އަދުގެ ޚާއްސަ

Print

މުސަޅު ޖަނާޒާ

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ސަމާސާ އަދަބު



އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ (2002)


މި ފަހަރު ސަމާސާ އަދަބުގެ މި ޞަފުޙާގައި ލިޔެލަން މިއޮތީ އަޅުގަނޑު ވަރަށް ޤަދަރު ކުރާ ޢިއްޒަތްތެރިޔަކަށް ދިމާވި ކަމެއްގެ ވާހަކަ އެވެ. އޭނާ އަޅުގަނޑަށް ކިޔައިދެއްވި ގޮތަށް މިވާހަކަވެސް ތިޔަ ބޭފުޅުންނާ ހަމަޔަށް ހުށަހަޅާލެވޭތޯ ބަލާނަމެވެ. ސީދާ މައުޟޫޢަށް ޖެހިލުމުގެ ކުރިން އިތުރު ދެއެއްޗެއް ދަންނަވާލިޔަ ދެއްވާށެވެ!


ކޮންމެ ބަހެއްގައި ވެސް އުފެދޭ މަޖާޒަކީ، ވަަރަށް އާދަޔާ ޚިލާފު އެއްޗެއް ދޮގެއްތޯ އެވެ! އެނގިވަޑައި ގަންނަވާނެ ފަދައިން ބަހުގެ މަޖާޒަކީ، އެބަހެއް ބުނުމުން އެއިން ދޭހަވާ އަސްލު މާނަ ނޫން އެހެން މާނަ އެއް ނެރެދޭ ބަސްބަހެވެ.  


މި ބާވަތުގެ ބަސްތައް ގިނަފަހަރަށް އުފެދެނީ ދިރިއުޅުމުގެ އާދަކާދައިގެތެރޭން އެއް ގޮތް ދެކަމެއް ގުޅުވައިލައިގެންނެވެ. މި ސާލެއް ދަންނަވާލާނަމެވެ. މާލޭގައި ދިރި އުޅުއްވާ ގިނަބޭފުޅުންނަށް އެނގިވަޑައިގަންނަވާނޭ ފަދައިން،  މާކަރީ ހޮޓަލަކީ ޒަމާނުއްސުރެ އެތާނގައި ފެންޑާއެއް ހުންނާތީ އެފެންޑާގައި ގިނަބަޔަކު ދުނިޔަވީ އެކި އެކި ވާހަކަ ދައްކާލަން، ރާޒުވާ ކުޅެލަން  މަޑުކޮށްލާ ތަނެކެވެ.  ތަފާތު އެތައް ބައެއްގެ ތަފާތު އެތައް ވާހަކަ ތަކެއްގެ ސަބަބުން، ތަފާތު އެތައް ބާވަތެއްގެ މަޢުލޫމާތެއް އެއްތަނަކުން ލިބޭ ތަނެކެވެ. މި ހާރަކު އެ ހޮޓަލަކު ފެންޑާއެއް ނެތެވެ. ނަމަ ވެސް އެހޮޓަލުގެ  ރަހަ މީރު ހެދިކާއާއި، ސަޔަށް ޝައުޤުވެރިވާ ބައެއް ފަރާތްތަކުން މިހާރު ވެސް އެހޮޓަލަށް ގޮސް ހަމަ ކުރިޔެކޭ އެއްގޮތަށް  ވާހަކައިގައި ތިބެއެވެ.  މި ތިބޭ ތިބުމަށް ކިޔާނަމަށް މި ހާރު ވަނީ އޭގެތެރެއިން ބައެއް މީހުން ވަރަށް ބޮޑު ޒަމާނީ ބަދަލެއް ގެނެސްފަ އެވެ. ރާއްޖެއަށް  އިންޓަނެޓު ތަޢާރަފު ވުމާ ގުޅިގެންނެވެ.  އެނގިވަޑައިގަންނަވާނޭ ފަދައިން  އިންޓަނެޓަކީ ވެސް ''އެއްތަނެއްގައި ތިބެ'' މުޅި ދުނިޔެ ކުރިމަށްޗަށް ގެނެސް ތަފާތު މަޢުލޫމާތުތައް ހޯދޭ ނިޒާމެކެވެ. އެހެން ކަމުން މި ކަމާ ގުޅުވާފައި  ކުރިން ދެންނެވި، ކާބޯ ތަކެތި މީރު މަޝްހޫރު ހޮޓަލަށް ގޮސް ވާހަކަ ދައްކާލާ ހެދުމަށް، "ނެޓަށް ވަނުމޭ'' ބުނެ އުޅޭ އަޑު ފަހަކަށް އައިސް އެބަ އިވެ އެވެ.

