އަދުގެ ޚާއްސަ

Print

ދުވަހަކު ފޮހެނުލެވޭނެ ރިސާލަތެއް

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ ޢަޤީދާ


 
ޢަބްދުﷲ ފާރޫޤް ޙަސަން

ކީރިތި ޤުރުއާންގެ ސޫރަތުލް އަޙްޒާބުގެ ސާޅީސްވަނަ އާޔަތުގައި ވަޙީކުރައްވާފައިވާ ގޮތުގައި އިސްލާމްދީނުގެ ނަބިއްޔާއަކީ މާތްﷲގެ ރަސޫލެކެވެ. އަދި ނަބީކަން ޚަތިމް ކުރައްވަނީ އެކަލޭގެފާނެވެ. ޢަރަބި ބަހުގައި ޚާތަމް މިބަސް ބޭނުން ކުރެވެނީ އިނގިރޭސިބަހުގައި ސީލް (Seal)  ބޭނުންކުރެވޭ މާނައިގައެވެ. ޢިލްމުވެރިން ވިދާޅުވާގޮތުގައި ސްޓޭމްޕް ނުވަތަ ތައްގަނޑު (Stamp) އާއި ޚާތަމް ނުވަތަ ސީލްގައި ތަފާތެއް ހުރެއެވެ. އެއްޗެއް އިތުބާރުހުރި އެއްޗެއްކަން ސާބިތުކޮށްދިނުމަށްޓަކައި ޖަހާ ސްޓޭމްޕް ނުވަތަ ތައްގަނޑާއި އެއްޗެއް ނިންމައި އެއީ ފުރިހަމަވެފައިވާ އަދި އުނިއިތުރު ނުކުރެވޭ ގޮތަށް ރައްކާތެރިކުރެވިފައިވާ އެއްޗެއްކަން ބަޔާންކުރުމަށްޓަކައި ޖަހާ ސިލާ(Seal ) ހުންނަ ފަރަގެކެވެ.

އިސްވެދެންނެވި އާޔަތުގައިވާ ގޮތުން މުޙަންމަދު ޞައްލައްﷲ ޢަލައިހި ވަސައްލަމްގެ އެއް ޙައިޘިއްޔަތަކީ އެކަލޭގެފާނަކީ މާތްﷲ ގެ ރަސޫލެއްކަމެވެ. ދެވަނަ ޙައިޘިއްޔަތަކީ ނަބީކަން ޚަތިމް ކުރައްވާ ސާހިބާ ކަމެވެ. ރަސޫލުބޭކަލެއްގެ ޙައިޘިއްޔަތުން އެކަލޭގެފާނަކީ މާތްﷲ ފޮނުއްވި އެހެންވެސް ރަސޫލުބޭކަލުން ފަދަ ރަސޫލެކެވެ. ނަމަވެސް ހަމައެއާއެކު އެކަލޭގެފާނަށް އެހެން އިމްތިޔާޒީ ސިފަފުޅެއްވެސް ވަނީ ލިބިވަޑައިގެންފައެވެ. އެހެން އެއްވެސް ރަސޫލުބޭކަލަކަށް ލިބިވަޑައިގެންފައިނުވާ ޙައިޘިއްޔަތެކެވެ. އެއީ ނަބީކަމާ ރަސޫލުކަން އެކަލޭގެފާނަށްފަހު ނިމުމަކަށް އަތުވެއްޖެކަމެވެ.

