އަދުގެ ޚާއްސަ

Print

ކްރިސްޓިޔަން ދީން ފަތުރާ މީހުންގެ މަކަރުވެރި ރޭވުން (01)

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ ޢަޤީދާ


ޢަބްދުﷲ ފާރޫޤު ޙަސަން

ޖޯންމޭރިޔަން (John Marion) އަކީ އެމެރިކާގެ ނޭވީ ފުލުހުންގެ މަތީދަރަޖައިގެ އޮފިސަރެއްގެ ދަރިޔެކެވެ.


1986 ގައި އޭނާއަކީ ކިޔަވާކުއްޖެކެވެ. އެއްދުވަހަކު ރެސްޓޯރެންޓެއްގައި އިންދައި އޭނާއަށް އިވުނީ ކައިރީގައި ހުރި މޭޒެއްގައި ތިބި އެމެރިކާގެ ދެޕްރޮފެސަރެއްގެ ވާހަކައިގެ އަޑެވެ.


" ދުނިޔޭގައި ވާ އެންމެ އުނދަގޫ ކަމަކީ މުސްލިމެއްގެ ވިސްނުން ބަދަލުކޮށްލުމެވެ." ޖޯން އޭނާ އިން މޭޒުން ތެދުވެއްޖެއެވެ. އޭނާ ޕްރޮފެސަރުންގެ ގާތަށް ގޮސް އެދެމީހުން ތިބި މޭޒުގައި އިށީނދެއްޖެއެވެ. ޕްރޮފެސަރުން އޭނާގާތު ބުންޏެވެ. " މުސްލިމުން ދުނިޔޭގެ ކޮންމެ ކަމަކަށްވެސް އެބަސްވެދާނެއެވެ. އެކަމަކު އެބައިމީހުންގެ ދީން ބަދަލުކުރާކަށެއް އެއްގޮތަކަށްވެސް އެއްބަހެއްނުވާނެއެވެ." ޕްރޮފެސަރުންގެ ވާހަކަ އާ މެދު ޖޯން ބެލީ ގޮންޖެހުމެއްކަމުގައެވެ. އެހެންކަމުން އޭނާ ޤަޞްދުކުރީ މުސްލިމުންގެ ވިސްނުން ބަދަލުކުރާށެވެ. އޭނާ އެހައިތަނުން ފެށިގެން އޭނާގެ ކިޔެވުން މެދުކަނޑައި ލިއެވެ. އޭނާ ކްރިސްޓިޔަންދީން ފަތުރާ މަޝްހޫރު ޖަމާޢަތެއް ކަމުގައިވާ ކްރިސްޓަރ (Christer) ގެ މެމްބަރަކަށް ވިއެވެ. އޭނާގެ ދިރިއުޅުން އެޖަމާޢަތަށް ވަގުފުކުރިއެވެ. ކްރިސްޓަރގެ މާހިރުން އޭނާއަށް ކްރިސްޓިޔަނިޓީ އުނގަންނައި ދިނެވެ. ހަމައެއާއެކު ޢިމާރާތްކުރުމުގެ  ދާއިރާއިން ވެސް އޭނާއަށް ކިޔަވައި ދިނެވެ.


