އަދުގެ ޚާއްސަ

Print

ދީނުގައި ޙައްދު ފަހަނައަޅާ ދިއުން-6

ޝާޢިއުކުރީ އިބްރާހީމް އަޙްމަދު . ހިމެނޭބަޔަކީ ފިޤުހު

ކުރީގެ ބަޔާގުޅޭ....


އިސްލާމްދީނާއި ލުއިފަސޭހަކަން

އިބްރާހީމް އަޙްމަދު

ހައްދުފަހަނައަޅާ ދިއުމާއި ލުއިފަސޭހަ ކުރުމަކީ ފައިސާ ފޮތީގެ ދެފަރާތް ކަހަލަ ކަމެކެވެ. މިދެކަމަކީވެސް އިސްލާމުންގެ މައްޗަށް  ނުރައްކާވެފައިވާ ކަމެކެވެ. އަދި މިދެކަމަކީވެސް ދީނަށް ގެއްލުން ކުރިމަތިކުރާ ކަންކަމެވެ. އިސްލާމްދީނަކީ ހަރުކަށިކަމާއި ލުއިފަސޭހަކަމާއި ދެމެދުގައި އޮންނަ ދީނެކެވެ. ނުވަތަ އެހެން ޢިބާރާތަކުން ދަންނަވާނަމަ މެދުމިންވަރުގެ ދީނެކެވެ. ﷲ ވަޙީކުރައްވާފައި ވެއެވެ. (وكذلك جعلنا كم أمة وسطا ) (البقرة 143 ) މާނައަކީ:" ތިޔަބައިމީހުންނަކީ މެދުމިން އުއްމަތެއްކަމުގައި ތިމަން ﷲ ތިޔަބައިމީހުން ލެއްވެވީމެވެ." އެކަމަކު މިތާގައި މިކުރާ މެދުމިންވަރަކީ ކުޅިވަރުގައި މިބަލާފަދަ ކަމެއްގެ މެދެއް ނޫނެވެ.  މީގެ މާނައަކީ މިއުއްމަތަކީ ޢަދުލުވެރި ޙައްޤަށް  ނަޞްރުދޭ ޙައްޤުގައި ތިބި ހެއުކަމާއި އިޞްލާޙަށް ގޮވާލާ އުންމަތެކެވެ. 

މިހެންވެ އިސްލާމީ ޝަރީޢަތްވެސް އައިސްފައިވަނީ މަޢާފުކުރާ ރަގަޅު ޢަދުލުވެރި ހަމަތަކެއްގެ މަތީގައެވެ. މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ.

 ( و السماء رفعها ووضع الميزان  ألا تطغوا فى الميزان ،


 وأقيموا الوزن با لقسط ولا تخسروالميزان ) (الرحمن 7-9)


މާނައަކީ: " އަދި ތިމަން ﷲ އުޑުއުފުއްލަވައި އިންސާފުގެ ތިލަފަތް (މީޒާން) އުފައްދަވައި ހަމަ ޖެއްސެވިއެވެ.  އެއީ މީޒާނާއިމެދު ތިޔަބައިމީހުން އަނިޔާވެރި ނުވުމަށް ޓަކައެވެ. އަދި ޢަދުލު އިންޞާފުގެ މަތީން  ތިޔަބައިމީހުން ވަޒަން ސީދާކުރާށެވެ!  އަދި މިނެ ކިރުމުގައި ތިޔަބައިމީހުން ގެއްލުން ނުކުރާށެވެ! " އެހެންވީމާ މިބަސްފުޅުގައި މިއަންގަވާ ދެއްވަނީ މީޒާން ކުރުމުގައި ހައްދުފަހަނައަޅާ ނުދިއުމާއި ގެއްލުމެއް ނުކުރުމަށެވެ.  އެހެންވީމާ އިސްލާމްދީން އައީ  ޢީސާ ޢަލައިހިއްސަލާމާއި އެކަލޭގެފާނުގެމައިކަނބަލުން އައްސައްޔިދާ މަރްޔަމް އާއި ދެމެދު މެދުމިނެއް ކަނޑައަޅާދިނުމަށެވެ. އެހެންވެ އިސްލާމްދީން ގޮވާލަނީ ޢީސާގެފާނު އިލާހަކަށް ނުވަތަ އިލާހެއްގެ ދަރިޔަކަށް  ނަޞާރާއިން އެހެދި ހައްދުފަހަނައަޅާފައިވާ އުޞޫލަށް އިންކާރު ކުރުމަށެވެ. ހަމަ އެދަނޑިވަޅުގައި ޔަހޫދީން އެކަލޭގެފާނު ޤަތުލުކުރުމަށްޓަކައި އެގެންގުޅުނު އެކަލޭގެފާނުގެ އަގުވައްޓާލުމުގެ ލުއިފަސޭހަ އުޞޫލުވެސް ނައްތާލުމަށެވެ. 

