އަދުގެ ޚާއްސަ

Print

ދޮނައެރި ކަނޑޫދޫ

ޝާޢިއުކުރީ ޝަކީލާ ޙާމިދު . ހިމެނޭބަޔަކީ އާދަކާދަ


ދިވެހި ފޯކުލޯރ ތަކުގެތެރެއިން

ޝަކީލާ ޙާމިދު ބިޖިލީގެ ހއ. ކެލާ

އިހުދިވެހިންނަކީ ބޭސްވެރިކަމުގެ ޑޮކްޓަރީ ފަރުވާ ދަންނަ ބައެއްނޫނެވެ. ދިރިއުޅުމުގެ ކޮންމެ ކަމެއްގައިވެސް އެމީހުންގެ ހަތިޔާރަކީ ފަންޑިތައެވެ. ބަލިބައްޔާއި، ދަނޑުވެރި ކަމުގައާއި، މަސްވެރި ކަމުގައާއި، އަދި މިނޫނަސް ދިރިއުޅުމާއި ގުޅުންހުރި ހުރިހާ މަސައްކަތެއްގައެވެ. އެޒަމާނުގައި މީހުންދިރިއުޅޭ ކޮންމެ ރަށެއްގައިވެސް އެކަށީގެންވާ ޢަދަދަކަށް ކަންވެރިން ތިބެއެވެ. އެގޮތުން ނ. ކަނޑޫދޫގައިވެސް ކަންވެރިން ތިބެއެވެ. މީގެއިތުރުން ވަރަށް ކުޅަދާނަ މޮޅުކަންވެރިއަކު އެރަށާ ޖެހިގެން އޮންނަ ވެލިދޫގައި އުޅުނު ކަމަށްވެއެވެ.

ދުވަސްވަރަކީ ރަށުގައި ހުމުގެރޯގާއެއް ފެތުރިގެންއުޅުނު ދުވަސްވަރެކެވެ. އަންނަ ހުންގަދަކަމުން މީހުންނަށް ވާނުވާވެސް ނޭގެއެވެ. މިހުންޖެހިއްޖެ އެއްވެސްމީހަކު ގަދަވާކަމަކަށް ނުވެއެވެ. މަރުވާ މީހުންގެ ޢަދަދު ގިނަވެ ރަށުތެރެ ނާމާންވާން ފަށައިފިއެވެ. ރަށުގައިތިބި ކަންވެރިން ފޮތްތައްހުސްވެ އެބައިމީހުން ގޮތްހުސްވެއްޖެއެވެ. އެއްދުވަހުން އަނެއްދުވަހަށް މަރުވާމީހުންގެ ޢަދަދުގިނަވެ، މަރުވާމީހުން ވަޅުލަން ދަތިވާހިސާބަށް ކަންތައް ހިގައްޖެއެވެ. ރަށުން ކަފުނާ ކަފަޔާ ފިލާ ހުސްވެގެން ކައިރި ރަށްރަށުން އެތަކެތި ގެންނަން ފަށައިފިއެވެ. ރަށުތެރެއިން އިވޭ އިންސާނުންގެ ރުއިމާ ޤިސްލުމުގެ އަޑުގެ އިތުރުން، ކާޅާ ކޮވެލީގެ ރުއިމުގެ އަޑުވެސް އިންތިހާއަށް އިތުރުވެއްޖެއެވެ.

އެންމެފަހުން ރަށުގެ ކަންވެރިންނަށް ހެދޭނެ އިތުރު ގޮތެއްނެތުމުން ނ. ވެލިދޫ ކަންވެރިޔާ ގެނެވިއްޖެއެވެ. މީނާބެލިބެލުމެއް،  ބެލުމަށްފަހު ރަށުގައި ކުށުވެރިކަމެއް އުފެދިގެން އުޅެނީކަމުގައިބުނެ މާޅޮސްކެޔޮ ވައްތަކެއް ހޯދަން އެންގިއެވެ. ކަންވެރިޔާ މާޅޮސްކެޔޮ ވައްތަކުގައި ލިޔެ ރަށުގެ ފެންވަޅުތަކަށް މާޅޮސް ކެޔޮވައްތައް އެޅިއެވެ. އަދި ރަށުގެ މީހުން ފެންބޮނީ ހުކުރުމިސްކިތު ވަޅުން ކަމަށްވާތީ، ސާޅީސް ދުވަސްވަންދެން ބޯނެ ފެން ނަގާ ރައްކާކުރުމަށް ބުންޏެވެ. ބޯފެން ހުސްވި ކަމުގައިވިއަސް ކަންވެރިޔާ ހުއްދަ ނުދެނީސް ހުކުރުމިސްކިތު ވަޅުން ފެންބޭނުން ނުކުރުމަށް އިންޒާރުދިނެވެ.

