އަދުގެ ޚާއްސަ

Print

ތިކިޖެހި ތާނަ ބޭނުން ނުކުރުމާމެދު އަޅުގަނޑު ދެކޭގޮތް

ޝާޢިއުކުރީ ޢަބްދުﷲ ނަޢީމު އިބްރާހީމް . ހިމެނޭބަޔަކީ މާދަރީބަސް


ޢަބްދުﷲ ނަޢީމު އިބްރާހީމް

އަޅުގަނޑު ލިޔުނު ވެބްސައިޓް ތަކަށް ޚަބަރު ލިޔުމާ ބެހޭ މަޒްމޫނަށް ބޭފުޅަކު ފޮނުއްވި ޚިޔާލެއްގައި އަޅުގަނޑާ ސުވާލެއް ކުރައްވާފައި އޮތެވެ. އެއީ ތިކި ތާނަ ބޭނުން ނުކުރުމާ ބެހޭގޮތުން އަޅުގަނޑު ދެކޭ ގޮތަކީ ކޮބައިތޯއެވެ؟ މި ސުވާލުގެ އެންމެ ކުރު ޖަވާބަކީ އެއީ ދިވެހި ބަހުގެ ޤަވާޢިދާ ޚިލާފުވުން ކަމަށް އަޅުގަނޑު ދެކެމޭ ދެންނެވުމެވެ.

ތިކިޖެހި ތާނައިގެ ބޭނުން ނުކުރަން ބައެއް މީހުން ދައްކާ ވާހަކަ އަޅުގަނޑު އަހަމެވެ. އޭގެ ތެރެއިން އެންމެ ޢާއްމު ވާހަކައަކީ ތިކި ޖަހައިގެން ލިޔުނު ކަމުގައި ވިޔަސް އެ މަޚްރަޖުން، އެބަހެއް ނުކިޔާ ވާހަކައެވެ. މިސާލަކަށް ބަޠަލު މިހެން އަޅުގަނޑުމެން ލިޔުނަސް، ކިޔާމީހުން "ޠ" ކިޔަނީ "ތ" އަކަށެވެ. އެހެންވީމާ ބަޠަލު ބަދަލުވެގެން ދަނީ ބަތަލަށެވެ.

މިއީ އަޅުގަނޑު ދެކޮޅުހަދާ ވާހަކައެއް ނޫނެވެ. އެހެންނަމަވެސް މިއީ ތިކިޖެހި ތާނަ ބޭނުން ނުކުރަން ދެއްކޭނެ ބަހަނާއެއް ކަމަކަށް އަޅުގަނޑަކަށް ޤަބޫލެއް ނުކުރެވެއެވެ. އަޅުގަނޑަށް އެނގިފައިވާ މަޢުލޫމާތު ކުށްކަމުގައި ނުވަނީ ނަމަ، ދުނިޔޭގެ ގިނަ ބަސްބަހުގައި ލިޔާ ގޮތާއި، ކިޔާ ގޮތާ މުޅިން އެއްގޮތް ނޫން ވަރަށް ގިނަ ބަސްބަސް ހުރެއެވެ. (މި ވެބްސައިޓްގައި ބަހާ ބެހޭގޮތުން ޑޮކްޓަރ ޙަސަން ޙަމީދު ލިޔުއްވާފައިވާ މަޒްމޫނު ވިދާޅުވެލެއްވިޔަސް މިއީ ތެދެއްކަން އެނގިވަޑައިގަންނަވާނެއެވެ.) މިސާލަކަށް މިޞްރުގައި ޢަރަބިބަހުގެ ޖީމު ކިޔަނީ ގާފެއްގެ ގޮތުގައެވެ. ޖަމާލް ޢަބްދުއްނާޞިރަކީ ގަމާލް ޢަބްދުއްނާޞިރެވެ. ޖާމިޢާ އަކީ ގާމިޢާ އެވެ. ހިންދީ ބަހުގައި ޤާފު ކިޔަނީ ކާފެއްގެ ގޮތުގައެވެ. މިސާލަކަށް ޤާތިލް ލިޔެފައި އޮތަސް ކިޔަނީ ކާތިލް މިހެންނެވެ. ހަމައެކަނި މިއެއް ނޫނެވެ. ޙައިދަރްއާބާދުގައި ކިޔަނީ ޚާތިލް މިހެންނެވެ. އިނގިރޭސި ބަހުގައިވެސް ލިޔާ ގޮތާއި ކިޔާގޮތާ ތަފާތު އެތައް ބަހެއް ހިމެނެއެވެ. އެއް މިސާލަކީ ވަޅިއަށް ކިޔާ ނަމެވެ. އާދެ، ނައިފް ފެށެނީ ކޭ އަކުރަކުންނެވެ. ނިއުމޯނިއާ ފެށެނީ ޕީ އަކުރަކުންނެވެ.

