އަދުގެ ޚާއްސަ

Print

އަލްއިމާމު އިބްނު ތައިމިއްޔާ (ހަވަނަ ބައި)

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ ޚާއްޞަ

މުސްލިމުންގެ ސިޔާސީ މުފައްކިރުންގެ ތެރެއިން......

 



                              ޢަދުލު އިންސާފު ޤާއިމްކުރުން
ޢަބްދުﷲ ފާރޫޤު ޙަސަން

އަލްއިމާމު އިބްނު ތައިމިއްޔާ ވިދާޅުވާގޮތުގައި އަމާނާތްތައް އޭގެ އަހްލުވެރީންނަށް ރައްދުކުރުމުގެ ވާޖިބާޖެހިގެން ވަލިއްޔުލްއަމްރެއްގެ ދެވަނަ ވާޖިބަކީ ޢަދުލު އިންސާފު ޤާއިމްކުރެއްވުމެވެ. ޢަދްލުވެރިކަމުގެ މުހިންމުކަން ބަޔާން ކުރެއްވުމަށްޓަކައި އިބްނު ތައިމިއްޔާވަނީ އެކަލޭގެފާނުގެ ގަލަންކޮޅާއި ދޫފުޅުގެ ބާރު ވަރަށް ބޮޑަށް ބޭނުންކުރައްވައިފައެވެ. އިމާމު ވިދާޅުވާގޮތުގައި ދީނާއި ދުނިޔޭގެކާމިޔާބީ ބިނާވެފައިވަނީ ޢަދުލުވެރިކަމާއި އިންޞާފުގެ މައްޗަށެވެ. ޢަދުލުވެރިކަމާނުލައި ދެދުނިޔޭގެ ކާމިޔާބީ ޙާޞިލްވުމަކީ މުސްތަޙީލު ކަމެކެވެ. ޢަދްލުވެރިކަމުގެ އަހައްމިއްޔަތު ބަޔާންކުރެއްވުމަށްޓަކައި ކީރިތި ޤުރުއާނާއި ކައުސާހިބާގެ ޙަދީޘުފުޅުތަކުން އިބްނު ތައިމިއްޔާ ދަލީލުދެއްކެވިއެވެ. ކީރިތި ޤުރްއާނުގެ އަންނަނިވި އާޔަތުން ޢަދުލުވެރިކަމުގެ މުހިންމުކަން ފުރިހަމަޔަށް ކަށަވަރު ކޮށްދެއްވިއެވެ.

 " ހަމަކަށަވަރުން، ފާޅުވެގެންވާ ހެކިތަކާއެކު ތިމަންރަސްކަލާނގެ ރަސޫލުން ފޮނުއްވީމެވެ. އަދި އެރަސޫލުންނާއެކު، ފޮތާއި، ޢަދުލުއިންޞާފުގެ ތިލަފަތް ބާވައިލެއްވީމެވެ. (އެއީ) މީސްތަކުން ޢަދުލުއިންޞާފު ޤާއިމު ކުރުމަށްޓަކައެވެ."
                                (ޢަލްޙަދީދު: 25)
އިސްވެދިޔަ އާޔަތުގެ އިތުރަށް ކައުސާހިބާގެ ވަރަށްގިނަ ޙަދީޘުފުޅުތަކެއްވެސް އިބްނު ތައިމިއްޔާ ބަޔާންކުރެއްވިއެވެ. ޢަދުލުވެރި އިމާމުންނަށް ތާރީފުކުރައްވައިފައިވާ ޙަދީޘުފުޅުތަކެވެ. އެފަދަ އިމާމުންގެ މަތިވެރިކަން ބަޔާންކުރައްވައިފައިވާ ޙަދީޘުފުޅުތަކެވެ. ރައްޔިތުންގެ މައްޗަށް ޢަދުލުއިންޞާފުން ވެރިކަންކުރައްވާ އިމާމެއްގެ އެންމެ ދުވަހެއްގެވެރިކަން ފަސްދޮޅަސް އަހަރުގެ އަޅުކަމަށްވުރެ ހެޔޮކަންބޮޑެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާގެ މަޚްލޫޤުންގެ ތެރެއިން އެކަލާނގެ ޙަޟުރަތުގައި އެންމެ ލޮބުވެތިކަންބޮޑީ ޢަދުލުވެރި އިމާމާކަމެވެ. އެކަލާނގެ އެންމެ ކޯފާވެވޮޑިގަންނަވަނީ އަނިޔާވެރިވެރިޔާ ދެކެކަމެވެ. މާތްﷲގެ އަރުޝިފުޅުގެ ހިޔާ ފިޔަވައި އެހެން ހިޔާވަހިކަމެއް ނުވާ ޤިޔާމަތްދުވަހުން އެކަލާނގެ އަރްޝިފުޅުގެ ހިޔާ ދެއްވާނެ ހަތްމީހުންގެތެރެއިން އެކަކީ ޢަދުލުވެރި އިމާމާކަމެވެ.

