އަދުގެ ޚާއްސަ

Print

ބަހަވީ ޢިލްމުގެ ތެރެއިން ކޯޕަރޭޓިވް ޕްރިންސިޕަލް

ޝާޢިއުކުރީ ޝަކީލާ ޙާމިދު . ހިމެނޭބަޔަކީ މާދަރީބަސް


ޝަކީލާ ޙާމިދު

ވާހަކަ ދެއްކުމުގައި ތަބަޢަވާންޖެހޭ މައިގަނޑު ހަތަރު ނުކުތާ

މާތްﷲ އިންސާނުން އަޝްރަފުލް މަޚޫލޫޤާތުންގެ ގޮތުގައި ލައްވައި އެބައިމީހުންވަނީ މާތްކުރައްވާފައެވެ. އެގޮތުން އެހެނިހެން ޖަނަވާރުންނާއި ޚިލާފަށް އިންސާނުންނަށްވަނީ ބަސްމޮށުންތެރިކަމުގެ ޚާއްޞަ ނިޢުމަތް ދެއްވާފައެވެ. އެކަމަށްޓަކައި އިންސާނުންގެ ސިކުނޑީގައިވަނީ ބަހުގެވަކިމަރުކަޒެއް ޤާއިމްކުރައްވާފައެވެ. މިދެންނެވި މަރުކަޒުގެ ޒަރީއާއިން އުފެއްދުންތެރި ކަމާއެކު އިންސާނުން އެބައިމީހުންގެ ބޭނުންތައް ބަހުގެޒަރީއާއިން ފުއްދައެވެ. ކަންމިހެންހުރި ކަމުގައިވިއަސް ބަހުގެބޭނުން އެންމެ ފުރިހަމަގޮތުގައި ކުރެވޭނީ ބަސް ބޭނުންކުރުމުގައި ޝާމިލްވާ ފަރާތްތައް އެކަކުއަނެކަކަށް އެއްބާރުލައިގެންނެވެ. ވީމާ ބަސްބޭނުންކުރުމުގެ މަޤުޞަދު އެންމެފުރިހަމަ ގޮތުގައި ޙާޞިލްކުރުމަށްޓަކައި ފަރުދީ ގޮތުންނާއި، އިޖުތިމާޢީ ގޮތުން އެކަކުއަނެކަކަށް ދޭންޖެހޭ އެހީތެރިކަމާއި އެއްބާރުލުން ވަރަށް ފުރިހަމައަށް ދޭން އެބަޖެހެއެވެ. މިކަން މިމަގަށް ކުރެވޭނީ މިކަމުގައި ވަކިހަމަތަކަކާއި، ޤަވާޢިދުތަކަކާއި، އުޞޫލުތަކެއް ހިފެހެއްޓިގެންނެވެ. އެހެންކަމުން ބަހަވީ ޢިލްމުވެރިން (ލިންގްއިސްޓުން) ވަނީ ވާހަކަދައްކާ ފަރާތްތަކުން ތަބަޢަވާންޖެހޭ ހަމަތަކަކާއި، އުޞޫލުތަކަކާއި، ޤަވާޢިދުތަކެއް އެކަށައަޅުއްވާފައެވެ. އެގޮތުން ފާހަގަކުރެވޭ އެންމެ ހަރުދަނާ އެންއުޞޫލެއްކަމަށް ގިނަބަޔަކުދެކެނީ ފިލޯސަރ ޕޯލް ގްރައިސް (1975) އެކަށައެޅުއްވި ކޯޕަރޭޓިވް ޕްރިންސިޕަލް ނުވަތަ ގުޅިގެން ވާހަކަދެއްކުމުގެ ޤަވާޢިދެވެ.
ކޯޕަރޭޓިވް ޕްރިންސިޕަލް އަކީ ކޮބާ؟

