އަދުގެ ޚާއްސަ

Print

ކީރިތި ރަސޫލާ އަކީ ޢާލަމްތަކަށް ފޮނުއްވި ރަޙްމަތެއް

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ ޚާއްޞަ


ދުނިޔޭގެ މައްސަލަތަކަށް އޮތް ޙައްލަކީ ރަސޫލާގެ މެސެޖްގައި ހިފުން


ޢަބްދުﷲ ނަޢީމު އިބްރާހީމް

ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އާ ބެހޭ ގޮތުން ކީރިތި ޤުރްއާނުގައި ބަޔާން ކުރައްވާފައި ވެއެވެ.

"އަދި ޢާލަމްތަކަށް ރަޙްމަތެއް ކަމުގައި މެނުވީ ތިމަން ސުވާމީންގެ ކަލޭގެފާނު ނުފޮނުއްވަމެވެ." (އަލްއަންބިޔާއު 107)

ކީރިތި ރަސޫލާ ފޮނުއްވީ އެކަލޭގެފާނުގެ ޢަމަލުފުޅުތަކާއި ބަސްފުޅުތަކުން މީސްތަކުންނަށް ރަޙްމަތުގެ ދޮރު ހުޅުއްވައި ދެއްވާންކަން މި އާޔަތުން ވަރަށް ރަނގަޅަށް އެބަ އެނގެ އެވެ.

އިމާމް މުސްލިމް ގެ ޞަޙީޙް ގައި ވާ ޙަދީޘަކުން ސާބިތު ވެފައިވާ ގޮތުގައި މުޝްރިކުންގެ ދުއްތުރާ ބޮޑު ވެގެން ދިޔައީމާ އަޞްޙާބު ބޭކަލުން ވަޑައިގެން އެ މީހުންނަށް ﷲ ލަޢުނަތް ލައްވާތޯ ދުޢާ ކުރައްވަން ދެންނެވީމާ އިތުރު ޞާޙިބާ ޙަދީޘް ކުރެއްވި އެވެ. "އަހުރެން ފޮނުއްވިގެން ވަނީ މީސްތަކުންނަށް ލަޢުނަތް ލައްވާތޯ ދަންނަވާކަށް ނޫނެވެ. އަހުރެން ފޮނުއްވީ މީސްތަކުންނަށް ހުރި ރަޙްމަތެއްގެ ގޮތުގަ އެވެ." މުޝްރިކުން ގެންދިޔައީ އިތުރު އެކަލޭގެފާނާއި، އެކަލޭގެފާނުގެ ގޮވައިލެއްވުމަށް ތަބާވީހައި ބަޔަކަށް އަނިޔާކޮށް، އުނދަގޫ ކުރަމުންނެވެ. އެހެން ނަމަވެސް އިތުރު އެކަލޭގެފާނުގެ ދޫފުޅުން އެ މީހުންނަށްޓަކައި ހެޔޮ ދުޢާ ނޫން އެއްޗެއް މީހަކަށް އަޑެއް ނީވެ އެވެ.

އެއްދުވަހަކު މުޝްރިކުންގެ އަނިޔާގެ ސަބަބުން އެކަލޭގެފާނުގެ މާތް ހަށިކޮޅުން ލޭފޮދު އޮހޮރެން ފެށިއެވެ. އެއީ މަޝްހޫރު ޠާއިފް ގެ ދުވަހު އެވެ. ޠާއިފަށް ވަޑައިގެން މުޝްރިކުންނަށް ދީނަށް ގޮވައިލެއްވީމާ އެ މީހުން އެކަލޭގެފާނަށް އަނިޔާ ކުރަން ފެށީ އެވެ. އިރުއޮއްސި އަނދިރި ވީ އިރުވެސް އެ މީހުންގެ ދުއްތުރާލަކަށް ދުލެއް ނުދެ އެވެ. އެ ދުވަހު ވެސް އެކަލޭގެފާނުގެ ދޫފުޅުން ނުކުތީ މި ދުޢާ އެވެ. "ހައްދަވައި ބޮޑު ކުރެއްވި ރަސްކަލާކޮ. އެ މީހުންނަށް ތެދު މަގު ދައްކަވައިފާނދޭވެ. އެ މީހުންނަށް ޙަޤީޤަތް ނޭނގެނީ އެވެ."