        ޢަދުލުވެރި ސަރުކާރުތަކަށް އިމާމު އިބްނު ތައިމިއްޔާ ނަންދެއްވަނީ "އައްސިޔާސަތުލް ޢަދްލިއްޔާ"ގެ ނަމުންނެވެ. އެފަދަ ސަރުކާރެއްގެ އަސާސީ ދެކަމެއް އިމާމު ފާހަގަކުރައްވައެވެ. އޭގެތެރެއިން އެންމެ ފުރަތަމަ ކަމަކީ ޢަދުލު އިންޞާފުން ސަރިޔަތްތައް ނިންމުމެވެ. އަނެއްކަމަކީ ޙައްޤުތަކުގެ އަހްލުވެރީންގެ ޙައްޤުތައް އަދާކުރުމެވެ.

އިމާމު އިބްނު ތައިމިއްޔާ ބާރުއަޅުއްވަނީ ހަމައެކަނި ރައްޔިތުންނާމެދު ޢަދްލުވެރިކަމާއެކު މުޢާމަލާ ކުރެއްވުމަކަށެއްނޫނެވެ. އަދިކީއްތޯއެވެ؟ އިމާމު ވިދާޅުވާގޮތުގައި، އަމީރު ރައްޔިތުންނާމެދު އިހްސާންތެރިވެވަޑައިގެން ހެޔޮފުޅުކޮށް ހިއްތަވާންވާނެއެވެ. ރައްޔިތުންގެ މަންފާއަށް ސަމާލުކަން ދެއްވާންޖެހޭނެއެވެ. އިމާމު ވިދާޅުވާގޮތުގައި ރައްޔިތުންނާމެދު ނިޔަތް ރަނގަޅު ކުރެއްވުމާއި އެއުރެންނާމެދު އިޙްސާންތެރިވެވަޑައިގަތުމަކީ ހަމައެކަނި ރައްޔިތުން އެދޭގޮތަށް ކަންތައްކުރެއްވުމެއްނޫނެވެ. ރައްޔިތުން ނުރުހޭކަންތައް ނުކުރެއްވުމެއްވެސް ނޫނެވެ. އަދިކީއްތޯއެވެ! ރައްޔިތުންނާމެދު އިހްސާންތެރިވެވަޑައިގަތުމަކީ ރައްޔިތުންނަށް ދީނީގޮތުންނާއި ދުނިޔަވީގޮތުން މަންފާވާގޮތަށް ކަންތައް ކުރެއްވުމެވެ. ރައްޔިތުންގެތެރެއިން ނުވިސްނޭ މީހަކު އެކަމާނުރުހުނުކަމުގައި ވިޔަސްމެއެވެ. އިމާމު އިބްނު ތައިމިއްޔާ ޙާކިމުންނަށް އަމުރުކުރައްވަނީ އެކަމެއްގައި ރައްޔިތުންގެ ދީނީ އަދި ދުނިޔަވީފައިދާ އެކުލެވިފައިވާ ކަމެއް ކުރައްވާއިރު، ފަހަށް ނުވިސްނުމުގެ ސަބަބުން ނުވަތަ އެހެންކޮންމެވެސް ސަބަބަކާހުރެ ރައްޔިތުންގެ ބަޔަކު އެކަމަކާ ނުރުހޭނަމަ އެކަމެއް ކުރެއްވުމުގައި ވަރަށް ބޮޑަށް އޯގާވެރިވެވަޑައިގަތުމަށެވެ. އޯގާވެރިވުމުގެ މުހިންމުކަމާމެދުވެސް އިބްނު ތައިމިއްޔާ ޙަދީޘުފުޅުތައް ނަޤުލުކުރެއްވިއެވެ. އެކަމެއްގައި  އޯގާތެރިކަމާއި މަޑުމައިތިރިކަން އެކުލެވިފައިވާ އެއްވެސްކަމެއް ޒީނަތްތެރިނުވެ ނުދާނެކަމަށާއި، އެކަމެއްގައި ހަރުކަށިކަމާއި ގަދަބަދަވިކަން އެކުލެވިފައިވާ އެއްވެސް ކަމެއް އައިބުވެ ހުތުރުނުވާ އެއްވެސްކަމެއް ނޯންނާނެކަމަށް ކައުސާހިބާ ކުރައްވައިފައިވާ ޙަދީޘުފުޅެވެ. އިމާމު ވިދާޅުވާގޮތުގައި މަޑުމައިތިރިކަމާއެކު ވާހަކަ ދެއްކެވުމާއި، ރީތިބަހުން ވާހަކަ ދެއްކެވުމަކީ ވެރިޔެއްގެ މައްޗަށް އޮތް ވަރަށް ބޮޑު ވާޖިބެކެވެ. އިމާމު ވިދާޅުވާ ގޮތުގައި އަމުރުވެރި ރާގުގައި މީހަކާވާހަކަދެއްކުމުން އެމީހެއްގެ ހިތުގައިޖެހެއެވެ. އަނެކާގެ ހިތްއުފާވާފަދަ އިބާރާތަކުން އެފަދަރާގެއްގައި ވާހަކަދެއްކުމާއި އެފަދަގޮތަކަށް އަމަލުކުރުމަކީ އެންމެ މަތީދަރަޖައިގެ އެންމެ ފުރިހަމަ ސިޔާސަތެވެ. އިބްނު ތައިމިއްޔާ އޭގެ ވަރަށް ރަނގަޅު މިސާލެއް ޖައްސަވައެވެ. އެއީ ބޭސްވެރިން ބަލިމީހުންނަށް ބޭސްދޭއިރު ހިތިބޭސްތައް ދިރުވަންފަސޭހަވާފަދަ މީރު އެއްޗަކާ އެއްކޮށްފައިދޭދިނުމެވެ. މިޒަމާނުގައި ހިތިބޭސްތައް ތައްޔާރުކުރާއިރު "ހަކުރުތޮށިފަށެއް" ލައިފައި ހުންނަފަދައިންނެވެ. އަމީރުން އޯގާވެރިވެވަޑައިގަތުމާއެކު ރައްޔިތުންގެ ހިތްހަމަޖައްސަވައި ދެއްވުމަށްވެސް އިބްނު ތައިމިއްޔާ ބާރުއަޅުއްވައެވެ. އިމާމު ވިދާޅުވާގޮތުގައި ރައްޔިތުންގެ ހިތްހަމަޖައްސައި ދިނުމަކީ އަމްނު ޤާއިމު ކުރުމަށްޓަކައި ވަރަށް ބޭނުންތެރިކަމެކެވެ. އަދިކީއްތޯއެވެ. މުޖްރިމުންގެ މައްޗަށް ބާރުފޯރުވުމަށްޓަކައިވެސް އިބްނު ތައިމިއްޔާ ހުށަހަޅުއްވަނީ މިނުސްޚާއެވެ.

