އަދުގެ ޚާއްސަ

Print

ދިވެހި ބަހުގެ މައްޗަށް ޝައުޤުވެރިކަން އުފައްދާނީ ކިހިނެއް؟

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ މާދަރީބަސް

                           
މޫސާ މާހިރު، ފުނަމާގެ / ހއ. އިހަވަންދޫ
               
 " ބަސްބަހީ މީހުންހަދާ  އެއްޗެއް ބަލަގަ  ނޫނޭ  ތެދޭ
      އަސްތަ އަސްތާ ޤުދުރަތުގެ އޭ އެއްޗެކޭ ހަމަ  ހިންގަވާ
               
 މީހުންނަށް ވެވިދާނެ ކަމަކީ،  ހޯދުމޭ ދަސްކޮށް  މޮޅަށް
       ހީއެވެތިގެން އުނގެނި އުޅުމުން އޭގެ ހުރިތައް ޢިދުޤަވާ "
                                                
-ޙުސައިން ޞަލާޙުއްދީނު-

ޝައްކެއްނެތެވެ. ބަހަކީ މިހުން ހަދާ އެއްޗެއް ނޫނެވެ. ބަހަކީ ޤުދުރަތުން އުފެދިގެން އަންނަ އެއްޗެކެވެ. މީހުންނަށް ވެވެން އޮތްހާވެސް ކަމަކީ ބަހާމެދު ވިސްނާ، ބަސް ކުރިއެރުވުމަށްޓަކައި މަސައްކަތް ކުރުމެވެ. ބަހެއް ކުރިއަރާ ހެދެމުންދާނީ އެ ބަހަކުން ވާހަކަދައްކާ، އެ ބަހެއްގެ އަހުލުވެރިންގެ ހިތްތަކުގައި ބަހާއިމެދު ޝައުޤުވެރިކަން އުފެއްދިގެންކަން ކަށަވަރެވެ. އެހެންނޫނީ ބަހެއް ކުރިއަރާގެންނެއް ނުދާނެ އެވެ. ބަހާމެދު މީހުންގެ ހިތްތަކުގައި ޝައުޤުވެރިކަން އުފެއްދުމަށް ކުރެވިދާނެ ކަންތައްތައް ބައިވަރެވެ. އެހެންކަމުން، އަޅުގަނޑުމެންގެ މާދަރީބަސް ކަމަށްވާ ދިވެހި ބަހަށް، ދިވެހިން ޝައުޤުވެރި ކުރުމަށްޓަކައި ކުރެވިދާނެ ބައެއް ކަންތައްތަކަށް ބަލައިލަމާ ތޯއެވެ؟
       
 ކޮންމެ ކަމެއް ކުރިކަމުގައި ވިޔަސް އެކަމެއް ރަނގަޅުގޮތުގައި ކުރެވޭނީ އެ ކަމަކަށް ޝައުޤުވެރިކަން އުފެދިގެންނެވެ. ޝައުޤުވެރިކަމެއްނެތި ކުރާ ކަމެއްނަމަ، އެ ކަމެއް ދާނީ ފަނުފުލުންކަން ކަށަވަރެވެ. ދިވެހި ބަސް ކުރިއެރުވުމަށްޓަކައިވެސް އެއްމެ އިސް ކަމަކަށް ކުރަންޖެހޭނެ ކަމަކީ ދިވެހި ބަހަށް އާއްމުން ޝައުޤުވެރި ކުރުމެވެ. ބަހާއިމެދު މީހުން ޝައުޤުވެރި ނުކުރެވިއްޖެނަމަ، ބަސް ވަޅުޖަހައި އުވިގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ. މިކަމުގެ ބައެއް ހެކިތައް ދުނިޔޭގެ ތާރީޚުން ވެސް ފެންނަން އެބައޮތެވެ. މިޞްރު މިހުން ކުރިން ވާހަކަދައްކާ އުޅުނު ބަސްކަމަށް ބުނެވޭ "ޤިބްތީ" ބަހާއި، ތުރުކީ މީހުން ކުރިން ވާހަކަދައްކާ އުޅުނު ބަސް ކަމުގައި ބުނެވޭ "އައްކަދީ" ބަސް މިއަދު މިވަނީ ވަޅުޖަހައިގެން ގޮސްފަ އެވެ. ކީއްވެގެންތޯއެވެ؟ ޝައްކެއްނެތެވެ. އެ ބަސްބަހުގެ އަހުލުވެރިން ބަހާއިމެދު ޝައުޤުވެރި ނުވުމުގެ ސަބަބުންނެވެ. މިފަދަ ދެރަ ނިކަމެތި ގޮތެއް އަޅުގަނޑުމެންގެ ދިވެހި ބަހަށް ކުރިމަތިވާން ނޭދޭ ކަމުގައިވަނީނަމަ، ބަސް ދެމެހެއްޓެނިވި ގޮތަކަށް ކުރިއަރުވާ ދިރުވާ އާލާ ކުރުމަށްޓަކައި، ކޮންމެ ދިވެހި ދަރިޔަކު ވެސް، ދިވެހި ބަސް ދެކެ ލޯބިވާން ޖެހޭނެ އެވެ.
        