އަދި އެދަނޑިވަޅުގައި ޢީސާގެފާނުގެ މައިކަމަނާގެ ސިފަ ހުތުރުގޮތްތަކާއި މެދު އެދެއްކި ހަޑިމުޑުދާރު ވާހަކަތަކުން އެކަމަނާ ޠާހިރުވެފައިވާ ކަން ބަޔާން ކޮށްދިނުމަށެވެ. އެހެންވީމާ މިދެޙާލަތުގެ މެދުގައި ދެމައްސަލައިގައި އިންޞާފު ކަނޑައަޅައިދެނީ އިސްލާމްދީނެވެ.  އަދި ހަމަ މިފަދަ އަނެއް މިސާލަކީ އަހުލުއްސުންނާއިން އިންކާރު ކުރި ޝީޢީންގެ ހައްދުފަހަނައަޅާ ދިއުމުގެ އުޞޫލާއި އަދި ޚަވާރިޖުން ޢަލީގެފާނުގެ ޙައްޤާއިމެދު ދުރުވެގެން ގޮސް ގެންގުޅުނު ހައްދުފަހަނައަޅާ ދިއުމުގެ އުޞޫލުތައް ހަމައަކަށް އަޅުވާދިނެވެ. އެހެންކަމުން ޝީޢީން ހެދިފަދައަކުން ޢަލީގެފާނު އެކަލޭގެފާނުގެ ދަރަޖައަށްވުރެ މައްޗަކަށް އުފުއްލަވާފައެއް ނުވެއެވެ. އަދި ޚަވާރިޖުން ހެދިފަދައިން އެކަލޭގެފާނުގެ ދަރަޖައަށްވުރެ ދަށްކޮށް އެކަލޭގެފާނުގެ މާތްކަމާއި ދަރަޖަ ނައްތާލައްވާފައެއް ނުވެއެވެ. މިހެންވެ ޢިލްމުވެރިންކުރެ ސަލަފުއްޞާލިޙުން އަހުލުއްސުންނާ ވަލްޖަމާޢާގެ ފިކުރާއި ޢަޤީދާ  ބަޔާންކުރަނީ އެބައިމީހުންނަކީ ހައްދުފަހަނައަޅާ ދިއުމާއި ލުއިފަސޭހަ ކުރުމާއި  މިދެއުޞޫލުން ޢަދުލުވެރި ހަމަހަމަ އުޞޫލަކަށް ޢަޤީދާއާއި ސުލޫކާއި މުޢާމަލާ ކުރާ ބަޔަކު ކަމުގައެވެ. އެހެންވީމާ އިސްލާމީ މަންހަޖު އިޚްތިޔާރު ކުރަން އެދޭ ކޮންމެ މީހަކު އަދި ސީދާވެގެންވާ މަގުގައި ހުންނަން އެދޭ މީހަކުނަމަ  އަހުލުއްސުންނާ ވަލްޖަމާޢާގެ މަގު ޚިޔާރު ކުރަންޖެހޭނެއެވެ. މިޒަމާނުގެ މުސްލިމުންނަށް ޙައްޤު މަގު ޚިޔާރު ކުރައްވާ އިސްލާމްދީނުގެ މެދުމިންވަރުގެ މަގު ޚިޔާރު ކުރައްވާ ޢަދުލުވެރި އުޞޫލުތައް ގެންގުޅުއްވި ސަލަފުއްޞާލިޙުންގެ އަސަރުތަކުން ފުދޭނެކަމުގައެވެ. ތިޔަބައިމީހުން  ހައްދު ފަހަނައަޅައި ނުދާށެވެ. އަދި ގެއްލުން ނުކުރުމަށެވެ. އެބައިމީހުންނަކީ ޢަދުލުވެރި ޙައްޤު އުޞޫލެވެ.  

ކޮންމެއަކަސް މިޒަމާނުގެ މުސްލިމުންނަށް ޚަވާރިޖުން ފަދައިން  އެބައިމީހުން ކުރާ ފާފައިގެ ސަބަބުން ކާފަރުންނޭ ނުބުނާށެވެ.  އަދި މުރުޖިއާއިން ފަދައިން  އީމާންވުމަށްފަހު  ކުރެވޭ ފާފައިން ގެއްލުމެއް ނުވާނެކަމަށްވެސް ނުބުނާށެވެ!  އެމީހުން ބުނަނީ މޫސާގެފާނުގެ ފިރުޢައުނަކީ މުއުމިނެކެވެ.  އެއާއި ޚިލާފަށް އަޅުގަނޑުމެން ވާންޖެހެނީ ދުނިޔޭގެ މާއްދިއްޔަތާއި ރޫޙާނިއްޔަތާއި ދެމެދުގައި މެދުމިންވަރުގައެވެ. ޔަހޫދީން ދުނިޔޭގެ މާއްދީ ބޭނުންތަކަށްޓަކައި ހިތުގެ އިޞްލާޙާއި ރޫޙާނީ އުޞޫލުތަކަށް އިހްމާލުވި ބަޔެއް ކަމުގައެވެ. އަދި ނަޞާރާއިން ރަހްބާނިއްޔަތަށް ތަބާވެގެންތިބެ ދުނިޔެ ޢިމާރާތް ކުރުމާއި އާރާސްތުކުރުމާއި ޢިމާރާތް ކުރުމުގެ ސަބަބުތަކުގައި ހިފެހެއްޓުމުން ދޫކުރި ފަދައިން ނުވެ އުޅޭ ބަޔަކަށް ވެގެން އުޅުމަށެވެ. މިކަމަށް އިޝާރާތް ކުރައްވާ ﷲ ވަޙީ ކުރައްވާފައި ވެއެވެ.