އަމުރާއި ނަހީ

އިމާމެއްގެ ތިންވަނަ ވާޖިބަކީ ހެޔޮކަންތައްތަކަށް އަމުރުކުރެއްވުމާއި ނުބައިކަންތައް ނަހީކުރެއްވުމެވެ. އިމާމު އިބްނު ތައިމިއްޔާ އެކަމުގެ އަހައްމިއްޔަތު ބަޔާންކުރައްވަނީ " ރަށްތަކާއި މީސްތަކުންގެ  ހެވާއިލާބަ ގުޅިފައިވަނީ ހެޔޮކަންތައްތަކަށް އަމުރުކުރުމާއި ނުބައިކަންތައްތައް މަނާކުރުމާއެވެ. އެހެނީ ދިރިއުޅުމާއި އެނބުރި ދިޔުމުގެ ކާމިޔާބީ (ދުނިޔެއާއި އާޚިރަތުގެ ކާމިޔާބީ) ގުޅިފައިވަނީ މާތްﷲއާއި އެކަލާނގެ ރަސޫލާއަށް ކިޔަމަންތެރިވުމާއެވެ. ހެޔޮކަންތައްތަކަށް އަމުރުކޮށް ނުބައިކަންތައްތައް މަނާ ނުކުރެވޭހާ ހިނދަކު އެކިޔަމަންތެރިކަމެއް އަދައެއް ނުކުރެވޭނެއެވެ." މިފަދައިންނެވެ.

އިމާމު ވިދާޅުވާގޮތުގައި ވަލިއްޔުލްއަމްރުގެ މަޤާމުގެ ވާޖިބުތަކުގެތެރެއިން މުހިންމު އެއްވާޖިބަކީ ރައްޔިތުންނަށް ޞާލިޙުޢަމަލުތަކަށް ހިތްވަރުދެއްވުމެވެ. ހެޔޮޢަމަލުތަކާއި ކިޔަމަންތެރިވުމުގެ މަގު ޚިޔާރުކުރުމަށް ބާރުއެޅުއްވުމެވެ. އެކަމުގައި މީސްތަކުންނަށް މަދަދުދެއްވުމެވެ. ވެވަޑައިގެންނެވި އެންމެ މަތީދަރަޖައަކަށް އެކަމަށް ރައްޔިތުން ޝައުޤުވެރިކުރެއްވުމެވެ. އެއްވެސް ބަޔަކު ދީނުގެ ފަރުޟުތައްދޫކޮށް ފާޅުވެގެންހުރި ޙަރާމް ކަންތައްތަކަށް އަރައިގަންނަމުން ގެންދާނަމަ އެބަޔަކާ ހަނގުރާމަ ކުރެއްވުމެވެ. އެބަޔަކު ފަސްނަމާދު އާދަކޮށް، ޒަކާތްދޭންފަށައި، ހައްޖުގެ ފަރުޟު އަދާކޮށް މަހްރަމުންނާ ކާވެނިކުރުން ހުއްޓައިލައި، ހަރާމް އެއްޗެހި ކެއުމާއި، މުސްލިމުންގެ ޖާނާއި މާލަށް އަތްދިއްކުރުމުން އެއްކިބާވެ، އަދި  އެނޫންވެސް ހަރާމްކަންތައްތަކުން ދުރުހެލިވަންދެނެވެ.
       