ދުނިޔޭގައި މިއަދު ކުރިއަރާފައިވާ ބަސްބަސް ކުރިއަރާ ދިއުމުގެ އެއްމެ ބޮޑު އެއް އަސްލަކީ، އެ ބަސްބަހުގެ މައްޗަށް މީހުން ޝައުޤުވެރި ވެފައި ވުމެވެ. އެ ބަސްބަހުގެ މައްޗަށް މިހުން ޝައުޤުވެރި ވެފައިވާ އެއްމެ ބޮޑު ސިއްރަކީ، މަޢުލޫމާތު ގިނަ ތަރުޖަމާތަކެވެ. ދުނިޔޭގެ އެއްމެ އުސް ހަރުފަތުން މިއަދު ޖާގަ ހޯދާފައިވާ އިނގިރޭސި ބަހަށް ނަޛަރު ހިންގާލިޔަސް، މިކަމުގެ ހެކިތައް ފެންނާން އެބަ ހުއްޓެވެ. އިނގިރޭސި ބަސް ކުރިއަރާފައި ވަނީ ފަރަންސޭސި ބަހާއި، ޢަރަބި ބަހުގެ ފޮތްތައް، އެ ބަހަށް ތަރުޖަމާ ކުރުމުގެ ސަބަބުންނެވެ. އެހެންކަމުން، އަޅުގަނޑުމެން ވެސް، އަޅުގަނޑުމެންގެ ފޮތް އަލަމާރި މުއްސަނދި ކުރުމަށްޓަކައި ބޭރުގެ ބަސްތައް ތަރުޖަމާ ކުރާ މިންވަރު މިހާރަށްވުރެ އިތުރު ކުރެވިއްޖެނަމަ، ދިވެހި ބަސް ކުރިއަރައި ދިވެހި ބަހާއިމެދު އާއްމުންގެ ހިތްތަކުގައި ލޯބިޖެހިގެން ދާނެކަމާމެދު އެއްވެސް ބަޙުޘެއް ނެތެވެ. ނަމަވެސް، ތަރުޖަމާ ކުރާ ލިޔުންތަކަކީ، އިސްލާމް ދީނާ ދިވެހި ބަހާ، ދިވެހި ބަހުގެ ޤަވާއިދާއި ހަމަތަކަށް ފެތޭ ލިޔުންތަކަކަށް ވާންޖެހޭނެ އެވެ. ހަމަ އެއާއެކު މިހުން ޝައުޤުވެރިކަމާއެކު ކިޔާހިތްވާކަހަލަ ލިޔުމަކަށްވެސް ވާންޖެހޭނެ އެވެ. އެކި ބާވަތުގެ ރީތި ވާހަކަ ތަކާއި ތަފާތު ވައްތަރުގެ ފޮތްތައް ދިވެހި ބަހަށް ތަރުޖަމާ ކުރެވި، ދިވެހި ބަހުން ލިބެން ހުރެއްޖެނަމަ، ބޭރުގެ ބަސްބަހުން ލިޔެފައި ހުންނަ ފޮތްތައް ކިޔުމުގެ ބަދަލުގައި ދިވެހި ބަހުން ލިޔެފައި ހުންނަ ފޮތްތައް ކިޔާ މިންވަރު އިތުރުވެ، ދިވެހި ބަހަށް ލޯބި ޖެހިގެން ދާނެކަން ކަށަވަރެވެ.
        
