އަދުގެ ޚާއްސަ

Print

ދީނުގައި ޙައްދު ފަހަނައަޅާ ދިޔުން (ދެވަނަ ބައި)

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ފިޤުހު


އިބްރާހީމް އަޙްމަދު
ދީނުގައި ޙައްދުފަހަނައަޅާ ދިއުމުގެ މަޘްހަރުތައް:

ދީނުގައި ޙައްދުފަހަނައަޅާ ދިއުމުގެ މަޡްހަރުތަކެއް ތަޢާރަފުވެފައިވާ ކަމަށް ޢިލްމުވެރިން ވަނީ ބަޔާން ކުރައްވާފައެވެ.  މިގޮތުން ފާހަގަކުރެވޭ ކަންތައްތަކަކީ؛

ތަފާތު ރައުޔުތަކުގައި ތަޢައްޞަބުވުން :

އިޖްތިހާދީ ކަންތައްތަކާއި އިޙްތިމާލު ކަންކަމުގައި އަނެކާގެ ރައުޔަށް އިޢުތިރާފު ވުމެއް ނެތި ތިމާގެ ރައުޔުގައި ހިފެހެއްޓުން  އަދި ހަމަ އެފަދައިން ވަރަށް ގިނަފަހަރަށް އިޖްތިހާދީ ކަންކަމަކީ ޔަޤީން ކަންކަމަށް ބަދަލުކޮށް އޭގައި ކަނޑައެޅިފައިވާ ވަކި ގޮތްތަކެއް ވާކަމަށް ބުނުން، އަދި އެކަމުގައި އެތައް ޚިޔާލެއް ނެތްކަމާއި އެންމެ ޚިޔާލެއް އޮތްކަމާއި އެޚިޔާލަކީ އެގޮތަކީ އޭނާ ތާއީދުކުރާ އޭނާގެ ގޮތްކަމަށް ބުނުމެވެ.

މިފަދަ ފަރާތްތަކުން އެހެންމީހުންގެ ރައުޔަށް ނުވަތަ ހެއްކަކަށް ދަލީލަކަށް ފުރުޞަތެއް ނުދޭނެއެވެ. އަދި ހަމަ އެފަދައިން އެހެންމީހުންގެ ވާހަކަތަކާ އޭނާގެ ވާހަކަތަކާ އަޅާކިޔުމެއްވެސް ނުގެންގުޅޭނެއެވެ. އެންމެ ޢަޖާއިބު ކަމަކީ މިފަދަ މީހުން އިޖްތިހާދު ކުރުމުގެ ޤާބިލުކަން ލިބިފައިނުވާ މިފަދަ މީހުން މައްސަލަތަކުގެ އެންމެ ފުންމިނަށްވަދެ ބޮޑެތި މައްސަލަތަކުގައި ފަތުވާދީ ހަދަމުންދާ ކަމެވެ. އަދި އޭނާ އެ އިޖްތިހާދު ކުރާފަދައިން ތަޚައްޞުޞުވެފައިވާ ޢިލްމުވެރި މުޖުތަހިދުންނަށް އިޖްތިހާދު ކުރެވިދާނެކަމަށް ޤަބޫލު ނުކުރުމެވެ. އޭނާ ބުނަމުންދާ ކަހަލައެވެ.

 " ވާހަކަދައްކާ އުޅުމަކީ ތިމާއަށް ލިބިފައިވާ ޙައްޤެކެވެ. އެބަސްތަކަށް ތަބާވުން އެހެން މީހުންގެ މައްޗަށް ވާޖިބެވެ. ތިމަންގެ ރައުޔަކީ ފުރިހަމަ އެއްޗެކެވެ. އޭގައި އެއްވެސް ކުށެއް ނުވަތަ އުނިކަމެއް ނުވެއެވެ. ކަލޭގެ ރައުޔު ގޯހެވެ. މިކަމުގައި އޮތް އެންމެ ބޮޑު ނުރައްކަލަކީ ހަރުކަށިކަމާއި ލަޓިބުރީގެ ބާރުގައި ތިމާގެ ރައުޔު އަނެކާގެ މައްޗަށް ވެރިކުރުވުމަށް ކުރާ މަސައްކަތެވެ."

