އަދުގެ ޚާއްސަ

Print

ދިވެހިބަހުގެ އަސްލާއި މެދު (ފަހުބައި)

ޝާޢިއުކުރީ ޝަކީލާ ޙާމިދު . ހިމެނޭބަޔަކީ މާދަރީބަސް



ޝަކީލާ ޙާމިދު ބިޖިލީގެ ހއ. ކެލާ


ޗާޓް:4
ސޯސް: ނަސީމާމުހައްމަދު. (2007). ދިވެހިބަސް ޕްރެޒެންޓޭޝަން ސީޑީ މާލެ: ދިވެހިބަހާތާޜީޚަށްޚިދުމަތްކުރާގައުމިމަރުކަޒު.


ވިލްހެލްމު ގައިގަރ (1919) އާއި ވިޖޭސުންދަރާއާއި އޭނާގެޓީމު (1988) ވިދާޅުވަނީ ސާންސްކުރިތު ބަހުން ޕްރޯޓޯ ދިވެހި ސިންހަޅަ އުފެދި، ސިންހަޅަބަހުން ދިވެހިބަސް އުފެދުނީ ކަމުގައެވެ.



ޗާޓް:5
ސޯސް: ނަސީމާމުހައްމަދު. (2007). ދިވެހިބަސް ޕްރެޒެންޓޭޝަން ސީޑީ މާލެ: ދިވެހިބަހާތާޜީޚަށްޚިދުމަތްކުރާގައުމިމަރުކަޒު.


މިބޭފުޅުން މަސައްކަތް ކުރައްވާފައިވަނީ ދިވެހިބަސް އުފެދިފައިވަނީ ސިންހަޅަ ބަހުންކަމުގައި ބައްލަވައިގެން އެކަމުގެ ހެކިތައް ހޯއްދެވުމަށް ކަމަށްލަފާކުރެވެއެ. ސޮންޔާ ފްރިޓްޒް (2002) ހާމަކުރައްވަނީ ވިލްހެލްމު ގައިގަރ (1937) ގައި ލިއުއްވާފައިވާ އާޓިކަލް "ދަލިންގްއިސްޓިކް ކެރެކްޓަރ އޮފް ސިންހެޅީސް" ގައި ހާމަކުރައްވާފައިވާ ގޮތުން ސިންގަޅަބަހަކީ ޑްރެވީޑިއަން ބަހެއްކަމަކަށް ތާއީދެއް ނުކުރެވޭކަމުގައެވެ. ހަމައެއާއިއެކު ޑެނިސްގެ ލިންގްއިސްޓެއްކަމަށްވާ ރަސްމުސް ރަސްކް (1970) ސިންގަޅަ ބަހާއި ތަމަޅަބަހުގެ މެދުގައިވާ ގުޅުންބެލުމަށް ކުރިދިރާސާއިން އެދެބަހަކީ އެއްވެސް ގާތްކަމެއްހުރި ދެބަސްކަމަކަށް ފާހަގައެއްނުކުރެވުނެވެ. އެނގުނު އެނގުމަކީ ސިންގަޅަބަހަކީ ސާންސްކްރިތުން އުފެދުނު ބަހެއްކަމެވެ. އެހެނަސް ނަސީމާ މުޙައްމަދު (1998) ޙުސައިން ރަޝީދު އަޙުމަދާއި (2003) ސޮންޔާ ފްރިޓްޒް (2002) ވިދާޅުވަނީ ސާންސްކްރިތު ބަހުން ޕްރޯޓޯ ދިވެހި ސިންހަޅަ އުފެދި ޕްރޯޓޯ ދިވެހި ސިންހަޅައިން ދިވެހިބަހާއި ސިންހަޅަބަސް އެކުއެކީގައި އުފެދި ތަރައްޤީވީ ކަމުގައެވެ.



ޗާޓް:6
ސޯސް: ނަސީމާމުހައްމަދު. (2007). ދިވެހިބަސް ޕްރެޒެންޓޭޝަން ސީޑީ މާލެ: ދިވެހިބަހާތާޜީޚަށްޚިދުމަތްކުރާގައުމިމަރުކަޒު.