ކީރިތި ރަސޫލާގެ ހިތްޕުޅުގައި މުޅި އިންސާނީ ނަސްލަށް ލައްވައިފައި ވަނީ ވަރަށް އާދަޔާ ޚިލާފު ލޯބިފުޅެކެވެ. އެކަލޭގެފާނުގެ ކުރިފުޅުމަތީގައި ވަކި ނަސްލެއް، ވަކި ކުލައެއް، ވަކި ދަރިކޮޅެއްގެ ތަފާތެއް ނެތެވެ. ހުރިހައި އިންސާނުންނަކީ އަޚުން ކަމުގައި އެ ކަލޭގެފާނު ޙަދީޘް ކުރައްވައެވެ. "ކަލޭމެން އެންމެންނަކީ އާދަމްގެފާނުގެ ދަރިންނެވެ. އާދަމްގެފާނު ހެއްދެވީ މަށިންނެވެ."

ކީރިތި ރަސޫލާ އިންސާނުންގެ ތެރެއަށް ދޫކުރައްވަން ބޭނުންފުޅުވީ މެސެޖް މި ޙާދިޘާތަކުން ވަރަށް ރަނގަޅަށް އެނގެ އެވެ. ދުނިޔޭގެ ކޮންމެ ތަނެއްގައި އުޅުނަސް، ކޮންމެ ބަހަކުން ވާހަކަ ދެއްކިޔަސް ދުނިޔޭގެ އެންމެންނަކީ އަޚުންނާއި އުޚުތުން ކަމަށް ބެލުމަކީ އިސްލާމީ އުސޫލެވެ. މިއީ ކީރިތި ރަސޫލާގެ މެސެޖެވެ. ދުނިޔޭގެ މައްސަލަތަކަށް އެދެވޭ ޙައްލެއް ގެނެވޭނީ މި އުސުލޫގައި ހިފެހެއްޓިގެންނެވެ. އެންމެންނަކީ އެއްބައެއް ކަމަށް ހެޔޮ ހިތުން ޤަބޫލު ކުރެވިގެންނެވެ.

ކީރިތި ރަސޫލާގެ ޙަދީޘެއްގައިވާ ގޮތުގައި ފުރިހަމަ މުއުމިނަކީ އެ މީހެއްގެ ވާހަކަ އާއި ޢަމަލުން އެހެން މީސް މީހުންނަށް އުނދަގޫ ނުކުރާ މީހާ އެވެ. އެހެން ޢިބާރާތަކުން ދަންނަވަނީ ނަމަ އެ މީހަކާ ބައްދަލުވީމާ އެހެން މީސް މީހުންގެ ހިތުގައި ނުރައްކަލުގެ ރަނގަބީލު ޖެހޭ މީހަކީ ފުރިހަމަ މުއުމިނަކަށް ނުވާނެ އެވެ.

މީހެއްގެ ފަރާތުން ހިތް ހަމަ ޖެހޭ ކަހަލަ ސިފައެއް ފެނިއްޖެ ނަމަ ތިމާގެ ސިކުނޑި ހެޔޮ ގޮތަށް އެނބުރިގެން ދިއުމަކީ ޠަބީޢީ ކަމެކެވެ. އެހެންވީމާ ހެޔޮ ކަމެއް ކޮށް ދިން މީހަކަށް ހެޔޮ ކަމެއް ކޮށް ދިނުމަކީ ވަރަށް ފަސޭހަ ކަމެކެވެ. އުނދަގޫ ކަމަކަށް ވަނީ ތިމާ ނުރުހޭ ކަމެއް ކުރި މީހަކާ މެދު ރަނގަޅަށް ކަންތައް ކުރުމެވެ. ކީރިތި ރަސޫލާ ދަސްކޮށްދެއްވި އުސޫލަކީ މި ދެންނެވުނު އުނދަގޫ އުސޫލެވެ. އެކަލޭގެފާނުގެ މުޅި ދިރިއުޅުއްވުން ބިނާ ކުރެއްވީ މި އުސޫލުގެ މައްޗަށެވެ.