 ( وَرَهْبَا نِيَّةَ ابْتَدَعُوْهَا مَا كَتَبْنَا عَلَيْهَمْ إِلاَّابْتغَاءَ رِضْوَانِ اللّهِ


 فَمَا رَعَوْهَا حَقَّ رِعَايَتِهَا ) ( الحد يد 27) 


މާނައަކީ: " ރުހްބާނިއްޔަތަކީ ތިމަންﷲ އެބައިމީހުންގެ މައްޗަށް ވާޖިބު ކުރެއްވި ކަމެއްނޫނެވެ. އެބައިމީހުން އަމިއްލައަށް ފަށައިގަތް ކަމެކެވެ. އެކަން އެމީހުން ފުރަތަމަ ހިންގީ ހަމައެކަނި ﷲގެ ރުހިވޮޑިގަތުން އަދައިގެން އެކަލާނގެއަށް އަޅުކަން ކުރުމަށްޓަކައެވެ.  އެހެންނަމަވެސް އެބައިމީހުން އެއުޞޫލުގެ މައްޗަށް އެއްވެސް ރިޢާޔަތެއް ނުބަހައްޓައެވެ."  އެހެންވީމާ މި ރުހްބާނިއްޔަތަކީ ﷲ ވާޖިބު ކުރެއްވި ކަމެއް ނޫނަސް އެބައިމީހުން  އަމިއްލައަށް އެކަން އުފެއްދިއެވެ. އެހެންނަމަވެސް ﷲ ތަޢާލާ  އަންގަވާފައި ވަނީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ރުހިވޮޑިގަތުން ޙާޞިލު ކުރުމަށެވެ. އެހެންވީމާ މުސްލިމުންގެ މައްޗަށް ވާޖިބުވެގެންވަނީ ދުނިޔެއާއި އާޚިރަތުގެ ހެއުކަމާއި އިޞްލާޙާއި ކާމިޔާބު  ހޯދުމަށް ދުނިޔެވީ ސަބަބުތަކުގައިވެސް ހިފެހެއްޓުމަށެވެ. އަދި ﷲއަށް ވަކީލު ކުރުމަށެވެ.  ތަވައްކަލް ކުރުމަކީ ހިތުގެ ޢަމަލެކެވެ.  އަދި ސަބަބުގައި ހިފެހެއްޓުމަކީ ގުނަވަންތަކުގެ ޢަމަލެވެ. މިދެކަމުގެ ދެމެދުގައި ތަޢާރުޟެއް ނުވެއެވެ. އަދި ދީނުގެ ނައްޞުތަކުގެ  ކުރިޔަށް ބުއްދީގެ ދަލީލު މުޤައްދަސް ކުރާ މީހުން މެދުމިނު ދަރަޖައަށް ގެނައުމަށެވެ.  އެއީ ބޭރުފުށުން އޭގައި ތަޢާރުޟެއް ވީނަމަވެހެވެ.  އަދި ބުއްދީގެ ހަމަތައް މުޅީންދޫކޮށްލާ ފަރާތްތަކަށެވެ. ފުރިހަމަ ބުއްދިއަކީ ޞަޙީޙު ނައްޞުތަކުން އެއްކިބާ ވާނެ އެއްޗެއްނޫނެވެ. އަދި މީގައި ޝަރުޢީ ނައްޞުތަކަށް އިހްމާލުވެ ޝަރީޢަތުގެ މަޤްޞަދުތަކަށް ރިޢާޔަތް ކުރުމަށް ގޮވާލާ ފަރާތްތަކުގެ މެދުގައި މެދުމިންވަރެއް ގެންގުޅުމަށް އިސްލާމްދީނުގައި ގޮވާލައެވެ.  ނޫންނަމަ އިސްލާމީ ޝަރީޢަތުގެ މަޤްޞަދުތަކަށް ޣާފިލުވާ މީހުންނާ މެދުގައެވެ.

