އަދުގެ ޚާއްސަ

Print

ފަރުޙާން އަބޫޒައިދު: ޖެނީވާގައި ދިރިހުރި ނަމެއް

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އެނގޭތަ


ޢަބްދުލްމުޢީދު ޙަސަން


ފަރުޙާން އަބޫޒައިދަކީ، އަންދަލުސްގެ އިސްލާމީ ޢިލްމުވެރިއެކެވެ. އަންދަލުސް އަކީ މިހާރުގެ ސްޕެއިން އެވެ. ހުޅަނގުގެ މަޝްހޫރު ޢިލްމުވެރިއެއް ކަމަށްވާ، ޖޭން ޖެކް ރޯސޯއަށް، އިޖުތިމާޢީ ގުޅުމުގެ ނަޒަރިއްޔާ އެނގިވަޑައިގަތީ، އަބޫޒައިދުގެ އަރިހުންނެވެ.

ފަރުޙާން އަބޫޒައިދަކީ، ޢަރަބި މެޑިކަލް ޑަކުޓަރެއްގެ ދަރިއެކެވެ. ބައްޕަ ނިޔާވުމުން، ފަރުޙާނުގެ މަންމަ، އޭނާ ޖެނީވާއަށް ފޮނުވިއެވެ. ޖެނީވާގައި، އޭނާއާ ބައްދަލުވުމުގެ ފުރުޞަތު ޖޭންޖެކް ރޯސޯ އަށް ލިބިލެއްވިއެވެ. މިހެނީ، އޭނާ ދިރިއުޅުއްވި ގޭގައި އޭނާ ބާއްވަވަމުން ގެންދެވި ޢިލްމީ މަޖިލިހަށް ހާޒިރުވެލައްވާ ޖަލީސެއް ކަމުގައި، ޖޭން ޖެކް ރޯސޯ ވިއެވެ.

އަބޫޒައިދު ދިރިއުޅުއްވި ގެ، އެ ޒަމާނުގައި ހުރީ ޖެނީވާގެ އެއްފަރާތެއްގައެވެ. ނަމަވެސް، ޢުމްރާނީ ފެތުރުން ފުޅާވެގެން ދިއުމުގެ ސަބަބުން މިހާރު އެ ގެ ވަނީ، މިހާރުގެ ޖެނީވާގެ މެދުތެރޭގައި ހިމެނިފައެވެ. އެންސައިކްލޮޕީޑިއާއެއް ފަދަ މި ޢިލްމުވެރިއާ އަށް، ޖެނީވާއިންވަނީ ކަމޭހިތާފައެވެ. މިހެނީ، އޭނާ ދިރިއުޅުއްވި ގެ ހުރި މަގަށް ވަނީ، އޭނާގެ ނަމުން ނަންދީފައެވެ. އަދި އެމަގުގެ ނަން ބޯޑާ ދިމާއަށް ހުރި ކުޑަދޮރު ވަނީ، އޭނާއަށް ކަމޭހިތުމުގެ ގޮތުން، އަންދަލުސްގެ އިސްލާމިކް އާކިޓެކްޗަރގެ ފަރުމާއަކާ އެއްގޮތަށް ހަދާފައެވެ.

މަގުގެ ނަމުގެ ތިރީގައި ލިޔެފައިވާ ޢިބާރާތުގެ މާނައަކީ، "1670-1767، ޖެނީވާގެ ޢިލްމުވެރިއެއް" މިއެވެ. އަދި މަގުގެ ނަންބޯޑުގައި ފަރުޙާން އަބޫ ޒައިދުގެ ނަން ލިޔެފައިވަނީ، ޖެނީވާގެ މީހުން ކިޔައިއުޅުނު ގޮތަށްކަން ފާހަގަކޮށްލެވެއެވެ. މިއިން އެނގޭ އެއްޗަކީ، ޖެނީވާގެ ރައްޔިތުން، އަބޫޒައިދަށް ކަމޭހިތާފައިވާ މިންވަރުގެ ބޮޑުކަމެވެ. އަދި އޭނާގެ ޢިލްމުވެރިކަމަށް އެމީހުން ދިފައިވާ ދަރަޖައިގެ މަތިވެރިކަމެވެ.

