ނުވެއެވެ. ގަލޮޅު ދަނޑުގައި ޙުސައިން ރަޝީދު ކުޅުއްވާއިރު ހަޔަކަށް ޖަހާ ބޯޅަ މިހާރުގެ އޮލިމްޕަހުގެ އަނެއްފަރާތުގައި ހުންނަ ގޭގޭގެ ގޯތިތެރެއިން ގެންނަންޖެހުމަކީ ޢާންމުކަމެއްކަމުގައިވިއެވެ. ކުޅުއްވުމުގެ އިތުރަށް ޙުސައިން ރަޝީދަކީ މޮޅު އަމްޕަޔަރެކެވެ.

ރާއްޖޭގެ ޓީމަކާއި ބޭރުގެ ޓީމަކާ ދެމެދު ފުރަތަ މެޗެއް ކުނީވެސް ކްރިކެޓުގެ ތިންވަނަ ދައުރުގައެވެ. އެމެޗް ކުޅުނީ، 1931 ވަނަ އަހަރުގެ މާޗްމަހުގެ 6 ވަނަ ދުވަހުގައެވެ. ދިވެހިޓީމު ބައްދަލުކުރީ އިނގިރޭސި މަނަވަރެއްކަމުގައިވާ އެޗް.އެމް.އެސް.އެންޓަރޕްރައިޒުގެ ޓީމަކާއެވެ. މިމެޗުގައި ކުޅުނު ދިވެހި ކުޅުންތެރިންގެ ތެރޭގައި، އަލްއަމީރު އަލްމަރްޙޫމް މުޙަންމަދު ފަރީދުދީ ދީދީ، އަލްފާޟިލް އަލްމަރްޙޫމް އިބްރާހީމް ޢަލިދީދީ (ސުމުއްވުލްއަމީރު އިބްރާހީމް ފާމުލަދޭރިކިލެގެފާނު)، އަލްއަމީރު އަލްމަރްޙޫމް މުޙަންމަދު އަމީން ދީދީ (ސުމުއްވުލްއަމީރު މުޙަންމަދު އަމީން ދޮށިމޭނާ ކިލެގެފާނު)، އަލްފާޟިލް އަލްމަރްޙޫމް އަޙްމަދު ކާމިލުދީދީ، އަލްފާޟިލް އަލްމަރްޙޫމް ގަލޮޅުގޭ އިބްރާހީމް ދީދީ، އަލްފާޟިލް އަލްމަރްޙޫމް ގަސްދޮށުގޭ އަޙްމަދުދީދީ، އަލްފާޟިލް އަލްމަރްޙޫމް ހިލިހިލާގޭ މުޙަންމަދު ދީދީ، އަލްފާޟިލް އަލްމަރްޙޫމް ބަންދު މުޙަންމަދު ކަލޭގެފާނު، އަލްފާޟިލް އަލްމަރްޙޫމް ލޯޖެހި ކުޑަތުއްތު، އަނގައިންނުބުނާގޭ އަލްފާޟިލް އަލްމަރްޙޫމް އިސްމާޢީލުފުޅު، އަލްފާޟިލް އަލްމަރްޙޫމް ތުރުކީ ކުޑަމުޙަންމަދުފުޅު ހިމެނިވަޑައިގަންނަވައެވެ.

މިދެންނެވި ތާރީޚީ މެޗް ކުޅުނީ، ދެދޮރާށި ދޭތެރޭގައެވެ. އެއީ މިހާރު އިސްލާމީ މަރްކަޒު ހުރި ތަނެވެ. ސުމުއްވުލްއަމީރު އަލްޙާއްޖު އަޙްމަދު ދޮށިމޭނާ ކިލެގެފާނުގެ ޙަރަކާތްތެރި ހިންގެވުމުގެ ދުވަސްވަރުގައިވެސް މިބިމުގައި ކްރިކެޓް ކުޅުނެވެ. އާދޭހެވެ. ދެދޮރޮށި ދޭތެރެއަކީ ކްރިކެޓުގެ ތާރީޚުގައި ފާހަގަކުރެވޭ ތަނެކެވެ. ދެދޮރާށި ދޭތެރޭގެ އިތުރުން ހެންވޭރު ދަނޑާއި ގަލޮޅު ދަނޑުގައިވެސް ކްރިކެޓް ކުޅުނެވެ. އަދި ކްރިކެޓް މިހާރު ކުޅެނީ، މާލޭގެ ހިއްކިބިމުގައެވެ. މާލެއަށް ބިން އިތުރުކުރުމަށް 1979 ވަނަ އަހަރު ސަރުކާރުން ފެށްޓެވި މަޝްރޫޢުގެ ދަށުން ހިއްކުނު 6.3 މިލިއަން އަކަފޫޓުގެ ބިމުގެ ތެރެއިން ބިމެއްގައެވެ. މާލޭގެ ކުޅިވަރު އެކުވެނީގެ 1 ނަންބަރު ދަނޑުގައެވެ. 