ކްރިސްޓިޔަންދީނަށް ގޮވައިލުމަށް މަޒާރޭޝަރީފަށް

ޖޯންމޭރިޔަން ތިން އަހަރު ދުވަސް ވަންދެން މެދުކެނޑުމެއް ނެތި ތަމްރީނު ހޯދިއެވެ. އޭނާ ފުރިހަމަ މިޝަނަރީ އަކަށްވުމުން އޭނާ ފޮނުވުނީ އަފްޣާނިސްތާނުގެ މަޒާރޭ ޝަރީފަށެވެ. އޭނާ އެރަށަށް ދިޔައީ 1992 ގައެވެ. އޭނާ އަފްޣާނިސްތާނަށް ދިޔައީ ޢިމާރާތްކުރުމުގެ މާހިރެއްގެ ޙައިޘިއްޔަތުންނެވެ. އޭނާ މަގުތައް ހެދުމާއި ފާލަންތައް އެޅުމާއި، ބާއިމާރާތްތައް އާބާތުރަފިލުވުމުގެ މަސައްކަތް ފަށައިގަތެވެ. އޭނާއަށްވަނީ ރަނގަޅު އަޚްލާޤުގެ ޓްރޭނިންގ ދެވިފައެވެ. އެހެންކަމުން އޭނާ ވަރަށް އަވަހަށް އޭނާއާއެކު މަސައްކަތްކުރާ އަފްޣާން މަސައްކަތު މީހުންގެ ހިތްތައް އަތުލައިގަތެވެ. އޭނާގެ ރީތި އަޚްލާޤުގެ ބާރުގައެވެ. މާގިނަ ދުވަސްތަކެއްނުވެއެވެ. އޭނާއާއެކު މަސައްކަތްކުރާ އަފްޣާނީން އޭނާގެ ކުލައިން ކުލަޖެހޭން ފަށައިފިއެވެ. އެންމެފަހުން އޭގެތެރެއިން މަދުބަޔަކު ކްރިސްޓިޔަން ދީނަށް ވަދެއްޖެއެވެ. ޖޯންމޭރިޔަން އޭނާގެ މަސައްކަތުގެ ވީޑިޔޯ ތައްޔާރުކުރަމުން ގެންދިޔައެވެ. 1995 ގައި އޭނާ އެނބުރި ވޮޝިންގޓަނަށް ހިނގައްޖެއެވެ. އޭނާ ވޮޝިންގ ޓަނުގައި އެފިލްމުތައް ދައްކައިގެން ޗަންދާ އެއްކުރާން ފެށިއެވެ. އެކަށީގެންވާ ޢަދަދަކަށް ޗަންދާ ލިބުމުން އޭނާ ވިއެނާގައި އަފްޣާނިސްތާނަށް ޚާއްޞަކޮށްގެން މަރުކަޒެއް ހުޅުވިއެވެ. އެތާނގެ ނަމަކީ " ސެންޓަރ ފޮރ ޕީސް އެންޑް ހޯޕް" އެވެ. މިހާރު އޭނާގެ މަސައްކަތަކީ އޭނާ ކަހަލަ ޒުވާނުން ހޯދައިގެން އަފްޣާނީން ކްރިސްޓިޔަން ކުރުވުމަށްޓަކައި އެމީހުން ތަމްރީނު ކުރުމެވެ. އެބައިމީހުން ފާރިސީބަސް ދަސްކުރެއެވެ. އަފްޣާން ޘަޤާފަތާއި، އެތާނގެ ކާއެއްޗެތި ތައްޔާރުކުރާ ގޮތާއި، ހެދުން އަޅާގޮތް ދަސްކުރެއެވެ. އެއަށްފަހު އަފްޣާނިސްތާނަށް ގޮސް އަފްޣާނު މުސްލިމުން ކްރިސްޓިޔަން ކުރުމުގެ މަސައްކަތު ފށައިގެންނެވެ.