ފަރުޙާން އަބޫ ޒައިދު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ، 11 ނޮވެމްބަރ 1670 ގައެވެ. ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ 1767 ގައެވެ. އޭނާގެ ޢިލްމުވެރިކަމުގެ ދާއިރާ ފުޅާވެފައި ތަނަވަސްކަން ބޮޑެވެ. އޭނާ ދެނެވަޑައިގަންނަވާ ޢިލްމުތަކުގެ ތެރޭގައި، ބަހާއި ތާރީޚާއި ފިޒިކްސް އާއި ކެމިސްޓްރީއާއި މެތެމެޓިކްސް އާއި ޖޯގްރަފީ ހިމެނެއެވެ. އަދި އޭގެ އިތުރުން ފަލަކީ ޢިލްމާއި އާސާރީ ޢިލްމާއި ލާހޫތީ ޢިލްމުގައި ވެސް އޭނާއަކީ ވަރަށް ފުންނާބު އުސް ޢިލްމުވެރިއެކެވެ. އެހެންކަމުން، އިނގިރޭސި ވިލާތުގެ ރަސްގެފާނު އޭނާއަށް ބޭނުންފުޅުވެ ވަޑައިގެންނެވިއެވެ. ނަމަވެސް ރަސްގެފާނުގެ އަރިހުގައި އުޅުއްވުމަށް އޭނާ އުޒުރުވެރިވެވަޑައިގަތެވެ. މިހެނީ، އޭނާ ބޭނުންފުޅުވީ، ޢިލްމީ ހޯއްދެވުންތައް ހޯއްދެވުމާއި ދިރާސާތައް ކުރެއްވުމުގެ މައިދާނުގައި ދެމިހުންނެވުމަށެވެ. ދެން، ޖެނީވާގެ ޔުނިވަރސިޓީ އިން، އެތަނުގެ އުސްތާޒެއްގެ މަޤާމު އޭނާއަށް ދިނެވެ. ނަމަވެސް އެމަޤާމުވެސް އޭނާ ބޭނުންފުޅެއް ނުވިއެވެ. ދެން އަނެއްކާވެސް އެ ޔުނިވަރސިޓީ އިން، އެތަނުގެ ލައިބްރަރީގެ މުޝްރިފުކަމުގެ މަޤާމު އޭނާއަށް ދިނެވެ. ދެން އެ މަޤާމު އޭނާ ޤަބޫލުފުޅު ކުރެއްވިއެވެ. އެ މަޤާމުގައި ހުންނެވުމުން، ނުހަނު ގިނަގުނަ ޢިލްމީ ފޮތްތައް ބެއްލެވުމުގެ ފުރުޞަތު ލިބިވަޑައިގަންނަވާނެތީއެވެ.

ފަރުޙާން އަބޫ ޒައިދާއި ޖޭންޖެކް ރޯސޯ އާއި އިސްޙާޤު ނިއުޓަން އާ މި ތިންބޭފުޅުންނަކީ ތިން މިތުރުން ކަމުގައިވިއެވެ. މި ތިންބޭފުޅުންގެ މެދުގައި ބަދަލުކުރެވިފައިވާ ސިޓީތަކުން މިކަން އެނގެއެވެ. މީގެ އިތުރުން، އެޒަމާނުގައި އުޅުއްވި އެހެނިހެން ޢިލްމުވެރިންނަށް ވެސް، އަބޫޒައިދު ސިޓީތައް ލިއުއްވާފައިވެއެވެ.

ޢިލްމުގެ ތަފާތު ދާއިރާތަކުގައި ހިމެނޭ، ތަފާތު މަޢުރިފާތަކުގެ ފޮތްތައް، އަބޫޒައިދު ލިއުއްވާފައި ވެއެވެ. އޭގެ ތެރޭގައި، ތާރީޚާއި ފިޤުހާއި އިޖުތިމާޢީ ޢިލްމާއި ދީނީ ފޮތްތައް ހިމެނެއެވެ. އަދި ތައުރާތާއި އިންޖީލާއި ނަޞާރާ ދީނާއި ޔަހޫދީ ދީނާއި ބުދު ދީނާ ބެހޭ ގޮތުން ވެސް ލިއުއްވާފައި ވެއެވެ. މި އަގުހުރި މަސައްކަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން އެ ޒަމާނުގައި ދެވޭ އިނާމު، އޭނާއަށް ލިބިވަޑައިގެންފައި ވެއެވެ.