ނޫންނަމަ  ސިޔާސީ ޙަޔާތުގެކަންކަމަށް ޣަރަޤުވެ އުޅޭ  މީހުންނަށް ހަމަ މަގަށް މެދުމިނަށް ގެނެސްދީ އިސްލާމީ ތަރުބިޔާގެ ރަގަޅު މަގަށް ގެނައުމަށެވެ. ބައެއްފަހަރަށް މުސްލިމު ފަރުދަކަށް ދޮގުހެދުމާއި މަކަރުހެދުމާއި ޣީބަބުނުމާއި  އޮޅުވާލުން ނޫން ކަމެއް ނެތް މުސްލިމުން އުޅެއެވެ. އެބައިމީހުންނަށް ނަމާދެއް ރޯދައެއް ޙައްޖެއް އަމާނާތެއް އަޚްލާޤެއް ދީލަތިކަމެއް ނުވެއެވެ.  ނޫންނަމަ މުޅިން ސިޔާސަތަށް އިންކާރު ކުރާ ފަ ރާތްތަކަށެވެ. އެބައިމީހުން ބުނަނީ އެއީ އިސްލާމީ ތަރުބިޔާއިން ހުސްވެގެންވާތީއެވެ. މިދެޙާލަތުގެ ދެމެދު އިޚްތިޔާރު ކުރާށެވެ. ނޫންނަމަ ހުޅަނގުގެ ޙަޟާރަތުގެ ނުބައިގޮތާއި ރަގަޅު ގޮތްތަކާއި އެބައިމީހުންގެ އަޚްލާޤާއި ފިކުރާއި ސުލޫކުގައި ހިފުމުގެ ބަދަލުގައި އެގޮތަށް އުޅޭ މީހުންނާއި އަދި އެގޮތަށް މުޅިން އިންކާރު ކުރާ މީހުންނާއި ދެމެދުގައި ވުމަށް އެންގެވިއެވެ.  އެއީ އޭގައި އެމީހުންނަށް ފައިދާޢާއި މަންފާ ހުރި ކަމަށްވީ ނަމަވެހެވެ.  މުސްލިމުންނަށްވެސް މިފަދަ ކަންކަމާއި ނުލައި ކުރިއަރާ ތަރައްޤީއެއް ނުވާނެއެވެ.  މިސާލަކަށް ކެމިސްޓްރީއާއި ފިޒިކްސްއާއި މެޑިސިންފަދަ ޢިލްމު އުގެނުމެވެ.  އަދި އިސްލާމީ ޝަރީޢަތާއި ޚިލާފު ހުޅަނގުގެ މަބްދައުތަކާއި އަޚްލާޤުތައް ދޫކޮށްލުމަށެވެ. ހަމަކަށަވަރުން ސަލާމާއި ޞަލަވާތްލެއްވި ﷲގެ ރަސޫލާ ޙަދީޘް ކުރައްވާފައިވެއެވެ.
 

( إِنَّ الدِّ يْنَ يُسْر) رواه البخاري


 މާނައަކީ : ހަމަކަށަވަރުން އިސްލާމްދީނަކީ ލުއިފަސޭހަ ދީނެކެވެ."  މިއީ ޙައްޤު ބަސްފުޅެކެވެ.  އެހެންނަމަވެސް މިފަސޭހަ ކަމުގެ އަލީގައި އިސްލާމީ ޝަރީޢަތުން ބޭރުވެފައިވާ ބައެއް މީހުން އެބައުޅެއެވެ. އެކަމަކު މިޙަދީޘްގައި އެބުނަނީ އެވާހަކައެއް ނޫނެވެ.  ޢަލްމާނީ ޚިޔާލުގެ ޙައްދުފަހަނައަޅާފައިވާ މީހުން އިސްލާމް ދީނަކީ ލުއިފަސޭހަ ދީނޭ ބުނެ އެދަޢުވާކޮށް މީސްތަކުން އިސްލާމީ ޝަރީޢަތުން ބޭރުކުރެއެވެ. އަދި މިފަދަ ބައެއް މީހުން ބޭނުންވަނީ މިދަޢުވާގެ ތެރެއިން ލާފައި މީސްތަކުން ޙަރާމް ކަންކަމުގެ ތެރެއަށް ނެރުމަށެވެ.
 
އެހެންނަމަވެސް ލުއިފަސޭހަ ކަމުގެ މާނައަކީ ދީނުގައި ޙަރާމްކުރައްވާފައިވާ ކަންކަން ޙަލާލު ވުމެއްނޫނެވެ. ނޫންނަމަ ފާޙިޝް ކަންތައްތަކާ ބޮޑުފާފައަށް އަރައިގަތުމެއް ނޫނެވެ.  އަދި އިންސާނާއަށް އޭނާގެ ޢާއިލާއިންނާ އަހުލުންގެ ފަރާތުނ ފާޙިޝް ޢަމަލުތަކާ މުންކަރާތްތައް ފެންނައިރު  އެކަންކަމުގެ މައްޗަށް ލޯމަރާލުމެއްނޫނެވެ.  އަދި އޭގެ މާނައަކީ ޙަރާމްކަންތަކާއި ބޮޑެތި ފާފަތަކަށް އަރައިގަތުމަށްފަހު ﷲ ތަޢާލާއީ ފާފަ ފުއްސަވާ ރަސްކަލާނގެއޭ ނުވަތަ އިސްލާމްދީނަކީ ލުއިފަސޭހަދީނޭ ބުނުމެއްނޫނެވެ.  އަދި މިދެންނެވި ލުއިފަސޭހަކަމަކީ އަންހެނުންނާ ފިރިހެނުން ގައިގޯޅިވެ މަސްހުނިވެ އުޅުމާއި އަންހެނުންގެ ޒީނަތްތެރިކަން ފާޅުކުރަން ނުޖެހޭ ތަންތާގައި ފާޅުކުރުމެއްވެސް ނޫނެވެ.  ނޫންނަމަ ރަށްވެހިކަމޭ ބުނެ މަސްތުވާ ތަކެއްޗަށް ދޯޅުވުމާއި ހަމަނުޖެހުން އިތުރުކުރުމެއްވެސް ނޫނެވެ.  އެހެންނަމަވެސް ހަޤީޤީ މާނައިގައި އޮތް ލުއިފަސޭހަކަމަކީ  ﷲގެ ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޢަމަލު ކުރެއްވި ގޮތަށް ކަންކަން ކުރުމެވެ.  އެއީ ހުއްދަ ދެކަމަކުން އެއްކަމެއް އިޚްތިޔާރު ކުރުމަށް ފުރުޞަތު ލިބުމުން އެތަނުން ފަސޭހަ ކަމެއް ޚިޔާރު ކުރުމެވެ.  އެއީ ފާފައެއް ކަމުގައި ނުވާނަމައެވެ.  ފާފައެއް ކަމަށް ވާނަމަ އެކަލޭގެފާނަކީ އެކަންކަމުން އެންމެ ދުރުވެ ވަޑައިގެން ހުންނެވި ބޭކަލަކު ކަމުގައި ވެ ވަޑައިގަތެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.