ފިލޯސަފަރ ޕޯލް ގުރައިސް އާއި ޙަވާލާދެއްވާ އެޑްވަޑް ފިނެގަން (1999) ހާމަކުރައްވާ ގޮތުގައި ވާހަކަދެއްކުމުގައި ދެފަރާތުންވެސް ހިފަހަށްޓަންޖެހޭ ހަމަތަކަކާއި ޤަވާޢިދުތަކެއްވެއެވެ. މިޤަވާޢިދުތަކަށް ކިޔަނީ ކޯޕަރޭޓިވް ޕްރިންސިޕަލްއެވެ. ޖޯޖު ޔޫލޭ (1996) ހާކުރައްވާ ގޮތުގައި އެކަކު އަނެކަކާ ވާހަކަދައްކާ މުވާޞަލާތުކުރެވޭނީ ވާހަކަދައްކާ ދެފަރާތުންވެސް ވަކިހަމަތަކަކަށް ތަބަޢަވެ، ދެފަރާތުންވެސް އެކަންދަނެ އެކަމާ ޤަބޫލުވެގެންނެވެ. ޖުމްލަގޮތެއްގައި އެހަމަތަކަށް ކިޔާއުޅެނީ ކޯޕަރޭޓިވް ޕްރިންސިޕަލްއެވެ. ޢާމިނަތު ޢަލީ (2001) އާއި  ރާމިޒް ޢަލީ (2007) ހާމަކުރައްވާ ގޮތުގައި އެކަކު އަނެކަކާ ވާހަކަދައްކާ މުވާޞަލާތުކުރެވެނީ ދެފަރާތުންވެސް ވަކިހަމަތަކަކާއި އުޞޫލްތަކަކަށް ތަބަޢަވެ އެކަމާ އެއްބަސްވާތީއެވެ. މިފަދަ އުޞޫލުތަކާއި، ހަމަތަކަށް ކިޔަނީ ކޯޕަރޭޓިވް ޕްރިންސިޕަލްއެވެ. ކޯޕަރޭޓިވް ޕްރިންސިޕަލް އިތުރަށް ތަފްޞީލު ކޮށްދެއްވަމުން ޕޯލްގުރައިސް އާއި ޙަވާލާދީ ޖޯޖު ޔޫލޭ (1996) ހާކުރައްވަނީ ވާހަކަ ދައްކާއިރު އެވަގުތާއި ޙާލަތަށް އެންމެ އެކަށޭނަގޮތަށް ދެކެވެމުންދާ ވާހަކަޔާ ގުޅޭނެހެން އެވާހަކައިގެ މަޤުޞަދު ޙާޞިލްވާ މިންވަރަށް ވާހަކަދައްކާށެވެ.

އަދިވެސް ޖޯޖު ޔޫލޭ (1996) ހާކުރައްވަނީ ދެމީހަކު އެކަކު އަނެކަކާ ވާހަކަ ދެއްކުމުގައި ދެފަރާތުންވެސް އެންމެ އެކަށީގެންވާ ގޮތަށްވާހަކަ ދައްކާށެވެ. މާނައަކީ އެދައްކާވާހަކަޔާ އެންމެ ގުޅޭގޮތަށް ދެފަރާތުންވެސް ވާހަކަދައްކާށެވެ. މިގޮތަށް ވާހަކަދެއްކުމުގައި ހިފަހަށްޓަންޖެހޭ ހަމަތަކާ އުސޫލުތަކެއްވެއެވެ. މިދެންނެވި ހަމަތަކާ އުޞޫލުތަކަށް  ލިންގްއިސްޓިކް ހަމަތަކުން ކިޔަނީ (cooperative principle) ކޯޕަރޭޓިވް ޕްރިންސިޕަލްއެވެ. ވީމާ ކަނޑައެޅިގެން ނުބުނި ކަމުގައިވިޔަސް ކޯޕަރޭޓިވް ޕްރިންސިޕަލަކީ ވާހަކަދައްކާ ދެފަރާތުގެ މެދުގައި ވެފައިއޮންނަ އެއްބަސްވުމެއް ކަމުގައި ބެލިދާނެއެވެ.
ކޯޕަރޭޓިވް ޕްރިންސިޕަލްގެ ބާނީ ފިލޯސަފަރ ޕޯލް ގްރައިސް (1975) އާއި ޙަވާލާ ދެއްވާ ޖޯޖު ޔޫލޭ (1996) އާއި އެޑްވަޑް ފިނެގަން (1999) ހާމަކުރައްވާ ގޮތުގައި އެއްބަޔަކު އަނެއްބަޔަކާ މުއާމަލާތުކުރާކުރުން ނުވަތަ ވާހަކަދެއްކުން ހަތަރު ބަޔަކަށް ބަހާލެވެއެވެ. އެއީ ވާހަކައެއްކުމުގެ ޢާއްމު ހަތަރުބައި ނުވަތަ ހަތަރު މެކްސީމެވެ. އެމެކްސީމް ތަކަކީ:

