އަދުގެ ޚާއްސަ

Print

ނިދާފައި އޮތިއްޔާ އަޅައިނުލައި؟

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ސަމާސާ އަދަބު


އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ



މިއީ ތަންކޮޅެއްކުރީގެ ވާހަކައެކެވެ. މާ ފަހުގެ ވާހަކައެއް ނޫނެވެ.

 އަޅުގަނޑުގެ ރައްޓެއްސަކު ކިޔައި ދިނެވެ. ތިމަންނަ ސްކޫލުގައި އުޅުނު އިރު، ތިމަންގެ ކިލާހުގައި މާލޭގެ ޤަދަރުވެރި އާއިލާއެއްގެ ކުއްޖަކު އުޅުނެވެ. ނުވަތަ  ބޭފުޅަކު އުޅުއްވި އެވެ.


އެދުވަސްވަރު ދިވެހިންގެތެރޭ  އިޖުތިމާޢީ އަދަބުތަކާއި ހަމަތަކަށް ރިޢާޔަތްކުރުން  އޮތް  މިންވަރުން، އެފަދަ އާއިލާތަކުގެ ކުދީންނަށްވެސް ވަރަށް ޤަދަރު ކުރެއެވެ. އެންމެންވެސް އެކުދީންނަކީ އެކުދީންކަން ދަނެއެވެ.

ތިމަންނައަށް ބަހުގެ ދަރަޖަތައް އެހާ ފަރިތައެއް ނޫނެވެ. އެ ބޭފުޅާވެސް، އެހާ ބޭފުޅުހެދިގެނެއް ނޫޅެއެވެ. އޭނާއާ ތިމަންނައާ  އާންމުކޮށް ވާހަކަ ދައްކަނީ ސާދާ ބަހުރުވައިންނެވެ. މިކަން މިހެން އޮތުމާއި، އަދި އެބޭފުޅަކު، ތިމަންނައާ ދޭތެރޭ ބާއްވަވާ އަބުއިކަމެއް ނެތް ކަވާސާ ގުޅުމާ ހުރެ، ތިމަންގެ ނިސްބަތުގައި މާތްބަސްމަގު އޮތީ ވަރަށް ބީރައްޓެހި އެއްޗަކަށް ވެފައެވެ. އެޒަމާނުގައި ރަށްފުށާއި، މާލެއާ ދެމެދު އޮތްފަދަ ބީރަށްޓެހިކަމެކެވެ.  
ކޮންމެއަކަސް، އެއްދުވަހަކު އެއްކަލަ ބޭފުޅާ ހޯދަން އެ ގެޔަށް ދާންޖެހިއްޖެވެ. ހިތަށް އެރިއެވެ. މި އޮތީ ކަންތަކާ ލައިގެންފަ އެވެ. އެފަދަ ގޭގޭގެ އަދަބު ސަދަބާއި، ޝާހީ ކީރިތި މޫރިތިކަމާއި، ބައްދަލުވާ ބޭފުޅުންނާ މުޢާމަލާތު ކުރުމުގެ ހަމަ ނަހަމަ އޮންނާނީ މުޅީން ތަފާތުކޮށްނެވެ. އެންމެ އުނދަގޫކަމަކީ ހަމަ، ބަހުގެ ދަރަޖަ އެވެ.