މާތްﷲއާއި އެކަލާނގެ ރަސޫލާއަށް ނުކިޔަމަންތެރިވާ މީހުންގެ ދެވައްތަރެއްވާކަމުގައި އިބްނު ތައިމިއްޔާ ވިދާޅުވެއެވެ. އެއްބަޔަކީ އެބަޔަކަށް އަދަބުދެއްވުމުގެ ފުރިހަމަބާރު ވަލިއްޔުލްއަމްރަށް ލިބިވަޑައިގެންފައިވާ މީހުންނެވެ. އަނެއްބަޔަކީ އެބަޔަކާ ދެކޮޅަށް ޖިހާދު ކުރައްވައިގެން މެނުވީ ބާރުނުހިންގެވޭނެ މީހުންނެވެ. އެންމެ ފުރަތަމަ މިދެންނެވި ބާވަތުގެ މީހުންގެ މައްޗަށް ހަމައެކަނި މާތްﷲގެ ޙައްދުތައް ހިންގަވައިލެއްވުމުން އެމީހުން އިޞްލާޙުވެދާނެކަމަށް އިބްނު ތައިމިއްޔާ ވިދާޅުވެއެވެ. މާތްﷲގެ ޙައްދުތައް ޤާއިމު ކުރުމުގެ ބަރަކާތާއި ލާބަ ބަޔާންކުރެއްވުމަށް އިބްނު ތައިމިއްޔާ މަސައްކަތްޕުޅު ކުރެއްވިއެވެ. އެކަމާގުޅޭ ޙަދީޘުފުޅުތައް ހުށަހެޅުއްވިއެވެ. އިމާމު ވިދާޅުވާގޮތުގައި މާތްﷲގެ ޙައްދުތައް ހިންގައިލެވުމުން ﷲއަށް ބޯލެނބުން ޢާއްމުވެއެވެ. އުރެދުންތައް ހުއްޓުމަކަށް އާދެއެވެ. އޭގެ ނަތީޖާ ފާޅުވެގެންދަނީ ރިޒުޤު ތަނަވަސްވުމާއި، އިލާހީ ނަޞްރުގެ ސިފައިގައެވެ. ކައުސާހިބާ ޞައްލަﷲ ޢަލައިހިވަސައްލަމަ ވިދާޅުވެފައިވެއެވެ. "ބިންމަތީގައި އެންމެ ޙައްދެއްޤާއިމް ކުރެވުމަކީވެސް ސާޅީސްރޭ ރަޙްމަތުގެ ވާރޭވެހުމަށްވުރެ ބިމުގެ އަހުލުވެރީންގެ ޙައްޤުގައިމާ ބަރަކާތްތެރިކަމެކެވެ."

ވަލިއްޔުލްއަމުރަކު ރިޝްވަތު ހިއްޕަވައިގެން ނުވަތަ އެނޫންވެސް ސަބަބަކާހުރެ ޝަރްޢީ ޙައްދެއް ޤާއިމްނުކުރައްވައި ދޫކޮށްލެއްވުމަކީ އިމާމު އިބްނު ތައިމިއްޔާ ވަރަށް ބޮޑަށް ދެކޮޅުހައްދަވާކަމެކެވެ. ޝަރްއީ ހައްދެއްގެ ބަދަލުގައި އަމީރު ޖޫރިމަނާއެއް ހިއްޕަވައި ބައިތުލްމާލަށް ޖަމާކުރެއްވިޔަސް އިބްނު ތައިމިއްޔާ އެކަން ހުއްދައެއް ނުކުރައްވައެވެ. އިމާމު ވިދާޅުވާގޮތުގައި " މާތްﷲގެ ޙައްދުތައް އެއްކިބާކޮށްލުމަށްޓަކައި އަތުލެވޭ މުދަލަކީ ކަނޑައެޅިގެން ހަރާމް އެއްޗެކެވެ. ވަލިއްޔުލް އަމްރަކު އެފަދަކަމެއް ކުރައްވައިފިނަމަ އެޖަމާކުރެއްވެނީ ވަރަށްބޮޑު ފަސާދައެކެވެ. އެންމެ ފުރަތަމަ އަޙްކަމުލްޙާކިމީން ކަނޑައަޅުއްވައިފައިވާ ޙައްދެއް އުވައިލުމެވެ. ދެވަނަޔަށް ޙަރާމް އެއްޗެއް ކެއުމެވެ. މިދެކަމުގެތެރެއިން ފުރަތަމަކަމަކީ ވާޖިބެއް އަޅައިފުމެވެ. ދެވަނަކަމަކީ ޙަރާމް ކަމަކަށް އަރައިގަތުމެވެ. އިބްނު ތައިމިއްޔާގެ ލިޔުއްވުމެއްގައި އިސްވެދެންނެވިފަދަ ވަލިއްޔުލްއަމްރުން ސިފަކުރައްވަނީ ފާހިޝްކަމެއްކުރުވުމަށްޓަކައި ހިލޭ އަންހެނަކާއި ފިރިހެނަކު އެއްތަންކުރުވާ " ދޫވެރިކަންކުރާ" މީހެއްގެ ގޮތުގައެވެ. އެފަދަވެރީންނަށް "އާވާރާ އަނތްބެއް" ގެނަންވެސް ދެއްވައެވެ.
       