1.    މެކްސީމް އޮފް ކުއަންޓިޓީ (Maxim of Quantity) ވަގުތާ ޙާލަތާ ގުޅޭ މިންވަރަށް ވާހަކަދެއްކުމުގެ މެކްސީމް
2.    މެކްސީމް އޮފް ރިލަވަންސް (Maxim of Relevance) ވަގުތާ ޙާލަތާ ވާހަކައިގެ މައުޟޫއާ ގުޅޭގޮތަށް  ވާހަކަދެއްކުމުގެ މެކްސީމް
3.    މެކްސީމް އޮފް މެނަރ (Maxim of Manner) ދައްކާވާހަކަ އަޑުއަހާމީހުންނަށް އޮޅުންނާރާފަދަ ގޮތަކަށް ތަރުތީބުން ވާހަކަދެއްކުމުގެ މެކްސީމް
4.    މެކްސީމް އޮފް ކޮލިޓީ (Maxim of Quality) ދައްކާވާހަކައިގެ ތެދުކަން ސާބިތުކޮށްދޭގޮތަށް ވާހަކަދެއްކުމުގެ މެކްސީމް
1.    މެކްސިމް އޮފް ކުއަންޓިޓީ  (Maxim of Quantity) (ވަގުތާ ޙާލަތާ ގުޅޭ މިންވަރަށް ވާހަކަދެއްކުމުގެ މެކްސީމް) ފިލޯސަފަރ ޕޯލް ގްރައިސް (1975) އާއި ޙަވާލާ ދެއްވާ ފްރޮމްކިން (1999) ހާމަކުރައްވާ ގޮތުގައި މެކްސީމް އޮފް ކުއަންޓިޓީއަކީ ވާހަކަ ދެކެވޭއިރު އެހުށައަޅާ ހުރިހާ މަޢުލޫމާތެއްވެސް އެވާހަކަދައްކާ ވަގުތާ ޙާލަތާ އެންމެގުޅޭ މިންވަރަށް މާކުރުނުކޮށް އަދި މާދިގުވެސްނުކޮށް ވާހަކަދެއްކުމުގެ މެކްސީމެވެ. މިމެކްސީމުގައި ބޮޑަށް ބާރުއަޅަނީ އެބުނާ ބުނުމަކުން ކޮންމެހެން ބޭނުންވާ މިންވަރަށް މަޢުލޫމާތު އަންގައިދިނުމަށެވެ. ވީއިރު މައުލޫމާތު ދިނުމުގައި ބޭނުންވާ ވަރަށްވުރެ ގިނައިން މަޢުލޫމާތުދިނުމާއި، ބޭނުންވާވަރަށް ވުރެމަދުން މަޢުލޫމާތު ދިނުމަކީވެސް މެކްސީމް އޮފް ކުއަންޓިޓީއާ ޚިލާފުކަމެކެވެ.

މިސާލު: 1
 ޝާފިޢު: އޭހ! ހާދަރީތި ބުރުމާއެއް، ތިއީ ކޮންތާކުންގަތް ބުރުމާއެއްތަ؟
 ޔޫސުފް: މިއީ ވަރަށްފެންވަރުގެ އެއްޗެއް މިފެންވަރުގެ ތަކެތި ބާޒާރުގެ ފިހާރަތަކަކުން ނުލިބޭނެ.
      މީގެ ކުލަޔާ ސައިޒަށް ބަލާލިޔަސް އެކަންއެނގެއެއްނު. ހީވޭތަ މިރާއްޖޭގެ ބާޒާރުން
      މިފެންވަރުގެ ބުރުމާއެއް ލިބިދާނެހެން. އެހެންނޫނަސް މިޔޫސުފެއް މިރާއްޖޭގެ ބާޒާރުގައި ހުންނަ
      ފެންވަރުނެއް ތަކެއްޗެއް ބޭނުމެއްނުކުރާނެ. މިއީ އެއްކަލަ ޖައުފަރު ސޭޓު ޖަޕާނުން ގެނެސްދިން
      ހަދިޔާއެއް. އޭނަބުނީ މީގެއަގަކީ 50 ޑޮލަރޯ. ވަރަށްރީތިދޯ؟