އިތުރުސާހިބާ އަކީ ޚާތަމުއްނަބިއްޔީން ކަމުގައި ހިމެނިވަޑައިގެންނެވުމުގެ މާނައަކީ އެކަލޭގެފާނަކީ ހަމައެކަނި ނަބީބޭކަލުންނާ ރަސޫލުބޭކަލުންގެ ލިސްޓުގެ އެންމެފަހު ނަންފުޅުކަމުގައި ވުމެއްނޫނެވެ. ޙަޤީޤަތަށް ދަންނަވާނަމަ އެންމެފަހުގެ ރަސޫލާކަމުގައި ހިމެނިވަޑައިގެންނެވުމަކީ ވަރަށްގިނަ މުޙިންމު އެހެނިހެން ކަންތައްތަކެއް އެކަމާ ގުޅިފައިވާ ކަމެކެވެ. އެހުރިހާ ކަންތައްތަކެއްވެސް ވަނީ އެކަލޭގެފާނުގެ މައްޗަށް އޭގެ އެންމެ ފާޅުކަން ބޮޑުގޮތުގައި ފުރިހަމަ ކުރައްވާފައެވެ.

އެކަންކަމުގެ ތެރެއިން އެއްކަމަކީ މާތްﷲ ގެ ވަޙީ އަބަދަށްޓަކައި ރައްކާތެރިކުރެއްވުމުގެ އިންތިޒާމް ހަމަޖެހުމެވެ. އެ ވަޙީއަށް އެއްވެސް ބާވަތެއްގެ އުނި އިތުރެއް ގެނައުމުގެ ފުރުޞަތު ނުލިބޭގޮތަށް އެވަޙީ ރައްކާތެރިކުރެއްވުމެވެ. ތާރީޚް ސާބިތުކޮށްދޭ ގޮތުގައި އަރަހުށި މާތްﷲ އެކަމަށްޓަކައިވަނީ ވަރަށް ފުރިހަމަ އިންތިޒާމްތަކެއް ހަމަޖައްސަވާފައެވެ. އެހެންކަމުން ސާދަސަތޭކަ އަހަރު ފާއިތުވެދިޔައިރުވެސް އިސްލާމްދީނުގެ ނަބިއްޔާ ގެންނެވި ދީނަކަށް ކުޑަވެސް ބަދަލެއް ނާދެއެވެ. އެކަލޭގެފާނަށް ބާވައިލެއްވި ފޮތް މިއަދުވެސް އޮތީ އެކަލޭގެފާނުގެ ޒަމާނުގައިވެސް ހަމައޮތްގޮތަށް ފުރިހަމައަށް ރައްކާތެރިކޮށެވެ.


އިސްލާމްދީނުގެ ނަބިއްޔާއަކީ ހަމައެކަނި "މެސެޖްރައްދުކުރައްވާ" ނުވަތަ މާތްﷲ ގެ ރިސާލަތު އެހެން މީހުންނަށް ވާޞިލްކުރައްވާ ބޭކަލެއް ނޫނެވެ. އަދި ކީއްތޯއެވެ؟ އެކަލޭގެފާނަކީ އިސްވެ ދެންނެވި މަސައްކަތްޕުޅު ފުރިހަމަކުރެއްވުމުގެ އިތުރަށް މީސްތަކުންނަށް ޢަމަލީ ނަމޫނާއެއްވެސް މެއެވެ. ކީރިތި ޤުރުއާނުގެ ސޫރަތުލް އަޙްޒާބުގެ އެކާވީސްވަނަ އާޔަތުގައިވެސް އެކަންވަނީ ބަޔާންކުރައްވާފައެވެ. އެ މަޤްސަދަށްޓަކައި ބޭނުންވަނީ އިތުރު ސާހިބާގެ ޙަޔާތްޕުޅުގައި ހުރިހައި ވައްތަރުތަކެއްގެ ޙާލަތު ތަކެއް ކުރިމަތިވުމެވެ. އިތުރު ސާހިބާއަކީ ހުރިހައި ގޮތަކުންވެސް މުޅި އިންސާނިއްޔަތަށްޓަކައި ނަމޫނާ އަކަށް ވެވަޑައިގަތުމަށްޓަކައެވެ. އެހެންކަމުން ސީރަތާއި ޙަދީޘްގެ ފޮތްތަކުން އެނގޭގޮތުގައި ޙަޤީޤަތުގައިވެސް ކަންތައް ވެގެން ދިޔައީ ހަމައެގޮތަށެވެ. އިތުރު ސާހިބާގެ ޙަޔާތްޕުޅަކީ ހުރިހައި ބާވަތެއްގެ ޙާދިޘާތަކަކުން ފުރިފައިވާ ޙަޔާތްޕުޅެކެވެ. އިތުރު ސާހިބާގެ ޙަޔާތްޕުޅުން އިންސާނަކަށް ދިމާވެދާނެ ކޮންމެ ކަމަކަށާއި ކޮންމެ ޙާލަތަކަށް ނަމޫނާ ލިބިގަނެވުމަށްޓަކައެވެ.

