އަދުގެ ޚާއްސަ

Print

ދީނުގައި ޙައްދު ފަހަނައަޅާ ދިއުން (3)

ޝާޢިއުކުރީ އިބްރާހީމް އަޙްމަދު . ހިމެނޭބަޔަކީ ފިޤުހު



ހައްދު ފަހަނަޅާ ދިއުމާއި ހަރުކަށިވާން ނުޖެހޭ ތަންތާގައި އެކަން އެގޮތަށް ކުރުން
އިބްރާހީމް އަޙްމަދު

ހަރުކަށިވެ ހައްދުފަހަނައަޅާ ދާންޖެހޭ ފަދަ ވަގުތާއި ދަޑިވަޅުތަކާއި ޚިލާފުކޮށް އެކަން ވެގެންދިޔުމަކީ ކޮށްގެންވާނެ ކަމެއްނޫނެވެ. މިސާލަކަށް އިސްލާމީ ދައުލަތެއްގެ ތެރޭގައި އިސްލާމް ދީނަށް އަލަށް ވަން މީހެއް ނުވަތަ އަލަށް ތައުބާވި މީހެއް، ނޫންނަމަ އިސްލާމީ ދައުލަތެއް ނޫން ތަނެއްގައި އަލަށް އިސްލާމްވި މީހެއް ނުވަތަ ތިމާގެ އަމިއްލަ ޤައުމުނުވަތަ ރަށްނޫން އެހެން ތަނެއްގައި އަލަށް އިސްލާމްވި މީހެއް  މިފަދަ މީހުންނާއި މެދު ފަރުޢީ މައްސަލަތަކުގައި ލުއިފަސޭހަ ކޮށްދިނުން އެދެވިގެން ވެއެވެ. އަދި ހަމަ އެފަދައިން ޢިލްމުވެރިންގެ މެދުގައި އިޚްތިލާފު ހުރި މައްސަލަތަކުގައިވެސް ލުއިފަސޭހަ ގޮތަށް ޢަމަލު ކުރުން މުހިންމެވެ. އަދި އެންމެ ފުރަތަމަ މިފަދަ މީހުންގެ ޢަޤީދާ އިޞްލާޙު ކުރުން މުހިންމެވެ. އަދި އެކަންކަން ކާމިޔާބުވެ އެކަމާމެދު ހިތްހަމަޖެހުމުން އިސްލާމްދީނުގެ ރުކުންތައް ދަސްކޮށްދީ އެކަންކަން އަންގައިދޭނީ އެވެ. ދެން އެއަށްފަހު އީމާންކަމުގެ ބައިތަކަށް ވަންނާނީއެވެ.


 ދެން އިޙްސާންތެރިކަމުގެ ބައިތަކަށް ވަންނާނީއެވެ. މިހެންވެ ސަލާމާއި ޞަލަވާތްލެއްވި ﷲގެ ރަސޫލާ މުޢާޛު ބުނު ޖަބަލަށް ދެންނެވިއެވެ. قال رسول الله صلى الله عليه وسلم لمعاذ بن جبل  لما أرسله إلى اليمن " إنك تأتي قوما من أهل الكتاب فادعهم إلى شهادة أن لا اله إلا الله وأني رسول الله ، فإن أطا عوا لذلك،  فأ علمهم أن الله افترض عليهم خمس صلوات في كل يوم وليلة ، فإن هم أطا عوا لذلك ، فأ علمهم أن الله افترض عليهم صدقة تؤخذ من أغنيا ئهم فترد في فقرا ئهم )رواه البخاري މާނައަކީ: ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ މުޢާޛު ބުނު ޖަބަލު ޔަމަނު ކަރައަށް ފޮނުއްވަމުން ޙަދީޘް ކުރެއްވިއެވެ.ހަމަކަށަވަރުން ކަލޭގެފާނު  މިފޮނުއްވަނީ ފޮތުގެ އަހުލުވެރިންގެ ބަޔެއްގެ ގާތަށެވެ.  ފަހެ ކަލޭގެފާނު އެބައިމީހުންނަށް ﷲގެ އެއްކައުވަންތަކަމަށް ހެކިވުމަށް ( ޝަހާދަތް ކިޔުމަށް)  ގޮވާލައްވާށެވެ. ދެން އެއަށްފަހު ތިމަންކަލޭގެފާނަކީ ﷲގެ ރަސޫލާކަމަށް އީމާންވުމަށް ގޮވާލައްވާށެވެ! އެކަންވެސް ޤަބޫލުކޮށްފިނަމަ ދެން އެބައިމީހުންނަށް ﷲ ކޮންމެ ދުވަހަކު ފަރުޟު ފަސްނަމާދު ފަރުޟު ކުރެއްވިކަން އުގަންނައި ދެއްވާށެވެ. އެބައިމީހުން އެކަންވެސް ޤަބޫލުކޮށްފިނަމަ ﷲ މުއްސަނދިންގެ މުދަލުން ފަޤީރުންނަށް ދޭންޖެހޭ ޒަކާތް ވާކަން އުގަންނައި ދެއްވާށެވެ!"