މިސާލު އެކަކަށް ބަލާއިރު ޝާފިޢުގެ ސުވާލަށް ޖަވާބުދިނުމުގައި ޔޫސުފު ބޭނުންނެއް އެތައްވާހަކަތަކެއް ދައްކާފައިވެއެވެ. މި މިސާލުގައި ޝާފިޢު ޔޫސުފުގާތުގައި ކޮންތާކުންގަތް ބުރުމާއެއްތޯ އެހުމުން އެދެއްކި ހުރިހާ ވާހަކައެއް ނުދައްކާ މިއީ ޖައުފަރުސޭޓް ޖަޕާނުން ހަދިޔާއަކަށް ގެނެސްދިން ބުރުމާއެކޭ ބުންޏަސް ސުވާލު ކުރިމީހާއަށް އެގެނައިތަން އޮޅުންފިލާނެއެވެ. ނުވަތަ ޖަޕާނުންގެނައި އެއްޗެކޭ ބުންޏަސް ފުދޭނެއެވެ. ޝާފިއު ބޭނުންވަނީ އެގަތްތަނެއް އޮޅުންފިލުވާށެވެ. އެހެނަސް ޔޫސުފު ޝާއިޢުގެ ސުވާލަށް ބޭނުންވާ މިންވަރަށްވުރެ މާއިތުރަށް ވާހަކަދައްކާފައިވެއެވެ. މިއީ މެކްސީމް އޮފް ކުއަންޓިޓީއާ ޚިލާފުކަމެކެވެ. ވީމާ ވާހަކަދެއްކުމުގައި އެދައްކާ ވާހަކަޔަކާ ނުވަތަ ކުރާ ސުވާލަކާ އެންމެ އެކަށީގެންވާ މިންވަރަށް މާ ކުރުނުކޮށް އަދި މާދިގުވެސްނުކޮށް ވާހަކަދެއްކުން މުހިއްމެވެ.

މިސާލު: 2
ރަޝްފާ: ޖުވޭރިޔާ! ތިގޭ ފިހާރައިގައި ހުރީ ސެންޓުގެ ކޮންވައްތަރުތަކެއްތަ؟ އެތަނުގައި ޗެނަލް ނަމްބަރ
       ފަހެއްގެ ސެންޓް ހުންނާނެތަ؟
ޖުވޭރިޔާ: ވަރަށް ގިނަ ވައްތަރުވައްތަރުގެ ސެންޓުހުންނާނެ.

މިސާލު ދޭކަށް ބަލާއިރު ރަޝްފާގެ ސުވާލަށް ޖުވޭރިޔާ ޖަވާބު ދިނުމުގައި ސުވާލުގެ ޖަވާބަށް ބޭނުންވާ މިންވަރަށްވުރެ މަދުން ވާހަކަ ދައްކާފައިވާކަން ފާހަގަކުރެވެއެވެ. ޖުވޭރިޔާގެ ފިހާރައިގައިހުރި ސެންޓުގެ ހުރިހާ ބާވަތްތަކެއް ކިޔައިނުދިން ކަމުގައިވިއަސް ކޮންމެވެސް ވައްތަރުތަކެއް އޮޅުންފިލުވައި ދިނުމުގެ އިތުރުން އެބުނާ ޗެނަލް ނަމްބަރ ފަހެއް ހުރިއްޔާ ހުރިކަން ނުވަތަ ނެތިއްޔާ ނެއްކަން އޮޅުންފިލުވައި ދިނުން މުހިއްމެވެ. ސަބަބަކީ ރަޝްފާ ކަނޑައެޅިގެން ޗެނަލް ނަމްބަރފަހެއް އެފިހާރައިގައި ހުރިތޯ އަހާފައިވާތީއެވެ. މިމެކްސީމުގައި ސަމާލުކަންދޭންޖެހޭ ނުކުތާއަކީ  ސުވާލަށް ބޭނުންވާ މިންވަރަށް އުނިއިތުރު ކުރުމެއްނެތި ޖަވާބު ދިނުމެވެ.

މިސާލު:3
ހަމްދާ: ޢަފީފާގެ މަންމަ ބަލިވީ ކޮންއިރަކުތަ؟
ޢަފީފާ: ރޭފަތިހު.
ޙަމްދާ: ކިހިނެއްތަވީ؟
ޢަފީފާ: ފަތިސްނަމާދަށް އަރަން ވުޟޫކުރަން ފާޚާނަޔަށް ވަންނަނިކޮން އަނބުރައިގަނެގެން ވެއްޓުނީ.

