އަދުގެ ޚާއްސަ

Print

އަން! މި އޮތީ ތިޔަ އެއްޗަކީ.....؟

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ސަމާސާ އަދަބު


އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ (2003)


ރާއްޖޭގެ އަތޮޅުތަކުގެ ޒޯން ފުޓުބޯޅަ މުބާރާތަކަށް ރަށެއްގެ ބަޔަކު ތައްޔާރު ވަމުންދަނީ އެވެ.  ރަށަށް ރީތި ނަންހޯދާން، މޮޅު ކާމިޔާބީ ހޯދާން މުޅި، ރައްޔިތުން ވަނީ އެކަތިގަނޑަކަށްވެ އެއް އަންބާއެއް ފަށާފައެވެ. ހަގެއް ދޮޓެއް މުސްކުޅިއެއް ޒުވާނެއް، މުއްސަންޖެއް ފަގީރެއް، އަންހެނެއް ފިރިހެނެއް،  ވަކި ތަފާތެއް ނެތި އެވެ.

ރަށުގެ ފުޓުބޯޅަ ޓީމުގެ ކެއިން ބުއިމާ ޞިއްޙީ ކަންތައްތައް ވެސް ބެލެހެއްޓެމުންދަނީ ރަށުގެ އެންމެ މަތީފެންވަރުގައެވެ.  ލައިގެން ކާނެ އެއްޗެހި ހޯދުން ވަނީ މަސްދޯނި ފަހަރުގެ   މައްޗަށްބަހާލެވި ފައެވެ.  ޞިއްޙީ ފަރުވާގެ ކަންތައްތަކުގައި ''ސެންޓަރުމީހާ''ގެ އިތުރަށް ރުއްގަލުބޭހާއި  ރާއްޖެބަލީގެ ބޭސްފަރުވާ ކުރުމަށް ކުޅަދާނަ ޙަކީމަކު ޖާމިނުވެގެން ތިބޫއެވެ.  ޓީމުގެ ''ސެކިޔުރިޓީ'' އާއި ހަވާލުވެލެއްވީ ރަށުގެ އެންމެންގެ ލޯތްބާ ގަބޫލުވުން ލިބިފައިވާ މުސްކުޅި މުދިންބެ އެވެ.


ޓީމުގެ ފަރިތަކުރުންތައް ފަރިތަކަމާއެކު ކުރިޔަށް ދެއެވެ.  ކުޅުން އޮންނަ ކޮންމެ ދުވަހަކު ކުޅޭގަޑިޔަށް ރަށުގެ ފައި އިނދޭފުރައިން ފެށިގެން '' كلهم أجمعين '' އޮންނަނީ ދަނޑު ދޮށަށް ހާޒިރުވެފަ އެވެ. އޭރު ކޮންމެ ވެސް ގެއެއްގެ ބޮޑުއަށިމަތީގައި ނިމޭ ގަޑީގެ ސައި، ކުޅަ ބޯކިބާ ބިސްގަނޑު ކަވާބު ތަށިތަށީގައި އެތުރެމުން ދާނެ އެވެ.


މި ކަމުގައި އެންމެ އިސްކޮށް، ނަގައިކިޔަން  ހުންނަނީ ރަށު ތަރައްޤީގެ  ކޮންމެ  ކަމެއްގައި އެންމެ އަޑުހަރުކޮށް އުޅޭ ''މާވަހަރުދޯނީ'' ކެޔޮޅު ''ޞަމަަދު'' އެވެ.  ކާބަފައިންގެ ތަރިކައިން އޭނާއަށް ވާރުތަވީ ހަމަ އެކަނި އޮޑިދޯނި ފަހަރާއި ފިޔަފާރީގެ މުއްސަނދިކަމެއްނޫނެވެ.  ރަށުވާދަޔާ އުފަން ފަސްގަނޑަށް ލޯބި ކުރުމުގެ ރޫޙަކީވެސް ވާރުތައިން އޭނާ އަށް ލިބުނު ރޫޙާނީ ތަރިކައެކެވެ. ރަށަށް ޚިދުމަތެއް ކުރުމަށް ފުރުޞަތު ލިބިއްޖެ ކޮންމެ ހިނދެއްގައި ތިޔަކަންވާނީ މަށަށޭ ކިޔައިފައި އޭނާ އަށް ފުންމަ ފުންމައިގެން ދެވެނީ އެހެންވެގެންނެވެ.


