އަދުގެ ޚާއްސަ

Print

އިބްނު ތައިމިއްޔާ (ހަތަރުވަނަ ބައި)

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ ޚާއްޞަ

ދީނާއި ސިޔާސަތު

ޢަބްދުﷲ ފާރޫޤު ޙަސަން

އިމާމް އިބްނު ތައިމިއްޔާގެ އަރިހުގައި ދީނާއި ސިޔާސަތަކީ ގުޅިލާމެހިފައިވާ ދެކަންތަކެވެ. އޭގެތެރެއިން އެއްކަމެއް އަނެއްކަމަކާ ވަކިނުކުރެވޭނެ ދެކަންތަކެވެ. އިމާމުގެ އަރިހުގައި ދީނާއި ސިޔާސަތަކީ އޭގެތެރެއިން އެއްކަމަކާ ނުލައި އަނެއްކަމެއް ޚިޔާލަށްވެސް ނުގެނެވޭނެ ދެކަންތަކެވެ. އިމާމު ވިދާޅުވާގޮތުގައި ސިޔާސަތުގެ މަޤްޞަދަކަށްވާން ޖެހޭނީ މާތްﷲއާ ކުއްތަންވުމެވެ. އެކަލާނގެ ދީން ޤާއިމުކުރުމެވެ. މީސްތަކުން މާތްﷲއާ ކުއްތަންވާން އެދޭނަމަ، ދީން ޤާއިމްކުރުމަކީ އެބައިމީހުންގެ މަޤަސަދެއްކަމަށާއި އެދޭކަމެއްކަމުގައި ހަދާންޖެހޭނެއެވެ. އޭގެލާޒިމީ ނަތީޖާއެއްގެ ގޮތުން މާތްﷲގެ މަގުގައި ހިފެހެއްޓުމެއްނެތި  މުދާ ޚަރަދުކުރެވެއެވެ. އޭގެ ސަބަބުން ދީނާއި ދުނިޔޭގެ ލާބައާއި މަންފާ ޙާސިލުވެއެވެ.

އިމާމު އެކަލޭގެފާނުގެ އައްސިޔާސަތުއްޝަރްޢިއްޔާގައި ލިޔުންވައިފައިވެއެވެ. "ދައުލަތެއް އުފެއްދުމާއި ސަރުކާރެއް ޤާއިމުކުރުމުގެ ލާޒިމީ މަޤްޞަދަކަށް ވާންޖެހޭނީ މާތްﷲގެ ޚަލްޤުތަކުންގެ ދީން އިޞްލާޙުކުރުމެވެ. މީސްތަކުންގެ ދީން ބަރުބާދުވަމުން ދާނަމަ އެކަންވާނީ ނުހަނު ހަލާކުހުރިކަމެއްކަމުގައެވެ. މާލީގޮތުން ބަލާއިރުވެސް  ނިޢުމަތްތަކުގެވެރި މާތްﷲ ދެއްވާ ދުނިޔަވީ ނިޢުމަތް ތަކަކުން އެބައިމީހުންނަކަށް އެއްވެސް ފައިދާއެއް ނުލިބޭނެއެވެ." އެފޮތުގެ އެހެންތަނެއްގައި ލިޔުއްވައިފައިވެއެވެ. "ރަސްކަން ދީނުގެ އެއްބާރުލުމުން މަހްރޫމު ވެފައިވާނަމަ ނުވަތަ ދީނަށް ސަރުކާރުގެ ޙިމާޔަތާއި ބާރުލިބެމުން ނުދާނަމަ މީސްތަކުންގެ ހާލަތު ދާނީ ފާސިދުވަމުންނެވެ." އެކަލޭގެފާނުގެ ޒަމާނުގައި އާއްމުވެފައި އޮތް ހަމަނުޖެހުމުގެ އެންމެ ބޮޑު ސަބަބެއްކަމުގައި އިމާމު އިބްނު ތައިމިއްޔާ ވިދާޅުވަނީ ދައުލަތުގެ ޢާމިލުން އީމާންކަމުގެ ޙަޤީޤަތާއި ދީނުގެ ފުރިހަމަކަމުން މަޙްރޫމުވެފައިވުމެވެ. އިމާމު ވިދާޅުވާގޮތުގައި ކޮންމެ ސަބަބަކާހުރެ ނަމަވެސް ދީނާއި ސިޔާސަތާ ވަކިވުމަކީ އިންސާނީ ނައުޢަށް ވަރަށް ގެއްލުންހުރި ކަމެކެވެ. އިމާމު ވިދާޅުވާގޮތުގައި ދީނާއި ސިޔާސަތާ ވަކިވެއްޖެނަމަ މުޖްތަމަޢުގައި ދެގްރޫޕެއް އުފެދޭނެއެވެ. އޭގެތެރެއިން އެއްބަޔަކީ ދީންވެރި، އެކަމަކު މާތްﷲގެ ދީން ފުރިހަމަކުރުމަށްޓަކައި ބޭނުންވާ އާރާއި ބާރާއި، މުއްސަނދިކަމާއި، މުޖްތަމައުގައި ބަސްވިކުމުން މަޙްރޫމުވެފައިވާ ބައެކެވެ. ދެވަނަ ބަޔަކީ އާރާއި ބާރުގެ ބޭނުންކުރާ ވެރިކުލައިގެ ޖަމާޢަތެވެ. އެބައިމީހުން ބާރުގެ ބޭނުންކުރާނެއެވެ. އެކަމަކު އެބައިމީހުންގެ މަޤްޞަދަކަށްވާނީ ދީންޤާއިމްކުރުމެއްނޫނެވެ.

