އަދުގެ ޚާއްސަ

Print

ތާރީޚް ދުށް އެންމެ މަތިވެރި އިންސާނާ

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ ޚާއްޞަ


ޢަބްދުﷲ ފާރޫޤް ޙަސަން

އިނގިރޭސިވިލާތުގެ އޮރިއެންޓަލިސްޓެއް ކަމުގައިވާ މިސްޓަރ އީ. އީ. ކެލެޓް އޭނާ ލިޔުއްވި ފޮތެއްގައި އިސްލާމް ދީނުގެ ނަބިއްޔާ މުޙަންމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ މަތިވެރިކަމަށް އިޢުތިރާފްވެ ވަޑައިގެންފައިވެއެވެ. އޭނާ ލިޔުއްވާފައިވެއެވެ. " އިސްލާމްދީނުގެ ބާނީއަށްވުރެ ޙައިރާންކުރުވަނިވި އެއްވެސް ޝަޚްޞިއްޔަތެއް ތާރީޚުން ފެނިފައެއް ނުވެއެވެ. އެކަލޭގެފާނަށްވުރެ ފުން އަސަރެއް ދުނިޔޭގެ ތަޤްދީރަށް ފޯރުވި އެހެން މީހަކު ފެނުމަކީ ވަރަށް އުނދަގޫ ކަމެކެވެ. އެކަލޭގެފާނަށް ވަރަށް އެކަށޭނަ ވެއްޓެއް ލިބިވަޑައިގެންނެވިއެވެ. އެކަލޭގެފާނަށް ފަހިވާގޮތަށް އެވެށި ބަދަލުކޮށްލައްވާނީ ކިހިނަކުންކަން އެކަލޭގެފާނު ދެނެވަޑައިގެންނެވިއެވެ. އެކަލޭގެފާނު ދަތިއުނދަގޫ މައްސަލަތަކާ ކުރިމަތިލެއްވީ ނާކާމިޔާބީގެ ތެރެއިން ކާމިޔާބީ ޙާޞިލްކުރެއްވުމުގެ ޢަޒުމާ އެކުގައެވެ. އެކަލޭގެފާނު ދުނިޔެއަށް ވަޑައިގެންނެވި ދުވަސްވަރުނޫން އެހެން ދުވަސްވަރެއްގައި އެނޫން އެހެން ތަނަކުން އެކަލޭގެފާނަކަށް އެފަދަ ކާމިޔާބީއެއް ލިބިވަޑައެއް ނުގަތީހެވެ. ހަމައެފަދައިން އެކަލޭގެފާނު ފިޔަވައި އެހެން އެއްވެސް މީހަކަށް އެއްގޮތަކަށްވެސް އެފަދަ ކާމިޔާބީއެއް ނުހޯދެކަމީވެސް ކަށަވަރު ކަމެކެވެ."

There is no more astonishing career in history than that of the founder of this religion (Islam), and scarcely any man has more profoundly influenced the destinies of the world. He was of course, favored by circumstances, but he knew how to turn them to his purposes, and he faced adversity with the determination to wring success out of failure. While he could not have succeeded in another place or at another time, it is tolerably certain that no one could have succeeded at all

E. E.Kellett, A short history of Religions, London 1933. P. 333


ވަރަށްގިނަ މުއައްރިޚުން ވަނީ އިސްލާމްދީނުގެ ނަބިއްޔާގެ މަތިވެރިކަމަށް މިގޮތަށް އިޢުތިރާފް ވެފައެވެ. އެކަލޭގެފާނުގެ ޢަމަލީ މަސައްކަތްޕުޅުގެ މުއްދަތަކީ އެންމެ ތޭވީސް އަހަރެވެ. އެކަލޭގެފާނު މަސައްކަތްޕުޅު ފެއްޓެވީ ގިނިކަންޏާ ފަރުދެއްގެ ޙައިޘިއްޔަތުންނެވެ. ނަމަވެސް އެ ކުރުކުރު މުއްދަތުގެ ތެރޭގައި ޢަރަބި ކަރައިގެ ހުރިހައި ޤަބީލާތަކެއް އެކަލޭގެފާނުގެ ދީނަށް ވަނެވެ. ޔަމަނުކަރައިން ފެށިގެން ޝާމްކަރައާއި ފަލަސްޠީނުގެ ސަރަޙައްދާ ހަމަޔަށް މުޅި އެރޭބިޔަން ޕެނިންސިއުލާގައި އެކަލޭގެފާނުގެ ވެރިކަން ޤާއިމްވިއެވެ. އެކަލޭގެފާނުގެ ދީނުގެ ފަހަތުން އެދީން ޙިމާޔަތްކުރައްވާނެ އިންތިހާ ދަރަޖައިގެ އުރައްޕުހުރި ޓީމެއް ތައްޔާރުކުރެއްވިއެވެ. އެޓީމު އެޒަމާނުގެ އެންމެ ބާރުހުރި ދައުލަތްތަކާއި ހަނގުރާމައިގެ މައިދާނުން ބައްދަލުކުރިއެވެ. އެކަލޭގެފާނު އެ އިންޤިލާބެއްގެ ފުޅާ އަސަރުތައް މުޅި ދުނިޔެ އިޙްސާސްކުރި ވަރުގަދަ އިންޤިލާބެއް ދުނިޔެއަށް ގެންނެވިއެވެ.

