އަދުގެ ޚާއްސަ

Print

ރިޕޯޓުލިޔުން

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ މާދަރީބަސް


ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު – ލ.މާވަށް

ރިޕޯޓަކީ ކޮބާ؟

ރިޕޯޓަކީ ވަކި ޚާއްޞަ މަޤްޞަދެއް ނުވަތަ ބޭނުމެއް ނުވަތަ އެދުމަކަށްޓަކައި އެ ބޭނުންވާ ބަޔަކަށް މަޢުލޫމާތު ދީ މަގުދެއްކުމަށްޓަކައި ފަރުމާކުރެވިގެން ލިޔުމުން ހުށަހެޅޭ ހުށަހެޅުމެކެވެ. އެހެން ގޮތަކަށް ދަންނަވާނަމަ، ރިޕޯޓަކީ މަޢުލޫމާތުން ސިފަ ގެނެސް ދީފައިވާ ލިޔުމެކެވެ. ރިޕޯޓުގެ ބޭނުމަކީ މަޢުލޫމާތުދިނުމެވެ. އެހެންނަމަވެސް ބައެއް ކަހަލަ ރިޕޯޓުތަކުގައި އެ ކިޔާ މީހާޔަށް ޔަޤީން ކަމާއި ޝައުޤުވެރިކަން ހޯދައިދިނުމަށްޓަކައި ހުށަހެޅުންތަކާއި ފެންނަގޮތާއި ހެތްކާއި ޤަރީނާތައް ވެސް ހިމަނާފައި ހުރެއެވެ. އެހެންވީމާ ރިޕޯޓަކީ ވަކި ޚާއްޞަ ކަމަކާއި ނުވަތަ ވަކި އެއްޗަކާއި، މައްސަލައަކާގުޅޭ ގޮތުން މަޢުލޫމާތު އެއްކޮށްގެން ތައްޔާރުކުރާ ބަޔާނެކެވެ. މިލިޔުމަކީ އެކަމެއް ހިނގި ގޮތް ނުވަތަ އެކަމެއް އޮތްގޮތްކަމުގައި ވާންޖެހޭނެއެވެ. ޙަޤީޤަތަކީ ކޮބައިކަން ސާފުކޮށްދޭންވާނެއެވެ. ޞައްޙަ ނޫން މަޢުލޫމާތާއި ދޮގު ވާހަކަތައް ރިޕޯޓެއްގައި ހުރެގެން ނުވާނެއެވެ. ކުރުކޮށް ދަންނަވާނަމަ ރިޕޯޓަކީ އެ ރިޕޯޓު ބޭނުންވާ ފަރާތަށް ނުވަތަ އަމާޒުކުރެވޭ ފަރާތަށް ބޭނުންވާނެ ބޭނުންތެރި އިތުބާރު ހިފޭ ތެދު މަޢުލޫމާތުތަކެއް ސީދާ ސާދާ ޞަރީޙަ ބަހުން ބަޔާންކޮށްދޭ ލިޔުމެކެވެ. ރިޕޯޓަކީ ވަރަށް ކުރު (އެންމެ ޞަފުޙާއެއްގެ) ކުރު ލިޔުމަކަށް ވެސް ވެދާނެއެވެ. އަދި އެއީ (އެތައް ސަތޭކަ ޞަފުޙާއެއް އެކުލެވޭ) ދިގު އެއްޗަކަށްވެސް ވެދާނެއެވެ.

ރިޕޯޓުގެ ޝަރުޠުތައް:

ފުރިހަމަ ރިޕޯޓެއް ނަމަ އަންނަނިވި ޝަރުޠުތައް ފުރިހަމަވާންޖެހޭނެ އެވެ.
1-    އަމާޒުކުރެވޭ ފަރާތަށާއި އަމާޒުކުރެވޭ މަޤްޞަދަށް ފެތޭ އެއްޗަކަށްވުން.
2-    ޞައްޙަ އަދި ބަރާބަރު އެއްޗަކަށްވުން.
3-    ބުއްދި ޤަބޫލުކުރެވޭ އެއްޗަކަށް ވުން
4-    ޞަރީޙަ އަދި ސާދާ އެއްޗަކަށްވުން
5-    ފުރިހަމަ ރޭވުމެއްގެ ދަށުން ލިޔެވިފައިވުން އަދި (ދިގު ރިޕޯޓެއް ނަމަ) އަރިމަތީ ސުރުޚީތަކެއް ހިމެނުން