މިޝަނަރީ މީހުންގެ މަސައްކަތް ހުންނަގޮތް
        
ހަމައެކަނި ޖޯންމޭރިޔަނެއްނޫނެވެ. އެތަކެއްހާސް މިޝަނަރީ މީހުން އިސްލާމީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި މުސްލިމުން މަގުފުރައްދަން މަސައްކަތްކުރަމުން އެބަގެންދެއެވެ. އެމަސައްކަތުގައި އުޅޭ ޖަމާއަތްތަކުގެ ތެރެއިން ބައެއް ޖަމާޢަތްތަކުގެ މިސާލުނަގާމާ ހިންގަވާށެވެ. އެންމެ ފުރަތަމަ ޖަމާއަތަކީ  "ފްރަންޓިއަރ" އެވެ. ޑަކްޓަރ ގްރެޖް ލިވިންގ ސްޓޯން (Grej Living Ston) 1982 ގައި އުފެއްދި ޖަމާޢަތެކެވެ. އެޖަމާއަތުގެ އެތައްހާސް މިޝަނަރީންނެއް މިހާރުވެސް ލުބްނާނާއި، މިސުރާއި، ޤާޒިޤިސްތާނާއި، އިންޑިޔާގައި މަސައްކަތްކުރަމުން އެބަގެންދެއެވެ. ފްރަންޓިއަރގެ މިޝަނަރީން ޤައުމަކަށް ދިޔުމުގެކުރީން އެތަނެއްގެ ބަހާއި، ޘަޤާފަތާއި، އުޅުން ހުންނަ ގޮތް ދަސްކުރެއެވެ. އެއަށްފަހު އެތަނަކަށް ގޮސް އެތަނެއްގެ އަހްލުވެރީންނާ ގުޅި މަސްހުނިވެއެވެ. އެތަނެއްގެ ޤައުމީ މުނާސަބާތައް ފިޔަވައި ނަމާދު ރޯދަ އާއި، ޢީދުގައި ވެސް ބައިވެރިވެއެވެ. އެތަނެއްގެ އަހްލުވެރީން އެމީހުންނަށް އިތުބާރުކުރާން ފެށުމުން އެމީހުންގެ ޙަޤީޤީ މަޤްޞަދާއިގެން ކުރިޔަށްދާންފަށައެވެ. އެގޮތުން ކިޔައިދޭ ވާހަކަ ތަކުގެ ތެރޭގައި އެބައިމީހުންގެ ޚިޔާލީ މުސްލިމު ރަހްމަތްތެރީންނާއި، ޙަޤީޤީ ރަހްމަތްތެރީންގެ ވާހަކަތައް ހިމެނެއެވެ. އެމީހުންގެ މިވެނި ރަހްމަތްތެރިޔަކު އިސްލާމްދީން ދޫކޮށްލުމަށްފަހު ކްރިސްޓިޔަންދީނަށް ވަން ގޮތުގެ ވާހަކައެވެ. އެއާ ވިދިގެން އެމީހަކަށް ލިބުނު ފައިދާތަކާއި ކާމިޔާބީގެ ވާހަކަ ތަކެވެ. ނަތީޖާއެއްގެ ގޮތުން ޢަޤީދާ ބަލިކަށި ބައެއްމީހުން ދީން ބަދަލުކުރާން  އެއްބަސްވެއެވެ.
           
ފްރަންޓިޔަރ ގެ މިހާރުގެ ރައީސަކީ ((Robert Blinoce އެވެ. އޭނާއަކީ 92-1991 ގެ ގަލްފު ހަނގުރާމަ ނިމުމާވިދިގެން ޢިރާގަށް އެންމެ ފުރަތަމަ ފުއްމައިލި މީހާއެވެ. ފްރަންޓިއަރ އަކީ އިސްލާމީ ޤައުމު ތަކުގައި މަސައްކަތްކުރާ މިޝަނަރީ ޖަމާއަތްތަކުގެ ތެރެއިން އެންމެބޮޑު ޖަމާޢަތެވެ. އެތަނެއްގެ އަހްލުވެރީން ކްރިސްޓިޔަންދީނަށް ހިތްޖެއްސުމަށްޓަކައި ޒުވާން އަންހެންކުދީން ބޭނުންކުރުމަކީވެސް މަސްއަލައެއްކަމަކަށް އެބައިމީހުން ނުދެކެއެވެ.
          
މޯމަންސް ((Mormons އަކީ އެމެރިކާގެ މިޝަނަރީ ޖަމާޢަތެކެވެ. އެބައިމީހުނާ ޙަވާލުވެފައިވަނީ އިރުމަތީ ޔޫރަޕާއި ސެންޓްރަލް އޭޝިޔާގެ އިސްލާމީ ޤައުމުތަކެވެ. އެބައިމީހުންގެ މަރުކަޒީ އަމާޒުފަތް ގަނޑަކީ އަލްބޭނިޔާއެވެ. އަލްބޭނިޔާގެ އާބާދީ އެކުލެވިފައިވަނީ ހަތްދިހަ އިންސައްތަ މުސްލިމުންނާއި ވިހި އިންސައްތަ ހަރުކަށި އަލްބޭނިޔަނުންނާއި، ދިހައެއް އިންސައްތަ ރޯމަން ކްރިސްޓިޔަންގެ މައްޗަށެވެ.
          