އިމާމު އިބްނު ތައިމިއްޔާ އެއްވެސް ފަރާތަކަށް ޖެހިލުންވެ ވަޑައިގަތުމެއްނެތި އެދެ ޖަމާއަތަށް ދެއްވައިފައިވާނަމަކީ "މަޣުޟޫބި ޢަލައިހިމް ވައްޟާއްލީން" ގެނަމެވެ. އެދެޖަމާޢަތުގައިވެސް ސާލިޙު މީހެކޭ ބުނެވުން ޙައްޤު މީހަކު ނުހުންނާނެއެވެ. އިމާމު ދަޢުވާ ކުރައްވާގޮތުގައި އުންމަތުގެ ޞުލަޙާއުންގެތެރޭގައިހިމެނޭނީ ޚާއްޞަ މަޤްސަދަކަށްޓަކައި ތިމާޔަށް އެކަށޭނަމިންވަރަކަށް ވެރިކަމުގެ ބާރުހޯދަން މަސައްކަތްކުރާ މީހުންނެވެ. އެމަޤްޞަދަކީ މާތްﷲ އެމީހަކަށް ވެރިކަމުގެ ބާރެއް ދެއްވައިފިނަމަ އެކަލާނގެ ރަސްކަންފުޅަށް ބޯލެނބުމާއި އެކަލާނގެ ކަލިމަފުޅު މަތިވެރި ކުރުމެވެ. މުސްލިމުންނަށް ހަމްދަރުދީވެ ހެޔޮއެދުމުގެ ނިޔަތުގައި ބާރުހޯދަންއުޅޭ މީހުންނެވެ. ދީނުގެ ވާޖިބުތައް އަދާކޮށް ހަރާމްކަންތައްތަކުން ދުރުވެހުރުމުގެ ނިޔަތުގައި މަސައްކަތްކުރާމީހުންނެވެ.

ޢަޖާއިބުވާފަދަކަމެކެވެ. އިމާމު އިބްނު ތައިމިއްޔާ ދީނާއި ސިޔާސަތު އެއްގޮތަކަށްވެސް ވަކިނުކުރުމުގެ މައްޗަށް އިންތިހާދަރަޖަޔަށް ބާރުއަޅުއްވާއިރު ސިޔާސަތާއި ދީން ތަފާތު ފަރުދުންނާ ހަވާލުކުރަން ތާއީދުކުރައްވައެވެ. އޭގެ ސަބަބަކީ އެކަލޭގެފާނުގެ ޒަމާނުގައި ކަންއޮތްގޮތުގެ އަސަރުން މުޅީން މިންޖުވެވަޑައި ނުގެންނެވުނީކަމުގައި ވެދާނެއެވެ. އެކަލޭގެފާނު ލިޔުއްވައިފައިވެއެވެ. "އުލުލްއަމްރުންގެ ވަނީ ދެބައެކެވެ. ވެރިކަމުގެ މިދެފަންވަތުގެމީހުން ރަނގަޅުގޮތުގައި ތިބިކަމުގައިވާނަމަ އެމީހުންގެ ދަށުން ކަންހިންގާން ތިބޭ އެންމެންވެސް ތިބޭނީ ރަނގަޅަށެވެ. ރައްޔިތުންނަށް ހިތްހަމަޖެހިގެންތިބެ ނިދައިލެވޭނެއެވެ." މިދެންނެވި ދެ ފަންވަތުގެ މީހުންގެ މެދުގައި މަސައްކަތުގައި އެއްބާރުލުން އުފެއްދެވުމަށްޓަކައި އިމާމު އެދެބައިމީހުންނަށް ގޮވައިލައްވަނީ ބުނާ ކޮންމެ ބަހަކާއި ކުރާކޮންމެ ކަމެއްގައި މާތްﷲއާއި އެކަލާނގެ ރަސޫލާއަށް ކިޔަމަންތެރިވުމުގެ މައްޗަށް ވަރަށް ރަނގަޅަށް ފަރުވާތެރިވުމަށެވެ. ޚާއްޞަކޮށް އުނދަގޫ މައްސަލަތަކާ ކުރިމަތިވާހިނދު ދެބައިމީހުންވެސް މާތްﷲގެ ފޮތާއި އެކަލާނގެ ރަސޫލާގެ ސުންނަތުގެ މަޤްޞަދު ފުރިހަމަކުރެވޭން އޮތް އެންމެމަތީ ދަރަޖަޔަކަށް ފުރިހަމަ ކުރުމަށެވެ. ދެބައިމީހުންގެ މައްޗައްވެސް އެއީ ވާޖިބެއްކަމުގައި އިމާމު ވިދާޅުވެއެވެ.