ހަމައެއާއިއެކު ޙަބީބާ ޙުސައިން ޙަބީބު (1996) ވެސް ވިދާޅުވަނީ ދިވެހި ބަހަކީ ސާންސްކްރިތު ބަހާއި އެހެނިހެން ޑައިލެކްޓްތައް އެކުލެވި މަސްހުނިވެ، އުފެދިފައިވާ ހަރުދަނާ ޕްރާކްރިތަކުން އުފެދުނު ބަހެއްކަމަށްވުން އެކަށީގެންވެއެވެ. ވީމާ ފެންނަންހުރި ތާރީޚީ ހެކިތަކަށް ބަލާއިރު ބޮޑަށް ބުރަވެވެނީ ސިންގަޅަބަހަކީ ދިވެހިބަހާ އެއްޕްރާކުރިތަކުން އުފެދިފައިވާ އެއްބަނޑު އެއްބަފާ ނުވަތަ އެއްނިބުލު ދެބަސްކަމުގައެވެ.
   
ދެބަހެއްގެ ލަފުޒުތަކުގައި ގާތްކަމާއި އެއްގޮތްކަން ހުންނަން ދިމާވާ ސަބަބުތަކުގެ ތެރޭގައި ޖިއޮގުރަފީގޮތުން ރަށްހިމެނިފައިވާ ސަރަޙައްދާއި ދަތުރުފަތުރާއި، ހިޖުރަކުރުންވެސް ހިމެނެއެވެ. ދިވެހިބަހާއި، ސިންހަޅަބަހުގައި މިއޮތް ގުޅުމަކީ މިފަދަގޮތަކުން އުފެދުނު ގުޅުމެއްކަމަށް ވުންވެސް އެކަށީގެންވެއެވެ. ހެންރީޗާލްސް ޕާރވިންސް ބެލް (1940) ވިދާޅުވަނީ "ދިވެހިބަސް ހިމެނެނީ އިންޑޯ-އާރިޔަން ބަސްތަކުގެ ތެރޭގައެވެ. އެންމެގާތް ދައްތަބަހެއްގެ ގޮތުގައި ސީދާފާހަގަވާންއޮތީ ސިންގަޅަބަހެވެ އިންޑިޔާކަނޑުގެ ގައުމުތަކުގައި  ބާރުގަދަ ވެރިކަމެއްހިންގި ދުވަސްވަރު ދިވެހިރާއްޖެއަށް ވެސް އެކަމުގެ އަސަރު ފޯރާފައިވެއެވެ. އެގޮތުން ރާއްޖޭގެ ސަގާފަތަށާ ބަހަށްވެސްއެކަމުގެ އަސަރު ފޯރާފައިވާކަން އެނގެން އެބައޮތެވެ" (ޞ. 16).

ހަމައެއާއިއެކު ދިވެހިބަހާއި އެބަހުގެ ބަހުރުވަ ތަކާއިބެހޭގޮތުން ހަރުދަނާ ދިރާސާތަކެއް ކުރައްވާފައިވާ ޕްރޮފެސަރ ސޮންޔާ ފްރިޓްޒް (2004) ސާބިތުކޮށްދެއްވަނީ ދިވެހިބަހާއި، ސިންހަޅަބަހާ ދެމެދުގައި ގާތްގުޅުމެއްވާކަމާ އެހެނަސް ދިވެހިބަސް އެބަހަކުން އުފެދުނު މައިބަހަކީ ސާންސްކިރިތް ބަސްކަމެވެ. މިބަސް ގުލިފައިވަނީ އިންޑޯ ޔޫރަޕިއަން ގްރޫޕުގެ ބަސްތަކާއެވެ. އަދި ދިވެހިބަހަށް ސިންގަޅަބަހުގެ އަސަރު ފޯރާފައިވަނީ 12 ވަނަޤަރުނުގައި ކަމަށްވުން އެކަށީގެންވާ ކަމުގައެވެ. ވިމާ ސޮންޔާ ފްރިޓްޒްގެ ބަހުން ދިވެހިބަހަށް ސިންގަޅަބަހުގެ އަސަރުކޮށްފައިވަނީ ބާރަވަނަ ގަރުނުގައިކަމާއި ދިވެހިބަހަކީ އެއަށްވުރެ މަކުރީގެ ބަހެއްކަން ސާބިތުވެއެވެ.

