އަދުގެ ޚާއްސަ

Print

ސުލައިމާނުގެފާނުގެ ހުދްހުދު

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ވާހަކަ

މިއީ، އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ ލިއުއްވާފައިވާ ވާހަކައެކެވެ. މިވާހަކަ ނަގާފައިވަނީ، ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާގެ ވެބްްސައިޓުންނެވެ.


ޢަބްދުލްމުޢީދު ޙަސަން


’’ދޫނި ސޫފާސޫފީގެ ތެރޭގައި ހިމެނޭ ސިފައިންނަށް ބެއްލެވިއިރު ހުދްހުދު ފެނިވަޑައެއް ނުގަތެވެ. އެކަމާ އަޖައިބުވެ ވަޑައިގެން ވިދާޅުވިއެވެ. ހުދްހުދު ތިމަން ކަލޭގެފާނަށް ފެނިވަޑައި ނުގަންނަވަނީ ކީއްވެ ހެއްޔެވެ؟ މިތާގައި އެބައިން ހެއްޔެވެ؟ ނުވަތަ ނެތް ހެއްޔެވެ؟ އެސޮރު މިތާނގައި ނެތީ ރަނގަޅު ސަބަބަކާ ލައިގެން ކަމުގައި ނުވާނަމަ ގަދަފަދަ ޢަޛާބެއް ތިމަން ކަލޭގެފާނު އެސޮރަށް ދެއްވާހުށީމެވެ. ނުވަތަ އެސޮރު ކަތިލައްވާ ހުށީމެވެ.“- އައްނަމްލު ސޫރަތް: 20-21


އަހަރެންގެ ނަމަކީ ’’މާރްހާލާ“ އެވެ. އަހަރެންގެ ޞާޙިބަކީ ވަރާއި ވިލަޔާއި ފެނުގެ ވެރިފަރާތެވެ. ދުވަސްތަކާއި ރޭތަކުގައި އުދުހޭ އިރުވެސް އަހަންނަށް ވަރުބަލިކަމެއް ނުލިބެއެވެ. އުޑުގައިވާ އަހަރެންގެ ޢަރްޝި މަތިންވެސް މެނުވީ ބިމެއް ނުދެކެމުއެވެ. އެބިމާ ދުރަށް ދިޔަދިޔަހެން މައްޗަށް އެރިއެރިހެން އެތަން ރީތިކަމަށް ފެނެއެވެ. ބާރަށް އުދުހުމުގެ ޤާބިލުކަން ލިބިފައިވީ ފަދައިން ލޮލުގެ ތޫނުކަންވެސް އަހަންނަށް ލިބިފައިވިއެވެ. ވަރަށް ވަރަށް މަތިން އަހަންނަށް ބިމުގެ އަޑީގައިވާ ފެން ފެނެއެވެ. ބޮޑެތި ހަނަފަސް ޞަހަރާތައް ކަޑަތުކުރަމުންދާ ލަޝްކަރަށް ފެން ހޯދާދެނީ އަހަންނެވެ. ފެން ހުސްވުމުން އަހަރެން ތަނބެއްހެން ސީދާ މައްޗަށް އަރައިގެންދަމެވެ. ވިލާތަކާ ހަމައަށް އަރާފައި ހުއްޓެމެވެ. އަދި ބޯތިރިކޮށް ވިސްނާ ބަލަމުއެވެ. ބިމުގެ ފަސްގަނޑު ފޫއަޅުވާލައިފާ އަހަރެންގެ ފެނުން ދަތުރު ކުރެއެވެ. ބިމުގެ އައިނުގަނޑު ފޫއަޅުވާލައިފާ އަހަރެންގެ ލޮލުގެ ނޫރު ދަތުރު ކުރެއެވެ. ފެން ހޯދުމަށްޓަކައި އަހަރެން ބޭނުންކުރަނީ ކައުނުގެ ދޯދިތަކެވެ. ފެން ފެނިއްޖެނަމަ މަތިން ތިރިއަށް ތަނބެއްހެން ފައިބާ ފެން ހުރިތަން ބުނެދެމެވެ. އަދި ކޮންނަންވީ ތަން އަހަރެންގެ ތުންގަނޑުން ފާހަގަކޮށް ދެމުއެވެ.
ވަޅުކޮނެ ނިމުމުން އަހަރެން އެވަޅަށް އެރި ފެންވަރާ ފެން ބޮއި ހަދަމުއެވެ. ވަޅުން އަހަރެން އަރަނީ އަހަރެންގެ ފަތްތައް ތެމިފައިވާ ޙާލުގައެވެ. އެއަށްފަހު ލަޝްކަރުގެ އެންމެން ފެންބޮއި ހަދައެވެ.
އަހަނަންނަކީ ކާކުކަން މިހާރު އެނގިދާނެއެވެ.
ސުލައިމާނުގެފާނުގެ ހުދްހުދެވެ.
އުޑުގެ ތަރިތަކަށްވުރެ އަހަރެން މާ މަޝްހޫރެވެ.

މާތްﷲ އަހަރެންގެ ކަރުގެ ވަށައިގެން ލައްވަވާފައިވާ ފަދަ ކުލަފަތްތަކެއް އެހެން އެއްވެސް ދޫންޏަކަށް ނުދެއްވައެވެ. ސާމަރާދޫނި އޭގެ އެންމެ ރީތި ދުވަސްވަރުގައިވެސް އަހަރެން ލައިފަދަ ރީތި ހެދުމެއް ނުލައެވެ. އަހަރެން އަދާކުރާފަދަ ނުރައްކާތެރި ވާޖިބުތަކުން އެއްހާސް ބައިކުޅަ އެއްބައިވެސް އޭތި އަދާނުކުރެއެވެ. ސާމަރާދޫންޏަކީ މާބޮޑާ އެއްޗެކެވެ. އޭއްޗަށްވަނީ އެއްވެސް ކަމަކާނުލައި އޭތީގެ އަމިއްލަ ނަފްސު ފެނިފައެވެ. އަހަންނަކީ މުހިންމު އެއްޗެއް ކަމުގައިވިޔަސް އަހަންނަކީ މާފޮނި ބޮޑާ އެއްޗެއް ނޫނެވެ. ލަޝްކަރުގެ ވެރިޔާއަށްވުރެވެސް އަހަރެންގެ މުހިންމުކަން ބައެއް ފަހަރަށް މާބޮޑެވެ. މިކަން އަހަރެންގެ ހިތަށް ދެތިން ފަހަރަކު އެރިއެވެ. ނަމަވެސް އަހަރެން އެކަމެއް ހާމައެއް ނުކުރަމެވެ. އެއީ އަހަރެންގެ އަމިއްލަ ސަލާމަތަށްޓަކައި އަހަރެން ކުރި ކަމެކެވެ.

ސުަލައިމާނުގެފާނަކީ ވަރަށް ހައިބަތު ބޮޑު ރަސްކަލެކެވެ. އަހަރެން އެކަލޭގެފާނު ދެކެ ބިރުގަންނަމުއެވެ. އަހަރެން އެކަލޭގެފާނަށް އަދާކުރާ ޚިދްމަތްތަކުގެ ގިނަގުނަކަމާއި އަހަރެންގެ ނަފްސުގެ ޢިއްޒަތްތެރިކަމާއެކުވެސް އަހަރެން އެކަލޭގެފާނު ދެކެ ބިރުގަންނަތަން ޚުދް އެކަލޭގެފާނަށް އެތައް ފަހަރަކު ފެނިވަޑައި ގަންފައިވެއެވެ.


އަހަންނަކީ މާރްހާލާ އެވެ. ސުލައިމާނުގެފާނުގެ ހުދްހުދެވެ. އެކަލޭގެފާނުގެ ލަޝްކަރުގެ ޖާސޫސީ އިދާރާގެ ވެރިޔާއެވެ.

ޖާސޫސީ މަސައްކަތަކީ ފަސޭހަކަމެއް ނޫނެވެ. އަހަރެން އެމަސައްކަތަށް ހޮވުނީ ދިހާހާސް ހުދްހުދުގެ ތެރެއިންނެވެ. ސުލައިމާނުގެފާނު އެހުރިހާ އެއްޗެހިތައް އިމްތިޙާނު ކުރެއްވިއެވެ. އެންމެ ތޫނުފިލިކަމަށާއި އެންމެ ހަނދާން ގަދަކަމަށް ސުލައިމާނުގެފާނަށް ފެނިވަޑައިގަތީ އަހަންނެވެ. އަހަންނަށް އެމަސައްކަތް ޙަވާލު ކުރެވުނު ދުވަހަކީ ހަނދާން ނައްތާލެވޭނެ ދުވަހެއް ނޫނެވެ. މަސްއޫލިއްޔަތުގެ ބޮޑުކަން އަހަންނަށް އިޙްސާސް ވެއެވެ. ލަޝްކަރުގެ މުޅި ޙަޔާތަކީ އަހަރެންގެ މިރީތި ކަނދުރާގައި އެޅިފައިވާ އަމާނަތެކެވެ. އެއީ މާތްﷲ ރީތި ކުލަކުލައިގެ ފަތްތަކުން އަހަރެންގެ ކަނދުރާގައި އަޅުއްވާ ދެއްވާފައިވާ ތާޖެކެވެ.

ލަޝްކަރަށް ޙަރަކާތްތެރިވުމަށް އަހަރެން ފެހި އަލި ދިނުމުގެ ކުރިން އެއްވެސް ލަޝްކަރަކަށް ޙަރަކާތެއް ނުކުރެވޭނެއެވެ. މަޢުލޫމާތު ހޯދާ އެއްކުރާ މީހަކީ އަހަންނެވެ. އެ މަޢުލޫމާތާ ނުލައި ކިތަންމެ ބޮޑު ލަޝްކަރަކަށްވެސް ކުރެވޭނެ ކަމެއް ނޯންނާނެއެވެ. އެފަދަ ލަޝްކަރެއްވާނީ ލޯކަނު ވަރުގަދަ ބިޔަ މީހަކަށެވެ. ކިތަންމެ ކުޑަކުއްޖަކަށްވެސް އެމީހާ ވައްޓާ ލެވިދާނެއެވެ.

ވީމާ ލަޝްކަރުގެ ޙަޔާތަކީ މަޢުލޫމާތެވެ. ދުޝްމަނުންގެ ޙަރަކާތްތައް ބަލައި އެހަރަކާތްތަކަށް ފާރަލައި ލޮލަކީ މަޢުލޫމާތެވެ. ހަނގުރާމާގައި ކާމިޔާބު ލިބޭނީ ދުޝްމަނުންނާ ބެހޭގޮތުން މަޢުލޫމާތު އެންމެ ގިނައިން ލިބިފައިވާ ފަރާތަކަށެވެ.

އަހަރެންގެ މަސައްކަތަކީ މަޢުލޫމާތު އެއްކުރުމެވެ. އަހަރެން މަސައްކަތް ކުރަނީ ނާރުތައް ފިނިކޮށް ނަފްސު ކޮށްޓްރޯލް ކޮށްގެންނެވެ. އެކަމަކުވެސް އަހަރެން ކުޅެއުޅެމެވެ. ރަސްމީ މަސައްކަތުގެ ވަގުތާއި އަމިއްލަ ހުސްވަގުތާ ދެމެދުގައި ވަރަށްބޮޑު ތަފާތެއް އޮންނަކަން އަހަރެން ދަންނަމެވެ. މަސައްކަތުގެ ވަގުތަކީ ސުލައިމާނުގެފާނަށާއި އެކަލޭގެފާނުގެ ލަޝްކަރަށްޓަކައި ހޭދަކުރެވޭ ވަގުތު ތަކެކެވެ. އެވަގުތުގައި އެހެން ދެވަނަކަމެއް ނުކޮށް ހުއްޓާނުލައި މަސައްކަތް ކުރަމުއެވެ. އެވަގުތު ނިމުމުން އަހަރެން އުފާކުރުމަށް ނުކުންނަމުއެވެ. އެއީ އަހަރެންގެ ޙައްޤެކެވެ. މަސައްކަތް ނިމުމުން ކުޅުނަކަސް މީހަކަށް އެއްޗެއް ނުބުނެވޭނެއެވެ. އަހަރެން އުޅުނީ ކޮންތާކުތޯ ސުވާލުކުރުމުގެ ޙައްޤު އެކަކަށްވެސް ލިބިގެނެއް ނުވެއެވެ. ގަހެއްގައި ނިދާފައި އޮތަސް ސަމާސާކުރަން އުޅުނަސް އަހަރެންގެ ވާޖިބު އަހަރެން ބަރާބަރަށް އަދާކުރާނަމަ އެކަމާ އެހެން މީހަކަށް ނުބެހެވޭނެއެވެ.