މިޞްރު މީހުން ޖަމާލަށް ގަމާލް ކިޔާތީ ޖީމު ޤާފަކަށް ބަދަލުކޮށްގެންނެއް ނުލިޔެއެވެ. ޙައިދަރްއާބާދު މީހުން ޚާތިލް ކިޔާތީ ޤާތިލް ލިޔާއިރު ޚާއެއް ނުޖަހައެވެ. އިނގިރޭސިން ކޭ އަކުރު ފާޅުނުވާތީ ނައިފް ލިޔާއިރު ކޭ އަކުރު އުނިކޮށްގެންނެއް ނުލިޔެއެވެ.

އަޅުގަނޑުގެ ވަރަށް ގާތް ޖަރުމަނުވިލާތުގެ މީހަކު އުޅެއެވެ. އޭނާގެ ނަމަކީ Doris Bürger އެވެ. މި ނަމުގައި އެއޮތް ބަހުބައި އަޅުގަނޑުމެންވެސް އަދި އޭނާވެސް ކިޔަނީ ބަރގަރ މިހެންނެވެ. އެކަމަކު ޑޮރިސް އަޅުގަނޑު ގާތު ބުނިގޮތުގައި އެއީ ރަނގަޅު ގޮތެއް ނޫނެވެ. ޖަރުމަނު މީހުންނަށްވެސް އެ އަކުރު ރަނގަޅު މަޚްރަޖުން ކިޔަން ވަރަށް އުނދަގުލެވެ. މަތީގައި ދެނުކުތާ ޖަހާފައި އެއޮތް ޔޫ އަކުރުގެ މާނައަކީ ޔޫ އަކުރަކާއި އީ އަކުރަކާ ދެ އަކުރެވެ. އެހެންވީމާ އެނަން އޮންނާނީ Buerger މިހެންނެވެ. ކިޔާނީ ބުއެރްގަރ އާ ގާތްކުރާ ކަހަލަ ގޮތަކަށެވެ. އެކަމަކު މުޅިން އެގޮތަކަށް ނޫނެވެ. އާރްގެ އަޑު ނުކުންނަނީ ވަރަށް ތަފާތު ގޮތަކަށެވެ. އެ އަޑު ނުކުންނަ ގޮތް ލިޔާނެ ގޮތެއްވެސް އަޅުގަނޑަކަށް ނޭނގެއެވެ. ލިޔަން އުޅެފިއްޔާ ލިޔެވޭނީ ބޫޜްޜްގަރ މިކަހަލަ ގޮތަކަށެވެ.

އެކަމަކު ޖަރުމަނު މީހުން މިހާރުވެސް މަތީގައި ދެނުކުތާ ޖެހި ޔޫ އަކުރު ހަމަ އެގޮތަށް ބޭނުންކުރާ ކަމަށް ޑޮރިސް ބުންޏެވެ. އަދި އޭނާގެ ނަންވެސް ލިޔަނީ އެއަކުރު ބޭނުން ކޮށްގެންނެވެ. އެއަކުރު ބޭނުންކޮށްގެން ލިޔާ ބަސްބަސް ކިޔަން އުނދަގޫވާތީ އެއަކުރު ބޭނުންކުރުން ހުއްޓައެއް ނުލައެވެ.

