އަދުގެ ޚާއްސަ

Print

ހޯމްވާރކް - މުހިއްމު އެއްޗެއްބާ؟

ޝާޢިއުކުރީ ޝާފިޢާ މުޙައްމަދު . ހިމެނޭބަޔަކީ ތަޢުލީމާއި ތަރުބިޔަތު

ހޯމްވާރކް ނުވަތަ ގޭގައި ހެދުމަށް ހަވާލު ކުރާ މަސައްކަތަކީ ކިހާ މުހިއްމު އެއްޗެއްބާ؟

އާމިނަތު ޝާފިޔާ އާދަމް

ފަންވަތުގެ ޚާއްޞަ ނޯޓު:

{އަލްއުސްތާޛާ އާމިނަތު ޝާފިޔާ އަކީ، އަލަށް ފަންވަތާ ގުޅިވަޑައިގެންނެވި ލިޔުންތެރި އެކެވެ. ރާއްޖޭގެ މުދައްރިސުން ބިނާ ކުރާ ފެކަލްޓީއެއްގައި މުދައްރިސުން ބިނާކުރުމުގެ ބުރަ މަސްއޫލިއްޔަތު އަދާ ކުރައްވާ ބޭފުޅެކެވެ. ތަރުބަވީ ދާއިރާއިން މަތީތަޢުލީމު ޙާޞިލްކުރައްވާފައިވާ މުރައްބީ އެކެވެ. އުސްތާޛާ ޝާފިޔާ ފަންވަތާ ގުޅިވަޑައިގަތުމީ ފަންވަތުގެ ހިންގުންތެރިންނަށް ލިބުނު ވަރަށް ބޮޑު ހިތްވަރެކެވެ. ކިޔުންތެރިންނަށް އިތުރު އުންމީ ދެކެވެ. ތަރުބަވީ ދާއިރާގެ ޢިލްމީ ލިޔުންތައް ލިޔެދެއްވާނެ ކަމަށް ވިދާޅުވެފައިވާތީ އެވެ.

ވީމާ ފަންވަތުގެ ކިޔުންތެރިންނާއި، އެހެނިހެން ލިޔުންތެރިންނާއި  ހިންގުންތެރިންގެ ނަމުގައި އުސްތާޛާ ޝާފިޔާއަށް މަރުޙަބާއާއި ހެޔޮ އެދުންތައް ބަރުތީލަ ކުރަމެވެ.}

ހޯމްވާރކް ނުވަތަ ގޭގައި ހެދުމަށް ހަވާލު ކުރާ މަސައްކަތަކީ ކިހާ މުހިއްމު އެއްޗެއްބާ؟

އާމިނަތު ޝާފިޢާ އާދަމް

ދުނިޔޭގެ ވަރަށްގިނަ ސްކޫލު މަދަރުސާފަދަ ތަންތާގައި ހޯމްވާރކަކީ، ނުހަނު ބޮޑަށް އަހަމިއްޔަތުކަން ދީގެން ރޭވި ހަވާލު ކުރެވޭ މަސައްކަތްތަކެކެވެ. 1989 ގައި Cooper ހޯމްވާރކްގެ ތަޢުރީފެއްގެ ގޮތުގައި ލިޔެފައިވަނީ، އެއީ ސްކޫލުގެ ފަރާތުން މުދައްރިސުން ދަރިވަރުންނާއި ހަވާލުކުރާ މަސައްކަތްތަކެކެވެ. އަދި މިމަސައްކަތް ފުރިހަމަ ކުރުން ބެލިފައިވަނީ ސްކޫލުގައި ހޭދަ ކުރާ ގަޑިނޫން އެހެނިހެން ވަޤުތުތަކުގައެވެ. މިތަޢާރަފުން ހާމަވާގޮތުގައި އެމަސައްކަތަކީ ސްކޫލުން ވަކިގޮތަކަށް ހެދުމަށް އިރުޝާދާއެކު ހަވާލުކުރެވޭ ކަމެއްގެ ގޮތުގައެވެ. މީގެ އިތުރުން ހާމަވާކަމަކީ، އެއީ ސްކޫލުގައި ކިޔަވާ ކިޔެވުމުގެ އިތުރުން ކުރަން ހަވާލު ކުރެވޭ ކަމެއް ގޮތުގައިވެސްމެއެވެ.

