އަދުގެ ޚާއްސަ

Print

ޓީ ވީ އެމް - އެންޓަނާގެ ޝުޢޫރު

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ސަމާސާ އަދަބު


ނޯޓު: މިއީ މިއަހަރުގެ ޓީވީ އެމްގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ތައްޔާރުކޮށް ދުރަށް ދެއްކި، ޚާއްޞަ ޕްރޮގްރާމެއްގެ ސްކްރިޕްޓެވެ.

އާދަމް ނަޞީރު އިބްރާހީމް (2009)

އެއްގޮތެއްގައި ސާބިތުވެ ހުރުމަކީ ވަރަށް ރަނގަޅު ސިފައެއްކަމުގައި  ބުއްދިވެރީން ބުނާތީ އަޑު އަހަން. އެހެން ކަމަށް ވާނަމަ، މި ޤައުމުގައި އެ ސިފަ އެންމެ ފުރިހަމަޔަށް ހުރި އެކަކުކަމުގައި  ހަމަ ގައިމުވެސް އަޅުގަނޑު ވާނެ. 1978ގައި  އުފަންވީއްސުރެ އަޅުގަނޑު ފަކީރު އަދި މިހުންނަނީ މި ގޮތަށް. ހަނގުރާމައިގެ މައިދާނެއްގައި ފައިތިލަ ސާބިތުކޮށްގެން ހުރި ފަހުލަވާނަކު ފަދައިން، ހަމަ އެންމެ ފިޔަވަޅެއްވެސް ކަސިޔާރު އަތަކަށް ފިރާލާފައެއް ނޯންނާނެ. ވެހޭހާ ވާރެޔާ ދެހާ އަތްވާ ޖެހޭގައި ވައިގެތެރޭ އަޅުގަނޑުގެ އެންމެ ބޮޑު އުފަލަކީ، މި ޚިދުމަތް ތިޔަ ބޭފުޅުންނަށް ފޯކޮށްދިނުން.  ޤައުމު އަޅުގަނޑަށް ކޮށްދެނީ ކޮންކަމެއްތޯ ބެލުމުގެ ބަދަލުގައި އަޅުގަނޑުވެސް ބަލަނީ، އަޅުގަނޑަށް ޤައުމަށް ކޮށްދެވޭނީ ކޮންކަމެއްތޯ؟

މި ހާރު މެދު އުމުރަށް އަޅައިފައިވާއިރު، މި ފަދަ ދުވަހެއްގައި އަޅުގަނޑުގެ ހިތުގައި ވެސް އުފެދޭ ޝުޢޫރުތަކެއް އެބަހުރި. އާވަމުންދާ ހަނދާންތަކެއް އެބަހުރި. ތިޔަ ބޭފުޅުންނާ ހިއްސާކޮށްލާ ހިތްވާ، ހާދިސާ ތަކެއް ވެސް އެބަހުރި.

ޒަމާނުގެ ފުރޮޅުންތަކުގެ ތެރޭގައި ހެދި ބޮޑުވެ ތަޞައްރުފު ފުދުނު އިރު އަޅުގަނޑުގެ އިސްކޮޅުގައި 60 މީޓަރު ހުރި. މިއީ އޭގެ ސަބަބުން މަތިންދާ ބޯޓަށް ވެސް ނުރައްކާ ވާހައި ދިގު އިސްކޮޅެއް. އެހެންކަމުން، އިރު އޮއްސިއްޖެއްޔާ އަޅުގަނޑު ހުންނަންޖެހެނީ ނިތްކުރީގައި ބޮތްކެއް ދިއްލައިގެން... ފަހަރެއްގައި ވެސް މިއީ ބައެއް އިންސާނުން ދެބައި އުމުރަށް ދިޔައިމާ އެމީހުންގެ  ފުއްކިބަ ދިއްލޭ ގޮތަށް އަރާފައި ހުންނަ ކަހަލަ ހިތްތަލަވަންތަ އޮފެއް ނޫން.. މިއީ  ޖައްވުގައި ދަތުރުކުރާ  ''އުދުހެނަ ބައްތެއްލާ'' އެއްފަދަ އެއްޗެއް އަޅުގަނޑުގެ ފުއްކިބައިގައި ނުވަތަ ނިތްކުރީގައި އަޅައިގަނެ ހާނީއްކައެއް ވެދާނެތީ ހަރުކޮށްފައި ހުންނަ ސަލާމަތީ ދިއްލުމެއް.