ދެން ސުވާލަކީ ދިވެހި ދަރީން ދިވެހި ބަހުން ލިޔެފައި ހުންނަ ފޮތްތަކާ އެހާ ބީރައްޓެހީ ކީއްވެގެން ބާވަ އެވެ؟ އާދެ! އަޅުގަނޑު ހޯދި ހޯދުމުން އެނގުނީ، ކިޔުންތެރިން ޝައުޤުވެރިކަމާއެކު ކިޔާހިތްވާކަހަލަ ފޮތްތައް ދިވެހި ބަހުން ލިޔެވި ޗާޕު ކުރެވިފައި ނެތްކަމެވެ. މި ސުވާލުގެ ޖަވާބު ހޯދުމަށްޓަކައި ފޯނުގެ ޛަރީއާއިންނާއި، އަނގަބަހުން ޖުމުލަ ފަންސާސް މީހުންނާ ސުވާލުކުރުމުން، އޭގެ 90 އިންސައްތަ މީހުން ދިން ޖަވާބު މި ދެންނެވީ އެވެ. ތެދެކެވެ. ދިވެހިންގެ ތެރޭގައި ފޮތް ލިޔުމުގެ ޘަޤާފަތެއް ނެތެވެ. މިހެން އަޅުގަނޑު މި ދެންނެވީ ލިޔުންތެރިކަމަށް ސަމާލުކަން ދީގެން ބަސް ކުރިއަރުވަން މަސައްކަތް ކުރާ މީހުން އަތްފައިގެ އިނގިލިތަކުން ގުނާލެވޭހާ މަދުކަމުންނެވެ. މިކަމުގެ ދަލީލުތައް ކުތުބުޚާނާތަކުންނާއި، ފޮތް ވިއްކާ ފިހާރަތަކަށް ނަޛަރު ހިންގާލުމުން ފެނިގެން ދާނެ އެވެ. އެ ތަންތަނުގައި މިހާރުވެސް ފެންނަން ހުރީ މީގެ އެތަކެއް އަހަރުތަކެއް ކުރިން ދިރިއުޅުމުގެ ދެ ހާފު ކުޅެ ނިންމާ، އިތުރު ވަގުތު ކުޅެ، ޕެނަލްޓީ ޖެހުމަށްފަހު، ހަނދާންތައް ދޫކޮށް ދަނޑާ އަލްވަދާޢު ކިޔާފައިވާ އަދިބުންތަކެއް ކަމުގައިވާ އަމީނު ދީދީ އާއި، ޖަމީލު ދީދީ އާއި، ކާމިލު ދީދީ އާއި، ޞަލާޙުއްދިނު ފަދަ ބޭބޭފުޅުން އެ ބޭފުޅުންގެ ރަން ދަޢުރުގައި ލިޔުއްވާފައިވާ، މަދު ފޮތްތަކެކެވެ. ނަމަވެސް އެ ޒަމާން މިއަދު ވަނީ މާޒީވެ ގޮސްފަ އެވެ. އެ ފޮތްތައް ވަނީ ކިޔާ ފޫހިވެފަ އެވެ.
       