އިސްލާމްދީނުގެ ނަބިއްޔާ ޞައްލައްﷲ ޢަލައިހި ވަސައްލަމް އާއިބެހޭގޮތުން އެކަލޭގެފާނަކީ އެންމެ ފަހުގެ ނަބިއްޔާ ކަމުގައި އިޢުލާން ކުރެއްވުމަކީ އެއް ޙައިޘިއްޔަތަކުން ބަލާއިރު އެކަލޭގެފާނުގެ ނަބީކަމުގެ އިޢުލާނެކެވެ. އަނެއް ޙައިޘިއްޔަތަކުން ބަލާއިރު އެކަލޭގެފާނުގެ ނަބީކަމުގެ ދަޢުވާއަކީ ޞައްޙަ ދަޢުވާއެއްކަމަށް ދުރާލައިދެވޭ ނިމުތެކެވެ. އެހެނީ އެ އިޢުލާން ލާޒިމް ކުރަނީ އަންނަން އޮތް މުޅި އިންސާނީ ތާރީޚުގައި އެކަލޭގެފާނުގެ ނަބަވީ ޙައިޘިއްޔަތު އެއްވެސް ބަދަލެއް ނައިސް ދެމިއޮތުމެވެ. އެކަމުގައި އެއްވެސް ބާވަތެއްގެ ރެނދެއްއަޅުވައިލެވޭ ގޮތް ނުވުމެވެ.

އެކަމަށްޓަކައި ބޭނުންވާ އެއްކަމަކީ ނަބީކަމުގެ އަހައްމިއްޔަތު އުޞޫލެއްގެ ގޮތުން ދުވަހަކުވެސް ކުޑަވެގެން ނުދިއުމެވެ. އިންސާނާ އަބަދުވެސް ނަބީކަމަށް ބޭނުންވެފައިވުމެވެ.ވޭތުވެދިޔަ ސާދަސަތޭކަ އަހަރުގެ ތެރޭގައި މި ޙަޤިޤަތް މެދުކެނޑުމެއްނެތި ދެމިއޮތެވެ. އިންސާނާ އޭނާއަށް ނަބީކަމުގެ ބޭނުމެއްނެތްކަން އެތަކެއް ފަހަރު އިޢުލާން ކުރިއެވެ. ނަމަވެސް ދާދި އަވަހަށް ސާބިތުވަނީ އޭނާގެ ދަޢުވާއަކީ ބާޠިލް ދަޢުވާއެއް ކަމެވެ. މިސާލެއްގެ ގޮތުން ދަންނަވާނަމަ ޒަމާނީ ސައިންސުގެ އިންޤިލާބު އައުމަށްފަހު ބަޔަކު މީހުން މިދެންނެވި ދަޢުވާ ކުރިއެވެ. ހަމައެފަދައިން މާކްސިޒަމް ފާޅުވުމާ ގުޅިގެންވެސް ހަމަ އެދަޢުވާ ކުރެވުނެވެ. ނަމަވެސް ސައިންސް ވަރަށް އަވަހަށްވަނީ އޭގެ ދާއިރާ ހަނިކަމަށް އިޢުތިރާފްވެފައެވެ. މާކްސިޒަމްގެ އެންމެ ފުރަތަމަ ތަޖުރިބާގައިމެ ސާބިތުވެގެން ދިޔައީ މާކްސިޒަމަކީ އެއްވެސް ބިންގަލެއްނެތް ނިޒާމެއް ކަމެވެ.