އަލްބޭނިޔާގައި ގިނަ އަހަރުތަކެއްވަން ދެން ކޮމިއުނިޒަމްގެ ބާރު ހިނގައިފައި އޮތުމުގެ ސަބަބުން އަލްބޭނިޔާގެ މުސްލިމުންނަކީ ހަމައެކަނި ނަމެއްގައި އިސްލާމް ބައެކެވެ. އެބައި މީހުންނަކަށް އިސްލާމްދީނާ ބެހޭ ގޮތުން މާގިނަ އެނގުން ތަކެއްނޭގެއެވެ.
          
އެހެންކަމުން މޯމަންސްގެ އެޖެންޓުން ތަފާތު ކުންފުނި ތަކުގެ ސޭލްސް އެޖެންޓުންގެ ސިފައިގައި މުސްލިމުންގެ ގޭގެއަށް ޒިޔާރަތްކުރެއެވެ. އެ މިޝަނަރީންގެ ނަންތައް ހުންނަނީ މުސްލިމުންނަށް ކިޔާ ނަންތަކާ އެއްކަހަލަ ގޮތަށެވެ. ހެދުންވެސް ހުންނަނީ މުސްލިމުންގެ ހެދުމާ އެއްގޮތަށެވެ. އެމީހުން އަމިއްލަޔަށް ތަޢާރުފްވަނީ ފަޤީރު މުސްލިމް ސޭލްސްމަނުންގެ ގޮތުގައެވެ. އެގޮތުން ގޭގެގެ ވެރިންގެ ހަމްދަރްދީ ހޯދައެވެ. އެއަށްފަހު އެގޭގެއަށް އިސްލާމްދީނުގެ ރަނގަޅުނޫން ތަޞައްވުރުތައް ހުށަހަޅައެވެ. މިގޮތުން މަޢުޞޫމް އަލްބާނަވީ މުސްލިމުން ކްރިސްޓިޔަނިޓީ އާ ދިމާޔަށް ލަވަމުން ގެންދެއެވެ.
          
 މޯމަންސުންވަނީ ދަޓްރޫފާރގަން ((The True furgan ނަމަކަށް ކިޔާ ފޮތެއް ޗާޕްކޮށްފައި މިޝަނަރީންނާ ޙަވާލުކޮށްފައެވެ. އެފޮތުގެ ޢިބާރާތްތައް ހުންނަނީ ކީރިތި ޤުރްއާނުގެ އާޔަތްތައް ހުންނަ ކަހަލަ ގޮތަކަށެވެ. އެފޮތް ލިޔެފައިވަނީ ޢަރަބި ބަހުންނާއި އިނގިރޭސި ބަހުންނެވެ. އިރުމަތީ ޔޫރަޕާއި، ސެންޓްރަލް އޭޝިޔާގެ އަލަށް މިނިވަންވި އިސްލާމީ ދައުލަތް ތަކުގެ މުސްލިމުން އެފޮތަކީ މުޤައްދަސް ފޮތެއްކަމަށް ބަލައިގެން އެފޮތް ކިޔަވައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ދީނުންބޭރުވަމުން ދެއެވެ.
           