މާދަމާއަކީ، މު ބާރާތުގައި ރަށުޓީމު ފުރަތަމަ މެޗު ކުޅޭ ދުވަހެވެ. މިރޭ މުޅި ރަށުތެރެ ހީވަނީ ދިހަރޯދަ ޢީދަށް ތައްޔާރު ވާހެންނެވެ. ބޮޑަށް އޮތީ ގޭގޭގައި ޒިކުރު މާލޫދު ކިޔުމާ ވިރުދު ޞަލާވާތް ކިޔެވުމެވެ.  ޅަފުރައިގެ ކުދިން ބައެއް ފޮތިގަނޑުގަނޑުގައި ތަފާތު އުންމީދީ ޢިބާރާތްތައް ލިޔެ މަގުމަގުގައި ދަމައި އުޅެތެވެ.


މިރޭގެ އެންމެ ޚާއްޞަ ކަމަކަށް އޮތީ ރަށު ކުލަބުގޭގައި އޮތް ރައްޔިތުންގެ ބައްދަލުވުމެވެ. މި ބައްދަލުވުމުގައި ރަށުގެ ފުޓުބޯޅަ ޓީމުގެ މެންބަރުންވެސް ބައިވެރިވި އެވެ.  މާލޭގައި ކިޔަވަން ގޮސް ތިބި ބައެއް ކުދިން ވެސް މި ވަގުތު ރަށުގައި އައިސް އުޅޭތީ އޭގެ ތެރޭން ބައެއް ކުދިންވެސް ބައިވެރިވިއެވެ.  ޚާއްޞަކޮށް  މި ޓީމުގެ ކޯޗަކީ، އެ ފަދަ ކުއްޖަކު މެދުވެރިވެގެން މާލެއިން ހޯދިފައިވާ ކޯޗަކަށް ވާތީ، އެކުއްޖާ ވެސް މި ރޭގެ ބައްދަލުވުމުގެ ތަންކޮޅެއް އިސް ސަފުން އެބަ ފެނެއެވެ.


ބައްދަލުވުން ފެށިއްޖެ އެވެ. ވާހަކަ ދެކެވެނީ މާދަމާގެ ކަންތައްތައް ބަހައްޓަންވި ގޮތުގެ މައްޗަށެެވެ. މެޗަށްޓަކައި ވާންޖެހޭ ތައްޔާރީ ތަކުގެ މައްޗަށެވެ. ހޯދަން ޖެހޭ ތަކެތީގެ މައްޗަށެވެ.  ހޯދަންޖެހޭ ތަކެތީގެ ތެރެއިން އަލަށް އިވުުނު ނަމަކީ ކޫލް ބޮކްސް އެކެވެ.  ކޫލް ބޮކްސް އެއް ލިބިދާނެތޯ ދެފިކުރެއްގެ މަތީގައި އިނދެ އެއްކަލަ ޒުވާނާ އަހާލީއެވެ.  މާލޭން އައިސް އިން ރަށުގެ ޒުވާނާގެ މި ޚިޔާލަށް ފުންމައިގެން ގޮސް މި ފަހަރު ވެސް ތެދުވީ އެއްކަލަ ކެޔޮޅެވެ. '' ކަލޯ ހީކުރާ ގޮތް ދޯ! ތިޔަ ހޯދަން ވާ އެއްޗެއްގެ ނަންބުނޭ. ހެޔޮ ވިލާ ތެއް ނޫން ކޮންމެ ތަނެއްގައި ހަދައިފައި ހުރި އެއްޗަކަސް. ބިންކޮނެ އާނު ކަނޑައިގެން ނަމަވެސް ތިޔަ އެއްޗެއް ދަމައިނެރި އަތުޖައްސާނަން.''