އަހަންނަކީ ސިންގާފަދަ އަޚްލާޤު ނުބައި އެއްޗެއް ނޫނެވެ. އޭނާ އެދައްކާފަދަ ދޮގު މާތްކަމެއް އަހަރެން ނުދައްކަމެވެ. އެއީ ޙަރަކާތްވެސް ވަރަށް ތަތް އެއްޗެކެވެ. އަހަރެން އެންމެ ރުޅި އަންނަ އެންމެ ނުޤަބޫލު އެއްކަމަކީ އޮފީހުން ނިމިގެން ގެއަށްގޮސް އޮފީހުގައި އުޅޭގޮތަށް ގޭގައި އުޅުމެވެ. އޮފީހުގައި ވެރިއަކަށްވާތީ ގެއަށް އައިސް އަނބިމީހާ އަށްވެސް ފޮނިކަމާއި ބޮޑާކަމާއެކު މުޢާމަލާތު ކުރުމެވެ. މިއިން ދޭހަވަނީ އެއީ ހަމަބުއްދި ހުރި ހޭޖެހޭ ރަނގަޅުމީހެއް ނޫންކަމެވެ.

މަސައްކަތަކީ މަސައްކަތެވެ. ކުޅިވަރާއި މަޖަލަކީ ކުޅިވަރާއި މަޖަލެވެ. މަސައްކަތުގެ އަގުވަޒަން ނުކުރެވޭ މީހަކަށް މަޖަލުގެ އަގެއްވެސް ވަޒަނެއް ނުކުރެވޭނެއެވެ. އަހަރެންގެ މަސައްކަތާއި އުޞޫލުތަކުގެ ސަބަބުން ވަރަށްގިނަ ބަޔަކު އަހަންނާ ހަތުރުވެރިވެސް ވިއެވެ. އަހަރެންގެ ހަތުރުންނަކީ ވަރުގަދަ ބަޔެކޭވެސް ބުނާހިތް ވެއެވެ.

ސިންގާއަކީ އަހަރެންގެ ޒަމާންވީ ހަތުރެކެވެ. ސިންގާގެ މަސައްކަތަކީ ސުލައިމާނުގެފާނުގެ ލަޝްކަރުގައި ކަނާތުފިޔާގައި ޙަމަލާ ދިނުމެވެ. ކަލެއަކީ ވަރުގަދަ އެއްޗެއްކަން އަހަންނަށް އެނގެއެވެ. ނަމަވެސް ކިތަންމެ މައްޗަށް ދިޔަސް އަހަރެން ފަދައިން ކަލެއަކަށް ބިމުން މައްޗަކަށް ނޭރޭނެއެވެ. ސިންގާއަށް ދާންވީ ދިމާއާއި މިޞްރާބާއި ދުވެލި ބުނެދެނީ އަހަންނެވެ.

އަހަރެން ކުޑައިރުކޮޅަކަށްވެސް ނުފެނިއްޖެނަމަ ސިންގާ އަހަރެން ކޮބައިތޯ ސުވާލު ކުރާނެއެވެ. ސިންގާގެ ބޭނުމަކީ އަހަންނާ ސުލައިމާނުގެފާނު ޖެއްސުމެވެ. ބައެއް ފަހަރަށް ސުލައިމާނުގެފާނު ސިންގާގެ އަޑުވެސް އައްސަވައެވެ. އޭތި ވާހަކަދައްކަނީ ބާޒާރުމަތީގެ މީހަކު ވާހަކަދައްކާ ގޮތަށް ވަރަށް ބާރަށެވެ. އެހެން މީހުން ބީރުކަމަށް އޭއްޗަށް ހީވަނީ ކަންނޭގެއެވެ. ސިންގާއަކީ ވަރަށް މުޑުދާރު އެއްޗެކެވެ. ވަރަށް މަދުން މެނުވީ ފެނެއް ނުވަރާނެއެވެ. އޭގެ ވަސްޖެހޭ މީހަކުވެސް އަރިދަފުސް އަޅާނެއެވެ. އޭއްޗާ ދިމާއަށް ކުރިމަތިލައިގެންހުރެ އަހަންނަށް ވާހަކަ ދައްކަންވެސް ދަތިވާ ދުވަސްތައް އާދެއެވެ.

އެއްދުވަހަކު ހަވީރު ސުލައިމާނުގެފާނު އަހަންނަށް އެކަލޭގެފާނުގެ ގަނޑުވަރަށް އައުމަށް އަންގަވައިފިއެވެ. އޭރު އިރުއޮއްސެނީއެވެ. ސުލައިމާނުގެފާނު ނަމާދު ކުރައްވާ ގަޑި އެހާ ކައިރިވެފާ ވަނިކޮށް އަހަންނަށް މިވިދާޅުވީ ކީއްވެ ބާވައެވެ؟ ކުއްލިއަކަށް އަންނަން އެންގެވުމުން އަހަރެން ދިޔައީ ވަރަށް ބިރުން ހުރެއެވެ. ސުލައިމާނުގެފާނު އަހަރެން ގެންދަވާ ސަބަބެއް އެގޭނަމަ ބިރުގަންނާކަށް ނުޖެހޭނެއެވެ. އެކަލޭގެފާނުގެ ގަނޑުވަރަށްގޮސް ހުއްޓި ދޮރުގެ ކުރިސްޓަލް ބިއްލޫރި ގަނޑުގައި ތުބުން ޖަހާލައިފީމެވެ. އެގަނޑުވަރުގެ ހުރިހާ ދޮރުކޮޅުތަކެއްވެސް ހަދާފައި ހުންނަނީ ކްރިސްޓަލް ކުލަ ބިއްލޫރިންނެވެ. އެތާގެ ކުޑަދޮރުތަކުގެ ދޮރުކަނިތައް ހެދިފައިވަނީ އޮފުގަދަ ލޮއިންނެވެ. އޭގައި ކުރެހުން އަޅާފައިވަނީ ރިހިންނެވެ. ޖިންނިތައް ކަނޑުއަޑިއަށް ފީނައިގެން ސާފު ހިމުން ދޮންވެލި ނަގައިގެން ލަކުޑިއާއި ހިލަ އަންދައިގެން މިވެލި ވިރުވައެވެ. އަދި އެއިން ތަފާތު ބާވަތް ބާވަތުގެ ބިއްލޫރި ހަދައެވެ. ސުލައިމާނުގެފާނު ދެކެ އަހަރެން ވަރަށް ލޯބިވަމެވެ. އެއީ ޞާލިޙު ނަބިއްޔެކެވެ. ހައިބަތު ހުރި ރަސޫލެކެވެ. ތުރުކުރައްވާނެ ހެދުންކޮޅާއި ވިދާޅުވާނެ ބަސްތައް އިޚްތިޔާރު ކުރައްވަން އެނގިވަޑައި ގަންނަވައެވެ. ވިސްނުންފުޅު އެހާ ތޫނުމެއެވެ.

އެކަލޭގެފާނާ ވާހަކަދައްކަވާއިރު ކަލޭގެ ޚިޔާލުތައް އެކަލޭގެފާނު ވިދާޅުވާ ފަދައެވެ. ކަލޭ ބުނަން ހިތުގައިލައިފާ އެކަމަކު ބުނަން ނުކެރިގެން އުޅޭ ބަސްތައް އެކަލޭގެފާނު ވިދާޅުވާ ފަދައެވެ. އެކަލޭގެފާނުގެ ކުރިފުޅު މަތީގައި އެކަކަށްވެސް ކުރިއެއް ނުލިބޭނެއެވެ. އެކަމަކު އަހަންނަކީ ބަލިވާ ހިތްވާ މީހެއް ނޫނެވެ.

ސުލައިމާނުގެފާނު އެތެރެއަށް އައުމަށް ވިދާޅުވުމުން ކޮޓަރިކޮޅު ތެރެއަށް ވަދެއްޖައީމުއެވެ. އެކަލޭގެފާނު އަރިހުގައި އެއް އަނބިކަނބަލަކު އިންނެވިއެވެ. އަހަރެން އަދަބު ތަޢުޡީމްގެ ގޮތުން ބޯތިރިކޮށްލައިފާ ޙިކްމަތްތެރި ނަބިއްޔާ ސުލައިމާނު ރަސްގެފާނަށް ކުރުނީސް ކުރީމެވެ. މަސައްކަތަށްވުރެ ބޮޑަށް ކުޅެން ވަރުހުންނަ ހުދްހުދަށް ސަލާމޭ ވިދާޅުވިއެވެ. މިބަސްފުޅުގެ ސަބަބުންވެސް އަހަރެން ރަކިވެގެން ދިޔައެވެ.

ސަމާސާ ކަމެއްނެތި ވިދާޅުވިއެވެ. ހަފުތާ ރިޕޯޓް ނުގެންނަތާ މިހާރު ތިން ހަފުތާ ވެއްޖެއެވެ. އަހަރެން ދެންނެވީމެވެ. ސާހިބާ ރަސްގެފާނުއެވެ. އެއްވެސް އައުކަމެއް ނުހިނގައެވެ. ޖިންނިން އިޚްލާޞްތެރި ކަމާއެކު މަސައްކަތް ކުރެއެވެ. ސިފައިން ގައިގާހުރި ހުރިހާ ހަކަތައަކުން މަސައްކަތް ކުރެއެވެ. މަނިކުފާނުގެ ބަސްފުޅުން އަޅުގަނޑަށް އެނގިފައިވާ ގޮތުގައި ހުރިހާކަމެއް އެ ހިނގަންވާގޮތަށް ހިނގާނަމަ ރިޕޯޓެއް ހުށައެޅުމުގެ ބޭނުމެއް ނެތެވެ.

ސުލައިމާނުގެފާނު މޫނުފުޅު މައްޗަށް ރޫއަރުވާލައްވާފައި ވިދާޅުވިއެވެ. ތިމަންކަލޭފާނު ވިދާޅުވި އެއްޗެއް ކަލެއަކަށް ނުވިސްނުނެވެ. ކަލޭގެ މަސައްކަތަކީ ހަމައެކަނި ރިޕޯޓް ލިޔުންކަމަށް ނުބަލާށެވެ. ޖާސޫސީ އިދާރާގައި ތިބާ އުފެއްދުންތެރި މީހަކަށްވާށެވެ. އީޖާދުވެރި މީހަކަށް ވާށެވެ.

ހުދްހުދު: ސާހިބާ މީގެކުރިން އަޅުގަނޑުގެ މަސައްކަތާ ރުހިވަޑައި ގަންނަވާކަމަށް ވިދާޅުވެފައި ވަމުއެވެ.