އޮން ޓާރނިންގޕޮއިންޓް (On Turning Point) އަކީ އިނގިރޭސިވިލާތުގެ މަޝްހޫރު މިޝަނަރީ ޖަމާޢަތެކެވެ.  މި އިދާރާއިން އިސްލާމީ ޤައުމުތަކަށް މިޝަނަރީން ފޮނުވަނީ އަށްމަސްދުވަހާއި ދެއަހަރު ދުވަހާ ދެމެދުގެ މުއްދަތަކަށް ތަމްރީނުދިނުމަށްފަހުގައެވެ. މިތަމްރީނުގައި ދަސްކޮށްދެނީ ހައްތާވެސް މުސްލިމުން މަގުފުރައްދާނެ ގޮތުގެ އުކުޅުތަކެވެ. ދަ ސައުތަން ބަޕްޓިސްޓް ކޮންވެސްޝަން (The Southeran Baptist Convention) އަކީ ޕްރޮޓެސްޓެންޓް ފިރުޤާގެ އެންމެބޮޑު ޖަމާޢަތެވެ. ދުނިޔޭގެ 185 ޤައުމެއްގައި އެޖަމާޢަތުގެ ފަސްހާހަށްވުރެ ގިނަ މިޝަނަރީ މީހުން މަސައްކަތް ކުރަމުން ގެންދެއެވެ. ޔޫއެސް ކެތަލިކް މިޝަނަރީ އެސޯސިއޭޝަނަކީ ކެތަލިކު ފިރުޤާގެ އެންމެބޮޑު ޖަމާއަތެވެ. އެޖަމާޢަތުގެ 650 ގޮފި އޮވެއެވެ. އެ ޖަމާއަތުގެ ތިންހާސްއަށްސަތޭކަ އަށްވުރެ މިޝަނަރީން އިސްލާމީ ޤައުމުތަކުގައި މަސައްކަތް ކުރެއެވެ. ވޯލްޑް އައިރިޝް މިޝަނަރީ އަކީ އަޔަރލެންޑްގައި އުފައްދައިފައިވާ ޖަމާޢަތެކެވެ. އެޖަމާޢަތުގެ ތިންހާހަށްވުރެ ގިނަމީހުން އިސްލާމީ ޤައުމުތަކުގައި މަސައްކަތްކުރެއެވެ.
     
އައި.ސީ.އައި. އަކީ 1981 ގައި އުފެދުނު މިޝަނަރީ ޖަމާޢަތެކެވެ. އެޖަމާޢަތް އުފެދުނީ އީރާނަށް އައި އިސްލާމީ އިންޤިލާބާ ވިދިގެންނާއި، އަފްޣާނިސްތާނުގައި ހިނގަމުންދާ ޖިހާދުގެ ހަރަކާތްތަކާ ވިދިގެން އެދެ ޤައުމުން ފިލައިގެން ބޭރަށްދާ މީހުންނަށް އަމާޒުކޮށްގެންނެވެ. މި ޖަމާޢަތުގެ ތަފާސްހިސާބުތަކަށް ބަލާއިރު އަފްޣާނިސްތާނާއި، އިރާނުގެ ގާތްގަނޑަކަށް އައްޑިހަލައްކަ މުހާޖިރުން ބޭރު ޤައުމުތަކުގައި އެބައުޅެއެވެ. އެހެންކަމުން އައި.ސީ. އައި، އިން އެޖަމާއަތުގެ ތިންސަތޭކައަށްވުރެ ގިނަ ގޮފި ވަނީ އުފައްދައިފައެވެ. އެ ގޮފިތަކުގެ މިޝަނަރީން ވަނީ ރެފިއުޖީކޭމްތަކަށް ވަދެގެންފައެވެ. ބައެއްކޭމްޕްތަކަށް ތައުލީމުދިނުމުގެ ނަމުގައެވެ. އަނެއްބައި ކޭމްޕްތަކަށް ފެންފޯރުކޮށްދިނުމުގެ ނަމުގައެވެ. ބޭސްފަރުވާކޮށްދިނުމާއި ހިލޭއެހީ ދިނުމުގެ ނަމުގައެވެ. އެޖަމާއަތުގެ މީހުން ދައުވާކުރާގޮތުގައި އީރާނާއި އަފްޣާނިސްތާނުގެ ފަސްދޮޅަސް ހާހަށްވުރެ ގިނަ މީހުން މިހާރުވަނީ ކްރިސްޓިޔަން ވެފައެވެ.
       
