އަދުގެ ޚާއްސަ

Print

ޢަލްމާނިއްޔާއާއި އިސްލާމްދީން

ޝާޢިއުކުރީ އިބްރާހީމް އަޙްމަދު . ހިމެނޭބަޔަކީ ޢަޤީދާ


އިބްރާހީމް އަޙްމަދު

ޢަލްމާނިއްޔާ ޝަރަޙަ ކުރަމުން މިދާ ގޮތަށް ބަލާއިރު އިސްލާމްދީނާމެދު ޢަލްމާނިއްޔާ ދެކޭގޮތަކީ ވަކިފަރާތަކަށް ނުޖެހޭ ގޮތެކޭ  ބުނެވޭކަށް ނެތެވެ. އިސްލާމްދީނަކީ އިންސާނިއްޔަތުގެ ހުރިހާކަމެއް ޝާމިލުވާ ދީނެކެވެ. އެއީ މާއްދީ ކަންތައްތަކާއި މަޢުނަވީ ކަންތައްތައް ޝާމިލުވާ ދީނެކެވެ. އަދި އިޖްތިމާޢީ ގުޅުމުގެ އެންމެހާ ކަންކަމާ ފަރުދީކަންކަން ޝާމިލުވާ ދީނެކެވެ.

ނަޞާރާދީނަކީ އިންސާނީ ޙަޔާތް ދެބަޔަކަށް ބަހާލާ ދީނެކެވެ.  ދީނަށް ބަޔެއް ދައުލަތަށް ބަޔެކެވެ. ނޫންނަމަ އިންޖީލުގެ ތަޢުބީރުގައިވާ ފަދައިން "ﷲ ތަޢާލާއަށް ޚާއްޞަ ބަޔަކާއި އެމްޕެރަރއަށް ޚާއްޞަ ބަޔެކެވެ."

އެހެންނަމަވެސް އިސްލާމްދީން ދެކެނީ މިއާއި ޚިލާފަށް  އިންސާނީ ޙަޔާތަކީ ވަކިވަކިކޮށް ބައިބައި ނުކުރެވޭނެ ޙަޔާތެއް ކަމުގައެވެ. އިސްލާމްދީން ދެކެނީ ﷲ ތަޢާލާއަކީ އިންސާނާ ހައްދަވާ ބޮޑުކުރެއްވި އެއިންސާނާގެ ޙަޔާތުގެ ވެރިރަސްކަލާނގެ ކަމުގައެވެ. އަދި އެއީ އިންސާނާގެ ވެރި ރަސްކަލާނގެއެވެ. އެހެންވީމާ އެމްޕެރަރއަކީ (ދުނިޔެވީ ގޮތުން ތިބޭ ވެރިންނަކީ) ﷲ ތަޢާލާއާއި ޝަރީކު ކުރެވޭނެ ފަރާތެއް ކަމުގައި  އިސްލާމްދީން ޤަބޫލެއް ނުކުރެއެވެ. އިސްލާމްދީން ޤަބޫލުކުރަނީ އުޑުތަކާ ބިމުގައި ވާހައި ތަކެއްޗަކީ ﷲ ތަޢާލާއަށް މިލްކުވެ ވޮޑިގެންވާ ތަކެތި ކަމުގައެވެ.
އިސްލާމްދީނުގައި އަންގަވަނީ އިންސާނާގެ ޙަޔާތުގެ ޙުކުމްތަކާއި ވަޞިއްޔަތްތަކުގައި އެދީނުގެ އުޞޫލު ސިފަވުން ލާޒިމުކަމުގައެވެ. އެދީނުގެ ކުލަޖެހިފައި ވުމަށެވެ. މިދެންނެވި ސިފައަކީ ﷲ ތަޢާލާ ޤުދްރަތުން ލައްވަވާފައިވާ ސިފައެވެ. ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ. صِِبْغَةَ اللّهِ وَمَنْ أَحْسَنُ مِنَ اللّهِ صِبْغَة وَنَحْنُ لَهُ عَا بِدُوْنَ ( البقرة138) މާނައަކީ :"ﷲގެ ދީނަށެވެ. (އެބަހީ ތަބާވާންވީ ﷲގެ ދީނަށެވެ.) ހިދާޔަތާއި އިރުޝާދު ދެއްވުމުގައި ﷲ އަށްވުރެ މޮޅީ ކާކުހެއްޔެވެ؟ އަދި ތިމަންމެންނީ ހަމައެކަނި އެކަލާނގެއަށް އަޅުކަންކުރާ މީހުންނެވެ."    އޭގައި ސާފުގޮތް އެކުލެވެއެވެ. އެއީ ރައްބާނީ އުޞޫލުތައް އެކުލެވޭ ފުރާނައެކެވެ. އޭގައި އިންސާނީ ސިފަ އެކުލެވެއެވެ.
އިސްލާމްދީން ޤަބޫލުކުރަނީ އިންސާނީ ޙަޔާތް ހަމަފެށޭއިރަށް އޭނާގެ ކިބައިން އެސިފަ ނިގުޅައި ގަނެވިދާނެ ކަމަށެވެ. އެއީ ޝަރީޢަތާއި ޢިނާޔަތްތަކަކީ ހުރިހާ އިރެއްގައި ލިބެންވާނެ ކަންކަމެވެ. ދުނިޔެއަށް އައުމުގެ ކުރިންނާ މަރުވުމަށްފަހު ލިބެންވާ ކަންކަން ހިމެނިފައި ވާތީއެވެ.