އެއަށްފަހު ކަންވެރިޔާ ރަށުގައި ކިޔެވެއްޔެއް ކިޔަވާ ރަށުގެ ހަތަރު ކަނުގައި ހަތަރު ވަހުތާން ޖެހުމަށްފަހު ފުރައިގެން އޭނާގެ ރަށަށްދިޔައެވެ. ސާޅީސް ހަމަވާދުވަހު އިރުއަރަން ވާއިރަށް އެރަށަށް އަންނާނެކަމަށް ބުނެފައެވެ. ކޮންމެއަކަސް ކަންވެރިޔާ މިކުރިކަމެއް ކުރިފަހުން ރަށުގެ ޙާލަތު މަޑުމަޑުން ރަނގަޅުވާން ފަށައިފިއެވެ. ހުމުގައި ތިބި މީހުން އެއްދުވަހުން އަނެއްދުވަހަށް ރަނގަޅުވާން ފަށައިފިއެވެ. މަރުވާ މީހުންގެ ޢަދަދު ކުރިއާއަޅާ ވަރަށްބޮޑުތަން މަދުވާން ފަށައިފިއެވެ. އެހެނަސް ކޮންމެވެސް ވަރަކަށް މީހުން މަރުވެއެވެ. އެހެންކަމުން މީސްތަކުންގެ ހިތްތަކުން ހިސާބަކަށް ބިރުވެރިކަންފިލާ ރަށުތެރެ ކުޑަކޮށް ހަމަޔަކަށްއެޅެން ފަށައިފިއެވެ.

ދޮންސޮރަކީ ޢުމުރުން ނުވައަހަރުގެ ކުޑަފިރިހެން ކުއްޖެކެވެ. އެރަށު ދޮންޙަސަނާ ދަލޭކައަށް ލިބުނު ހަމައެކަނި ދަރިފުޅެވެ. ދޮންސޮރުގެ މަންމަޔާ ބައްޕަވަނީ މިހުމުގައި ނިޔާވެގޮސްފައެވެ. އެހެންކަމުން ދޮންސޮރު ބަލަހައްޓަނީ މާމަ ކަދީދާއެވެ. މިހާރު މާމައަށްވެސް ވަނީ މި ގަދަހުން ޖެހިފައެވެ. އެހެނަސް ވީވަރާއަޅާބަލާ މިހާރު މާމަ ކަދީދާވެސް ފެންނަނީ ރަނގަޅުވަމުން އަންނަ ކަމުގައެވެ. އެކަމަކު އަދިވެސް މުޅިން ހުންވިހެއެއް ނުލައެވެ. ވަރުދެރަކަމުން ހިނގާބިނގާވެ އުޅެވޭވަރެއް ނުމެ ނޫންމެއެވެ.  
އެއްދުވަހެއްގެ މެންދުރު ފަހުގެ ވަގުތެވެ. މާމަ ބަލިއަޑަކުން އެދުނީ ފެންފޮދަކަށެވެ. ދޮންސޮރު ފެންއަޅާ ދޯރު ބަލާލިއިރު އޭގައި އެންމެ ފެން ފޮދެއްވެސްނެތެވެ. އޭނާ ދުއްވައިގަތީ ފެންހަދާ ދިމާއަށެވެ. އޭގައިވެސް ފެނެއްނެތެވެ. ރުނބާ ބަލާލިއިރު ރުބަޔަކުވެސް ފެނެއްނެތެވެ. ޖާޑިއޮތީ އަނގަވަތަށް ބަންޑުން ބާއްވާފައެވެ. ދޮންސޮރު ރޮއިގެންފައި މާމަގާތުގައި ގޭގައިއެންމެ ފެންފޮދެއްވެސް ނެތްވާހަކަ ބުންޏެވެ. މާމަ ކުރިޔަށް ވުރެވެސް ބަލިއަޑަކުން ބުނީ ކޮންމެވެސް ގޮތަކުން މާމަޔަށް ފެންފޮދެއް ހޯދައިދިނުމަށެވެ. ނޫންނަމަ މާމަފެނަށް މަރުވެދާނެ ކަމުގައެވެ. ދޮންސޮރަށްވެސް މާމަޔަށް ވެފައިވާވަރު، މާމަ ވާހަކަދައްކަން އަނގަޙަރަކާތް ކުރާގޮތުންނާއި، ހިކިކުރޮޅި ވެފައިވާ ދެތުންފަތުން ދޭހަވެއެވެ. 
 