އާދެ! މިތާގައި މިވަނީ ދަޢުވަތު ފެށުމުގައި އަދި ކުރިޔަށް ދިއުމުގައި ގެންގުޅެންވީ ފިޔަވަޅުތަކެއް ބަޔާން ކުރައްވާފައެވެ. ފުރަތަމަ އަސާސުން ފަށަން އަންގަވާފައެވެ. އެއީ ޝަހާދަތެވެ. ދެން އެއަށްފަހު  އެޔަށް އިޖާބަދީފިނަމަ ދެން ދެވަނަ ރުކުނަށް ދިއުމަށެވެ. އެއީ ނަމާދެވެ. އަދި އެޔަށް އިޖާބަ ދީފިނަމަ ތިންވަނަ ރުކުނެވެ. އެއީ ޒަކާތެވެ. ދެން މިއުޞޫލުން ކުރިޔަށް ދިއުމަށެވެ.

ކަންކަން މިއުޞޫލުން އޮތްނަމަވެސް ހުޅަނގުގެ ބައެއް ޤައުމުތަކުގައްޔާއި އިސްލާމީ ބައެއް ޤައުމުތަކުގައި އުޅޭ ބައެއް މުސްލިމު ޒުވާނުން އިންކާރު ކުރަމުންދަނީ އެބައިމީހުންގެ އަޚް މުސްލިމުން ހުދުޖުއްބާ ނުލައި ފަޓްލޫނުލާ އުޅޭތީއެވެ. ބިންމަތީގައި އިށީދެގެން ތިބެ ކައިބޮއި ހެދުމުގެ ބަދަލުގައި މޭޒުމަތީގައި ސުފުރާ ހަދައިގެން ކައިބޮއި އުޅޭތީއެވެ. ނުވަތަ ވަކި ކުލައަކުން ވަކި ބައްޓަމަކަށް ފަހާފައި ހުންނަ ސަލްވާރުފަދަ ހުދު ހެދުން ނުލާ ގަމީސްލާފައި ޓައީ އަޅައިގެން އުޅޭތީއެވެ.  ޙަޤީޤަތުގައި މިބައިމީހުންނަށް މުހިންމީ  މީސްތަކުންނަށް ތައުޙީދުގެ މަގަށް ގޮވާލުމެވެ. އަދި އާޚިރަތް ހަދާންކޮށްދިނުމެވެ. އަދި ދީނުގެ ރިވެތި އުޞޫލުތަކާއި އަގުތައް ދަސްކޮށްދިނުމެވެ.