 އެފަދަހެކިތަކުގެ ތެރޭގައި އއ މާޅޮހުން ފެނިފައިވާ ހިރިގަލު ފޮއްޓާއި، މީލާދީ ނުވަނަވަ ގަރުނުގެ ލިޔުމެކެވެ. އަދި ތ ވޭމަންޑޫން ފެނުނު ރަންފަތްކޮޅާއ، ނ. އަތޮޅު ލަންދޫން ފެނުނު ގަލާއި، ފަސްމޫނުލިބުދަކީ މީލާދިން (8- 9 ވަނަ ގަރުނުގެ) ލިޔުންކަމުގައި ނަސީމާ މުޙައްމަދު (2007) ހާމަކުރައްވައެވެ. މިފަދަ ހެކިތަކަށް ބަލާއިރު ދިވެހި ސިންގަޅަބަހުގެ ގުޅުމަކީ މައި ދަރި ގުޅުމެއްކަމަކަށް ލަފައެއްނުކުރެވެއެވެ.




ލިޔުން: 1
ސޯސް: ނަސީމާމުހައްމަދު. (2007). ދިވެހިބަސް ޕްރެޒެންޓޭޝަން ސީޑީ މާލެ: ދިވެހިބަހާތާޜީޚަށްޚިދުމަތްކުރާގައުމިމަރުކަޒު.


މީގެއިތުރުން މީލާދީން 362 ވަނައަހަރު ދީނީންނާއި (ދިވެހިން) ސަރަންދީވީން (ސިންގަޅައިން) ވަކިދެބައެއްގެ ގޮތުގައި ރޫމީންގެ ޖޫލިޔަން ރަސްގެފާނު އަރިހަށް ވެދުހިފައިގެން ދިޔަކަމަށް ނަސީމާ މުޙައްމަދު (1998) ހާމަކުރައްވައެވެ. މިކަމުގެ ހެއްކަކީ އޭރުވެސް ދިވެހިބަހާއި ސިންގަޅަބަސް ވަކިދެބަހެއްގެ ގޮތުގައި  ތަރައްޤީވެފައި އޮތުމަކީ އެކަށީގެންވާ ކަމެއްކަމެވެ. 
ހަމައެއާއިއެކު ބަހުގެ ލަފުޒުތަކާއި ތަރަހަޔަކީވެސް ބަހުގެ އަސްލު ހޯދުމުގައި މުހިއްމުބައެކެވެ. އެގޮތުން ބަލާއިރު މިދެބަހުގެ އަސްލާއި، ތަރަޙައިގައިވަނީ މައިދަރިވަންތަކަމުގެ ގުޅުމަކަށްވުރެ ބޮޑަށް އެއްބަނޑު އެއްބަފާ ވަންތަކަމުގެ ގުޅުމެއްކަމުގައި ނަސީމާ މުޙައްމަދާއި (1998) ޙުސައިން ރަޝީދު އަޙުމަދު (2003) ހާމަކުރައްވައެވެ. މީގެއިތުރުން އިންޑޯ އާރިއަން ބަސްތަކާ ބެހޭގޮތުން ކުރިދިރާސާއިން ދައްކާކަމަށް ޙުސައިން ރަޝީދު އަޙުމަދު (2003) ވިދާޅުވަނީ ދިވެހިބަހާ އެންމެގާތްކަންބޮޑު ބަހަކީ ސިންގަޅަބަސްކަމާއި، ދެވަނަބަހަކީ އާރީބަސްކަމާއި، އަދި ތިނަވަނަ ބަހަކީ ޕަންޖާބީބަސްކަމެވެ. ދިވެހިބަހާއި ގާތްކަމުގެ ގޮތުން ހަތްވަނަ ލިބޭ މަރާޓީ ބަހަކީ ސިންގަޅަބަހާއި އެންމެ ގާތްބަހެވެ. ދިވެހިބަހުގެ މާދަރީބަސްކަމުގައި ސިންހަޅަބަސް ބެލެވޭނަމަ، މިދެބަހުގައި އޮތްފަދަ ނުވަތަ އެއަށްވުރެވެސް ކައިރި ގުޅުމެއް ދިވެހިބަހާ މަރާޓީ ބަހާދެމެދުގައި އޮނަންޖެހޭނެއެވެ. މިދެބަހުގެ ދެމެދުގައި ގާތްކަމެއް ނެއްކަމީވެސް ބަހަވީ ގުޅުމަކުން މައިވަންތަކަމާއި ދަރިވަންތަކަމުގެ ގުޅުން ސާބިތުވާން ނުޖެހޭ ކަމުގެ ސާފުހެއްކެކެވެ. 