ދީނީ އިޞްލާޙާއި ، ޢިލްމީ ތަރައްޤީއާއި، އަޚްލާޤީ އަގުތަކާއި، ސައިންޓިފިކް ކުރިއެރުމާއި މިހެންގޮސް އިންސާނީ ޙަޔާތުގައި މިފަހުގެ ދައުރުތަކުގައި ކުރެވިފައިވާ ހުރިހައި މަތިވެރި މަސައްކަތްތަކަކީ އެކަލޭގެފާނު ގެންނެވި އިންޤިލާބުގެ ސީދާ ނުވަތަ ނުސީދާ ނަތީޖާއެވެ.

އިސްލާމްދީނުގެ ނަބިއްޔާ ނިކަމެތިކޮށް ބަލިކޮށްލުމަށްޓަކައި އެޒަމާނުގެ ހުރިހައި ބާޠިލް ބާރުތަކެއް އެކަތިގަނޑަކަށް ވިއެވެ. އެހެންކަމާއެކުވެސް އެކަލޭގެފާނަށް ލިބިވަޑައިގެންނެވި ކާމިޔާބީއަކީ އޭގެ ދެވަނަ މިސާލެއް ތާރީޚުން ފެންނާންނެތްފަދަ ކާމިޔާބީއެކެވެ. އިސްލާމްދީނުގެ ނަބިއްޔާއަށް އެ އާދަޔާ ޚިލާފް ކާމިޔާބީ ލިބިވަޑައިގަތީ މާތްﷲ ގެ ޚާއްޞަ މަދަދުގެ ޒަރީޢާއިންނެވެ.

ޝައްކެއްނެތެވެ. މިއީ ތާރީޚީ ނަމޫނާއެކެވެ. މި ނަމޫނާގެ ޒަރީޢާއިން މާތްﷲ އިންސާނިއްޔަތަށް ދެއްވާފައިވާ ފިލާވަޅަކީ ދުނިޔޭގައި އެންމެފަހުން ކާމިޔާބީ ލިބޭނީ މާތްﷲގެ ސީދާ މަގުގައި ހިނގާ މީހުންނަށް ކަމެވެ. އެމަގު ފިޔަވައި އެހެނިހެން މަގުމަގުން ހިނގާ މީހުންނަކީ މާތްﷲގެ މިދުނިޔޭގައި މުރާދު ޙާޞިލްވާނެ ބަޔެއްނޫނެވެ.