ދެން އަޅުގަނޑުގެ މައުޟޫޢަށް އެނބުރިލާނަމެވެ.  ފެށުމުގައި އަޅުގަނޑު ދެންނެވި ޢިއްޒަތްތެރިޔާ ހުންނެވީ ޗުއްޓީއެއްގައި ވަޑައިގެން ރާއްޖޭގެ ރަށެއްގަ އެވެ.  އެ ރަށަކީ ޒަމާނުއްސުރެ ވަރަށް ޢިލްމީ އަދަބީ މާޙައުލެއް ޤާއިމުވެފައިވާކަމަށް ރާއްޖޭގައި މަޝްހޫރު ރަށެކެެވެ.  ކޮންމެޔަކަސް  މި ދެންނެވި ރަށުގެ މީހުންނަކީ ވެސް އޭނާ އަށް ވަރަށް ކަމޭހިތާ، ވަރަށް އިޙްތިރާމު ކުރާބައެކެވެ.  މީނާ އަކީ ވެސް، ދިވެހި އަދަބިއްޔާ ތަށް ލޯބިކުރައްވާ އަދި، ހިސާބަކަށް ސަމާސާ ގޮތްވެސް ހުންނަ ބޭފުޅެކެވެ.  ނަމަވެސް ގިނަ މީހުން އޭނާ އާއި މުޚާޠަބު ކުރާކަމަށްވަނީ ސަމާސާގެ ރޫޙަށް ވުރެ ބޮޑަށް ތަންކޮޅެއް އަބުއި ރޫޙެއްގަ އެވެ.  މި ކަން އޭނާ އަށް ވެސް ފާހަގަ ކުރެއްވެ އެވެ. އެ މީހުން އޭނާއާ މެދު ދެކޭ ގޮތް އޭނާ ވެސް އެގޮތުގައި ގަބޫލުކުރައްވަ އެވެ.

އެެއްދު ވަހެއްގެ ހަވީރުގެ ވަގުތެކެވެ.  ރަށުގެ ޒުވާންފުރައިގެ ކުދިބަޔަކު އައިސް ދަންނަވައިފި އެވެ. މިރޭ ވަރަށް މުހިންމު ތާކަށް ވަޑައިގެންދެއްވަން ވެއްޖެ އެވެ.  އޭނާ ވަރަށް އަަވަސް އަވަހަށް އަނެއްކާ އެހާ މުހިންމު ކޮންތަނެއްތޯ އަައްސަވައިލެއްވި އެވެ. އެ ކުދިން ދެންނެވި އެވެ. މިރޭ ޢިޝާނަމާދަށް މި ރަށު މާ މިސްކިތަށް ދުރުވެ ދެއްވާށެވެ! ޢިޝާނަމާދަށް ފަހު އަޅުގަނޑު މެންނަށް ވަރަށް މުހިންމު ޖަނާޒާ އެއް އެބަ އޮތެވެ. އެ ޖަނާޒާގައި ބައިވެރިވެ ވަޑަައިގެން ދެއްވަން ކޮންމެ ހެންވެސް ވާނީ ވަޑައިގެންދެއްވާށެވެ! ކަމުގެ ބާވަތުން ހިސާބަކަށް ހިތްޕުޅަށް މޮޅިވެރިކަން ވަނުމާއެކު، ވަގުތުން އެކަމަށް އެއްބަސްވެވަޑައިގެންފި އެވެ.

