އަދުގެ ޚާއްސަ

Print

ދަންމަޅި

ޝާޢިއުކުރީ ޔާސީން ނަސީމު އަބޫބަކުރު . ހިމެނޭބަޔަކީ ވާހަކަ


ޔާސީން ނަސީމު އަބޫބަކުރު. މާވަށް 


ކޮޓަރީގެ ދޮރު ތަޅުލީމެވެ. ވާގަނޑު ފަންކާގައި އެއްސީމެވެ. އަހަރެން ފަރުވާ ތެރި ކަމާއެކު ޖެހި މަޅި ކަރަށްފައްތާ ވާންކޮށްލީމެވެ. ފަހުފަހަރަށް ކޮޓަރިތެރެއަށް ނަޒަރު ހިންގާލީމެވެ. އަރާހުރި މޭޒު ދުރަށް ކޮށްޕާލުމާއެކު މަޅި ކަރަށް ބާރުވެ އަހަރެން ތިރިއަށް އެލުނެވެ. ހުރިހާ ބުރައަކުން ސަލާމަތްވުމަށް ތެޅިލުމަށް ފަހު ހިމޭންވިއެވެ.


.... ސިކުންތެއްގެ ބައިކުޅަބައިވެސް ނުހިނގައެވެ. އަހަރެންގެ "ލޯ" ހުޅުވުނެވެ. ވަށައިގެން އަދަމުންދެއެވެ. އެއީ އާދައިގެ އަލިފާނެއް ނޫނެވެ. އަހަރެންގެ މުޅި ހަށިގަނޑު އެކީ ފިހިގެން ހިނގައިދެއެވެ. އެކަމަކު މަރެއް ނުވެއެވެ. އިސާހިތަކު ކުރިން ހުރިހެން ވެދެއެވެ. އަހަރެންނަށް ލެވުނުހާ ބާރަކަށް ހަޅޭ ލެވީމެވެ. އިންސާނެއްގެ ކަރުން އަޑުނިކުންނާނެ އެންމެ ބާރަކަށެވެ. އަހަރެން ފަދައިން އެތައްބައަކު ހަޅޭލަވާ އަޑު އިވެމުން ދެއެވެ. ރޮއި ހޭރޭ އަޑެވެ. ވޭނީ ހަޅޭކުގެ ބާރު އަޑެވެ. ދުނިޔެމަތީގައި ދުވަހަކުވެސް އެހާބާރު ހަޅޭކެއްގެ އަޑުނީވޭނެއެވެ. ކަންފަތް ހީވަނީ ފަޅައިގެން ނިކުމެދާނެހެނެވެ.

ކަރުހިއްކައިގެން ގޮސް އަހަރެންގެ ދޫވަނީ ބޭރުގައެވެ. ފެންފޮދަކަށް އެދި އާދޭސް ކުރަމުން ގެންދިޔައީމެވެ. އަހަރެންގެ އަރުގައި އެއްޗެއް ނުޖެހޭތާ އެތަށް ދުވަހެއްހެން ހީވެއެވެ. ބަނޑުހައިވެގެންގޮސް ބަނޑުވަނީ ދެފުއް ތަތްލާފައެވެ. މިގަދަފަދަ ހޫނުގައި އަހަރެން ކޮޅަށްހުންނަތާ އެތަށް އަހަރެއް ވީފަދައެވެ. އަހަރެންގެ ބޯ ހިފަހަށްޓާލާނެހާ ވަރު އަހަރެންގެ ކަރުގައިވެސް ނެތެވެ. ބޯވަނީ ތިރިއަށް އެލިފައެވެ. އެތެރެހަށީގެ ހުރިހާ ގުނަވަނެއް ވަނީ ފިހިފައެވެ. ނޫނެކެވެ؛ އެގުނަވަންތައް ވަނީ ހަމަ އަލިފާނުންނެވެ. ހަމަޔަޤީނެވެ؛ ކުރިން އަހަރެން ދުށީ އަލިފާނެއްނޫނެވެ. އަހަރެމެން އެއިން ކައްކާއުޅެމެވެ. ނަމަވެސް، މިހާރު އެއިން އަލިފާންކޮޅެއް ލިބުނަސް އަހަރެއްނަށް ގަނޑުފެންހާ ފިނިވީހެވެ. އެހާވެސް މިތަނުގެ ހޫނުގަދައެވެ.