ތަޢުލީމަށް ޚާއްޞަ ސަމާލުކަމެއް ދެމުންދާ މި ޒަމާނުގައި އޮއްޓަރު ހުރި އުފެއްދުންތެރި ފޮތްތަކެއް ބޭނުންވީއިރު، ދިވެހި ބަހުން އެފަދަ ފޮތްތައް ލިޔެ ޗާޕު ކުރެވިފައެއް ނުވެ އެވެ. ރާއްޖޭގައި ފަހަކަށް އައިސް ހަލުއިކަމާއެކު ނުކުންނަމުންދާ ދުވަހު ނުސްތަކާއި، މަޖައްލާތައް ނެރެވެންފެށި ދުވަސްވަރު، އެ ތަކެތި ވެގެން ދިޔައީ ވަރަށް ގިނަ މިހުން ކިޔާހިތްވާ އެއްޗެހިތަކެއް ކަމުގަ އެވެ. އެހެންނަމަވެސް، ފަހަކަށް އައިސް "ޑިމޮކުރަސީ"ގެ ހުޅުގަނޑު ރޯވެގެންގޮސް، ހުރިހާ ނޫސް މަޖައްލާ ތަކެއްގައި ޝާއިޢުކުރާ ލިޔުންތަކުގައި ސިޔާސީ ކުލަވަރު ޖެހިގެން ދިއުމުގެ ސަބަބުން، އެ ތަކެއްޗަށް ކިޔުންތެރިންދޭ ސަމާލުކަންވެސް މިއަދު މިވަނީ ކުޑަވެފަ އެވެ. ބަހުން ލިޔެފައިވާ އޮއްޓަރު ހުރި ގިނަ ލިޔުންތައް، ބަހުގެ އަހުލުވެރިން ގިނަގިނައިން ކިޔުމަކީ ބަހަށް ޝައުޤުވެރި ވާނެ ކަމެކެވެ. ނަމަވެސް ދަންނަވަންތޯއެވެ! ބައެއް ވިސްނޭ މައިންބަފައިން މިފަދަ ލިޔުންތައް މިހާރު ގެއަށް ވައްދަނީވެސް ދަރީންނާ ސިއްރުންނެވެ.
        
އެހެންކަމުން، އިނގިރޭސި ބަހުގެ ފޮތްތައް ބާޒާރަށް ނެރެފައި ހުންނަ ގޮތްތައް ނަމޫނާއަކަށް ބަލައިގެން، ތަފާތު ޢުމުރުފުރާތަކާއި ގުޅޭ ގޮތަށް ދިވެހި ބަހުން ފޮތްތައް ލިޔެ ބާޒާރުން ގަންނަން ލިބޭގޮތަށާއި، ކުތުބު ޚާނާތަކަށް ގޮސް ފަސޭހައިން ކިޔާލެވޭގޮތަށް ބެހެއްޓުމަކީ ދިވެހި ބަހަށް ދިވެހީން ޝައުޤުވެރިކުރުމަށް ކުރެވިދާނެ ވަރަށް މުހިއްމު ކަމެކެވެ. މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ ކީރިތި ޤުރުއާނުގައި ޤަލަމް ގަންދެއްވާ ބަސް ވަޙީ ކުރައްވާފައި ވުމުންވެސް، ލިޔެވޭ ޢިލްމުގެ މުހިންމުކަން ދޭހަވެ އެވެ.
        