4- ހަރުކަށިކަމާއި ގަދަބަދަވިކަން ދެއްކުން : ހައްދުފަހަނައަޅާ ދިއުމުގެ މަޡްހަރުތަކުގެ ތެރޭގައި މީސްތަކުންނާއި މުޢާމަލާތު ކުރުމުގައި ހަރުކަށިކަމާއި ގަދަ ބާރު ދެއްކުމާއި ތިމާގެ ވާހަކަ ދެއްކުމުގެ އުސްލޫބުގައިވެސް ހަރުކަށި ގޮތް އެކުލެވުމާއި ދީނަށް ދަޢުވަތު ދިނުމުގައިވެސް ﷲގެ އަމުރުފުޅާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަމުރުފުޅާއި  ތަޢާރުޟުވާ ފަދަ ހަރުކަށި ގޮތްތަކެއް ގެންގުޅުން ހިމެނެއެވެ. ދީނަށް ގޮވާލުމުގައި ޢަމަލު ކުރަންވީ ގޮތް އަންގަވާ ދެއްވައި ﷲ ވަޙީ ކުރެއްވިއެވެ. أُدْعُ إِلَى سَبِيْلِ رَبِّكَ بِا لْحِكْمَةِ وَالْمَوْعِظَةِ الْحَسَنَةِ وَجَادِلْهُمْ بِالَّتِيْ هِيَ أَحْسَنُ ( النحل 125) މާނައަކީ : "ކެތްތެރިކަމާއި އަދި ރީތި ވަޢުޡުން ކަލޭގެފާނު ހައްދަވާ ބޮޑުކުރެއްވި ކަލާނގެ މަގަށް (ދީނަށް) ކަލޭގެފާނު ގޮވާލައްވާށެވެ! އަދި ރީތިމަގުން އެބައިމީހުންނާއި ކަލޭގެފާނު ވާހަކަ ދައްކަވައި ހެކިދައްކަވައި އުޅުއްވާށެވެ! " އަދި ހަމަ އެފަދައިން ކީރިތި ޤުރްއާނުގައި އަޅުގަނޑުމެންގެ ލޮބުވެތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމަ ސިފަކުރައްވައި ކީރިތި ޤުރްއާނުގައި ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގައި ވެއެވެ. لَقَدْ جَاءَكُمْ رَسُوْلٌ مِنْ أَنْفُسِكُمْ عَزِيْزٌ عَلَيْهِ مَا عَنِتُّمْ حَرِيْصٌ  عَلَيْكُمْ بِا لْمُؤْمِنِيْنَ رَءُوْفٌ رَّحِيْم (التوبة 128)  މާނައަކީ "ހަމަކަށަވަރުން ހަމަ ތިޔަބައިމީހުންގެ ތެރެއިންވާ ރަސޫލަކޫ ތިޔަބައިމީހުންގެ ގާތަށް ވަޑައިގެންފިއެވެ. ތިޔަބައިމީހުންނަށް ދަތިވެއްޖެ ކަމެއް އެކަލޭގެފާނަށް ކީރިތިވެ ބޮޑުވެގެންވެއެވެ. ( އެކަލޭގެފާނީ ) ތިޔަބައިމީހުންނަށް ތެދުމަގު ލިބި ސަލާމަތްވުމުގެ މައްޗަށް ދަހިވެތިވެ ވަޑައިގެންވާ ބޭކަލެކެވެ. މުއުމިނުންނަށް އޯގާވެރި ރަޙްމުހުރި ބޭކަލެކެވެ." އަދިވެސް ﷲ ތަޢާލާ ވަޙީ ކުރައްވާފައި ވެއެވެ. فَبِمَا رَحْمَةٍ مِّنَ اللهِ لِنْتَ لَهُمْ وَلَوْ كُنْتَ فَظًّا غَلِيْظَ الْقَلْبِ لاَنْفَضُّوْا مِنْ حَوْلِكَ  ( آل عمران159) މާނައަކީ : އެބައިމީހުންނަށް ކަލޭގެފާނު އޯގާތެރިވެ ވަޑައިގަތީ  މާތްﷲގެ ޙަޟްރަތުން ލެއްވި ރަޙްމަތެއްގެ ސަބަބުންނެވެ. ހިތްޕުޅު ހަރުކަށި  ޚުލްޤުފުޅު ނުބައި ބޭކަލަކު ކަމުގައި ކަލޭގެފާނު ވިނަމަ ކަލޭގެފާނުގެ އަރިހުން އެބައިމީހުން ވަކިވެ  ހިގައްޖައީހެވެ. " އާދެ! މިކަން ކަމުން އެގި ހާމަވެގެންދާ ކަންތައްތަކަކީ އިސްލާމްދީނަށް ދަޢުވަތު ދިނުމުގައި  ޢިލްމުވެރިކަމާއި ޙިލްމުވެރިކަމާއި އޯގާތެރިކަމާއި ރަޙްމުހުރުން އެއީ ލާޒިމު ކަމެއްކަމުގައެވެ. އެހެންކަމަށްވާނަމަ ހަރުކަށިކަމަށް ގަދަ ބަދަވިކަން ދެއްކުމަށް އެއްވެސް ޖާގައެއް އެދާއިރާގައި ނެތްކަމެވެ. މިހެންވެ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައި ވެއެވެ. (إِنَّ اللهَ رَفِيْقٌ يُحِبُّ الرِّفْقَ فِى الْأَمرِ كُلِّه )رواه البخاري  މާނައަކީ : " ހަމަކަށަވަރުން ﷲ ތަޢާލާ ލޯބިވެ ވޮޑިގެންވަނީ ހުރިހާކަމެއްގައިވެސް އޯގާތެރިކަމާއި މަޑުމައިތިރިކަން އެކުލެވިފައި ވުމަށެވެ." އިހުގެ މުސްކުޅި ބަހެއްގެ މާނައިގައި ވެއެވެ."  ހެއުކަންތަކަށް އަމުރުކުރާ މީހެއްނަމަ އޭނާގެ ޢަމަލުތައްވެސް އެފަދަ ހެއުކަންކަމުގެ މަތީގައި ހުންނަން ޖެހޭނެއެވެ."  އަދިވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (إِنَّ الرِّْفْقَ لاَ يَكُوْنَ في شيئٍ إلازانه وَلاَ ينزع من شيئٍ إلا شانه ) رواه مسلم  މާނައީ: " ކަމެއްގައި އޯގާތެރިކަން އެކުލެވިފައިވާނަމަ އެއީ އެކަމަކަށް ޒީނަތްތެރިކަން ފިޔަވައި އިތުރުކަމެއް ގެނެސްދޭ ކަމެއްނޫނެވެ. އަދި ކަމެއްގައި އޯގާތެރިކަން ނެތިގެން ހިގައްޖެނަމަ އެކަމެއްގެ ދަރަޖަ (ޝާން) ގެއްލިގެން ދެއެވެ." އެހެންވީމާ  އިންސާނާގެ ވިސްނުމުގައި އޯގާތެރިކަން އެކުލެވި އެވިސްނުމުން ހިތައް އެކަން ގެންދިޔުމުގެ ސަބަބުން ޢަމަލުތަކުގައިވެސް އޯގާތެރިކަމާއި މަޑުމޮޅިކަމާއި ރަޙްމު އުފެދެން ލާޒިމެވެ.