އެޑްވެންޓިސްޓް ޗާރޗް (Adventist Church) ނަމަކަށް ކިޔާ މިޝަނަރީ ޖަމާއަތެއް ޕާކިސްތާނާއި، މިސުރާއި، އިރާގައި، ސޫރިޔާއާއި، ސައޫދީއަރަބިއްޔާއާއި، ސިއެރާލިޔޯނާއި، އެކުވެރި އަރަބި އިމާރާތުގައި މަަސައްކަތްކުރަމުން އެބަގެންދެއެވެ. އެ ޖަމާޢަތުން މިހާރުވެސް ސަތޭކަ ތިރީސް ޗާޗް ހިންގައެވެ. އެ ޗާޗްތަކުން އެ ޗާޗެއްހުންނަ ތަނެއްގެ ބަހުން ލިޓްރެޗަރ ބަހައި ޕްރޮޕެގެންޑާ ފަތުރަމުން ގެންދެއެވެ. އެލޯނގ ވިތުލައިފް (Along With Life) އަކީ ޕާކިސްތާނުގައި މަސައްކަތްކުރާ މިޝަނަރީ އިދާރާއެކެވެ. މައިގަނޑު ގޮތެއްގައި އެތާނގެ މަސައްކަތަކީ ހުޅަނގުގެ މިޝަނަރީ އެޖެންސީތަކާއި ޕާކިސްތާނުގެ ޗާޗްތަކާ ގުޅުވައިދިނުމެވެ. މި ޖަމާއަތުން ރޭޑިޔޯއާއި، ޓީވީޗެނެލްތަކާއި، މަޖައްލާތަކާއި، ފޮތާއި، ޕެމްފްލެޓްގެ ޒަރީޢާއިން އެބައިމީހުންގެ މަސައްކަތް ހިންގަމުން ގެންދެއެވެ. އެބައިމީހުންގެ ޕްރޮޮޮޕގެެންޑާ ތަކާގުޅިގެން ބައެއް ފަރާތްތަކުން އެބައިމީހުނާ ސުވާލުކުރެއެވެ. އެ ސުވާލުތަކަށް އެބައިމީހުންގެ ސިއްރު ބަހުރުވައިގައި ކިޔަނީ "އެންކްވަރީ" އެވެ. އެބައިމީހުންނަށް މަހަކު ގާތްގަނޑަކަށް ތިންސަތޭކަ އާއި ހަތަރުސަތޭކައާ ދެމެދު އަދަދު ތަކެއްގެ "އެންކުވަރީ" ހުށަހެޅެއެވެ. މިގޮތުން މިހާތަނަށް އެތައްހާސް އެންކުވަރީ ތަކެއްވަނީ ކުރެވިފައެވެ.
     
އިންޑިޔަން ސަބްކޮންޓިނެންޓުގައި  ކްރިސްޓިޔަނިޓީ ފެތުރުމުގެ ހަރަކާތް އެންމެ ފޯރިއާއެކު ހިނގަމުންދަނީ ޖައްމޫއާއި ކަޝްމީރު ގައެވެ. ޖައްމޫއާއި ކަޝްމީރު ގައި ޖަރުމަން ވިލާތާއި، ނެދަލޭންޑާއި އެމެރިކާގެ ދިހަހާސް މިޝަނަރީ މީހުން މަސައްކަތްކުރަމުން އެބަގެންދެއެވެ. އެބައިމީހުން ޖައްމޫއަށާއި ކަޝްމީރަށް ކޮންމެ އަހަރަކު ފަންސާސް މިލިޔަން ޑޮލަރ ޚަރަދު ކުރެއެވެ. އެންމެ ފުރަތަމަ ފެށުމެއްގެ ގޮތުން އެމީހުން  އަމާޒުފަތްގަނޑަކަށް ހެދީ ޔުނިވަރސިޓީގެ ސަތޭކަ ކުދިންނެވެ. އޭގެތެރެއިން ފަސްދޮޅަސް ފަސްކުދިން މުރުތައްދުވެ ކްރިސްޓިޔަން ދީނަށްވަން ކަމުގައި ބުނެވެއެވެ. މިޝަނަރީ ޖަމާޢަތަކުން މިހާރުގެންދަނީ އެކުދީންނަށް ބޮޑެތި މުސާރަތައް ދީގެން އެބައިމީހުންގެ މަސައްކަތުގައި އެކުދިންގެ ބޭނުން ހިފަމުންނެވެ. ބުނެވޭ ގޮތުގައި އިންޑިޔާ ސަރުކާރުންވެސް ޖައްމޫއާއި ކަޝްމީރުގައި މިޝަނަރީންނަށް ފުރިހަމަޔަށް އެއްބާރުލުން ދެމުންގެންދެއެވެ.
           
