އަދުގެ ޚާއްސަ

Print

ތިމަންކަލޭގެފާނުގެ އެކުވެރިޔާ

ޝާޢިއުކުރީ އިބްރާހީމް އަޙްމަދު . ހިމެނޭބަޔަކީ ޚާއްޞަ


ތިޔަބއިމީހުން ތިމަންކަލޭގެފާނުގެ އެކުވެރިޔާ ތިމަންކަލޭގެފާނަށް ދޫކޮށްފާނަންތޯ؟


އިބްރާހީމް އަޙްމަދު

އަބީ އިދްރީސުލްޚަވަލާނީގެ އަރިހުން ބުޚާރީގައި ރިވާވެގެން އައިސްފައިވެއެވެ. އޭނާ ވިދާޅުވިއެވެ. އަބުއްދަރުދާއު ވިދާޅުވާ އަޑު ތިމަން އެއްސެވީމެވެ. އަބޫބަކުރުގެފާނާ ޢުމަރުގެފާނާ ދެކަލުން ކަމަކާމެދު ވާހަކަ ދައްކަވަމުން ގޮސް ކުއްލިއަކަށް އަބޫބަކުރުގެފާނު ޢުމަރުގެފާނު ދެކެ ކޯފާއިސްވިއެވެ. ހަމަ މިއާއެކު ޢުމަރުގެފާނުވެސް ކޯފާވެފައިވާ ޙާލުކޮޅުގައި އަބޫބަކުރުގެފާނުގެ އަރިހުން ވަކިވެ ވަޑައިގަތެވެ.  ދެން ޢުމަރުގެފާނުގެ ފަހަތްޕުޅުން އަބޫބަކުރުގެފާނު  އެކަމާ މަޢާފަށް އެދިވަޑައިގަތުމަށް ވަޑައިގަތުމުން ޢުމަރުގެފާނު އެކަލޭގެފާނަށް މަޢާފު ދެއްވުމެއް ނެތި ގެކޮޅުގެ ދޮރުކޮޅު ލެއްޕެވިއެވެ. ދެން އަބޫބަކުރުގެފާނު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިއަހަށް ވަޑައިގަތެވެ. 

އަބުއްދަރުދާއު ވިދާޅުވިއެވެ. ތިމަން ބޭކަލުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި ތިއްބަވަނިކޮށް އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ތިޔަބައިމީހުންގެ މިއެކުވެރިޔާ މިވަނީ ކޮންކަމެއްގެ ތެރެއަށް ގެނބިފައި (މަޝްޣޫލުވެފައި) ހެއްޔެވެ؟

އަބުއްދަރުދާއު ވިދާޅުވިއެވެ. ޢުމަރުގެފާނަށް ޢަމަލު ކުރެއްވުނު ގޮތާއިމެދު  ހިތާމަ ކުރައްވާ ޙާލުކޮޅުގައި ވަޑައިގެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި މަޖްލިސްގައި އިށީދެ ވަޑައިގަތީ ސަލާމް ކުރައްވާފައެވެ. ދެން ފަހެ އެކަލޭގެފާނު ކަންހިނގިގޮތް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ވިދާޅުވެ ދެއްވިއެވެ.  އަބުއްދަރުދާއު ވިދާޅުވިއެވެ. ދެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަވެސް އެކަމާ ކޯފާ އިސްވެ ވަޑައިގެންހިނދު އަބޫބަކުރުގެފާނު ވިދާޅުވިއެވެ. ﷲ ގަންދެއްވާ ވިދާޅުވަމެވެ.  އޭ ﷲގެ ރަސޫލާއެވެ. ތިމަންކަލޭގެފާނު އޭނާއަކަށް އަނިޔާއެއް ނުކުރަމެވެ. ފަހެ މިހިނދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ  ޙަދީޘް ކުރެއްވިއެވެ. ތިޔަބައިމީހުން ތިމަންކަލޭގެފާނުގެ އެކުވެރިޔާ ތިމަންކަލޭގެފާނަށް ދޫކޮށްފާނަން ހެއްޔެވެ؟ އޭ މީސްތަކުންނޭވެ! ތިމަންކަލޭގެފާނީ އެންމެހާ މީސްތަކުންގެ ގާތަށް ﷲ ފޮނުއްވި ރަސޫލަކީމޭ ބުނި ހިނދު ތިޔަބައިމީހުން ތިމަންކަލޭގެފާނު ދޮގުކުރިއެވެ. އޭރު އަބޫބަކުރުގެފާނު ތިމަންކަލޭގެފާނުގެ ބަސްފުޅު ތެދުކުރެއްވިއެވެ. (ނިމުނީ)
-------------------------------------------------------------------------------------------------------------