ޒުވާން އުމުރުގެ ހަނދާންތަކުގެ ތެރޭގައި އެ ޒަމާނުގައި މާލެ އައިސް ގޮސްވާ ދަތުރު އޮޑި ފަހަރު އަޅުގަނޑުގެ މައްޗަށް ބަރޯސާވާ މިންވަރު ހަނދާނަށް އާދޭ.. ވަރަށް ގިނަ ނެވި ނިޔަމީން އޭރު  ތެދު މިސްރާބު ހޯދަނީ އަޅުގަނޑުގެ ނިތްކުރީގައިވާ އަލިކަމުގެ އެހީގާ... ނަމަވެސް ބައެއް ފަހަރަށް ކަނޑު މަތި އެޅުމުގެ ސަބަބުން ނުވަތަ ނެވި ކަލޭގެ ތާއްޔާ ޖެހިލާގޮތުން، ބައެއް އޮޑި ދޯނި ފަހަރު ފަރުފަރަށް އަރާ ހިކޭ މަންޒަރުވެސް ފެނިފައިވޭ .
ދެން އެހެންވާހަކަ އެއް. މި އަދު މި ވާހަކަ ދަންނަވާލީމާ، އަޅުގަނޑު ތިޔަ ބޭފުޅުންނަށް ކަލަގޮވަނީ އޭ ފަހަރެއްގައި ތިޔައިން ބޭފުޅެއްގެ ހިތްޕުޅަށް އަރައިފާނެ.  އެކަމަކު މިއީ އެއަށް ވުރެ އިޚްލާޞްތެރި ޝުޢޫރެއްކަމުގައި ހިތްތެވުން އެދޭވަހަކަ ދަންނަވާލަން.

ތިޔަ ބޭފުޅުންނަށް ދުނިޔޭގެ ވާނުވާ އޮޅުން ފިލުވައި ދިޔުމުގައި އަޅުގަނޑު މަސައްކަތްތަކެއް ކޮށްފިން. އަޅުގަނޑަށް ލިބިގެންވާ ދިގު އިސްކޮޅާއެކު، ތިޔަ ބޭފުޅުންނަށް ވުރެ ކުރިން ދުނިޔޭގައި ހިނގާ ވަރަށް ގިނަ ކަންކަން ހިނގާތަން އަޅުގަނޑަށް ފެނޭ.. އޭން އެއްވެސް ކަމެއް ނުފޮރުވައި، އެ ޚަބަރުތައް ތިޔަ ބޭފުޅުންނާ ހަމަޔަށް ގެނެސްދެވޭތޯ މި މަސައްކަތްކުރަނީ ސާބިތުކަމާއެކީގާ... ފަލަސްޠީނުގައި އެތިބަ ކުޑަ ކުދީންގެ ހާލާއި، އެފުރިކާ ބައްރުގެ ސަހަރާތަކުގައި ދިރިއުޅޭ އިންސާނުންގެ ހާލަތު.. ދުނިޔޭގައި ހިނގާ ހަނގުރާމަތަކާ ހަނުޖެހުންތަކުގެ މަޢުލޫމާތު.

މި ކަންކަމުން ލޮލުން ކަރުނަ ހިލިފައި ހުއްޓައި، އޮސްކާ އެވޯޑާއި، ހޮލީވުޑުގެ ކުލަ މަޖާތައް ފެނުމުން ބައެއް ފަހަރަށް ހިތަށް އަރާ އަޅުގަނޑަށް ވެސް އެގޮތަށް ނަށާލައި ހެދޭނެނަމައޭ.. އެކަހަލަ މާހައުލެއްގައި އުފާ ކުރެވޭނެ ނަމައޭ... އެކަމަކު އެކަންކަމަށް އުޒުރުވެރިވަން... ހިތަށް އަރަނީ މި ފެންނަނީ ދުނިޔޭގެ ދެކޮޅޭ.. އެއްބަޔަކު ބަލިހާލާއި، ހައިހޫނު ކަމުގައި ހަނާވާއިރު، އަނެއްބަޔަކު، ސިނގުބަނޑުތަކާއެކު ވިޔާނުދާ ނެށުންތަކުގައި އޭތި މީތީގެ އެހީގައި މަސްތުވެފާ...