އެހެންޏާ،  ޢާއްމުކޮށް ގަންޖުފަރާސް ލައިގެން އުޅުނަސް ޖަނާޒާއަކަށް ހާޒިރުވާއިރު ވާނީ ތަންކޮޅެއް ކަމުގެ ހައިބަތަށް ސަމާލުކަން ދޭންތާ އެވެ. އެހެން ވީމާ އަތްދިގު ހުދުގަމީހަކާ، ކަޅު ފަޓުލޫނަކާއި ހައްޖުތާކިހަލުގައި ހުންނަވައިގެން މިސްކިތަށް އަރައިވަޑައިގެން ނަމާދުގެ ސަފެއްގައި ހިމެނިވަޑައިގެންފި އެވެ.


ނަމާދުން އަވަދިވެ ޒިކުރުތަސްބީޙަޔާއި ދުޢާ ނިމުނު އިރުވެސް ޖަނާޒާ އެއް މިސްކިތުގައި އޮތް ކަމުގެ އެއްވެސް ލިސާނެއް ފެންނާކަށް  ނެތެވެ. މާ ގިނަ އިރެއް ނުވެ ފަހަރަކު މީހަކު،  ފަހަރަކު މީހަކު ފައިބައި މިސްކިތް ހުސްވަމުން އެބަ ދެެއެވެ. އެންމެ ފަހުން މީނާ ވެސް މިސްކިތުން ފައިބައިވަޑައިގެންފި އެވެ.


ހަމަ ބޭރަށް ނިކުވެ ވަޑައިގަތްތަނާ އެއްކަލަ ކުދިންގެ ތެރެއިން އެންމެ އިސްކޮށް ހުރި ''ގޮލައި'' އައިސް އަތްޕުޅުގައި ހިފައިފައި ހިންގަވާށޭ ދަންނަވައިފި އެވެ. އެ ދިޔަ ގޮތަށް ގޮސް ވެއްދީ ބޮޑު ގެޔަކަށެވެ. އޭރު މެދުގޭތެރޭ ހުރި މޭޒެއްގެ މަތި  ކާބޯތަކެތިން ބަރާވެފައި އޮތެވެ. މުޅި މޭޒުގައި އަތުރާލެވިފައިވާ ތަށިތައް ވަނީ އުސްތުނބަށް އަރައިފަ އެވެ. އެތައް ބާވަތަކުންނެވެ. މޭޒުގެ މެދުތެރޭގައި ހުރި ސަލަވާތްފުޅުތަށްޓެއްގައި ރުއްވަކައިން އަސްޖަހާލައިފައި ދިވެހި ހަވާދުގައި ކައްކައި ރޯސްކޮށްލައިފައި އޮތް މުސަޅެއް އޮތެވެ. ވަގުތުން ކުޅު ދިޔާ ކޮށްލައިފި އެވެ.  މި ތަންވަޅު އެއްކަލަތަނުން ކުއްޖަކު ތެދުވެލައފައި ދެންނެވި އެވެ. އަވަހަށް މޭޒު ދޮށަށް ލެފިވަޑައިގެން އިށީނދެ ވަޑައިގަންނަވާށެވެ.  އަޅުގަނޑުމެން ދެންނެވި ޖަނާޒާ އަކީ މިއެވެ. ކަތިލައި ކައްކައި ހަނާ ކުރެވިފައި މި އޮތް މުސަޅުގެ ''ޖަނާޒާ'' އެވެ.  ދެން ލަސް ނުކުރައްވައި އިންސާފު ކުރައްވަން ފަށްޓަވާށެވެ! ޖަނާޒާއާ ގެން ކުރިޔަށް ވަޑައިގަންނަވާށެވެ!

(ނިމުނީ)

ނޯޓު: މިއީ އަޅުގަނޑު ފިހެސް މަޖައްލާގައި ނުވަތަ އަށްޑުވަސް މަޖައްލާގައި ޝާއިޢު ކޮށްފައިވާ ލިޔުމެކެވެ. ފަންވަތުގައި ޝާއިޢު ކޮށްފައި މިވަނީ އެއްވެސް ބަދަލެއް ނުގެނައިހެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