ޙައްދުތަކާ ބެހޭގޮތުން އިބްނު ތައިމިއްޔާ ވަރަށް ތަފްޞީލުކޮށް އިރުޝާދުދެއްވައެވެ. އިމާމު ވިދާޅުވެއެވެ. ވަލިއްޔުލް އަމްރުގެ ކުރިފުޅުމައްޗަށް ޙައްދެއްގެ މައްސަލަ ހަމަހުށަހެޅޭއިރަށް އެކަން ތަންފީޒުކުރެއްވުން ލާޒިމުވެދެއެވެ. އެފަދަކަމެއްގައި މާފުދެއްވުމާއި، މެދުވެރިޔެއްގެ ބަސްޤަބޫލުކުރެއްވުމުގެ ސިފައިގައި ﷲ ކަނޑައަޅުއްވައިފައިވާ ޙައްދު ފަސްކުރައްވައިގެންނެއްނުވާނެއެވެ. ކުށްވެރިޔާ ތައުބާވިކަމުގައިވިޔަސް އޭގެ އަސަރެއްވެސް ހައްދުގެ މައްޗަކަށް ނުފޯރާނެކަމަށް އިބުނު ތައިމިއްޔާ ވިދާޅުވެއެވެ. އިމާމު ވިދާޅުވެއެވެ. ތައުބާއަކީ ހަމައެކަނި އޭނާގެ ފާފައިގެ ކައްފާރާއެކެވެ. ކުށުގެ އަދަބެއްނޫނެވެ.
      
ކުށްވެރީންނަށް އެހީވާ މީހުންނަށްވެސް އަދަބުދެއްވަން އިބްނު ތައިމިއްޔާ ބަރުއެޅުއްވިއެވެ. ޙަޤީޤީ ކުށްވެރީންނާއި (ކުށް ކުރާމީހުންނާއި) ކުށްކުރުމަށް އެހީވާމީހުންނާ އެއްވެސް ތަފާތެއް ކުރައްވާކަށެއްވެސް އިބްނު ތައިމިއްޔާ ބޭނުންފުޅެއްނުވެއެވެ. އެކަމުގެ ސާބިތު ހެއްކެއްގެ ގޮތުން އިބްނު ތައިމިއްޔާ ހުށަހަޅުއްވަނީ އަމީރުލް މުއުމިނީން ޢުމަރު ބުނުލް ޚައްޠާބު  ރަޟިޔﷲ ޢަންހު ޢަމަލުކުރައްވައިފައިވާ ގޮތްކޮޅެވެ. އެކަލޭގެފާނުވަނީ މަގުފޭރޭ މީހުންގެ ރަބީބާއިންވެސް ޤަތުލުކުރައްވައިފައެވެ. ރަބީބާއިންނަކީ މަގުފޭރޭމީހުން ޙިމާޔަތްކުރުމަށްޓަކައި މަގުފޭރުމުގެކަންތައް ހިނގަމުންދާއިރު ހަތަރުފަރާތުން ބަޔަކުއާދޭތޯ ބަލަން އުސްތަންތަނަށް އަރައި ބަލަހައްޓާން ތިބޭ މީހުންނެވެ. މިދެންނެވި ނަޤުލީދަލީލުގެ އިތުރަށް ކުށްވެރިޔާއަށާއި ކުށަށް އެހީވާމީހާއަށް އެއްވަރެއްގެ އަދަބެއް ދޭންޖެހޭނެކަމުގެ ޢަޤްލީ ދަލީލެއްވެސް އިބްނު ތައިމިއްޔާ ދައްކަވައެވެ. ބައިވެރީންގެ އެހީތެރިކަމާއެކު ކުށުގެ ޢަމަލު ފުރިހަމަ ކުރުމުގެ ދަލީލެކެވެ. މިމައްސަލައިގައި އެކަލޭގެފާނު ޤިޔާސުކުރައްވަނީ މުޖާހިދުންގެ މައްޗަށެވެ. ހުރިހާ މުޖާހިދުންނަށް ޣަނީމާއިން ބައިލިބެނީ އެއްވަރަކަށެވެ. މައިދާނުގައި ސީދާ ހަނގުރާމަ ކުރާމީހުންނާއި، ލަޝްކަރަށް އެހީތެރިވެ އަތްގާތްކޮށްދޭ މީހުންނަށް އެއްވަރަކަށެވެ. ސަބަބަކީ ހަނގުރާމަކުރާ މީހުން ހަނގުރާމަކުރަނީ އެހެނިހެން ބައިވެރީންގެ އެހީލިބިގެން ކަމުގައިވުމެވެ. އިބްނު ތައިމިއްޔާ ވިދާޅުވާގޮތުގައި ރަސްގެފާނުގެ ނާއިބުން  ނުވަތަ ބޮޑުން ފާޅުގައި ނުވަތަ އަޑިއަޑީން ކުށްވެރީންނާ ގުޅިފައިތިބޭނަމަ ނުވަތަ ކުށްވެރީންގެ މައްޗަށް ބާރު ހިނގުމަށްފަހު ރިޝްވަތު ހޯދުމުގެ ނިޔަތުގައި ކުށްވެރިންނަށް އެހީތެރިވެދީ ހިމާޔަތްދޭނަމަ އެބައިމީހުންނަށްވެސް ކުށްވެރީންނާ އެއްވަރަކަށް އަދަބު ދިނުން ވާޖިބުވާނެއެވެ.
       