އިސްލާމްދީނުގެ އުޞޫލުގައިވަނީ އެއީ މަގު ދައްކައިދޭ ޤާއިދެއްގެ އުޞޫލެއް ކަމުގައެވެ. މަގު ހިންގައިދޭ އެއްޗެއް ނޫނެވެ.  ސަބަބަކީ އެއީ ދީނުގެ ކަލިމައެވެ. ކަލިމަތުﷲ ވާންޖެހޭނީ ޤަދަރު އުފުލިގެންވާ މަތިވެރި އެއްޗެއް ކަމުގައެވެ.

ޢަލްމާނިއްޔާއިން އެދެނީ  އިސްލާމްދީނަކީ އެއަށްތަބާވާ އެއްޗަކަށްވުމަށެވެ. އޭގައި ޢަލްމާނީ އަމުރުތައް  ހިންގުމަށެވެ. އޭގައި މަނާވާ ކަންކަމަކީވެސް ޢަލްމާނިއްޔާގައި މަނާވާ ކަންކަމަށް ވުމަށެވެ. އަދި އޭގައިވަނީ އެއިން ބަރަކާތާ  ރުއްސެވުން ޙާޞިލު ކުރުމަށެވެ.  ސިކުޑިއަށް ޙާޞިލު ކުރުމަށެވެ. ބަޠަލުންގެ އުފެއްދުމަށެވެ. މީސްތަކުންގެ މެދުގައި ޢަދުލުއިންޞާފުން ހަމަހަމަ އުޞޫލުން ޢަމަލު ކުރުމަށެވެ. އަދި ޝަރީޢަތާއި ޘަޤާފަތާއި ތަރުބިޔަތުގެ އުޞޫލުތަށްވެސް މިއުޞޫލަށް ބިނާކޮށް މީސްތަކުންނަށް ހެއުކަމަށް ގޮވުމެވެ. މުންކަރާތް ނަހީކޮށް މަނާކުރުމާއެކު ހެއުކަންތަކަށް އަމުރުކުރުމެވެ. ފަސާދައާއި އޮޅުވާލުން ތަކުން އެއްކިބާކުރުމެވެ. ޢަލްމާނިއްޔާ އެދެނީ އިންސާނާގެ ޙަޔާތުގެ ކޮންމެވެސް ކަނެއްގައި އިސްލާމްދީނުގެ އަސަރުވެސް އެކުލެވިފައި ވުމަށެވެ.  އެހެންނަމަވެސް އިސްލާމްދީން ގޮވާލަނީ އިންސާނާގެ ޙަޔާތުގެ ކޮންމެ ކަނެއްގައިވެސް ދީނުގެ އަސަރުތައް ހުރުމަށެވެ. ދީނުން ވަކިވެގެންދާފަދަ އެއްވެސް ޙާލަތެއް އިންސާނާގައި ނެތުމަށެވެ. މިސާލަކަށް ބުނާނަމަ އޭނާ އަޑުއަހާ ރޭޑިޔޯއިން ދީނީ ވާހަކަތައް އަޑުއިވެން ވާނެއެވެ. އަދި އޭނާ ބަލާ ޓީވީ ޕްރޮގްރާމްތަކުގައިވެސް ދީނީ މަޢުލޫމާތު ހުންނަންވާނެއެވެ. އަދި ހުކުރުދުވަހުގެ ނޫހުންނަމަވެސް ދީނީ ޞަފްޙާއެއް ނޫހުގައި ހިމެނެން ވާނެއެވެ. ތަޢުލީމުގެ ޢާއްމު މަރުކަޒުތަކުން ( ކޮންމެ ސްކޫލަކުން) ވެސް ދީނީ ތަރުބިޔަތު ކިޔަވައިދޭން ވާނެއެވެ. އަދި އޭނާ ޤަބޫލުކުރަނީ  މިސްކިތަކީ މުޖުތަމަޢުގެ މުއައްސަސާއެއް ކަމުގައެވެ. އަދި ދީނީ ކަންތަކާ ބެހޭ މިނިސްޓްރީއެއް ސަރުކާރުގެ އޮނިގަޑުގައި ހިމެނެންވާނެ ކަމުގައެވެ.


ޢަލްމާނިއްޔާއާއި ޢަޤީދާ

 ޢަލްމާނިއްޔާއަކީ އިސްލާމީ ޢަޤީދާއަށް އިންކާރުކުރާ  ފަރާތެއްނޫނެވެ. އަދި މީސްތަކުންނަށް ﷲއަށް އީމާންވުމަށާއި ރަސޫލާއަށް އީމާންވުމަށާއި އާޚިރަތްދުވަހަށް އީމާންވުމަށް  އިންކާރުކުރަން ބުނާ އުޞޫލެއްނޫނެވެ. ޢަލްމާނިއްޔާގައި ބުނަނީ އެކަމަކީ އިންސާނާއަށް ލިބިފައިވާ މިނިވަން ކަމެއްކަމުގައެވެ.