ދެވަނަ ލިޔުއްވުން
-------------------------------------------------------------------------------------------------------------

ހެއުކަންތަކުގައި ތިމަންބޭކަލުންނަށްވުރެ ކުރިއެރުއްވީ އަބޫބަކުރުގެފާނު

އިބްރާހީމް އަޙްމަދު

ކީރިތިރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެއްދުވަހެއްގެ ފަތިސްނަމާދުން ނިމިވަޑައިގެން އަޞްޙާބު ބޭކަލުންނާ ކުރިމަތިލައްވާ ސުވާލު ކުރެއްވިއެވެ. " ތިޔަބައިމީހުންކުރެ ރޯދައަށް ހުންނަވާ ޙާލުގައި ފަތިސް ކުރެއްވީ ކޮން ބޭކަލެއްތޯއެވެ؟ ޢުމަރުގެފާނު ވިދާޅުވިއެވެ. "ރޭގައި ތިމަންކަލޭގެފާނު ރޯދައަށް ހުންނެވުމަކަށް ޤަޞްދެއް ނުކުރައްވަމެވެ. އެހެންކަމުން ފަތިސްވީ ރޯދައަށް ހުންނަވާ ޙާލަކު ނޫނެވެ."  ފަހެ މިހިދުގައި އަބޫބަކުރުގެފާނު ވިދާޅުވިއެވެ. "