ކުރިއަރާފައިވާ ޤައުމުތަކުގެތެރެއިން އެމެރިކާގައި ހޯމްވާރކް ދަރިވަރުންނަށް ދިނުމާ އޭގެ ބޭނުންތަކާއި ބެހޭގޮތުން ވަރަށް ކުރިން ދިރާސާތައް ހަދަން ފަށައިފިއެވެ. ދަރިވަރުންގެ ތަޢުލީމަށް ހޯމްވާރކް ދިނުމުން ކުރާ ރަގަޅު އަސަރުތަކާއި ފައިދާތައް ދިރާސާކޮށް ބެލިފައިވެއެވެ. މިގޮތުން 1960 އާއި 1987 ދެމެދު ހެދިފައިވާ ދިރާސާތަކުން މިކަން ވަރަށް ބޮޑަށް ފާހަގަ ކުރެވިފައިވެއެވެ.  1962 ފެށިގެން 20 ދިރާސާއެއްގައި ހޯމްވާރކް ނުވަތަ ގޭގައި ހަވާލު ކުރެވޭ މަސައްކަތަކީ ދަރިވަރުން ކިޔެވުން އިތުރަށް ކުރިއެރުވުމަށް އެހީތެރިވެދެވޭ މަސައްކަތެއްތޯ ބެލިފައިވެއެވެ. މިދިރާސާތަކުގެތެރެއިން 14 ދިރާސާއިން ނަތީޖާ ދައްކާފައިވަނީ ގޭގެހަވާލު ކުރެވޭ މަސައްކަތަކީ ދަރިވަރުންގެ ކިޔެވުމުގެ ފެންވަރު ރަގަޅު ކުރާ މަސައްކަތެއްގެ ގޮތުގައެވެ. ބާކީ 6 ދިރާސާއިން ހާމަވެފައިވާގޮތުގައި މިފަދަ މަސައްކަތްތަކުން މާބޮޑު ތަފާތެއް ނުދައްކައެވެ. އިސްވެ ބަޔާންވިދިރާސާތަކުން ފާހަގަ ކުރެވިފައިވާ ގޮތުގައި އެމެރިކާގެ ސާނަވީ މަދަރުސާގެ 14 އާއި 16 އަހަރާއި ދެމެދުގެ ދަރިވަރުންނަށް ހޯމްވާރކް ހަވާލުކުރެވޭ ކުލާސްތަކެއްގެ  ދަރިވަރުން އެފަދަ މަސައްކަތް ނުދޭ ކުލާހެއްގައި ދަރިވަރުންނަށް ވުރެ މަތީ ދަރަޖައަކަށް ސްޓޭންޑަރޑް އިމްތިޙާނެއްގައި %69 ދަރިވަރުން  ހާޞިލުކޮށްފައިވެއެވެ. 11 އާއި 13 އަހަރާއި ދެމެދުގެ ދަރިވަރުން މިއިންސައްތައިގެ ދެބައިކުޅަ އެއްބައި މަތީދަރަޖައަކަށް ޙާޞިލުކޮށްފައިވެއެވެ. ފަށާ ތަޢުލީމުގެ ދަރިވަރުންނަށް ހޯމްވާރކް ދިނުމުން މާބޮޑު ފަރަގެއް ފާހަގަ ކުރެވިފައި ނެތްކަން މިދިރާސާ ރިޕޯޓްގައި ފާހަގަ ކުރެވިފައިވެއެވެ.