ވޭތުވެދިޔަ ޤަރުނުތަކުގައި އިންސާނީ ޢިލްމުތައްވަނީ އާދަޔާ ޚިލާފަށް ކުރިއަރައިފައެވެ. މިހާރުވެސް ދަނީ ކުރިއަރަމުންނެވެ. ނަމަވެސް އިންސާނީ ޢިލްމުތައް ކުރިއަރައިގެން އައުމުގައި އިތުރު ސާހިބާގެ އުނގަންނައި ދެއްވުންތަކާއި ކުޑަކޮށްވެސް ފުށުއަރާ ނުވަތަ އެއިން އުޞޫލެއް ރައްދުކުރާ އެއްވެސް ކަހަލަ ހޯދުމެއް ހޯދިފައެއް ނެތެވެ. މިގޮތުންވެސް އިތުރު ސާހިބާގެ ޙައިޘިއްޔަތުވަނީ ހަރުދަނާކަމާއެކު ސާބިތުވެފައެވެ.

އިސްވެދެންނެވި ކަންތައްތަކަށްފަހު ދެން ބޭނުންވަނީ އިތުރު ސާހިބާ ރޯކުރައްވާފައިވާ ހިދާޔަތުގެ ދަންމަރު ނިއްވައިލުމުގެ އެކަށޭނެކަން އިންޤިލާބީ ޠޫފާންތަކަށް ލިބިގެންނުވުމެވެ. މިގޮތަށްބަލާ އިރުވެސް އިތުރު ސާހިބާ ޞައްލައްﷲ ޢަލައިހި ވަސައްލަމްގެ ރިސާލަތު ހިމެނިފައިވަނީ ބިންމަތީން އެރިސާލަތު ފޮހެނުލެވޭފަދަ ރިސާލަތެއް ކަމުގައެވެ. އިތުރު ސާހިބާގެ ދައުރަށްފަހު މިއަދާހަމައަށް އައިއިރު ވަރަށް ގިނަ ތަފާތު ނަގޫރޯޅިތައްވަނީ އަރައިފައެވެ. މިސާލަކަށް ޢައްބާސީ ދައުރުގައި ކުރިމަތިވި ގްރީކް ޢިލްމުތަކުގެ ދުއްޕާން ވިއްސާރައެވެ. އޭގެ ފަހުން ތާތާރުންގެ ޠޫފާނެވެ. އެއަށްފަހު ދިގުމުއްދަތަކަށް ހިނގި ޞަލީބީ ހަނގުރާމައެވެ. އޭގެފަހުން ސައިންސުގެ އިންޤިލާބެވެ. އެއަށްފަހު ކޮމިއުނިޒަމްގެ ހައިޖާނު ގަނޑެވެ. މިބާވަތުގެ ތަފާތު ޠޫފާންތައް އިރުއިރުކޮޅުން ކުރިމަތި ވެއެވެ. ނަމަވެސް އިތުރު ސާހިބާގެ ހިދާޔަތުގެ ދަންމަރު ނިއްވައިލާކަށެއް އެއިން އެއްވެސް ޙާދިޘާ އަކަށް ކުޅަދާނައެއް ނުވިއެވެ.

ޝައްކެއްނެތެވެ. މިއަދު އަނެއްކާވެސް މުސްލިމުންގެ ކުރިމަތީގައި ދުނިޔެވަނީ އަނދިރިވެފައެވެ. މުސްލިމުންނަކީ ބޯދާ ޚިޔާލުގެ ފަންޑަމެންޓަލް ބައެއްކަމުގައްޔާއި ނާތަހުޒީބު ވަޙްޝީ ބައެއްކަމުގައި އަޑުއަރުވައި މުސްލިމުންނާ ދެކޮޅަށް ދުނިޔޭގައި ނަފްރަތާއި ރުޅިވެރިކަން އުފައްދަން މަސައްކަތް ކުރެވެމުންދަނީ މީގެ ކުރިން ދުވަހަކުވެސް އެފަދަ މިސާލެއް ފެނިފައިނެތް ގޮތެއްގައެވެ.