ތިމަންކަލޭގެފާނު ރޭގައި އޮންނެވީ ރޯދަ ހިއްޕެވުމަށް ޤަޞްދު ކުރައްވައިގެންނެވެ. އެހެންކަމުން ފަތިސްވީ ރޯދައަށް ހުންނަވާ ޙާލުގައެވެ." ފަހެ މިހިދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ސުވާލު ކުރެއްވިއެވެ. " ތިޔަބައިމީހުންކުރެ މީހަކު މިއަދު ބަލިމީހަކަށް ގޮވާލާ ޙާލު ބަލާލުމަށް ޒިޔާރަތް ކުރިން ހެއްޔެވެ؟ މިހިނދުގައި ޢުމަރުގެފާނު ވިދާޅުވިއެވެ. " އޭ ﷲގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައެވެ. ފަތިސްނަމާދަށްފަހު އަދި އަޅުގަނޑުމެން އެއްވެސް ތާކަށް ނުދަމުއެވެ. އެހެންކަމުން ބަލިމީހަކަށް ގޮވާލާ ޙާލު ބަލާ ހެދޭނެތޯއެވެ؟ " ފަހެ އެހިނދުން އަބޫބަކުރުގެފާނު ވިދާޅުވިއެވެ. " ތިމަން ކަލޭގެފާނަށް ޚަބަރު ލިބިފައިވަނީ ތިމަންކަލޭގެފާނުގެ އަޚް ޢަބްދުއްރަޙްމާނު ބުނު ޢައުފު އާލާސްކަންފުޅާ އުޅުއްވާ ކަމުގައެވެ. އެހެންކަމުން ތިމަންކަލޭގެފާނު ފަތިސްނަމާދަށް ވަޑައިގަތް މަގުމަތިން އެކަލޭގެފާނަށް ޒިޔާރަތް ކޮށް ޙާލު އަޙްވާލު ބެލީމެވެ."  ދެން އަނެއްކާވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެބޭކަލުންނާ ސުވާލު ކުރެއްވިއެވެ. " ތިޔަބޭކަލުން ކުރެ ބޭކަލަކު މިއަދު މިސްކީނަކަށް ކާން ދިނިންތޯއެވެ؟" ޢުމަރުގެފާނު ވިދާޅުވިއެވެ. " އޭ ﷲގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައެވެ. ފަތިސްނަމާދަށްފަހު އަދި އަޅުގަނޑުމެން އެއްވެސް ތާކަށް ނުދަމުއެވެ. އެހެންކަމުން މިސްކީނަކަށް ކާންދެވޭނީ ފަހެ ކޮންފަދައަކުން ތޯއެވެ؟ " ފަހެ މިހިނދުގައި އަބޫބަކުރުގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނު  މިސްކިތަށް ވެންނެވިއިރު  އެތަނުން ސަލާން ޖަހާ މީހަކާ ދިމާވިއެވެ. ދެން ތިމަންކަލޭގެފާނުގެ ދަރިކަލުން ޢަބްދުއްރަޙްމާނުގެ އަތްޕުޅުގައި ރޮށި ފަޅިއެއް އޮއްވާ  އެދަރިކަލުންގެ އަތުން އެރޮށިފަޅި އަތުލާފައި އޭނާއަށް އެރޮށިފަޅި ދިނީމެވެ. "  ދެން މިކަމާއި ގުޅިގެން ރަސޫލުﷲ ޞައްލަﷲ ޢަލައިހ ވަސައްލަމަ އަބޫބަކުރުގެފާނަށް ދެންނެވިއެވެ. " ކަލޭގެފާނަށް ސުވަރުގެ ލިބޭނެކަމުގެ އުފާވެރިކަމުގެ ޚަބަރު ތިމަންކަލޭގެފާނު ދެއްވަމެވެ." ( މިހެން ދެފަހަރު ޙަދީޘް ކުރެއްވި އެވެ. ) މިބަސްފުޅު މިގޮތަށް ޢުމަރުގެފާނަށް އިވިވަޑައިގަތުމާއެކު މަޑުމަޑު ނޭވާފުޅެއް ލައްވާ އާހު! އޭ ވިދާޅުވިއެވެ. ދެން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޢުމަރުގެފާނަށް ބައްލަވާ ލައްވާ އެކަލޭގެފާނު ރުހިވަޑައިގަންނަވާ ބަސްފުޅެއް ވިދާޅުވިއެވެ. " ﷲ ތަޢާލާ ޢުމަރަށް ހެއު ރަޙްމަތް ލައްވާށިއެވެ." ޢުމަރުގެފާނު ވިދާޅުވިއެވެ. " ހެއުކަމެއްގައި ކުރިއަރާނަމޭ ހީކުރީ ކޮންމެ ކަމެއްގައި ތިމަންބޭކަލުންނަށްވުރެ ކުރީގައި އަބޫބަކުރުގެފާނު ހުންނަވައެވެ." 

ޢަލީގެފާނުގެ އަރިހުގައި އަބޫބަކުރުގެފާނުގެ ވާހަކަ ފުޅެއް ދެކެވޭ ކަމަށްވާނަމަ  އެކަލޭގެފާނު ވިދާޅުވާކަމުގައި ވެއެވެ. އަބޫބަކުރުގެފާނަކީ ތިމަންބޭކަލުންނަށްވުރެ ކުރިޔަށް ނުކުމެ ވަޑައިގެން ހުންނެވި ބޭކަލެކެވެ. ތިމަންގެ ފުރާނަ އެފަރާތެއްގެ ބާރުގެ ދަށުގައިވާ ފަރާތް ﷲ ތަޢާލާ ގަންދެއްވާ ހުވާ ކުރައްވާ ވިދާޅުވަމެވެ. " ހެއުކަމެއްގައި ކުރިއަރާނަމޭ ހީކުރީ ކޮންމެ ކަމެއްގައި ތިމަންބޭކަލުންނަށްވުރެ ކުރީގައި އަބޫބަކުރުގެފާނު ހުންނަވައެވެ."  (އައްޞިއްދީޤު އައްވަލުލް ޚުލަފާއި : ޢަބްދުއްރަޙްމާނު އައްޝަރުޤާވީ )

އިދާރާ

ވާހަކަ