އަދުގެ ޚާއްސަ

Print

އުޑުފުޅާވުން

ޝާޢިއުކުރީ މުޙަންމަދު ޝުޖާޢު ޢަބްދުއްރަޙީމް . ހިމެނޭބަޔަކީ ޤުރުއާނާއި ސައިންސް


މުޙަންމަދު ޝުޖާޢު ޢަބްދުއްރަޙީމު

ޢިލްމުވެރިންނަށް ތަރިތައް ހުންނަތަން ފެންނަން ފެށުމުން އެތަންތަން ދިރާސާ ކުރަން ފެށިއެވެ. އެތަކެތި އުފައްދަވާ ފައިވާ ސިފަތަކާއި އަދި އޭގެ އެހެނިހެން ސިފަތައް ދިރާސާ ކުރަން ފެށުމުން، އަހަރުމެންގެ ވަށައިގެންވާ ފަޟާއަކީ މެދުނުކެޑި ފުޅާވެ، ބޮޑުވަމުންދާ ތަނެއްކަން އެމީހުންނަށް ވަނީ އެނގިފައެވެ. މިކަން އެމީހުންނަށް އެނގުނީ ވަރަށް އާދައިގެ ތަޖުރިބާއެއް ކޮށްގެންނެވެ. މިތަޖުރިބާގައި ތަރިތަކުން ފޮނުވައިދޭ އަލި ބިއްލޫރި ޕްރިޒްމަކަށް އަޅުވައިގެން ފާޅުވާ ހަތް ކުލައާ މެދު ވިސްނާ ދިރާސާ ކުރިއެވެ. 20ވަނަ ޤަރުނުގެ ކުރީކޮޅު ހެދި މި ތަޖްރިބާއިން ހާމަވީގޮތުގައި ފަޟާގެ ތެރެގައިވާ ގެލެކްސީތައް އަހަރެމެންނާ ނުވަތަ އޭގެ އެކަތި އަނެކައްޗާ ދުރު ވަމުންދާ ބާރުމިން ބައެއް ފަހަރު އަލި ދަތުރުކުރާ ބާރުމިނާ ކައިރި ކުރާ ބާރު މިނެއްގައި ދުރުވަމުން ދެއެވެ. އަލި ދަތުރުކުރާ ބާރުމިނަކީ ގާތްގަޑަކަށް ސިކުންތަކު ތިންސަތޭކަ ހާސް ކިލޯމީޓަރެވެ.

އެހެންކަމުން ފަޟާގެ ނިމޭހިސާބު ހޯދުމަކީ އިންސާނުންނަށް ކުޅަދާނަ ކަމަކަށް ނުވެއެވެ. ސަބަބަކީ އިންސާނުން ފަޟާހޯދުމަށް ބޭނުންކުރާ އާލާތް ތަރައްްޤީ ކުރާވަރަކަށް، ފަޟާ ނުވަތަ ކައުނުވެސް ފުޅާވަމުންދާތީ، މިއާލާތް އިތުރަށް ތަރައްޤީ ކުރަން ބޭނުން ވާތީއެވެ. މި ފުޅާވުން ޤުރުއާނުގައި މާތްﷲ ސިފަ ކުރައްވާ ވަރަށް ބަލާޣާތްތެރިކޮށް އެކަން ގެނެސް ދެއްވާފައި ވެއެވެ.

މާތްﷲ ވަޙީ ކުރައްވަނީ:

" وَالسَّمَاء بَنَيْنَاهَا بِأَيْدٍ وَإِنَّا لَمُوسِعُونَ" (الذاريات 47)


މާނަޔަކީ " ތިމަންރަސްކަލާންގެ ގުދުރަތުން އުޑު ހެއްދެވީމެވެ. އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެއުޑު ފުޅާކުރައްވަމެވެ. "

                                      ގެލެކްސީތައް ދުރު ވަމުންދިޔުން

މިއާޔަތުން އަހަރުމެންނަށް އެނގެނީ މި ކައުނު އުފެއްދެވީއްސުރެ އެކަލާނގެ އިރާދަ ކުރައްވައްދެން މިކައުނު ފުޅާ ވަމުން ދާނެކަމެވެ. މިކައުނުގެ ނިމޭހިސާބެއް ނޭނގޭކަމެވެ. ޤުރުއާން ބާވައިލެވުނު ދުވަސްވަރު މީސްތަކުން ހީކުރަމުން ދިޔައީ ތަރިތައް ވަނީ ދުރު ނޫން ހިސާބެއްގައި ކަމަށެވެ. ނަމަވެސް ޓެލެސްކޯޕްތައް އުފެއްދުމާއެކު މިކައުނުގެ ފުޅާމިން ފާޅުވާން ފެށިއެވެ. ޢިލްމުވެރިންނަށް އަދިއަދަށް ދާންދެންވެސް މިކައުނުގެ ފުޅާމިނެއް ނުހޯދެއެވެ.
ޢިލްމުވެރިއެއް ކަމުގައިވާ އެނެސްޓައިން ދެކެލައްވާ ގޮތުގައި އަހަރެމެން މަތިންދާބޯޓެއް ނުވަތަ ޖައްވީ އުޅަދެއްގައި ސިކުންތަކު 186ހާސްމޭލަށް ދަތުރު ކުރި ކަމުގައި ވިޔަސް މިކައުނު ވަށާ ބުރެއް ނުޖެހޭނެއެވެ. ސަބަބަކީ މި ކައުނު އަބަދުވެސް ފުޅާވަމުން ބޮޑުވަމުން ދާތީއެވެ.

މި ފުޅާވުން އިތުރު ވަމުންދާނީ އޭގެ އެއް ބަޔެއް އަނެއް ބަޔަކާ ދުރުވެ އެތަކެތީގެ މެދުވާ ދަމާބާރުނެތި، އެތަކެތި ވަކިވަކިވެ ބުރަ ބުރައިގެން ދަންދެންނެވެ. ފަހުގެ ހޯދުން ތަކުން އެނގުނު ގޮތުގައި އަހަރުމެންނާ ދުރުގައިވާ ގެލެކްސީތައް، ކައިރީގައިވާ ގެލެކްސީ ތަކަށްވުރެ ބާރުމިނުގައި ދުރުވަމުން ދެއެވެ. މިބާރުމިން އެންމެ ބާރުވާ ވަރަކީ ސިކުންތަކު 40ހާސް މޭލުކަމަށް ވަނީ ބެލެވިފައެވެ. މިގޮތަށް ބަލާފައި ގެލެކްސީތައް ފަޟާގެ ތެރޭގައި ފެތުރެ، ދުރުވާންފެށި ދުވަސްވަރެއް ޢިލްމުވެރިން ހިސާބުކުރިއެވެ.

މީގެ 1400އަހަރު ކުރިން ފަޟާޔާބެހޭ އެއްވެސް ޢިލްމެއްގެ އަކުރެއްވެސް އެނގިވަޑައި ނުގަންނަވާ މުޙަންމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް މި ކަންތައްތައް އަހަރުމެންނަށް އެންގެވިކަމީ ހަމަކަށަވަރުންވެސް ބޮޑުވެގެންވާ މުޢުޖިޒާތެކެވެ. ފަހެ ހަމަކަށަވަރުން ކީރިތި ޤުރްއާނަކީ އެކަލޭގެފާނު އަމިއްލަފުޅަށް ހެއްދެވި އެއްޗެއް ނޫންކަން މިކަމުންވެސް ދޭހަވެއެވެ.




ގެލެކްސީތައް ދުރުވަމުން ދާމަންޒަރެއް


އިދާރާ

އެނގޭތަ؟

ވާހަކަ