އެހެންނަމަވެސް އިސްލާމްދީނުގައި ބަޔާން ކުރަނީ އެޤައުމެއްގައި އިސްލާމްދީނުގެ މަތީގައި ދައުލަތެއް ބިނާވެއްޖެނަމަ އެއީ " އިސްލާމީ ދައުލަތެއް" ކަމުގައެވެ. އޭގައި ބުނަނީ އިސްލާމުންގެ ޢަޤީދާއަކީ ޙަޔާތުގެ ރޫޙު ކަމުގައެވެ. އަދި އެއީ ތަރުބިޔާއާއި ޘަޤާފާގެ ނާރެސް ކަމުގައެވެ.

އިސްލާމްދީން ގޮވާލަނީ ކުޑަދަރިފުޅުގެ އެތެރެހަށީގައި އޭނާގެ އެންމެ ތުއްތު އިރުގައި ތައުޙީދުގެ ބިންގާ އަޅައިދިނުމަށެވެ.  އެއީ ﷲ ފިޔަވައި އެހެން ފަރާތަކަށް އަޅުކަން ކުރުމުން އިންސާނާ މިނިވަންކޮށްދޭ މައިގަނޑު އުޞޫލެވެ. ނޭޗަރއަށް (ޠަބީޢަތަށް) އަޅުކަން ކުރުމާއި ޙައިވާނަށް އަޅުކަން ކުރުމާއި ޖިންނި ޝައިޠާނުންނަށް އަޅުކަން ކުރުމާއި އިންސާނުންނަށް އަޅުކަން ކުރުމުން ސަލާމަތް ކުރުމަށެވެ. ނުވަތަ ހިލަހިލަގަނޑަށާއި  ހަވާނަފްސަށް  އަޅުކަން ކުރުމުން އެއްކިބާވެފައިވާ ބަޔަކަށް ވުމަށެވެ. އަދި އެއްވެސް ޠާޣޫތަކަށް އަޅުކަންނުކުރުމަށެވެ. އަދި މިބިންމަތި ނުވަތަ މިދުނިޔެއިން ﷲ ތަޢާލާއަށް އަޅުކަން ކުރުން ހުއްޓި ނުދިއުމަށެވެ.  ސޫރަތުލްފާތިޙާއިން ދަސްކޮށްދެނީ މިގޮތެވެ.  މިއީ މުސްލިމަކު ކޮންމެ ނަމާދެއްގައި ކިޔަވާ ވަކި ޚާއްޞަ ސޫރަތެކެވެ. اِيَّاكَ نَعْبُدُ وَ اِيَّاكَ نَسْتَعِيْن (سورة الفاتحة 4) މާނައަކީ: އަޅަމެން އަޅުކަން ކުރަނީ އިނބަރަސްކަލާނގެއަށެވެ. އަދި އަޅަމެން ވާގި އެދެނީ އިނބަ ރަސްކަލާނގެ ޙަޟްރަތުންނެވެ."

މުސްލިމަކު އަންހެން ނުވަތަ ފިރިހެން ކުޑަކުއްޖެއްގެ ގޮތުގައި ދުނިޔެއަށް އުފަންވިއިރު ދުނިޔޭގެ އަހުލުވެރިންގެ ގާތުން ގޮވާލާފައިވަނީ އޭނާގެ ކަނާތު ކަންފަތް ދޮށުގައި ބަންގި ދިނުމާއި (ތަކުބީރުގެ ކަލިމައިއްވުން ) الله اكبر..... الله اكبر   އަދި ތައުޙީދުގެ ކަލިމަ އިއްވުމަށެވެ. އެއީ أشهد أن لا اله الا الله  މިކަލިމައެވެ. އަދި އެޔާއި ގުޅިގެންދާ ގޮތުގައި ރިސާލަތުގެ ކަލިމަ އިއްވުމަށެވެ. أشهد أن محمد رسول الله މިކަލިމައެވެ. އެހެންވީމާ ދުނިޔެއިން ފުރަތަމަ އިވެންޖެހެނީ ތައުޙީދުގެ ކަލިމައެވެ. ނުވަތަ އިންސާނަކު ދުނިޔެއަށް އަންނަވަގުތު އޭނާއަށް މަރުޙަބާ ކިޔުމަށް ދުނިޔެމަތިން އިއްވަން ޖެހެނީ ތައުޙީދުގެ ކަލިމައެވެ. އަދި މިދުނިޔެއިން ނުކުންނައިރު ދުނިޔެއިން އެންމެ ފަހުން އަޑުއިވެންޖެހޭ ކަލިމައަކީވެސް ތައުޙީދުގެ ކަލިމައެވެ. އަދި ޙަޔާތާއި ވަދާޢުކިޔަނީ ތައުޙީދުގެ ބަހުންނެވެ. އެހެންވީމާ އެދެމެދުވެސް އޭނާ އުޅޭނީ ތައުޙީދުގެ އުޞޫލުގެ މަތީގައެވެ.