އެހެންނަމަވެސް ހިތާމައާއެކު ދަންނަވަން ޖެހެނީ އިސްލާމީ ޙަރަކާތުގައި ބައިވެރިވާ ބައެއްޒުވާނުން މީސްތަކުންނާއި ވާހަކަދެއްކުމާއި މުޢާމަލާ ކުރުމުގައި ހަރުކަށި ގޮތްތައް ބޭނުންކުރާ ވާހަކައެވެ. މިކަމުގައި ބޮޑުމީހެއް ކުޑަކުއްޖެއް ވިޔަސް ތަފާތު ކުރުމެއް ނުގެންގުޅެއެވެ. އަދި ޚާއްޞަ ޙުރުމަތެއް ބަހައްޓަން ޖެހޭ ފަރާތެއް ކަމުގައި ވިޔަސްއެވެ. މިސާލަކަށް މައިން ބަފައިން  އަދި ތިމާ މާތްކޮށް ހިތައި ޤަދަރު ކުރަންޖެހޭ ފަރާތެއް ކަމުގައި ވިޔަސްނުވަތަ ނުވިޔަސްއެވެ. މިސާލަކަށް ޢިލްމުވެރިންނާއި ފަޤީހުންނާއި މުދައްރިސުންނާއި މުރައްބީންނާއި  އެނޫންފަރާތްތަކާ ދެމެދުގައެވ.  ނުވަތަ ޢުޛުރުވެރިންނާއި  ޢުޛުރުވެރިން ނޫން މީހުންނާއި މުޢާމަލާ ކުރުމުގައެވެ.އަދި ޤަޞްދުގައި އިސްލާމްދީނަށް ނަފްރަތު ކުރާމީހުންނާއި އެނޫން މީހުންނާއި މެދުގައެވެ.
5- މީސްތަކުންނާއި މެދުގައި ކުށްހީކުރުން : ހައްދުފަހަނައަޅާ ދިއުމުގެ މަޘްހަރުތަކުގެ ތެރެއިން ތިމާނޫން އެހެންމީހުންނާ މެދުގައި ކުށް ހީކުރުން ފާހަގަ ކުރަމެވެ. ހަރުކަށިވުމުގެ އަޞްލަކީ ތުހުމަތުވުމެވެ. އަދި ތުހުމަތުވުމުގެ އަޞްލަކީ ޝަރީޢަތާއި ޚިލާފަށް ކުށްވެރިވެ ފާފަވެރިވުމެވެ. އިސްލާމީ ޝަރީޢަތުގެ އުޞޫލަކީ " ތުހުމަތު ކުރެވޭ މީހާގެ މައްޗަށް ޝަރީޢަތުން ކުށެއް ސާބިތު ނުވާނަމަ އޭނާއަކީ ކުށްތަކުން ބަރީއަ ވެފައިވާ މީހެކެވެ."  
އެހެންނަމަވެސް އަޅުގަނޑުމެންނަށް ފެންނަނީ  ދީނީ ކަންކަމުގައި ހަރުކަށި ފަރާތްތަކުން މީސްތަކުންނާއި މެދުގައި ކުށް ހީކޮށް  ތުހުމަތުކޮށް  ހެދުމާއިއެކު އެފަދަ ކަންކަމުގައި އެބައިމީހުން ދައްކާ ޢުޛުރު ޤަބޫލު ނުކުރުމެވެ.  އަދި އޭގެ އިތުރަށް  ޢައިބުތައް ފަތުރައި ކުށެއް ކުރެވޭ މީހާގެ އެކުށަކީ ފާފައަކަށް ހަދައި  އެފާފައަކީ ކާފަރުވުން ކަމަށް ކަނޑައެޅުމެވެ.  އަދި ކަމެއްގައި ދެގޮތަކުން ކުރެ ގޮތެއް ޚިޔާރު ކުރުމުގެ ފުރުޞަތު ﷲ އިންސާނާއަށް ދެއްވާފައި ވާނަމަ އަބަދުވެސް ހެއުކަމުގެ މައްޗަށް ނުބައިކަން އިސްކުރެއެވެ.  އެހެންކަމުން މިފަދަ ކަމަކާ ޚިލާފުވެއްޖެނަމަ އެހީމަކީ ދީނުގައި އުރެދިފައިވާ މީހެއް ކަމުގައި ބަލައެވެ. އަދި ފަހަރެއްގައި ސުންނަތަކާއި ޚިލާފުވެއްޖެނަމަ  މިސާލަކަށް އަސާގެންގުޅުން ނުވަތަ ބިމުގައި އިށީދެގެން އިދެ ކެއުން ފަދަ ކަމެއް ނުކޮށް ދޫކޮށްލައިފިނަމަ އެފަދަ ފަރާތަކާމެދު މިފަދަ މީހުން ދެކެނީ އެމީހަކީ ސުންނަތަށް އިޙްތިރާމު ނުކުރާ މީހެއް ކަމުގައެވެ. ނުވަތަ ﷲގެ ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމައަށް ލޯބިނުކުރާ މީހެއް ކަމުގައި ކަމުގައެވެ.  އަދި މިކުށް ހީކުރުން މިދަރަޖައަކުން ނިންމައެއް ނުލާނެއެވެ. އެގޮތުން ޚާއްޞަ އަދި އެއަށްވުރެ ޚާއްޞަ ކަންތަކަށް ބަލައެވެ.  މިސާލަކަށް ފިޤުހު ޢިލްމުވެރިއަކު ( ފަޤީހަކު) ގެ ފަތުވާއަކީ ﷲގެ ޚަލްޤުތަކުންނަށް ކަމެއްގައި ދެއްވާފައިވާ ލުއިފަސޭހަކަމާއި އެމީހުންގެ އުދަގުލުން ސަލާމަތް ކުރެއްވުމަށް ﷲ އިރާދަ ކުރައްވާ މިންވަރު ކުރައްވާފައިވާ ލުއިފަސޭހަ ގޮތް އެތަނެއްގެ ބަޔަކަށް އަންގައި ދީފިނަމަ އެފަދަ ބަޔު މިބަޔަކާމެދު  ދެކޭނީ އެމީހަކީ ދީނަށް ފަރުވާކުޑަ ކުރާ މީހެއް ކަމުގައެވެ.  އެންމެ ފަހުން މިތުހުމަތު މިޙައްދުންވެސް ހުއްޓާނުލެވިގެން  މަރުވެފައިވާ މައްޔިތުންނަށް އެބަ މިފަދަ ތުހުމަތު އަޅުވައެވެ.  މިދެންނެވި މީހުންނަކީ އެބައިމީހުންގެ އަމިއްލަ ނަފްސުގެ ދިފާޢުގައި އެއްޗެއް ނުކިޔޭނެތީއެވެ. މިސާލަކަށް މަޒްހަބުތަކުގެ އިމާމުން  މިފަދަ މީހުންނަކީ އުއްމަތުގެ މީހުންގެ ގާތުގައި މާތްކަމާއި މަތިވެރިކަމުގެ ދަރަޖަ  ލިބިފައިވާ ބަޔަކަށްވީއިރު މިފަދަ ކުށްހީކުރާ މީހުންގެ ނުބައި ހީތަކުން ސަލާމަތެއް ނުވެއެވެ.