އިސްވެދިޔަ ދިރާސާތަކުގެ އިތުރުން ގޭގައި ހަވާލު ކުރެވޭ މަސައްކަތުގައި ދަރިވަރުން ހޭދަ ކުރާވަޤުތާއި އެދަރިވަރުން ޙާޞިލުކުރާ މިންވަރާއި ގުޅުން ހުރި މިންވަރުތޯ 50 ދިރާސާ ހެދިފައިވެއެވެ. މިދިރާސާތަކުން 43  ދިރާސާއެއްގެ ރިޕޯޓްގައި ހާމަ ކުރެވިފައިވާ ގޮތުގައި ދަރިވަރުންނަށް ގޭގައި ކުރަން ހަވާލު ކުރެވޭ މަސައްކަތުގައި ހޭދަކޮށްފައިވާ ވަޤުތު ގިނަވެފައިވާ ވަރަކަށް އެކުދިންގެ އިމުތިޙާނުތަކުގައި ހާޞިލުވެފައިވާ މިންވަރު އިތުރު ވެފައިވެއެވެ. މީގެތެރެއިން 7 ދިރާސާއެއްގައި ކުރިން ފާހަގަ ކުރެވިފައި ޙާޞިލުވާ މިންވަރު މުޅިން ޚިލާފު ނަތީޖާއެއް ރިޕޯޓް ކުރެވިފައިވެއެވެ. އަދި އެކަން ފާހަގަ ކުރެވިފައިވަނީ ފަށާތަޢުލީމުގެ ދަރިވަރުންގެ ނަތީޖާގައެވެ.

އިސްވެދިޔަ ދިރާސާތަކުންނާއި އަދި އެނޫންވެސް Cooper ގެ ތަފާތު އަހަރުތަކުގެ ދިރާސާތަކުން ތަކުރާރުކޮށް ރިޕޯޓް ކުރެވިފައިވާ ގޮތުގައި ގޭގައި ކުރަން ހަވާލު ކުރެވޭ މަސައްކަތަކީ ތަފާތު ގްރޭޑްތަކުގެ ދަރިވަރުންނަށް ތަފާތު ކޮށްދޭން ޖެހޭ މަސައްކަތްތެކެވެ. މިގޮތުން ފަށާތަޢުލީމުގެ ދަރިވަރުންނަށް ހަވާލު ކުރެވޭ މަސައްކަތެއްނަމަ އެންމެ ބޮޑަށް ބަލަންވީ ފަސޭހައިން ކުރެވޭ ގިނަ ވަޤުތު ހޭދަ ނުވާ މަސައްކަތަކަށް ހެދުމަށެވެ. އަދި މެދު މަދުރަސީ ދަރިވަރުންނަށް ދޭ މަސައްކަތެއް ނަމަ އެކުދިން ޝައުޤުވެރިވާފަދަ ކަންކަމާ ގުޅުވައިގެން ހަވާލު ކުރުން ވަރަށް މުހިއްމެވެ. އެއްވެސް ހާލެއްގައި ހޯމްވާރކް ގޮތަށް ހަވާލު ކުރެވޭ މަސައްކަތަކީ ދަރިވަރުންނަށްދޭ އަދަބެއްގެ ގޮތުގައި ހަވާލު ކުރެވިގެން ނުވާނެއެވެ. ސާނަވީ މަދަރުސާގެ ދަރިވަރުންނަށް މަސައްކަތް ހަވާލު ކުރާއިރު އެއީ ސްކޫލުގެ ކިޔެވުމުގެ އެއްބައި ގޮތަށް ވިސްނުން ގެންގުޅުމުން ރަގަޅުވާނެއެވެ. މިގޮތުން ހަވާލުކުރެވޭ މަސައްކަތަކީ ތަފާތު ކިޔުންތަކުގެ ޢަމަލީބަޔާ އަދި ތަފާތު ބައިތައްކިޔުމަށްފަހު ހުށަހަޅާ ލިޔުން(ރިވިއު) ފަދަ ކަންކަމަށް ވުން ރަގަޅެވެ.