ﷲ އިންސާނާގެ މައްޗަށް ލާޒިމު ނުކުރާ ކަންތައްތަކެއް މީސްތަކުންގެ މައްޗަށް ލާޒިމު ކުރުވުން: އިސްލާމްދީނުގައި ހައްދު ފަހަނައަޅާ ދިއުމުގެ  ތެރޭގައި ކަންކަމުގައި ލުއިފަސޭހަގޮތް ވަނިކޮށް އެކަންކަމުގައި ހިމެނޭ އުދަގޫ ބުރަގޮތްތައް ތިމާގެ ނަފްސުގެ މައްޗަށް ލާޒިމުކުރުން ހިމެނެއެވެ.ދަތި ޙާލުގެ ވަގުތުގައި ފަސޭހަ ގޮތަށް ދިއުމަށް އެއްވެސް މުސްލިމަކަށް ނުރުހުމެއް ވުމެއް ނުވެއެވެ. އަދި ކަމެއްގައި ﷲ ދެއްވާފައިވާ ހުއްދަ ދޫކޮށެއްވެސް ނުލެވޭނެއެވެ.  އެވަގުތުގައި ދަތިޙާލުން ސަލާމަތްވުމަށް ﷲ ދެއްވާފައިވާ ލުއިފަސޭހަކަމުގެ ހުއްދަ ބޭނުން ކުރަން ޖެހެއެވެ. މިކަމަށް އިޝާރާތް ކުރައްވާ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރެއްވި ބަސްފުޅެއްގައި ވެއެވެ.(يَسِّرُوْا وَلاَ تُعَسِّرُوْا وَبَشِّرُوْا وَلاَ تُنَفَِّرُوْا) رواه البخاري މާނައަކީ:" ތިޔަބައިމީހުން މީސްތަކުންނަށް ލުއިފަސޭހަކޮށް ދޭށެވެ. އަދި ދީނުގެ ކަންކަން އުދަނގޫ ނުކުރައްވާށެވެ. އަދި ދީނުގެ ކަންކަމުގެ އުފާވެރިކަމުގެ ޚަބަރު ދޭށެވެ!  އެކަމުގައި މީސްތަކުން ފިތުނަވެރިކޮށް ބައިބައި ނުކުރުވާށެވެ!"

އަދިވެސް އެހެން ބަސްފުޅެއްގައި ވެއެވެ. ( إِنَّ اللهَ يُحِبُّ أن تؤتى رخصه كَمَا يكرهُ أن تؤتي معصيته ) ) رواه أحمد  މާނައަކީ: ހަމަކަށަވަރުން ﷲ ސުބުޙާނަހޫ ވަތަޢާލާ ލޯބިވެ ވޮޑިގެންވަނީ  އެކަލާނގެ ދެއްވި ހުއްދަތަކުގެ ބޭނުން ކުރެއްވުމަށެވެ. އެއީ އެކަލާނގެއަށް އުރެދެވޭ ކަންތައްތަކަށް އަރައިގަތުމަށް އެކަލާނގެ ރުހިވޮޑިގެން ނުވާފަދައިންނެވެ." މިކަމަށް އިޝާރާތް ކުރައްވާ ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ. (يُرِيْدُ اللهُ بِكُمُ الْيُسْرَ وَلاَ يُرِيْدُ بِكُمُ الْعُسْرَ) (البقرة 185) މާނައަކީ : ﷲ ތަޢާލާ ތިޔަބައިމީހުންނަށް ލުއިފަސޭހަގޮތްތަށް އިރާދަކުރައްވައެވެ. ދަތިއުދަނގޫ ގޮތް ތިޔަބައިމީހުންނަށް  މެދުވެރި ކުރައްވާކަށް އިރާދައެއް ނުކުރައްވައެވެ." ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޢަމަލު ފުޅުތަކުގައި މިކަންކަން މިގޮތުގައި އަޅުގަނޑުމެންނަށް ވަނީ ދައްކަވާފައެވެ. އެކަލޭގެފާނުގެ ޢަމަލުތަކާމެދު ޢާއިޝާ ރަޟިޔަﷲ ޢަންހާގެ އަރިހުން ރިވާވެފައި ވެއެވެ." عن عائشة رضي الله عنها قالت: (مَا خُيِّرَ رَسُوْلُاللهِ صَلىَّ اللهُ عَلَيْهِ وَسَلَّم بَيْنَ أَمْرَيْنِ  إلاَّ اخْتَاَرَ أَيْسَرهُمَا مَا لَمْ يَكُنْ إِثْمًا ) رواه البخاري  މާނައަކީ : ޢާއިޝަތުގެފާނުގެ އަރިހުން ރިވާވެފައިވެއެވެ. އެކަމަނާ ވިދާޅުވިއެވެ. ކިރިތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމައަށް ދެކަމުން ކަމެއް އިޚްތިޔާރު ކުރެއްވުމަށް ފުރުޞަތު ލިބިވަޑައިގެންފިނަމަ އެދެކަމުން ލުއިފަސޭހަކަމެއް އެކަމަކީ ފާފައެއް ކަމަށްނުވާނަމަ އިޚްތިޔާރު ކުރައްވައެވެ."