ކުރިންވެސް ދެންނެވިފަދައިން ޝަރްޢީ ޙައްދުތަކާބެހޭގޮތުން އިބްނު ތައިމިއްޔާ ވަނީ ވަރަށް ތަނަވަސްކޮށް ބަހުޘު ކުރައްވައިފައެވެ. މީހުންމެރުމާއި، މަގުފޭރުމާއި، ވައްކަންކުރުމާއި، ޒިނޭކުރުމާއި، ކުޑަކުދިންނާ ލިވާޠުކުރުމާއި، ޤަޛުފުކުރުމާއި، ރާބުއިމާއި، އަދި މިނޫންވެސް ކަންކަމުގެ ޙައްދުތައް ބަޔާންކުރައްވައިފައެވެ. އިމާމު ވިދާޅުވާގޮތުގައި މަގުފޭރޭމީހަކު، މީހަކު ޤަތުލުކޮށްފިނަމަ ޤަތުލުވެވުނު މީހާގެ ވާރިޘުންނަކަށް މާފުކުރުމުގެ ހައްޤެއް ނޯންނާނެއެވެ. އެއާ ޚިލާފަށް ދެކޮޅުވެރިކަމަކާހުރެ ނުވަތަ އެހެންވެސް ސަބަބަކާހުރެ މީހަކު މީހަކުމަރައިފިނަމަ މަރައިލެވުނު މީހާގެ ވާރިޘުންނަށް މަރުގެދިޔަ އަތުލުމާއި މާފުކުރުމާއި ޤިޞާޞު ހިފުމާ މިގޮތް ގޮތުންކުރެ ގޮތެއް ޚިޔާރުކުރުމުގެ އިޚްތިޔާރު އޮންނާނެއެވެ. މުސްލިމު ރަސްކަލަކު ނުވަތަ ވަލިއްޔުލް އަމްރަކު ޤަތުލުކުރިމީހާގެ ޙުކުމާމެދު ފިގުހުވެރީންގެ ޚިޔާލުފުޅުގެ ތަފާތުގެ މައްޗަށް އިމާމު އިބްނު ތައިމިއްޔާ ވާހަކަ ދެއްކެވިއެވެ. އިމާމު ލިޔުއްވާފައިވެއެވެ. "އަމީރުލްމުއުމިނީން ޢުޘްމާން ރަޟިޔަﷲ ޢަންހުއާއި އަމީރުލްމުއުމިނީން ޢަލީ ރަޟިޔަﷲ ޢަންހު ޝަހީދުކޮށްލެވުނުފަދައިން އިސްލާމް ރަސްކަލަކު ޤަތުލު ކޮށްފިމީހެއްގެ ޙުކުމާމެދު ފިޤުހުވެރީން ވަނީ ތަފާތު ރައުޔަތަކެއް ފާޅުކުރައްވައިފައެވެ. ބައެއް ޢިލްމުވެރިން ވިދާޅުވާގޮތުގައި މަގުފޭރޭ މީހުންނެކޭ އެއްގޮތަށް އެފަދަ މީހުން ޤަތުލުކުރުމަކީ ލާޒިމުކަމެކެވެ. ޢިލްމުވެރީންގެ އަނެއްބަޔަކު ވިދާޅުވާގޮތުގައި އެފަދަމީހުންގެ މުޢާމަލާވެސް ވަނީ ވާރިޘުންގެ އިޚްތިޔާރުގައެވެ." އިބްނު ތައިމިއްޔާ މިމައްސަލައިގައި އެކަލޭގެފާނުގެ އަމިއްލަފުޅު ޚިޔާލުފުޅެއް ފާޅެއް ނުކުރައްވައެވެ. ނަމަވެސް ވަލިއްޔުލް އަމްރުން ޤަތުލުކުރުމަކީ ފަސާދަ ޢާއްމުވާ ކަމެއްކަމުގައި ލިޔުއްވައިފައިވުމުން އެކަލޭގެފާނު ބުރަވެވަޑައިގަންނަވަނީ ވަލިއްޔުލް އަމްރުންގެ ޤާތިލުން ވާރިޘުންނާ ޙަވާލުނުކޮށް ދައުލަތުގެ ފަރާތުން އެފަދަމީހުންނަށް ޤަތުލުކުރުމުގެ އަދަބުދިނުމުގެ މައްޗަށްކަމަށް ބުރަވެވެއެވެ.
       