ސުލައިމާނުގެފާނު: ކަލޭދެކެ އަހަރެން ލޯބިވަމެވެ. ކަލޭގެ ވިސްނުން ތޫނު ކަމާމެދު ރުހުނު ކަމުގައިވިޔަސް ކަލޭގެ ޢަމަލާމެދު ހިތްހަމައެއް ނުޖެހެއެވެ. ތާރީޚުގެ ތެރެއަށް ވަދެވޭފަދަ މޮޅުކަމެއް ނިކަން ކޮށްބަލާށެވެ. މިހާރު ތިޔަކުރަނީ އާދައިގެ ކަމެކެވެ. އަހަރެންގެ މޫނުމައްޗަށް ދައުތިއްކެއް ވެއްޓުނެވެ. ރަކިވެ ލަދުގަން ހިނދު ލޯބިވާ ’’ހައިދާނު“ ގެ މަތިން ހަނދުމަވިއެވެ. އެހިނދު ސުލައިމާނުގެފާނު ވިދާޅުވިއެވެ. ހައިދާން ނަމަކަށްކިޔާ ހުދްހުދެއް ދަންނަމު ހެއްޔެވެ؟ އާދޭހެ! ދެންނެވުމުން ވިދާޅުވިއެވެ. ކަލޭ އޭނާޔާ ކައިވަނި ކުރަން އުޅޭ ޚަބަރު ލިބިވަޑައިގަންފައި ވެއެވެ. އަހަރެން އެއްޗެއް ނުދަންނަވާ މަޑުން ހުއްޓާ

ސުލައިމާނު: ކުޅުމުގައި ކަލޭ ގެންގުޅޭ ބޮލުގެ ދެބައިކުޅަ އެއްބައި މަސައްކަތަށް ހޭދަކުރާނަމަ ކަލޭ ވަރަށް މޮޅު މީހަކަށް ވާނެއެވެ. އެއަށްފަހު ދިއުމަށް އިޝާރަތް ކުރެއްވުމުން އަހަރެން އެތަނުން ނުކުމެއްޖައީމެވެ. އެތަނުން ނުކުތީ ހަދާނެގޮތެއް ނޭގި ޙައިރާންވެގެންވާ ޙާލުގައެވެ. ސުލައިމާނުގެފާނު އެވިދާޅުވަނީ އަބަދު ކުޅެންއުޅޭ ވާހަކައެވެ. ހައިދާނު ބުނަނީ މަސައްކަތުގައި އަބަދު އުޅޭ ވާހަކައެވެ. އެކަލޭގެފާނާއި އެކަމަނާ ރުއްސާނެ ގޮތެއް މަށަކަށް ނޭގުނެވެ. މުފައްކިރުންގެ ބަދުނަޞީބުކަމުގެ ތެރޭގައި މިފަދަ ކަންތައް ހިމެނެއެވެ.

އަހަރެން ދަތުރެއް ނުކުރާތާ ވަރަށްގިނަ ދުވަސް ވެއްޖެއެވެ. މަސައްކަތުގައި ކަންނެތްވުމުގެ ސަބަބަކީ މިއެވެ. މާދަމާ އަހަރެން ދަތުރަށް ފަށާނަމެވެ. މިފަހަރު ދާނީ ޔަމަނުގެ ފަރުބަދަތަކާވީ ފަރާތަށް ދެކުނަށެވެ. އަހަރެންގެ ހިތް ބުނާގޮތުގައި ރަނގަޅު މަސައްކަތެއް މިދަތުރުގައި ކުރެވޭނެއެވެ.

އަންހެނުންގެ ޣީރަތްތެރި ކަމާމެދު ޙައިރާންވެގެން ހޯރައަޅަމުން ވަރަށް މައްޗަށް އުދުހި އަރަމުން ދަތުރަށް ފެށީމެވެ. ޣީރަތަކީ ޙަޔާތް ބަރުބާދު ކޮށްފާނެ އެއްޗެއްކަން ދަންނާށެވެ. މަތިން ބިން ފެންނަނީ ހާދަ ރީތި ގޮތަކަށެވެ. ސަހަރާ ފެންނަނީ ރަން ދޫލައެއް ހެންނެވެ.

ކަނޑު ފެންނަނީ ނޫކުލައިގެ ފީރޯޒު ތަކަކުން ވިއެފައިވާ ފޮށައެއް ހެންނެވެ. ވިލާތައް ފަރުބަދަތަކުގެ ކުރިތަކުގައި ޖެހިގެންދާއިރު ގަނޑުފެންތައް ވެރެއެވެ. ހެއްދެވި ފަރާތުގެ ކުޅަދުންވަންތަ ކަމާއެވެ. ފަޅު ސަހަރާގެ ތެރެއިން އަދި ހޯދިފައިނެތް ތިން ތަނެއްގައި ފެން ހުރިކަން އެގުނެވެ. ފެންހުރި ތަންތަނުގެ ޗާޓް އަހަރެންގެ ސިކުނޑީގެ ތެރޭގައި ކުރަހާ ފާހަގަކުރީމެވެ.

މިހާރު ސަބާގެ ފާރުތައް އެބަފެނެއެވެ. ފާރުތައް ހުދެވެ. މަގުތައް ފުޅަލެވެ. ދަނޑުފަނގުތައް ގިނައެވެ. ގަނޑުވަރުތައް ޢަދަދު ނުކުރެވެއެވެ. މަގުތައްމަތީ ތިބި ސިފައިން ވަރަށް ގިނައެވެ. އެތާގައި ފުރާޅެއް ނެތް ބޮޑު ބުދުފައްޅިއެއް އެބަހުއްޓެވެ. އެމީހުންގެ ސަހަރު ފެނުމުން އެއީ މުއްސަނދި ބާރުގަދަ ބައެއްކަން އެގުނެވެ. ގޭގޭގެ ފުރާޅުތައް ސާފުވެފައި ތާހިރެވެ. އެތަންތަން ފުރިފައިވަނީ ގަސްމުށި ތަކުންނެވެ. މަގުތައް ވަރަށް އެއްވަރެވެ. އަޑިގުޑަން ކަމެއް ނެތެވެ. އެރަށުގެ އެންމެ ބޮޑު ގަނޑުވަރުގައި ހުރި އުސްގަހަކަށް ތިރިކޮށްލައިފީމެވެ.

އެތަނުން ވަރަށްރީތި ހުދްހުދެއް ފެނިއްޖެއެވެ. ބޯތިރިކޮށްލައިފާ ސަލާން ގޮވާލައިފީމެވެ. އަހަރެންގެ ގޮތަކީ އެހެން މީހުން ލައްވާ ވާހަކަ ދެއްކެވުމެވެ. އަހަރެންގެ ފަތްތައް ފޮޅާލަމުން މިތާ ކައިރީގައި ކޯރެއް ނެތްތޯ އަހާލީމެވެ.

ހުދްހުދު: ކަލެއަކީ ބީރަށްޓެއްސެއްތަ؟
އަހަރެން: ﷲގެ ބިމުގައި ދަތުރުކުރާމީހެއް. މިބިމަކީ ﷲގެ މިލްކެއް ނޫންތަ؟
ހުދްހުދު: (ކައިރިއަށް ޖެހިލައިފާ) މިބިމަކީ އިރުގެ މިލްކެއް
ޖާސޫސީ އިދާރާގައި މަސައްކަތްކުރާ މީހެއްގެ ހައިސިއްޔަތުން މިތާގައި މަސައްކަތެއް އެބައޮތްކަން ތަޞައްވުރު ކުރެވުނެވެ. އެހުދްހުދާ ތަންކޮޅެއް ކައިރިއަށް ޖެހިލައިފާ މިބިން އިރުގެ މިލްކަކަށް ވާނީ ކިހިނެއްތޯ އަހާލީމެވެ.
ހުދްހުދު: މިރަށުގައިމީހުން އަޅުކަން ކުރަނީ އިރަށް.

މިހެން ބުނުމުން ސުލައިމާނުގެފާނުގެ ބަސްތައް އަހަރެންގެ ހަދާނަށް އައެވެ. މިއީ ވަރަށް ނުރައްކާތެރި މަސްއަލައެކެވެ. އަހަރެން ދުވަހަކުވެސް ހީނުކުރާ ފަދަ މަސްއަލައެކެވެ. ﷲއަށް އަޅުކަންކުރުން ދޫކޮށްލައިފާ އިރަށް އަޅުކަން ކުރާނީ ކިހިނެއް ހެއްޔެވެ؟ މިއީ ﷲއަށް ވެވޭ ޚިޔާނަތެކެވެ. ސުލައިމާނުގެފާނަކީ ﷲގެ ނަބިއްޔާއެވެ. އެކަލޭގެފާނުގެ ވެރިކަމަކީ ބިމުގައި ލައްވަވާފައިވާ ވެރިކަމެކެވެ. ވީމާ މަސްއަލައަކީ އެކަލޭގެފާނުގެ މަސްއަލައެކެވެ. ބާއްޖަވެރި ދުވަހެއް މިބިމުން ފެނުނުކަމުގެ އުފަލާއި ހިތްހަމަޖެހުން އަހަންނަށް ލިބުނެވެ. ނަމަވެސް ޖާސޫސީ އިދާރާގެ ވެރިއަކަށްވާތީ އެކަން ހާމަނުކޮށް ވަރަށް ޗާލުކަމަށް ބުނީމެވެ. އެހިނދު އެހުދްހުދު ބުންޏެވެ. އަހަރެންގެ ކިބާގައި ވަނީ ކޮން ޗާލުކަމެއް ހެއްޔެވެ؟

އަހަރެން: ކަލޭ ވާހަކަ ދައްކާގޮތް. އަހަންނަކީ ވަރަށް ގިނައިން ދަތުރުކޮށް އުޅޭމީހެއް.. މިދަތުރު ތަކުގައި ވަރަށްގިނަ ހުދްހުދުތަކާ ބައްދަލުވެފައިވޭ. އެކަމަކު ކަލޭ ބަސްމޮށޭގޮތަށް ޗާލުބަސްތައް ކިޔާމީހަކު ނުދެކެމު... އަހަރެން އިން ގޮތްޕަށް ހުދްހުދު އައިސް.

ކަލެއަކީ ކާކުތަ؟ ކޮންތާކުން ކޮންތާކަށް ދާމީހެއްތަ؟ ކަލޭގެ ކުދި ދަރިން އެބަތިބިތަ؟ ކަލޭ ކާހިތްވަނީ ކޮންއެއްޗެއްތަ؟ ނަމަކީ ކޮބައިތަ؟

އަހަރެން ސުވާލުކުރުމުގެ ބަދަލުގައި އަހަންނާ އޭނާ ސުވާލުކުރަމުން ދިޔައެވެ. އަހަރެން ގަސްތުކުރީ ޙަމަލާ ދިނުމަށެވެ. އަހަރެންގެ ކަނާތު ފިޔަ ހުޅުވާލައިފާ ހުދްހުދު އިން ގޮފިގަނޑުގައި ބާރަށް ޖެހީމެވެ. އޭނާ ނުވެއްޓުނީ ހަމަ ކިރިޔާއެވެ. އޭތި އަރިއަޅާލުމުން އަހަރެންގެ ވާތު ފިޔައިން އޭތި އުރާލީމެވެ. މިހާރު އަހަރެމެން މިތިބީ އެއްގޮފިގަނޑެއްގައެވެ. ދެ މޫނު ކުރިމަތިވާ ގޮތަށެވެ.