މުސްލިމުން ކާފަރުކުރާ މިބައިމީހުންނަކީ އެބައިމީހުންގެ ނަފްސު ޠާހިރުކަން ބަޔާންކުރާ ފަރާތެކެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ( فَلاَ تُزَكُّوْا أَنْفُسَكُمْ هُوَ أَعْلَمُ بِمَنِ اتَّقَى ) ( النجم-32) މާނައަކީ : "ފަހެ ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށް މަދަހަ ނުކިޔާށެވެ! ތަޤްވާވެރިވާ މީހުން ﷲ ދެނެވޮޑިގެން ވެއެވެ." އެބައިމީހުންގެ ހިތުތެރޭގައި އަށަގެންފައިވާ މީސްތަކުންނާމެދު ނުބައިކޮށް ހީކުރުމަށް ބަލާއިރު އެއީ ބޮޑު މުޞީބާތެކެވެ. ސަބަބަކީ އެފަދަ ކަންކަމާމެދު ކީރިތި ޤުރްއާނަށާ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތަށް އެބުރި ރުޖޫޢަވެއްޖެނަމަ ފެނިގެންދަނީ މުސްލިމުންގެ ހިތްތަކުގައި އެހެނިހެން މުސްލިމުންނާމެދު އޮންނަން ޖެހޭނީ ރަގަޅު ހީކުރުމެއް ކަމުގައެވެ. އެފަދަ ޙާލަތުގައި  ޢައިބެއް ފެނިއްޖެނަމަ އެ ޢައިބު ފޮރުވުމެވެ. އެއީ ދުނިޔެއާއި އާޚިރަތުގައި އެކަމެއް ﷲ ތަޢާލާ ސިއްރު ކުރައްވައި ދެއްވުމަށެވެ. އަދި މީހެއްގެ ފަރާތުން ހެއު ކަމެއް ފެނިއްޖެ ނަމަ އެކަމެއްފާޅުކޮށް ފެތުރުމަށެވެ. ﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅެއްގައި ވެއެވެ. (يَايُّهَا الَّذِيْنَ ءَِا مَنُو اجْتَنِبُوْا كَثِيْرًا مِنَ الظَّنِّ  إِنَّ بَعْضَ الظَّنِّ إِثْمٌ ) (الحجرات 12) މާނައަކީ:  " އޭ އީމާންވި މީސްތަކުންނޭވެ! ތިޔަބައިމީހުން ގިނަ ހީތަކާއި ދުރުވެގަންނާށެވެ! ހަމަކަށަވަރުން ބައެއްހީއަކީ ފާފައެކެވެ."  ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައި ވެއެވެ. (إِيَّاكُمْ وَالظَّنِّ فَإِنَّ الظَّنَّ أَكْذَبُ الْحَدِيْث )رواه البخاري މާނައަކީ: " ތިޔަބައިމީހުން ހީތަކާ ދުރުހެލިވާށެވެ! ފަހެ ހަމަކަށަވަރުން ހީއަކީ ވާހަކަތަކުގެ ތެރެއިން އެންމެ ދޮގުވާހަކައެވެ."  މިކަންކަމުގެ އަޞްލަކީ ބޮޑާކަމާއި ކިބުރުވެރިކަމެވެ. ތިމާ އަނެކާއަށްވުރެ މޮޅުކަން ހާމަކުރުމެވެ.