ރިޕޯޓްގެ ބާވަތްތައް:

ރިޕޯޓުގެ ވައްތަރުތައް ވަރަށް ވެސް ގިނައެވެ. މިސާލަކަށް: ޢިލްމީ ރިޕޯޓް، ހުށަހެޅުންތަކުގެ ރިޕޯޓު، ހުދު ކަރުދާސް، އަހަރު ރިޕޯޓު، ވަޒަންކުރާ ރިޕޯޓު، ބޯހިމެނުމުގެ ރިޕޯޓު، ވަޒީފާ އަދާކުރިގޮތުގެ ރިޕޯޓު، ފަހު ރިޕޯޓު، ތިމާވެށީގެ ރިޕޯޓު، އިމިގްރޭޝަން ރިޕޯޓު، ތަފާސްހިސާބު ރިޕޯޓު، ފުލުސް ރިޕޯޓު، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ފަދަ ކިތަންމެ ރިޕޯޓެއް އަޅުގަނޑުމެންނަށް ފެނި އަޑުއިވެއެވެ. އެހެންވީމާ ރަސްމީ ލިޔެކިޔުމުގައި އެންމެ ގިނަ އަދި އެންމެ މުހިއްމު އެއް ލިޔުމަކީ  ރިޕޯޓުކަން އަދި މުވައްޒިފުންނަށް ބޭނުންވާނޭ އެންމެ މުހިއްމު ހުނަރަކީ ރިޕޯޓުލިޔުމުގެ ހުނަރުތުކަން އެބަ އެނގެއެވެ. އަޅުގަނޑުމެން ޔައުމިއްޔާގެ ނަމުގައި މިލިޔަނީޥެސް ރިޕޯޓެކެވެ. ދުވަހީ ރިޕޯޓެވެ. އެދުވަހު ހިނގިކަންތައްތަކެވެ. ޖަލްސާތަކުގެ ޔައުމިއްޔާ އަކީވެސް ރިޕޯޓެކެވެ. ޖަލްސާތައް ހިނގައިދިޔަގޮތުގެ ރިޕޯޓެވެ. ރިޔާސީ ބަޔާނަކީވެސް ރިޕޯޓެކެވެ. ވޭތުވެ ދިޔަ އަހަރު ދައުލަތުގެ ކަންތައްތައް ހިނގައި ދިޔަގޮތުގެ ރިޕޯޓެވެ. ގިނަ ކަންތައްތަކެއް އޭގައި ހިމެނިފައިވާނެ އެވެ. އެހެންވީމާ މިއީ ދިގުކޮށް ތަންކޮޅެއް ކޯނިކޮށް ލިޔެވިފައި ހުންނަ ރިޕޯޓުގެ ބާވަތެކެވެ. މި ދެންނެވި ގޮތުގެ މަތީން ވިސްނާއިރު ރިޕޯޓުގެ ވައްތަރުތައް މައިގަނޑު 2 ބަޔަކަށް ބަހައިލެވިދާނެ އެވެ. އެއީ: (ކުރުކުރުކޮށް ލިޔާ) ސާދާ ރިޕޯޓާއި (އެތައް ބައިވަރު ބައިތަކެއް އެކުލެވޭ) ކޯނި ރިޕޯޓެވެ.

(ހ) ސާދާ ރިޕޯޓު:

ސާދާ ރިޕޯޓަކީ ކަމެއް ހިނގި ގޮތް ބަޔާންކުރުމަށްޓަކައި ނުވަތަ ކަމެއް އޮތްގޮތް ނުވަތަ ކަމެއް ނުވަތަ ތަނެއްގެ ޙާލަތު ބަޔާންކޮށްދިނުމަށް ލިޔާ ކުރު ސާދާ

ބަޔާނެކެވެ. އާދަވެގެން ހިނގާ ކަމަކާ ބެހޭގޮތުން ލިޔާ ރިޕޯޓެވެ.

