އަދުގެ ޚާއްސަ

Print

ޕްލެނެޓްތަކާއި ތަރި ތަކާއި ހަނދުތައް ދަތުރު ކުރުން

ޝާޢިއުކުރީ މުޙަންމަދު ޝުޖާޢު ޢަބްދުއްރަޙީމް . ހިމެނޭބަޔަކީ ޤުރުއާނާއި ސައިންސް


މުޙަންމަދު ޝުޖާޢު ޢަބްދުއްރަޙީމު

ވަރަށް މަދު އަހަރުތަކެއް ކުރިން ހޯދިފައިވާ ގޮތުގައި އަހަރެމެން އިންސާނުން ބިންމަތީގައި ހުރެގެން އެއްގޮތަކަށްވެސް އެއްވެސް ތަރިއެއް ނުފެނެއެވެ. އެކަމަކު އަހަރުމެންނަށް މިފެންނަނީ ތަރިތައް ދަތުރުކޮށްފައިވާ ރޮނގު. ނުވަތަ އެތަރި ހުންނަ ތަންތަނެވެ. މިގޮތުން އަހަރުމެންނާ އެންމެ ކައިރީގައިވާ އިރުން ފޮނުވައިދޭ އަލި އަހަރެމެންނާ ހަމަޔަށް މި އަންނަނީ އަށްމިނިޓް ވިހި ސިކުންތުންނެވެ. އަދި އިރުދަނީ ސިކުންތަކު 19.4 ކިލޯ މީޓަރުގެ ބާރު މިނުގައި ދަތުރު ކުރަމުންނެވެ. އެހެންވީމާ އަހަރެމެންނަށް ފެންނަނީ އިރު ކުރިން ހުރިތަންތަނެވެ. އަދި އިރު މިގެލެކްސީގެ މެދު ވަށައިގެން ސިކުންތަކު 220 ކިލޯމީޓަރުގެ ބާރު މިނުގައި އިރު ދަތުރު ކުރެއެވެ.

ނާސާގެ ޓެލެސްކޯޕުތަކުން ވަރަށް ފަހުންނެގި އާދަޔާ ޚިލާފު މި ފޮޓޯއިން (މަތީގައިވާ ފޮޓޯއިން) ތަރިއެއްގެ ފަހަތަށް ދޫކޮށްފައިދާ އޭތި ދަތުރުކޮށްފައިވާ ރޮގެވެ. މީރާ ނަމަކަށްކިޔާ މިތަރިއަކީ ގަޑިއަކު468,319 ކިލޯމީޓަރު (ގަޑިއަކު291,000 މޭލު) ބާރުމިނުގައި ދަތުރުކުރާ ތަރިއެކެވެ. އޭގެ ފަހަތަށް ދޫކޮށްފައިދާ ކުނިބުނި 13 އަލިއަހަރުގެ ދުރުމިނަށް ދަތުރުކޮށްފައި ވެއެވެ. މިކަން އިޢުލާނު ކުރީ 15 އޮގަސްޓް 2007 ބުދަ ދުވަހު އެވެ.

ޢިލްމުވެރިން ވިދާޅުވާގޮތުގައި އިރުފިޔަވާ ދެން އަހަރުމެންނާ އެންމެ ކައިރީގައިވާ ތަރި 4.3 އަލިއަހަރު ބިމާދުރެވެ. އެހެންކަމުން އެތަރިން ފޮނުވައިދޭ އަލި އަހަރެމެންނާ ހަމަޔަށް އަންނަނީ 50 މަސްދުވަހަށް ވުރެ ގިނަދުވަސް ފަހުންނެވެ. ނަތީޖާއެއްގެ ގޮތުން އޭރު އެތަރި ހުންނަނީ އެތައް ދުރުމިނަކަށް ދަތުރު ކޮށްފައެވެ.

ޢިލްމީ ގޮތުން ސާބިތު ވެފައިވާ ގޮތުގައި ބައެއް ތަރިތައް އެތައްހާސް އަހަރެއްގެ ކުރިން ގޮވާ ނެތި ހިނގައްޖެއެވެ. ނަމަވެސް އެތަރިތަކުގެ އަލި ރޭގަނޑު އަހަރެމެންނަށް ފެނެއެވެ. އެހެންކަމުން އަހަރެމެންނަށް މިފެންނަ ތަރިތަކަކީ ހަގީގަތުގައި ތަރިއެއްނޫނެވެ. އެއީ ކުރިން ތަރިހުރެފައި ދިޔަ ތަނެވެ. އެތަނުން އޭރު ފޮނުވައިދިން އަލި އަހަރުމެންނާ ހަމަޔަށް އަންނަނީ މަޑުމަޑުން ކަމުގައި ވާތީއެވެ.

