އަދުގެ ޚާއްސަ

Print

ކްރިސްޓިޔަން ދީން ފަތުރާ މީހުންގެ މަކަރުވެރި ރޭވުން (02)

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ ޢަޤީދާ


މަގުފުރެއްދުމުގެ އާ އުކުޅުތައް

ޢަބްދުﷲ ފާރޫޤު ޙަސަން

2003 ވަނަ އަހަރުގެ މެއި މަހު ޔޫ.އެސް. ސެންޓަރ ފޮރ ވޯލްޑްމިޝަންގައި މޫނު ނިވާކޮށްގެން ހުރި އަންހެނެއް ޢީސާ ޢަލައިހިއްސަލާމް އާއި، މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އާ އަޅާބެލުމުގެ ހުށަހެޅުމެއް ހުށަހެޅިއެވެ. އެހުށަހެޅުން އިންތިޒާމުކުރި ފަރާތުން ބުނިގޮތުގައި އެއަންހެނަކީ މިޝަނަރީ މީހެކެވެ. ނަމަވެސް އޭނާއަކީ އިސްލާމީ ޤައުމެއްގައި މުސްލިމަކަށް ހެދިގެން މަސައްކަތް ކުރާ މީހެކެވެ. އެ ޤައުމުގައި އޭނާއާމެދު ބެލެވެނީ އިސްލާމީ ވަރަށްބޮޑު ސްކޮލަރެއްގެ ޙައިޘިއްޔަތުންނެވެ. އެހެންކަމުން އެބައިމީހުންނަކަށް އެ ކަނބުލޭގެ މޫނު ދެއްކޭ ކަށެއްނެތެވެ.
މިޝަނަރީ މަސައްކަތާ އަލަށް ގުޅޭމީހުންނަށް މުސްލިމުން މަގު އޮޅުވައިލާނެ ގޮތްތައް ކިޔައިދެމުން އެއަންހެންމީހާ ބުނެފައިވެއެވެ.
" ތިޔަބައިމީހުންނަށް މުސްލިމުންގެ ޢަޤީދާއަކީ ރަނގަޅު ޢަޤީދާ އެއްކަމުގައި ހަދައިގެން ވެސް މުސްލިމުން މަގުއޮޅުވައިލެވިދާނެއެވެ. ތިޔަބައިމީހުން މުސްލިމުންނާ ސުވާލުކުރާށެވެ. ޢީސާ ޢަލައިހި ވަސައްލަމް އާ މެދު ތިޔަބައި މީހުން ބުނަނީ ކީކޭހެއްޔެވެ؟ އެބައިމީހުން ބުނާނެއެވެ. ޢިސާ ޢަލައިހިއްސަލާމް އަވާހަރައެއްނުވެއެވެ. ޤިޔާމަތުގެ ކުރީން އެކަލޭގެފާނު އަލުން ފާޅުކުރައްވާނެއެވެ. ދެން ތިޔަބައިމީހުން ސުވާލުކުރާށެވެ. ދިރި ދުނިޔޭގައި ހުރިމީހަކާ މަރުވެފައިވާ މީހަކާ ދެމީހުންކުރެ މާތްވާނީ ކާކުހެއްޔެވެ؟ އެމީހުން ބުނާނެއެވެ. ދިރިހުރި މީހާއެވެ. ދެން ތިޔަބައިމީހުން ބުނާށެވެ. ޢީސާ ޢަލައިހިއްސަލާމް ދުނިޔޭގައި އެބަހުންނެވިއެވެ. މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ވަނީ އަވަހާރަވެފައެވެ. އެހެންވީއިރު ތިޔަބައިމީހުން ބުނެބަލާށެވެ. އެދެބޭކަލުންކުރެ މާތްބޭކަލަކަށްވާނީ ކޮންބޭކަލެއްހެއްޔެވެ؟ މިސުވާލު ކުރުމަށްފަހު މިހިސާބުން ބަޙުޡް ހުއްޓައިލާށެވެ. މުސްލިމުން މިސުވާލުގެ ޖަވާބާމެދު ފިކުރު ކުރަމުން ގޮސް އެބައިމީހުންގެ ޢަޤީދާއިން ނެއްޓިގެން ހިނގައިދާނެއެވެ."