މިސާލު: ޖަލްސާ ހިނގި ގޮތުގެ ރިޕޯޓް

ދުވަހު ޔައުމިއްޔާ

ތަޙުޤީޤު ރިޕޯޓް.

ޚަބަރު ރިޕޯޓް

އަޅުގަނޑުމެންނަށް އެންމެ ޢާއްމުކޮށް ލިޔަންޖެހޭ ދެ ރިޕޯޓަކީ ދުވަހީ ޔައުމިއްޔާ އާއި ޖަލްސާތަކުގެ ޔައުމިޔާ އެވެ.  އެހެންވީމާ ޔައުމިއްޔާ ލިޔާއިރުވެސް އެ ލިޔާ މަޤްޞަދަށް ވިސްނައިގެން ލިޔާނަމަ އެއީ ފުރިހަމަ ރިޕޯޓަކަށް ހެދިދާނެއެވެ. މިސާލަކަށް: ދުވަހު ޔައުމިއްޔާގެ މަޤްޞަދަކަށްވާނީ އފީހުގައި ކުރެވޭ މަސައްކަތްތައް ރެކޯޑްކުރުމެވެ. ފަހުން ބޭނުން ވެދާނެ މަޢުލޫމާތަކަށްޓަކައެވެ. ތާރީޚަށްޓަކައެވެ. އެހެންވީމާ ޔައުމިއްޔާގައި ނުލިޔެ ދޫކޮށްލެވިއްޖެ ނަމަ ފެންނަން ނޯންނާނެ ކަހަލަ މަޢުލޫމާތު ކޮންމެހެންވެސް ރިޕޯޓްގައި ހިމަނަންޖެހޭނެއެވެ. މިސާލަކަށް ޚާއްޞަ މެހުމާނަކު ވަޑައިގަތުން، އާދަޔާ ޚިލާފު ޙާދިސާއެއ ހިނގުން، ތަނެއްގެ ބިންގާއެޅުން، ތަނެއް ހުޅުވުން، އޮފީހުގެ ނަން ބަދަލުވުން ފަދަ މުހިއްމު މަޢުލޫމާތުތައް ތާރީޚަށްޓަކައި ރެކޯޑްކުރެވެނީ ޔައުމިއްޔާގައެވެ. އަދި މި ނޫނަސް ފަހުން އެ މަޢުލޫމާތެއް މުހިއްމު ވެދާނޭ ކޮންމެ ކަމެއް، ޙަރަކާތެއް، ޙާދިސާއެއް ޔައުމިއްޔާގައި ހިމެނުން މުހިއްމެވެ.

(ށ) ކޯނި ރިޕޯޓު:

ކޯނި ރިޕޯޓަކީ ކަމެއް އޮތްގޮތް ނުވަތަ އޮންނާނެ ގޮތް، ހިނގި ނުވަތަ ހިނގާނެކަމަށް ފެންނަ ގޮތް ތަފްޞީލުކޮށް ހެތްކާއެކު، އެތައް ބައިތަކެއްގެ މައޗަށް ލިޔާ ދިގު ރިޕޯޓުތަކެވެ.

މިސާލު: ރިޔާސީ އިންތިޚާބު 2008 ގެ ރިޕޯޓު

ފަށާތަޢުލީމާއި މެދުމަދުރަސީ ތަޢުލީމުގެ ޤައުމީ މަންހަޖް އިޞްލާޙުކުރުމުގެ މަހާސިންތާގެ ރިޕޯޓު

