އަދުގެ ޚާއްސަ

Print

ތަލަތަ؟ ދެރަނުވޭ !

ޝާޢިއުކުރީ ޝާޒް (ތަޖޫބެ) . ހިމެނޭބަޔަކީ ސަމާސާ އަދަބު

ދިވެހި ފިރިހެނުންގެ ބޮލުން އިސްތަށި ފައިބާ ތަލަވުމަކީ އާއްމުކަމެކެވެ. ސައިހޮޓާތަކުގައްޔާއި ކެފޭ ރެސްޓޯރަންޓްތަކުގައްޔާއި ހޮޅުއަށިއަށީގައި އެންމެ ބާރަށް ވާހަކަ ދެކެވޭ މަޢުޟޫއަކީ “ ތަލަވާ މައްސަލަ ” އެވެ. އެކިމީހުންގެ ބޮލުން އިސްތަށި ފައިބަނީ އެކިގޮތަށެވެ. އެއްބައެއްގެ ނިތްކުރީގެ ދެފަރާތު ކައިރިއަށް ޚަރީފްމޫސުމް އާދެއެވެ. އަނެއްބައެއްގެ ބޮލުގެ މެދަށް ސުނާމީ އަރައެވެ.

ތަލަވާން ފެށުމުން ފުރަތަމަކޮޅު މަސައްކަތް ކުރަނީ އިސްތަށިކޮޅު ސަލާމަތުން ހުރިދިމާ ކާނާއަޅާ ބޭސް ދީގެން ދިގުކޮށް ތަލަވާހިސާބު ފޮރުވައިލެވޭތޯއެވެ. ފަހަތުން ދިގުކުރާ ތޮރާވެޔޮ ކުރިމައްޗަށް އެއްލައެވެ. އަރިމަތިން ދިގުކުރާ ޕެޝަންފުރުޓްވެޔޮ ބޯމަތިން އަނެއްފަޅިއަށް އެއްލައެވެ. މިފަދަ މީހާ ފެންނައިރު ހީވާނީ ޖެހިގެންއިން މީހާގެ އިސްތަށިގަނޑުގެ ބައެއް ބޮލުގައި އަޅައިގެން އިންނަހެންނެވެ. އެވަރުންވެސް މައްސަލައަކަށް ހައްލެއްނުލިބި އިސްތަށިކޮޅު ފައިބާ ވިއްސިވިހާލިވެ ފަތްވެެރެމުންގޮސް ޑިންތަލަ ނުވަތަ ސެޓީތަލައަކަށް ބަދަލުވެދާނެހެންހީވެ ލޯގަނޑުން އިރުއިރުކޮޅާ ބަލާ ރޮއި ކަރުނައަޅާ އުޅެތެވެ. ބޮލުގައަޅާ ބޮޑެތި ބުރުސް ފެންނަ ކޮންމެ ފަހަރަކު މާޒީ ހަނދާންވެ ކަރުއެލޭނެއެވެ. މެދުގޯތިތެރޭ މަށަންދަތި ދަމާހެން ފުނާއެޅި އިސްތަށިގަނޑު ނެތުމުން ހިތުގައި ޖެހޭނެއެވެ. އެހާމެ ސެންސިޓިވް ވާނެއެވެ. މީހަކު ވާހަކަދައްކަމުން ހިތްތަލައޭ ބުނާއަޑު އިވުނަސް މަލާމާތްކުރަނީއޭ ހިތާ ގިސްލެވޭނެއެވެ. ފިކުރު ކުރުމަކީ ބޮލުން ފަތްވެރޭ ކަމެކެވެ. އެކަމަކު ބޮލުން ފަތްވެރެންޏާ ފިކުރު ކުރެވޭނެއެވެ. ފިކުރު ނުކުރާށެވެ. ފަރުވާއާއިގެން އަވަސްވެގަންނާށެވެ.