އަނެއްކޮޅުން ބަލާއިރު މިސުވާލަކީ އިންތިހާދަރަޖައިގެ ޖާހިލު އަދި މޮޔަ ސުވާލެކެވެ. މަރުވުމާއި ދިރިހުރުމާ މާތްކަމާހުރީ ކޮންގުޅުމެއް ހެއްޔެވެ. ދިރިދުނިޔޭގައި މިހާރު މިތިބަ އެންމެ މާތްމީހުނަށް ވުރެމާ އިތުރު މާ މާތްމީހުން މަރުވެގޮސްފައިވާ ކަމީ އެންމެން ދަންނަ ޙަޤީޤަތެކެވެ. ޚުދު ކްރިސްޓިޔަނުން ގެ ތެރެއިން، އެބައިމީހުންގެ ތާރީޚުންވެސް މީގެ އެތައް މިސާލުތަކެއް ދެއްކިދާނެއެވެ.
         
 މުސްލިމަކާ މި ސުވާލުކުރިމަތި ކުރެވިއްޖެނަމަ މި ސުވާލަށް ޖަވާބުދެވިދާނެއެވެ.
އެ މުޤައްދަސް ދެބޭކަލުންކުރެ އެންމެ މާތްބޭކަލަކީ ޚުދު އެބޭކަލުން އޭގެތެރެއިން އެންމެ މާތް ބޭކަލެއްކަމުގައި ވިދާޅުވެފައިވާ ބޭކަލެކެވެ. ސަލާމްލެއްވި އީސާގެފާނުވަނީ އެކަލޭގެފާނު ދުނިޔޭގައި ހުންނަވައިގެން ޚަބަރު ދެއްވައިފައެވެ. އެކަލޭގެފާނަށްފަހު ދުނިޔެއަށް ވަޑައިގަންނަވާނީ ރަސޫލުބޭކަލުންކުރެ އެންމެ މާތްރަސޫލާއެވެ. މިކަން ބައިބްލުން ރަނގަޅަށް ފިލާން އެބައޮތެވެ. އަނެއްކާ އީސާގެފާނު އަލުން ދުނިޔެއަށް ވަޑައިގަތުމަށްފަހު ތަބާވެ ވަޑައިގަންނަވާނީ ނަބީކަން ޚަތިމު ކުރެއްވި ސާހިބާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޝަރީޢަތަށެވެ. ކްރިސްޓިޔަނުންގެ ތެރެއިން ތަޢައްޞުބެއްނެތް މީހުން ޤަބޫލު ކުރާގޮތުގައިވެސް އެންމެ މާތް ބޭކަލަކަށްވާނީ އެބައިމީހުންގެ ނަބިއްޔާ އެންމެ މާތް ނަބިއްޔާ ކަމަށާއި އެންމެ މުޙުތަރަމް ޝަޚްޞިއްޔަތުކަމަށް ޤަބޫލުކުރައްވާ ބޭކަލެކެވެ. ހުރިހާ ކްރިސްޓިޔަނުންވެސް އެނަބިއްޔާއަށް ތަބާވާންޖެހޭނެއެވެ.

މި ސުވާލުގެ ޖަވާބު އަދި އެހެން ޢިބާރާތަކުންވެސް ދެވިދާނެއެވެ. ސަލާމްލެއްވި ޢީސާގެފާނާއި ސަލާމާއި ޞަލަވާތް ލެއްވި މުޙައްމަދުގެ ފާނާ ދެބޭކަލުންކުރެ މާތްބޭކަލަކީ ކޮބައިތޯ ތިޔަބައި މީހުން ތިޔަބައިމީހުންގެ ނަބިއްޔާ ޢީސާގެފާނުގެ ބަސްފުޅުތަކުން އޮޅުންފިލުވާށެވެ. އެކަލޭގެފާނު މާތްބޭކަލެއްކަމުގައި ވިދާޅުވެފައިވާ ބޭކަލަކު މާތްބޭކަލެއްކަމުގައި ބަލާށެވެ. ތިޔަބައިމީހުންގެ މުޤައްދަސްފޮތް ބައިބްލުން އެކަންރީތިކޮށް އޮޅުން ފިލާން އޮންނާނެއެވެ.
މިއަންހެންމީހާވަނީ ސެމިނާރގެ ތެރޭގައި އެމެރިކާގެ ހައްދު ފަހަނަޅައިފައިވާ އެޝްކްރާފްޓުގެ އިސްލާމްދީނަށް ފުރައްސާރަކުރާ ސްލައިޑެއްވެސް ހުށަހަޅައިފައެވެ. އެސްލައިޑަކީ އިސްލާމީ ދުނިޔޭގެ އިހްތިޖާޖުގެ ސަބަބުން އޭނާ މުސްލިމުންގެ ކިބައިން މަޢާފު އެދިފައިވާ ވާހަކަތަކެއްގެ ސްލައިޑެކެވެ.