އިނގިރޭސިވިލާތާ ޗައިނާ ފަދަ އަމިއްލަ މާދަރީބަސް ކިޔަވައިދޭ ޤައުމުތަކަށް ބަލާލާއިރު، އަމިއްލަ ބަހަށް އަޅާލުމެއް ނެތި ކިޔަވައިދޭ ތަޢުލީމީ ނިޒާމެއް ޤާއިމުކޮށްފައިވާ ހަމައެކަނި ޤައުމަކަށް ފެންނަންއޮތީ ދިވެހިރާއްޖެ އެވެ. ތިޔަބޭފުޅުން ޤަބޫލުކުރިޔަސް ނުކުރިޔަސް މިކަމާ ދެބަސްވެ ބަހުޘް ކުރެވޭކަށް ނެތެވެ. މިއީ މުސްތަޤުބަލުގެ ޖިލު ދިވެހި ބަހަށް ދޭ ސަމާލުކަން މިއަށްވުރެވެސް ކުޑަވާނެކަމުގެ ދިރިހުރި ހެއްކެކެވެ. ދަންނަވަންތޯއެވެ! ދިވެހިންނަށް ވީތީ ފަޚުރުވެރި ވަމޭ ބުނުމަކުން އަދި ނުފުދޭނެ އެވެ. މި ބިރުވެރިކަމުން ސަލާމަތްވުމަށް އޮތް ހައްލަކީ އިނގިރޭސި ބަސް ކިޔަވައިދޭން ދޭ ސަމާލުކަން ދިވެހި ބަހަށްވެސް ދީގެން ކިޔަވައިދިނުމުގެ އޮނިގަނޑު ބަދަލު ކުރުމެވެ. ނޫނީ އިނގިރޭސި ބަހާއި ޢަރަބި ބަސްފަދަ، ބަހުގެ މާއްދާތައް ފިޔަވާ ކިޔަވައިދޭ އެހެން ހުރިހާ މާއްދާތަކެއް ދިވެހިބަހުން ކިޔަވައިދޭގޮތަށް ބަދަލު ކުރުމެވެ. ކެމިސްޓުރީ، ބައޮލޮޖީ، ފިޒިކުސް ފަދަ މާއްދާތަކަކީ މިހާރުވެސް ކުދިން ނުހަނު ޝައުޤުވެރިކަމާއެކު ކިޔަވަމުންދާ މާއްދާތަކެވެ. މިފަދަ މާއްދާތައް ދިވެހި ބަހުން ކިޔަވައިދޭނަމަ، ކުދިންނަށް ގިނަ އެއްޗެހިތަކެއް އެނގި، މަޢުލޫމާތުގެ ޚަޒާނާ މުއްސަނދިވެ، ދިވެހި ބަސް ކުރިއެރުވުމަށް ދޭ ސަމާލުކަން އެތައް ގުނައަކަށް އިތުރުވެގެން ދާނެކަން ކަށަވަރެވެ.
        
ޓެކުނޮލޮޖީ ކުރިއަރައިގެންގޮސް ދުނިޔޭގެ ބަސްތަކަށް އައިސްފައިވާ ގިނަ ކުރިއެރުންތައް ދިވެހި ބަހަށް އައިސްފައިވާތަން ފެންނަނީ ވަރަށް ކުޑަ ގޮތަކަށެވެ. މައިކުރޯ ސޮފްޓުގައި ދިވެހި ބަސް ބޭނުންކުރެވޭ ބީދައިން ކޮމްޕިއުޓަރުގެ ހުރިހާ ސޮފްޓުވެއަރ ތަކާއި މޯބައިލް ފޯނުގެ ސޮފްޓުވެއަރ ތަކުގައި ވެސް ދިވެހި ބަސް ބޭނުންކުރެވޭ ގޮތަށް މަގުފަހިވެގެން ހިނގައްޖެނަމަ، ހެދެމުންދާ ކުދިންނާއި ޒުވާނުންގެ ހިތްތަކުގައި ދިވެހި ބަހާމެދު ލޯބި އުފެދިގެންދާނެކަން ކަށަވަރެވެ. އިންޓަނެޓަށް ބަލައިލި ކަމުގައި ވިޔަސް، ފަސޭހަކަމާއެކު ބޭނުން ހުރިހާ މަޢުލޫމާތެއް ބޭރުގެ އެހެނިހެން ބަސްތަކުން ލިބެން ހުންނަ މި ޒަމާނުގައި، ދިވެހި ބަހުން އޮއްޓަރު ހުރި  މައުލޫމާތު ހިމަނައިގެން ހެދިފައިވާ ވެބްސައިޓުތައް މަދެވެ. ދަރުމަ މަޖައްލާގެ ވެބްސައިޓު ފަދަ ދެތިން ވެބްސައިޓެއް ފިޔަވައި، ކިޔަވައިކުދިން ކިޔާލަން ސަހަލު ނޫސް މަޖައްލާގެ ވެބްސައިޓެއް ނެތޭ ދެންނެވުމަކީވެސް ކުށަކަށް ނުވާނެ އެވެ. ރާއްޖޭގެ ކިޔަވައި ކުދިން ބޭރު ބަސްބަހުން ކިޔަވާ މާއްދާތަކާއި ގުޅޭ ދިވެހި ބަހުގެ ވެބްސައިޓެއް ހޯދަން ކުރި މަސައްކަތް ވެސް ވީ ނާކާމިޔާބެވެ.
        