ރިޕޯޓުގެ މި ދެ ބާވަތަށް ބަލާއިރު ކޮންމެ ދުވަހަކު ވެސް އިދާރީ މުވައްޒިފުންގެ މައިގަނޑު އެއް މަސަކަތަކަށް ވާނީ ސީދާ ގޮތެއްގައިނަމަވެސް ނުވަތަ ނުސީދާ ގޮތެއްގައި ނަމަވެސް ރިޕޯޓުލިޔުމުގެ މަސައްކަތެވެ. މިސާލަކަށް ކޮމިޓީގެ ޖަލްސާ ހިނގިގޮތެވެ. މީހެއްގެ ބަޔާނެކެވެ. ދުވަހު ޔައުމިއްޔާއެވެ. މިއީ މުޅިންވެސް ސާދާ ރިޕޯޓެވެ. ކޯނި ރިޕޯޓަކީ އެހާ ފަސޭހައިން، އަދި ކޮންމެކޮންމެ މީހަކަށް ލިޔެވޭ ކަހަލަ އެއްޗެއް ނޫނެވެ. އަދި ބައެއް ކަހަލަ ރިޕޯޓަކީ ތަޖުރިބާ ލިބިފައިވާ، މަޢުލޫމާތު ހުރި މީހަކަށް ނޫނީ ލިޔެވޭނެ އެއްޗެއް ނޫނެވެ. އެހެންވީމާ ގިނަ ފަހަރަށް މިފަދަ ރިޕޯޓުތައް ލިޔުމަށް ވަކި ކޮމިޓީއަކާވެސް ޙަވާލުކުރެވެއެވެ. "އެ ކޮމިޓީ އިން އެކަމެއް ބަލައި، ތަޙުޤީޤުކޮށް  މަޢުލޫމާތު އެއްކޮށް އެކުލަވައި ފެންނަ ގޮތް ހުށަހަޅަނީއެވެ. މި ފަދަ ރިޕޯޓުގައި ލަފާދޭނެއެވެ. އަދި އަޅަން ފެންނަ ފިޔަވަޅުތައް ބުނެދޭނެއެވެ. ހަދަންވީގޮތް އަންގައިދީފައި ވާނެއެވެ." (މަޑުލު މުޙައްމަދު ވަޙީދު، "ފަތްތޫރަ")

ރިޕޯޓު ލިޔުމުގައި ސަމާލުކަން ދޭންވީ ކޮންކަމަކަށް؟

ރިޕޯޓުލިޔުމަކީ ކަން ހިނގި ގޮތް އެ ހިނގި ގޮތަކަށް ބަޔާންކުރުންކަން އެނގެއެވެ. އެހެންވީމާ މިގޮތަށް ކަމެއް ބަޔާންކޮށް ހާމަކުރާއިރު، ސާދާ ޞަރީޙަ ޢިބާރާތް ބޭނުންކުރުން ވަރަށް މުހިއްމެވެ. ކޮންމެހެން ފޮނި ފަށުވި ޢިބާރާތްތައް ބޭނުންކުރުމުގެ މާނައެއް ނެތެވެ.

ނުކުރަންވީ ކަންތައް

1.    ޖުމުލަތައް ދިގުކޮށް ކޯނިކުރުން

2.    ބޮޑެތި އުނދަގޫ ލަފުޒުތައް ބޭނުންކުރުން (ކޮންމެހެން ބޭނުންކުރަންޖެހޭ ފަންނީ ލަފުޒުތައް ބޭނުންކުރަންޖެހޭނެއެވެ. މިފަދަ ޙާލަތްތަކުގައި އެ ފަދަ ލަފުޒުތަކުގެ މާނަ އޮޅުންފިލުވައިދނުން މުހިއްމެވެ.)

3.    ތެދު ނޫން ނުވަތަ ޝައްކު މަޢުލޫމާތު ހިމެނުން


ކޯނި ރިޕޯޓެއް ލިޔާނަމަ....

ދިގު ކޯނި ރިޕޯޓެއް ލިޔާނަމަ މަޢުލޫމާތު ހޯދައި އެއްކުރާންޖެހޭނެއެވެ. މަޢުލޫމާތު ހޯދާނީ ސާރވޭ ކޮށްގެނޗނެވެ. ރިރާސާކޮށްގެނޗނެވެ. ބަސްދީގަތުންތައް ބާއްވައިގެންނެވެ. ތަޙުޤީޤުކޮށްގެންނެވެ. ތަޙުލީލްކޮށްގެންނެވެ. ފޮތް ކިޔައިގެން ފޮތް ބަލައި ހަދައިގެންނެވެ. ބައެއް ބޮޑެތި އެކުމާފާނުތަކުގައި ނުހުންނަ މަޢުލޫމާތުތައް، ބައެއް ނޫސް މަޖައްލާތަކުން ލިބިދާނެއެވެ. މި ގޮތަށް މަޢުލޫމާތު ހޯދުން ބިނާވެފައި އޮންނާނީ އެ މީހަކު ލިޔާ ރިޕޯޓެއްގެ ބާވަތާއި ކުރު ދިގުމިނެއްގެ މައްޗަށެވެ.