ޝަރީޢަތުގައި އެކަންކަމުގެ އަދަބު ކަނޑައެޅިފައިނުވާ ކަންކަމުގެ އަދަބު ކަނޑައެޅުއްވުމުގެ އިޚްތިޔާރު އިމާމުވަނީ ވަލިއްޔުލްއަމްރުގެ އިޚްތިޔާރަށް ދޫކޮށްލައްވައިފައެވެ. އެކުށެއްގެ ގިނަމަދުމިނުގެ މައްޗަށް ބިނާކުރައްވައި އެދުވަސްވަރެއްގެ ޙާލަތު ނިޔާކުރާގޮތަކަށް އަދަބުކަނޑައެޅުއްވުމަށެވެ.  އިމާމު ވިދާޅުވާގޮތުގައި " ކުށެއްގެމައްޗަށް މީސްތަކުން ބޮޑަށް ލެނބެމުންދާނަމަ ސަރުކާރުގެ ވާލީން އެކުށެއްގެ އަދަބު ބޮޑުކުރައްވަންވާނެއެވެ. އެކުށަކީ މަދުން ކުރެވޭ ކުށެއްކަމުގައިވާނަމަ އަދަބު ލުއިކުރައްވަން ވާނެއެވެ." ތަކުރާރުކޮށް ކުށްކުރާމީހުންނަށް ޚާއްޞަގޮތެއްގައި އަދަބުބޮޑުކުރުމަށްވެސް އިމާމު ލަފާދެއްވައެވެ. އިބްނު ތައިމިއްޔާ ވިދާޅުވާގޮތުގައި " ފާފަޔަށް އަރައިގަންނަމީހާ ފާސިޤުކަމާއި ފާޖިރުކަމުގައި ކުރިޔަށްދާނަމަ ޙާކިމުން އަދަބު އިތުރުކުރާންޖެހޭނެއެވެ. އެކުށަކީ ހާލަކުން ފަހަރަކު ކުރެވޭ ކުށެއްކަމުގައިވާނަމަ އަދަބު ލުއިކުރާން ވާނެއެވެ."
       
އަދަބުދިނުމުގެ ވަރަށް ތަފާތު ގޮތްތަކެއްވެސް އިމާމު އިބްނު ތައިމިއްޔާ ބަޔާންކުރައްވައެވެ. އެކަލޭގެފާނު ވިދާޅުވާގޮތުގައި ވަޢުޡާއި ނަސޭހަތް ދިނުމަކީވެސް އަދަބެކެވެ. ހަރުކަށިކޮށް ވާހަކަދެއްކުމާއި އެއްޗެހި ގޮވުމަކީވެސް އަދަބެކެވެ. ގުޅުންކަނޑައިލުމާއި ވާހަކަ ދެއްކުން ހުއްޓައިލުމަކީވެސް އަދަބެކެވެ. އާމިލުންނަށްދެވޭ އަދަބުގެތެރޭގައި މަޤާމުން ދުރުކުރުމާއި، އެމީހެއްގެ ފަރާތުން އިސްލާމީ ދައުލަތަށް ޚިދްމަތް ހޯދުން ހުއްޓައިލުމަކީވެސް އަދަބެވެ. ހައްޔަރުކޮށް ޖަލަށްލުމާއި، އެމީހެއްގެ ކުށް އިޝްތިހާރުކުރުމަކީވެސް އަދަބުދިނުމުގެ ބާވަތްތަކެވެ. އިމާމު އިބްނު ތައިމިއްޔާ ވަލިއްޔުލް އަމްރުންނަށް އިންޒާރުކުރައްވަނީ ހައްދުކަނޑައެޅިފައިނުވާ ކުށްކުށަށްދެވޭ އަދަބާއި، ޝަރްޢީ ޙައްދުތަކާ އެއްވެސް ހާލެއްގައި އެއްވަރުނުކުރެއްވުމަށެވެ. އިމާމު ވިދާޅުވާ ގޮތުގައި ކުށްވެރީންގެ ފުރަތަމަ ފަންވަތުގެ މީހުން އިސްލާޙުކުރުމަށް ޙައްދުތައް ޤާއިމު ކުރުމާއި އަދަބުދިނުމުގެ ނިޒާމު ހިންގައިލުމުން ފުދޭނެއެވެ. ނަމަވެސް ނުކިޔަމަންތެރިންގެ ދެވަނަ ބައިގެ މީހުން ބަލި ކުރެއްވުމަށްޓަކައި ޖިހާދުކުރެއްވުމަށް އިބްނު ތައިމިއްޔާ ވަނީ ވަލިއްޔުލްއަމްރުންނަށް ބާރުއަޅުއްވައިފައިވެއެވެ. އިމާމު ވިދާޅުވާގޮތުގައި ޖިހާދުކުރުމުގެ މަޤްޞަދަކަށް ވާންޖެހޭނީ ދީނާދެކޮޅަށް އުފައްދާ ފިތުނަތައް ނެތިގޮސް މާތްﷲގެ ކަލިމަފުޅު މަތިވެރިވުމެވެ. އިމާމުވިދާޅުވާގޮތުގައި ދީން ޤާއިމްކުރެވޭނީ މަގުދައްކައިދޭ ފޮތާއި (ކީރިތި ޤުރްއާނާއި) ނަޞުރުދޭކަނޑީގެ ވަސީލަތުންނެވެ. ކައުސާހިބާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ދީނީ ދަޢުވަތު އެމީހަކާ ހަމަޔަށްފޯރައިފައިވާ އެކަމަކު ދީނަށް އިޖާބަނުދޭ ކޮންމެ މީހަކާ ދެކޮޅަށް ޖިހާދުކުރުމަށް އިބްނު ތައިމިއްޔާ ފަތުވާދެއްވައެވެ. ކީރިތި ޤުރްއާނުގެ ލަފުޒީމަފްހޫމުގައިވާފަދައިން ފިތުނަވެރިކަން ނެތިގެންގޮސް ދީން ﷲ އަށް ޚާލިޞްވެއްޖައުމަށްދާންދެން ޖިހާދު ދެމެހެއްޓުމަށް އިމާމު އަމުރުކުރައްވައެވެ.
      