މިޝަނަރީންގެ ޚާއްޞައަމާޒު ފަންސާސްފަސް ޤައުމަކަށްް
              
ދެން އަޅުގަނޑު ވާހަކަ ދައްކަން ބޭނުންވަނީ މިޝަނަރީންގެ ޚާއްޞަ އަމާޒެއް ކަމުގައި ބަލައިފައިވާ ފަންސާސް ފަސްޤައުމާ ބެހޭގޮތުންނެވެ. މިޝަނަރީން އެޤައުމުތަކަށް ވަނީ ޚާއްޞަ އިސްތިލާހެއްވެސް ކަނޑައަޅައިފައެވެ. މިޝަނަރީންގެ އިސްތިލާހުގައި އެ ޤައުމުތަކަށް ކިޔަނީ " ވިންޑޯ ޓެންފޯރޓީ" އެވެ. އެ ޤައުމުތަކަކީ ދުނިޔޭގެ ޗާޓުގެ އުތުރު ޢަރްޟުގެ ދިހަ ދަރަޖަ އާއި ސާޅީސް ދަރަޖައާ ދެމެދުގައިވާ ޤައުމުތަކެވެ. އެ ޤައުމުތަކަކީ މިޝަނަރީންގެ ޚާއްޞަ އަމާޒުފަތްގަނޑު ކަމުގައި ހިމެނޭ  ޤައުމުތަކެވެ. އެ ޤައުމުތައް ހިމެނިފައިވަނީ ހުޅަނގުއެފްރިކާ އާއި އިރުމަތީއޭޝިޔާގައެވެ. ދުނިޔޭގެ އާބާދީގެ ގާތްގަނޑަކަށް ތިންބައިކުޅަދެބައި ދިރި އުޅެނީ އެ ސަރަހައްދުގައެވެ. އެ ޤައުމުތަކުގެ އާބާދީގެ ނުވަދިހަ ހަތެއް އިންސައްތަ މީހުންނަކީ ކްރިސްޓިޔަންދީން ނޫން އެހެން ދީންތަކުގެ މީހުންނެވެ. ޤައުމުތަކުގެ ނިސްބަތުން ބަލާއިރު އޭގައި ހިމެނެނީ 34 އިސްލާމީ ޤައުމާއި، ބުޑިސްޓް ހަތްޤައުމާއި، ކޮމިއުނިސްޓު ތިންޤައުމާއި ހިންދޫ ދެޤައުމެވެ. ދުނިޔޭގެ އެންމެ ފަޤީރު ދިހަ   ޤައުމުވެސް ހިމެނެނީ އެ ސަރަހައްދުގައެވެ.

             ވިންޑޯ ޓެންފޯރޓީގައި
             1.2 ބިލިޔަން މުސްލިމުންނާއި،
             800 މިލިޔަން ހިންދޫންނާއި،
             35 މިލިޔަން ބުޑިސްޓުން ހިމެނެއެވެ.


ކްރިސްޓިޔަން މިޝަނަރީން ވަނީ މިދެންނެވި ޤައުމުތަކުގެ ތެރެއިން ދިހަ ޤައުމެއް އެބައިމީހުންގެ މިޝަނާ ދުޝްމިނު ޤައުމުތަކުގެ ގޮތުގައި ފާހަގަކޮށްފައެވެ. އެބައި މީހުންނަށް ވަރުގަދަ ގޮންޖެހުންތަކެއް ކުރިމަތިވާ ޤައުމު ތަކެއްކަމުގައި ބަލައިފައެވެ. އެ ޤައުމުތަކަކީ ސޫދާނާއި، ސައޫދީ އަރަބިއްޔާ އާއި، ޗައިނާއާއި، އުތުރުކޮރެޔާއާއި، ކިއުބާ އާއި، ޕާކިސްތާނާއި، މިސުރާއި، ވިއެޓްނާމާއި، ނައިޖޭރިޔާއާއި، އުޒުބަކިސްތާނެވެ. މީގެތެރެއިން ހަ ޤައުމަކީ މައިގަނޑު ގޮތެއްގައި އިސްލާމީ ހަ ޤައުމެކެވެ.