 މުޙަންމަދު އަމީނުގެ ދައުރު ނިމުނުކަމުގައިވިޔަސް ކްރިކެޓް ކުޅެވެމުންދިޔައެވެ. މާލޭގެ ކްލަބުތަކުގެ މެދުގައި މުބާރާތްތައް ބޭއްވެމުން ދިޔައެވެ. މުބާރާތްތައް ބާއްވަމުންދިޔައީ އެއިރެއްގައި ހުންނަ ސަރުކާރުގެ ކަމާބެހޭ އޮފީހެއްގެ ބެއްލެވުމުގެ ދަށުންނެވެ. ބައެއް މުބާރާތްތައް ކުޅެމުންދިޔައީ ވަރަށް ފޯރިއާއި ވާދަވެރިކަމާއެކުގައެވެ. ނަމަވެސް، ކްރިކެޓުގެ ގަހަށް ފެންދީ ހައްދާނެ ފަރާތެއް ނެތުމާއެކު ދިޔައީ ހީނަރުވަމުންނެވެ. މަރުގެ ތުންފަތްމައްޗާ ހަމައަށް ދިޔައެވެ. ނޭވާ ހޮޅިއަށް އެޅުނެވެ. ދެންމެ ދެންމެ މަރުވެދާނެހެންވެސް ހީވިއެވެ. މިހާލުގައި ކްރިކެޓް އޮއްވާ ތަރައްޤީގެ ހަތަރުވަނަ ދައުރަކަށް އަލިވިލުނީ، ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ރާއްޖޭގެ ރައީސްކަމުގެ މަގާމާ ޙަވާލުވެވަޑައިގަތުމަށްފަހުގައެވެ. ރައީސް މައުމޫން ރާއްޖޭގެ ކުޅިވަރު ތަރައްޤީކުރެއްވުމަށް ކުޅިވަރު މަޖިލީހެއް އުފައްދަވައި ކުޅިވަރު އެސޯސިއޭޝަންތައް އުފެއްދެވުމާ ހިސާބުންނެވެ.

 ކްރިކެޓް ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި ކްރިކެޓް ކޮންޓްރޯލް ބޯޑް އޮފް މޯލްޑިވްސްގެ ނަމުގައި އެސޯސިއޭޝަނެއް ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް އުފެއްދެވިއެވެ. މިއެސޯސިއޭޝަން އުފެއްދެވީ  1982 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 27 ވަނަ ދުވަހުއެވެ. ކްރިކެޓް ކޮންޓްރޯލް ބޯޑުގެ ފުރަތަމަ ޗެއަރމަނަކީ، އަންނަބީލު އަލްމަރްޙޫމް އަޙްމަދު ޢަލިދީދީއެވެ. ޓްރެޜަރ އަކީ އަލްފާޟިލް އަލްމަރްޙޫމް ޗަމްޕާ ޢަބްދުއްސައްތާރު މޫސާއެވެ. ސެކްރެޓެރީއަކީ މ.މުރިނގު އަލްފާޟިލް އަލްމަރްޙޫމް މުޙަންމަދު ޞާދިޤެވެ. ކްރިކެޓް ބޯޑުގައި މިހާތަނަށް އެންމެގިނަ ދުވަހު ޚިދްމަތްކުރެއްވި ބޭފުޅަކީވެސް މުޙަންމަދު ޞާދިޤެވެ. 1982 ވަނަ އަހަރުން ފެށިގެން 1996 ވަނަ އަހަރާ ހަމައަށް ބޯޑުގެ ސެކްރެޓެރީކަމުގެ މަގާމު އޭނާ ފުރުއްވިއެވެ. ކްރިކެޓް ބޯޑުގައި ޚިދްމަތްކުރެއްވި އެހެން ބޭފުޅުންގެ ތެރޭގައި އަލްފާޟިލް މުޙަންމަދު ޢުމަރު މަނިކާއި، އަލްފާޟިލް މިދްޙަތު ޙިލްމީއާއި، އަލްފާޟިލް ޢަލީ ހާޝިމާއި، އަލްފާޟިލް އިބްރާހީމް އިސްމާޢީލާއި، އަލްފާޟިލް އަޙްމަދު ޙަސަން ދީދީއާއި، އަލްފާޟިލް ފަރްޙަތު ޖަލީލާއި، އަލްފާޟިލް ޙަސަންމަނިކު ހިމެނިވަޑައިގަންނަވައެވެ.