ތިންތަލަ

ނިތްކުރިމަތިން ބޮލުގެ ދެކައިރިން އިސްތަށިފައިބާނަމަ އާޚިރުގައި ބަދަލުވާނީ ތިންތަލައަކަށެވެ. މާނައަކީ ނިތްކުރިން ތަލަވަމުންދާނީ 3 ގެ ބައްޓަމަށެވެ. މިކަމަށް އޮތް ހައްލަކީ ވަރުގަދަ ލޯބޮޑު އަވިއައިނެއް ހޯދާ ނިތްކުރިން އެ ހުސްވަމުންދާ ބައިގައި އަޅުވާފައި ބޭންދުމެވެ. އެއްކަލަ ވަޅުބުރިއެއްފަދަ ނިތްކުރިއަށް ފުރިހަމަކަން ލިބުނީއެވެ.

2 - ސުންތަލަ

މިތަލަ އުފަންވަނީ ބޮލުގެ މެދުންނެވެ. މަޑުމަޑުން ބޮލުގެ މެދުން އިސްތަށި ފައިބަމުންގޮސް ބޮލުގެ މެދުގައި ސުމެއް އެޅެއެވެ. އެސުން ސާދަވިލޭރޭއަށް ހަނދު ބޮޑުވަމުން އަންނަބީދައިން ބޮޑުވަމުންގޮސް މުޅިބޮލަށް ފެތުރޭނެއެވެ. ދެރަނުވާށެވެ. މިކަމުގެ ހައްލަކީ ޒީރޯ ކަޓަކަށް ޤުރުބާން ކުރުމެވެ. އޭރުން އެއްކަލަ ސުންތަލަ ގެއްލި މިލިޓަރީ ކަޓަކަށް ބަދަލުވާނެއެވެ. “އެއީ ތަލައެކޭ” ބުނުމުގެ ބަދަލުގައި ބުނާމީހާ ބުނާނީ “އެއީ ސިފައިންގެ ކުއްޖެކޭ” މިހެންނެވެ. ސިފައިންގެ މީހެއްގެ ޝަރަފާއި ޢިއްޒަތްލިބި މިލިޓަރީ މީހަކަށް ބަދަލުވާށެވެ.

3 - ތިރީސްތަލަ

މިއީ “ތިންތަލަ” އާއި “ސުންތަލަ” އާއި ދެ ޕެކޭޖް އެއްކޮށް ލިބުމުން ވާގޮތެކެވެ. ނިތްމަތީ 3 އެޅިފައި އޮންނައިރު ފުއްކިބަ އާއި ދިމާ މަތިން. މެދުގައި އޮންނާނީ ސުމެއް އެޅިފައެވެ. މިފަދަ މީހުންނަށްވެސް އޮތް ހައްލަކީ “ސުންތަލަ” ލިބޭ މީހާ އަމަލު ކުރާހެން އަމަލުކޮށް މިލިޓްރީ ވެލުމެވެ. ނުވަތަ އަނގައިން ހިފަހައްޓައިލުމެވެ. ޒުވާބު ދިނުމުގެ ގޮތުން ބުނާށެެވެ. “ މިއީ 30 ތަލައެވެ. މީގެން އަންގައިދެނީ މަށަކީ 30 އަހަރުގެ ޒުވާނެއްކަމެވެ. ”

4 - އައިލެންޑް ތަލަ

އައިލެންޑް ތަލައަކީ ނިތްކުރިމަތީގައި ބޮނޑިއަކަށް އިސްތަށިކޮޅެއް ފަޅުރަށެެއްގެ ސިފައިގައި ހުރެފައި ދެފަރާތު ކައިރިއާއި މަތިން އިސްތަށި ފައިބަމުން ގޮސް ވާތަލައަށް އިނގިރޭސިބަހުން ކިޔާ ނަމެކެވެ. މިހެން ކިޔާ ސަބަބެއްކަމަށް ތަލަޔާ ބެހޭ ރިސަރޗް ހައްދަވާ ޕްރޮފެސަރުން ވިދާޅުވަނީ ކުރީގެ އިނގިރޭސި ބޮޑުވަޒީރު ޓޯނީ ބްލެއަރގެ އިސްތަށިފުޅުވެސް މިހެން ހުރުމެވެ. މިބާވަތުގެ ތަލައަކީ ރާއްޖޭގައި އެއްމެ މަދުން އާލާވާ އެއްވައްތަރެވެ. ކަންބޮޑު ނުވާށެވެ. ފަޚުރުވެރި ވާށެވެ. އައިލެންޑް ތަލައަކީ ކޮންމެކޮންމެ މީހަކަށް ލިބޭނެ އެއްޗެއް ނޫނެވެ. އޮފިޝަލްކޮށް ޑްރެސްކުރާށެވެ. ކޯޓްފަޓްލޫނުވެސް ލެވެންޏާ ލާށެވެ. ޝާހީވެގެން ހުންނާށެވެ.