ކުރިންވެސް ދެންނެވި ފަދައިން ވިންޑޯޓެންފޯރޓީ ގެ ޤައުމުތަކަކީ އާއްމުކޮށް ދުނިޔޭގެ އެންމެ ތަރައްޤީނުވާ ޤައުމުތަކެވެ. އެ ޤައުމުތަކުގައިވަނީ ހައިހޫނު ކަމާއި، ބަލިމަޑުކަން އާއްމުވެފައެވެ. ޖާހިލުކަމާއި ވަޒީފާނެތުމުގެ މަސްއަލަތަކުގައި ކަސްތޮޅު އެޅިފައެވެ. އެހެންކަމުން މިޝަނަރީން ދެކެނީ އެ ޤައުމުތަކަށް ކުރިމަތިވެފައިވާ ޙާލަތަކީ މާތްﷲ އެބައިމީހުންނަށް ފަހިކޮށްދެއްވައިފައިވާ ފުރުޞަތު ތަކެއްކަމުގައެވެ. އެހެންކަމުން ސްކޫލްތަކާއި ހޮސްޕިޓަލުތައް ހިންގައި ދީގެންނާއި، ކުޅިވަރު ތަރައްޤީކޮށްދީގެންނާއި، މަގުތައް ހަދައިދީގެންނާއި، ފެނާއި، ކަރަންޓާއި، ގޭސް ސަޕްލައިކޮށްދީގެން އެކަންކަމުގެ ނިވަލުގައި ތިބެ ދީން ފަތުރަން މަސައްކަތްކޮށްގެން ވަރަށް ފަސޭހައިން ކްރިސްޓިޔަން ކުރުވިދާނެކަމުގައެވެ.

މިސާލެއްގެ ގޮތުން އިންޑޮނޭޝިޔާއާއި، ނައިޖީރިޔާއާއި، މާލީގައި މިޝަނަރީން ހަރަކާތްތެރިވާ ފަޤީރު ސަރަހައްދުތައް ނެންގެވިދާނެއެވެ. މި ޝަނަރީން ގެންދަނީ އެ ސަރައްދުތަކުގައި ހޮސްޕިޓަލުތަކާއި ސްކޫލްތަކާއި ފަޤީރުކުދިންބަލަހައްޓާތަންތަނާއި، ކޮލެޖްތަކާއި، ޔުނިވަރސިޓީތައް ހިންގަމުންނެވެ. އެތަންތަނާ ގުޅުންހުންނަ ކޮންމެ ކުޑަކުއްޖަކާއި، ޒުވާނަކާއި މުސްކުޅިޔަކު ކްރިސްޓިޔަން ކުރުވަން މަސައްކަތް ކުރަމުންނެވެ.

މިޝަނަރީން ޕްރޮޕެގެންޑާ ހިންގާ ގޮތް

ދެން އަޅުގަނޑުމެން ވިސްނައިލަން ޖެހެނީ މިޝަނަރީން އެބައިމީހުންގެ ޕްރޮޕެގެންޑާގައި ބޭނުންކުރާ އެހެނިހެން ވަސީލަތްތަކާއި މެދުގައެވެ. މިޝަނަރީން އެބައިމީހުންގެ މަޤްޞަދު ޙާޞިލު ކުރުމަށްޓަކައި ބޭނުންކުރާ ވަސީލަތްތަކުގެ ގޮތުގައި ފޮތްތަކާއި، ރޭޑިއޯއާއި، ޓެލެވިޒަން ޗެނެލްތަކާއި އިންޓަރނެޓްގެ ބޭނުންކުރެއެވެ. ކުރީންވެސް ދެންނެވި ފަދައިން ސްކޫލްތަކާއި، ހޮސްޕިޓަލުތަކާއި، ޔަތީމުން ބަލަހައްޓާ ތަންތަނާއި، ކޮލެޖްތަކާއި، ޔުނިވަރސިޓީތައް ވެސް ބޭނުން ކުރެއެވެ. ބޯފެނާއި، ކަރަންޓާއި، ހަކަތައިގެ ބޭނުންކުރެއެވެ.  މިޝަނަރީން އަފްޣާނިސްތާނުގައިވެސް ވަނީ އެތައްލައްކަ ފޮތްތަކެއް ކުޑަކުދީންނަށް ހިލޭ ބަހައިފައެވެ. މިޝަނަރީންގެ ފޮތްޗާޕްކުރާ އެންމެބޮޑު މަރުކަޒު ހުންނަނީ  އެމެރިކާގައެވެ. މިޝަނަރީން އެމެރިކާގައި ދެމަސައްކަތެއް ހިންގައެވެ.