ސުލައިމާނުގެފާނަށް މިތަން ފެނިވަޑައި ގަންފިނަމަ އަހަރެން އަދިވެސް ކުޅެނީކަމަށް ހީފުޅުވާނެއެވެ. ހައިދާނަށް މިތަން ފެނުނުނަމަ އޭނާއަށް ޚިޔާނަތްތެރި ވަނީކަމަށް ކަށަވަރު ކުރާނެއެވެ. މިއީ ކުށް ހީއެކެވެ. މިއީ އަހަރެމެންގެ މަސައްކަތް އަދާކުރުމުގައި ގެންގުޅޭ ހުނަރެކެވެ. މަޢުލޫމާތު އެއްކުރަން އުޅޭއިރު އަހަރެންގެ ކުރިމަތީގައި އެހެން އެއްވެސް އެއްޗެއްގެ އަގެއް ނޯވެއެވެ. އެ ހުދްހުދުގެ ކިބައިން އަހަންނަށް ސަބާގައި ދިރިއުޅޭ މީހުންގެ ޢަދަދު އެނގުނެވެ. ސިފައިންގެ ޢަދަދާއި އޮފިސަރުންގެ ޢަދަދު އެނގުނެވެ. ސިފައިންގެ ހަތިޔާރު ގުދަންތައް ހުންނަ ތަންތަނަށް އަހަރެން ގޮވައިގެން އެ ހުދްހުދު ދިޔައެވެ. އެ ސަހަރަށް ވަންނަ ދޮރޯށިތަކާއި ނުކުންނަ ދޮރޯށިތައް އޭނާ އަހަންނަށް ދެއްކިއެވެ. އެރަށުމީހުން ފެންބޯ ކޯރުތައް ދުށީމެވެ. ދަނޑުވެރިންގެ ދަނޑުތަކާއި ކާރުޚާނާތަކާއި ގެތައްވެސް ރަނގަޅަށް ބަލާލީމެވެ. ދެން ދިޔައީ އެރަށުގެ މީހުން އަޅުކަންކުރާ ބުދުފައްޅި އަށެވެ. އެއީ އިރުގެ ބުދު ފައްޅިއެވެ. އެތާގެ އެތެރޭގައި ޖަވާހިރުން އަތްކަންކޮށްފައިވާ ރަނުގެ ބޮޑު ވައްބުރެއް ވެއެވެ. އިރުގެ އަލި މިތަނަށް އެޅުމުން އޭގެ ދަޅަ މީހުންގެ މޫނަށް އެޅެއެވެ. އެއަށްފަހު ދެން ދިޔައީ ރަނިކަމަނާގެ ގަނޑުވަރަށެވެ. އެތަނުން އަހަންނަށް ފެނުނު ކަމަނާއަކީ ވަރަށް ރީތި އަންހެނެކެވެ. ސުލައިމާނުގެފާނުގެ ގަނޑުވަރުން އެފަދަ ރީތި ކަމަނާއެއް ނުދެކެމެވެ. އެކަމަނާގެ ހެދުންކޮޅު ބިންމަތީ ދެމޭވަރަށް ދާވަނިކޮޅު ދިގުކުރެވިފައިވެއެވެ. އެކަމަނާއަކީ ރަނގަޅަށް ފޮރުވި ވަޑައިގެން އުޅުއްވާ ރިވެތި ރަނގަޅު އަޚްލާޤެއްގެ ވެރި ސާޙިބާއެކެވެ. ހުުދްހުދު ބުނިގޮތުގައި އެކަމަނާގެ އެއްފައިންޕުޅުގައި ޢައިބެއް ހުރެއެވެ. އެކަމަނާ މިޢައިބު އެއްވެސް މީހަކަށް ނުދައްކަވައެވެ. އެކަމަނާއަކީ ހުސްހަށިބައި ބޭކަނބަލެކެވެ. ވަރުގަދަ ޝަޚްޞިއްޔަތެއްގެ ވެރި ރަންޏެކެވެ. އެކަމަނާގެ ޤައުމުގެ ބޮޑުންނާއި ވަޒީރުންނާއި މުޝީރުންނާއާކު ޢަމަލުކުރައްވަނީ ވަރަށް ހަރުދަނާ ވެރިއެއްގެ ގޮތުގައެވެ.

އެކަމަނާގެ ހަމައެކަނި އުނި ސިފައަކީ އިރަށް އަޅުކަން ކުރެއްވުމެވެ. އަހަންނަށް އެކަމަނާ އާއި އެކަމަނާގެ ޤައުމުގެ މީހުން އިރަށް ސަޖިދަކުރަނިކޮށް ފެނުނެވެ. އެކަމަނާގެ ތަޚުތަކީ ކަނޑާނެގުމުގެ ފަންނުގައި އަރާހުރި ނަމޫނާއެކެވެ. އެހަރެންގެ ޚިޔާލުގައި އެތަޚުތުގެ ސިފަ ފުރިހަމައަށް ތަޞްވީރު ކުރީމެވެ.

މިވެރިކަމުގެ ވެރިރަށާއި ރަށްތަކުގައި އަހަރެން ފަސްދުވަސް ހޭދަކުރީމެވެ. މަގުތަކުގެ ދިގުމިނާއި ފުޅައުމިނާއި ސުލައިމާނުގެފާނުގެ ހަނގުރާމަ މަތީ އުނޅަދުތަކަށް އެމަގުތަކުގެ މަތީގައި ދުއްވޭނެ މިންވަރު އަހަރެން ދެނެގަތީމެވެ. މިކަން އަހަރެން ކުރީ ފަހަރެއްގައި ސުލައިމާނުގެފާނު އެރަށަށް ޙަމަލާ ދެއްވަން ބޭނުންފުޅު ވެދާނެތީއެވެ.

މިރަށުން އަހަންނާ ބައްދަލުވި ރީތި ލޯބި އަންހެން ހުދްހުދު އަހަރެންގެ ޚިދްމަތުގައި ގެންގުޅުނީމެވެ. އަހަންނަކީ ކާކުކަން ނާންގައެވެ. މިރަށުގެ އެއްވެސް މީހަކަށް ހުދްހުދުގެ ބަހުރުވަ ނޭގޭކަން އެ ހުދްހުދާގެ ފަރާތުން އެގުނެވެ. މަސައްކަތް ނިމުމުން އެ ހުދްހުދާއާއެކު ވަގުތުކޮޅެއް ހޭދެކޮށްލާނަމޭ ހިތަށް އެރިއެވެ. ކޯރަކާ ކައިރިން ފަނިގިނަ ބިމަކީ ކޮންބިމެއްތޯ އަހާލީމެވެ. އެ ހުދްހުދު އަހަރެން ގޮވައިގެން ވަރަށްރީތި އަތިރި މައްޗަކަށް ދިޔައެވެ.

އެތާގައި ތިންދުވަހު އެ ހުދްހުދާއެކު ހޭދަކުރީމެވެ. ވަރަށް ހަމަހިމޭން ތިންދުވަހެވެ. މީހުންނާ ދުރުގައި އެއްވެސް ފިކްރެއްނެތް ތިންދުވަހެވެ.

ތިންވަނަ ދުވަހު ސުލައިމާނުގެފާނުގެ މަތިން ހަނދާން ވެއްޖެއެވެ. އެކަލާގެފާނުގެ ލަޝްކަރުގައި ހިމެނޭ ޖިންނިއަކަށް އަހަރެން ފެނިއްޖެނަމަ ވާނެ ގޮތަކާމެދު ވިސްނާލީމެވެ. ސުލައިމާނުގެ ފާނަށް މިތަން ފެނިވަޑައި ގަންފިނަމަ އަހަރެން ކަތިލާ ލައްވާނެކަން ކަށަވަރެވެ. އެހެންކަމުން އަހަރެން ހުދްހުދަށް މާދަމާ ފުރާ ވާހަކަ ބުނެފީމެވެ.

ހުދްހުދް: ކަލެއާއެކީ އަހަރެން ގެންދޭ.
އަހަރެން: އެކަން ކުރެވޭނެނަމަ ހާދަ ރަނގަޅޭ.
ހުދްހުދް: ކީއްވެތަ ނުކުރެވޭނީ.
އަހަރެން: ވަރަށް އަވަހަށް އެބަ އެނބުރި އަންނަން.
އެހިނދު ހުދްހުދް ރޯންފެށިއެވެ. މާދަމާ އަހަރެން ފުރައިފިނަމަ ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ފަށާނެކަމަށް ބުންޏެވެ.
އަހަރެން: އަހަރެން މިތާ ހުރެއްޖެނަމަ އަހަރެން މަރުވާނެ... ސުލައިމާނުގެފާނަކީ ކާކުކަން ކަލެއަކަށް ނޭގޭދޯ؟
ހުދްހުދް: އެއީ ކޮންބޭކަލެއްތަ؟
އަހަރެން: އެއީ އަހަރެންގެ ސާޙިބާ... މާދަން ފުރާއިރު ހީލައިގެން އިދޭ.. އަހަރެން ވަރަށް އަވަހަށް އަންނާނަން.

އެރޭ ދަންވަރު ހާލިން އުދުއްސައިގެން ދަތުރަށް ފަށައިގަންފީމެވެ. އެއްވެސް އަޑެއް ނުލައްވާ ދިމާ މައްޗަށް އަރައިގެންގޮސް ފިޔަގަނޑު ކައިރީގައި ވީހާ މަތިން ވީހާ ބާރަކަށް އުދުހުމަށް ބުނީމެވެ. އެރޭ އަހަރެން ނިދީ ދަތުރުމަތީގައެވެ. އުދުހެމުން ދިޔައީ އޮޓޯއަށް ޖައްސައިގެންނެވެ. އަހަންނަށް އަހަރެންގެ ފޭލިގެއަށް އާދެވުނުއިރު ދުނިޔެއޮތީ މުޅިން އަނެއް އަތަށް ޖެހިފައެވެ. ހުރިހާ ދޫނިތަކެއް ބިރުން ތުރުތުރުއަޅާ ތިބި ޙާލުގައި އަހަރެން އުޅުނީ ކޮންތާކުތޯ އެއްސެވެ. އެދޫނިތައް އަހަންނާ އިސްތިޤްބާލު ކުރިގޮތުން ކަންތައް ވަރަށް ގޯސްވެއްޖެކަން އެގުނެވެ. ނަމަވެސް އަހަރެން ބިރުގަންނަކަން ދައްކާފައި ވީކީއްތޯ އަހައިފީމެވެ.

އެދޫނިތައް ބުނިގޮތުގައި ސުލައިމާނުގެފާނު ލަޝްކަރުގެ ކަންތައް ހުރިނެތްގޮތް ބައްލަވާ ލެއްވުމަށްޓަކައި ނުކުމެ ވަޑައިގެން ޖިންނިއާއި މިނިކާ ޖަނަވާރުތަކާއި އެހެނިއެހެން ތަފާތު ބާރުތައް ބައްލަވަމުން ވަޑައިގެން އަހަރެމެންގެ ފޭލިގެއަށް ވަޑައިގެންނެވިއެވެ. އަހަރެންގެ އޮފީހުގެ ޑިރެކްޓަރު ފެންފޯއްދޫންޏަށް ގޮވާލައިފާ ވީގޮތާމެދު ސުވާލު ކޮށްލީމެވެ. ވަރުގަދަ އެކަށީގެންވާ ސަބަބަކާ ލައިގެން ނޫން ގޮތެއްގައި އަހަރެން އެތާގައި ނެތްކަމުގައިވާނަމަ އަހަރެން ކަތިލައްވާނެކަމަށް ސުލައިމާނުގެފާނު ވިދާޅުވިއެވެ.

އަހަރެން: ސުލައިމާނުގެފާނު ހަމަ އެފަދައިން ވިދާޅުވިތަ؟
ފެންފޯއްދޫނި: އަޅުގަނޑު ހަމަ މިދެންނެވިގޮތަށް ވިދާޅުވި.
އަހަރެން: ކަލޭ ކީކޭތަ ދެންނެވީ.
ފެންފޯއްދޫނި: އަޅުގަނޑު ދަންނަވަން އުޅުނީ މަނިކުފާނު މަސައްކަތެއްގައި ބޭރުގައި ވާކަމަށް... އެކަމަކު ބިރުންގޮސް އެއްޗެއް ނުދެންނެވުނު.
ބިރުނުގަތުމަށް އަހަރެންގެ ޑިރެކްޓަރަށް ބުނީމެވެ. އަހަރެން އުޅުނީ ވަރަށް މުހިންމު މަސައްކަތެއް ގައެވެ. އަހަރެމެންގެ މަރްކަޒު އަދިވެސް ވަރަށް ވަރުގަދައެވެ.
އަހަރެމެންގެ ދުޝްމަނުން ކީކޭތަ ބުނީ؟
ފެންފޯއްދޫނި: އެ އެންމެންވެސް ހަރުފައިގެ ވިހަފަދަ ނުބައި ބަސްތައްބުނި... އެމީހުންބުނީ: މަނިކުފާނަކީ ވަރަށް ރަނގަޅު ބޭފުޅެކޭ.. އެކަމަކު... އެހެން ބުނެފާ މަނިކުފާނާ ދިމާއަށް ނުބުނާ އެއްޗެއްނެތް... ފަރުވާކުޑަ ކުރައްވާ ބޭފުޅެއްކަމަށް އެންމެން ތުހުމަތުކުރި... އަޅުގަނޑުމެން މިތިބީ ބިރުވެރި ވަޅުގަނޑަކަށް ވެއްޓިފާ..
އެކަމާ ކަންބޮޑުނުވޭ... އެވަޅުގަނޑުން އަހަރެމެން އަރާނަން.

