އަދުގެ ޚާއްސަ

Print

ކަންފަތުގެ އެތެރޭގައި 20000 ފިތުގެ މައްޗަށް އެކުލެވޭ ކުޑަކުޑަ ޕިޔާނޯއެއް

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ މިޔުޒިކް

 

ލިޔުނީ: ދާރީ

އިންސާނާއަށް އިވޭ ހުރިހާ އަޑެއްވެސް އުފެދެނީ ކޮންމެވެސް ދެއެއްޗެއް ޖެހި އުފެދޭ ވައިބްރޭޝަންތަކަކުންނެވެ. މިގޮތުން އުފެދޭ ވައިބްރޭޝަންތައް އަޑުބާނިތަކަކަށް ބަދަލުވެ ވައިގެ ތެރޭގައި ދަތުރުކުރަމުންދެއެވެ. އަދި މިއަޑުބާނިތައް އަޑެއްގެ ގޮތުގައި ދެނެގަތުމަށް ޓަކައި އިންސާނާގެ ހަށިގަނޑުން މަރުހަބާކިޔާ ގުނަވަނަކީ ކަންފަތެވެ. މިނާޒުކު ގުނަވަން މިއަޑުބާނިތައް ދެނެގަތުމަށް ޓަކައި ޤުދުރަތުން ހަމަޖައްސާފައިވާ އުސޫލާއި ދޭތެރޭގައި އިންސާނަކު ހަމަބުއްދިން ވިސްނައިފިނަމަ އެމީހަކު ހައިރާންވެ އަންތަރީސްވެދާނެއެވެ.

 

އިންސާނާގެ ކަންފަތުގެ އެތެރޭގައި 20000 ފިތުގެ މައްޗަށް އެކުލެވޭ ކުޑަކުޑަ ޕިޔާނޯއެއްވާކަމަށް ބުނިނަމަވެސް އެއީ ދޮގަކަށް ނުވާނެއެވެ. މީގެ 100 އަހަރުކުރިން މިކަން ސާބިތުކުރުމަށް 31 އޮގަސްޓް 1821 ގައި ދެކުނު ޖަރުމަންގެ ސްޓޭޓެއްކަމަށްވާ{tooltip}ބްރޭންޑެންބާރގްގެ{end-link}ކުރީގެ ގޮތުންނަމަ "ސިޓީގޭޓް"، މިއީ ބާރލިން އެންމެން ފަޚްރުވެރިވާ ތަނެކެވެ.{end-tooltip}ވެރިރަށް ޕޮޓްސްޑަމްއަށް އުފަންވި މަޝްހޫރު ސައިންޓިސްޓް ހާމަންވޮން ހެލްމޯޓްޒް އޭނާގެ ޕިޔާނޯއާއި ދިމާއަށް ހަލޭއްލެވުމުގައި ގިނަވަގުތުތަކެއް ހޭދަކުރިކަމަށްވެއެވެ. ޕިޔޯނާގެ ޑެމްޕަރ ޕެޑަލްއަށް ފިއްތުމަށްފަހު ބާރަށް ހަޅޭއްލަވައިގަތުމުން ޖަވާބުގައި ޕިޔާނޯވެސް އަޑުތަކެއް އިއްވައެވެ. މީގެ ސަބަބަކަށްވަނީ ހަޅޭއްލަވާގަތްއަޑުގައި ހިމެނޭ ފްރީކުއެންސީއާ ދިމާވެ ޕިޔާނޯގެ ނަރުތައް ވައިބްރޭޓްވުމެވެ. އެހެންކަމުން، ޕިޔާނޯއަކީ އުފެއްދުމުގެ އިތުރުން އަޑުދެނެގަންނަ ވަސީލަތެއްކަމަށްވެސް ބެލެވިދާނެއެވެ. ހެލްމޯޓްޒް ބުނާގޮތުގައި އިންސާނާގެ ކަންފަތުގެ އެތެރޭގައި އަޑު ދެނެގަތުމުގެ ނިޒާމްވެސް މަސައްކަތްކުރަނީ ގާތްގަނޑަކަށް މިކަހަލަ ގޮތަކަށެވެ.

ކަންފަތް ބެހިފައިވަނީ މައިގަނޑު ތިން ބަޔަކަށެވެ. އެއީ އަޅުގަނޑުމެން އާއްމުކޮށް ކަންފަތޭ މިކިޔާބައި އަދި އެތަނަށް އެންމެ ފުރަތަމަ އަޑު ބާނިތައް ޖަމާވެ ތޫރިއޭ މިކިޔާ މަޑުހަންކޮޅު އެބައިގައި ހިމެނޭ ބޭރު ކަންފަތް، ޚާއްޞަ ތިންކަށިކޮޅު، ހެމަރ އެންވިލް އަދި ސިރަޕް އެކުލެވޭ މެދުކަންފަތް އަދި އެހިސާބެއްގައި އަޑުބާނިތައް ތަޙުލީލުކޮށް އެއަޑެއްގެ އުސްތިރިމިން (ޕިޗް) އަދި ގަދަމަޑުމިން (އިންޓެންސިޓީ) އަދި މިނޫންވެސް މިކަހަލަ ހުރިހާ މަޢުލޫމާތެއް ސިކުނޑީގެ އަޑާއިބެހޭ ސަރަހައްދަށް ފޮނުވައިދޭ ބައިކަމަށްވާ އެތެރެ ކަންފަތެވެ. ހެލްމޯޓްޒް އެތެރެ ކަންފަތަށް ބަލަމުންދަނިކޮށް ފެނުނީ ވަރަށް ކުޑަކުޑަ 20000 ފިތުގެ މައްޗަށް އެކުލެވޭ ޕިޔާނޯއެއްގެ ގޮތަށް ސިފަވާ އެއްޗެކެވެ. ކޮންމެ ފިތަކީ ހެއަރ ސެލްއެކެވެ. އިންސާނާއަށް އިވޭ ކޮންމެ އަޑަކަށް ހެއަރސެލްއެއްވެއެވެ. މިދިރޭ އަޑު ތަޙުލީލުކުރާ ވަސީލަތަށް ބެސިލަރ މެމްބްރޭންއޭ ކިޔައެވެ. މިބައި ފޮރުވިފައިވަނީ ފިނިހަކައެއްގެ ބައްޓަމަށް ސިފަވާ ޚާއްޞަ ފެނަކުން އެތެރެ ފުރިފައިވާ ކޮކްލިއޭގެ ތެރޭގައެވެ.

އަޑުބާނިތައް ވައިގެ ތެރޭގައި ދަތުރުކުރަމުންގޮސް ބޭރު ކަންފަތުގެ އެތެރެއަށް ވަނުމަށްފަހު ތޫރީގައި ބީހުމުން އޭގެން އުފެދޭ ވައިބްރޭޝަންތަކުން އުފައްދާ އަޑުބާނިތައް ހެމަރ އެންވިލް އަދި ސިރަޕްގައި ބީހުމަށްފަހު އެތެރެ ކަންފަތާއި ދިމާލަށް ދަތުރުކުރެއެވެ. އެތެރެ ކަންފަތުން އެންމެ ފުރަތަމަ މިބާނިތަކަށް މަރުހަބާ މިކިޔަނީ ކޮކްލިއޭއެވެ. ކޮކްލިއޭގެ އެތެރޭގައިވާ ޚާއްޞަ ފެންތަކުގެ ތެރެއިން މިބާނިތައް ދަތުރުކުރަމުންގޮސް އެކިވަރުވަރުގެ ހެޔަރސެލްތަކަކުން އެކުލެވިގެންވާ ބެސިލަރ މެމްބްރޭންއާ ހަމަވުމުން އެފްރީކުއެންސީ ދިމާވާ ހެއަރސެލްއެއް ޖަވާބުދާރީވުމަށްފަހު އެހުރިހާ މަޢުލޫމާތެއް ސިކުނޑީގެ އަޑާއިބެހޭ ސަރަހައްދަށް އަޑުގެ ނާރުގެ ޒަރިއްޔާއިން ފޮނުވައެވެ.
ބައެއް ސައިންޓިސްޓުން ބުރަވާގޮތުގައި ކޮކްލިއޭގެ އެތެރޭގައިވާ ފެނަކީވެސް އަޑުބާނީ ދެނެގަތުމުގެ ޤާބިލުކަން ލިބިފައިވާ އެއްޗެކެވެ. ސަބަބަކީ ހެޔަރސެލްތަކުން އެނގެނީ އަޑުގެ ޕިޗް ނުވަތަ އުސް ތިރި މިންކަމެވެ. އަޑުގެ ގަދަމަޑުމިން އަދި ޓިމްބަރ އާއި މިނޫންވެސް އެހެނިހެން ހުރިހާ މަޢުލޫމާތުތަކެއް އެނގެނީ މުޅި ކޮކްލިއޭ ރެސޮނޭޓްވެ އޭގައިވާ ފެނުގެ އެހީގައި ކަމަށްވާތީއެވެ.

