އަދުގެ ޚާއްސަ

Print

މި ކުއްޖާ ފިރިހެން ކުއްޖަކަށް ވާނީ ކޮން އިރަކުތޯ؟

ޝާޢިއުކުރީ ޙުސައިން ޞަލާޙުއްދީން . ހިމެނޭބަޔަކީ ސަމާސާ އަދަބު


ފަޟީލަތުއްޝައިޚުލްމަރުޙޫމު ޙުސައިން ޞަލާޙުއްދީން

އެތަން މިތާނގައި މީހުންނަށް ނަކަތްތެރިކަން ކޮށްދީ ރާހިބަލައި އުޅޭ ނުޖޫމީންގެ މީހަކު އެއްދުވަހަކު، ގޮސް ޢަރަބީންގެ ކުޑަވަރެއްގެ ރަށަކަށް ފައިބާއްޖެ އެވެ. ދެން އެރަށުގައި ހިނގަމުން ގޮސް، ރަނގަޅުހެން ހީވާ ގެޔަކަށްވަދެ، ތިމަންނާއީ ބީރައްޓެއްސަކީމޭ ބުނެފި އެވެ. މީގޭގެ ވެރިމީހާ، ވަންނާށޭ ބުނެ ވައްދާފައި، މީނާއަށް މެހުމާނުގިރީ ކުޅައުމައިގެން އުޅެގެންފި އެވެ.

ޢަރަބީންނަކީ، ބީރައްޓެހިންނަށް ހެޔޮކަށް ހިތުމާއި، މެހުމާނުގިރީ ކުޅައުމުގައި، މަޝްހޫރުބައެކެވެ. މިގޭގެ މީހުން މިކަލޭގެއަށް، ވަރަށް ކަމޭހިތައި، ޖާފަތް ތައްޔާރުކޮށްފި އެވެ.

މި ކަލޭގެ މިތާކު އޮތް ކުއްޖަކު، ދެކެގެން ބުނެފިޔޭ މި އޮތީ ގޭގެ ވެރިޔާގެ ކުއްޖެއްތާ އެވެ! ގޭގެވެރިޔާ އާނއެކޭ ބުނުމުން، މި ކޮއިގެ ރާހި ބަލައިލާންވާނޭތާޔޭ. ކިޔައި ދަވާދަކާއި ގަލަމަކާއި، ކަރުދާހަކާއި، ހޯދައިގެން މީނާގެ މަސައްކަތް ފަށައިފި އެވެ. ވަރަށް ދިގު ހިސާބެއްކޮށް، ކަނޑައި އެއްކޮށް، ގުނަކޮށް ގެއްލައި، ސުންތައް ޖަހައި އިނގިލި ބިންދައި ރާހިތަކާއި ނަކަތްތައް، ގުނައި، ހުކުރު ހަތްދުވަސް ރާވައި ހަނދުހުރި ނަކަތާއި، ބުރުޖުބަލައި މަޑުމަޑުން މިތަކެތި ކިޔައި، ގިނި، ވެލި، ވައި، ފެން ކިޔަވައި އުޅެއުޅެފައި މާނޭވަޔެއްލައިފައި ހީނލައި މޫނު ފޮހެ ހަދައިފައި ބުނެފިޔޭ. އަސްތާ ރަޙްމަތްތެރިޔާޔޭ. މި ކުއްޖާގެ ނަކަތާއި ރާހި ވަރަށް މޮޅެވެ. މިނާއަކީ ވަރަށް މަތިވެރި ދަރަޖައިގެ ވެރިޔެއްކަމުގައި ވާނެޔޭ. ހިތްވަރު ގަދަ ކަމުން، އެތައް ލަޝްކަރެއްގެ ވެރިކަން ހިނގާނެޔޭ. މީނާގެ އަތް މައްޗަށް، ކިތަންމެ ރަށެއް ފަތަޙަ ވާނެޔޭ. އެތަންތާނގެ ރަސްދަރިކަނބަލުންނާއި އިނދެ، އުފާކުރާނެ އެވެ. އުފާކުރާށެވެ!

ގޭގެ ވެރިމީހާ ބުންޏެވެ. އުފާކޮށްފީމެވެ. ކަލޭގެއަށް އަހަރެމެން ވަރަށް ޝުކުރު ކުރަމު އެވެ. އެކަމަކު މިކުއްޖާ ފިރިހެން ކުއްޖަކަށް ވާނީ،  އުމުރުން ކިހައިތާކުތޯ ބަލައި ބަލާށެވެ! މިމީހާ ވަރަށް ލަދުގަނެގެން ނުކުމެގެން ހިނގާއްޖެ އެވެ.

ފަންވަތުގެ ޚާއްޞަ ނޯޓު:

ކިޔުންތެރީންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. މި ލިޔުމުގެ މަތީގައިވާ މައުޟޫޢަކީ، ލިޔުންތެރިޔާ މި ލިޔުމަށް ދެއްވާފައިވާ މައުޟޫޢެއް ނޫނެވެ. ލިޔުންތެރިޔާ މި ލިޔުމަށް ދެއްވާފައިވާ މައުޟޫޢަކީ، ''ނަކަތްތެރީންނަކަށް، ދިމާޔަށް ފެންނާން އޮންނަ ކުޑަކުއްޖާގެ އަންހެން ފިރިހެން ވަކިކުރާކަށް ނޭނގެޔޭ އެކަމަކު، އެކަމަކު އެކުއްޖާޔަށް، ފަހުން ވާނޭހައި ގޮތްތައް ދަނެތޯލަޔޭ'' މި އެވެ.

މި ޢިބާރާތް ފަންވަތުގެ މައުޟޫޢު ލިޔަން ކަނޑައެޅިފައި އޮންނަ ޖާގަޔަށް ނުފެތުނީތީ، މި ބަދަލު ގެންނަން ޖެހުނީ އެވެ.
މާތްﷲ ލިޔުންތެރިޔާއަށް ހެޔޮ ދަރުމަ ދެއްވާށި އެވެ!

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