އަދުގެ ޚާއްސަ

Print

ރާއްޖެ އިސްލާމްވީ ދުވަހު ފިކުރު ހިންގައިލާން ޖެހޭ ކަމެއް.

ޝާޢިއުކުރީ ޢަބްދުﷲ ނަޢީމު އިބްރާހީމް . ހިމެނޭބަޔަކީ އިޖުތިމާޢީ



ޢަބްދުﷲ ނަޢީމު އިބްރާހީމް

މިއަދަކީ ރާއްޖެ އިސްލާމްވީ ދުވަހެވެ. މިއަދުގެ ވަހަކަ ދައްކާއިރު އަޅުގަނޑުގެ ހިތަށް އުނދަގޫވާ ކަމެއްގެ ވާހަކަ ދަންނަވައިލާނެމެވެ. މިއީ ހަމައެކަނި އަޅުގަނޑުގެ ޚިޔާލެވެ. އަޅުގަނޑުގެ ވިސްނުމުގެ އުނިކަމެއްގެ ސަބަބުން ބައެއް ކަންތައްތައް ނޭނގުމަކީ ދުރުކަމެއް ނޫނެވެ. މިލިޔުންކޮޅު އަޅުގަނޑު މިލިޔަނީ ފަންވަތުގެ ޒަރީޢާއިން މިކަމާ ގުޅޭ ކުޑަވަރެއްގެ ބަހުސެއް ފެށޭނެ ކަމުގެ އުއްމީދުގައެވެ. މިލިޔުންކޮޅު ވިދާޅުވާ ބޭފުޅުން އެބޭފުޅުންގެ ޚިޔާލު ދެއްވަން ފައްޓަވައިފިނަމަ އަޅުގަނޑަށާއި، އެހެން މީހުންނަށް ކުޑަނަމަވެސް ފައިދާއެއް ކޮށްފިއްޔާ އެލެއްވީ ވަރަށް ބޮޑު ނަސީބެކެވެ. 
ކީރިތި ރަސޫލާ އަކީ މި ދުނިޔެއަށް ފޮނުއްވި އެންމެ މާތް އިންސާނާއެވެ. އެކަލޭގެފާނު ފޮނުއްވުނީ ޢާލަމްތަކަށް ރަޙްމަތެއްގެ ގޮތުގައެވެ. ﷲ އަންގަވައިފައިވާ ގޮތުގައި އެކަލޭގެފާނުގެ ކިބައިގައި ވަނީ އަޚްލާޤީ އެންމެ ރީތި ސިފަފުޅުތައް ލައްވައިފައެވެ.

އިތުރު އެކަލޭގެފާނު އުފަންވެވަޑައިގަތީ މައްކާ އަށެވެ. ރަސޫލުކަން ބާވައިލެއްވީ އެތާނގައެވެ. ރަސޫލުކަމަށް ގޮވައިލައްވާން ފެއްޓެވީ އެތާނގައެވެ. އެ ދުވަސްވަރަކީ ޖާހިލުގެ ކަމުގެ އަނދިރީގައި ދުނިޔެ އޮތް ދުވަސްވަރެކެވެ. އަންހެން ދަރިން ޤަތުލުކުރުމާއި، ޒިނޭ ކުރުމާއި، ރާ ބުއިމާއި، ޖުވާކުޅުން ފަދަ ހުރިހައި ކަމެއް އޮތީ ޢާއްމު ވެފައެވެ. އަޅުކަން ކުރަމުން ދިޔައީ ބުދަށެވެ.

މި ދެންނެވި ފަދަ ޖާހިލުކަމެއްގެ ތެރެއަށް ވަޑައިގެން އޭރު ތިބި މީސްމީހުންގެ ދީން ނުބައިކަމުގެ ވާހަކަފުޅު ދައްކަވަން ފެއްޓެވީއެވެ. އެ މީހުންގެ ކަލާނގެ ތަކަށް އަޅުކަން ކުރުން ދޫކޮށް، އެއްކައުވަންތަ ކަލާނގެއަށް އަޅުކަން ކުރަން ގޮވައިލެއްވީއެވެ. އަޅުންނާއި، ވެރިން ހަމަހަމަ ކަމުގައި ވިދާޅުވާން ފެއްޓެވީއެވެ.

ވިސްނާވަޑައިގެން ބައްލަވާށެވެ. މިއީ އޭރު ތިބި މުޝްރިކުން ކިހައި ބޮޑަކަށް ރުޅި އަންނާނެ ކަމެއްތޯއެވެ؟ ރުޅި އައި ވަރަކީ އެންމެ ފަހުން އިތުރު އެކަލޭގެފާނު އަވަހާރަކޮށްލަން ވެސް އުޅުނީއެވެ.

އެހައި ބޮޑަށް މީހަކު ދެކެ ރުޅި އަންނަން ފަށައިފިއްޔާ، އެ މީހަކާ އަނގައިން ބުނަންވެސް މީހަކު ބޭނުމެއް ނުވާނެއެއް ނޫންތޯއެވެ؟ އެކަމަކު މަންޒަރު ފެނުނީ އެހެންނެއް ނޫނެވެ. ދީނާއި، ކަލާނގެތަކާ ބެހިވަޑައިގަންނަވާތީ ރުޅި އައި ނަމަވެސް އިތުރުއެކަލޭގެފާނާ ވާހަކަ ދައްކާ ހިތްވުމަކީ އޭރުގެ ހަރުކަށި މުޝްރިކުންގެ މެދުގައިވެސް އޮތް ކަމެކެވެ. އެކަލޭގެފާނުގެ އަތްޕުޅުގައި މުދާ ރައްކާ ކުރަން ބެހެއްޓުމަކީ ޔަހޫދީންވެސް ކުރި ކަމެކެވެ.

މިއީ ކިހިނެއް ވެގެން ވީ ކަމެއްތޯއެވެ؟ މުޝްރިކުންނަށް އިތުރުއެކަލޭގެފާނުގެ ފަރާތްޕުޅުން އަޚްލާޤީ ރީތި ސިފަފުޅުތަކެއް ނުފެނުނު ނަމަ ހަމަ ޔަގީނުންވެސް މިހެންނެއް ނުވީހެވެ.

މި ކަންތައްތަކުގެ މަތީން ހަނދާން ކުރެވުނީމާ ހިތަށް އަރައެވެ. އަޅުގަނޑުމެންގެ މި ޒަމާނުގެ ދާޢީންނާއި، މުޞްލިޙުން ދެކެ މީހުން ރުޅި އަންނަނީ ކީއްވެގެން ބާވައެވެ؟ އެ މީހުންނާ ވާހަކަ ދައްކަން ނުރުހެނީ ކީއްވެގެން ބާވައެވެ؟ ކީރިތި ރަސޫލާގެ ދުވަސްވަރު އުޅުނު މުޝްރިކުންނަށް ވުރެ އަޅުގަނޑުމެންގެ ނުބައިކަން ބޮޑީ ބާވައެވެ؟ ނުވަތަ އަޅުގަނޑުމެންގެ ދާޢީންގެ ކިބައިގައި ކޮންމެވެސް ސިފައެއް އުނި ވެގެން އުޅެނީކީ ނޫންބާވައެވެ؟

މިއީ އަޅުގަނޑުނމެން ވިސްނާލަން ޖެހޭ ކަމެއް ކަމަށް ފެނެއެވެ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