ސިންގަޅަބަހާއި، ދިވެހި ބަހުގެ ޤަވާޢިދާއި، ހަމަޔަށް ބަލާއިރު މިދެބަހުގައި މައިބަހާއި، ދަރިބަހާ ދެމެދުގައި އޮންނަން ޖެހޭގުޅުން މާބޮޑަށްވެސް ދުރުކަން ފާހަގަކުރެވެއެވެ. އާރީ ޢާއިލާގެ ވަރަށް ގިނަބަސްތަކާއި، ޤަވާޢިދުގެ ގޮތުން އެއްގޮތްވާ އުސޫލުން ސިންގަޅަބަހާވެސް އެއްގޮތެވެ. އެހެނަސް ބަހުރުވައެއްގައި އޮންނަންނުޖެހޭ ތަފާތު އެތައްޤަވާއިދެއް ސިންގަޅަބަހާ ޚިލާފަށް ދިވެހިބަހުގައި ފެންނާންހުރިކަމީ ފެންނަންހުރި ޙަގީގަތެއްކަމަށް ޙުސައިން ރަޝީދު އަޙުމަދު (2003) ހާމަކުރައްވައެވެ. ވީމާ މިހުރިހާ ހެކިތަކުގެ އަލީގައި ދެންނެވޭނީ ދިވެހިބަހަކީ ސިންގަޅަބަހުގެ ދަރިއެއްނޫންކަމެވެ.

އެހެނަސް ނަސީމާ މުޙައްމަދު (1998) ޙުސައިން ރަޝީދު އަޙުމަދު (2003) ހާމަކުރައްވަނީ ދިވެހިބަހުގެ ބޯދާ ލަފުޒުތަކާއި، ސާންސްކްރިތު ބަހުގެ ލަފުޒުތަކާއި ހުރިގާތްކަމަކީ މައިބަހާއި، ދަރިބަހާ ދެމެދުން ފެންނާނެ ގާތްކަމެއްކަމެވެ. އެކަން ސާބިތުވާ އެއްހެއްކަކީ ޙުސައިން ރަޝީދު އަޙުމަދު (2003) ކުރައްވަފައިވާ ދިރާސާއެވެ.


ތާވަލު:4
ޙުސައިން ރަޝީދު އަޙުމަދު (2003) ގެ ދިރާސާގެ ތެރެއިން.

ދިވެހިބަސް

ސިންހަޅަބަސް

އާރީބަސް

ޕަންޖާބިބަސް

ޕާލީ

އުރުދޫ

ސާންސްކްރިތު

ކާކު

ކަމުދަ

ކޯ

ކައުޓް

ކޯ

ކައުން

ކަހް

އެކަމަކު

ނުމުތް

ޕަން

ޕަޑް

ޕަރް

ޕަރް

ކިމްތު

ބޭބެ

އަނިޔާ

ބާޔާ

ބަހއީ

ބާހއި

ބާހއި

ބަހޔާތާ

ގެރި

އެލަދެތަ

ގާއީ

ގާނއި

ގޮރު

ގާއި

ގައު

ކުކުޅު

ކިކިޅީ

ކުކުޅި

ޕަކޭރޫ

ކުކުރި

މުރްޣީ

ކުއްކުޓައް



ސޯސް: ހުސެއިންރަޝީދުއަހުމްދު. (1996). ދިވެހިބަހުގެއަޑު. ޗާޕުކުރިފަރާތް އެނގެންނެތް.

ކުރިންވެސް ދެންނެވިފައި ވާނޭފަދައިން ދިވެހިބަހުގައި ގިނަޢަދަދަކަށް ސާންސްކްރިތުގެ ބަހުގެ ބޯދާބަސްތައް ހިމެނޭކަން ފާހަގަކުރެވެއެވެ. ނަސިމާ މުޙައްމަދު (1998) ވިދާޅުވަގޮތުގައި ދިވެހިބަހުން ފެންނަންހުރި ބޯދާ ބަސްތަކުގެ ތެރޭގައި ގިނައީ، އަދި ގިނަޒަމާންވުމުގެ ސަބަބުން ގިނަބަދަލުތައް އައިސްފައިވަނީ ސާންސްކްރިތުން އައިސްފައިވާ ބަސްތަކަށެވެ". ވީމާ މިފަދަ ހެކިތަކުގެ އަލީގައި ބޮޑަށްބުރަވެވެނީ ދިވެހިބަހުގެ އަސްލަކީ ސާންސްކްރިތު ބަސްކަމުގައެވެ. ތިރީގައި މިވަނީ ދެންނެވުނު ހެކިތަކުގެ އަލީގައި ދިވެހިބަސް އުފެދުނުކަމަށް ނަސިމާ މުޙައްމަދު (1998) ވިދާޅުވާގޮތެވެ.