މިސާލު ތިނަކަށް ބަލާއިރު ޙަމްދާ ކުރި ސުވާލުތަކަށް ޢަފީފާ ޖަވާބުދީފައި ވަނީ ސުވާލުގެ ޖަވާބަށް ފުދޭމިންވަރަށް ކަމުގައި ފާހަގަ ކުރެވެއެވެ. 
2.    މެކްސީމް އޮފް ރިލަވަންސް (Maxim of Relevance) (ވަގުތާ ޙާލަތާ ވާހަކައިގެ މައުޟޫއާ ގުޅޭގޮތަށް  ވާހަކަދެއްކުމުގެ މެކްސީމް)
ފިލޯސަފަރ ޕޯލް ގްރައިސް (1975) އާއި ޙަވާލާ ދެއްވާ ޖޯޖު ޔޫލޭ (1996) ހާމަކުރައްވާ ގޮތުގައި މެކްސީމް އޮފް ރިލަވަންސަކީ އެވާހަކަދެކެވޭ ވަގުތާ ޙާލަތާ ވާހަކައިގެ މައުޟޫއާ ގުޅޭގޮތަށް ވާހަކަދެއްކުމުގެ މެކްސީމެވެ. މިމެކްސީމުގައި ބުނާގޮތުން ވާހަކަދައްކާ ވަގުތާ ޙާލަތާ ނުވަތަ ވާހަކަދައްކާ މައުޟޫއާ ނުގުޅޭވާހަކަ ދައްކައިގެން ނުވާނެއެވެ.

މިސާލު: 4
ތަކުރު: ޚަދީޖާ، މުޙައްމަދުމަނިކު ކޮބައިތަ؟ 
ޚަދީޖާ: މިހާރު ފަންގިވެސް ވަރަށް އަގުބޮޑު އަހަރެން މިއުޅެނީ ފަންގިވަން ކަނޑަން ވަލަށްދާން. ދާނަންތަ؟

މިސާލު ހަތަރަކަށް ބަލާއިރު ތަކުރުގެ ސުވާލަށް ޚަދީޖާ ޖަވާބު ދިނުމުގައި ތަކުރު އެވަގުތު ކުރިސުވާލަކަށް ޚަދީޖާ އެއްވެސް ވަރަކަށް ޖަވާބުދީފައެއްނެތެވެ. ނުވަތަ ތަކުރުގެ ސުވާލާ ޚަދީޖާގެ ޖަވާބަކާ ގުޅުމެއްނެތެވެ. މެކްސީމް އޮފް ރިލަވަންސްގައި ބާރުއަޅަނީ ބުނާބުނުމަކަށް ނުގުޅޭޖަވާބެއް ނުދިނުމަށް ކަމަށްވާއިރު، ޚަދީޖާގެ ޖަވާބު މެކްސީމް އޮފް ރިލަވަންސަކަށް ނުފެތެއެވެ. އަދި މުވާޞަލާތު ކުރެވުނު ދެފަރާތުގެ މުއާމަލާތް އެންމެ އެކަށީގެންވާގޮތަށް ނުހިގާކަންވެސް މިމިސާލުން ފާހަގަކުރެވެއެވެ. އެހެންކަމުން މިމިސާލުގައި ޚަދީޖާއެވަނީ މެކްސީމް އޮފް ރިލަވަންސާ ޚިލާފުވެފައެވެ.

މިސާލު: 5
މާހިދު: ކެޔޮޅާ މިއަދު މަސްބޭނީ ކަނދުފޮތިންތަ؟
ކެޔޮޅު: ނޫނޭ. މާކަނޑު މަސްއައިނަކުން.
މާހިދު: ކިހާމަހެއް ބޭނުނުތަ؟ ފަސްރޮނގުދެމި މަސްތަ؟ ނޫނީ ދޮދާތަ؟
ކެޔޮޅު: 2500 ގޮދާ.
 
މިސާލުފަހަކަށް ބަލާއިރު މާހިދުގެ ސުވާލުތަކަށް ކެޔޮޅު ޖަވާބުދީފައިވަނީ ސުވާލާ ގުޅޭގޮތަށް ކަމަށް ފާހަގަކުރެވެއެވެ.