ދިވެހި ބަހަށް ޝައުޤުވެރި ކުރެވޭނީ އެބަހެއްގެ އަހުލުވެރިން، ބަހަށް ލޯބިޖެއްސިގެންނެވެ. ބަހަށް ލޯބިޖެއްސުމަށް ކުރެވިދާނެ ބައިވަރު ކަންތައްތައް އެބަހުއްޓެވެ. މިސާލެއް ދަންނަވާލާނަމެވެ. އެއްވަނައަށްދާ ޓީމަކަށް ބޮޑު ފައިސާގެ އިނާމެއް ދޭގޮތަށް ރާއްޖޭގައި ކޮންމެ އަހަރަކު ނުހަނު ފޯރިޔާއެކު އެފް އޭ ކަޕާއި، ޤައުމީ ފުޓުބޯޅަ މުބާރާތް ފަދަ، ބޮޑެތި ކުޅިވަރު މުބާރާތްތައް ބާއްވާ ބީދައިން، އަގުރި ފައިސާގެ އިނާމުތަކެއް ކަނޑައަޅައިގެން، ދިވެހި އަދަބީ މުބާރާތްތަކެއް ކޮންމެ އަހަރަކުވެސް ވަކި ދުވަސްވަރެއްގައި ރާއްޖޭގެ ކޮންމެ ރަށެއްގައި ބާއްވާގޮތަށް ހަމަޖެއްސުމަކީ، ދިވެހިން ދިވެހި ބަހަށް ޝައުޤުވެރިވާނޭކަމެކެވެ. ފުޓުބޯޅައިގެ ފޯރި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގަދަވެފައިވާ ސިއްރަކީ ކޮބައިތޯއެވެ؟ އާދެ! އަގުބޮޑު ވުމެވެ. އަގު އަރުވާފައި ވުމެވެ. އެތައް މިލިޔަން ޑޮލަރެއް ޚަރަދުކޮށްގެން ވެސް، ތަފާތު ޤައުމުތަކަށް މޮޅު ފުޓުބޯޅަ ކުޅުންތެރިން ގެންދަނީ ފުޓުބޯޅައިގެ އަގު އަރުވާފައި އޮތީމަ އެވެ. ކުޅުންތެރިން ނުހަނު އުފަލާއެކު އެއްބަސްވުމުގައި ސޮއިކުރުމަށްފަހު، އާއިލާ އާއި އަނބިދަރިން ދޫކޮށް އެތައް ހާސް ރާހަތެއްގެ ދުރަށް ދަނީވެސް ބޮޑު އާމްދަނީއެއް ލިބޭތީ އެވެ. ހަމަ މި ބީދައިން، ކޮންމެ މުބާރާތަކަށް ފަންސާސް ހާސް ރުފިޔާއަށްވުރެ ދަށް ނޫން ފައިސާގެ އިނާމެއް ކަނޑައަޅައިގެން، ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވެސް، ނުވަތަ ކޮންމެ އަތޮޅެއްގައިނަމަވެސް، މަދުވެގެން އަހަރަކު އެއްފަހަރު ލިޔުންތެރިކަމާއި ގުޅޭ މުބާރާތްތަކާއި، ވަޒަންބަހުރުވައިގެ މުބާރާތްތައް ބޭއްވުމަކީ ބަސް ކުރިއެރުވުމަށް އެޅޭނެ ވަރަށް ބޮޑު ބާރަކަށް ވާނެ އެވެ. މިހެން ކަންތައް ކުރެވިއްޖެ ނަމަ، އަޅުގަނޑުމެންގެ ދިވެހި ބަހުގެ އަގު އަރާ، ފަނޑުވުމެއްނެތި ވަސްމީރު މާމެލާމެލި ފޮޅޭ ބަގީޗާއަކަށް ދިވެހިބަސް ވެގެން ދާނެކަން ކަށަވަރެވެ.
        