." عن عائشة رضي الله عنها قالت:

(مَا خُيِّرَ رَسُوْلُاللهِ صَلىَّ اللهُ عَلَيْهِ وَسَلَّم بَيْنَ أَمْرَيْنِ  إلاَّ اخْتَاَرَ أَيْسَرهُمَا


مَا لَمْ يَكُنْ إِثْمًا ، فَإِنْ كَانَ إِثْمًا كَانَ أَبْعَدَ النَّاسِ مِنْهُ ) رواه البخاري


 މާނައަކީ : ޢާއިޝަތުގެފާނުގެ އަރިހުން ރިވާވެފައިވެއެވެ. އެކަމަނާ ވިދާޅުވިއެވެ. ކިރިތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމައަށް ދެކަމުން ކަމެއް އިޚްތިޔާރު ކުރެއްވުމަށް ފުރުޞަތު ލިބިވަޑައިގެންފިނަމަ އެދެކަމުން ލުއިފަސޭހަކަމެއް އެކަމަކީ ފާފައެއް ކަމަށްނުވާނަމަ އިޚްތިޔާރު ކުރައްވައެވެ.  އެކަމަކީ ފާފަވެރިވާ ކަމެއްނަމަ އެކަމުން އެންމެ ދުރުވެ ވަޑައިގަންނަވާ ބޭކަލަކީ އެކަލޭގެފާނެވެ."  ފަހެ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަކީ އެކަލޭގެފާނުގެ އުއްމަތަށް އެންމެ ލުއިގޮތް ދެއްކެވި  އަދި އުއްމަތަށް އެންމެ ބޮޑަށް އޯގާތެރިކަމާއި ރަޙްމަތް ބެހެއްޓެވި ކަލޭގެފާނެވެ.  މިހެންވެ މިކަން ބަޔާން ކުރައްވައި ﷲ ތަޢާލާ ކީރިތި ޤުރްއާނުގައި ވަޙީ ކުރައްވާފައި ވެއެވެ.

(فَبِمَا رَحْمَةٍ مِّنَ اللهِ لِنْتَ لَهُمْ وَلَوْ كُنْتَ فَظًّا غَلِيْظَ الْقَلْبِ لاَنْفَضُّوْا مِنْ حَوْلِكَ 


فَاعْفُ عَنْهُمْ وَاسْتَغْفِرْ لَهُمْ وَشَاوِرْهُمْ فِى الْأَمْرِ ( آل عمران159)


މާނައަކީ : އެބައިމީހުންނަށް ކަލޭގެފާނު އޯގާތެރިވެ ވަޑައިގަތީ  މާތްﷲގެ ޙަޟްރަތުން ލެއްވި ރަޙްމަތެއްގެ ސަބަބުންނެވެ. ހިތްޕުޅު ހަރުކަށި  ޚުލްޤުފުޅު ނުބައި ބޭކަލަކު ކަމުގައި ކަލޭގެފާނު ވިނަމަ ކަލޭގެފާނުގެ އަރިހުން އެބައިމީހުން ވަކިވެ  ހިގައްޖައީހެވެ.   ފަހެ އެބައިމީހުންގެ ކިބައިން ޢަފޫ ކުރައްވާށެވެ. އަދި އެބައިމީހުންނަށްޓަކައި އިސްތިޣުފާރު ކުރައްވާށެވެ. އަދި ކަންތައްތަކާމެދު އެބައިމީހުންނާ މަޝްވަރާ ކުރައްވާށެވެ!" އަދި ހަމަކަށަވަރުން ރަސޫލުﷲ  ޞައްލަﷲ ޢަލައިހި ވަސައްލަމައަކީ އަބަދުވެސް ހުއްދަކަންކަމުގެ ތެރެއިން ފަސޭހަކަން އިޚްތިޔާރު ކުރެއްވި ބޭކަލެކެވެ.  އެހެންނަމަވެސް އެކަލޭގެފާނަކީ ޙައްޤުބަސް  ފެތުރުއްވުމަށް އެންމެ ގަދަ އަޅުއްވާ ﷲގެ މަގަށް ގޮވާލައްވާ ޙައްޤު ފާޅުކުރައްވާ ހެއުކަންތަކަށް އަމުރުކޮށް ނުބައިކަންތައް ނަހީކުރެއްވުމުގައި އެންމެ ކުރިޔަށް ނުކުމެވަޑައިގެން އުޅުއްވި ކަލޭގެފާނެވެ. ﷲ ޙަރާމް ކުރެއްވި ކަމެއްގައި އެކަން ޙަރާމްނުވާނެ ލުއިފަސޭހަ ކަމެއް ގޮތެއް ނުވެއެވެ. ސަބަބަކީ ﷲ ތަޢާލާ ޙަރާމް ކުރެއްވި ކޮންމެ ކަމެއް  އެކަލާނގެ އަޅުތަކުންގެ މަޞްލަޙަތަށްޓަކައިމެނުވީ ޙަރާމް ކުރައްވާފައެއް ނުވެއެވެ.