3.    މެކްސީމް އޮފް މެނަރ (Maxim of Manner) (ދައްކާވާހަކަ އަޑުއަހާމީހުންނަށް އޮޅުންނާރާފަދަ ގޮތަކަށް ތަރުތީބުން ވާހަކަދެއްކުމުގެ މެކްސީމް)
އެޑްވަޑް ފިނެގަން (1999) ޕޯލް ގްރައިސް (1975) އާއި ޙަވާލާދެއްވާ ވިދާޅުވާގޮތުގައި މެކްސީމް އޮފް މެނަރއަކީ ދައްކާ ވާހަކަ ވަކި ޤަވާޢިދެއްގެ މަތިން ރާވާލައި އަޑުއަހާ މީހާއަށް އޮޅުންނާރާފަދަ ގޮތަކަށް ސާފުކޮށް ތަރުތީބުން ވާހަކަދެއްކުމެވެ. މިމެކްސީމުގެ ސަބަބުން ވާހަކަދައްކާ ފަރާތުގެ ވާހަކައިގައި ހިމެނިދާނެ އޮޅުންތަކުން (އެމްބިގިއުޓީ ތަކުން) އެއްކިބާވުމާއި، ބުނާބުނުން ތަކުން ސާފުސީދާ މާނަކުރުމަށް މަގުފަހިކުރުވައެވެ.
މިސާލު: 6
ފިޒުނާ: ހަރުވާޅެއް ކަނޑާނެގޮތް ކިޔައިދީފާނަންތަ؟
މަލިކާ: އާނ. ފުރަތަމަ ހަރުވާޅުފަހަން ބޭނުންވާ ފޮތިގަނޑު ހަތަރުފަށްކޮށް ފަތްޖަހާލާށެވެ. އެއަށްފަހު ބޭނުންވާ ދިގުމިނާ ފުޅާމިން ލިބޭތޯބަލަން މިންބަލާލާށެވެ. ނުވަތަ ކަނޑަން ބޭނުންވާ ހަރުވާޅާ އެއްސައިޒުގެ ހަރުވާޅެއް ފައްޖެހި ފޮތިގަނޑުމަތީ ބޭއްވުމަށްފަހު ފޮތިންގަނޑުން ބޭނުންވާވަރުގެ ހަރުވާޅެއްގެ ސައިޒުލިބޭތޯ ބަލާށެވެ. ދެން ހަރުވާޅު ކަނޑަން ބޭނުންވާ ފޮތިގަނޑުގައި ފާހަގަވާކަހަލަ ކުލަޔަކުން ހަރުވާޅުގެ ބައްޓަމަށް ކުރަހާލާށެވެ. ނުވަތަ ހަތަރު ފައްކޮށްބޭއްވި ހަރުވާޅާ އެއްވަރަށް އަލަށްކަނޑާ ހަރުވާޅު ކަނޑާލާށެވެ. 

މިސާލު: 7
ދުއްވާމީހުންވެސް ފަރުވާކުޑަވުމުންނެވެ. އެފޯކުލިފްޓް ދުއްވަން އިންމީހާ ފަރުވާކުޑަވީމައެވެ. ނުރައްކާތެރި އެކްސިޑެންޓްތައް ހިނގަނީ  މިސާލަކަށް ތޮބީލާ އެހާ ކުއްލިގޮތަކަށް މަރުވީ 

މިސާލު ހަޔަކަށް ބަލާއިރު ހަރުވާޅެއް ކަނޑަން ދެވިފައިވާ އިރުޝާދު މެކްސީމް އޮފް މެނަރއަށް ތަބަޢަވެއެވެ. އެހެނީ އެމިސާލުގައި ހަރުވާޅެއް ކެނޑުމުގައި ކަންތައް ކުރަންވީގޮތް ތަރުތީބުން އޮޅުން ފިލުވައިދީފައިވެއެވެ. އެހެނަސް މިސާލު ހަތެއްގައިވާ ޢިބާރާތްކޮޅަށް ބަލާއިރު އެޢިބާރާތްކޮޅު އެތުރިފައި އެވަނީ ތަރުތީބަކުންނޫނެވެ. މިޢިބާރާތްކޮޅުގައި ބުނާއެއްޗެއް ދޭހަވުމުގައި ހުރަސްއަޅަނީ އެޢިބާރާތްކޮޅު އަތުރާފައިވާ ތަރުތީބެވެ. އެހެންކަމުން މުއާމަލާތުކުރުމުގައި ތަރުތީބު މުހިއްމުވަނީ ހަމައެކަނި ކަމެއްކުރަންވީ ގޮތުގެ އިރުޝާދު ދިނުމަށް އެކަނި ނޫންކަން ދޭހަވެއެވެ. މުއާމަލާތުކުރުމުގައި މެކްސީމް އޮފް މެނަރއާއި ޚިލާފުވުމުން އަޑުއަހާ މީހުންނަށާއި ކިޔާމީހުންނަށް އޮޅުންފިލުމުގައި ދަތިތަކަކާ ކުރިމަތިވެއެވެ. ވީމާ މުއާމަލާތުކުރުމުގައި މެކްސިމް އޮފް މެނަރއަށް ތަބަޢަވާންޖެހެނީ މިސަބަބަށް ޓަކައެވެ. 