ބިރު ނުގަންނަކަމަށް އަހަރެން ހެދުނަސް އަހަރެންވެސް ހުރީ ހަމަ ތުރުތުރު އަޅައަޅާފަދަ ހާލެއްގައެވެ. ހޭނެތިގެން ނުވެއްޓުނީ ހަމަ ކިރިޔާއެވެ. ސަބާގެ ވާހަކަ ސުލައިމާނުގެފާނަށް ދަންނަވާނީ ކިހިނެއްކަމެއް އަހަންނަކަށް ނުވިސްނުނެވެ. ފަހަރެއްގައި އެއީ އަހަރެން ހަދައިގެން ދައްކާ ވާހަކައެއްކަމަށް ބައްލަވާފާނެއެވެ.

ހައިދާނުވެސް ރޮމުން ރޮމުން އައިސް އަހަރެންގެ މޭމައްޗަށް ވެއްޓިގަތެވެ. އަހަރެން އުޅުނީ ކޮންތާކުތޯ ހައިދާން އެއްސެވެ. ސުލައިމާނުގެފާނު ވަރަށް ކޯފާވެފައި ހުންނެވިކަމަށް ބުންޏެވެ. އަހަރެން ކަތިލާލާނެކަމުގެ އިންޒާރު ދެއްވިއެވެ. ރުއިން ހުއްޓާލުމަށް ހައިދާނު ގާތު ބުނީމެވެ. ސުލައިމާނުގެފާނު އެމީހުންނަށް ރަނގަޅަށް ނޭގޭކަމަށް ބުނީމެވެ. އެއީ މަތިވެރި ރަސްކަލެއްކަމަށް ބުނީމެވެ.

އަހަރެންގެ ސާބިތުކަން ދެކެފާ ހައިދާނަށް ހިތްހަމަޖެހުން ލިބި ރުއިން ހުއްޓާލިއެވެ. ދަތުރުގެ ހިރަފުހުން ސޮފުވެސް ނުލައި އަހަރެން ދިޔައީ ސުލައިމާނުގެފާނުގެ ގަނޑުވަރަށެވެ. ގަނޑުވަރަށް ދިއުމުން އެކަލޭގެފާނު ފަރީއްކުޅުއްވަން އިންނެވިކަމަށް ބުނެވުނެވެ. ފަރީއްކުޅުއްވަން އިންނަވާއިރު އެއްވެސް މީހަކު އެތެރެއަށް ވަނުމަކީ މަނާކަމެކެވެ.

ދޮރުގެ ގަރޑް ކައިރީގައި ދޮރުހުޅުވުމަށް އަހަރެން ބުނީމެވެ. މިއައީ ކުޅިވަރު ކަމަކަށް ނޫންކަމަށާއި މަސްއަލައިގެ ބާވަތުން މަޑުކުރެވެންނެތް ކަމަށް ބުނީމެވެ.

ގަރޑަށް ހުރި މީހާއަށް އަހަރެންގެ ބަހެއް ނޭގެއެވެ. ސުލައިމާނުގެފާނަށް މެނުވީ އަހަރެމެންގެ ބަހެއް އެނގިވަޑައެއް ނުގަންނަވައެވެ. ސުލައިމާނުގެފާނު ފަރީއްކުޅުއްވަން އިންނަވާފައި އަހަރެން ވާހަކަދައްކާ އަޑު އިވިވަޑައިގެން ވެއްދުމަށް ވިދާޅުވެއްޖެއެވެ. ފަރީއްކުޅުއްވާ ކޮޓަރިކޮޅަށް ވަދެ އެކަލޭގެފާނުގެ އަތްޕުޅު ނުފޯރާ ހިސާބުގައި މޭޒުކޮޅުގައި ހުއްޓިއްޖައީމެވެ. ސުލައިމާނުގެފާނުގެ އަތްޕުޅުގައި އޮތް ފިޔޮހިކޮޅު ނުބާއްވަވާ އުޅުއްވަނިކޮށް ދެންނެވީމެވެ. ’’ކަލޭގެފާނަށް އެނގިވަޑައި ނުގަންނަވާކަމެއް އަޅުގަނޑަށް އެނގިއްޖެއެވެ. އަޅުގަނޑު މިއައީ ސަބާއިން ކަށަވަރު ޚަބަރަކާއި ގެންނެވެ.“

’’ކަލޭގެފާނަށް އެގިވަޑައި ނުގަންނަވާކަމެއް އަޅުގަނޑަށް އެގިއްޖެޔޭ“ ދެންނެވިއިރު އަހަންނަށް ތާރީޚުގެ ތެރެއަށް ވަދެވިއްޖެކަމުގެ އިޙްސާސް ކުރެވުނެވެ. އަހަރެން ނޫން އެހެން މީހަކަށް މިފަދަ ބަހެއް ސުލައިމާނުގެފާނަށް ދަންނަވަން ކެރޭނެ ބާވައެވެ.

ޙަމަލަދޭފަދަ އަޑަކުން އެވާހަކަ ސުލައިމާނުގެފާނަށް ދެންނެވީމެވެ. މިފަދަ ރާގެއްގައި އެވާހަކަ ދެންނެވުނީ ބިރާއި ހިތަށް ވަދެފައިވާ ނާއުއްމީދެއްގެ ސަބަބުންނެވެ. ދިފާޢުވުމަށްޓަކައި އެންމެ ރަނގަޅުގޮތަކީ ޙަމަލަދިނުން ކަމަށް ބުނެވޭތީއެވެ. އެހިނދު ސުލައިމާނުގެފާނު އެވަޅިކޮޅު ރަންތަށި ކޮޅުމަތީ ބާއްވަވާފައި ޙައިރާންކަމުގެ ބެއްލެވުމަކުން އަހަންނާ ދިމާއަށް ބައްލަވާ ލެއްވިއެވެ. އެކަލޭގެފާނުގެ މައްޗަށް ވެރިވެފައިވާ ޙައިރާންކަން ފިލައިގެން ނުދަނިސް އަހަރެން ދެންނެވީމެވެ.

އެބައިމީހުންގެ މައްޗަށް ވެރިކަން ހިންގާ އަންހެނަކު އަޅުގަނޑަށް އެތަނުން ފެނުނެވެ. އެކަމަނާއަށް ހުރިހާ އެއްޗެއް ލިބިވަޑައިގެންވެއެވެ. އެކަމަނާއަށް މަތިވެރި ތަޚްތެއް ލިބިވަޑައިގެންވެއެވެ. އެކަމަނާއާއި އެކަމަނާގެ ޤައުމުގެ މީހުން މާތްﷲ ދޫކޮށްލައިފާ އިރަށް އަޅުކަން ކުރާތަން ދުށީމެވެ. އެބައިމީހުންގެ ޢަމަލުތައް ޝައިޠާނާ ވަނީ ޒީނަތްތެރި ކޮށްދީފައެވެ. އަދި ހެޔޮމަގަށް ޝައިޠާނާވަނީ އެމީހުންނަށް ހުރަސްއަޅާފައެވެ. އެމީހުން ތެދުމަގު ލިބިގެންވާ ބަޔަކު ކަމުގައި ނުވެއެވެ.“

ސުލައިމާނުގެފާނު އަހަރެންގެ ވާހަކަ އައްސަވަމުން ފުރަތަމަ ގެންދެވީ ޙައިރާން ކަމާއެކުގައެވެ. އެއަށްފަހު ކޯފާވެ އިންނަވައެވެ. އެންމެފަހުން އަހަރެންގެ ވާހަކައަށް ވަރަށްބޮޑަށް ކަނުލައްވާ އައްސަވަން ފެއްޓެވިއެވެ. މިފުރްޞަތު ބަލާފައި ދެންނެވީމެވެ. އުޑުތަކާއި ބިމުގައި ފޮރުވިފައިވާ އެންމެހާ އެއްޗެހި ނެރުއްވާދެއްވާ ﷲއަށް ފަހެ ސަޖިދަ ނުކުރަނީ ކީއްވެ ހެއްޔެވެ؟ އެކަލާނގެ ތިޔަބައިމީހުން ވަންހަނާ ކުރާހާ ކަންތައްތަކާއި ފާޅުކުރާހާ ކަންތައްތައް ދެނެވޮޑިގެންވެއެވެ. ﷲ ފިޔަވާ އެހެން ކަލަކު ނުވެއެވެ. ހުރިހާގޮތަކުން ބެއްޔަސް އެންމެ ބާރުގަދަ ފަރާތަކީ އެފަރާތެވެ.“

މިހެން ދެންނެވުމުން ސުލައިމާނުގެފާނު ވިސްނަވަން ފެއްޓެވިއެވެ. އިސްތަށިފުޅު ދަށަށް ޖައްސްވައިގެން ބުމަފުޅު މައްޗަށް ރޫ އަރުއްވައިގެން އެއްޗެއް ވިދާޅުނުވެ އިންނަވާފައި އިސްތަށިފުޅު އުފުއްލަވާ ލެއްވިއެވެ. އަދި ވިދާޅުވިއެވެ. ’’ކަލޭ ތިޔަބުނާ ވާހަކައިގެ ޙަޤީޤަތް ބައްލަވާ ކަލެއަކީ ތެދުބުނާ އެއްޗެއްތޯ ނުވަތަ ދޮގުވެރިންގެ ތެރޭގައި ހިމެނޭ އެއްޗެއްތޯ ބައްލަވާ ހުށީމެވެ.“ މިހެން ވިދާޅުވުމުން އަހަރެންގެ ހަށިގަނޑުގެ ލޭހިނގުން އާދައިގެ ގޮތަށް ބަދަލުވަން ފަށައިފިއެވެ. މިވަގުތަށް ނަމަވެސް މަަރުން ސަލާމަތް ވެއްޖެކަން ކަށަވަރުވިއެވެ. އެދަތުރުން ލިބުނު ހުރިހާ މަޢުލޫމާތެއް ސުލައިމާނުގެފާނަށް ދަންނަވަން ފަށައިފީމެވެ. އެކަމަނާގެ ތަޚްތުގެ ވާހަކައާއި އެޤައުމުގެ މީހުން އަޅުކަންކުރާ އިރު ފައްޅީގެ ވާހަކަވެސް ދެންނެވީމެވެ.

އެރަސްކަމުގެ ބާރުގައި ހިމެނޭ ސިފައިންގެ ޢަދަދާއި ހަތިޔާރުގެ ވާހަކަވެސް ދެންނެވީމެވެ. ސުލައިމާނުގެފާނު ގަލަމަކާއި ކަރުދާސްކޮޅެއް ގެނައުމަށް ވުދާޅުވިއެވެ. އޭގައި އެއްޗެއް ލިއުއްވާފައި އެބަންދު ކުރައްވާފައި އަހަންނަށް ދިއްކޮށްލެއްވިއެވެ. އަދި އެފަތްކޮޅު ހިފައިގެންގޮސް އެޤައުމުގެ މީހުންގެ މެދަށް ވައްޓާލުމަށާއި އެއަށްފަހު އެމީހުން ކަންތައް ކުރާގޮތް ބަލާފައި އައުމަށް ވިދާޅުވިއެވެ. މޭޒު އެއްކޮޅުގައި ހުރެފާ އުދުހިފާގޮސް އެފަތްކޮޅުގައި ހިފައިފީމެވެ. އެފަތްކޮޅުގެ މުހިންމުކަން ހިތަށް އަރުވާލައިފާ ދެންނެވީމެވެ.

ސާހިބާ... ދަތުރު ވަރަށްދިގު... ޖައްވުގެ މަތީ ފަށަލާގައި ވަރަށް ވައިގަދަ... ފަހަރެއްގައި ފަތްކޮޅު ވީދިދާނެ ނޫންތޯ... ވައިގެ ސަބަބުން ފަތްކޮޅަށް ގެއްލުމެއް ލިބުނަ ނުދިނުމަށްޓަކައި އަޅުގަނޑަށް ފެންނަނީ ރަން އުރައަކަށް ފަތްކޮޅު ލައްވާދެއްވަން...