ތައުޙީދަކީ އިސްލާމްދީނުގެ އުޞޫލުގެ ޖައުހަރެކެވެ. އަދި އެއީ ފިކުރީ ހޭލުންތެރި ކަމެކެވެ. ނުވަތަ އެއީ ނަފްސާނީ އަޚްލާޤީ އަދި ޢަމަލީ ކަމެކެވެ. މިއަސާސްގައި  މުސްލިމަކަށް ފަރުޟުވެފައިވަނީ ﷲ ފިޔަވައި އެހެން އެއްވެސް ފަރާތެއް އިލާހެއްކަމުގައި ނުބެލުމަށެވެ. އަދި ﷲ ފިޔަވައި އެހެން އެއްވެސް ފަރާތެއްގެ ބާރުގެ ދަށުގައި ތިމާ ލައްވާފައިވާ ކަމަށް ޤަބޫލު ނުކުރުމަށެވެ.  މިއީ ޙަޤީޤީ މިނިވަންކަމުގެ އަސާސްއެވެ. ސަބަބަކީ މުޖުތަމަޢުގެ ބަޔަކު މުޖުތަމަޢުގެ އެހެން ފަރާތެއް ﷲ ފިޔަވައި އިލާހެއްކަމަށް ޤަބޫލުކުރުމަކީ މިނިވަންކަމެއް ނޫނެވެ. އެމީހަކީ ނުވަތަ އެފަރާތަކީ ރަސްކަލަކަށްވިޔަސް އެކަމުގައި މައްސަލައެއް ނެތެވެ. މިސާލަކަށް ފިރުޢައުނު މީސްތަކުންނަށް ބުނަމުން ދިޔަފަދައިންނެވެ. أَنَا رَبُّكُمُ الْاَعْلَى  ( النازعات24)  މާނައަކީ: " ފަހެ އޭނާ ބުންޏެވެ. ތިމަންނާއީ ތިޔަބައިމީހުންގެ އެންމެ މަތިވެރިވެގެންވާ ކަލާނގެއެވެ." ނުވަތަ އެބައިމީހުން ބޭނުންވާހާ ކަމެއް މީސްތަކުންގެ މައްޗަށް ޙަރާމްކޮށް އެބައިމީހުން ބޭނުންވާހާ ކަމެއް ޙަލާލުކުރި  ދީނީ ލީޑަރުންނެވެ. އަހުލުކިތާބީންނާމެދު ކީރިތި ޤުރްއާނުގައި މާތްﷲ  ވަޙީ ކުރައްވާފައި ވެއެވެ.  ( اتَّخَذُوْا أَحْبَارَهُمْ وَرُهْبَا نَهُمْ أَرْبَا بًا مِنْ دُوْنِ اللهِ  وَالْمَـسِيْحَ بْنَ مَرْيَم) ( التوبة 31) މާނައަކީ :" އެއުރެންގެ  ޢިލްމުވެރިންނާއި ފާދިރީންނާއި މަރްޔަމުގެ ފާނުގެ ދަރިކަލުން އަލްމަސީޙު (ޢީސާގެފާނު) އަކީ ﷲފިޔަވައި އިލާހުންކަމުގައި އެއުރެން ހެދޫއެވެ." މިގޮތަށް އިލާހުން ކަމަށް ހެދިގެން އުޅުނު މީހުން އެބައިމީހުންގެ ދޫދޫމަތިންނާ ބަސްތަކުން އެބައިމީހުންނަކީ ކަލުން ކަމަށް އިޢުލާނު ކުރަމުން ދިޔައެވެ. ނުވަތަ އިޢުލާނު ކުރުމަށްފަހު އެކަން އެގޮތަށް ޢަމަލުން ކުރަމުން ގެންދިޔައެވެ. މިއިން ކޮންމެ ކަމަކުންވެސް ދައްކަނީ އެއް ނަތީޖާއެކެވެ. އެއީ އިންސާނުން އެބައިމީހުންނެކޭ އެއްފަދަ އެހެނިހެން އިންސާނުންނަށް އަޅުކަން ކުރުމެވެ. އިންސާނުންނަށް ﷲ އެންގެވި އުޞޫލު ދޫކޮށް އެއް އިންސާނަކު އޭނާފަދަ އަނެއް އިންސާނާއަށް އަޅުކަންކުރަމުން ދާކަމެވެ.