4.    މެކްސީމް އޮފް ކޮލިޓީ (Maxim of Quality) (ދައްކާވާހަކައިގެ ތެދުކަން ސާބިތުކޮށްދޭގޮތަށް ވާހަކަދެއްކުމުގެ މެކްސީމް)
ފިލޯސަފަރ ޕޯލް ގްރައިސް (1975) އާއި ޙަވާލާ ދެއްވާ ވަލީދާ ޢީސާ (2004) އާއި ރާމިޒް ޢަލީ (2007) ހާމަކުރައްވާ ގޮތުގައި މިއީ ދައްކާވާހަކައިގެ ތެދުކަން ސާބިތުކޮށްދޭގޮތަށް ވާހަކަދެއްކުމުގެ މެކްސީމެވެ. މިމެކްސީމުގައި ބުނާގޮތުން ދައްކާވާހަކަ ވާންވާނީ އެދައްކާ ވާހަކައެއްގެ ތެދުކަން ސާބިތުކުރެވޭގޮތަށް ދެއްކޭވާހަކައަކަށެވެ. ނުވަތަ ތިމާއަށް އެދައްކާ ވާހަކައެއްގެ ތެދުކަންއެނގޭ، އެކަމުގެ ދަލީލު ދެއްކޭފަދަ ވާހަކަޔަކަށެވެ. މިއީ އެންމެ މުހިއްމު މެކްސީމެވެ. ސަބަބަކީ އެހެންހުރިހާ މެކުސީމަކަށް ތަބަޢަވެގެން ވާހަކަދެއްކި ނަމަވެސް މިމެކްސީމަށް ތަބަޢަނުވާނަމަ އެދެކެވުނު ހުރިހާވަހަކައެއް ބޭކާރުވާތީއެވެ. އެހެނަސް ދޮގުހެދުމުގެ ފުރުޞަތު އޮންނަނީ އެންމެންވެސް މިމެކްސީމަށް ތަބަޢަވަނެކަމަށް އަހަރެމެން ޤަބުލުކުރާތީ ކަމުގައި ރާމިޒް ޢަލީ 2007 ހާމަކުރައްވައެވެ.

މިސާލު: 8
ރަމަޟާން: ތެދޭ ސަހަރޯ ދުށިންތަ މުޙައްމާ ރޯދަމަހު ދުވާލު ފެންބޮނިކޮން؟
ސަހަރޯ: އާނ! މިދިޔަ 1429 ވަނައަހަރުގެ ރަމަޟާންމަހުގެ 17 ވީބުދަ ދުވަހު މެންދުރު 2.45 ހާއިރު މުޙައްމާ
     އޭނާގެ ގޭގެ ސިޓިންރޫމު މޭޒުމަތީގައި ހުރި 500ML ލައިފް ފެންފުޅިޔަކުން ފެންބުއީ އަހަންނާ ލުބާދާ
     މުޙައްމާގެ އަންހެނުންވެސް ބަލަހައްޓައިގެން ތިއްބަ.

މިސާލު ހަޔަކަށް ބަލާއިރު ސަހަރޯގެ ވާހައިގެ ތެދުކަން ސާބިތުކޮށްދޭނެ އިތުރު ދެމީހުން އެތަނުގައި އެބަތިއްބެވެ. ވީމާ މިސާލު ހައެއްގައިވާ ބުނުން ގްރައިސްގެ މެކްސީމް އޮފް ކޮލިޓީއަށް ފެތެއެވެ. އަދި މި މިސާލުގައިވާ އިތުރު ހެކިތަކުގެ އަލީގައި ސަހަރޯގެ ބަހުގެ ތެދުކަން އިތުރަށް ސާބިތުކޮށްދެއެވެ.    
މިސާލު: 9
މުޖައްރިބު: ކާފަ ބާޒާރަށް ގޮސްގެން އުޅެނިކޮން ޒަންގީ ދުށިންތަ؟
ޒަންގީން: ނޫން. އެކަމަކު ގޭތެރޭގައި ހުރި ސާމާނުތައް ފެނިފައި މަށަށް ހަމަހީވީ ކާފަބާޒާރަށް ދިޔައޭ.  