އިންސާނާއަށް އެންމެ ބަރު ނުވަތަ ތިރި އަޑަކަށް އިވެނީ 20Hz އެވެ. އެއަށްވުރެ ދަށަށް ގޮސްފިނަމަ އަޑެއްގެ ގޮތަކަށް އިޙުސާސެއް ނުކުރެވެއެވެ. މީގެ ސަބަބެއްކަމަށް ބެލެވެނީ ބެސިލަރ މެމްބްރޭންގައި މިފްރީކްއެންސީ ދެނެގަންނާނެ ހެއަރސެލްއެއް ނެތުމެވެ. ހަމަމިގޮތަށް އަޑު މަތިވެގެން 20000Hz އަށްވުރެ މައްޗަށް އެރުމުން އިންސާނުންނަކަށް އެއަޑެއް ނުއިވެއެވެ. އާއްމުކޮށް މިޔުޒިކީގޮތުން ބޭނުންކުރެވޭ ފްރީކްއެންސީތަކަކީ، 20Hz އިން ފެށިގެން 5000Hz އާއި ހަމައަށެވެ. މިއީ އާއްމުކޮށް މިޔުޒިކުގައި ބޭނުންކުރެވޭ ގްރޭންޑް ޕިޔާނޯއާއި ބޮޑެތި އޯގަންޕައިޕްއިން އުފައްދާދޭ އަޑުގެ މިންވަރެވެ. މިއީ އިންސާނަކަށް އަޑުއަހާލަން ފަސޭހަ މިންވަރެކެވެ. މިއަށްވުރެ ދަށަށް އަޑުދިޔުމުން ކަންފަތަށް އުދަނގޫވެ މުޅި ހަށިގަނޑަށް އޭގެ އިޙްސާސްތައް ކުރުވަމުންދެއެވެ. އަދި އަޑުމަތިން 20000Hz އާއި ހަމައަށް ދަންދެން ކޮންމެވެސް ތޫލިއަޑެއް އިވެއެވެ. އެހެންނަމަވެސް މިޔުޒިކުގައި ބޭނުންކުރާކަށް ރަނގަޅެއް ނޫނެވެ. އަދި 20000Hz އިން މައްޗަށް ދިޔުމަށްފަހު އެއްގޮތަކަށްވެސް އަޑެއް ނުއިވެއެވެ. އިންސާނާގެ ކަންފަތަށް ނުއިވޭ އަޑުތައް އެހެން ގޮތްގޮތަށް ބޭނުންކުރެވެއެވެ. އަދި ފުންކަނޑުތަކުގެ ފުންމިން ބެލުމުގައިވެސް ބޭނުންކުރެވެއެވެ. 20Hz އަށްވުރެ ތިރީ ފްރީކްއެންސީތައް ބޭނުންކުރެވެނީ ބޮޑެތި ސިނަމާތަކުގައި ބޭއްވޭ ޑްރާމާގައި ގުގުރާ އަޑާއި އެއްކޮށެވެ. މިގޮތަށް ބޭނުންކުރުމުން ބަލަންތިބޭ މީހުންގެ ހަށިގަނޑަށް އޭގެ އިހްސާސްތައް ހަޤީޤަތާއި އެއްގޮތަށް ކުރުވަމުންދެއެވެ.

އިންސާނާއަށް އަޑުއިވޭގޮތް ހޯދުމަށްޓަކައި އަދިވެސްދަނީ މަސައްކަތް ކުރެވެމުންނެއެވެ. އެކި ދުވަސްވަރު އެކި ސައިންޓިސްޓުން އެކި ގޮތްގޮތަށް މިކަން ސާބިތުކޮށްފައިވެއެވެ. އެހެންނަމަވެސް މިހާތަނަށް އެންމެ ފުރިހަމައަށް މިކަން ތަޙުލީލުކޮށްފައިވާކަމަށް ބުނެވެނީ ހެލްމޯޓްޒްއެވެ.

ކޮންމެ ގޮތަކަށް ކަންވީގޮތަކަށް ވީނަމަވެސް ހަމައެކަނި އެނގޭ އެއްޗަކީ ކަންފަތަކީ ވަރަށް ނާޒުކު ގުނަވަނެއްކަމެވެ. ފްރީކްއެންސީ ދެނެގަންނަ އަދި މިހާތަނަށް ނޫފެދޭވަރުގެ ފުރިހަމަ އަޑުބާނި ތަޙުލީލުކުރާ މެޝިނެއްކަމެވެ. ވަސީލަތެއްކަމެވެ. މާތްﷲގެ ކުޅަދުންވަންތަކަމާއެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