މިހެންވެ ކީރިތިރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޤައިޞަރަށް ނުވަތަ ދުނިޔޭގެ ރަސްރަސްކަލުންނަށް ލިޔުއްވި ފަތްކޮޅުތައް ލިޔުއްވާ ނިންމަވާލައްވަވާފައިވަނީ  މިއާޔަތުންނެވެ. يَا أَهْلَ الْكِتَابِ تَعَالَوْا إِلَى كَلِمَةٍ سَوَاءٍ بَيْنَنَا وَ بَيْنَكُمْ أَلاَّ نَعْبُدَ إِلاَّ اللّهَ وَلاَ نُشْرِكَ بِهِ شَيْئًا وَلاَ يَتَّخِذَ بَعْضُنَا بَعْضًا أَرْبَا باً مِنْ دُ وْنِ اللهِ  (ال عمران64)  މާނައަކީ: " ކަލޭގެފާނު ވިދާޅުވާށެވެ. އޭ ފޮތުގެ އަހުލުވެރިންނޭވެ! އަހުރެމެންގެ މެދުގައްޔާއި ތިޔަބައިމީހުންގެ މެދުގައި، ހަމަހަމަވެ އެއްގޮތްވެގެންވާ  ކަލިމައަކަށް އަންނާށެވެ! (އެއީ) ﷲއަށް މެނުވީ އަހުރެމެން އަޅުކަން ނުކުޅައުމެވެ. އަދި އެކަލާނގެޔާ އެއްވެސް އެއްޗެއް އަހުރެމެން ޝަރީކު ނުކުޅައުމެވެ. އަދި އަހުރެމެންގެ އެއްބަޔަކު އަނެއްބަޔަކީ ﷲ ފިޔަވައި ކަލާނގެ ތަކެއްކަމުގައި ނުހެދުމެވެ. " މުސްލިމުންގެ ތެރެއިން އެންމެ ކުރިން އުޅުއްވި ބޭކަލުން ވަނީ މިކަން ބަޔާންކޮށް ދެއްވާފައެވެ. މިގޮތުން ރުބްޢީ ބުނު ޢާމިރު ރަޟިޔަﷲ ޢަންހު ފާރިސީންގެ ޤާއިދު ކަމުގައިވި ކުޅަދާނަ ފަހްލަވާނު ރުސްތުމަށް ވިދާޅުވިއެވެ." މާތްﷲ ތިމަން ބޭކަލުންގެ ތެރެއަށް ރަސޫލަކު ފޮނުއްވައި ތިމަން ބޭކަލުންނަށް އެންގެވީ މީސްތަކުން ﷲގެ އަޅުތަކުންނަށް އަޅުކަން ކުރުމުން ނެރެ އެއްކައުވަންތަ ﷲއަށް އަޅުކަން ކުރުން މަތީގައި ދެމިތިބުމަށް ހޭލުންތެރިކޮށް ހާނުވާށެވެ."

ތައުޙީދަކީ މީސްތަކުން އަޚު ކުރުމުގެ އަސާސެވެ. އިލާހަކާ އެ އިލާހުގެ އަޅުންނަކާ އަޚެއް ނުކުރެވޭނެއެވެ. އެހެންނަމަވެސް އަޅުތަކުންގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި އެއަޅުތަކުންގެ މެދުގައި އަޚު ކުރެވޭނެއެވެ.
ކީރިތިރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކޮންމެ ނަމާދެއްގެ ފަހުގައި މިފަދައިން ދުޢާކުރައްވާ ކަމަށް އިމާމު އަޙްމަދާއި އަބޫދާވޫދު ރިވާކުރައްވާފައި ވެއެވެ. " އަޅަމެން ހައްދަވާ ބޮޑުކުރެއްވި ހުރިހާއެއްޗެއްގެ ވެރި ހުރިހާ އެއްޗެއްގެ މިލްކުވެރި ރަސްކަލާކޮ! ހަމަކަށަވަރުން އިނބަ ރަސްކަލާނގެއީ ﷲ ކަމަށް މިއަޅާ ހެކިވަމެވެ. އިނބަރަސްކަލާނގެއަށް އެއްވެސް ޝަރީކަކު ނުވެއެވެ. އަޅަމެން ހައްދަވާ ބޮޑުކުރެއްވި ހުރިހާއެއްޗެއްގެ ވެރި ހުރިހާ އެއްޗެއްގެ މިލްކުވެރި ރަސްކަލާކޮ!  ހަމަކަށަވަރުން މުޙައްމަދުގެފާނަކީ އިނބަރަސްކަލާނގެ އަޅާކަމަށާއި ރަސޫލާކަމަށްވެސް ހެކިވަމެވެ. އަޅަމެން ހައްދަވާ ބޮޑުކުރެއްވި ހުރިހާއެއްޗެއްގެ ވެރި ހުރިހާ އެއްޗެއްގެ މިލްކުވެރި ރަސްކަލާކޮ! އަދި ހަމަކަށަވަރުން އެންމެހާ އަޅުތަކުންނަކީ އެއްބަޑު އެއްބަފާ ބަޔަކު ކަމުގައި މިއަޅާ ހެކިވަމެވެ." މިއުޞޫލުގެ މަތިން އަޚުވަންތަކަމަކީ ޝަހާދަތުގެ ދެކަލިމައަށްފަހު ދެން އަންނަ ދަރަޖައެވެ. ސަބަބަކީ ޝަހާދަތުގެ ދެކަލިމައިގެ މޭވާއަކީ މިދެންނެވި އަޚުވަންތަ ކަމެވެ.

ތައުޙީދަކީ މީސްތަކުންގެ މެދުގައި އޮންނަންވާ ހަމަހަމަކަމުގެ އަސާސެވެ. ސަބަބަކީ މިބިންމަތީގައި ﷲ ފިޔަވައި އިލާހުންނަށް ހަދައިގެން އުޅޭ ފަރާތްތަކާ އެބައިމީހުން އިލާހުން ކަމަށް ދެއްކި ފަރާތްތަކާއި ހަމަހަމަ ނުވާކަމެވެ. އަދި މިދެންނެވި ހަދަހަދައިގެން އުޅޭ އިލާހުންތަކުގެ  ކުރިމަތީގައި މިފަދަ އިންސާނުން ޖެހިލުންވެ  ބިރުވެތިވެގެން ތިބޭކަމެވެ.

