އަދުގެ ޚާއްސަ

Print

''ފުޅު'' އާއި ''ކޮޅު''

ޝާޢިއުކުރީ އިބްރާހީމް ޝިހާބު . ހިމެނޭބަޔަކީ މާދަރީބަސް


އަލްއުސްތާޛުލް މަރްޙޫމު އިބްރާހީމް ޝިހާބު

1979ވަނަ އަހަރު ނޮވެމްބަރު މަހުގެ ''ފަތްތޫރަ'' ގައި އަޅުގަނޑުގެ އެކުވެރި އަލްފާޟިލް ޢަލީ އަޙަމަދު ލިޔުއްވާފައިވާ މަޟްމޫނަކީ، ވަރަށް މުހިންމު މައުޟޫޢަކަށް ލިޔުއްވާފައިވާ ވާހަކަ ތަކެކެވެ. އެއީ، ''ކޮޅު'' މުޅީން ނައްތާލައި ''ފުޅު'' މަދުކުރުމުގެ ވާހަކަ އެވެ.

އެ މަޟުމޫނުގައި އަޅުގަނޑު އެއްބަސްވާ ކަންތައްތަކަކާއި، ޚިޔާލު ތަފާތުވާ ކަންތައްތަކެއް އެބަހުއްޓެވެ. އެންމެ ފުރަތަމަ ފުޅާއި ކޮޅު ރާއްޖޭގެ ބަހުގައި ފެށިފައިވަނީ ހަމައެކަނި، ނަސްލީ އިމްތިޔާޒެއްގެ ގޮތުންކަމަކަށް އަޅުގަނޑަކަށް އަދި ގަބޫލެއް ނުކުރެވެ އެވެ. އެކަން ފެށުނީ އެގޮތުންކަމުގައި ދިވެހިބަހުގެ ތާރީޚުން ހެކި ލިބޭތޯ އަޅުގަނޑުވެސް އެބަ މަސައްކަތް ކުރަމެވެ. ވީމާ އެ ގޮތް ޘާބިތުވާ ދުވަހަކުން އަލްފާޟިލް ޢަލީ އަޙްމަދުގެ އެވާހަކައަށް އަޅުގަނޑު ތާއީދު ނުކުރާކަށް ނެތީމެވެ. މިހެން މި ދެންނެވީ ދިވެހި ރާއްޖޭގައި، ޠަބަޤާތުގެ ތަފާތު (ޢަމުދުން އިހުޒަމާނުގައި) އެ ދަރަޖައަށް ނެތް ނަމަވެސް ރާއްޖޭގެ ވެރިކަމުގެ ބާރު ވަރަށް ގިނަ ފަހަރަށް، މާލޭގެ ކޮއިލުތެރެއަށް ފޯރާފައިވަނީ ރާއްޖެތެރޭންކަން ހަނދާކުރުމާއި އެކުގަ އެވެ.

އަދި ބަސް މޮށެ އުޅުމުގައި ތަފާތު ދަރަޖަތަކެއް ގެންގުޅެނީ ހަމަ އެކަނި ދިވެހީން ނޫންކަން ވެސް ހަނދާން ކުރުމާއި އެކުގަ އެވެ. ވަރަށް ގިނަ އެ ފަދަ ކަންތަކުގައި ދިވެހިން ކުރިއަރައިގެން، ދިޔަ ފަދައިން މި ކަމުގައި ވެސް ކައިރީގެ ޤައުމުތަކަށްވުރެ އެއްފިޔަ ވަޅު ކުރިޔަށް ޖެހިލީ ނޫން ބާވަ އެވެ؟ އާދެހެވެ! އަޅުގަނޑު މުޅީން އެއްބަހެވެ. ކޮޅުތަކާއި ފުޅުތައް މިހާރު ގޮސްފައި މިވާ ދަރަޖައަށް، ގޮސްފައިމިވަނީ އެކަމަށް ޤަވާޢިދެއް އޮވެ އެ ޤަވާޢިދުން ވެސް ނެއްޓިގެންނެވެ.