ކެޔޮ ބޭގެ މި ޖޯޝީ ބަސްތަކަށް މުޅި ތަން ގުގުމައިގެން ދިޔަ އެވެ. ހީވަނީ މިވެސް އަނެއްބައި ގެ ގޯލަށް ވައްދާލެވުނުު ލަނޑެއް ހެންނެވެ.


އަސުރުން ފައިބައި  އިރުކޮޅެއްވީތަނާ  ކެޔޮޅު ހޯދަން އެ ގެޔަށް ގޮސް ކުއްޖަކު ވަދެއްޖެ އެވެ. ކޯޗު ބުނެގެން އެއްކަލަ ކޫލް ބޮކުސް ގެ ޚަބަރު ބަލައިލަން ދިޔަ ކުއްޖެ ކެވެ. ކެޔޮޅުބެ އަހާނ! އެއްކަލަ ގޮލައި ހޯދަން ދޯއޭ ބުނެ މަޑުކޮށްލަން އިޝާރާތް ކޮށްފައި ގޮސް ވަނީ ބަނޑަހަގެޔަށެވެ. އިރުގަނޑަކު އުޅެފައި ނިކުމެ ބޮލުގައި އަތް އުނގުޅަން ހުރެފައި، އާނ! އެނގިއްޖޭ ކިޔާފައި ހަރުގަންނަވާފައި ބޭރަށް ނިކުމެ އަތިރިޔާވީ ފަރާތަށް އެބަހަރަގެން ދެއެވެ.  އެ ވާނީ އެ ސޮރުމެން މަސައްކަތް ކުރާ، މި އޮއް ފަޅުރަށުގައޭ ކިޔަމުންނެވެ.  ބައްތެލީގައި އެ ރަށަށް ގޮސް އެ ހިފައިގެން އެބަ އަންނަމޭ ގޮވަމުންނެވެ!  ފިކުރުބޮޑު ނުކުރާށެވެ!  އެންމެ ދޮޅަހަކަށް މިނެޓެވެ!


މެޗު ފެށިއްޖެ އެވެ.! ކެޔޮޅުބޭ ދައްކައެއް ނުލައެވެ.! ދަނޑަށް ގެންނަން ޖެހޭ ފިނިކުރި ފެންފުޅިތަކާ ގުލްކޯޒު އެޅި ކުރުނބާފަންޏާ، ގަނޑުފެން ޕެކެޓުތައް ހުރީ ރަށުގައި ހުރި ހަމަ އެކަނި ފުރިޖުކަމަށްވާ ރައްޔިތުންގެ އިންޖީނުގޭ ފުރިޖު ގައެވެ.

 

ހީކުރި ވަރަށް ވުރެ ނަސީބު މާރަނގަޅެވެ.  ވީލްބަރޯއެއް ހިފައިގެން މި ކޮޅަށް ބޫންކަނޑަނިކޮށް މިހާރު މަގުކޮޅުން އެ ފެންނަނީ ކެޔޮޅުޞަމަދެެވެ. އިންޖީނުގެއާ ހަމަޔަށް މަޑުނުކޮށް  އިންޖީނުގެފަސްދީ ދަނޑާ ދިމާޔަށް އޭނާ މެކުހަށްޖަހާފައި އެހެރީ  ކީއްވެ ބާވަ އެވެ.


މި ހާރު ދަނޑާ އަރާ ހަމަވެއްޖެ އެވެ.   މުޅި މީހާ ހުރީ ވަރުބަލިވެ ގުނބުހިިލިފައެވެ. ލަހިވެ މަތިނޭވަޔަށް ވެފައެވެ. ޢާންމު ކޮށް އަންނަ ސިނގުރުޅިގަނޑުގެ ކަނި މޫނުމަތިން ބުރަބުރަ އެވެ.


ރުޅި އައީ ރަށު މީހުން ދެކެއެއްނޫނެވެ. އޭނާގެ އެންމެ ދޮށީ ދަރިފުޅު ދެކެއެވެ. މި ފަދަ ބޮޑު ދުވަހެއްގައި އެ ފަދަ ބޭނުންތެރި އެއްޗެއް އެ ކުދިން މަސައްކަތް ކުރާ ފަޅުރަށުގައި  ބެހެއްޓީތީ އެވެ.