މާމަގެ މިޙާލު ދެކޭކަށް ދޮންސޮރަކަށް ކެތެއް ނުކުރެވުނެވެ. ފެންއަޅާ ދޯރުހިފައިގެން އަޅާއިތިކޮށް ކުޑަކުޑަ ދޮންސޮރު ދުއްވައިގަތީ ގޭގެ ކުރިމަތީގައިހުރި ހުކުރުމިސްކިތު ވަޅުދޮށަށް މާމަޔަށްދޭނެ ފެންފޮދެއްބަލައެވެ. ދޮންސޮރު ވަށައިގެން ހޯދާލުމަށްފަހު މީހަކު ފެންނަން ނެއްކަން ޔަޤީންވުމުން އަވަސްއަވަހަށް ވަޅުން ފެން ދާންޏެއްނަގައި އެއިންދޯރަށް ފެންއަޅައިގެން އައިސް މާމަޔަށް ފެންދިނެވެ. މާމަފެންބޮއެ ނިމިގެން ހިނިތުންވެލިއެވެ. ދޮންސޮރަށް ލިބުނު ހިންހަމަޖެހުމާއެކު ތައްޓާއި، ދޯރު ބޮޑުއަށިމަތީގައި ބަހަށްޓަން ދިޔައެވެ. އޭނާ އެތަކެތި ބަހަށްޓާފައި އައިއިރު މާމަ ދެލޯބޮޑުވެ ދެކަޅިވަނީ ހުއްޓިފައެވެ. ދޮންސޮރު ކަންބޮޑުވެގެން މާމަގެ މޭގައި ފިރުމަންފެށިއެވެ. އޭރު މާމަގެ ހަށިގަނޑަށް އާދަޔާ ޚިލާފު ބާރެއް އަރަމުންދާކަން ދޮންސޮރަށް އިޙުސާސް ކުރެވުނެވެ. މިތަންފެނި ދޮންސޮރަށް ހަޅޭއްލަވައި ގަނެވުނެވެ. ބާރަށް ރޮއިގަނެވުނެވެ. ދޮންސޮރުގެ ރުއިމުގެ އަޑަށް ހިސާބުގަނޑުގެ ބައެއްމީހުން އެގޭތެރެއަށް ޖަމާވިއެވެ. ކުޑަކުޑަ ދޮންސޮރަށް ވާނުވާ ނޭނގޭޙާލު މާމަގެ ދާދިގާތުގައި މާމަޔަށް ބަލަންހުއްޓެވެ. ދޮންސޮރު ބަލަންހުއްޓައި މާމަގެ ހަށިގަނޑަށް އަހަމުންދިޔަ ބާރު މަޑުވަމުން މަޑުވަމުން ގޮސް މާމަ އެއްކޮން ހަމަހިމޭންވިއެވެ. ފެންކަޅިވެފައިވާ ދޮންސޮރުގެ ބޮލުގައި ފިރުމާލަމުން ޢަލިބޭ ބުނީ ދޮންސޮރުގެ މާމަ މަރުވީކަމުގައެވެ. އެވަގުތު ދޮންސޮރުގެ ބަޑިފަޅައިގެން ދިޔައެވެ. ޤިސްލަ ޤިސްލާފައި ރޮއެގަނެވުނެވެ. ވާނީވެސް އެހެންތާއެވެ. ދޮންސޮރު އެކަނިވީއެވެ. އެހީތެރިކަމުގެ އަތެއް ދިއްކޮށްލަންހުރި ހަމައެކަނި މީހާވެސް މިދުނިޔެ ދޫކުރީއެވެ.
ރަށުއޮފީހުގެ ފަރާތުން މާމަގެ ކަށުކަމާކެމީގެ ހުރިހާކަމެއް ކޮށްދިނެވެ. ހިނަވާ ކަފުންކޮށް ކިބާފިލައެއްގައި ސަންދޯކުއެޅިއެވެ.