ތައުޙީދުގެ ޢަޤީދާއަކީ އެންމެހާ މީސްތަކުން ހަމަހަމަކުރާ އެއްޗެކެވެ. އެއީ އެއްކައުވަންތަ ﷲއަށް އަޅުވެތި ވުމާއި އެއްބައްޕައެއްގެ ދަރިންކަމުގައި ދުށުމުންނެވެ. މިކަންކަން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ވަނީ ޙައްޖަތުލްވަދާޢުގެ ޚުޠުބާގައި  މީސްތަކުން ހެކިކުރައްވާ ބަޔާން ކުރައްވާފައެވެ. އެކަލޭގެފާނު ޙަދިޘް ކުރެއްވިއެވެ. ( أَيُُّهَا النَّاس ، إِنَّ رَبَّكُمْ وَاحِد ، وَإِنَّ أَبَاكُمْ واحِد، كُلُّكُمْ لِآدَم ، وآدمُ مِن تُرَاب، لَا فَضْلَ لِعَرَبِيٍّ عَلَى عَجَمِيٍّ ، ولا لِأَبْيَضٍ عَلَى أَسْوَد، إِلاَّ بِِا لتَّقْوَى) މާނައަކީ: "އޭމީސްތަކުންނޭވެ! ހަމަކަށަވަރުން ތިޔަބައިމީހުން ހައްދަވާ ބޮޑުކުރެއްވި ރަސްކަލާނގެއީ އެއްކައުވަންތަ ރަސްކަލާނގެއެވެ. ތިޔަބައިމީހުން އެންމެންނީ އާދަމުގެ ދަރީންނެވެ. އާދަމުގެފާނު ހެއްދެވުނީ މަށީންނެވެ. ޢަރަތްބަކަށް ޢަޖަމީއެއްގެ މައްޗަށް ނުވަތަ ދޮންމީހަކަށް ކަޅުމީހެއްގެ މައްޗަށް ތަޤްވާވެރިކަމުން މެނުވީ މާތްކަމެއް ނުވެއެވެ." މިކަމާމެދު ﷲ ތަޢާލާ ވަޙީ ކުރައްވާފައި ވެއެވެ. ( إِنَّ أَكْرَمَكُمْ عِنْدَ اللهِ أَتْقَا كُمْ) (الحجرات 13) މާނައަކީ : "ހަމަކަށަވަރުން މާތް ﷲގެ ޙަޟްރަތުގައި އެންމެ މާތްކަން ބޮޑީ އެންމެ ތަޤްވާވެރީންނެވެ."

ކީރިތިރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަކީ ﷲ މިބިންމަތީގައި ލެއްވި އެންމެ މާތް އިންސާނާއެވެ. އެހެންނަމަވެސް އެކަލޭގެފާނުގެ ދަރަޖަ އަޅެއްގެ ދަރަޖައިން މައްޗަކަށް ނުއުފުއްލަވައެވެ. އެއީ ﷲގެ އަޅާ އަދި ރަސޫލާއެވެ. އެކަލޭގެފާނަކީ އިލާހެއްނޫނެވެ. ނުވަތަ ބައިކުޅަ ބައި އިލާހެއްނޫނެވެ. ﷲ ތަޢާލާ އެކަލޭގެފާނާ މުޚާޠަބު ކުރައްވައި ވަޙީކުރައްވާފައިވެއެވެ. قُلْ إِنَّمَا أَنَا بَشَرٌ مِثْلُكُمْ يُوْحَى إِلَيَّ أَنَّمَا اِلهُكُمْ الهٌ وَاحِد) (الكهف110) މާނައަކީ: " ކަލޭގެފާނު ވިދާޅުވާށެވެ! ތިމަން ކަލޭގެފާނު ވާކަން ކަށަވަރީ ތިޔަބައިމީހުން ކަހަލަ އާދަމުގެ ދަރިޔަކު ކަމުގައެވެ. ތިމަންކަލޭގެފާނަށް ވަޙީ އިއްވަވަނީ ތިޔަބައިމީހުންގެ އިލާހަކީ އެއް އިލާހެއްކަމުގައެވެ.  "  ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަވަނީ އެކަލޭގެފާނުގެ އުއްމަތުގެ މީހުންނަށް އިސްވެ ދިޔައ އުއްމަތްތަކުގެ އަހުލުވެރިން ދީނާ ދުރުހެލިވެ ދީނުން ބޭރުވުމުގެ ސަބަބު ކަމުގައިވާ ހަރުކަށިވުމާއި ހައްދުފަހަނައަޅާ ދިއުމުން ރައްކާތެރިވުމަށް އަންގަވާފައެވެ. ރަސޫލާ ޙަދީޘް ކުރައްވާފައި ވެއެވެ. (لاَ تَطْرُوْنِي ، كَمَا أطرت النصارَى عيسى ابن مريم ، ولكن قولوا : عبد الله ورسوله) މާނައަކީ :" ކްރިސްޓިޔަނުންގެ މީހުން މަރްޔަމްގެފާނުގެ ދަރިކަލުން ޢީސާގެފާނާމެދު ހީކުރިފަދަ ކުށްހީއެއްކޮށް ހަރުކަށިވެ ހައްދުފަހަނައަޅާފައިވާ ގޮތަކަށް ތިޔަބައި މީހުން ތިމަންކަލޭފާނާއިމެދު ހީކޮށް ނުއުޅޭށެވެ. އަދި ކީއްހެއްޔެވެ؟ ތިމަންކަލޭގެފާނަކީ ﷲގެ އަޅެކޭ ރަސޫލެކޭ ތިޔަބައިމީހުން ބުނާހުށިކަމެވެ."
 މިޢަޤީދާ ނުވަތަ ތައުޙީދުގެ ޢަޤީދާ ގޮވާލަނީ ﷲއަށް ފުރިހަމަ ގޮތުގައި އީމާންވުމަށެވެ. ހުރިހާ އުނިސިފަތަކަކުން އެކަލާނގެ ހުސްދުރުވެ ވޮޑިގެންވާކަމަށް އީމާން ވުމަށެވެ. އަދި ހުރިހާ ރިވެތި ސިފަތަކަކުން އެކަލާނގެއަށް ސިފަލިބިވޮޑިގެންވާކަމަށް އީމާން ވުމަށެވެ. އެކަލާނގެ މަލާއިކަތުންނަށް އީމާންވުމަށާއި އެކަލާނގެ ބާވައިލެއްވި ފޮތްތަކަށް އީމާންވުމަށާއި އެކަލާނގެ ފޮނުއްވި ރަސޫލުބޭކަލުންނަށް އީމާންވުމަށާއި އާޚިރަތްދުވަހަށް އީމާންވުމަށެވެ. އަދި މިންވަރަށް އީމާންވުމަށެވެ. މިއީ އިސްލާމީ ޙަޔާތެއްގެ ފުރަތަމަ ކަމެވެ.