ދިވެހިބަސް އުފެދުނުކަމަށް އެންމެބޮޑަށް ލަފާކުރެވޭ ގޮތް:




ޗާޓް:7
ސޯސް: ނަސީމާމުހައްމަދު. (1998). ދިވެހިންގެތަރިކަ،1،2،3،4. މާލެ: ދިވެހިބަހާތާޜީޚަށްޚިދުމަތްކުރާގައުމިމަރުކަޒު.

ދިރާސާގެ ނަތީޖާ


ބަހާއިބޭހޭގޮތުން އެކިއެކި ބޭބޭފުޅުންގެ ޚިޔާލާއި ރައުޔު ތަފާތު ވިކަމުގައިވިޔަސް ޖުމްލަކޮށް ދަންނަވާނަމަ ދެންނެވޭނީ ބަހަކީ އިންސާނުންގެ މާއްދީ ބޭނުންތަކާއި، ޝުޢޫރުތައް ފާޅުކުރުމަށް ވަކިހަމަތަކަކާއި ޤަވާޢިދުތަކެއްގެ މަތިން ބޭނުންކުރާ އަޑުތަކަކާއި، ޙަރަކާތްތަކެއް ކަމުގައެވެ. އަދި މިއީ އިންސާނުންގެ ދިރިއުޅުމަށް ބޭނުންވާ އަސާސީ ސިފައެއްކަމުގައެވެ. އަދިބަހަކީ އިލާހީ އެއްޗެއްކަމާއި ޤުދުރަތުން އެކަލާންގެ އިންސާނައަށް ދެއްވާފައިވާ އަގުބޮޑު ހަދިޔާއެއް ކަމުގައެވެ.
ދުނިޔޭގެ ބިމުގައި އިންސާނީ ދަރިފަސްކޮޅު އާބަދުވުމުގެ ކުރިން ސުވަރުގޭގައި އާދަމްގެފާނާއި، ޙައްވާގެފާނު އުޅުއްވިކަމާއި، ސުވަރުގޭގެ އަހުލުވެރިންގެ ބަހަކީ ޢަރަބިބަސް ކަމުގައެވެ. އެހެންކަމަށްވާއިރު އާދަމްގެފާނާއި، ޙައްވާގެފާނު ދުނިޔެއަށް ފޮނުއްވުމުން ދުނިޔޭގެ ބިމުގައިވެސް ވާހަކަފުޅު ދައްކަވާނީ ޢަރަބިބަހުންކަން އެއީ ސާބިތުކުރެވޭ ހަރުދަނާ ހެއްކެކެވެ. ވުމާއެކު ފުރަތަމަބަހަކީ ޢަރަބިބަސް ކަމާއިމެދު ޝައްކުކުރެވޭނެ ތަނެއްނެތެވެ.  
މިދިރަސާއަށް ބަލާއިރު ބެލުނު ފޮތްތަކާއި ލިޔުންތަކުން ދިވެހިބަހުގެ އަސްލަކީ ސާންސްކްރިތް ބަސްކަމުގައި ވިދާޅުވަނީ 11 ބޭފުޅުންނެވެ. ސިންގަޅަބަހާއި ޕާލީބަސް އަދި އިންޑޯ އީރާނިއަން ގްރޫޕުގެ ބަހެއްކަމަށް ވިދާޅުވަނީ ތިންބޭފުޅުންނެވެ. ދިވެހިބަހުގެ އަސްލަކީ އިންޑިކް ބަހޭވިދާޅުވަނީ ދެބޭފުޅެކެވެ. އިންޑޯ އާރިޔަން ބަހެކޭ ވިދާޅުވަނީ އެންމެބޭފުޅެކެވެ. ކަނޑައެޅިގެން ދިވެހިބަހުގެ އަސްލަކީ ސިންގަޅަ ބަހެއްނޫނޭ ވިދާޅުވާ ދެބޭފުޅަކު ވެސް ފާހަގަ ކުރެވުނެވެ. ކޮންމެއަކަސް ކުރެވުނު ދިރާސާގެ ހެކިތަކަށް ބަލާއިރު ދިވެހިބަހަށް ސިންގަޅަބަހުގެ ނުފޫޒު ވެރިވެފައިވަނީ 10 ވަނަ ޤަރުނާއި 12 ވަނަޤަރުނާ ދެމެދުގައި އިންޑިޔާކަނޑުގައި މޯގަލް އެމްޕަޔަރުންގެ ވެރިކަން ފުޅާވެގެން ދިޔަދުވަސްވަރު ކަމަށް ލަފާކުރެވެއެވެ. އަދި ދިވެހިބަހާއި، ސިންހަޅަބަހަކީ އެއްޢުމުރެއްގެ އެކުއެކީގައި އުފެދުނު ސާންސްކްރިތް ބަހުގެ ދެދަރިންކަމަށްވެސް ލަފާކުރެވެއެވެ. އަދިމީގެއިތުރުން ގިނަޢަދަދެއްގެ ބޭފުޅުންތަކެއް ދިވެހިބަހުގެ އަސްލަކީ ސާންސްކްރިތު ބަސްކަމަށް އެއްބަސް ވެއެވެ. ހަމައެއާއިއެކު ދިވެހިބަހުގައި ބޭނުންކުރާ ގިނަ ބޯދާބަސްތައް އައިސްފައިވަނީ ސާންސްކްރިތު ބަހުންކަން ފާހަގަކުރެވެއެވެ. އަދި ސާންސްކްރިތް ބަހަކީ ސިންގަޅަ ބަހަށްވުރެ ދޮށީ ބަހަކަށް ވުމާއި، ސިންގަޅަބަހާއި، ދިވެހިބަސް އުފެދުނުކަމަށް ލަފާކުރެވެނީ ޢީސާގެ ފާނުގެ 500 އަހަރުކުރިން އެއް ޕްރާކުރިތަކުން ކަމަށް ފެންނާތީ ބޮޑަށްބުރަވެވެނީ ދިވެހިބަހުގެ އަސްލަކީ ސިންގަޅަ ބަސްނޫންކަމާއި ސާންސްކްރިތް ބަސްކަމުގައެވެ. ކަށަވަރުކަމާއެކު ދަންނަވަން އެނގޭ އެއްޗަކީ ދިވެހިބަހަކީ އިންޑޯ ޔޫރަޕިއަން ސަބުގްރޫޕުގެ ޢާއިލާއެއްކަމުގައިވާ އިންޑޯ އާރިޔަން ދަރިކޮޅުގެ މެންބަރެއްކަމެވެ. ބަހުގެ އަސްލު ހޯދާބަލާނަމަ އެތަނެއްގައި ދިރިއުޅޭމީހުންނާ ގުޅޭ ތާރީޚީ ޖިއޮގްރަފީ މަޢުލޫމާތުތައް ހޯދާބަލަން ޖެހެއެވެ. އެހެނަސް މިވަރުގެ ކުޑަ ދިރާސާޔަކުން އެފަދަ ބޮޑުމަސައްކަތެއް ނުކުރެވޭނެކަން އެއީ ޤަބޫލުކުރަންޖެހޭ ޙަޤީޤަތެކެވެ. އަދި މިފަދަ ދިރާސާއަކުން އެންމެ އެކަށީގެންވާ ކަނޑައެޅުމެއް ކަނޑަނެޅޭނެކަމީ އެއްވެސް ބޭފުޅަކު ޝައްކެއްކުރާނެ ކަމެއްނޫނެވެ. ވީމާ މިބަހުގެ އަސްލު ހޯދުމަށްޓަކައި ދިވެހި ސިންގަޅަ ތަމަޅަ މަލަޔާޅަމް އަދި މިޒަމާނުގެ އިންޑޯ އާރިޔަން ބަސްތަކާއި، މުސްކުޅި ސާންސްކްރިތާއި، އޭގެ ޕްރާކްރިތްތަކުގެ ފުރިހަމަ ދިރާސާއެއް ހެދޭނެގޮތެއް ހޯދައި އެފަދަ ދިރާސާއެއް ހެދުން ބޭނުމެވެ.

(ނިމުނީ)

ފުރަތަމަބައި | ދެވަނަބައި | ފަހުބައި

އިދާރާ

ވާހަކަ