މާތްﷲ މިކައުނުގައި ލައްވާފައިވާ ޕްލެނެޓްތަކާއި ތަރި ތަކާއި ހަނދު ތަކަކީ އަބަދުވެސް ދަތުރު ކުރަމުންދާ ތަކެއްޗެވެ. މާތްﷲ ވަޙީ ކުރައްވާފައި ވެއެވެ. " وَهُوَ الَّذِي خَلَقَ اللَّيْلَ وَالنَّهَارَ وَالشَّمْسَ وَالْقَمَرَ كُلٌّ فِي فَلَكٍ يَسْبَحُونَ " (الأنبياء 33) މާނަޔަކީ " އެކަލާނގެއީ ރޭގަނޑާއި ދުވާލު އަދި އިރާއި ހަނދު އުފެއްދެވި ކަނލާންގެއެވެ. އިރާއި ހަނދު އެއަށް ޚާއްސަ ވެފައިވާ ފަލަކުގައި ދައުރު ކުރެތެވެ. "

އިރާ، ހަނދާ، ތަރިތަކާ، ޕްލެނެޓްތައް އެއަށް ކަނޑައެޅިފައިވާ ޚާއްސަ މަގަކުން ފަޟާގެ ތެރޭގައި ދަތުރު ކޮށްކޮށް ހުރެއެވެ. މިއިން އެއްވެސް އެއްޗެއް އެހެން އެއްޗެއްގެ މަގަށް ހުރަސް ނާޅައި އެތަކެތީގައި ލައްވާފައިވާ ބާރުތަކެއްގެ ސަބަބުން އޭގެމަގުން ކައްސާނުލައި ދަތުރު ކޮށްކޮށް ހުންނަނީ މާތްﷲ އިރާދަ ކުރައްވާ މުއްދަތެއް ހަމަވަންދެނެވެ. " وَالشَّمْسُ تَجْرِي لِمُسْتَقَرٍّ لَّهَا ذَلِكَ تَقْدِيرُ الْعَزِيزِ الْعَلِيمِ " ( يس 38 ) މާނަޔަކީ: " އަދި، އިރުވެސް ހަމަޖެހި ޤަރާރުވަނިވި ތަނަކަށް ދާންދެން ހިނގަ ހިނގައި ހުރެއެވެ. އެއީ ކީރިތި ވަންތަ، ދެނެވޮޑިގެންވާ ރަސްކަލާނގެ މިންވަރު ކުރައްވާފައިވާ ގޮތެވެ." އަދި އެހެން އާޔަތެއްގައި ވަޙީ ކުރައްވާފައި ވެއެވެ. " لَا الشَّمْسُ يَنبَغِي لَهَا أَن تُدْرِكَ الْقَمَرَ وَلَا اللَّيْلُ سَابِقُ النَّهَارِ وَكُلٌّ فِي فَلَكٍ يَسْبَحُونَ " ( يس 40 ) މާނަޔަކީ " ހަނދުގެ ފަހަތުންގޮސް އަތުލައިގަތުމަކީ، އިރަށް އެކަށީގެންވާ ކަމަކަށް ނުވެއެވެ. އަދި، ދުވާލަށްވުރެން ރޭގަނޑު ކުރިއަރައި ދާކަމަކަށްވެސް ނުމެވޭމެއެވެ. އެއިންކޮންމެ އެއްޗެއްމެ ފަލަކެއްގައި ހިނގަ ހިނގައި ހުރެއެވެ. "



 ސޯލާސިސްޓަމް ( އިރާއި އިރުވަށައިގެން ދަތުރު ކުރާ ޕްލެނެޓް ތަކާއި އެހެނިހެން ތަކެތި )

މިތަކެތި ދަތުރުކުރާ މަގަކީ ވަށް ބުރުތަކެއްގެ ސިފައިގައިވާ މަގުތަކެއް ކަން މީގެ އެތައްހާސް އަހަރެއް ކުރިން އަހަރެމެންގެ ރަސޫލާ މުޙަންމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްއަށް އެނގިވަޑައި ގަތުމަކީ މުޢުޖިޒާތެކެވެ. ޢަރަބި ބަހުގައި ފަލަކުގެ މާނައަކީ ވައްކޮށް ނުވަތަ ވަށްބުރެއްގެ ސިފައިގައި ހުންނަ ތަކެއްޗެވެ. ޓެލެސްކޯޕްތައް އުފެދުމުގެ ކުރިން މި ޙަޤީޤަތް ޢިލްމުވެރިންނަށް އެނގިވަޑައިގެންފައެއް ނުވެއެވެ. ނަމަވެސް އެވާހަކަ ޤުރުއާނުގައި އައިސްފައިވަނީ އެފަދަ އެއްވެސް ވަސީލަތެއް، ޢިލްމެއް ނެތް ޒަމާނެއްގައި ކަމުން މިކަންކަމަކީ ޤުރުއާނު ގައިވާ ޢިލްމީ މުޢުޖިޒާތެކެވެ.

އިދާރާ

ވާހަކަ