އެންމެ ފުރަތަމަ ކަމަކީ ސަރުކާރުގެ އެއްބާރުލުން ހޯދައިގެން ތަފާތު ޔުނިވަރސިޓީތަކުގައި އިސްލާމީ ފެކަލްޓީތައް ހިންގުމެވެ. އެތަންތާނގައި މިޝަނަރީންނަށް އިސްލާމްދީނާ ބެހޭގޮތުން މައުލޫމާތު ދެއެވެ. މަޤުޞަދަކީ އިސްލާމީ ފިކުރާއި، އިސްލާމީ ޘަޤާފަތު އޮޅުން ފިލުވައިދިނުމެވެ. މުސްލިމުން ކަމުގައި ހެދިގެން އިސްލާމީ ޤައުމަތަކަށް ވަދެގެން މަޑުމަޑުން މުސްލިމުން މަގުފުރައްދަމުން ގެންދާން މިޝަނަރިންނަށް މަގުފަހިކޮށްދިނުމަށްޓަކައެވެ.
             
 ދެވަނަ ކަމަކީ އިސްވެދެންނެވި ބާވަތުގެ މަރުކަޒުތަކުން ތަފާތު މައިގަނޑު ނަންތަކުގެ ފޮތްތައް ޗާޕް ކުރުމެވެ. މި ގޮތުން ޗާޕުކުރާ ފޮތްތަކުގެ މިސާލެއްގެ ގޮތުން ދެފޮތެއްގެ ނަންދަންނަވައިލާނަމެވެ. އޭގެތެރެއިން އެއްފޮތް ލިޔެފައިވަނީ މަޝްހޫރު މިޝަނަރީ އެއްކަމުގައިވާ ނޯމަންކްރިސްލަރއެވެ. އެފޮތުގެ ނަމަކީ "އާންސަރިންގ އިސްލާމް" ނުވަތަ އިސްލާމްދީނުގެ ޖަވާބު އެވެ. އެ ފޮތުގައި އޭނާ ޖަވާބުދީފައިވަނީ އާއްމު މުސްލިމުން ކްރިސްޓިޔަނިޓީއާބެހޭގޮތުން އުފައްދާ ސުވާލުތަކަށެވެ. ދެވަނަ ފޮތަކީ ޢަބްދުއްޞަލީބު (ސަލީބުގެ އަޅު) އެވެ. މި ފޮތް އެންމެ ފުރަތަމަ ޝާއިޢު ކުރީ 1993 ގައެވެ. މިހާތަނަށް އެފޮތުގެ ސާޅީސް ދެހާސް ކޮޕީވަނީ ބެހިފައެވެ.
           
 މިދެންނެވި ފޮތްތަކާ ބެހޭގޮތުން ފާހަގަކޮށްލަން ޖެހޭ އެންމެ ޚާއްޞަ އެއްކަމަކީ މިހާތަނަށްވެސް މިއިން އެއްވެސް ފޮތެއް ޗާޕްކުރާ ތަނެއްވެސް ބަހާބައެއްވެސް މިޝަނަރީންގެ އަމާޒު ފަތްގަނޑެއް ކަމުގައި ބަލާ ސިކުނޑި ތަކާ ހަމަޔަށް އެފޮތްތައް ފޯރުވާގޮތެއްވެސް އޮޅުންނުފިލާކަމެވެ.
          