ފަތްކޮޅުލާނެ ރަންއުރައެއް ހެދުމަށް ސުލައިމާނުގެފާނު އަމުރު ކުރެއްވިއެވެ. ހެނދުނު ހެނދުނާ ގަނޑުވަރަށް އައުމަށް ސުލައިމާނުގެފާނު އަހަންނަށް އަމުރު ކުރެއްވިއެވެ. ހެނދުންވާން އޮތީ ހަމަ އެންމެ ގަޑިއެއްގެ އިރެވެ. ސުލައިމާނުގެފާނުގެ ގަނޑުވަރުން ނުކުތީ މަރުން ސަލާމަތްވީތީ ބޮޑުކަން ހިތަށް އަރާ ޙާލުގައެވެ.

އަހަރެންގެ އޮފީހުގެ ޑިރެކްޓަރ ފެންފޯއްދޫނި ކަންވީ ކިހިނެއްތޯ ސުވާލު ކުރިއެވެ. އޭނާގެ މަސައްކަތުގައި ކުރިއަށް އިއުމަށް އަހަރެން އަމުރުކުރީމެވެ. ހައިދާނުވެސް ސުލައިމާނުގެފާނު ވިދާޅުވީ ކީކޭތޯ އެއްސެވެ. އެއީ ސަރުކާރުގެ އަމްނާބެހޭ ވަރަށް އިސްކަމެއް ކަމުގައި އަހަރެން ބުނީމެވެ. އަހަރެންގެ ހުރިހާ ދުޝްމަނުން ކުރިކަނޑާފައި ބުރެއް ޖަހާލީމެވެ. ސިންގާ އެސޮރުގެ އާދައިގެ މަތިން ނުބައި ބަހެއް ބުންޏެވެ. ބާޒާރުމަތީގެ އަޑުން ސިންގާ ބުންޏެވެ. މާރްހާލާ! ކަލޭ އުޅުނީ ކޮންތާކުތަ؟ އަހަރެން ބުނީމެވެ. ސިއްރު ފުލުހުންނާއި ޖާސޫސީ އިދާރާގެ ވެރިން އުޅުއްވާ ތަންތަނުގެ ވާހަކަ އާދައިގެ ސިފައިންގެ ގާތުގައި އެއިން ބޭފުޅަކު ދުވަހުކުވެސް ވިދާޅުވި ހެއްޔެވެ؟ ކަލެއަކީ އާދައިގެ ސިފައިންގެ މީހެއްކަން ނޭގޭތަ؟ ކަލެއަށް އަމުރު އަންނަންދެން ކަލޭގެ މަސައްކަތުގައި ދެމިހުރޭ! އަހަރެންނާ ސުލައިމާނުގެފާނާ ދެމެދުގައި ދެކެވުނު އެއްވެސް ވާހަކައެއް އެކަކަގާތުވެސް ނުބުނަމެވެ. ޖާސޫސީ މަސައްކަތަކީ ވަރަށް އުނދަގޫ ބުރަ މަސައްކަތެއްކަން ކުރިންވެސް ދަންނަވާފައި ވާނެއެވެ.

އުރަކޮޅު ހެދުމުން ފަތްކޮޅު އެއަށްލައިގެން ސަބާއަށް އުދުހިގަތީމެވެ. އަހަރެންގޮސްވަނީ ރަނިކަމަނާ އަވަހާރަފުޅު ލައްޕަވާ ކޮޓަރިކޮޅު ތެރެއަށެވެ. އެތާގެ ކުޑަދޮރެއްގެ މައްޗަށް ތިރިކޮށްލައިފާ ފަތްކޮޅު އެކަމަނާގެ އިސްތަށިފުޅު ކައިރިއަށް ވައްޓާލީމެވެ. ހޭފުޅު ލައްވާފައި ބަލްޤީސް އެފަތްކޮޅު ހުޅުއްވާ ލެއްވުމަށްފަހު ވިދާޅުވެ ލެއްވިއެވެ. އެކަމަނާގެ ދެލޯފުޅު ވަރަށް ރީއްޗެވެ. ނަމަވެސް ހިތާމައަކީ އިރަށް އަޅުކަން ކުރައްވާ ކަމެވެ. ސުލައިމާނުގެފާނު އެފަތްކޮޅުގައި ލިޔުއްވާފައިވާ އެއްޗެއް އަހަންނަކަށް ނޭގެއެވެ. އެކަމަނާގެ އެނދުދާންކޮޅު ކައިރީގައިވާ ރަނގަބީލަށް ތިންފަހަރު ޖެއްސުވުމުން ތިން ޚާދިމުން އެކަމާނގެ އަރިހަށް އައެވެ. ވަޒީރުންނާއި ރައްޔިތުންގެ މަންދޫބުންގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް އެކަމަނާ އަމުރު ކުރެއްވިއެވެ. އެފަތްކޮޅު އައިގޮތެއް ހޯއްދެވުމަށްޓަކައި އެކަމަނާ ތަންތަނަށް ބައްލަވަން ފެއްޓެވިއެވެ. އެހިނދު އަހަރެން އެކުޑަދޮރުގައި ވަރަށް ބޮޑަށް ތަތްކޮށްލައިފީމެވެ. އެވަގުތު ސަބާއިން އަހަންނާ ބައްދަލުވި ހުދްހުދު އަތުވެއްޖެއެވެ.

ލޯބިވާ މާރްހާލާ: ކޮންތާކުތަ ތިޔައުޅުނީ.. ކަލޭ ހޯދަން އުޅުއުޅެ ވަރިބަލިވެއްޖެ. ރަނިކަމަނާގެ އަވަހާރަފުޅު ލައްޕަވާ ކޮޓަރިކޮޅު ތެރޭ ތިޔަކުރަނީ ކީއްތަ؟ އަހަރެން ހޯދަނީދޯ؟ މާއަވަހަކަށް ތިޔައައީ ކީއްވެތަ؟ ޢާއިލާގެ މަސްއަލާ ނިމުނީތަ؟

އަހަރެން: ވާހަކަ ނުދައްކާ މަޑުވެބަލަ... އަހަރެންގެ މަސައްކަތް ތިޔަ ހުރިހާ ކަމަކަށްވުރެ މުހިންމު.

އެހިނދު ބަލްޤީސް ރަނިން ކުޑަދޮރަށް ބައްލަވާ ލެއްވިއެވެ. އެކަމަނާއަށް އަހަރެމެން ދެމީހުން ފެނިވަޑައިގަތެވެ. ކުޑަކޮށް ވިސްނާލައްވާފައި އެދުން ތެދުވެ ވަޑައިގެން އަވަހާރަ ގަނޑުވަރަށް ވަދެވަޑައިގަތެވެ.

ދެދުވަހު ސަބާގައި ހޭދަކުރުމަށްފަހު އަހަރެން އެނބުރި ރަށަށް އައީމެވެ. އޭރު ސުލައިމާނުގެފާނު ލަޝްކަރުގެ ކަންތައްތައް ބައްލަވާ ލައްވަނީއެވެ. ދަތުރު ވަރުބަލި ފިލުވާލުމަށްޓަކައި އެކަލޭގެފާނުގެ އަތްޕުޅު މައްޗަށް ތިރިކޮށްލުމުގެ ހުއްދަ ދެއްވުމަށް ދެންނެވުމުން އެކަލޭގެފާނުގެ އަތްޕުޅު ދިއްކޮށް ލެއްވިއެވެ. ކަންތައްތައް ހިނގިގޮތާ ބެހޭގޮތުން ސުވާލު ކުރެއްވިއެވެ. އެކަމަނާއަށް ސިޓީފުޅު އެރުވުމުން ވަޒީރުންނާއި ބޮޑުން ވަގުތުން އެއްކުރައްވާ މަޝްވަރާ ކުރެއްވިކަމަށް ދެންނެވީމެވެ. އެކަމަނާ ވިދާޅުވިއެވެ. އޭބޮޑުންނޭވެ. ތިމަން ކަމަނާއަށް މާތް ފަތްކޮޅެއް އަތުވެއްޖެއެވެ. އެއީ ސުލައިމާނުގެފާނުގެ ކިބައިން އައި ފަތްކޮޅެކެވެ. އެފަތްކޮޅު ފައްޓަވާފައިވަނީ ރަޙްމަތާއި އޯގާތެރިކަމުގެ ވެރި ރަސްކަލާނގެ ﷲގެ ނަންފުޅުންނެވެ. ތިޔަބައި މީހުން ތިމަން ކަލޭގެފާނު މައްޗަށް ބޮޑާވެ ނުގަންނަާށެވެ. އަދި ބޯލަނބައި ކިޔަމަން ގަނެގެން އަންނަ ހުއްޓެވެ. އެކަމަނާ މަޝްވަރާ މަޖްލިސަށް ވިދާޅުވިއެވެ. ތިމަން ކަމަނާއަށް މިހުރަހެޅުނު ނުރައްކާތެރި މަސްއަލައާމެދު ފެންނަގޮތެއް ފަހެ ބުނާށެވެ. ތިމަން ކަމަނާއަކީ ތިޔަަބައިމީހުންގެ މަޝްވަރާ ނުހޯއްދަވާ އެއްވެސް ކަމަކާމެދު ވަކިގޮތެއް ކަނޑައެޅި ކަމަނާއަކީމެއް ނޫނެވެ. އެކަމަނާގެ ހިތްޕުޅަށް ހިތްހަމަޖެހުން ވެއްދުމަށްޓަކައި އެމީހުން ދެންނެވިއެވެ. އަޅުގަނޑުމެންނަކީ ބާރުގަދަ ބަޔަކީމުއެވެ. ކަމާމެދު ވަކިގޮތެއް ނިންމެވުން އޮތީ ކަމަނާގެ އަތްޕުޅުގައެވެ. ކަމަނާގެ ބަހަށް އަޅުަގަނޑުމެން ބޯލަނބައި ކިޔަމަން ގަންނާނޫއެވެ. ވިސްނަވާ ލެއްވުމަށްފަހު އެކަމަނާ ވިދާޅުވިއެވެ. ރަސްރަސްކަލުންނަކީ ލަޝްކަރައިގެން ރަށަކަށް އަރާވަޑައިގަންފިނަމަ އެތަނެއް ހަލާކުކުރައްވާ ބަޔެކެވެ. މީހުންނާއި ދަނޑުފަނގުތައް ޚަރާބު ކުރައްވައެވެ. ރަށުގެ ޢިއްޒަތްތެރިން ނިކަމެތި ކުރައްވައެވެ. އެބޭކަލުންގެ ޢަމަލުތައް އަބަދުވެސް ހުންނަނީ އެފަދަ ގޮތަކަށެވެ. ތިމަންކަމަނާ ޞުލްޙައަށް އިސްކަން ދެއްވާތީ ސުލައިމާނުގެފާނުގެ އަރިހަށް ހަދިޔާއެއް ފޮނުއްވާ ހުރީމެވެ. އަދި އެހަދިޔާ ހިފައިގެންދާ މީހުން އެނބުރި އަންނަންދެން ވަކިގޮތެއް ނުނިންމަވާނަމެވެ.“

ސުލައިމާނުގެފާނު އަހަންނަށް ފާހަގަ ކުރެވުނީ ކޮންކަމެއްތޯ އެއްސެވިއެވެ.

އަހަރެން: މަޝްވަރާއަކީ އެމީހުންގެ ގޮތުގައި ރަމްޒީ ކަމެކެވެ. އެމީހުންނަކީ އެއްވެސް ޚިޔާލެއް ހުރި ބައެއް ނޫނެވެ. އެމީހުން ހިތުން ހަދިޔާއަކުން ކަލޭގެފާނު މައިތިރި ކޮށްލެވިދާނެއެވެ. އެމީހުން ވަކިގޮތެއް ނިންމުން ޙަވާލުކުރީ އެކަމަނާއާއެވެ.

މިހެން ދެންނެވުމުން ސުލައިމާނުގެފާނު ހިނިފުޅު ވަޑުވައިލެއްވިއެވެ. އަދި އަހަންނަށް ހިތްހަމަޖެހުން ލިބުނެވެ.

