އަދުގެ ޚާއްސަ

Print

ހިޖުރީ މައްސަރުތައް

ޝާޢިއުކުރީ އާދަމް ޢަބްދުއްރަޙްމާނު . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


ހިޖުރީ މައްސަރުތައް (ޘަޤާފަތުގައި ބޭނުންކުރި ދިވެހި ނަންތަކާއެކު)

އާދަމް ޢަބްދުއްރާޙްމާނު/ހއ. އުތީމު

މަސްތަކަށް ހިޖުރީ ކިޔާ ނަންތައް ޅެމުން ލިޔެ އެމުނުމަށް
           ގަސްތުކުރަނީ އަސްލު ނަން ލިޔެފައި ދިވެހި ނަން ހިމެނުމަށް

ހަނދުމަހުގެ ފުރަތަމަ މަހަށް ނަމުގައި މުޙައްރަމު ކީކަމަކު
            ކަނދިމަހޭ މި މަހަށް ކުރިން ދިވެހިންގެ ކިޔަނީ ގިނަބަޔަކު،


ދެވަނައަށް މި ކިޔާ ޞަފަރު މަހަކީ ވަރަށް ބިރުވެރި މަހެއް
             ބުނެ އުޅޭތީ ސަފަރު ކަތްދަ މިރޭ އަރާނޭ  ހުސްބަހެއް

ދެން ރަބީޢުލް އައްވަލަށް، ކުރިމަތިވުމާއެކު ދޫތަކުން
             ނަންކިޔާނީ  ބާރަ މަސް އެބަ އާދެޔޭ ގައިދޮށްވަމުން

އޭގެ ފަހުގައި އޮތް ރަބީޢުލް އާޚިރާ ގުޅިގެން ކިޔާ
             ނޯވެޔޭ ވަކި ޚާއްޞަ ކަމަކާ ވަކި ނަމެއް ދިވެހިން ކިޔާ

ހަމަ މި ފަދައިން އޮތް ޖުމާދަލް އައްވަލަށްވެސް ވަކި ނަމެއް
              ކިޔަމަކުން ނުދެޔޭ ނުވެސް ގުޅަޔޭ  މި މަހަކާ ވަކި ކަމެއް

ނަމަވިޔަސް ފަހު އާޚިރޭ ކިޔަނީ ޖުމާދިލް އަޚިރަށް
               ހަމަ ތަކުން އާޚިރު ކިޔާ ދެ މަހުން މި މަސް އޮތުމުން ފަހަށް

ރަޖަބު މަހަށޭ ނަންމި ކިޔަނީ ނައިބު ފަތް އިއްވާމަހޭ
                ޤަދަރުވެރި    ފަތުގައި    މި ދީނުގެ ހުންނަނީ ޙުކުމާ ބަހޭ

ފަނަރަ ވަނަ ވީރޭގެ ޙުރުމަތުގައި ވި މާތް ޝަޢުބާން މަހަށް
                  ގިނަ ބަޔަކު ތިބެ ހިޔަރަކާތް މަސް ނަންކިޔާތީ އަޑު އަހަން

މާތްވި ރަމަޟާން  މަހު ހިފާ ރޯދައިގެ ނިސްބަތުގައި ކަތުން
                  އާންމު ނަމަކަށް ރޯދަމަސް ދިވެހިން މި ކިޔަނީ ޝުހުރަތުން

އަންނަ ދިހަވަނަ މައްސަރަށް ހިޖުރި ގޮތުން ޝައްވާލުމަސް
                   އަންނަ ހިނދު ޢީދުގެ އުފާލިބި ނަންކިޔާ ކުޑަ ޢީދު މަސް

ނަންވި ޛުލްޤައިދާ މަހަށް ލިބި އޮތް ގޮތުން ޢީދުގެ ކިޔާ
                  ނަން   ދެޢީދުގެ ދޭތެރޭ  މަސް  ކަމުގައޭ އުޅެނީ ކިޔާ

އެންމެ ފަހަތަށް އޮންނަ ޛުލްޙިއްޖާ މަހަށް ދެނަމެއް ކިޔޭ
                 ޙައްޖު މަސް ނޫނީ މިއީ ބޮޑު ޢީދު މަސް ކަމުގައި ވިޔޭ

މީ ކިޔާތީ އަޑު އަހާފައި ވާގޮތޭ އަޅުގަނޑު ވެށިން
                 މީގެ އިތުރެއް ދޭނެ ނަމަ މީހަކު އަހަން އަޑު އެބަ ހުށިން

އިދާރާ

ވާހަކަ