ދުނިޔޭގެ ކަންތައްތައް ހިނގާ ގޮތަށް ބަލާ އިރު ހުރިހައި މައްސަލަ އަކަށް އޮތް ޙައްލަކީ މިއީ ކަން ވަރަށް ރަނގަޅަށް އެނގެ އެވެ. ތާރީޚުން ފެންނާން އޮތް ވަރަށް މަޝްހޫރު ޙާދިޘާއެއްގެ ވާހަކަ ދަންނަވައިލާނަމެވެ.

ކީރިތި ރަސޫލާ އެއް ދުވަހަކު ޔަހޫދީއެއްގެ އަތުން ދަރަންޏަށް ފައިސާކޮޅެއް އަތުލައްވައިފި އެވެ. ދުވަސްކޮޅެއް ފަހުން އެ ފައިސާކޮޅު ބަލައި ޔަހޫދީ މީހާ އަތުވެއްޖެ އެވެ. އެ ދުވަހު އޭނާ އަށް ދެއްވާނޭ ފައިސާއެއް އަތްޕުޅުގައި ނެތް ކަމަށް ކީރިތި ރަސޫލާ ޙަދީޘް ކުރެއްވި އެވެ. އޭނާ ދެންނެވި އެވެ. "އަޅުގަނޑުގެ ފައިސާކޮޅު ނުދެއްވަނީސް މި ތަނުން ވަޑައިގަތަ ނުދޭނަމެވެ." އޭނާ އެކަލޭގެފާނަށް އެއްވެސް ތަނަކަށް ވަޑައިގަތަ ނުދީ ރޭގަނޑު ވާންދެން ހިފަހައްޓައިފި އެވެ. އެ ދުވަސްވަރު އެކަލޭގެފާނަކީ މަދީނާގެ ވެރިޔާ އެވެ. ބޭނުންފުޅު ފިޔަވަޅެއް އެޅުއްވުމުގެ އިޚްތިޔާރު އޮތީ ފުރިހަމަ އަށް ލިބިވަޑައިގެންފަ އެވެ. ފިޔަވަޅެއް އަޅުއްވަން ބައެއް އަޞްޙާބު ބޭކަލުން މަޝްވަރާ އެރުވި އެވެ. އެ ބޭކަލުންނަށް ޖަވާބު ދެއްވަމުން ކީރިތި ރަސޫލާ ޙަދީޘް ކުރެއްވި އެވެ. "އެއްވެސް މީހަކާ މެދު ނުބައިކޮށް ކަންތައް ކުރުން  ވަނީ ނަހީ ކުރައްވައިފައެވެ." އަނެއް ދުވަހުގެ އިރު އެރި އިރުވެސް ކީރިތި ރަސޫލާ ވަޑައިނުގެން ހުންނެވި އެވެ. ޔަހޫދީ މީހާ އަށް ނިދިފައި ހޭލެވުނު އިރު ކީރިތި ރަސޫލާ ފެނުނީމާ ކުރި އަސަރެއްގެ ބޮޑު ކަމުން ވަގުތުން އިސްލާމް ވެއްޖެ އެވެ. ކުރީ ދުވަހު އޭނާ ކީރިތި ރަސޫލާ ހިފެހެއްޓީ ކުޑަކުޑަ ފައިސާކޮޅެއް ނުލިބިގެންނެވެ. އެކަލޭގެފާނުގެ ކެތްތެރިކަމާއި، ޚުލްޤުފުޅުގެ ހެޔޮ ކަމުގެ ސަބަބުން ކުރި އަސަރުގެ ބޮޑުކަން ނިކަން ވިސްނާވަޑައިގެން ބައްލަވާށެވެ. އޭނާ ދެންނެވި އެވެ. "އަޅުގަނޑުގެ ހުރިހައި މުދަލަކާއި ފައިސާއެއް ކަލޭގެފާނު ބޭނުންފުޅު ގޮތަކަށް ޚަރަދު ކުރައްވަން ދޫކޮށްފީމެވެ."

ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައިވާ ގޮތުގައި އަވަށްޓެރިންނަށް އުނދަގޫ ކުރާ މީހާ އަކީވެސް ފުރިހަމަ މުއުމިނެއް ނޫނެވެ. ގާތްތިމާގެ މީހުންނާއި އަވަށްޓަރިންނާއި އެހެނިހެން މީސް މީހުންނާ މެދު ކަންތައްތައް ކުރަން ޖެހޭ ރީތި ގޮތްގޮތް އެކަލޭގެފާނު ވަނީ ދަސްކޮށް ދެއްވައިފަ އެވެ.
އަނަސް ބުނު މާލިކް ވިދާޅު ވެފައި ވެ އެވެ. "އަހަރެން ކަމެއް ކުރީމާ އެ ކަމެއް ކުރި ގޮތަކާ ބެހޭ ގޮތުން ކީރިތި ރަސޫލާ ސުވާލެއް ނުކުރައްވަ އެވެ. އަދި ކަމެއް ނުކޮށް ދޫކޮށްލިޔަސް ކީއްވެގެންތޯ ސުވާލެއް ނުކުރައްވަ އެވެ. މީސްތަކުން ތެރެއިން އެންމެ ޚުލްޤުފުޅު ހެއު ބޭކަލަކީ އިތުރު އެކަލޭގެފާނެވެ."
އާދެ، ކީރިތި ރަސޫލާ އަކީ އެކަލޭގެފާނާ ބެހިވަޑައިނުގަންނަވާ ކަމަކާ ބެހިވަޑައިގަންނަވާ ބޭކަލެއް ނޫނެވެ. އެހެން މީސް މީހުންގެ ކަންތައްތަކުގެ ތެރެއަށް ވެދެވަޑައިގެން އުނދަގޫ ކުރައްވައެއް ނުހައްދަވަ އެވެ. އެ ދުވަސްވަރުގެ މުޝްރިކުންގެ އިޙްތިރާމާއި ޤަދަރު ލިބިވަޑައިގަތް މައިގަނޑު އެއް ސަބަބަކީ މިއީ އެވެ.

ދެ މީހެއްގެ ޚިޔާލު އެއް ގޮތް ނުވުމަކީ ޠަބީޢީ ކަމެކެވެ. އެހެންވީމާ ޚިޔާލު ތަފާތު ވުން އުފެދޭނެ އެވެ. ހަމަ ނުޖެހުން އުފެދޭނެ އެވެ. މި ފަދަ މައްސަލަ އޮތް ދާއިމީ ޙައްލަކީ ކެތްތެރިވުމާއި ހެޔޮ މަގުގައި ސާބިތުވެ ތިބުމެވެ.

ކީރިތި ރަސޫލާގެ ދިރިއުޅުއްވުމަކީ އަޅުގަނޑުމެންނަށް ދެއްކެވި ފުރިހަމަ ނަމޫނާ އެކެވެ. އިތުރު އެކަލޭގެފާނު ދުވަހަކުވެސް ނޯކަރެއްގެ ގައިގައި ނުޖައްސަވަ އެވެ. މީހަކަށް އަނިޔާއެއް ނުކުރައްވަ އެވެ. އެކަމަކު ޙައްޤުގެ މަގުގައި ޖިހާދު ކުރެއްވި އެވެ. ހަނގުރާމަ ވެސް ކުރެއްވި އެވެ. ފާފަ އަކަށް ނުވާ ނަމަ އަބަދުވެސް ޚިޔާރު ކުރައްވާފައި ވަނީ ޞުލްޙައިގެ މަގެވެ. އަމާންކަމުގެ މަގެވެ. ފާފަ އެއް ކުރެއްވިދާނެތީ އެކަލޭގެފާނު ފަރުވާތެރިވެ ވަޑައިގަންނަވާ ވަރަށް އެއްވެސް މީހަކު ފަރުވާތެރިއެއް ނުވެ އެވެ. އެކަލޭގެފާނަކީ އެއްވެސް ކަމެއްގައި ބަދަލު ހިއްޕެވި ބޭކަލެއް ނޫނެވެ. ﷲ ގެ އަމުރުފުޅަކަށް މެނުވީ ހަނގުރާމައެއް ނުކުރައްވަ އެވެ. މުޅި ދުނިޔޭގެ އިޙްތިރާމް އެކަލޭގެފާނަށް ލިބިވަޑައިގަތް ސަބަބަކީ މިއީ އެވެ.