މޭ ގުޑަ ގުޑައި ހުރެމެ، ވަގުކަނބިއްޔެއްހެން އަރިބިތަށް މަޑުމަޑުން ފައިއަޅަމުން އެއްކަލަ ބޭފުޅާމެންގެ ގޯތި ތެރޭން ގޭގެ މައިފެންޑާ ތެރެއަށް، ބޯދިލައިލީމެވެ. ދެފަހަރު ހިން ދިރުވައިލައިފައި، މުދިމަކު ހުކުރު ސަލާން ގޮވައިލާހެން، ވަރަށް ''ތަޖުވީދުން'' ސަލާން ގޮވައިލީމެވެ. އެތެރޭން ނިކުތް އަންހެން ކުއްޖާއަކީ، ކާކުކަން ބުނެދިނީ ބޮލު މެދުން މަގު ފަޅައި ދެ ފަރާތަށް އޮމާންކޮށްފައިވާ ދިގު އިސްތަށިގަނޑާއި، އޭނާލައިގެން ހުރި ފަނޑުވެ ކުލަ މިލައިފައިވާ ރަތް ފިއްތިބުރި އެވެ. އަނދެގެން ހުރި ގަދަ ނޫކުލައިގެ އަންނަ އެތިގަނޑެވެ.  ލޮލުގައި ދަމާފައިވާ އަނދުން ކޫރާއި، އުން އުމަށް މޫނުމަތީ އުފުލިފައިވާ ދާތިކިތަކެވެ.  އޭގެ ތެރޭގައި ގޭނި ހިމުންވެ އުނިވެފައިވާ ފަސްކުޅަނދު ރަމްޒުކޮށްދޭ  ވަރުބަލި ރަކިވެތި މޫނެވެ.   އާދެ! ގޭގައި ގެންގުޅޭ ކުއްޖެއް، ނުވަތަ ގެންގުޅުއްވާ ކުއްޖެއްކަން ޔަޤީނެވެ.

'' ކޮންކަމަކުތޯ؟'' އެކުއްޖާ ސުވާލު ކުރި އެވެ.

''ކޮބައިތޯ ޖާވިދު؟ އެބަ އުޅުއްވައިތޯ؟'' ތިމަން ޖަވާބު ދިނީމެވެ.

''އެބަ އަންނަން ބަލައިލައިފައި. މަޑުކޮށްލައްވާ!''

އަޅުގަނޑަށް ފިކުރު ދޫކޮށްލެވުނީ ގޯތީތެރޭގެ މާގަސްތަކަށެވެ. ގޭގެ އަސްކަނި ދަށުން ފެށިގެން މުޅި އެތެރޭ ވަޑާންގަނޑާއި، މެދުގެކޮޅުތެރޭން  ފެންނަ ގޮނޑިކޮޅުތަކާއި މޭޒުކޮޅުތަކުގެ ޝާހީ ފޮފަތަކަށެވެ. ފަންނީ ކުރެހުންތަކަށެވެ.

''ޖާވިދު ނާނޭފުޅު ފިއްލަވަނީ.. ދަންނަވާލަންވީތޯ'' އިރުކޮޅަކުން އެއްކަލަ ކުއްޖާ އައިސް ބުނެލި އެވެ.

ހިތަށް އެރިއެވެ. އެ ވަރަށް ގަޑި ކިޔައިފައި ޖާވިދު  މިހެދީ ކިހިނެއް ހެއްޔެވެ؟ ''ނޫނޭ ނިދައިފައި އޮތިއްޔާ ދެން އަޅައިނުލައި'' މިހެން ބުނުމާއެކު އެނބުރި ހިނގައިގެންފީ މެވެ. ދެތިން ފިޔަވަޅެއް އަޅައިފައި ފަސް އެނބުރި ބަލައިލެވުނު އިރު، ކަމަކުދާކަށް ނެތެވެ.  އެއްކަލަ ކުއްޖާ އަނގަމަތީ އަތް އަޅައިގެން، އައިސް އައިސްހުރި ހުނުންގަނޑެއް އޮބިނޯވެގެން އުޅޭތަން އެ ބަފެނެ އެވެ. 

އަސްތާއެވެ! މި ބުނެވުނު އެއްޗަކާއި، ވީގޮތެއް ރޭކައި ވެސް މިލީ އަދި ކިރިޔާތާ އެވެ. ގަންނާ ކުރެއްވި ލަދުން ހަރުގަންނަވައިފައި ދުވެ ނިކުމެ އެ ގޭ ދޮރޯށިން ބޭރުވެގަތީ ކަޅުވެން ހަރަކުން ބޭރަށް ދެމިގަތް ބޯވައެއްހެންނެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