ބަލްޤީސްގެ މަންދޫބުން ހަދިޔާ ހިފައިގެން އަތުވެއްޖެއެވެ. މިޚަބަރުވެސް ސުލައިމާނުގެފާށް އެންމެ ފުރަތަމަ ދެންނެވީ އަހަންނެވެ. ފޯރިއަށް ތިބި ހުދްހުދުތަކެވެ. ރެއާ ދުވާލު ޖައްވުގައި ފޯރިމަރާ ހުދްހުދުތައް އަހަރެން ބައިތިއްބަމުއެވެ. އެއީ ޖާސޫސީ އިދާރާގެ ހުދްހުދުތަކެވެ. ސުލައިމާނުގެފާނުގެ ވެރިކަމުގެ ސަރަޙައްދު ތެރެއަށް އެއްވެސް ބީރަށްޓެއްސަކު ހަމައަރާއިރަށް އެ ހުދްހުދުތައް އެޚަބަރު އަހަންނަށް ގެނެސްދޭނެއެވެ. އެހުދްހުދުތަކުގެ ފަރާތުން އަހަންނަށް އެއީ ކޮންކަހަލަ ހަދިޔާއެއް ކަންވެސް އެގުނެވެ. އެވާހަކަ ސުލައިމާނުގެފާނަށް ދަންނަވާ ދިން އިރު އަހަންނަށްވެސް ހެވުނެވެ. އެމީހުން ހިތުން އެއީ ވަރަށް އަގުހުރި ހަދިޔާއެކެވެ.
ނަމަވެސް ސުލައިމާނުގެފާނަށް ބަލާއިރު އެއީ އާދައިގެ އެއްޗެކެވެ. ސުލައިމާނުގެފާނު ބަލްޤީސްގެ މަންދޫބުންނާ ބައްދަލު ކުރެއްވީ އެކަލޭގެފާނުގެ ތަޚްތު މަތީގައެވެ. އެކަލޭގެފާނުގެ ވަށައިގެން ރަނުގެ ސިންގާތަކާއި ޙަޤީޤީ ސިންގާތައް ތިއްބެވެ. ޙަޤީޤީ ސިންގާތަކުން އެކަތި އާފުރުމުން ސުލައިމާނުގެފާނު އޭތީގެ ބަހުން އާފުރުން ހައްޓާލުމަށް ވިދާޅުވިއެވެ. ރޭ އޭތި ހޭލާ އުޅުނީ ކޮންތަނެއްގައިތޯ އައްސަވާ ލެއްވިއެވެ. ސުލައިމާނު މިހެން ވިދާޅުވުމުން ސިންގާ ތެދުވެ ހަށިފޮޅާލާފައި ބާރަށް ގޮވައިގަތެވެ. އެހިނދު ބަލްޤީސް ވަފްދުގެ ރައީސް ހޭނެތިގެން ވެއްޓުނެވެ.އެއީ ދުވަހުކުވެސް ސިންގާއެއް ނުދެކޭ މުސްކުޅި ޝައިޚެކެވެ. ސުލައިމާނުގެފާނު އެމީހުން ގެނައި ހަދިޔާ ޤަބޫލެއް ނުކުރެއްވިއެވެ. ރަނުން އެކަލޭގާނު ހައްލާލުމަށް މަސައްކަތް ނުކުރުމަށް ވިދާޅުވެ އެގަނޑުވަރުގެ ފާރުތަކަށާއި އެތަންތާނގައި ހުރި ރަން ސިންގާތަކަށް އިޝާރަތް ކުރެއްވިއެވެ. އެކަލޭގެފާނު އެދިވަޑައި ގަންނަވާ އަދިގޮވާލައްވާ ހަމައެކަނި ކަމަކީ އެމީހުން އިސްލާމްވުން ކަމަށް ވިދާޅުވިއެވެ.

އެމީހުންނާ ދެކޮޅަށް ހަނގުރާމަ އިޢުލާން ކުރެއްވާނެކަމުގެ އިންޒާރު ސުލައިމާނުގެފާނު ދެއްވިއެވެ. ސުލައިމާނުގެފާނުގެ ބާރާއި ހައިބަތަށް އިޝާރަތްކުރައްވާ ވަރަށް ކުރު ޢިބާރާތަކުން އެމީހުންނަށް މި އިންޒާރު ދެއްވިއެވެ. މި އިންޒާރާ ވިދިގެން ވަފްދު ސުލައިމާނުގެފާނުގެ ދަރުބާރުންނުކުމެ ރަށަށް ފުރީ ބިރުން ތިބެއެވެ.

ދުވަސްތައް ފާއިތުވަމުން އެބަދެއެވެ. އެހަރެން އުޅެމުން މިދަނީ ކުރިއެކޭވެސް އެއްގޮތަށެވެ. އަހަރެންގެ ތެދުފާޅުވެ މަރުން ސަލާމަތް ވެވިއްޖެއެވެ. އަހަރެންފަދަ މުހިންމު މީހުންގެ މަސްއަލައަކީ މިއެވެ. އެމީހުންނަކީ އެންމެ އިސް ސަފުގައި ނުވަތަ ކަނޑީގެ މިޔަމަތީގައި ދިރިއުޅެން ޖެހިފައިވާ ބައެކެވެ. ބޮޑުންނަށާއި އިސްމީހުންނަށް އަބަދުވެސް އުޅެން ޖެހިފައިވަނީ މިފަދަ ޙާލެއްގައެވެ. ސުލައިމާނުގެފާނު އަހަރެމެންނަށް ތަވާޟުޢު ޙާލަތުގައި ދިރިއުޅުމަށް އަބަދުވެސް އަންގަވައެވެ. އެކަލޭގެފާނު ވިދާޅުވާ ގޮތުގައި މަތިވެރިކަން ދެމިއޮންނާނީ ތަވާޟުޢުކަން މަތީގައެވެ. ހުރިހާ ބާރެއްގެ ވެރިފަރާތަކީ ﷲއެވެ. އެހެން އެއްމެންވެސް ނެތިވެ ފަނާވެދާނެއެވެ. ބާރާއި ވިސްނުން ތޫނުކަމާއި މަޤާމާއި މުއްސަނދިކަމަކީ އަހަރެމެންގެ މިލްކެއް ނޫނެވެ. އެކަމަކު އެއީ އަހަރެމެންގެ އަތުގައި ލައްވަވާފައިވާ އަމާނަތެކެެވެ.

ސުލައިމާނުގެފާނު އެކަލޭގެފާނުގެ ވެރިކަމުގެ ތަޚުތުގައި އިށީނދެ ވަޑައިގެން އިންނެވިއެވެ. ވަޒީރުންނާއި ވެރިން އެކަލޭގެފާނުގެ ވަށައިގެން އެދަރުބާރުގައި ވެއެެވެ. އިންސީންނާއި ޖިންނީންނާއި ދޫނި ސޫފާސޫތްޕެވެ. އެކަލޭގެފާނު އަހަންނާ ދިމާއަށް އެނބުރި ވަޑައިގެން ވިދާޅުވިއެވެ. ސަބާގެ ސިންގާ ސަނާއިން ކަލެއަށް ފެނުނު އެންމެ އަޖައިބުވަނިވި އެއްޗަކީ ކޮންއެއްޗެއް ހެއްޔެވެ؟

އެއީ އެކަމަނާގެ ތަޚުތުކަމަށް ދެންނެވީމެވެ. އެޤައުމުގެ މީހުން ދެކޭގޮތުގައި އެމީހުންނަކީ މަސައްކަތްތެރިކަމާއި ކަނޑާނެގުމާއި ލިޔެލާޖެހުމާއި ބިނާކުރުމާ ޢިމްރާނީ ކަންކަމުގައި ވަރަށް ކުރިއަރާފައި ތިބި ބަޔެކެވެ. ސުލައިމާނުގެފާނު އެކަލޭގެފާނުގެ ވަޒީރުންނާއި ލަޝްކަރުގެ ވެރިންނާ ދިމާއަށް އެނބުރި ވަޑައިގެން ވިދާޅުވިއެވެ.’’އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަން ކަލޭގެފާނުގެ ޚިދްމަތުގައި ﷲ ލައްވަވާފައިވާ އިންސިންނާއި ޖިންނީންނޭވެ! އެބައިމީހުން ކިޔަމަންގަނެގެން ތިމަން ކަލޭގެފާނުގެ އަރިހަށް އައުމުގެކުރިން އެކަމަނާގެ ތަޚުތު ތިމަން ކަލޭގެފާނުގެ އަރިހަށް ގެނެސްދޭނީ ކަލޭމެންގެ ތެރެއިން ކާކު ހެއްޔެވެ؟

ހިނގާދިޔަ ކަންތައް އަހަރެން ދުށީމެވެ. އެކަމާ އަަހަރެން ޙައިރާންވެސް ވިއެވެ. ބަލްޤީސްގެ ތަޚްތުގެ ތިރީބައި ހަދާފައިވަނީ ރިހިންނެވެ. ރަނުން ގިރިޓީ ކޮށްގެންނެވެ. ތަޚްތުގެ އިށީންނަބައި ހަދާފައިވަނީ ރަނުންނެވެ. ރިހިން ގިރީޓީ ކޮށްގެންނެވެ. ތަޚްތުގެ ލެނގޭ ތަނުގައި އިރު ކުރަހާފައިވެއެވެ. މުޅި ތަޚްތު ހަދާފައިވަނީ ރަނާއި ރިހިންނެވެ. ސަބާއު ސިންގާ ސަނާގެ ހުރިހާ ފައިސާއެއް ކޮށާރު ކުރެވެނީ މި ތަޚްތުގައެވެ. އެހެންކަމުން މިތަޚްތު ހުރީ ހަމަ އެހާ ދުރު ހިސާބެއްގައެވެ. އަހަރެން ކަހަލަ ބާރަށް އުދުހެވޭ ހުދްހުދަކަށްވެސް އެރަށަށް ދެވެނީ 24 ގަޑިއިރުންނެވެ. އެކަމަކުވެސް އެތަޚްތު ސުލައިމާނުގެފާނުގެ ދަރުބާރަށް ގެނެވިއްޖެއެވެ. ސުލައިމާނުގެފާނު އެކަލޭގެފާނުގެ އަރިހުގައި ތިއްބެވި ބޭކަލުން އިމްތިޙާނު ކުރެއްވިއެވެ. އެ ތަޚްތު ގެނެސްދިނުމަށް ސުލައިމާނުގެފާނު ވިދާޅުވުމުން އެމަޖްލީހުގައި އިން ބޮޑު ޢިފްރީތެއް ދެންނެވިއެވެ. ކަލޭގެފާނު މިގޮޑިކޮޅުން ތެދުވެ ވަޑައިގެންނެވުމުގެ ކުރިން އަޅުގަނޑު އެތަޚްތު ގެނެސްދީފާނަމެވެ. ސުލައިމާނުގެފާނުގެ އާދައަކީ އެގޮޑިކޮޅުގައި ކޮންމެދުވަހުކުވެސް ދެގަނޑިއިރު ހޭދަކުރެއްވުމެވެ. އެކަމަކު އެމަޖިލީހުގައި އިންނެވި ޢިލްމުވެރިއަކު ދެންނެވިއެވެ. ކަލޭގެފާނު ލޯފުޅު މަރުއްވާލައްވާފައި ހުޅުއްވާ ލެއްވުމުގެ ކުރިން އެތަޚްތު ގެނެސްދީފާނަމެވެ. އޭނާ އެހެން ދަންނަވާ ނުނިމެނިސް އެތަޚްތުހުރީ ސުލައިމާނުގެފާނުގެ އަރިހުގައެވެ.

މީސްތަކުން އެއީ ކޮންބޭކަލެއްތޯ ސުވާލު ކުރާނެއެވެ. އޭނާގެ ނަންފުޅަކީ ކޮބައިތޯވެސް އަހާނެއެވެ. އޭނާއަށް މާތްﷲ ދެއްވާފައި މިވާ ޢިލްމަކީ ކޮބައިތޯވެސް މީހުން ސުވާލު ކުރާނެއެވެ. އެފަދަ ބާރުގަދަ މީހަކު ސުލައިމާނުގެފާނުގެ މަޖިލީހުގައި އިންކަން ފުދެއެވެ. އެއީ މަލާއިކަތެއްވެސް ނޫނެވެ. އަދި ނަބީ ބޭކަލެއްވެސްނުމެ ނޫންމެއެވެ. މާތްﷲ ހެއްދެވި މަޚްލޫޤެކެވެ. އޭނާއަށް ފޮތުގެ ޢިލްމެއް ލިބިވަޑައި ގަންފައިވެއެވެ. އެއީ ޖިންނިންގެ ފޮތެއް ނޫނެވެ. ޖިންނިންގެ ތެރޭގައި ހިމެނޭ ޢިފްރީތުންނަށް އެކަން ކުރެވެން އޮތީ ދެގަޑިއިރުންނެވެ.