މިޝަނަރީން މުސްލިމުން މަގުފުރައްދާން ގެންގުޅޭ ޓްރޫފާރގަން ނަމަކަށް ކިޔާ ފޮތެއްގެ ވާހަކަ އިސްވެދިޔަ ސަފްހާތަކުގައިވަނީ ބަޔާންކޮށްފައެވެ. އެ ފޮތް ލިޔެފައިވަނީ ކީރިތި ޤުރްއާނުގެ އާޔަތްތަކުގެ އުސްލޫބު ކޮޕީކޮށްގެންނެވެ. އެ ފޮތް ޝާއިޢުކޮށްފައިވަނީ ޢަރަބި ބަހުންނާއި އިނގިރޭސިބަހުންނެވެ. އެފޮތުގެ އިބާރާތްތަކުގައިވަނީ ތާކުންތާކުނުޖެހޭ ވާހަކަތަކެވެ. އެފޮތް އަމާޒުކުރަނީ އައު މުސްލިމުންނަށާއި، އިސްލާމްދީން ރަނގަޅަށް ނޭނގޭމީހުންނަށާއި ކުޑަކުދީންނަށެވެ. އެ ފަރާތްތައް މަގުފުރެއްދުމަށްޓަކައެވެ. އެ ފޮތުގައިވާ ވާހަކަ ތަކުގެ ތެރޭގައި ހުއްދަނޫން ޖިންސީ ގުޅުންތަކާއި، މިނެކިރުމުގައި މަކަރުހެދުމާއި ހަރާމް އެއްޗެހި ކެއުމަށް އިސްލާމްދީނުގެ ނަމުގައި ހިތްވަރު ދީފައިވެއެވެ. އެފޮތްތައް މުސްލިމުންގެ ތެރޭގައި ފަތުރައިފައި އެއާވިދިގެން ވާހަކަދައްކައެވެ. އިސްލާމްދީން ގޮވައިލަނީ މިހިރަ ކަހަލަ ކަންތައްތަކަށެވެ. އެހެންވީއިރު އިސްލާމްދީނަށްވުރެ ކްރިސްޓިޔަންދީން މާރަނގަޅެއް ނޫންހެއްޔެވެ.
         
މިދެންނެވި ފޮތްތަކުގަ އިތުރަށް ދެމަޖައްލާއެއްގެ ވާހަކަ ދައްކައިލާން ބޭނުންވެއެވެ. އެ މަޖައްލާއަކީ "އަލްކިތާބު" އެވެ. އަނެއް މަޖައްލާއަކީ ނޫރުލްޙައްޤެެވެ. އަލްކިތާބު ޝާއިއުކުރަނީ ޢަރަބިބަހުންނެވެ. ނޫރުލްޙައްޤު އިނގިރޭސި ބަހުންނެވެ. ދެ މަޖައްލާގެ ވެސް ބޭރުގަނޑުގައި ޖަހަނީ މިސްކިތްތަކުގެ ފޮޓޯއެވެ. އެ ދެ މަޖައްލާގެ  ލިޔުންތެރީންގެ ނަންތަކެއްކަމުގައި ޝާއިޢުކޮށްފައި ހުންނަނީ އިސްލާމީ ނަންނަމެވެ. މިސާލަކަށް ޖާބިރު ބިން ޙައްސާނު، ޢަލީމުޙައްމަދު ، ޢަބްދުﷲ މިފަދަ ނަންތަކެވެ. ނަމަވެސް އެދެ މަޖައްލާގެ ވެސް ޕަބްލިޝަރަކީ ކޮބައިކަމެއް ޗާޕްކުރަނީ ކޮންތަނަކުން ކަމެއް އެނގޭކަށެއް ނުހުރެއެވެ. ދޭތެރެ ދޭތެރެއިން ފެންނަނީ ކުއްލިޔަކަށް ބާޒާރަށް ނިކުންނަތަނެވެ. އިސްލާމްދީން ރަނގަޅަށް ނޭގޭ މީހުންނާއި، ޢަޤީދާ ބަލިކަށި މީހުންތައް މަގުފުރައްދާން ފަށާތަނެވެ.
 