ކޮންމެ ޢުމުރެއްގެ ދަރިވަރުންނަށް ވިޔަސް ގޭގައި ކުރަން ހަވާލުކުރެވޭ މަސައްކަތްތަކުގައި ވީވަރަކުން ބެލެނިވެރިންގެ ދައުރު ކުޑަކުރުމަކީ އެދެވިގެންވާ ކަމެކެވެ. ސަބަބަކީ، ބެލެނިވެރިންނަކީ ތަޢުލީމީ ގޮތުން ތަފާތު ބަޔަކަށް ވުމާއެކު އަދި ތަޢުލީމީ ބަޔަކަށް ވުމާއެކުވެސް ތަފާތު ދާއިރާތަކުން ތަޢުލީމު ޙާޞިލުކޮށްފައިވާ ބަޔަކަށް ވުމެވެ. އަދި މީގެ އިތުރުން ހުރިހާ ބެލެނިވެރިންނަކީ ކިޔަވައިދިނުމުގެ ހުނަރު ލިބިފައިވާ ބަޔަކަށް ނުވުމާއެކު ގިނަ މީހުންނަށް މިގޮތަށް ދަރިވަރުންގެ މަސައްކަތުގައި އެހީތެރިވެދިނުމަށް ވަޤުތު ހޯދުން ދަތިވާކަމެވެ. ނަމަވެސް ފަށާތަޢުލީމުގެ ދަރިވަރުންނަށް މަސައްކަތެއް ހަވާލު ކުރާނަމަ ކޮންމެހެންވެސް ބެލެނިވެރިން ބައިވެރިވުން ހޯދުމަށް ބާރު އަޅަން ޖެހޭނެއެވެ. ޚާއްޞަގޮތެއްގައި މިޢުމުރުގެ ކުދިންގެ ކިޔެވުމަށް އެމީހުން ބާރު އަޅާ މިންވަރު އަދި ހޯދާ ރަގަޅު ނަތީޖާތަކަށް ފަޚުރުވެރިވާ މިންވަރު ހާމަ ކުރުމަށްޓަކައިވެސް  މެއެވެ. ހަމައެހެންމެ މިޢުމުރުގެ ކުދިންނަށް ކިޔަން ފަރިތަކުރުމަށް ނުވަތަ ލިޔުމުގެ ތަފާތު ކުށްތައް ފިލުވައިދީ އެހެނިހެން ގޮތްގޮތުން ފިލާވަޅުތަކުގައި އެހީތެރިވެދިނުމުގައި ބެލެނިވެރިންގެ ދަރުރު ބޮޑުކުރުން ރަގަޅެވެ. ހުރިހާ ގްރޭޑެއްގެ ދަރިވަރުންގެ ވެސް ކިޔެވުމަށް ބެލެނިވެރިންގެ ހިތުގައި އޮންނަ ޝައުޤުވެރިކަން ހާމަ ކުރުމާ، ކިޔަވާ ވަޤުތު ތައް ކަނޑައަޅާ ދަރިންނާއެކު އެއްބަސްވާ ގަޑިތަކުގައި ކިޔަވަން ބޭތިބުމާ، ކިޔަވާތޯ ބެލުމާ، ނިންމަން ޖެހޭ މަސައްކަތްތައް ނިމުމުން ފަދަ ކަންކަން ބެލެނިވެރިން ބެލުން(މޮނިޓަރ) ކުރުން ވަރަށް ރަގަޅެވެ. ހަމައެއާއެކު ރަގަޅު ނަތީޖާ ލިބުމުން ހިތްވަރު ދިނުމުގެ ގޮތުން ބަހުންނާއި ހަދިޔާ ދިނުން ފަދަ ގޮތްގޮތުން ހިތްވަރުދީ ކިޔެވުމަށް ޖޯޝް އުފެއްދުން އެއީ ބެލެނިވެރިންނަށް ކުރެވިދާނެ މުހިއްމު ކަންކަމެވެ.