އޭނާ އެއައި ބާރު މިނުގައި އައިސް ވީލްބަރޯ އިން އަތް ދޫކޮށް ލުމުން ބަރޯގެ ދެފައިގެ ކޮޅު  ބިމަށް ހެރިގަތް  ޑަނގަ ޑަނގަ އަޑާ އެކު  ކޯޗާ ދިމާޔަަށް ބުންޏެވެ. '' އަނ! މި އޮތީ ތިޔަ އެއްޗަކީ! އަހަރެމެން އަތުގައި  އެއްޗެހި ނެތިއެއް ނުދާނެ.''  އޭރު އޭނާ އެގެނައި ފޮށީގެ އުޅަށްގަނޑުގައި  ހިފައި ކޯޗާ ދިމާޔަށް ނަގައި ދިއްކޮށްގެން ހުއްޓެވެ. " އާނ ކީކޭ ކެޔޮޅުބޭ! ކޯޗު ހައިރާންކަމާއެކު ސުވާލު ކޮށްލިއެވެ! '' ރޭގައި ތަ ބުނި އެތި މި އޮތީ އޭ'' ........


މެޗަކާ މެޗެކެވެ! މުޅި ހިސާބުގަނޑުގެ އެންމެންގެ ލޯ މިހާރު ހުއްޓިފައި އެހެރީ މި ދިމާޔަށެވެ. ކެޔޮޅާއި ކޯޗާ ދިމާޔަށެވެ! ކޫލް ބޮކްސް އެއް ބޭނުން ވާނެ ކަމަށް ރޭގައި ޚިޔާލުފާޅުކުރި ޒުވާނާ އާ ދިމާޔަށްވެސް މެއެވެ.!


މިހާރު،  ކޮންމެ މީހަކު ވެސް ވަނީ ހައިރާންކަން މަތީގަ އެވެ. އަނގަފަޅައިލައިފައި ފުލްޕުރެޝަރުގައި ނިކުންނަން ވަރުދައްކަމުންދާ ގަދަ ހިނިގަނޑު އޮބެހެއްޓޭތޯ ހިތްމަތްކުރުންމަތީގައެވެ.


ތެދެކެވެ!  ކޫލް ބޮކްސް އަކީ އަދި މުޅި އެރަށަށް ވެސް ހަމަ މުޅިން އާނަމެކެވެ!  އާ އެއްޗެކެވެ.! ކެޔޮޅުބެއަށް ފަރިތަ އޭނާ ދަންނަ ނަމާ މިނަން މާ ވައްތަރީ އެވެ.    އޭނާ ދަންނަނީ އޮޑީ އިންޖީނު ހެދުމުގެ މަސައްކަތުގައި ގެންގުޅޭ އެއްޗެއްގެ ނަމެވެ. އޭނާ ހީކުރީ އޭގެ ވާހަކަ ކޯޗު ބުނީ ކަމަށެވެ. އެ އެއްޗަކީ ކޫލް ބޮކްސް އެއް  ނޫނެވެ. އެއީ ކޮން އެއްޗެއްތޯ ރަނގަޅަށް އޮޅުން ފިލުވައިލެއްވުމަށްޓަކައި '' ކޫލް ބޮކްސް '' މި ނަމުގެ ފެށޭ އަކުރު     ޓަވިޔަންޏަކަށް،  ބަދަލު ކޮށްލައްވާށެވެ!........  އާދެ! ކެޔޮޅު ސަމަދު ފަކީރު  ކަނޑުފަތައިގެން މިގެނައީ  ޓޫލް ބޮކްސް އެކެވެ. އުމުރާ ޒަމާނުގެ ފަރަގު ތެރޭން  ކެޔޮޅުބެޔަށް ކުޑަ އޮޅުމެއް އެރީތާ އެވެ!

                  -----------------------------------------------

 

ނޯޓު: މިއީ ރަށްޓެއްސަކު އަޅުގަނޑަށް ކިޔައިދިން ހާދިސާއެއްގެ މައްޗަށް އެކުލަވައިލައިފައިވާ ލިޔުމެކެވެ. 

ހަމަމިގަލަމުން

އިދާރާ

ވާހަކަ