ބަހަށް ޝައުޤުވެރި ކުރުވޭނޭ އަނެއް ކަމަކީ ބަހުގެ އަދަބިއްޔާތު ދިރުވާ މުއްސަނދި ކުރުމެވެ. ދިވެހި ބަހުގެ އަދަބިއްޔާތަކީ ވަރަށްވެސް މުއްސަނދި އަދަބިއްޔާތެކެވެ. ސަބަބަކި ބޭރުގެ އެހެން ބަސްބަހުގައި ނުހިމެނޭ ވަޒަން ބަހުރުވައިގެ ބާވަތްތައް ދިވެހި ބަހުގައި ހިމެނިގެން ވާކަމެވެ. އާދެ! ކުރުކޮށް ދަންނަވަނީނަމަ، ބޮކިފުރާޅު އަލީގެ އަލިކަމުން އަލިވެ އުޖާލާ ވެފައިވާ ފުރިހަމަ ޅެންވެރިކަމެއް އަޅުގަނޑުމެންގެ ދިވެހިބަހަށް ލިބިގެން ވެ އެވެ. ނަމަވެސް ހިތާމައަކީ މިއަދު މިދެންނެވި ވަޒަންބަހުރުވައިގެ ތެރޭގައި ހިމެނޭ ގިނަ ބާވަތްތައް އުވިގެން ނެތިގެން ދާ ކަމެވެ. އެހެންކަމުން، ބަނދި، ކާ، ފަރިހި، އަންބާ، ރައިވަރު ފަދަ ބާވަތްތައް ކިޔާ ގުރޫޕުތަކެއް އުފައްދާ، ދިވެހި ލަވަ ސީޑީތައް ނެރޭ ސިފައިގައި އެ ތަކެތި ނެރެ އާއްމުންނާ ހަމައަށް ފޯރުކޮށްދެވިއްޖެނަމަ، މި ތަކެއްޗާއިމެދު އާއްމުންގެ ހިތްތަކުގައި އިތުރަށް ލޯބިޖެހިގެން ދާނެ އެވެ.
        
ބަހަކީ އެތަނެއްގެ ޘަޤާފަތުގެ ދިރުމެވެ. އާދަކާދާގެ އަސްލެވެ. ދީން ރައްކާތެރިކޮށްދޭ ވަޞީލަތެވެ. އެބައެއްގެ ތާރީޚު އެއް ޖީލުން އަނެއް ޖީލަށް ފޯރުކޮށްދޭ ސަވާރީ އެވެ. އެހެންކަމުން ބަހާމެދު ފަރުވާކުޑަކުރުމުގެ ސަބަބުން ބަސް ވަޅުޖަހައިގެން ހިނގައްޖެނަމަ، ޘަޤާފަތާއި އާދަކާދަތައް ގެއްލިގެން ދާނެ އެވެ. ދީން އޮޅުންބޮޅުންވެގެން ދާނެ އެވެ. ތާރީޚު އަތުން ބީވެގެން ދާނެ އެވެ. މިއިން ބައެއް މަދުވެއްޖެނަމަ، ޤައުމިއްޔަތުން ބައެއް އުނިވާނެ އެވެ. މި ހުރިހާކަމެއް ނެތިއްޖެނަމަ، ޤައުމިއްޔަތު ޗިސްޗިސްވެގޮސް، ވެއްޔާ މޮޑެވިގެން ދާނެ އެވެ. އެހެންކަމުން މިފަދަ ކަންތައްތަކާމެދު އާއްމުން ހޭލުންތެރިކޮށް ޤައުމިއްޔަތަށް ލޯބި ޖެއްސުމަކީ ވެސް، ބަހަށް ޝައުޤުވެރިކަން އުފެއްދުމަށް ކުރެވިދާނެ މުހިއްމު ކަމެކެވެ.
        