މުސްލިމު މުޖުތަމަޢަކީ ޢަޤީދާއާއި ފިކުރުގެ މުޖުތަމަޢެކެވެ. މިމުޖުތަމަޢުގެ ޢަޤީދާއާއި ފިކުރަކީ އިސްލާމްދީނެވެ.  އެހެންވީމާ އެމުޖުތަމަޢު ސިފަވެފައި އޮންނަންވާނީ އެދީނުގެ މަތީގައެވެ. ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ. صِِبْغَةَ اللّهِ وَمَنْ أَحْسَنُ مِنَ اللّهِ صِبْغَة وَنَحْنُ لَهُ عَا بِدُوْنَ ( البقرة138) މާނައަކީ :"ﷲގެ ދީނަށެވެ. (އެބަހީ ތަބާވާންވީ ﷲގެ ދީނަށެވެ.) ހިދާޔަތާއި އިރުޝާދު ދެއްވުމުގައި ﷲ އަށްވުރެ މޮޅީ ކާކުހެއްޔެވެ؟ އަދި ތިމަންމެންނީ ހަމައެކަނި އެކަލާނގެއަށް އަޅުކަންކުރާ މީހުންނެވެ."  އެހެންވީމާ އިސްލާމީ މުޖުތަމަޢުގެ ޢަޤީދާއޮންނާންވާނީ ކޮމިއުނިސްޓް މުޖުތަމަޢެއްގެ ޢަޤީދާއާއި އެއްފަދަ ގޮތަކަށްނޫނެވެ. މުސްލިމު މުޖުތަމަޢެއްގައި އިސްލާމްދީނަކީ އެމީހަކު ހިތަށް ހަމަ އަރާއިރަށް ދޫކޮށްލެވޭ ހިތަށް އެރިގޮތަކަށް ޤަބޫލުކުރެވޭފަދަ ކުޅޭކުޅޭ އެއްޗެއް ނޫނެވެ. ދީނަކީ ﷲއަށް ޚާލިޞް އެއްޗެކެވެ. ޤައުމަކީ މުޖުތަމަޢުގެ އެންމެންނަށް އޮތް އެއްޗެކެވެ.

އެހެން އުޞޫލަކުން ބަލާނަމަ މިސާލަކަށް ޢަލްމާނިއްޔާ ދެކޭގޮތުގައި އިސްލާމީ ޢަޤީދާ ބަހުން ޤަބޫލުކުރިނަމަވެސް އެޢަޤީދާ ޤަބޫލުކުރާ ފަރާތަކަށް ލާޒިމުކުރާ ކަންތައްތައް ދޫކުރަން ޖެހެއެވެ. އެހެންކަމަށްވާނަމަ އެއިން ދެކަމެއް ހާމަވެގެން ދެއެވެ.

1-  ކިޔަމަންތެރިވުމާއި ޤަބޫލުކުރުމުގައި ޢަޤީދާ ބޭނުންކުރުން ދޫކުރުން. މީގެ މާނައަކީ ދީނުގެ ގުޅުމަކީ އެއްވެސް އަގެއް ބުރަދަނެއް ހުރި އެއްޗެއް ކަމުގައި ނުބެލުމެވެ. އެއާއި ޚިލާފަށް ލޭގެ ގުޅުމާއި ނަސްލީގުޅުމަށް އިސްކަން ދިނުމެވެ.