އެކަމަކު ހުރިހާކަމެއް ނިމުނުއިރު އިރުއޮއްސި އަނދިރި ވެފައިވާތީ ޖެހިގެން އަންނަދުވަހު ހެނދުނު ވަޅުލުމަށް މާމަގެ ގަބުރު އެރޭ ގޭގައިބޭއްވިއެވެ. ދޮންސޮރަކީ ކުޑަކުއްޖަކަށްވާތީއާއި، ގޭގައި އިތުރު މީހަކުނެތުމުން މުދިންބެ ގަސްތުކުރީ ދޮންސޮރާއެކު އެރޭ އެގޭގައި މަޑުކޮށްލާށެވެ. ރަށު އެންމެންނިދާ ރަށުތެރެ ހަމަހިމޭން ވީއިރުވެސް ދޮންސޮރާ މުދިންބެތިބީ ގަބުރުކައިރިގައި ހޭލައެވެ. މުދިންބެއިނީ ޤުރުއާން ކިޔަވާށެވެ. ދޮންސޮރު އިނީ މާމަގެ ސަންދޯކާ ދިމާޔަށްކަޅިވެސް ޖަހައިނުލައި ބަލާށެވެ. މުދިންބެ ދޮންސޮރު ކައިރީގައި ތަކުރާރުކޮށް ނިދަންދާން ބުނުމުންވެސް ދޮންސޮރު ނިދާކަށް ނުދިޔައެވެ. ދޮންސޮރުގެ ލޮލަކަށް އެއްގޮތަކަށްވެސް ނިންޖެއްނާދެއެވެ.

މެންދަމުންއަލިވެ ދެގަޑިބައި ތިނެއް ޖަހާކަންހާއިރެވެ. މުދިންބެބަނޑު ކައްކާލައިފައި އަތިރިރިޔަކަށް ދާންޖެހިއްޖެއެވެ. ދޮންސޮރު ކައިރީގައި އަތިރިޔަކަށް ގޮސްލާފައި މިއަންނަނީ ކަމުގައިބުނެފައި މުދިންބެ ގެންގުޅުނު ޚަތިމުވެސް ހިފައިގެން ނުކުތީބޭރަށެވެ. ދޮންސޮރުވެސް ބޭރަށްނުކުމެ އުޑުމަތި ބަލައިލިއެވެ. އަނދިރީގެ ތެރެއިން ތަރިތައްފެންނަނީ އުކާލެވިފައިވާ އަލިމަސް ތަކެއް ފަދައިންނެވެ. އުޑަށްބަލަންހުރި ދޮންސޮރު ސިހުނީ ކާޅުތަކާ ކޮވެލިތައް ހޭރިގަތްއަޑަށެވެ. ވަށައިގެން ހޯދާލުމަށްފަހު ބިރުންހުރި ދޮންސޮރު އަވަސްއަވަހަށް ވަނީ ގެއަށެވެ. އަވަސް ވެފައިވާ ދޮންސޮރުގެ ނޭވާ ހަމަޖައްސާލުމަށްފަހު ކުރިންވެސް އިށީދެ އިން ކުޑައަށީގައި އިށީއެކަނިވުމުން ޖެހިލުންވެ އިނދެއެވެ.