މިހުށަހެޅުމުގައި ފާހަގަ ކޮށްލަން ބޭނުން ފަހު ނުކުތާއަކީ ގޭގައި ކުރަން ހަވާލު ކުރެވޭ މަސައްކަތްތަކީ އެއްވެސް ހާލެއްގައި ފެންވަރު ވަޒަން ކުރަން ހަވާލު ކުރެވޭ ކަމަކަށް ވެގެން ނުވާނެއެވެ. އަދި މިގޮތުން ހަވާލު ކުރާ މަސައްކަތްތައް މާކްކުރާއިރު ދަރިވަރުންގެ ފެންވަރު ވަޒަންކުރާ ގޮތަށް މާކު ނުކުރުން ރަގަޅެވެ. ސަބަބަކީ، އެގޮތަށް ކަންކުރެވިއްޖެނަމަ ދަރިވަރުންގެ ލެވެލުތައް ތަފާތު ކުރެވި ފާހަގަ ކުރާނަމަ ގޭގައި ކުރަން ހަވާލު ކުރާ މަސައްކަތް ފުރިހަމަ ކުރުމަށް އޮންނަ ޝައުޤުވެރިކަން ކުޑަވުމެވެ. ލެވެލުތަކެއް ނުވަތަ ހަދާ ފެންވަރުގެ ތަފާތުތަކެއް ފާހަގަ ނުކުރި ނަމަވެސް ހަވާލު ކުރާ މަސައްކަތްތައް ހުރިހާ ދަރިވަރުންވެސް ފުރިހަމަ ކުރޭތޯ ބެލުމަކީ މުހިއްމު ކަމެކެވެ. ޚާއްޞަގޮތެއްގައި މާކުކުރާއިރު ދަރިވަރުންނަށް ލިޔެވިފައިވާ ކުށްތައް ނުވަތަ ނުބައިކޮށް ހެދިފައިވާ ބައިތައް ރަގަޅު ކުރާނެގޮތްތައް ކިޔައި (ފީޑްބެކް) ދެވެންވާނެއެވެ. ނިންމާލަމުން ވެސް އަޅުގަޑު ފާހަގަކޮށްލާނީ ދަރިވަރުންނަށް ގޭގައި ކުރުމަށް ހަވާލު ކުރެވޭ މަސައްކަތަކީ ދަރިވަރުންނަށް އޮޅުން އަރާބައިތައް އޮޅުން ފިލުވައިދިނުމަށާއި ދޭހަވުމަށް އުދަގޫ ކަންތައް ބުނެދިނުމާއި އަދި މިނޫންވެސް ދަރިވަރުންގެ ކިޔެވުމުގައި ނުވަތަ ދަސްކުރުމުގެ ދިމާވާ ދަތިތައް ހޯދުމަށްޓަކައި މުދައްރިސް ހަވާލު ކުރާ ކަމަކަށް ހެދުމަށް ގޮވާލަމުންނެވެ.


ހަވާލާދޭ ލިޔުންތައް
 

 

Anderson, B. et al. (1986). Homework: What do National Assessment Results Tel Us? Princeton, N.J.: Educational Testing Service.

Cooper,H.(1989). Homework. White Plains, N.Y.: Longman.

Cooper,H.(ND). In press. The Battle over Homework: An Administrator’s Guide to Sound and Effective Policies. Newbury Park, Calif.: Corwin Press.

Hagan, H. 1927. The value of homework as compared with supervised study. Second Yearbook, Chicago Principal’s Club, 147-149.

Walberg,H.J. 1991. Does homework help? School Community Journal 1(1), 13-15.


އިދާރާ

އެނގޭތަ؟