( أَلاَ يَعْلَمُ مَنْ خَلَقَ وَهُوَ الَّلطِيْفُ الْخَبِيْر ) (سورة الملك 14)


މާނައަކީ: "ތިޔަބައިމީހުން ޚަލްޤު ކުރެއްވި ކަލާނގެ ދެނެވޮޑިގެން ނުވާނެ ހެއްޔެވެ؟ އެކަލާނގެއީ ސިއްރުތައް ދެނެވޮޑިގެންވާ ޚަބީރުވަންތަ ރަސްކަލާނގެއެވެ."  އަދި ކޮންމެ މުސްލިމަކުވެސް ދަންނަންޖެހޭނެ އެއް ހަޤީޤަތަކީ ﷲ ތަޢާލާ އެކަލާނގެ އަޅުތަކުންނަށް ތަކުލީފު ޖައްސަވަނީ އެއަޅުތަކުންނަށް އުފުއްލޭވަރުގެ  ކަންކަމުންނެވެ.  އެހެންނަމަވެސް މިކަން ކަމުގައި ބޭރުފުށަށް ފެންނަ ކޮންމެވެސް މިންވަރެއްގެ ބުރަކަމެއްވެސް އެކުލެވިގެންވެއެވެ.  އެކަންކަމުން ހިތަށާއި ނަފްސަށާއި ހަށިގަޑަށްވެސް ފައިދާތަކެއް ލިއްބައިދެއެވެ. މިސާލަކަށް ރޯދަ ހިފުމާއި ފިނި މޫސުމުގައި  ފަތިސްނަމާދު ކުރުމާއި ހޫނުމޫސުމުގެ މެންދުރު ނަމާދުކުރުން ފަދަ ކަންކަމެވެ. ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.

( لاَ يُكَلِّفُ اللَّهُ نَفْسًا إِلاَّ وُسْعَهَا لَهَا مَا كَسَبَتْ وَعَلَيْهَا مَاا كْتَسَبَتْ) ( البقرة 286)


 މާނައަކީ: "އެއްވެސް ނަފްސަކަށް އެނަފްސަކަށް ކުޅަދާނަވެގެންވާ މިންވަރަށް މެނުވީ ، އަދާކުރަން މާތް ﷲ ނުޖައްސަވަތެވެ. އެނަފްސެއް ލިބިގަތް ހެއު ޢަމަލެއްގެ ސަވާބު އެނަފްސަކަށް ލިބޭނެއެވެ. އަދި އެނަފްސެއް ހޯދައިގަތް ނުބައި ޢަމަލެއްގެ ނުބައިނަތީޖާ އެނަފްސެއްގެ މައްޗަށް ހުންނަ ހުއްޓެވެ."
އިސްލާމީ ޝަރިޢަތްގައި މާފުކުރުމާއި ލުއިގޮތްތައް އެކުލެވިފައިވެއެވެ. އަދި ކަންކަމުގެ ޙައްލާއި  ލުއިފަސޭހަ ކަން އެކިތަންތާގައި  އައިސްފައި ވެއެވެ. އެއިން ކޮންމެ ކަމެއް އެކަމެއްގެ މަޤާމުގައެވެ. ކަންކަމުގެ ލުއިގޮތް ހުއްދަތައް ލިބިދީފައިވަނީ އެކަންކަމުގެ ސަބަބާއި ދަލީލާއެކުގައެވެ.

( إن الله يحب أن تؤتى رخصه كما يحب أن تؤتي عزائمه) رواه ابن حبان 


މާނައަކީ :  " ހަމަކަށަވަރުނ ކަންކަން ކުރުމުގައި ހުއްދަ ލުއިގޮތްތައް ދެއްވުމަށް ﷲ ތަޢާލާ ލޯބިވެ ވޮޑިގެންވެއެވެ.  އެއީ އެކަން ކުރުމަށް ޢަޒުމާއި ސާބިތުކަން ދެއްވުމަށް ލޯބިވެ ވޮޑިގެންވާ ފަދައިންނެވެ."  އެހެންވީމާ ކޮންމެ މުސްލިމަކަށްވެސް ވާޖިބުވެގެން ވަނީ އިސްލާމީ ޝަރީޢަތުގައި ނުދެއްވާ ލުއިފަސޭހަކަމެއް ލިބިނުގަތުމެވެ.

މުސްލިމުންގެ ތެރެއިން އުރެދި ފާފަކުރާމީހުންނަކީ ކާފަރުންކަމަށް ބުނެ ހައްދުފަހަނައަޅާ ދިއުން

ﷲ ތަޢާލާ ވަޙީ ކުރައްވާފައިވާ ބަސްފުޅެއްގައި ވެއެވެ.