އެހެނަސް މިސާލު ނުވައެއްގައިވާ  ބުނުމުގައި ވަނީ ލަފާކުރުމެކެވެ. އެހެން ކަމުން މިބުނުން ތެދުކަމަށްވުން ލާޒިމްނޫންކަމުގައި ގްރައިސް(1975) އާއި ހަވާލާދެއްވާ ފިނެގަން (1999) ހާމަކުރައްވައެވެ. އެއީ މިބުނުމުގައި ވާހަކަ ދައްކާފައިވަނީ ޔަޤީން ކަމެއްނެތި ހީއެއްގެ މައްޗަށް ކަމުގައިވާތީއެވެ.
އެހެންކަމުން ބަސްބޭނުންކުރުމުގެ މަޤުޞަދު އެންމެފުރިހަމަ ގޮތުގައި ޙާޞިލްކުރުމަށްޓަކައި ފަރުދީގޮތުންނާއި، އިޖުތިމާޢީ ގޮތުންއެކަކު އަނެކަކަށް އެހީތެރިކަމާއި އެއްބާރުލުން ދޭންޖެހޭކަމީ ޝައްކެއް އޮތްކަމެއްނޫނެވެ. މިކަމުގައި ބަހަވީ ޢިލްމުވެރިން (ލިންގްއިސްޓުން) ވަނީ ވާހަކަދައްކާ ފަރާތްތަކުން ތަބަޢަވާންޖެހޭ ހަމަތަކަކާއި، އުޞޫލުތަކަކާއި، ޤަވާޢިދުތަކެއް އެކަށައަޅުއްވާފައިވެއެވެ. އެގޮތުން ވާހަކަދެއްކުމުގެ އެންމެ ހަރުދަނާ އުޞޫލަކީ ފިލޯސަރ ޕޯލް ގްރައިސް (1975) އެކަށައެޅުއްވި ކޯޕަރޭޓިވް ޕްރިންސިޕަލް ނުވަތަ ގުޅިގެން ވާހަކަދެއްކުމުގެ ޤަވާޢިދެވެ. މިޕްރިންސިޕަލްގައި އިންސާނީ ބޭނުންތައް ފުއްދުމަށް ބަސްބޭނުންކުރާނެ މައިގަނޑު ހަތަރު ގޮތެއް (މެކްސީމެއް) ކަނޑައަޅުއްވާފައިވެއެވެ. އެއީ މެކްސިމް އޮފް ކުއަންޓިޓީ ވަގުތާ ޙާލަތާ ގުޅޭ މިންވަރަށް ވާހަކަދެއްކުމުގެ މެކްސީމާއި، މެކްސީމް އޮފް ރެލަވަންސް ވަގުތާ ޙާލަތާ ވާހަކައިގެ މައުޟޫއާ ގުޅޭގޮތަށް  ވާހަކަދެއްކުމުގެ މެކްސީމާއި، މެކްސީމްއޮފް މެނަރ ދައްކާވާހަކަ އަޑުއަހާމީހުންނަށް އޮޅުންނާރާފަދަ ގޮތަކަށް ތަރުތީބުން ވާހަކަދެއްކުމުގެ މެކްސީމާއި، މެކްސީމް އޮފް ކޮލިޓީ ދައްކާވާހަކައިގެ ތެދުކަން ސާބިތުކޮށްދޭގޮތަށް ވާހަކަދެއްކުމުގެ މެކްސީމެވެ. ގްރައިސްގެ މިމެކްސީމްތަކަކީ އިންސާނީ ބޭނުންތައް ފަސޭހަކަމާއެކު ހެޔޮގޮތުގައި ފުއްދުމަށް ނުހަނު ބޮޑަށް އެހީތެރިވެދޭ ކާމިޔާބު މެކުސީމް ތަކެއްކަމާއިމެދަކު ޝައްކެއްނެތެވެ.  

އިދާރާ

ވާހަކަ