ރައީސް މައުމޫނުގެ އިރުޝާދުގެ ދަށުން ރާއްޖޭގައި ކްރިކެޓް ތަރައްޤީކުރެއްވުމުގެ މަސައްކަތުގައި ޢަމަލީގޮތުން ފުރަތަމަ ޙަރަކާތްތެރިވެ ވަޑައިގެންނެވީ، މުޙަންމަދު އަމީން އުފެއްދެވި މުންތަޡަމް ކޮމިޓީގެ ސެކްރެޓެރީއެވެ. އެހެންނަމަވެސް، މިފަހަރު ސެކްރެޓެރީއެއްގެ މަގާމުގައި ހުންނަވައިގެން ނޫނެވެ. އެއަށްވުރެ މާމަތީ، މާ ޒިންމާދާރު މަގާމެއްގައި ހުންނަވައިގެންނެވެ. ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ ޗެއަރމަންކަމުގެ މަގާމުގައި ހުންނަވައިގެންނެވެ. ކުޅިވަރު އެދުރު އަލްފާޟިލް މުޙަންމަދު ޒާހިރު ނަޞީރު މިމަސައްކަތް ފެށްޓެވީ، އެމަނިކުފާނު ހިންގަވަމުން ގެންދެވި އެކަޑަމީއެއްގެ ތެރޭގައެވެ. ނިއުސްޕޯޓްސް އެކަޑަމީ (އެން.އެސް.އޭ) ގެ ތެރޭގައެވެ. ސްކޫލްތަކުގެ ދަރިވަރުންނަށް ކްރިކެޓް ދަސްކޮށްދިނުމުގެ މަސައްކަތް ޒާހިރު ނަޞީރު ކުރައްވަމުން ގެންދެވީ ތާރީފުކުރުން ޙައްޤު ދަރަޖައެއްގައެވެ. ކަމަށް ކަމޭ ހިއްތަވައިގެން ނުހަނު ޝައުޤުވެރިކަމާއެކުގައެވެ.
ޒާހިރުނަޞީރުގެ އަރިހުގައި ޙަރަކާތްތެރިންވަމުން ދިޔައީ ކްރިކެޓް ދެކެ ނުލާހިކު ލޯބިވާ ކޯޗުންތަކެކެވެ. އަލްފާޟިލް ކެނެރީ ޢަބްދުއްސައްތާރާއި، އަލްފާޟިލް އެން.ޑީ.ޢަބްދުލްޢަޒީޒު ޢަބްދުލްޙަކީމާއި، މިސްޓަރ ފާއިޒު ޞަމަދެވެ. މިބޭފުޅުންގެ އެހީތެރިކަމާއެކުގައި ކުރެވެމުންދިޔަ މަސައްކަތަކީ ކާމިޔާބު މަސައްކަތެކެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކްރިކެޓް ވައިގައި ހިފައިފިއެވެ. ސްކޫލްތަކުގެ ކުދިން، ކުޅޭ ހިތުން ކްރިކެޓް ކުޅެން ފަށައިފިއެވެ. ހަމައެއާއެކު ޒާހިރު ނަސީރު ގެންދެވީ ކްރިކެޓް ސްކޯރަރުންނާއި އަމްޕަޔަރުންވެސް ތައްޔާރުކުރައްވަމުންނެވެ.

ޒާހިރު ނަޞީރު ކްރިކެޓް ތަރައްޤީކުރެއްވުމަށް ކުރައްވަމުން ގެންދެވި މަސައްކަތަށް ކްރިކެޓް ކޮންޓްރޯލް ބޯޑުން އެހީތެރިވަމުން ގެންދެވިއެވެ. ގިނަ ޙަރަކާތްތަކެއް ރާވާ ހިންގިއެވެ. އަދި ބޯޑުގެ އިސްވެރިންނަށް ރައީސް މައުމޫނުގެ ލަފާފުޅު ދުވަހުން ދުވަހަށް ލިބެމުންދިޔައެވެ. މާލީ އެހީތެރިކަން ލިބެމުންދިޔައެވެ. ނަތީޖާއަކަށްވީ، އޭގެކުރިން ދުވަހަކުވެސް ރާއްޖޭގައި ބޭއްވިފައިނުވާފަދަ ފޯރިގަދަ މުބާރާތްތައް ބޭއްވިގެންދިޔުމެވެ. ރާއްޖެއިން ބޭރުން ކްރިކެޓް ޓީމުތައް ގެންނަވަން ފެށްޓެވުމެވެ. ދިވެހި ކުޅުންތެރިންނަށް ކްރިކެޓް ކުޅުމަށް ބޭރަށް ދެވޭނެ އިންތިޒާމުތައް ހަމަޖެހިގެން ދިއުމެވެ. ސްކޫލް ކުދިންނަށް ޚާއްޞަ މުބާރާތްތައް އިންތިޒާމުވަމުން ދިއުމެވެ. މިކަންކަމުގެ ސަބަބުން ކުޅުންތެރިންނަށް އިތުރު ފޯރިއަކާއި ޖޯޝެއް ލިބުނެވެ.   
(ނުނިމޭ)

www.fanvai.info