އެއްވެސް މުސްލިމަކަށް  މީސްތަކުންގެ މައްޗަށް އެއީ ދީނީ ކަމެއްކަމުގައި ވިޔަސް ނުވަތަ ދުނިޔެވީ ކަމެއްކަމުގައި ވިޔަސް އެކަންކަމުގައި ދަތި އުދަގޫ ގޮތްތައް ލާޒިމުކުރުން ހުއްދަވެގެންނެއް ނުވެއެވެ. ފަހެ ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ( وَيُحِلُّ لَهُمُ الطَّيِّبَاتِ وَيُحَرِّمُ عَلَيْهِمُ الْخَبَائِثَ  وَيَضَعُ عَنْهُمْ إِصْرَهُمْ وَالْأَغْلَالَ الَّتِيْ كَانَتْ عَلَيْهِمْ) ( الأعراف 157) މާނައަކީ: "އަދި ފައިދާހުރި ރަގަޅުތަކެތި އެބައިމީހުންނަށް ހުއްދަ ކުރައްވައެވެ. އަދި ނުބައިވެގެންވާ ތަކެތި އެބައިމީހުންނަށް ހަރާމް ކުރެއްވިއެވެ. އަދި އެބައިމީހުންގެ ކިބައިގައިވާ ބުރަތަކާއި ކަސްތޮޅުތައް ނެތިކުރައްވައި ލުއިކުރައްވައެވެ."  ފަހެ ހަމަކަށަވަރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނު އެކަހެރި ޙާލުކޮޅުގައި ނަމާދު ކުރައްވާނަމަ ނަމާދު ދިގުކުރައްވައެވެ. އެކަމަކު އެކަލޭގެފާނު މީސްތަކުންނާއިގެން ނަމާދު ކުރައްވާނަމަ ނަމާދު ލުއިކުރައްވައިގެން އަވަސްކުރައްވައިގެން ކުރައްވައެވެ. އެކަލޭގެފާނު ޙަދީޘް ކުރައްވާފައި ވެއެވެ.  (إذا صَلَّي أَحَدكُمْ لِنَفْسِهِ فَلْيُطَوِّلَ مَا شَاء ) رواه البخاري މާނައަކީ: ތިޔަބައިމީހުންކުރެ މީހަކު އަމިއްލައަށް އެކަހެރިކޮށް ނަމާދުކުރާނަމަ އެމީހަކު ބޭނުން މިންވަރަކަށް ނަމާދު ދިގު ކުރާހުށިކަމެވެ.   އަދިވެސް ސަލާމާއި ޞަލަވާތްލެއްވި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބަސްފުޅުގައި ވާކަމަށް އިބްނު މަސްޢޫދު ރިވާކުރައްވާފައި ވެއެވެ. عن ابن مسعود الأنصاري قال : قال رجل يارسو ل الله : إني لَأَتَاَخَّرُ عن الصلاة فى الفجر مما يطيل بنا فلان فيها ، فغضب رسول الله صلى الله عليه وسلم ، ما رأيته في موضع كان أشد غضبا منه يو مئذ ثم قال يا أيها الناس إن منكم منفرين، فأيكم ما صلى با لناس فليتجوز  فإن فيهم المريض والكبير والضعيف وذا الحاجة) رواه البخاري މާނައަކީ: "އިބްނު މަސްޢޫދުލްއަންޞާރީއޭ ކިޔޭ ބޭކަލު ރިވާކުރެއްވިއެވެ. މީހަކު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ. ތިމަން ފަތިސްނަމާދަށް ދިއުމަށް ފަސްޖެހިފައި ހުރެމެވެ. އެއީ މިވެނި މީހަކު އެނަމާދު ކުރުމުގައި ދިގުކޮށް ނަމާދު ކުރާތީއެވެ. މިހިނދުގައި ދުވަހަކުވެސް  ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކޯފާވެ ވަޑައިނުގަންނަވާ ދަރަޖައަށް ކޯފާއިސްކުރައްވާ ވިދާޅުވިއެވެ. އޭމީސްތަކުންނޭވެ. ތިޔަބައިމީހުންގެ ތެރޭގައި މީސްތަކުން ބައިބައިކުރާ ބަޔަކުވެއެވެ. ފަހެ ތިޔަބައިމީހުންކުރެ މީހަކު މީސްތަކުންނާއިގެން އިމާމުވެ ނަމާދު ކުރާނަމަ އެކަމުގައި ހުއްދަ ގޮތް ލުއިގޮތް ބޭނުންކުރާށެވެ. ފަހެ ތިޔަބައިމީހުންގެ ތެރޭގައި ބަލިމީހުންނާއި ޢުމުރުން ދުވަސްވެފައިވެފައިވާ  މީހުންނާއި  ނިކަމެތީންނާއި ކަންކަމުގެ މުހުތާދުވެފައިވާ ބޭނުން ޖެހިފައިވާ މީހުން ތިބޭނެއެވެ."  އަދި ހަމަ އެފަދައިން މުޢާޛު ބުނު ޖަބަލު އެކަލޭގެފާނުގެ ޤައުމުގެ މީހުންނާއިގެން ނަމާދު ދިގު ކުރައްވާތީ ވެސް ރަސޫލާ އެކަލޭގެފާނަށް މިކަމާމެދު ވިދާޅުވިއެވެ. ( أَفَتَّانُ أنتَ يَا مُعَاذ؟ )) و كررها ثلاثاً ) رواه البخاري މާނައަކީ " އޭ މުޢާޛެވެ! ކަލޭގެފާނު މީސްތަކުން ފިތުނަވެރި ކުރައްވަނީތޯއެވެ؟ މިގޮތަށް ތިންފަހަރު ތަކުރާރު ކުރެއްވިއެވެ. "
 