 މިއީ ކީރިތިޤުރްއާނުގެ ނައްޞާއި އެޤުރްއާނުން އަންގާދީފައިވާ އުޞޫލުތަކާއި ޚިލާފު ކަމެކެވެ. ކީރިތިޤުރްއާނުގެ ހޭލުންތެރިކަމުގައި ގޮވާލާފައިވަނީ އުޚުއްވަތްތެރިކަން އޮންނަންވާނީ އީމާންކަމާއި ޢަޤީދާގެ މަތީގައި ކަމެވެ. (إِنَّمَا الْمُـؤْمِنُوْنَ إِخْوَة) (الحجرات10)  މާނައަކީ : "ހަމަކަށަވަރުން އެންމެހާ މުއުމިނުތަކުންނީ އަޚުންތަކެއްކަން ކަށަވަރެވެ. " އެހެންވީމާ މުއުމިނެއް ކަމަށްވާނަމަ  ﷲއަށާއި އެކަލާނގެ ރަސޫލާއަށާއި މުއުމިނުންގެ ޖަމާޢަތުގެ މަޞްލަޙަތަށް ކިޔަމަންތެރިވުން އެހެންހުރިހާ ކަމެއްގެ ކުރިން މުއުމިނަކަށް ލާޒިމު ކުރެއެވެ. (إِنَّمَا ولِيُّكمُ اللهُ وَرَسُوْله وَالَّذِيْنَ آمَنُوا الَّذ ِيْنَ يُقِيْمُوْنَ الصَّلاَةَ ، وَ يُؤْتُوْنَ الزَّكَاةَ وَهُمْ رَاكِعُوْن، وَمَنْ يَتَوَلَّ اللّهَ وَرَسُوْلَهُ وَالَّذِيْنَ آمَنُوْ ا ، فَإِنَّ حِزْبَ اللهِ هُمُ الْغَا لِبُوْن) (الما ئدة 55-56)  މާނައަކީ : " ހަމަކަށަވަރުން ތިޔަބައިމީހުންގެ  އެހީތެރިޔަކީ ﷲއެވެ. އަދި އެކަލާނގެ ރަސޫލާއެވެ. އަދި އީމާންވެގެން ތިބި މީހުންނެވެ. އެއުރެންނީ މަޑުމޮޅިވެތިބެ ނަމާދުކޮށް، އަދި ޒަކާތްދޭ މީހުންނެވެ. ﷲ އާއި އެކަލާނގެ ރަސޫލާއާއި،  އީމާންވެގެން ތިބި  މީހުން އެއީ، އެހީތެރިން ކަމުގައި ބަލައިފިމީހާ (ދަންނާށެވެ!) ފަހެ ހަމަކަށަވަރުން ގަދަވާނޭ ބަޔަކީ ހަމަ ﷲގެ ޖަމާޢަތެވެ."
އެހެންވީމާ އީމާންކަމުގެ ގުޅުމާއި ތަޢާރުޟުވާ ހުރިހާ ގުޅުމެއް އެއީ ކިތައްމެ ގާތް ގުޅުމެއްކަމަށްވިޔަސް ދޫކޮށްލަން ޖެހެއެވެ. މީގެ މިސާލަކީ އިބްރާހީމް ޢަލައިހިއްސަލާމާއި އެކަލޭގެފާނުގެ ބަފައިކަލުންގެ މިސާލެވެ. އަދި ނޫޙު ޢަލައިހިއްސަލާމާއި އެކަލޭގެފާނުގެ ދަރީގެ މިސާލެވެ. ރަސޫލާއާއި އެކަލޭގެފާނުގެ ބޮޑުބޭބެ އަބޫލަހަބުގެ މިސާލެވެ.
2- ޢަލްމާނިއްޔާ އިންކާރު ކުރަނީ އިސްލާމީ ޢަޤީދާގެ އަހުލުވެރިން ﷲއާއި އެކަލާނގެ ރަސޫލާގެ އަމުރުފުޅާއި ޙުކުމާއި އެއްގޮތަށް ޙުކުމް ކުރުމަށެވެ. އެއިން އެއްވެސް ކަމަކަށް އެއްވެސް ފަސްޖެހުމެއްނެތި އެއްވެސް އިންކާރު ކުރުމެއްނެތި އެކަން ޤަބޫލުކުރަން އިސްލާމީ ޢަޤީދާ ގޮވާލައެވެ.

އެހެންވީމާ މިއިން އެގެނީ ޢަލްމާނީ ޚިޔާލަށް ތަބާވާ މީހެއް  އިސްލާމީ ޢަޤީދާއާއި ދެކޮޅުވާނެ ކަމުގައެވެ. އިސްލާމީ ޢަޤީދާ ޙަރާމް ކުރާކަންތައް ޢަލްމާނިއްޔާ ހުއްދަ ކުރެއެވެ. އިސްލާމީ ޢަޤީދާ ލާޒިމުކުރާ ކަންތައް ޢަލްމާނިއްޔާ ދެކޮޅު ހަދައެވެ.

އިދާރާ

އެނގޭތަ؟

ވާހަކަ