މިގޮތަށް ހޯދާ މަޢުލޫމާތު، އެ މަޢުލޫމާތެއް ލިބުނު ވަސީލަތަކާއެކު ބަރާބަރަށް ނޯޓުކުރަމުން ގެންދަންވާނެއެވެ. އެއީ ރިޕޯޓަށް މަޢުލޫމާތު ހޯދާ ވަސީލަތްތައް ރިޕޯޓާއެކު އެއްކުރެވިފައިވާ އިތުރުބައިތަކުގެ ތެރޭގައި ހިމަނަންޖެހޭތީއެވެ.


ރިޕޯޓުގައި ހިމެނޭ ބައިތައް:

ރަސްމީ ގިނަ ރިޕޯޓުތަކުގައި އެ ރިޕޯޓެއް ލިޔާނެ ވަކި ފޯމެޓެއް ކަމާބެހޭ ފަރާތަކުން ކަނޑައަޅައިފައި ހުރެއެވެ. އެހެންވީމާ އެފަދަ ރިޕޯޓުތައް ލިޔަންވާނީ އެ ފޯމެޓެއްގައި ހުންނަ ހުރިހާ ބައިތަކެއް ހިމަނައިގެންނެވެ.

ޢާއްމު ގޮތެއްގައި ރިޕޯޓުގައި ހިމެނޭ ބައިތައް ވެސް ކަނޑައެޅިފައި ވަނީ އެ ރިޕޯޓުގެ ބޭނުމަށް ބަލައިގެންނެވެ. އެ ރިޕޯޓެއް އަމާޒުކުރާ ފަރާތެއްގެ ބޭނުންތަކަށް ވިސްނައިގެންނެވެ. މި ގޮތުން ބަލާއިރު މައުޟޫޢާއި ސުރުޚީތަކާއެކު ލިޔެފައި ހުންނަ ކުދިކުދި ސާދާ ރިޕޯޓާއި، ޗާޓާއި، ފޮޓޯއާއި ކުރެހުމާއި، ތާވަލުތަކާއި، ޙޫލައާއި ފިހުރިސްތާއި، ތިރީނޯޓާއި، ޚުލާޞާ އާއި ޖަލުވަލުތައް ފަދަ އެތައް ބައިވަރު ބައިތަކެއް ހިމަނައިގެން ލިޔެފައި ހުންނަ (ފޮތްފޮތަށް ވުރެ ދިގު) ރިޕޯޓުތައްވެސް ފެނެއެވެ.

ފުރިހަމަ ރިޕޯޓެއްގައި ހުންނަންޖެހޭނެ ސިފަތައް:
ރިޕޯޓެއްގެ ފުރިހަމަކަން ބިނާވެފައި އޮންނާނީ އެ ރިޕޯޓެއް ލިޔާ މަޤްޞަދު ޙާޞިލުވާ މިންވަރެއްގެ މައްޗަށެވެ.

ކުރުކޮށް ދަންނަވާނަމަ.....

އެހެންވީމާ ރިޕޯޓަކީ ކަމެއް ހިނގި ގޮތަށް ނުވަތަ އެކަމެއް ވީ ގޮތަށް ސާދާ ކުރު ޖުމުލަތަކަކުން ލިޔާ ބަޔާނެކެވެ. ރިޕޯޓުގެ ދިގުމިން ބިނާވެފައިވަނީ އެ ރިޕޯޓެއް ލިޔާ ބޭނުމަކާއި ރިޕޯޓުގެ ބާވަތެއްގެ މައްޗަށެވެ.


ހަމަމިގަލަމުން

އިދާރާ

ވާހަކަ