އަޅުގަނޑުމެންނަށް މިކަމުގެ ނުރައްކާ އަންގައިދެނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޞައްޙަ ޙަދީޘުންނެވެ. (إِذا قَالَ الرَّجْل:هَلَكَ النَّاس، فهُوَ أهلكهم) رواه مسلم  މާނައަކީ: " މީހަކު  މީސްތަކުން ހަލާކުވެއްޖެ ކަމަށް ބުނެފިނަމަ ފަހެ އެބައިމީހުންކުރެ އެންމެ ބޮޑަށް ހަލާކުވެފައިވަނީ އޭނާއެވެ."  މިފަދަ ހަރުކަށި މީހުންނަށް މީސްތަކުންގެ ކިބައިން ކުށެއްނޫނީ ނުފެނެއެވެ.  މީހަކާ ބެހޭގޮތުން ސުވާލުކޮށްފިނަމަ އޭނާ އަބަދުވެސް ޖަވާބުދީ އުޅެނީ އެމީހެއްގެ ހުރި ނުބައިކަމުގެ ވާހަކައިންނެވެ. އޭނާ ކޮށްފައިވާ ހެއުކަންތައްތަކުގެ ވާހަކަ ދެއްކުމުން އެއްކިބާވެއެވެ. ނޫންނަމަ ބައެއް ފަހަރަށް އެކަން ރަގަޅުވެއްޖެނަމަ އޭނާ ކޮށްފައިވާ ރަގަޅުކަންކަމުގެ ތެރެއިން މަދުމިންވަރެއް ބަޔާން ކުރެއެވެ.  މިއީ ޢަދުލުވެރި ބެލުމެއްނޫނެވެ. ﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގައި ވެއެވެ. (يَأَيُّهَا الَّذِيْنَ ءَامَنُوْا كُوْنُوْا قَوَّامِيْنَ بِالْقِسْطِ شُهَدَاءَ لِلَّهِ وَلَوْ عَلَى أَنْفُسِكُمْ أَوِالْوَا لِدَيْنِ وَالْأَقْرَبِيْنَ  إنْ يَكُنْ غَنِيًّا أَوْ فَقِيْرًا فَاللّهُ أَوْلَى بِهِمَا فَلاَ تَتَّبِعُوا الْهَوَى أَنْ تَعْدِلُوْا وَإِنْ تَلْوُاأَوْ تُعْرِضُوْا فَإِنَّ اللَّهَ كَانَ بِمَا تَعْمَلوْنَ خَبِيْرًا) ( النساء 135) މާނައަކީ : " އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންނީ ޢަދުލު ޤާއިމުކޮށް އެކަމުގައި ދެމިތިބޭ އަދި މާތްﷲއަށްޓަކައި ހެކިބަސް އަދާކުރާ ބަޔަކު ކަމުގައި ވާށެވެ! ގާތްތިމާގެ މީހުން ނުވަތަ މައިންބަފައިން ނުވަތަ ތިމާމެންގެ އަމިއްލަނަފްސުތަކުގެ މައްޗަށް ވެހެވެ. އެމީހަކީ (އެމީހަކަށްޓަކައި ހެކިބަސް އަދާކުރެވޭ މީހަކީ ) މުއްސަންޖަކު ކަމުގައި ނުވަތަ ފަޤީރަކު ކަމުގައި ވިޔަސް  ފަހެ ، ފަހެ މާތްﷲ އެދެމީހުންނަށް އައުލާކަން (ގާތްކަން) ބޮޑެވެ. ފަހެ ތިޔަބައިމީހުން ޢަދުލުވެރި ވުމުގައި އަމިއްލަ އެދުމަށް ތަބާނުވާށެވެ. އަދި ތިޔަބައިމީހުން ހެކިބަސް ބަދަލުކުޅަޔަސް ނުވަތަ ހެކިބަސް އަދާކުރުމުން އެއްކިބާވެ ހުރަހެޅިގަތަސް ދަންނާށެވެ! ހަމަކަށަވަރުން ތިޔަބައިމީހުން ޢަމަލުކުރާގޮތުގެ ޚަބަރު ދެނެވޮޑިގެންވާ ކަލަކު ކަމުގައި މާތްﷲ ވެއެވެ."