މި ވާހަކަ ދަންނަވާލި ވަގުތު ވަރަށް ބިރުވެރި ހަނދާނެއްވެސް ހިތަށް އަތުވެއްޖެ. ދުނިޔެ ހިނގަނީ ތޮށަލި ދުޅަޔަށް ކަމަށް މުސްކުޅިން ބުނާ ބުނުން އޭން ދޭހަވޭ.. ރާއްޖޭގައި ބޭއްވުނު ޓެލެތޯން ޝޯތަކާއި، ފަންނާނުންގެ ޢީދުތައް ވެސް އަޅުގަނޑު ދުށިން. މާލޭ މަގުތައް ހަދަން އަކިރިގެނައުމުގައި ގައުމުގެ ރައްޔިތުންގެ އެހެރަ އެކުވެރިކަމާއި، ސާކު ސަމިޓަށް ދަރުބާރުގެ ހެދި ދުވަސްވަރުގެ ހިތްގައިމު ހަނދާންތައް އެބަހުރި. މިނިވަން ދިވެހި ރާއްޖެ ސާފު ދިވެހި ރާއްޖޭގެ ޝިޢާރުގެ ދަށުން ވަކި ފަންތިއެއް ގިންތިއެއް ތަފާތު ނުވެ މުޅިޤައުމު އެއްރޫޙެއްގައި އެއްޖޯޝެއްގައި އެއްލޯތްބެއްގައި އޮތްތަންވެސް ދުށީމު. ހަމަ އެހެންމެ ރާއްޖެ ދުށް ބޮޑެތި ނުރައްކާތައް ވެސް ތަޖުރިބާކުރިން. ބޮޑުރާޅު އެރިދުވަސްވެސް ހަނދާން އެބަހުރި.  މަޝްހޫރު ބަޑި ބުރާސްފަތިވެސް ހިތަކުން ފިލައިގެނެއް ނުދޭ. ހަނދާންވާ ގޮތުގައި އެރެޔަކީ އެއީ 1988ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަރޭ... އަޅުގަނޑަށް ފެނުނީ މާލެ، ނިވާލެވިފައިވާތަން.. ނުވަތައް އަލިތައް ފަނޑުކޮށްލެވިފައިވާތަން.  މީހުންތައް ރޮނމުން ކަރުނަ އަޅަމުން ކޮޅުކޮޅަށް ދުވާތަން.. ބަޑީގެ އަޑުން މުޅިރަށް އޮތީ ގުގުމާލައިފަ. އިރުކޮޅަކުން މުޅި ރަށުން ކަރަންޓު ކަނޑައިލައިފި.. އެރެޔަކީވާ ފިސާރި ރެޔެއް.. ދިވެހި މުވާޠިނުންގެ ލެއިން ދިވެހިމުގައި ކޯރު ދެމިގެން ދިޔަ ނާމާން ރެއެއް.

އަޅުގަނޑުގެ ޅައުމުގެ ހަނދާންތަކުގެ ތެރޭން އެއް ހަނދާނަކީ، މި ގޯތީ ބޭރު ފާރާ ހަމަޔަށް ރާޅު އަރާކަން. އޭރު މި ހިސާބުގައި އޮންނަނީ މުޅިންވެސް މޫދު.. ގޯތީގެ ބޭރު ފާރަށް އޭރު ރާޅުޖަހާނެ. ބައެއް ދުވަސްވަރަކަށް ކުނިކޮށީގައި އޮންނަހައި ކުނި ގެނެސް މި ސަރަހައްދަށް ޖަމާކޮށްލާތަންވެސް އާދޭ.. އެކަހަލަ ދުވަސް ދުވަހު މުޅި ހިސާބުގަނޑުން ދުވާވަހުން ނޯށް ދަމައިލަންވެސް ނުކެރޭ... ވާރޭވެހި ފެންފޮދެއް ވެހިއްޖެއްޔާ އަތްގާޑިޔާ ދަމާ މިހުންތައް މަގުގެ އަޑިގުޑަންތަކުގެތެރޭގައި  ގާޑިޔާގަނޑު އެކޮޅުކޮޅުން ޖެހިގެން އުޅޭ ހާލު ފެނޭ. ކާރެއް ލޮރީއެއް ފެންނާނީ ހާލަކުން ފަހަރަކު. އެކަމަކު އެ ފެންނަ އެއްޗެއް ވެސް އޮންނަނީ، މަގުމެދުގައި ޣަރަޤުވެފާ.