ދެވަނަ ނުކުތާއަކީ އަލްފާޟިލް ޢަލީ އަޙްމަދު ލިޔުއްވާފައިވެ އެވެ. ''ދިވެހި ރާއްޖޭގައި އެއްޗެތި މޮޅުކުރުމުގެ ގޮތުން، ފުޅު، ކޮޅު، އުފައްދާފައިވަނީ ރާއްޖޭގެ ޝާހީ ވެރިކަން އުފެދުމާއި ގުޅިގެންނެންވެ.'' މި ބަހާމެދުގައި އޮތީ ތާރީޚި ސުވާލެކެވެ. އެއީ ދިވެހި ރާއްޖޭގައި، (ދާދި ފަހަކުން އުފެދުނު ދެ ޖުމްހޫރިއްޔާ ފިޔަވައި) ޝާހީ ވެރިކަމެއް ނޫން ވެރިކަމެއް ހިނގިޒަމާނަކީ، ކޮބައިތޯ އަޅުގަނޑު ކުރާ ސުވާލެވެ. އެޒަމާނެއް އަންގައިދެނީ މުއައްރިޚުންކުރެ ކާކުގެ ކޮންލިޔުމަކުންތޯ ސާފުކޮށްދެއްވުން އެދި ކުރާ ސުވާލެވެ. އެވެރިކަމެއްގައި ބަސްމޮށެ އުޅުނީ ކޮން ބާވަތަކަށްތޯ އޮޅުން ފިލުވުމަށް އެދި ކުރާސުވާލެވެ.
އަދި މިހާތަނަށް އަޅުގަނޑުމެން ނަށް ފެނިހުރި ލިޔުންތަކުން އޮޅުމެއްނެތި ދައްކަނީ ރާއްޖޭގެ ތާރީޚުގެ ޚަބަރު އެނގެން ފެށީއްސުރެ ރާއްޖޭގައި އޮތް ވެރިކަމުގެ  ބާވަތަކީ، ޝާހީ ވެރިކަންކަމުގަ އެވެ. ރަސްކަމާއި ރަނިކަންކަމުގަ އެވެ. އެހެންކަމުގައިވާނަމަ ''ފުޅު'' އާއި ''ކޮޅު'' ކިޔަން ފެށިފައި އެވަނީ އަލްފާޟިލް ޢަލީ އަޙްމަދު ލިޔުއްވާފަދައިން ރާއްޖޭގެ ވެރިކަމުގެ ތާރީޚު ފެށުނު ދުވަސްވަރަކާއި އެކުގައެވެ.  މިހެނީ އަލްފާޟިލް ޢަލީ އަޙްމަދު ލިޔުއްވަނީ، ''ފުޅު ކޮޅު އުފައްދާފައިވަނީ ރާއްޖޭގައި ޝާހީވެރިކަން އުފެދުމާއި ގުޅިގެންނެވެ.'' މިހެންނެވެ.

އަޅުގަނޑުގެ މި ވާހަކަކޮޅުގެ މުރާދަކީ، ފުޅު ނުވަތަ ކޮޅު އުފެދިފައިވަނީ ވަކި މިވެނި ދައުރެއްގައި ކަމަށާއި،  އެދައުރަކީ، ދާދި ކުރު މުއްދަތެއްކަމުގައި، އަޅުގަނޑަށް، ޤަބޫލު ނުކުރެވޭ ވާހަކަ ދެންނެވުމެވެ.

ކޮޅުތައް ނައްތާލައި ފުޅުތައް މަދުކުރެއްވުމުގައި ކުއްލި ފިޔަވަޅު އެޅުމުގެ ބަދަލުގައި، ކެތްތެރިކަމާއި، އެކުގައި ޢަމަލު ކުރެއްވުން ރަނގަޅުވާނެ ކަމަށް ވިސްނޭ ވާހަކަ ދެންނެވުމެވެ.