ތިކިޖެހި ތާނައަކީ ތާނަ ލިޔުމުގައި ބޭނުންކުރަން ޖެހޭ ޢަރަބިބަސް ލިޔަން ހެދި އަކުރުތަކެކެވެ. މި އަކުރުތަކުގެ ސަބަބުން ތާނަލިޔުން ރީތިވެގެން ދިޔަ ކަމަށް އަޅުގަނޑު ޤަބޫލުކުރަމެވެ. ޢަރަބި އަކުރުގެ ބޭނުން ނުކޮށް ލިޔުނީމާ ދިވެހި ލިޔުމެކޭ ބުނަން ފަސޭހައެވެ. ޢަރަބި ކޮންމެ ލަފްޒެއް އެ މަޚްރަޖުން ނުކިޔުމަކީ އަދި މުޅިން އެހެން ކަމެކެވެ. ރާއްޖޭގައި ބަހުގެ ޢިލްމު ނުވަތަ ލިންގުއިސްޓިކްސް ކިޔަވައިވިދާޅުވެގެން ތިއްބެވި މަދު ބޭފުޅުންގެ ތެރޭގައި، ޢަދާލަތު ޕާޓީގެ ރައީސް އައްޝައިޚް ޙުސައިން ރަޝީދު އަޙްމަދު ހިމެނިވަޑައިގަނެއެވެ. އޭނާ އަޅުގަނޑު ގާތު ވިދާޅުވި ގޮތުގައި އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުން ޝ އަދި ށ ކިޔަނީ ކިޔަންވާ މަޚްރަޖަކުން ނޫނެވެ. މި ދެއަކުރަނީ ދެގޮތަކަށް އަޑު ނުކުންނަން ޖެހޭ ދެ އަކުރު ކަމަށް އޭނާ ވިދާޅުވިއެވެ. މިއީ ޙަޤީޤަތް ކަމަށް ބަލާފައި އެ ދެއަކުރު ބޭނުން ނުކޮށް ލޮިޔަން ފެށުމަކީ އަޅުގަނޑުމެން ކޮށްގެން ވާނެ ކަމެއްތޯއެވެ؟

ދިވެހިބަހުގައި ތިކި ޖެހި ތާނަ ބޭނުންކުރުމަކީ ލާޒިމު ކަމެއް ކަމަށް އަޅުގަނޑު ދެކެމެވެ. ރަސްމީކޮށް އެ އަކުރުތައް އުވާނުލަނީސް، އެ އަކުރުތަކުގެ ބޭނުން ކުރުން ހުއްޓާލުމަކީ އަޅުގަނޑު ތާއީދުކުރާ ކަމެއް ނޫނެވެ.

ނިންމާލުމުގެ ކުރިން އަދި އެއް ވާހަކަ ދަންނަވައިލާނަމެވެ. އަޅުގަނޑުގެ ނަމަކީ ޢަބްދުﷲ ނަޢީމު އިބްރާހީމެވެ. ލިޔުމުގައި އަޅުގަނޑު އެންމެ ދެރަވާ ކަންތައްތަކުގެ ތެރޭގައި އަޅުގަނޑުގެ ނަން ސީދާ ދިވެހި އަކުރުން ނުލިޔެވުން ހިމެނެއެވެ. އަޅުގަނޑު ބޭނުންވަނީ "ޢަބްދުﷲ" މި ނަންވެސް ސީދާ ދިވެހި އަކުރުން ލިޔާށެވެ. އެކަމަކު ދިވެހިބަހުގެ ޤަވާޢިދު ނުވަތަ ޢާއްމު އުސޫލު އަޅުގަނޑަކަށް އެކަމުގެ ހުއްދައެއް ނުދެއެވެ. ﷲ މި އިސްމުފުޅު ދިވެހި އަކުރުން ލިޔުމަކީ ކޮށްގެން ނުވާނެ ކަމެއް ކަމަށް މިހާރު އޮންނަނީ ކަނޑައެޅިފައެވެ. އެހެންވީމާ އަޅުގަނޑު ކިތަންމެ ދެރަވިޔަސް، ހިތާމައިން ރޮއިހޭރެން ޖެހުނަސް، އެ ކަލިމަފުޅު ދިވެހި އަކުރަކުން އަޅުގަނޑެއް ނުލިޔާނަމެވެ. އެކަމަކު ދިވެހި އަކުރުން އެކަލިމަ ލިޔެވޭނެ ގޮތް ހަދަން އަޅުގަނޑު މިހާރުވެސް ތާއީދުކުރަމެވެ.

މިއީ ތިކިޖެހި ތާނަ ބޭނުން ނުކުރުމާމެދު އަޅުގަނޑު ދެކޭ ގޮތުގެ ޚުލާޞާއެކެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