ޙައިރާންވާފަދަ ކަމެކެވެ. 935 ހ. ގައި ޝަހެންޝާން ޡަރީހުއްދީން ބާބަރުގެ އަމީރު މީރު ޢަބްދުލްބާޤީ ޢިމާރާތް ކުރެއްވި ބާބަރީ މިސްކިތް ޢިމާރާތް ކުރެވުނުތާ ހަތަރުސަތޭކަ ފަންސާސް އަހަރަށްވުރެ ގިނަ ދުވަސްވީފަހުން އެ މިސްކިތް ތަޅައިލައިފައި އެތާނގައި ފައްޅިއެއް ބިނާކުރަންޖެހެނީ މީގެ ފަސްހާސް ފަސްސަތޭކަ އަހަރުކުރިން ދުނިޔެއަށް އައި ކަމުގައި ބުނާ ޚިޔާލީ ޝަޙްސިއްޔަތެއްގެ ހަނދާނުގައެވެ. އޭނާ ދުނިޔެއަށް އައިކަމެއް ތާރީޚީ ގޮތުން ސާބިތެއްނުވެއެވެ. އެކަމަކު ދުނިޔޭގެ ފުލުހަކަށް އަމިއްލައަށް ހެދިގެންއުޅޭ އެމެރިކާއާއި އެމެރިކާގެ އެކުވެރި ހިންދީންގެ ނަޒަރުގައި ބޯދާ ފަންޑަމެންޓަލިސްޓުންނަކީ މުސްލިމުންނެވެ. ފަލަސްޠީނާއި، ކަޝްމީރާއި، ބޮސްނިޔާ އާއި ޝީޝާނާއި އަފްޣާނިސްތާނާއި ބަރުމާގައި އިންސާނުންގެ މައިގަނޑު ޙައްޤުތަކަށްޓަކައި ޖިހާދުކުރަމުން ގެންދަނީ ފަންޑަމެންޓަލިސްޓުންނެވެ. ޓެރަރިސްޓުންނެވެ.

ފަލަސްތީނުގައި އަމިއްލަ ވަޒަނާއި އަމިއްލަ ނަފްސުގެ ދިފާޢުގައި މިނިވަން ކަމުގެ ޖިހާދުކުރަމުން ގެންދަނީ ޓެރަރިސްޓުންނެވެ. އެކަމަކު ޔޫރަޕްގެ ޤައުމުތަކުން ކުނީގެ ގޮތުގައި ހޮވައިލައިގެން ފަލަސްޠީނަށް ގެނެސް އަޅައިލައިފައިތިބި މަގުފޭރޭ ވަގުންގެ ޖަމާޢަތަކީ އަމިއްލަ ސަލާމަތަށްޓަކައި ދިފާޢީ ހަނގުރާމާއެއް ކުރާ މީހުންނެވެ.

އިންޑިއާގައި ކަތިލެވެމުންދާ މުސްލިމުންނާއި، ފަލަސްޠީނުގައި ލެއިން ފެންވަރަމުންދާ މުސްލިމުންގެ މައްސަލައިގައެއް އެމެރިކާއާއި އޮސްޓްރޭލިއާއި އަލިފުދާލުގެ އިންސާނީ ޣީރަތް ހޭލާތަނެއް ނާދެއެވެ. ނަމަވެސް އިރުމަތީ ޓީމޯރުގެ ކްރިސްޓިއަނުންނަށް ލިބޭ " އަނިޔާތަކާހުރެ " ލަގޮނޑިފަޅައިގެން ދާންއުޅޭތީ މުސްލިމުން އިންޑޮނީޝިއާގެ "އަނިޔާވެރިވަކިތަކުން" ޓީމޯރުގެ ކްރިސްޓިއަނުން ސަލާމަތްކޮށްދިނީ ދާދި އިހަކަށް ދުވަހުއެވެ.