އެޔާއެކު ކުރިންވެސް ބިރުގެންފައިވާ ދޮންސަރަށް ފެނުނީ ކިބާފިލާ މަތީގައި ބާއްވަފައިއޮތް ގަބުރުމަތީގައި އަޅާފައިއޮތް ފޮތިގަނޑު (ދޮނަ) ހިއްލޭތަނެވެ. ދޮންސޮރުގެ ޅަ ސިކުނޑި ކުޑަވަގުތު ކޮޅަކަށް ހުއްޓުނު ކަހަލައެވެ. ހަށިގަނޑު ފިނިވެ އަތްފައި ތުރުތުރު އަޅަންފެށިއެވެ. ގަބުރު މަޑުމަޑުން ޙަރަކާތް ކުރަންފެށިއެވެ. ފައިކޮޅު އޮތްގޮތަށް އޮއްވައި އުނަގަނޑުން މަތި މަޑުމަޑުން އުފުލެން ފެށިއެވެ. އޭނާއަށް ހަދާނެގޮތެއް ކުރާނެ ކަމެއްވެސް ނޭގުނެވެ. ކަފަ ކަފުންކޮށް މޫނުކަފަ ނާޅާއޮތް ގަބުރު ތެދުވަނީއެވެ. ކުޑަކުޑަ ދޮންސޮރުގެ މޭގަނޑު އަނގަޔަށް އައިކަހަލައެވެ. ދޮންސޮރަށް ދުވެފައި ކަހަލަ ގޮތަކަށް ނިކުމެވުނީ ބޭރަށެވެ. ގެއިންނުކުމެ ތަންކޮޅަކަށް ގޮސް ފަސް އެނބުރި ބަލާލިއެވެ. އޭރު ޤަބުރު އޮޅިގަނޑުނެއް އެގެއިން ނުކުމެގެން  ދޮންސޮރާ ދިމާއަށް އަންނަނީއެވެ.

ދޮންސޮރު މިސްރާބުޖެހީ އަތިރިޔާ ދިމާޔަށެވެ. މުދިންބެ ފެނޭތޯއެވެ. އެތައްތަނަކަށް ދުވުނުއިރުވެސް ދޮންސޮރަށް އޭނާގެ ފަހަތުން ގަބުރު އަންނަހެން ހީވިއެވެ. ފަހަތްބަލަލިއިރު ކަމަކުދާކަށްނެތެވެ. ޙަޤީޤަތުގައިވެސް އޭނާގެފަހަތުން ގަބުރު އަންނަނީއެވެ. ދޮންސޮރުގެ ބިރުވެރިކަން އިހުނަށްވުރެ އިތުރުވިއެވެ. އޭނާއަށް ސަލާމަތެއް ނެތްކަމާ، މިއީ ހުކުރުމިސްކިތު ވަޅުން މާމަޔަށް ފެންދިނީމާ ވީގޮތްކަން އެނގުނެވެ. އެހެނަސް ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތް ކުރުމަކީ އޮތްކަމެއްކަން ވިސްނާ ދޮންސޮރަށް ދުވެވުނުހާ ބާރަކަށް ދުވެފައި ދިޔައީ އަތިރިޔަށެވެ. މުދިންބެ ފެނިދާނެކަމުގެ އުންމީދުގައެވެ. ދޮންސޮރަށް ގޮނޑުދޮށަށް ފޭބެވުނުވަގުތުވީ، ވެލިދޫ ކަންވެރިޔާގެ ދޯނި އެރަށަށް ލެފިވަގުތަށެވެ. ދޮންސޮރު ހަޅޭއްލައިގަތެވެ. މީހެކޭ އަހަރެން ސަލާމަތް ކުރާށޭކިޔާފައެވެ. އޭރު ދޮންސޮރު ޚަބަރު ހުސްވެގެން ވެއްޓެނީއެވެ. ކަންވެރިޔާ އެއްގަމަށް ބަލާލިއިރު ތަންކޮޅެއްދުރުން ފަހަތުން އަންނަ ގަބުރު ފެނުމުން ވެގެންއުޅޭގޮތް ދެނެގަންނާކަށް މާއުނދަގުލެއް ނުވިއެވެ. ހަމަވަގުތުން ކުޑަކުޑަ ދޮންސޮރު އެދޯންޏަށް އަރުވައިގެން ކަންވެރިޔާގެ ދޯނި އެރަށުން ނައްޓާލިއެވެ. ޖެހޭނަލަ ވަޔާއި، ފަލިތަކުގެ އެހީގައި ކަންވެރިޔާގެ ދޯނި ބަސްބުނާހާ ކުޑަހިނދު ކޮޅެއްގެ ތެރޭގައި އެރަށުގެފަޅުން ނިކުމެއްޖެއެވެ.