(وكذلك جعلنا كم أمة وسطا ) (البقرة 143 )


 މާނައަކީ:" ތިޔަބައިމީހުންނަކީ މެދުމިން އުއްމަތެއްކަމުގައި ތިމަން ﷲ ތިޔަބައިމީހުން ލެއްވެވީމެވެ." އެހެންވީމާ މިއިން އެނގެނީ އިސްލާމްދީނަކީ މެދުމިންކަމުގެ ދީންކަމެވެ. މިހެންވެ މިސިފައިން މިއުއްމަތަށް ﷲ ތަޢާލާ ވަނީ މަދަޙައިގެ ބަސްފުޅު ބާވާ ލައްވާފައެވެ. އިސްލާމްދީނުގެ މެދުމިންވަރަކީ ނުބައިދެކަމެއްގެ މެދުމިންވަރަށް ދިއުމެވެ. އެއީ ހަރުކަށިވެ ހައްދުފަހަނައަޅާ ދިއުމާއި ލުއިފަސޭހަކޮށް އެކަންކަމުން އެއްކިބާވުމެވެ. މިދެގޮތަކީވެސް ނުބައި ދެގޮތެވެ. އެހެންވީމާ އިސްލާމުންގެ އުޞޫލަކީ ހައްދުފަހަނައަޅާ ނުދިއުމާއި ކަންކަމުގައި އޮންނަ މިންވަރަށްވުރެ ލުއިވެސް ނުކުރުމެވެ. އެގޮތުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ  ހަދްޔާއި އެއްގޮތްވާ ގޮތުގެ މަތިން  ދިރިއުޅުމަކީ މެދުމިންވަރެވެ. އެކަލޭގެފާނު ވަނީ ހުރިހާ ހެއުކަމެއް އަޅުގަނޑުމެންނަށް ޖަމާކޮށްދެއްވާފައެވެ. އަދި ހުރިހާ ނުބައިކަމެއް ދޫކުރުމަށް އަންގަވާފައެވެ.

މުސްލިމުން ކާފަރުންނަށް ހެދުމުގެ މައްސަލައަކީ މިޒަމާނުގައި އިސްލާމުންގެ ތެރޭގައި ބައެއް މީހުންނަށް ޖާހިލުކަމުން ނުވަތަ ހަވާނަފްސުގެ އެދުންތަކުގެ ސަބަބުންނަމަވެސް ވަދެވިފައިވާ މައްސަލައެކެވެ.  މިކަމަކީ ވަރަށް ނުރައްކާތެރި މައްސަލައެކެވެ.  މެދުމިންވަރުގެ އުޞޫލުގައި މުސްލިމުންގެ ކިބައިން އެދިފައިވަނީ ޢަދުލުވެރިވުމަށެވެ.  ﷲގެ ޙައްދުތަކުގައި ނުވަތަ އެކަލާނގެ ކަނޑައެޅުއްވި އިންތަކުގައި މަޑު ކުރެއްވުމަށެވެ.  އަދި މުސްލިމުންގެ މައްޗަށް ޙުކުމް ކުރުމުގައިވެސް މިއިންތައް ފަހަނައަޅާ ނުދިއުމަށެވެ.  އަދި ހައްދުފަހަނައަޅާ ގޮސް މީސްތަކުންނަށް ކާފަރުންކަމަށް ނުބުނުމަށެވެ. އެއީ ޙަޤީޤަތުގައި އެބައިމީހުން މުސްލިމުންނަށް ވާކަމަށްޓަކައެވެ.  ބައެއް މީހުން އިސްލާމްދީނުގައި ހައްދުފަހަނައަޅާ ދިއުމުގެ ސަބަބުން  އިސްލާމްދީނުގެ އަހުލުވެރިން އެދީނުން ބޭރުކުރެއެވެ.  އަދި ކާފަރުން ކަމަށް ޙުކުމް ކުރެއެވެ.  މިކަންކަމާމެދު ވާހަކަފުޅު ދައްކަވަމުން އަލްއިމާމު އަލްޣަޒާލީ ލިޔުއްވާފައި ވެއެވެ.  " ތިމަން ވަޞިއްޔަތް ކުރަނީ ތިޔަބައިމީހުން  ޤިބްލާގެ އަހުލުވެރިންނަށް  އެބައިމީހުން ޝަހާދަތުގެ ދެކަލިމަ ކިޔާ ކަމަށްޓަކައިވެސް ނުބައިބަސްބުނެ ކާފަރު ކުރުން ހުއްޓާލުމަށެވެ.  ފަހެ ކާފަރުކުރުމަކީ ނުރައްކަލެކެވެ. އެއްޗެއް އެކަމުގައި ނުބުނުމަކީ ގެއްލުމެއްނޫނެވެ."  ޑޮކްޓަރ ޔޫސުފުލްޤަރުޟާވީ ވިދާޅުވަނީ  "މިހަރުކަށިކަމުގައި މިވަނީ އެހެންމީހުންގެ އަބުރު ނަގާލުމާއި އެބައިމީހުންގެ މުދަލާ ލޭ ހުއްދަ ކުރުމެވެ.  އެބައިމީހުން ދެކޭ ގޮތުގައި އެކަމުގައި އެއްވެސް ޒިންމާއެއް ނުވަތަ ޙުރުމަތެއްވެސް ނުބަހައްޓައެވެ."