5 - ޑިންތަލަ ނުވަތަ ސެޓީތަލަ ނުވަތަ ތަލަބިގަރު

މިއީ ތަލައިގެ އެންމެފަހު ސްޓޭޖެވެ. އަދި އެންމެ ޤަދީމީ ވައްތަރެވެ. މިއީ މިސްރުގެ މަޝްހޫރު ހާމާންގެ ފުށުން ވާރުތަވެގެން އަންނަ ވައްތަރެކެވެ. މިވައްތަރުގެ ތަލައަށް ބަދަލުވާނީ އިސްތަށި ވެރެމުންގޮސް ކިނދު އިސްތައްޓަށް ބަދަލުވެ އެއިސްތަށިވެސް ފޭބުމުންނެވެ. އެންމެހައި އޮފުވެފައި އޮމާންވާނެއެވެ. މިފާޑުގެ ތަލަ ހުންނަ މީހުންނަށް އޮތް އެޑްވާންޓޭޖަކީ ފަސޭހައިން މަޝްހޫރުކަމެއް ހޯދުމެވެ. ހިކިމީހެއްނަމަ ރެފްރީ ޖަރޒީގައި ގިނައިން އުޅޭށެވެ. ލޯބޮޑުކޮށްގެން ހުންނާށެވެ. ކޮލީނާ ހެދިގެން އުޅޭށެވެ. ފަލަނަމަ ރެސްލިން ކެރެކްޓަރއެއް ކޮޕީކުރާށެވެ. ތަލަފޮރުވަން ތޮފިއަޅާނެކަމެއް ނެތެވެ. އެޒަމާން ހިނގައްޖެއެެވެ.

ޝާއިރަކު ތަލަވެރިންނަށް ހިތްވަރު ދިނުމުގެ ގޮތުން ކިޔާފައިވެއެވެ.

ޑިންތަލައަކަސް ހިތްދަތި ނުވާށި
ސުންތަލައަކަސް މަޑުމޮޅި ނުވާށި

އެއީ ވަރަށްބޮޑު ތެދުފުޅެކެވެ. ތިމާއަށް ލިބިފައިވަނީ ޑިންތަލައަކަސް ސުންތަލަތަކަސް ނުވަތަ އެހެން ބާވަތެއްގެ ތަލައަކަސް އެކަމާ ހިތާމަކޮށް މޮޅިކަމާއި ހިތްދަތިކަން ހިތްމައްޗަށް ނުގެންނާށެވެ. ސާމަރާ ދޫނިވެސް އެސޮރުގެ ރީތިކަމާމެދު ފަޚުރުވެރިވެ އުފާކުރަމުންގޮސް އެސޮރުގެ ތޮޮށިކަށިމަތި ފެންނަހިނދު ރޮއި ހިތާމަކުރެތެވެ. އެގޮތަށް ތަލަވާ ގިނަ މީހުންގެ ގައިގައި ބޯކޮށް ހެދިފައި ހުންނަ އިސްތަށި ފެނި ތިމާގެ ފިރިހެންވަންތަކަން ހިތަށް އަރައި ކިބުރުވެރިވެވެއެވެ. އެކަމަކު ލޯގަނޑުން ބޯ ހަމަ ފެނުމާއެކު އެއުފާވެރިކަން ގެއްލި ހިތާމައިގެ ފުން ކަނޑަކަށް ގެނބިގެން ދެއެވެ. އެހެން ނުވިސްނާށެވެ. ހިތްވަރު ކުރާށެވެ. މޫސުމަށް އަންނަ ބަދަލަކާއެކު އަދި ފަހުންވެސް ބޮލުން އިސްތަށި ފަޅާނެކަމަށް އުންމީދު ކުރާށެވެ. ސުނާމީގައި ހިކިފަސްބައެއް ސަހަރާގައި ގަސްވެސް ފެޅީތާއެވެ.

އިދާރާ

އެނގޭތަ؟

ވާހަކަ