ޝައްކެއްނެތެވެ. މިހާރުކުރިމަތިވެފައިވާ ވަރުގަދަ ޠޫފާނަކީވެސް މުސްލިމުންގެ އިމްތިޙާނެކެވެ. މީގެ ކުރިން ހުށަހެޅިފައިވާ މިފަދަ އެތަކެއް އިމްތިޙާނުތަކެކޭ އެއްފަދަ އިމްތިޙާނެކެވެ. މި އިމްތިޙާނުގައިވެސް އޮތީ ކެތްތެރިވުމެވެ. ސާބިތުވުމެވެ. މި ޠޫފާނަކަށްވެސް އިތުރު ސާހިބާ ރޯކުރެއްވި އިސްލާމީ ދަންމަރު ނިއްވައިލާކަށެއް ލާހިކެއްނޫނެވެ. މުސްލިމުން ފުރިހަމަ މުސްލިމުންގެ ގޮތުގައި ކެތްތެރިކަމާއި އީމާންތެރިކަމާ ސާބިތުވެތިބެ ޖިހާދުކުރަމުން ގެންދާނަމަ މިއަދުވެސް މުސްލިމުންނަކީ ބަލިކޮށް ނުލެވޭނެ ބާރެކެވެ.

އިސްލާމްދީނުގެ ނަބިއްޔާ ގެންނެވި ދީނަށް ތަބާވާ އެއްބިލިޔަން މީހުން މިއަދު ދުނިޔޭގެ ކަންކޮޅުތަކުގައި އާބާދުވެފައި އެބަތިއްބެވެ. ދުނިޔޭގެ ބިމުގެ ވަރަށްބޮޑު ބައެއްއޮތީ އިސްލާމީ ޤައުމުތަކުގެ ބާރުގެ ދަށުގައެވެ. މުސްލިމުންގެ ފައިތިލަ ދަށުގައި ޕެޓްރޯލާއި ހުރިހައިބާވަތެއްގެ ޤުދުރަތީ ޒަޚީރާތަކެއް ފުދިފައި އިތުރުވާވަރަށް އެބަހުއްޓެވެ. އެ ޒަޚީރާތައް މުސްލިމުންނަށް ލިބިދޭ އާރާއި ބާރަކީ މުސްލިމުންނަށް ޙިކުމަތްތެރިކަމާއި އެއްބައިވަންތަ ކަމާއެކު ބޭނުންކުރެވިއްޖެނަމަ އެއްވެސް ބަޔަކަށް މުސްލިމުންނަށް ގޯނާއެއް ކޮށްލަން ނުކެރޭފަދަ ބާރެކެވެ.

ޝައްކެއްނެތެވެ. މިބާވަތުގެ އެތައްކަމަކުން ސާބިތުވަނީ އިސްލާމްދީނުގެ ނަބިއްޔާއަށް ލިބިވަދައިގެންފައިވާ އެންމެފަހުގެ ރަސޫލު ކަމުގެ ޙައިޡިއްޔަތު ތާރީޚުގައި މެދުކެނޑުމެއްނެތި ދެމިއޮންނާނެކަމެވެ. އެއްވެސް ފަރާތަކަށް އެކަމަށް އެއްވެސް ކަހަލަ ބުރުލެއް އަރުވައިނުލެވޭނެ ކަމެވެ. ކާފަރުންގެ އަނގަތަކުން ކިތަންމެ ވަރަކަށް ފުމުނު ކަމުގައިވިޔަސް މާތްﷲ ގެ ނޫރުފުޅު ނިއްވައިނުލެވޭނެކަމެވެ.

ޝައްކެއްނެތެވެ. މިއީ އިތުރު ސާހިބާއަކީ ތެދުވެރި ނަބިއްޔެއްކަމުގެ ބަޔާންވެގެންހުރި ތާރީޚި ދަލީލެކެވެ.
       




ހަމަމިގަލަމުން

އިދާރާ

ވާހަކަ