ޒަމާނުއްސުރެ ބައެއް ޚާއްޞަ ފަރާތްފަރާތަށް ދިވެހިންގެ ހިތުގައި ދީފައިވާ އިޙްތިރާމާއި ޤަދަރުގެ ސަބަބުން، ކުއްލިޔަކަށް، އެ ބާވަތުގެ ޢަމަލު ކުރެވޭނެ ކަމަކަށް، އަޅުގަނޑަކަށް ނުފެނެ އެވެ.

މިސާލަކަށް، ސަލާމާއި، ޞަލަވާތްލެއްވި، ރަސޫލުﷲގެފާނުގެ ޒިޔާރަތްފުޅުގެ ކޮށިކޮޅުގެ ވާހަކަ ދައްކާ ތަނެއްގައި، އެ ''ފުޅު'' ނުވަތަ އެ ''ކޮޅު'' ނައްތާލައިފިނަމަ އަޅުގަނޑު ހިތަށް ފެންނަނީ، ޙުރުމަތް ކުޑަ ކުރެވޭ ކަމުގައެވެ. ޚިޔާލަކީ ތަފާތު އެއްޗެކެވެ. ނަމަވެސް ދިވެހި ބަސްމޮށުންތެރިކަން ހުރިގޮތުން، ރަސޫލާގެ ޒިޔާރަތުގެ ކޮށިގަނޑޭ ނުވަތަ ޒިޔާރަތުގެ ކޮށްޓޭ ބުނުމަކީ، އަޅުގަނޑުގާތުގައި ހަމަ ކަމެއް ނޫނެވެ.

އަޅުގަނޑު އެއްބަހެވެ. ''އަތިރީގަނޑުވަރު މެދުގޮމާގެ ތުއްތުމަނިއްޕުޅުގެ ކުކުޅުފުޅު، އެޅި ބިސްފުޅު''ގެ ޒަމާނަށް އަލްވަދާޢު ކިޔަންވީތާ ކިތަންމެ ދުވަހެކެވެ. އެހެނެއް ނޫނެވެ. އުޞޫލެއްގެ ގޮތުން، ސައްޔިދުނާ އަބޫބަކުރުގެފާނުގެ އޮންނަންވާނީ، ޖަމަލުކޮޅެވެ. ސައްޔިދުނާ ޢުމަރުގެފާނުގެ އޮންނަންވާނީ އަސާކޮޅެވެ.
އަލްފާޟިލް ޢަލީ އަޙްމަދުގެ ލިޔުއްވުމުގައިވާ މައުޟޫޢު އަޅުގަނޑަކަށް ނޯޅެއެވެ. އާދޭހެވެ. މާތްމީހުނާއި، މާތް ރީތި ބަހުން ވާހަކަ ދެއްކުމަށް އޭނާވެސް ވަނީ ވަކާލާތު ކުރައްވާފައެވެ. އެވާހަކައާއި އަޅުގަނޑު މުޅީން އެއްބަހެވެ. ފުޅުތަކާއި، ކޮޅުތައް އޭގެ މިންވަރުން ނައްޓައިލައިގެން ހިނގައްޖެކަމުގައިވެސް އެއްބަހެވެ. އެކަމަކު، ފުޅާއި ކޮޅު އުފެދުމުގެ އަސްލަކީ، ނަސްލީ އިމްތިޔާޒުގެ ސަބަބުން ބަޔަކު ކުރިކަމެއްކަމަކަށް، އަޅުގަނޑު އެއްބަހެއް ނުވަމެވެ. އެކަމުގެ ހަރުދަނާ ހެކިތައް ފެނިއްޖައުމަށް ދާންދެނެވެ.

ހަވާލާ: 

އިބްރާހީމް ޝިހާބު(2008).ދިވެހި އަދީބުންގެ ދުވަސްވީ ލިޔުންތައް(12). ނޮވެލްޓީ ޕްރެސް، މާލެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