މުސްލިމުން ކުރެ ފާފަކުރާމީހުންނަކީ ކާފަރުންނޭ ބުނެ ހައްދުފަހަނައަޅާދިއުން

މިއުޞޫލަށް ބަލައިފިނަމަ މިކަމުގެ ފުރަތަމަ ބޭނުމަކީ މުސްލިމުން ކާފަރު ކުރުމުގެ ސަބަބުން އުފެދޭ ކާފަރުކަމުގެ ފިތުނަތައް އެއްވެސް ހައްޤަކާއި ނުލައި މުސްލިމެއްގެ މައްޗަށް ކާފަރެއްގެ ޙުކުމް ކުރުމަކީ މިހާރުވެސް އޮތްކަމެކެވެ. މިކަމާމެދު  ޢިލްމުވެރިން ވާހަކަދައްކަވައި ފާހަގަ ކުރައްވާފައިވާ ނުކުތާތަކެއް ވެއެވެ.
•   
އެބަޔަކު ވަޢީދަށް ހުށައެޅުން  އެއީ ޝަރުޢީ ގޮތުން މުސްލިމަކާ ދިމާއަށް ކާފަރެކޭ ބުނުމުން އެފަރާތަށް ވަޢީދުގެ ބަސްފުޅު އައިސްފައި ވުމުންނެވެ.  މީހަކާ ދިމާއަށް ކާފިރެކޭ ބުނެ  އެގޮތަށް ޙުކުމްކޮށް މުސްލިމުންގެ ދާއިރާއިން ބޭރު ކުރެވިދާނެ ހެއްޔެވެ؟  އިބްނު ޢުމަރުގެ ކިބައިން ރިވާވެފައިވާ ޙަދީޘްގައިވަނީ މީހަކު އޭނާގެ އަޚާއާއި ދިމާއަށް ކާފިރެކޭ ބުނެފިނަމަ އެދެމީހުންކުރެ އެކަކު އެގޮތަށް ރުޖޫޢަ ވެއްޖެއެވެ.  އެހެންވުމުން ދެން އޭނާ ވާނީ ހަމަ އެގޮތުގައެވެ. ނުވަތަ އޭނާ އެހުރި ދީނުގެ އުޞޫލުތަކުގެ މައްޗަށް އެބުރި އަންނަންވާނެއެވެ.  ޘާބިތު ބުނުއްޟައްޙާކުގެ އަރިހުން ރިވާވެފައިވެއެވެ. 

(وَمَنْ رَمَى مُؤْمِنًا بِكُفْرٍ فَهُوَ كَقَتْلِه (رواه البخاري )


މާނައަކީ : " މުއުމިނަކާއި ދިމާއަށް ކާފަރެކޭ ބުނެއްޖެނަމަ  ފަހެ އެމީހަކު އޭނާ ޤަތުލުކުރި ފަދައެވެ."  އަދި އެހެން ރިވާޔަތެއްގައި ވެއެވެ.

( وَمَنْ قَذَفَ مُؤْمِنًا بِكُفْرٍ فَهُوَ كَقَا تِلِه ) (رواه البخاري )


މާނައަކީ: " މުއުމިނަކާއި ދިމާއަށް ކާފަރެކޭ ބުނެ ހަދައިފިނަމަ އެމީހަކު އެއީ އޭނާގެ ޤާތިލެވެ."  އަލްއިމާމު އައްނަވަވީ ވިދާޅުވަނީ މިޙަދީޘްގައި މިވާކަންތައްތަކާ މެދުގައި ތަފާތު ބުނުންތަކެއް ވާކަމުގައެވެ. " ފުރަތަމަ ބުނުމަކީ އެގޮތަށް އެކަން ވެގެން ދިއުމުގެ މައްޗަށް އެކަން ބިނާވެފައި ވުމެވެ.  ދެވަނަ ގޮތަކީ އެކަން ބިނާވެފައި އެވަނީ އޭނާގެ އަޚާގެ އުނިކަމުގެ މައްޗަށާއި އޭނާގެ ފާފަތަކުގެ ސަބަބުން ކުރާ ކުފުރު ކުރުމަށެވެ. ތިންވަނަ ގޮތަކީ  މުއުމިނުން ކާފަރުން ކަމަށްބުނާ ޚަވާރިޖުންގެ މައްޗަށެވެ.  ހަތަރުވަނަ ގޮތަކީ  އެކަން އެބަދަލުވަނީ ކާފަރު ކަމަށެވެ.  ސަބަބަކީ ފާފަ ނުވަތަ އުރެދުން ބަދަލުވަނީ ކުފުރަށެވެ.  ފަސްވަނަ އުޞޫލަކީ ކާފަރުކަމަށް އޭނާގެ އަޚާ ރުޖޫއަ ކުރުމެވެ. (ނިމުނީ)

އިދާރާ

އެނގޭތަ؟