ބިރުވެރި ހިތާމަވެރި ހަނދާންތަކާ އެއްވަރަށް އުފާވެރި ފަޚުރުވެރި ހަނދާންތައް ވެސް އެބަހުރި.. ޢުމުރުން މިވީހައި ތައްދުވަހު ނުލިބޭވަރުގެ ބޮޑެތި އުފާވެސް ލިބިފައި އެބަހުރި... އިސްލާމީ މަރުކަޒު ހުޅުވުނު ދުވަހަކި އެފަދަ ދުވަހެއް. ޕޯސްޓެލް ބިލްޑިންގ ހުޅުވުނު ދުވަހަކީވެސް ޚާއްޞަ ދުވަހެއް. އައްޑޫ ލިންކުރޯޑު ހުޅުވުނު ދުވަހާއި، ރާއްޖެތެރޭގެ ފަސް އެއަރޕޯޓު ހުޅުވުނު މަންޒަރުތައް ފެނުނު ދުވަސް ދުވަސް އެއީ ދިވެހި ތާރީޚުގެ ޚާއްޞަ ދުވަސްތަކެއް. ގައުމީ ކްރިކެޓް ޓީމު ރަންމެޑައްޔެއް ހިފައިގެން އައި ދުވަސް ވެސް ވަރަށް އުފާވެރި. ދިވެހި ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމު ސާފުގެ ތަށި ހިފައިގެން އައި ދުވަހަކީ އުފަލުން ގޮސް ކަރުނަ ހިލުނު ދުވަހެއް.. މުޅި ގައުމު އޮތީ ފެއްސާ ރަތާ ހުދުން ކަޅިވެފާ.. އެންމެ ފަޚުރުވެރި ވެވުނު އެއްކަމަކީ އޭގެ ތެރޭން އެންމެ ފާޅުކަން ބޮޑު ދެކުލަޔަކީ އަޅުގަނޑުގެ ޒާތީ ދެކުލަ ކަމުގައި ވީކަން.. އަޅުގަނޑުގެ އަސްލު ދެކުލަޔަކީ، ރަތާއި ހުދު.

ގައުމީ ފުޓުބޯޅަޓީމުގެ މެޗްތައް ކުޅެވެމުން ދިޔަ ދުވަސްވަރު ގޭގޭ ބަދިގޭގައި ކައްކާލި ނޫޑުލުން ސޫޕްތަކާއި، އަޅައިލި މީރު ކުޅިބޯކިބާ ތަކުގެ ވަސްޖެހިލީމާ ބައެއް ފަހަރަށް ހިތަށް އަރާ، ހުރިތަނުން ލުހިގަނެގެން ގޮސް އޭން މޭޒެއްގެ ދޮށަށް ލެފިލައިފާނަމޭ.  އެކަމަކު ވެސް އެވަރު ކުޑަ ހިނދު ކޮޅަކަށް ވެސް މެޗެއްގެ ލައިވް މެދު ކެނޑިއްޖެއްޔާ މުޅި ގައުމު އެލާޓަށް އަންނާނެކަން ކަށަވަރު.. އެހެންވީމާ މަޞްލަހަތަށްޓަކައި ހަމަ ކެތްތެރިވެގެން ހުރީ.. އަޅުގަނޑުބެލީ ކިތަންމެ ކުޑަ ހިނދުކޮޅަކަށް ނަމަވެސް ލައިވް މެދު ކެނޑުނަ ނުދީ ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދެވޭތޯ...
ކުރިޔާ މިހާރާ އަޅައިބަލާއިރު، މިހާރު ވަރަށް ފޫހިފިލާ. ކުރީގައި  ދަންވަރު ހުންނަންޖެހެނީ އެއްވެސް ކަމެއްނެތި ފޫހިވެފާ. މުޅި ރާއްޖެ ނިދާފައި އޮންނަ އިރު، ހުންނަންޖެހެނީ ދަމަށް. އެއްވެސް މުނިފޫހި ފިލުމެއްނެތް.. ރޯދަމަހުގެ ނޫނީ ހާލަކީ މީ...