 އިމާމު އިބްނު ތައިމިއްޔާ ދެކެވަޑައިގަންނަވާ ގޮތުގައި މާތްﷲގެ ކަލިމަފުޅު މަތިވެރިކުރުމަށް ހުރަސްއަޅާކޮންމެ މީހަކާދެކޮޅަށް ޖިހާދުކުރުމަކީ ފަރުޟެކެވެ. ނަމަވެސް ހަނގުރާމައިގައި ބައިވެރިނުވާމީހުން ޤަތުލުނުކުރުމަށް އިމާމު އަންގަވައެވެ. މިސާލެއްގެގޮތުން އަންހެނުންނާއި، ކުޑަކުދިންނާއި، މުސްކުޅިންނާއި، ރާހިބުންނާއި، އެކިއެކި އާފަތްތައް ކުރިމަތިވެފައިވާ މީހުން ޤަތުލުނުކުރުމަށް އިމާމު އިރުޝާދުދެއްވައެވެ. ނަމަވެސް އެފަދަމީހަކު ބަހުން ނުވަތަ ޢަމަލުން މުސްލިމުންނާ ހަނގުރާމަކޮށްފިނަމަ އެމީހަކު ޤަތުލުކުރުމުގެ ހުއްދަދެއްވައެވެ. އިމާމު އިބްނު ތައިމިއްޔާ އިތުރަށް އޮޅުންފިލުއްވައިދެއްވާ ގޮތުގައި ޖިހާދުކުރުން ވާޖިބުވާނީ އިސްލާމީ ދައުލަތަށް ޖިހާދުކުރުމުގެ ފުރިހަމަ އާރާއިބާރު ލިބުމުންނެވެ.
       
ދީނުގެ ފަރުޟުތައް ދޫކޮށްލައިފައި ތިބޭމީހުނާ ދެކޮޅަށްވެސް ޖިހާދުކުރުން ވާޖިބުކަމުގައި އިމާމު އިބްނު ތައިމިއްޔާ ފަތުވާދެއްވައެވެ. އެކަލޭގެފާނުގެ ވާހަކަފުޅުގެ ދަލީލެއްގެގޮތުން ދައްކަވައިފައިވަނީ ޒަކާތްދިނުން ހުއްޓާލިމީހުންނާދެކޮޅަށް އަމީރުލްމުއުމިނީން އަބޫބަކުރުއްޞިއްދީޤު ރަޟިޔަﷲ ޢަންހު ޖިހާދުކުރެއްވުމެވެ. ހަމައެފަދައިން ޚަވާރިޖުން ބަލިކޮށްލުމަށްވެސް އިމާމު ފަތުވާދެއްވައެވެ. ކައުސާހިބާގެ ޙަދީޘުފުޅެއް އަސްލަކަށް ބައްލަވައިގެންނެވެ. އިތުރުސާހިބާ ޙަދީޘު ކުރައްވައިފައިވެއެވެ. ދާދިއަވަހަށް ޤައުމެއްގެ މީހުން ފާޅުވާނެއެވެ. އެބައިމީހުންގެ ނަމާދާއަޅާބަލާއިރު ތިޔަބައިމީހުންގެ ނަމާދު، އެބައިމީހުންގެ ރޯދަޔާ އަޅައިބަލާއިރު ތިޔަބައިމީހުންގެ ރޯދަ މާނިކަމެތިކަމުގައި ތިޔަބައިމީހުންނަށް ފެންނާނެއެވެ. އެބައިމީހުން ޤުރްއާން ކިޔަވާނެއެވެ. އެކަމަކު އެމީހުން އެކިޔަވާ ކިޔެވުމުގެ އަސަރެއް އެމީހުންގެ ޙަލްޤާގެ ތިރިޔަކަށް ނުފޯރާނެއެވެ. ތީރު ދުނިދަނޑިޔާ ދުރަށްދާފަދައިން އެބައިމީހުން ދީނާ ދުރަށްދާނެއެވެ. އިމާމު އިބްނު ތައިމިއްޔާ ފިސާރި ސާބިތުކަމާއެކު ވިދާޅުވާގޮތުގައި މިޙަދީޘުފުޅުގައި އެވަނީ ޚަވާރިޖުންގެވާހަކައެވެ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