އަދިވެސް އަނަސްގެފާނުގެ އަރިހުން ރިވާވެފައި ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (إِنِّيْ لَأَدْخُل فِى الصَّلاَةِ وَ أَنَا أُرِيْدُ إِطَا لَتَهَا فَأَسْمَع بُكَاء الصَّبِيّ فَأَتَجَوَّز في صلا تي مما أعلم من شدةوجد أمه من بكا ئه ) رواه البخاري މާނައަކީ: " ހަމަކަށަވަރުން ތިމަންކަލޭގެފާނު ނަމާދު ކުރައްވަން ފައްޓަވަނީ ނަމާދު ދިގުކުރައްވަން ބޭނުންފުޅުވެ ހުންނަވައެވެ. ފަހެ ތިމަންކަލޭގެފާނު ނަމާދަށް ހުންނަވަނިކޮށް ކުޑަކުއްޖަކު ރޯއަޑު އިވިއްޖެނަމަ ތިމަންކަލޭގެފާނުގެ ނަމާދު ކުރުކުރައްވަމެވެ. އެއީ އެކުއްޖާގެ ރުއިމުން އެކުއްޖާގެ މަންމައަށް ލިބޭނެ އުދަގުލާ ހިތްދަތިކަން ތިމަންކަލޭގެފާނަށް ވިސްނިވަޑައިގަންނަވާތީއެވެ. "