އިސްލާމް ދީން ފެތުރިގެން އައި ދުވަސްވަރު އިތުރު އެކަލޭގެފާނު ނަމާދުފުޅު ކުރައްވަން ފެއްޓެވީމާ މުޝްރިކުން އެއްވެ އަޑުގަދަ ކޮށް، އުނދަގޫ ކުރަމުން ދިޔައެވެ. އެކަމަކު އެ މީހުންނާ ދެކޮޅަށް އެއްޗެކޭ ވިދާޅުވުން ކީއްކުރަންތޯއެވެ؟ ކޯފާގެ އަސަރެއްވެސް ދުވަހަކުވެސް ނުދައްކަވައެވެ.
ކީރިތި ރަސޫލާ މަދީނާ އަށް ހިޖުރަ ކުރެއްވުމަށް ފަހު ބިނާ ކުރެއްވި ފުރަތަމަ މިސްކިތަކީ އަލްމަސްޖިދުއްނަބަވީ އެވެ. އެއީ މިހާރުވެސް ދުނިޔޭގެ ހުރިހައި މުސްލިމުން ދެވަނަ އަށް އެންމެ މާތް ކަމުގައި ބަލާ މިސްކިތެވެ.

އެއް ދުވަހަކު ކީރިތި ރަސޫލާ އަޞްޙާބު ބޭކަލުންނާ އެކު މަސްޖިދުއްނަބަވީ ގައި އިންނަވަނިކޮށް ބަދަވީންގެ މީހަކު މިސްކިތަށް ވަދެ، މިސްކިތަށް ކުޑަ ހާޖަތް ކޮށްފި އެވެ. އަޞްޙާބު ބޭކަލުން އެ މީހާ އަށް އެކަމުގެ ދެއްވަން އުޅުއްވީމާ، އޭނާ ދޫކޮށްލައްވާފައި އޭނާ ހާޖަތް ކުރިތަން ސާފު ކުރައްވަން ކީރިތި ރަސޫލާ އަމުރުފުޅު ކުރެއްވި އެވެ. ފަހުން އެ މީހާ އަރިހަށް ގެންނަވައިގެން ނަސޭހަތް ދެއްވި އެވެ. މިސްކިތަކީ އަޅުކަން ކުރާ ތަނެއް ކަމަށް ވާތީ ތާހިރު ކޮށް ބާއްވަން މަސައްކަތް ކުރަން ޖެހޭނޭ ކަމަށް ޙަދީޘް ކުރެއްވި އެވެ.