ވަލިއްޔުލްއަމްރު


ޖަމާޢަތަށް ވެރިޔަކު ބޭނުންވާ ސަބަބާބެހޭގޮތުން އިމާމު އިބްނު ތައިމިއްޔާ ވަނީ ބަޙްޘުކުރައްވައިފައެވެ. އައްސިޔާސަތުއްޝަރްޢިއްޔާގައި އިބްނު ތައިމިއްޔާ ލިޔުއްވައިފައިވާގޮތުގައި އިންސާނުން އެބައިމީހުންގެ ބޭނުންތަކުގައި އެކަކު އަނެކަކާ ކުރިމަތިލާންޖެހެއެވެ. އެހެންކަމުން އިންސާނުންގެ އިޖްތިމާޢެއް  އުފެދިފައި އޮވެގެންމެނުވީ އާދަމުގެ ދަރީންނަކަށް އެބައިމީހުންގެ ބޭނުންތަކާއި މަޞްލަޙަތުތަކެއް ޙާޞިލެއް ނުކުރެވޭނެއެވެ. އެހެންކަމުން އިޖްތިމާޢެއް އުފެދުމުން އޭގެތެރޭގައި ވެރިޔަކު ހުރުމަކީ ބޭނުންކަމެކެވެ. އިމާމު އިބްނު ތައިމިއްޔާ ވިދާޅުވާގޮތުގައި ރައްޔިތުންގެ ކަންތައްތަކާ ޙަވާލުވެ އެކަންތައްތައް ބަލަހައްޓާނެ މީހަކު ހުރުމަކީ ދީނީ ވާޖިބުތަކުގެ ތެރެއިން ބޮޑުވެގެންވާ ވާޖިބެކެވެ. އެކަން ވާޖިބުވާ ދެސަބަބެއްވެސް އިބްނު ތައިމިއްޔާ ބަޔާންކުރައްވައެވެ. އިމާމު ވިދާޅުވާގޮތުގައި ދީން ޢާއްމުކޮށް ދީންދެމެހެއްޓުމަކީ ވެރިޔަކާ ނުލައި މުސްތަޙީލުކަމެކެވެ. ވެރިޔަކާ ނުލައެއް ދުނިޔަވީ ހެވާއި ލާބައެއްވެސް ހޯދައެއްނުގަނެވޭނެއެވެ. ދަލީލެއްގެގޮތުން އިމާމު ދައްކަވައިފައިވަނީ ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ހަދީޘުފުޅެކެވެ. އިތުރުސާހިބާ އިރްޝާދު ދެއްވާގޮތުން ތިންމީހަކު އެކުގައި ދަތުރަކު ފުރިކަމުގައިވިޔަސް އޭގެތެރެއިން އެކަކު ވެރިޔަކަށް ޢައްޔަންކުރާންޖެހޭނެއެވެ.

ވެރިޔަކު އައްޔަންކުރުން ވާޖިބުވާ ދެވަނަ ސަބަބެއްކަމުގައި އިބްނު ތައިމިއްޔާ ވިދާޅުވަނީ ހެޔޮކަންތަކަށް އަމުރުކުރުމާއި ނުބައިކަންތައް މަނާކުރުމަކީ މާތްﷲ ފަރުޟުކުރައްވައިފައިވާ ކަމެއްކަމުގައިވުމެވެ. އެހެން އިބާރާތަކުން ދަންނަވާނަމަ ޢަރަހުށި މާތްﷲ ދީނަށްގޮވައިލުން ވާޖިބުކުރައްވައިފައިވުމެވެ. އާރާއި ބާރާއި ވެރިކަމާ ނުލައެއް އެވާޖިބު އަދައެއް ނުކުރެވޭނެއެވެ. ހަމައެފަދައިން ޖިހާދުކުރުމާއި، ޢަދްލުއިންޞާފުޤާއިމުކުރުމާއި، ހުކުރުނަމާދާއި، ޢީދުނަމާދުގެ ކަންތައް ބެލެހެއްޓުމާއި، ޙައްޖުވުމުގެ އިންތިޒާމުކޮށް ފުރިހަމަކުރުމަށްޓަކައިވެސް އިމާމަކު ބޭނުންވެއެވެ. އަނިޔާލިބޭމީހުންނަށް އިންސާފު ހޯދައިދިނުމަށާއި ދީނުގެ ޙައްދުތައް ޤާއިމުކުރުމަށާއި، އަދި މިނޫންވެސް އެތައް ފަރުޟުތަކަކާއި ވާޖިބުތަކެއްވެސް އާރާއި ބާރާނުލައެއް އަދައެއް ނުކުރެވޭނެއެވެ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