އާދެ! އެހެންކަމުން މުސްލިމުންގެ މައްޗަށް ވާޖިބުވެފައިވަނީ އެބައިމީހުންނަކީ ޢަދުލުވެރި އިންޞާފުވެރި މީސްތަކުން ޝަރުޢީ މެދުމިނުގެ ހަމައިގެ މަތިން ވަޒަންކުރުމަށެވެ. މީހަކު އޭނާގެ ނުބައިކަމުގެ މައްޗަށް ހެއުކަންތައް ގިނަކޮށް އޭނާގެ މީޒާން އެގޮތަށް ބަރުކޮށްފިނަމަ އެއީ ޞާލިޙް މީހެކެވެ. އެއްވެސް ޙާލެއްގައި ތިމާގެ އަޚްމުސްލިމު ނިކަމެތި ކުރުމެއް ނުވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައި ވެއެވެ. ( قال رسول الله صلى الله عليه وسلم بِحَسبِ امرئ  منَ الشَّر أن يحْقر أخاه المسلم ) رواه مسلم މާނައަކީ:" އިންސާނާ ކުރާ ނުބައިކަންކަމުގެ ތެރޭގައި އޭނާގެ މުސްލިމު އަޚާ ނިކަމެތިކޮށްލުން ހިމެނެއެވެ." ޟަމްޟަމް ބުނު ޖައްވުލްޔަމާނީގެ އަރިހުން އިމާމު އަޙްމަދު ރިވާކުރައްވާފައިވާ ބަސްފުޅެއްގައި ވެއެވެ. " ތިމަންގެ އަރިހުގައި އަބޫހުރައިރާ ވިދާޅުވިއެވެ. އޭ ޔަމާނީއެވެ. މީހަކާ ދިމާއަށް ﷲ ކަލޭގެ ފާފަ ނުފުއްސަވާނެއޭ ނުބުނާ ހުށިކަމެވެ. ނުވަތަ ކަލޭ އެއްގޮތަކަށްވެސް ސުވަރުގެ ނުވަންނަ ހުއްޓެވެ. މިހެން ނުބުނާހުށިކަމެވެ. ތިމަން ދެންނެވީމެވެ. އޭ އަބޫހުރައިރާއެވެ. ތިޔަކަލިމައަކީ އަހަރެމެންގެ މީހަކު އޭނާގެ އަޚާ ނުވަތަ އެކުވެރިޔާ ދެކެ ނުރުހުންވުމުން ބުނާ ބަހެކެވެ. އޭނާ ވިދާޅުވިއެވެ. އެހެން ނުބުނާށެވެ. ފަހެ ހަމަކަށަވަރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ މިފަދައިން ޙަދީޘް ކުރެއްވި އަޑުއެހީމެވެ.  " ބަނީއިސްރާއީލުންގެ ތެރޭގައި އުޅުނު ދެމީހަކުގެ ތެރެއިން އެކަކީ އަޅުކަން ކުރުމުގައި ގަދައަޅާ ހީވާގިވެގެން އުޅޭ މީހެކެވެ. އަނެކަކީ އަމިއްލަނަފްސަށް ކަންކަމުގައި އިސްރާފުކޮށްގެން އުޅުނު މީހެކެވެ.  މިދެމީހުންނަކީ ދެއަޚުންނެވެ. މީގެ ތެރެއިން އަޅުކަމުގައި ހީވާގިވެގެން އުޅޭ މީހާ ދުށްގޮތުގައި އޭނާގެ އަޚާ އެވަނީ ފާފަވެރިވެފައެވެ.  މިހެންވެ އޭނާއަށް އެއަޚާ ފެނިއްޖެނަމަ ނަޞޭޙަތްދީ ހަދާކަމުގައިވިއެވެ. އޭނާ އެޙާލަތުގައި ބުނެއެވެ. ތިމަންނާއާއި ހެއްދެވިފަރާތާ ދެމެދަށް ނުވަންނާށެވެ! ކަލޭ ދުނިޔެއަށް ފޮނުއްވާފައި ތިޔަވަނީ އަހަރެންގެ ޢަމަލުތަކަށް ފާރަވެރިވާ ފަރާތެއްގެ ގޮތުގައި ހެއްޔެވެ؟ ދެން މިކަމާ ރުޅިއައިސްގެން އަޅުކަމުގައި ހީވާގިވެގެން އުޅޭ މީހާ ބުންޏެވެ. ﷲ ކަލެއަށް ފާފައެއް ނުފުއްސަވާނެއެވެ. ކަލޭ އެއްގޮތަކަށްވެސް ސުވަރުގެ ނުވަންނާނެއެވެ.  ފަހެ ﷲ ތަޢާލާ މިދެމީހުންގެ  ގާތަށް މަރުގެ މަލާއިކަތާ ފޮނުއްވައި މަރުހިއްޕެވިއެވެ.އަދި ދުނިޔެމަތީ ފާފަކޮށް އުޅުނު މީހާއަށް ސުވަރުގެ ވަނުމަށްއަންގެވިއެވެ. އަދި އަޅުކަމުގައި ހީވާގިވެގެން އުޅުނު މީހާއަށް އެންގެވީ ތިމަން ﷲއަށް ޚާއްޞަކަންކަން ކަލެއަށް އެނގިހުރެ ކަންކުރިގޮތަށްޓަކައި ނަރަކައަށް ވަންނާށެވެ! " މިއީ ބާޠިލު އިޢުތިޤާދެކެވެ. ﷲގެރަޙްމަތް ތަނަވަސްވެގެންވެއެވެ.

އިދާރާ

ވާހަކަ