ދުވަސްކޮޅެއް ފަހުން ކަންވެރިޔާ ދޮންސޮރު ގޮވައިގެން ކަނޑޫދުއަށް ދިޔައެވެ. ދޮންސޮރަށް ފެނުނީ ބުއްދިޔަށް ގަބޫލުކުރަން ދަތި މަންޒަރެކެވެ. ރަށުގައި އެކަކުވެސް ނެތެވެ. މިރަށުގައި ދިރިއުޅުނު މީހުންނަށްވީ ކިހިނެއްކަމެއް ދިޔައީކޮންތާކަށް ކަމެއްވެސް ނޭގެއެވެ. މިހާރު ރަށުގައި ދިރިހުރި އެންމެ ފުރާނަޔެއްވެސްނެތެވެ. ކަންވެރިޔާ ދޮންސޮރު ގޮވައިގެން އެނބުރި އޭނާގެ ރަށަށްދިޔައެވެ.
___________________________

މިފޯކުލޯރ އާއިމެދު
  
ދޮނައެރި ކަނޑޫދުއަކީ ނ. އަތޮޅުގެ ރަށެކެވެ. ދިވެހިރާއްޖޭގެ ޗާޓުގައި މިރަށްއޮންނަނީ ނ. އަތޮޅު ރާފުއްޓާ ވައްޓަރާ ދެމެދުގައެވެ. ކަނޑޫދުއާއި އެންމެ ކައިރީގައި އޮންނަ މީހުން އުޅޭރަށަކީ އެރަށުގެ ހުޅަނގު އުތުރުގައި އޮންނަ ވެލިދުއެވެ. ބުނެވޭގޮތުގައި ކަނޑޫދޫއަކީ ކުރިން މީހުންދިރިއުޅުނު ރަށެކެވެ. އެކަމަށް ހެކިދެނީ މިރަށުގައިވާ ގަބުރުސްތާނުގެ ގައުތަކެވެ. ކުރިން އެރަށަކީ ރާއްޖޭގެ ރައްތަކުގެ ނިސްބަތުން ފެންމީރު ރަށެއްކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އެހެނަސް މިހާރު އެރަށުގެ ފެނަކީ މީރުފެނެކޭ ނުދެންނެވޭނެއެވެ. މިފޯކުލޯރުގައި ބުއްދި ގަބޫލުނުކުރެވޭ ވާހަކަތަކެއް އެބަހުރިކަމަށް ގަބޫލުކުރަންޖެހެއެވެ. އެހެނަސް ގަބުރުސްތާނުގެ ގައުތަކުން މިރަށުގައި ކޮންމެވެސް ޒަމާނެއްގައި ބަޔަކު އުޅުނުކަން ދޭހަވެއެވެ. އަދި އެންމެފަހުން އުޅުނުބަޔަކީ އިސްލާމްދީން ޤަބޫލުކޮށްގެން ތިބި ބައެއްކަމަށްވެސް ލަފާކުރެވެއެވެ. އެހެންކަމުން ރަށުގެ ގަބުރުސްތާނުގެ ގައުތަކާއި، މިހާރުރަށަށް ކިޔާއުޅޭނަމާއި، ރަށާގުޅިފައިވާ ފޯކުލޯރުގެ އެހީގައި ލަފާކުރެވެނީ މިފޯކުލޯރަކީވެސް ދިވެހިތާރީޚަށް އައުޞަފުޙާއެއް އިތުރުކޮށްދީފާނެ ފޯކުލޯރ އެއްކަމުގައެވެ.   

އިދާރާ

އެނގޭތަ؟

ވާހަކަ