 ހޫނުކަން އިންތިހާއެވެ. އިރުއިރުކޮޅާ ބޯމަތިން ފެން އޮއްސެއެވެ. އެއީފެނެއްނޫނެވެ. ކެކިކެކިހުރި ދިޔާ އަލިފާނެވެ. އެއިން އަހަރެންގެ ގޮހޮރަށް ދާންދެން ފިއްސާލައެވެ. ނިމުނީކީ ނޫނެވެ. ދަގަނޑު ޗާބޫކުތަކުން އަހަރެންގެ ވަށައިގެން ތަޅަމުން ގެންދެއެވެ. މިތަނުން ސަލާމަތްވާން ހަދާނެގޮތެއްގެ، ހަމަ އެއްވެސް ބުއްދިއެއް ނުވިއެވެ. މިގޮތުގައި ވުމަށްވުރެ މަރުވެ ދިއުމަށްވެސް އަހަރެންގެ ހިތް ރޮއިހޭރެމުން ދެއެވެ. އާހް...
           
އަހަރެންގެ ހަތަރެސްފައިގައި ވަނީ ހިލިހިލާ ޖެހިފައެވެ. ދެވޭނެ އެއްވެސް ގޮތެއް ދާނެ ވަކި ސަހަލު ދިމައެއް ނެތެވެ. ދަނގަޑު ޗާބޫކު ތަކުން ހުއްޓުމެއްނެތި ތަޅަމުން ގެންދެއެވެ. އެއިން މީސްތަކުންގެ ގައިން ކުނި ދިޔަތަށް ނެރެލައެވެ.
          
 ކަރުހިއްކުންވަނީ އިންތިހާގައެވެ. އަހަރެންނަށް ލެވުނުހާ ބާރަކަށް ހަޅޭލަވަމުން ގެންދިޔައީމެވެ. ފެންފޮދަކަށް އެދި އާދޭސްކޮށްކޮށް އަހަރެންގެ އަޑު ހުސްވިއެވެ. އެއްވެސް އަޑެއް ނެތިވެސް އެތައްއިރަކު އަހަރެން ހަޅޭލެވީމެވެ. ދެންބުއިމެއްގެނެވުނެވެ.  އަހަރެން ދަހިވެތި ކަމާއެކު އެއަށްބެލީމެވެ. ނޫނެކެވެ. ނޫނެކެވެ. އެއީ ދޮހާއި ކުނި ލެއެވެ. ދެން އެ އަހަރެންގެ އަނގައިގާ ޖެއްސުނެވެ. ސަހަރޯއެވެ. އޭގެ އެންމެ ތިއްކެއް ދިރުވާލުންވެސް ހީވީ ބޮޑު ފަރުބަދައެއް އަހަރެންގެ ކަރުން އެތެރެއަށް ފޮނުވާ ލެވުނުހެންނެވެ. އެހާވެސް ގަދަފަދަ ވޭން ލިބިގެން ދިޔައެވެ.
           
ދެންގެނުވުނީ ތެޔޮކުނޑި ކަހަލަ ކާއެއްޗެކެވެ. ހަމަޔަޤީނުންވެސް  އެހާނުބައި ކާއެއްޗެއް ދުނިޔެމަތީގައި ނުހުންނާނެއެވެ. އެކައިރިކޮށްލުމުންވެސް އަހަރެންގެ މޫނު، ހުރިހާ އިސްތައްޓަކާއެކު ހަންގަނޑު ނޮޅިގެން ހިނގައިދެއެވެ. އަނގައަށް ލެވުމާއެކު އަހަރެންގެ އެތެރެހަށި ބުރިބުރިވެ ކުދިކުދިވެގެން ދިޔައެވެ. އެތަނުން ސަލާމަތް ކޮށްދިނުމަށްއެދި އާދޭސްކުރަމުން ގެންދިޔައީމެވެ.
           