އެކަމަކު ފަހަކަށް އައިސް ރާއްޖޭގެ ސިޔާސީ މަސްރަޙަށް އައި ބަދަލުތަކާ ގުޅިގެން، އެންމެ ބިޒީ ޝެޑިއުލެއް ލިބުނު އެކަކު ކަމުގައި މިވީ އަޅުގަނޑު... މި ހާރަކު ހެނދުނެއް ހަވީރެއް ހާރު ދަމެއް މެންދަމެއް، ފަތިހެއް ޟުޙާވަގުތެއް ނެތް.. އެހެންނާ ސިޔާސީ ފެންޑާ، އެހެންނާ ކޮންމެވެސް ނޫސް ކޮންފަރަންސެއް، ނޫނީއްޔާ މަޖިލިސް މިއަދެއް އޮންނާނެ.  ދަންއަތަށް އަޅައިލީމާ އެހެރަ ކޮށްލާ ހޫނު ބަހުސުތައް ފެށުމާއެކު، ރޭގެ ނިންޖާއި ފޫހިކަން ވިއްސައިގެންދަނީ، އެތައް ހާސްމޭލެއްގެ ދުރަށް...

ކޮންމެއަކަސް މިހާރު ދެން ހިތަށް އަރާ.  ކޮންމެ ގޮތެއް ވިޔަސް މިހާރު މިވަނީ ދެބައި އުމުރަށް ގޮސްފައޭ.. އުމުރުން 30 އަހަރު ވެއްޖެޔޭ. މި އޮއްހައި ދުވަސް ވަންދެން ރާއްޖޭގައި މަޢުލޫމާތު ފޯރުކޮށް ދިނުމާ މުވާޞަލާތުގެ ދާއިރާގައި ސީދާ ދިވެހިންގެ ގޮތުގައި މަސައްކަތް މިކުރީ އަޅުގަނޑުގަނޑާއި، އަޅުގަނޑުގެ އަންހެނުންނާ ދެމަފިރިން އެކަނިމާ އެކަންޏޭ.. އަންހެނުން ވަޒީފާ އަދާ އެ ކުރަނީ ދިވެހި ރާއްޖޭގެ އަޑުގާ.. އަޅުގަނޑު މި އުޅެނީ ޓީވީގާ... މިހާރު ދެން ދެމަފިރީނގެ  ކުދިންކޮޅު ވެސް ބޮޑެތި ވެއްޖެ.. ރާއްޖޭގެ އެކި ރަށްރަށުގައި އެކުދިން އެ ބަތިބި.. ބައެއް ކުދިންގެ އިސްކޮޅުގައި 200 މީޓަރު އެބަހުރި ކަމަށް ބުނޭ...

ޒަމާނަށް އައި ބަދަލާކެކު މި ހާރު މަސައްކަތް ކުރުމުގައި ވެސް ފަސޭހަތައް އެބަހުރި. މިނިވަންކަން ވެސް އެބަ އޮތްކަމަށްބުނޭ.  އެކަމަކު އަދިވެސް އަޅުގަނޑު މިހުންނަންޖެހެނީ ގާމަތީ ރަށެއްގެ ހޭޅިފަށުގައި ހުރި ކުރެދި ގަހެއްހެން ހިފެހެއްޓިފާ... ހަމަ އެއްތަނެއްގާ.. އެއްގޮތެއްގާ... އެކަމަކު މިއީ އަޅުގަނޑުގެ ވަޒީފާ. އަޅުގަނޑުގެ މަސްއޫލިއްޔަތު... ޓީވީ ޓަވަރާއި، އެންޓަނާގެ ޒިންމާ!


ހަމަމިގަލަމުން

އިދާރާ

ވާހަކަ