މައްކާގެ މުޝްރިކުންގެ އުނދަގޫތައް ބޮޑު ވެގެން ދިޔައީމާ ކީރިތި ރަސޫލާ މުސްލިމުންނާއެކު މަދީނާ އަށް ހިޖުރަ ކުރެއްވީއެވެ. މަދީނާ އަށް ވަޑައިގަތީމާ ވެސް މުޝްރިކުންގެ އުނދަގުލަކަށް ހުއްޓުމެއް ނައެވެ. އެންމެ ފަހުން ހަނގުރާމައެއްގެ ތުންފަތް މައްޗަށް ވަޑައިގެންނެވިއްޖެ އެވެ.
ކީރިތި ރަސޫލާ ބައްލަވަމުން ގެންދެވީ ހަނގުރާމައެއްގެ ތެރެއަށް ވެދެވަޑައިނުގެން ފަރު ޖެއްސެވޭތޯއެވެ. މިއީ ސިޔާސަތެއްގެ ގޮތުގައި އިތުރު އެކަލޭގެފާނު ހިފެހެއްޓެވި އުސޫލެކެވެ. ޞުލްޙައަށް ކުރެއްވި މަސައްކަތްޕުޅުގެ ނަތީޖާއެއްގެ ގޮތުން 10 އަހަރުގެ ޞުލްޙަނާމާއެއްގައި ސޮއި ކުރަން މުޝްރިކުން އެއްބަސް ވެއްޖެއެވެ. މި ޞުލްޙަނާމާ އަކީ ތާރީޚުގައި މަޝްހޫރު ހުދައިބިއްޔާގެ ޞުލްޙަނާމާ އެވެ. މި ޞުލްޙަނާމާގައި ވަރަށް އާދަޔާ ޚިލާފު ނުކުތާތަކެއް ހުއްޓެވެ. އެންމެ ފުރަތަމަ މުޝްރިކުން ބޭނުންވީ މުޙައްމަދުއްރަސޫލުﷲ އޭ އޮތްތަން ކަނޑާލާފައި މުޙައްމަދު ބުނު ޢަބްދުﷲ އޭ ޖަހާށެވެ. އެއަށް ފަހު އެ މީހުން ބޭނުންވީ މުސްލިމުންގެ ތެރެއިން އެ މީހުންނަށް އަތު ޖެހުނު މީހަކު ހައްޔަރު ކުރުން ހުއްދަ ކުރާ މާއްދާއެއް އެކުލަވާށެވެ. އައި މުޝްރިކުންގެ ތެރެއިން މީހަކު އިސްލާމް ވެގެން މީހަކު މުސްލިމުންގެ ކޭމްޕަށް އަތުވެއްޖެ ނަމަ އެ މީހަކު އަނބުރައި ފޮނުވައިލުން ޝަރުޠު ކުރާ މާއްދާއެއް އެކުލަވަން ވެސް މުޝްރިކުން ހުށަހެޅި އެވެ. މި ހުރިހައި ޝަރުޠަކަށް ކީރިތި ރަސޫލާ އެއްބަސްވެވަޑައިގަތެވެ. ސަބަބަކީ ކޮބައިތޯއެވެ؟ ސަބަބަކީ ޞުލްޙަ އެވެ. ޞުލްޙައަށް ހުޅުވުނު ދޮރެއް ބަންދު ވާން އެދިވަޑައިނުގެންނެވި ކަމެވެ. ޞުލްޙަ އާއި އަމާން ކަމަށްޓަކައި ކުރާ މަސައްކަތުގައި ހިތް ހަމަ ނުޖެހޭ އެތައް ކަމަކާ ކުރިމަތިލާން ޖެހޭނެ އެވެ. ގެއްލުން ދެނިވި ބައެއް ކަންކަމަށް އެއްބަސް ވާން ޖެހޭނެ އެވެ. މިއީ މިހާރުވެސް ފެންނަ ޙަޤީޤަތެކެވެ.
އެއް ދުވަހަކު ކީރިތި ރަސޫލާ އަޞްޙާބު ބޭކަލުންނާއެކު މަދީނާގެ ތަނެއްގައި އިށީނދެ ވަޑައިގެން އިންނެވި އެވެ. އެ ވަގުތު އެހެން ލާފައި މީހެއްގެ ޖަނާޒާ ގެންދާތީ ފެނިވަޑައިގެން ކުއްލިއަކަށް ތެދުވެ ވަޑައިގެންފި އެވެ. އެ ޖަނާޒާ އަކީ ޣައިރު މުސްލިމް ޔަހޫދީއެއްގެ ޖަނާޒާއޭ ދެންނެވީމާ ޙަދީޘް ކުރެއްވި އެވެ. އެއީ އިންސާނެއް ނޫން ހެއްޔެވެ؟

މަތީގައި ބަޔާން ކުރެވުނު ޙާދިޘާ ތަކުން އެނގެނީ ދުނިޔެއަށް ހަމަ ޖެހުމާއި ޞުލްޙަ އައުން އޮތީ ވަކި މީހަކަށް ބެލުމެއް ނެތި ހަމަހަމަކަން ޤާއިމު ކުރެވިގެން ކަމެވެ. މި ހަމަހަމަކަން ދުނިޔެއަށް ގެނެސްދެއްވީ އަޅުގަނޑުމެންގެ ލޮބުވެތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އެވެ. އަޅުގަނޑުމެންނަށް ހުރި ރަޙްމަތަކަށް އިތުރު އެކަލޭގެފާނު ވެގެން ގޮސްފައިވާ ސަބަބަކީ މިއީ އެވެ. (މަޢުލޫމާތު: ޑޮކްޓަރ ފަރީދާ ޚާނަމްގެ ލިޔުއްވުމަކުން)

އިދާރާ

އެނގޭތަ؟

ވާހަކަ