ހަމައެހެންމެ، ކާޓޫނު ފިލްމުތައް ބަލަން ކުޑަކުދިން ޝައުޤުވެރިވާ މި ޒަމާނުގައި، ދިވެހިބަހުން އަޑުއަޅައިގެން ކާޓޫނު ފިލްމުތައް ނެރެ ކުޑަކުދިންނަށް ދެއްކުމަކީވެސް ބަހަށް ހެދެމުން އަންނަ ދަރީންގެ ސަމާލުކަން ހޯދުމަށް ކުރެވިދާނެ ވަރަށް އަގުހުރި ކަމެކެވެ. ހަމައެހެންމެ، ކުޑަކުދިންނަށް އިނގިރޭސި ބަހުގެ ނާސަރީ ރައިމްސް ތަކާއި ޕޮޔަމްތައް ކިޔަވައިދޭ ގޮތަށް، ދިވެހި ބަސް ކިޔަވައިދޭއިރު ވެސް އެފަދަ ނާސަރީ ލަވަތައް ދިވެހި ބަހުން ތައްޔާރުކޮށް ކުޑަކުދިންނާއި ގުޅޭގޮތަށް ނެރެ ކުދިންނަށް ކިޔަވައިދިނުމަކީ ކުޑަކުދިން ބަހަށް ލޯބިޖައްސަން އެޅޭނެ މުހިއްމު ފިޔަވަޅަކަށް ވާނެ އެވެ.
        
ކީރިތި ރަސޫލާ ބަހަކީ ކިހާ ވަރެއްގެ އެއްޗެއްކަން ހާމަކުރައްވާ ޙަދީޘް ކުރައްވާފައިވަނީ، ބަސްމޮށުންތެރިކަމަކީ ސިޙުރެއްފަދަ ކަމެއްކަމަށެވެ. މި ސިޙުރު އަޅުގަނޑުމެންގެ ތެރޭގައި ދެމެހެއްޓެނީ ބަހާއިމެދު މިހުން ޝައުޤުވެރި ކުރެވިގެންނެވެ. ބަހާއިމެދު މިހުން ޝައުޤުވެރި ކުރެވިއްޖެ ނަމަ، ދިވެހި ބަހަކީ ވަރަށް އަސަރުގަދަ އަދި އެހާމެ ފޮނި ބަހަކަށް ވެގެން ދާނެ އެވެ. ދިވެހި އަދަބީ ގުލްޝަނުގައި ފޮޅުނު ވަސްމިރު އޯކިޑް، މަރުޙޫމު މުޙަންމަދު އަމީނު ދީދީ ވިދާޅުވަނީ ތެދެކެވެ.
               " އަސަރަކާ އަދި ފޮނިކަމެއް އެކި ބަސްބަހުން ހަމަ ފެނުނަކަސް
                           އަސަރުގަދަ އަދި އެއްމެ ފޮނި ބަހަކީ މަށަށް މި ދިވެހި ބަހޭ "

( ނިމުނީ )

ހަމަމިގަލަމުން

އިދާރާ

ވާހަކަ