މީސްތަކުންގެ މައްޗަށް ދީނުގެ ކަންކަމުގައި ހަރުކަށިވުމުގައި ގަދަވެގެންވާ ސުންނަތާއި ސުންނަތުގައި  ހިމެނޭ ކަންކަން ފަރުޟު ކަންކަމުގައި ދެކުން ހިމެނެއެވެ. އަދި މަކްރޫހަކަންތައް ޙަރާމް ކަންކަމަށް ހެދުން ހިމެނެއެވެ. މިކަމުގައި އެންމެ ހެއު ރަގަޅު ގޮތަކީ ﷲ މީސްތަކުންގެ މައްޗަށް ވާޖިބު ކުރެއްވި ކަމަކަށް މެނުވީ ވާޖިބު ކަމެކޭ ނުބުނުމެވެ.ވާޖިބު ކަންކަން ފިޔަވައި އެހެނިހެން ކަންކަމުގައި އެއިންސާނާއަށް މާތްﷲ ދެއްވެވި މަތިވެރި އިޚްތިޔާރުގެ ދަށުން އެބައިމީހުން ބޭނުންނަމަ އެކަން ކުރާނީއެވެ. ނުވަތަ ބޭނުންނަމަ ނުކޮށް ދޫކުރާނީއެވެ. މިކަމާއިމެދު ޠަލްޙާ ބިން ޢުބައިދިﷲ ގެ އަރިހުން ވާރިދުވެފައިވާ އެ އަޢުރާބީގެ ވާހަކަ ބަޔާން ކުރާ ޙަދީޘް ވެއެވެ. އެއަޢުރާބީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި އެކަލޭގެފާނުގެ އުއްމަތުގެ މައްޗަށް ފަރުޟު ކުރެއްވި ކަންތަކާއިމެދުގައި ވާހަކަދެކެވުނު ހިދު އެއަ ޢުރާބީއަށް ޙަދީޘް ކުރެއްވި ބަސްފުޅުގައިވަނީ ފަރުޟު ފަސްނަމާދު ކުރުމާއި ޒަކާތް ދިނުމާއި ރަމަޟާން މަހު ރޯދަހިފުމާއި  މިކަންކަމެވެ. އެހިދު އެއަޢުރާބީ ދެންނެވިއެވެ. މިނޫންކަމެއް ވޭތޯއެވެ؟ ރަސޫލާ ހަދީޘް ކުރެއްވިއެވެ. ނޫނެކެވެ،. އެމީހަކު ތަޠައްވުޢުގެ ގޮތުން ކުރުމަށް މެނުވީއެވެ. ދެން އެމީހާ އެތަނުން ފުރަގަސްދީ ދާންވީ ހިނދު ﷲ ގަންދެއްވާ ހުވާވިދާޅުވެފައި ވިދާޅުވިއެވެ. މިޔަށްވުރެ އިތުރުކުރުމެއް ( ފަރުޟަށްވުރެ ) ނުގެންގުޅުއްވާހުށީމެވެ. އަދި ފަރުޟު އެއްވެސް ކަމެއް ދޫނުކުރައްވާ ހުށީމެވެ. ފަހެ މިހިނދު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ( أَفْلَحَ إِنْ صَدَق ، أَوْ دَخَلَ الْجَنَّةَ  إِنْ صَدَق) رواه البخاري  މާނައަކީ : "އެބަހާ އެއްގޮތަށް ޢަމަލު ކުރައްވައިފިނަމަ  ކާމިޔާބު ލިބިއްޖެއެވެ. ނުވަތަ އެބަސް ތެދުކަމުގައި ވާނަމަ ސުވަރުގެ ޙާޞިލު ކުރައްވައިފިއެވެ." (ނުނިމޭ)

އިދާރާ

ވާހަކަ