މިސްޓަރ އީ. އީ. ކެލެޓް ފަދަ އެތަކެއް ސަތޭކަ މުއައްރިޚުންގެ ތެރެއިން އަޅުގަނޑު މިތާގައި ފާހަގަކުރާ އަނެއް މުއައްރިޚަކީ ޑޮކްޓަރ މައިކަލް އެޗް ހާޓެވެ. އޭނާ ލިޔުއްވި 572 ޞަފްޙާ މައްޗަށް އެކުލެވޭ ދި ހަންޑްރެޑް އެންމެ ފުރަތަމަ ޗާޕްވީ 1978 ގައެވެ. ޑޮކްޓަރ މައިކަލް ހާޓް އޭނާގެ ފޮތަށް މުޅި އިންސާނީ ތާރީޚުގެ ތެރެއިން އެއްސަތޭކަ ޝަޚްޞިއްޔަތު ހޮއްވަވައި ލެއްވިއެވެ. އެއީ އިންސާނީ ތާރީޚުގައި އެންމެ މަތިވެރި ކާމިޔާބީތަކެއް ޙާޞިލްކުރެއްވި އެއްސަތޭކަ ޝަޚްޞިއްޔަތެވެ. ޑޮކްޓަރ މައިކަލް ހާޓް މިދެންނެވި އެއްސަތޭކަ މީހުންގެ ފިހުރިސްތުގައި އެއްވަނަ މަޤާމު އަރުވައިފައިވަނީ އިސްލާމްދީނުގެ ނަބިއްޔާ ޞައްލައްﷲ ޢަލައިހި ވަސައްލަމް އަށެވެ. އޭނާ ލިޔުއްވާފައިވެއެވެ. " ދީނީގޮތުންނާއި ދުނިޔަވީ ގޮތުން ބަލާއިރު ތާރިޚުގެ އެންމެ ކާމިޔާބު ޝަޚްޞިއްޔަތަކީ އެކަލޭގެފާނެވެ."

He was the only man in history who was supremely successful on both the religious and secular levels (P.33) p


އިސްލާމްދީނުގެ ނަބިއްޔާއަކީ އެންމެހައި އިންސާނުންނަށްޓަކައި ނަމޫނާއެއްކަމުގައި ކީރިތި ޤުރުއާނުގައިވަނީ އަންގަވާފައެވެ. (އަލްއަޙްޒާބު:21) މިގޮތުން ބަލާއިރު އެކަލޭގެފާނުގެ ޙައިޘިއްޔަތަކީ ހަމައެކަނި ތާރީޚުގެ އެންމެ ކާމިޔާބު ޝަޚްޞިއްޔަތުގެ މަޤާމެއްނޫނެވެ. އަދި ކީއްތޯއެވެ؟އެކަލޭގެފާނަކީ އެކަލޭގެފާނުގެ ޢަމަލީ ޙަޔާތްޕުޅަށް ބަލާއިރު މިދުނިޔޭގައި އެންމެ މަތިވެރި ކާމިޔާބު ޙާޞިލްވާނެ މަގަކީ ކޮބައިކަންވެސް ބަޔާންކޮށް ދެއްވި ސާހިބާއެވެ.

އިސްލާމްދީނުގެ ނަބިއްޔާގެ ޙައިޘިއްޔަތަކީ ހަމައެކަނި ތާރީޚްދުށް އެންމެ މަތިވެރި ބަޠަލްގެ ޙައިޘިއްޔަތެއްނޫނެވެ. އަދި ކީއްތޯއެވެ؟ އެކަލޭގެފާނުގެ ޙައިޘިއްޔަތަކީ އިންސާނިއްޔަތަށް އަބަދަށްޓަކައި މަގުދައްކަވާ ބޭކަލެއްގެވެސް ޙައިޘިއްޔަތެވެ. އަރަހުށި މާތްﷲ އެކަލާނގެ ވަޙީގެ ޒަރީޢާއިން އިންސާނީ ޙަޔާތުގެ އެންމެ މަތިވެރި އުޞޫލުތައް އެކަލޭގެފާނަށް އުނގަންނަވައި ދެއްވިއެވެ. އެ އުޞޫލުތައް ފާޅުކުރެވުމުގެ މިސާލީ ނަމޫނާއެއްކަމުގައި އެކަލޭގެފާނު ހިމެނިވަޑައިގެންނެވިއެވެ. އެކަލޭގެފާނުގެ ޙަޔާތްޕުޅުވަނީ ތާރީޚުގައި ފުރިހަމައަށް ރައްކައުތެރި ކުރެވިފައެވެ. ތާރީޚް މުޠާލިޢާ ކޮށްގެން މިއަދުވެސް ކޮންމެ މީހަކަށްވެސް އެންމެ މަތިވެރި ކާމިޔާބީ ޙާޞިލްވުމުގެ ސިއްރަކީ ކޮބައިކަން ހޯދައިގަނެވިދާއެވެ. އާދެ އެއީ މިދުނިޔޭގައި ތިމާއަކީ ކާމިޔާބު މީހަކަށް ހެދޭނެގޮތުގެ ސިއްރެވެ.

   

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