www.fanvai.info

Print

ވިންޑޯސް 7

ޝާޢިއުކުރީ ޝަމްސުލްފަލާޙު . ހިމެނޭބަޔަކީ އައިޓީ


ޝަމްސުލް ފަލާޙް


މައިކްރޯސޮފްޓުން އަލަށް ތަޢާރަފްކުރަންއުޅޭ އޮޕަރޭޓިންގ ސިސްޓަމް (އޯ.އެސް) ކަމަށްވާ، ވިންޑޯސް 7 ގެ ބީޓާ ވާރޝަން އެމީހުންވަނީ ވަރަށް ފަހުން ނެރެފައެވެ. މިއީ، މިހާރު ބޭނުންކުރާ އެކްސްޕީ އާއި ވިސްޓާއަށްވުރެ، އިންސްޓޯލްކުރުމަށް ފަސޭހަ އޯ.އެސްއެކެވެ. ވިންޑޯސް 7 ލޯޑްވުމަށްބަލާއިރު ފާހަގަކުރެވޭ ކަމަކީ، އެހެން އޮޕަރޭޓިންގ ސިސްޓަމްތަކަށްވުރެ އަވަސްކަމެވެ. މިކަން އެންމެ ބޮޑަށް ފާހަގަކުރެވޭނީ، ވިސްޓާ ބޭނުންކުރުމަށްފަހު، މިއޯ.އެސްއަށް ހިޖުރަކުރާ ފަރާތްތަކަށެވެ.
ވިންޑޯސް 7 ގެ ޑެސްކްޓޮޕް ފެންނަނީ ވަރަށް ހިތްގައިމުކޮށެވެ. ބައެއް ބަޓަންތަކާއި، ޓާސްކްބާރ ފަދަ އެއްޗެހިވެސް ހުންނަނީ ޓްރާންސްޕޭރަންޓްކޮށެވެ. އެހެންކަމުން، މިޒަމާނުގެ ގްރެފިކް ޑިޒައިނިންގގެ ވައްޓަފާޅި ވަރަށް ރަނގަޅަށް އެބަހުރިކަމަށް ބުނެވިދާނެއެވެ.


ވިންޑޯސް 7 ގެ ސްޓާޓް މެނޫ މަސައްކަތްކުރަނީ، ގާތްގަނޑަކަށް ވިސްޓާގެ ސްޓާޓްމެނޫވެސް މަސައްކަތްކުރާގޮތަށެވެ. ނަމަވެސް، ވިންޑޯސް 7 ގެ މެނޫގައި ކުޑަތަފާތެއް ވެއެވެ. އެއީ، ވިސްޓާ ނުވަތަ އެކްސް.ޕީގައި ސްޓާޓް މެނޫއަށް ފިތާލީމައި ބޮޑު ދިގުލިސްޓެއް އެރިނަމަވެސް، ވިންޑޯސް 7 ގައި ސްޓާޓްމެނޫ ފަރުމާކުރެވިފައިވަނީ، އަޅާފައިވާ ހުރިހާ ޕްރޮގްރާމްގެ ލިސްޓު ފެންނަހެނެއްނޫނެވެ. ވިންޑޯސް އެކްސްޕްލޯރާރ ހެންނެވެ. މިއީ ވަރަށް އެދެވޭ ކުރިއެރުމެކެވެ.


ޓާސްކްބާރއަށް ބަލާލާއިރު، ފާހަގަކުރެވޭ ކަމަކީ، ވިންޑޯސް 7 ގައި، ހުޅުވާފައިވާ ޕްރޮގްރާމްތަކެއްގެ ނުވަތަ ފައިލްތަކެއްގެ ނަންތައް ފެންނަންނުހުންނަކަމެވެ. ވިންޑޯސް 7 ގެ ޓާސްކްބާރގައި ހުންނަނީ، ހުޅުވާފައިވާ ޕްރޮގްރާމްތަކެއްގެ ނުވަތަ ފައިލްތަކެއްގެ އައިކަންތަކެވެ. މިސާލަކަށް، ވޯރޑުން ގިނަ ފައިލްތަކެއް ހުޅުވާފައިވާނަމަ، އެ ހުރިހާ ފައިލްތަކެއްހުންނާނީ، ޓާސްކްބާރގައިވާ ވޯރޑު އައިކަންގައެވެ.


މީގެއިތުރުންވެސް، ވިންޑޯސް 7 ގައި ކޮންޓްރޯލް ޕެނަލަށްވެސް ކުދިކުދި ބަދަލުތައްވަނީ ގެނެސްފައެވެ. މިގޮތުންބަލާއިރު، ޑެސްކްޓޮޕާއި ޑިސްޕްލޭއާއި ސްކްރީންސޭވަރ ފަދަ އެއްޗިއްސަށްވެސް ތަފާތުގިނަ ބަދަލުތައް ގެނެވެއެވެ. ތަފާތުގިނަ ވިންޑޯތައް ނުހުޅުވައި އެއްވިންޑޯއަކުން ގިނަ ސެޓިންގތަކާ ކުޅެވެއެވެ.


ވިންޑޯސް 7 އާއެކު، އިންޓަރނެޓް އެކްސްޕްލޯރަރ 8 ވެސް ޑިފޯލްޓްކޮށް އިންސްޓޯލްކުރެވެއެވެ. އައި.އީ 8 ވެސް ފަރުމާކުރެވިފައިވަނީ، އަވަސް ދުވެއްޔެއްގައި ސާރޗްކޮށް އެކިއެކި ކަންތައްތައް ކުރެވޭގޮތަށެވެ.

މިނޫނަސް، ވިންޑޯސް 7 ބެލެވިފައިވަނީ، ވަރަށް މަޤްބޫލުކަންލިބޭނޭ އޯ.އެސްއަކަށެވެ. މިހާރު އިންޓަރނެޓްގެ ޒަރީޢާއިން މި އޯ.އެސްގެ ބީޓާ ވާރޝަން ޑައުންލޯޑްކުރެއްވޭގޮތަށްވެއެވެ. މި ބޭނުންކުރާ ގިނަ ބަޔަކު ހާމަކުރާގޮތުގާ، މިއީ ވަރަށް ހިތްގައިމު އޮޕަރޭޓިންގ ސިސްޓަމެކެވެ. 

ވިންޑޯސް 7 ޑައުންލޯޑްކުރުން
 މި އޯ.އެސް ޑައުންލޯޑްކުރުމަށް މިތަނަށް ކްލިކްކޮއްލާށެވެ.

www.fanvai.info