މިޝަނަރީ ހަރަކާތްތަކުގެ އަސަރު
     
މިޝަނަރީ މަސައްކަތް ކުރާމީހުން ކްރިސްޓިޔަންދީން ފެތުރަން ވަރަށް އާދަޔާ ޚިލާފު އުކުޅުތަކެއް ބޭނުންކުރެއެވެ. މިސާލަކަށް ޓެންޒޭނިޔާގައި ބޮޑުތި ހުރިހާ ކޮލެޖްތަކަކާއި ޔުނިވަރސިޓީތަކެއް ހުންނަނީ މިޝަނަރީންގެ ބާރުގެ ދަށުގައެވެ. އެތަންތަނަށް ވަދެވެނީ ކްރިސްޓިޔަން ޒުވާނުންނަށެވެ. އެހެންކަމުން އެތަންތަނަށް ވަންނާން ބޭނުންވާ މުސްލިމު ޒުވާނުންވެސް އެޑްމިޝަންފޯމުގެ ދީންބަޔާން ކޮށްދޭގޮޅީގައި ލިޔަނީ ކްރިސްޓިއަނެއް ކަމުގައެވެ. ކޮލެޖާއި ޔުނިވަރސިޓީގެ ކިޔެވުން ކުރިޔަށްދާއިރު އެކުދިންނަށްވެސް މަޖްބޫރު މާއްދާއެއްގެ ގޮތުގައި ބައިބްލް ކިޔަވައިދެއެވެ. ނަތީޖާއެއްގެ ގޮތުން އެކުދީން ޙަޤީޤަތުގައި ވެސް ކްރިސްޓިޔަން ވެއެވެ.
          
މިސާލެއްގެ ގޮތުން ޓެންޒޭނިޔާގެ މުސްލިމު ޒުވާނެއްކަމުގައިވާ ޠައްޔިބު ނަގަމާ ހިންގަވާށެވެ. އޭނާގެ މައިންބަފައިންނާއި، އަޚުން އުޚުތުންނަކީ މިހާރުވެސް މުސްލިމުންނެވެ. އޭނާ ޔުނިވަރސިޓީއަށް ވަނުމަށްޓަކައި ފޯމުގައި ކްރިސްޓިޔަނެއް ކަމުގައި ލިޔުނެވެ. ކިޔެވުމުގެ ތެރޭގައި މުރްތައްދުވެ ޙަޤީޤީ ކްރިސްޓިޔަނަކަށް ބަދަލުވިއެވެ. އޭނާގެ މަސައަލަ އެހިސާބަކުންވެސް ނުނިމެއެވެ. 1998 ގައި އޭނާވަނީ މިޝަނަރީ ޖަމާޢަތެއް ކަމުގައިވާ ފްރަންޓިޔަރ ގެ މެމްބަރަކަށްވެފައެވެ. އެއަށްފަހު އޭނާ ދިޔައީ އަފްޣާނިސްތާނުގެ މުސްލިމުން މަގު ފުރެއްދުމަށްޓަކައި އަފްޣާނިސްތާނަށެވެ.
           
ދެވަނަ މިސާލެއްގެ ގޮތުން ސިއެރާލިޔޯން ނަގަމާ ހިންގަވާށެވެ. ސިއަރާލިޔޯންގެ ހުރިހާ ޕްރައިމަރީ ސްކޫލްތަކެއް ހުންނަނީ މިޝަނަރީންގެ ބާރުގެ ދަށުގައެވެ. މިޝަނަރީން އެތަންތާނގައި ކުޅޭ ކުޅިވަރުގެ ވާހަކަ ރަނގަޅީ ކުރުކޮށްލުމެވެ.
          
އިސްލާމީ ޤައުމުތަކަށް ގޮށްފުޅަނގި އައިންތަކެއްގެ މިސާލުގައި އަރައަރައިގެން އައިސް ރެއެއް ދުވާލެއް ނެތި އިސްލާމީ  މޫތައް ބަލިކުރަމުންގެންދާ މަކަރުވެރި މިޝަނަރީންގެ ކެހިވެރިމަސައްކަތުގެ ވާހަކަ އަޅުގަނޑު އެވަނީ ބަޔާންކޮށްފައެވެ. އަޅުގަނޑުމެންގެ ދިވެހިރާއްޖެއަށް ވެސް މިޝަނަރީންގެ ނުރައްކާތެރިކަން ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. އެބައިމީހުންގެ މުރުތައްދު ކުރުވުމުގެ ހަރަކާތްތައް ހުއްޓުވޭނީ ކިހިނަކުންތޯއެވެ؟ މިކަމާމެދު ފިކުރުކުރެއްވުމަކީ މުސްލިމު ޢިލްމުވެރީންގެ ކަމެކެވެ. އިސްލާމީ ޖަމާއަތްތަކާއި ޖަމްއިއްޔާތަކާއި ޕާޓީތަކުގެ ކަމެކެވެ. ތިމާމެންގެ މަސްއޫލިއްޔަތު އަދާކުރާނެ ގޮތަކާމެދު ވިސްނުމަކީ އިސްލާމީ ޒައީމުންގެ ވާޖިބެކެވެ.

(ނިމުނީ)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