އިސްލާމީ ދުނިޔޭގައި މަސައްކަތްކުރާ މިޝަނަރީންގެ ޢަދަދު ދުވަހެއް ދުވަހަކަށް އިތުރުކުރަމުން ގެންދަނީ ވަރަށް ހަލުއި ކަމާއެކު ގައެވެ. މިސާލެއްގެ ގޮތުން 1996 ގައި އެމެރިކާގައި މިޝަނަރީ މަސައްކަތްކުރާ މީހުންގެ ޢަދަދަކީ އެންމެ ފަސްދޮޅަސް ހަތަރުހާހެވެ. ނަމަވެސް ތިން އަހަރު ދުވަހުގެ ތެރޭގައި (1999ގައި) އެއަދަދު ވަނީ އެއްލައްކަޔަށް އަރައިފައެވެ.
           
މިޝަނަރީން ބުނާގޮތުގައި ކޮންމެ އަހަރަކު 4.7 އިންސައްތައިގެ ނިސްބަތުން ދުނިޔޭގައި ކްރިސްޓިޔަނުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. މިއީ މުސްލިމުން ވަރަށް ފަރުވާތެރިވާންޖެހޭ ނިސްބަތެކެވެ. މިޝަނަރީ މަސައްކަތް ހިންގާ ފަރާތްތަކާ ބެހޭ ޚަބަރުތައް މުޅި ދުނިޔޭގައި ވެސް ދަނީ ޝާއިޢު ކުރެވެމުންނެވެ.
           
 2003 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އެމެރިކާގެ  ހަފުތާ މަޖައްލާ ޓައިމްގެ ރިޕޯޓަރުންގެ ބައެއް މިޝަނަރީންގެ ހަރަކާތްތަކަށް ޚާއްޞަ ސަމާލުކަމެއް ދިނެވެ. އެ ރިޕޯޓަރުން ބުނާ ގޮތުގައި އެމެރިކާ އާއި، އެބައިމީހުންގެ އިއްތިހާދީ ސަރުކާރުތަކުން ގެންދަނީ އިސްލާމީ ޤައުމުތަކުގައި މިޝަނަރީން މެދުވެރިކޮށް ވަރަށް ނުރައްކާތެރި ހަރަކާތްތަކެއް ހިންގަމުންނެވެ. ރިޕޯޓަރުން އެކަމާ ބެހޭގޮތުން މައުލޫމާތު ހޯދަންފެށުމުން މިޝަނަރީ އިދާރާތަކުންވަނީ ރިޕޯޓަރުންނަށް ޖަވާބުދިނުމާ ކަނޑައެޅިގެން އިންކާރު ކޮށްފައެވެ. އިސްލާމީ ޤައުމުތަކުގައި މަސައްކަތްކުރާ މިޝަނަރީންނަށް ނޫސްވެރީންނާމެދު ހުޝިޔާރުވާން އަންގައިފައެވެ. މިގޮތުން ފޮނުވި ސިޓީތަކުގެ ތެރެއިން ސިޓީއެއްގެ ކޮޕީވަނީ ރިޕޯޓަރަކަށް އަތުޖެހިފައެވެ. ރިޕޯޓަރުންނަށް ކުރެވުނު ހީވެގެން ދިޔައީ ޙަޤީޤަތަކަށެވެ. އެހެންކަމުން 21 ޖޫން 2003 ގެ ޓައިމް މެގަޒިން ބޭރުގަނޑުގެ ބޮޑު ސުރުޚީއަކަށް އެމަސްއަލަވަނީ ހަދައިފައެވެ.  (ނުނިމޭ)

ނޯޓު: މި ލިޔުމުގެ ނުނިމި އޮތްބައި އިރާދަ ކުރެއްވިއްޔާ ހޮނިހިރު ދުވަހު ޝާއިޢު ކުރެވޭނެ އެވެ. - ފަންވަތް -

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