އަނެއްކާ އިތުރު ހިލިހިލާތަކެއް ގެނެވުނެވެ. އެއިން އަހަރެންގެ ފައިތިލަ، ކަނދުރާއާއިއެކު ހިލިހިލާއެޅުނެވެ. އަދިމޫނުވަތަށް ދަމާފައި ގެންދެވުނެވެ. ގަދަފަދަ ވެގެންވާ ހަންމުށިތަކަކުން ބުރަކަށީގައި ތަޅަމުން ގެންދެއެވެ. އޭގެ ހަށްމުއްޓަކުން މިޞްރުގެ އެންމެބޮޑު އަހުރާމުގައި ޖެހިޔަަސް އެތަން ކުދިކުދިވެ ބުރަބުރައިގެން ދާނެއެވެ. އަހަރެން ހުއްޓުމެއްނެތި ހަޅޭލަވަމުން ގެންދިޔައީމެވެ.
           
އޭސަހަރޯއެވެ. ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ. އަހަރެންނަށް ޢަޛާބު ލިބިއްޖެއެވެ. ވަޢީދުގެ ބަސްފުޅު ޙައްޤުވެއްޖެއެވެ. އަހަރެންގެ ހަންތައް ރޯފިލައްޖެއެވެ. މިޙާލުގައި ވުމަށްވުރެ ނެތިދިޔުން މާރަނގަޅުވެއްޖެއެވެ.
           
.....ނިދާއެއްގެ އަޑު އިވުނެވެ. "ކަލެއަށް ދެން މަރުވުމެއްނެތެވެ. ފަނާވެ ދިއުމެއްވެސް ނެތެވެ. ފަހެ ތިޔަ ޢަޛާބުގެ ރަހަ ކަލޭދެކޭށެވެ. މިއީ މާތްﷲ ގެ ޙައްޤު ބަސްފުޅެވެ. މިއަދު ކަލެއަށް އިޚުތިޔާރެއް ނެތެވެ. މިއީ ސުވަރުގެއާއި ނަރަކައިންކުރެ ކަލޭ އިޚުތިޔާރުކުޅަ ތަނެވެ. މިއީ ކަލޭގެ ގޮވައްޗެވެ. ހަމަކަށަވަރުން ކަލެއަށް އޮތީ ނަރަކައެވެ."
           
ސިއްސައިގެން ގޮސްފައި އަހަރެންނަށް ހޭލެވުނެވެ. މުޅިމީހާ ވަނީ ދާހިއްލާ ފޯވެފައެވެ. ދަންޖެހިގެން މަރުވުމަށްޓަކައި އަހަރެން ތައްޔާރު ކުރި ދަންމަޅި އޮތީ އަހަރެން ފޮރުވިތާނގައެވެ. އަހަރެންނަށް ފެނުނީ ހުވަފެނެކެވެ.  
           
އަހަރެން ދެއަތް ނަގާ ﷲ ޙަޟްރަތަށް ދުޢާކުރީމެވެ." ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! މަރުގެންނެވުމާއި ދިރުއްވެވުމުގެ ވެރި އިލާހް! ހުރިހާ ކަމެއްގެ ވެރިއިލާހް! އަމިއްލައަށް މަރުވުމުގެ ފާފައިން މިއަޅާ ސަލާމަތް ކޮށްދެއްވީތީ އިބަﷲ އަށް ޙަމްދުކުރަން. ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! މިއަޅާއަށް ތެދުމަގު ދައްކަވައި އެމަގުގައި ފައިތިލަ ސާބިތުކުރުމުގެ ހެޔޮ ތައުފީޤުދެއްވާނދޭވެ! އަދި ދުނިޔޭގައި ދިމާވާ ހިތާމަތަކާއި ވޭންތަކަށް ކެއްތެރިވާ އަޅަކު ކަމުގައި މިއަޅާ ލައްވާނދޭވެ! ނަރަކައިން މުއްތިކުރައްވައި ސުވަރުގޭގެ ނިޢުމަތް މިއަޅާއަށް މިންވަރު ކުރައްވާންދޭނވެ! އާމީން.

އަހަރެން ނަރަކައަށް ދިއުމަށް މެދުވެރިވެދާނެ ސަބަބެއް ކަމުގައިވި ދަންމަޅިއަށް އަހަރެންގެ އަތުން އަލިފާނުގެ ޢަޒާބު ދިނީމެވެ. އަދި ނަރަކައިގެ އަލިފާނުން ސަލާމަތް ވުމަށް މަސައްކަތް ކުރުމުގައި ދެމި ހުރީމެވެ. މާތްﷲ މިގޮތުގައި މިއަޅާއަށް ތައުފީޤު ދެއްވާންދޭވެ! އާމީން

ނިމުނީ.

   

އިދާރާ

ވާހަކަ