ހުޅަނގުގެ މަޝްހޫރު ޢިލްމުވެރިޔާ، ޖޭން ޖެކް ރޯސޯއަކީ، އަބޫޒައިދަށް ވަރަށް ބޮޑަށް ތަޢުރީފުކުރެއްވި ބޭފުޅެކެވެ. ދިރިހުރި މީހަކަށް ތަޢުރީފުކޮށްފައި ރޯސޯ ލިއުއްވި ހަމައެކަނި މަޒުމޫނު ލިއުއްވާފައިވަނީ އަބޫޒައިދާ ބެހޭގޮތުންނެވެ. ނޫހެއްގައި ޝާއިޢުކުރެއްވި އެ މަޒުމޫނުގައި ވެއެވެ. "މި ޤަރުނަކީ ފިލޯސަފަރުންގެ ޤަރުނެވެ. ހުރިހައި މާނައެއްގައި ފުރިހަމަ ފިލޯސަފަރަކު ދުނިޔެއަށް ނުދީ، މި ޤަރުނު ފާއިތުވެގެން ނުދާނެއެވެ. އަޅުގަނޑު ދަންނަނީ އެފަދަ އެންމެ ފިލޯސަފަރެކެވެ. ނަސީބު ރަނގަޅު ކަމުން، އޭނާ ހުންނެވީ އަޅުގަނޑުގެ ރަށުގައެވެ. އަދި އޭނާ ދުނިޔޭގައި އެބަ ހުންނެވިއެވެ. އެނާއަކީ ކޮން ބޭފުޅެއްކަން ހާމަކުރުމަށްޓަކައި އޭނާގެ ނަން ލިއުމުގެ ބޭނުމެއް އެބައޮތްތޯއެވެ؟ އޭނާއަކީ ކާކުކަން ހާމަކުރެއްވުމެއް ނެތި، އޭނާވަނީ ދުނިޔެއަށް މަޝްހޫރުވެވަޑައިގެންފައެވެ. ޙަޤީޤަތުގައި އޭނާއަކީ ތަޥާޟުޢުވެރި ޢިލްމުވެރިއެކެވެ. އޭނާއަކީ އަބޫޒައިދެވެ."

މި މޭރުމުން ރޯސޯ ލިއުއްވާފައިވާ ލިއުމުން އެނގެނީ، އަބޫ ޒައިދަކީ ރޯސޯގެ އުސްތާޛެއް ކަމެވެ. ރޯސޯއަށް އަބޫޒައިދުގެ ޢިލްމާއި ޙިލްމުން ދަރުސާއި ޢިބްރަތް ލިބިވަޑައިގެންފައިވާ ކަމެވެ. އެހެންވީމާ، ރޯސޯފަދަ މުފައްކިރުން، ގޮވާލެއްވި ރަނގަޅު ގޮވާލެއްވުންތަކުގެ ބިންގާ އެޅިފައިވަނީ އިސްލާމީ ފިކުރުންކަން އެބައެނގެއެވެ. އެފަދަ މުފައްކިރުންގެ ސަބަބުން މި ޒަމާނުގެ ޑިމޮކްރެސީއަށް ލިބިފައިވާ ކުރިއެރުމާއި ހަރުދަނާ ކަމުގައި އިސްލާމީ ފިކުރުގެ ޙިއްޞާ ވަރަށް ވެސް ބޮޑެވެ.
މާތްﷲ، ފަރުޙާން އަބޫ ޒައިދުގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވާށިއެވެ!

މަޞްދަރު: އަލްބައިޢަވިއްޔާ، ޑރ. ޙާމިދު ބިން އަޙުމަދުއް ރިފާޢީ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