ސުލައިމާނުގެފާނު އެ ތަޚްތު ބަލްޤީސަށް އެނގިވަޑައި ނުގަންނަވާގޮތަށް ބަދަލުކުރުމަށް އެންގެވިއެވެ. އެ ތަޚްތުގައި ހުރި އަލިމަސްތަކާއި ޖަވާހިރުތައް ހަރުކޮށްފައި ހުރި ތަންތައް ބަދަލުކުރުމަށް އެންގެވިއެވެ.

ސުލައިމާނުގެފާނު ކުރައްވާ ބައެއް ކަންތައްތައް ކުރައްވަނީ ކީއްވެގެން ކަމެއް ނޭގެއެވެ. ދެން ސުލަމާނުގެފާނުގެ އަމުރުފުޅަށް ގަނޑުވަރެއް ބިނާކުރެވުނެވެ. މިގަނޑުވަރުގެ ތަޅުންގަނޑު ހަދަން އެންގެވީ އަޑި އެނގޭކަހަލަ ކްރިސްޓަލުންނެވެ. މި ގަނޑުވަރުގެ އަޑީގައި ވަނީ އެތާނގައި މަސްތައް ދިރިއުޅޭ ފެންގަނޑެކެވެ. އެކަލޭގެފާނު އަންގަވައިގެން މިގަނޑުވަރުގެ ފާރުތައް ހަދާފައިވަނީ މީރުވަސްދުވާ ކެލާ ލަކުޑިންނެވެ. މިގަނޑުވަރުގެ ފަންގެފިލާ ހަދާފައިވަނީ ކުލަ ބިއްލޫރިންނެވެ. އިރުގެ އަލި ފަންގެފިލާއަށް އެޅުމުން ހުދުއަލި ވިއްސާރަދުނީގެ ކުލަތަކަށް ބަދަލުވެގެން ދެއެވެ. މި ގަނޑުވަރުގެ ކޮޓަރިތަކުގެ ކުލަބަދަލުވެގެން ދަނީ މި ހަތްކުލައަށެވެ. ބަލްޤީސް އެކަލޭގެފާނުގެ އަރިހަށް ވަޑައިގެންނެވުމުގެ ކުރިން މިގަނޑުވަރު ވަނީ ހައްދަވާ ނިންމަވައިފައެވެ. ގަނޑުވަރު ނިމުމުން ބަލްޤީސްގެ ތަޚްތު ބެހެއްޓެވީ ބައްދަލު ކުރައްވާ މާލަމުގައެވެ. މި ތަޚްތުގެ ކުރިމަތީގައި ހުރަސްއެޅޭ އެއްވެސް އެއްޗެއް ނުބެހެއްޓުމަށް އަމުރު ކުރެއްވިއެވެ. މިގޮތަށް ސުލައިމާނުގެފާނު ކަންތައްކުރެއްވެވީ އެކަމަނާއާ އިތުރަށް ޖަދަލު ކުރައްވަން އެދިވަޑައި ނުގަންވާތީއެވެ. ސުލައިމާނުގެފާނުގެ ވެރިކަމުގެ ޝާން ޝައުކަތުގެ ބޮޑުކަމާއި އެކަމަނާގެ ވެރިކަމުގެ ދެރަކަން ހާމަ ކުރެއްވުމަށް ޓަކައެވެ. އެކަލޭގެފާނު ދައްކަވަން ބޭނުންފުޅުވެ ވަޑައިގަން އެއްކަމަކީ މާތްﷲގެ ކުޅަދުންވަންތަކަމެވެ. މާތްﷲއަށް އީމާންނުވެ އެއްވެސް ކުރިއެރުމެއް ނުލިބޭނެކަމެވެ. އިރަށް ނުވަތަ އެހެންވެސް މަޚްލޫޤަކަށް އަޅުކަން ކޮށްގެން ކާމިޔާބީއެއް އަދި ކުރިއެރުމެއްނުލިބޭނެކަމެވެ. ޙަގީޤީ ކުރިއެރުން ލިބޭނީ އެންމެ ފުރަތަމަ މާތްﷲއަށް ކިޔަމަންގަނެ ބޯލަބައިގެންނެވެ. އެއަށްފަހު ސައެންސާއި ޓެކްނޮލޮޖީ އަދި ތަޢުލީމާއި ހުނަރުގެ ބޭނުން ކޮށްގެންނެވެ.

އަހަރެން ހީކުރިގޮތަށް ކަންތައްތައް ވެގެން ދިޔައެވެ. ބަލްޤީސް ރަނިން ސުލައިމާނުގެފާނުގެ ދަޢުވަތު ޤަބޫލު ކުރައްވާ އިސްލާމްވެ ވަޑައިގެންނެވިއެވެ.

އަހަރެން ދެފިޔަގަނޑު ޖަހާލައިފާ ސުލައިމާނުގެފާނަށް ދެންނެވީމެވެ.

ޢިއްޒަތްތެރި ޙިކްމަތްތެރި ސާހިބާ! މަނިކުފާނު ޤަޟިއްޔާ ކާމިޔާބު ކުރައްވައިފީމެވެ. އިންސާނީ ނަފްސެއް ހަލާކުން ސަލާމްތ ކުރައްވައިފީމުއެވެ. އެ ނަފްސާއެކު އެނަފްސުގެ ރައްޔިތުންވެސް ޝިރްކުގެ ނުބައިކަމުން ސަލާމަތް ކުރައްވައިފީމުއެވެ.

ސުލައިމާނުގެފާނު ވިދާޅުވިއެވެ.
އޭ މާރްހާލާ! އަހަރެން ކަލޭގެ މަސައްކަތާ ރުހެމު... ކަލޭ ބޭނުންވަނީ ކޮންކަމެއްތަ؟
ދެންނެވިން: އަޅުގަނޑުގެ އިނާމު ކޮބައިތޯ؟
ވިދާޅުވި: ކަލޭ ބޭނުންކަމެއް އިޚްތިޔާރުކުރޭ.. ބޭނުމީ މުސާރަ ބޮޑުކޮށްދޭންތަ.. ނޫނީ ފުރަތަމަ ދަރަޖައިގެ ހުދްހުދު މެޑެލް ދޭންތަ؟
ދެންނެވިން: އެއިން އެއްވެސްކަމެއް ބޭނުމެއްނޫން.. ބޭނުންވަނީ ތާރީޚަށް ވަން ސުލައިމާނުގެފާނުގެ ހުދްހުދަށްވާން..
ވިދާޅުވި: ކަލެއަށް އަހަރެންގެ ނަންދޭނަން.. ކަލޭއަށް ސުލައިމާނުގެފާނުގެ ހުދްހުދޭ ކިޔާނަން.
އަހަރެން ހިތާހިތާ ބުނިން: އަހަންނަކީ ސުލައިމާނުގެފާނުގެ ހުދްހުދެއް ނޫންތަ؟
ވިދާޅުވި: ކަލެއަކީ ސުލައިމާނުގެފާނުގެ ހުދްހުދު.. އެކަން މުޅިދުނިޔެއަށް އިޢުލާނު ކުރައްވާނަން...
ދެންނެވިން: އަޅުގަނޑު އެދެނީ ތިޔަ ކަމަށްވުރެވެސް ބޮޑުކަމަކަށް..
ސުލައިމާނުގެފާނު ޙައިރާންވެ ވަޑައިގެން ވިދާޅުވީ: އޭ މާރްޙާލާ! ކޮންކަމެއްތަ ބޭނުންވަނީ..
ދެންނެވިން: އަޅުގަނޑު ބޭނުންވަނީ އަޅުގަނޑުގެ ހަދާން ތާރީޚުގައި ދެމިއޮތުމަށް... މިވާހަކަ ދުނިޔޭގެ އެންމެންނަށް އެނގެން.. މިއަދުން ފެށިގެން ޤިޔާމަތަށް ދާންދެން އެންމެންނަށް މިވާހަކަ އެނގެން.
ސުލައިމާނުގެފާނު ވިދާޅުވި: އޭ މާރްހާލާ! ތިޔައީ އަހަންނަށް ކުރެވޭނެ ކަމެއްނޫން. ތިޔައީ މާތްﷲއަށް ލިބިވޮޑިގެންވާ ކަމެއް..
ދެންނެވި: ޢިއްޒަތްތެރި ނަބިއްޔާ! އަޅުގަނޑަށް އެކަންއެގޭ... އެކަމަކު އަޅުގަނޑުގެ ނަން ދަމަހައްޓަވާ ދެއްވުމަށް ކަލޭގެފާނަށް ދުޢާ ދެންނެވިދާނެ... ސުލައިމާނު އިސްތަށިފުޅު އުފުއްލަވާ ލައްވާފައި ވިދާޅުވީ: އޭ މާރްހާލާ! ކަލޭ ހިސާބަށްވުރެ ބޮޑަށް ބޮޑާވަނީތަ؟ ތިޔައީ އެހެން އެއްޗެއްކަމަށް ހީވަނީތަ؟

ޖެހިލުމެއްނެތި ހުދްހުދު ދެންނެވި: ޢިއްޒަތްތެރި ނަބިއްޔާ! އަޅުގަނޑުގެ މައްސަލައަކީ ބޮޑާކަމެއްނޫން. އެކަމަކު އަޅުގަނޑު މީސްތަކުންނަށް އަންގައިދެން ބޭނުންވަނީ ނިކަމެތި ކުޑަކުޑަ ހުދްހުދެއް މެދުވެރި ކުރައްވާ މާތްﷲ ޤައުމެއްގެ ބަޔަކަށް ހިދާޔަތު ދެއްވިކަން... މިއީ އަޅުގަނޑުގެ ޙައްޤެއް... އެއީ އަޅުގަނުގެ ޢިއްޒަތްވެސްމެ...

ސުލައިމާނުގެފާނު ހިނިފުޅު ވަޑުވާލައްވާ ހުދްހުދުގެ ބޮލުގައި ފިރުމައި ލެއްވިއެވެ. އަދި ހުދްހުދުގެ ޛިކްރާ ޤިޔާމަތާ ޖެހެންދެން ދަމަހައްޓަވާ ދެއްވުމަށް މާތްﷲއަށް ދުޢާ ދެންނެވިއެވެ.

ސުލައިމާނުގެފާނު ދުޢާފުޅުން އަވަދިވެ ވަޑަިއގެން އަހަންނަށް ދިއުމަށް އެންގެވިއެވެ. އެހިނދު އަހަރެން ދެންނެވީމެވެ. ޢިއްޒަތްތެރި ނަބިއްޔާ! މަނިކުފާނުގެ ދުޢާ މާތްﷲ އިޖާބަ ކުރައްވާނެކަން އަޅުގަނޑަށް އެނގެއެވެ. ނަމަވެސް އަޅުގަނޑުގެ ޛިކްރާ ޤިޔާމަތާ ޖެހެންދެން މާތްﷲ ދަމަހަޢްޓަވާ ދެއްވާނެ ގޮތަކާމެދު ޙައިރާންވެއެވެ. ޤިޔާމަތާ ޖެހެންދެން ދެމިއޮންނާނެ ފޮތަކީ ކޮބައިބާ؟

ސުލައިމާނުގެފާނު ވިދާޅުވިއެވެ. އަހަނަންކަށްވެސް ޣައިބެއް ނޭގޭ.. މާތްﷲއަށް ދަންނަވަން ކަލޭ އެދުމުން އަހަރެން ދުޢާކޮށްފިން... އަހަރެންގެ ދުޢާއަށް އިޖާބަ ދެއްވާނެ ގޮތެއް ނޭނގޭ ... ކަލެއާ އެއްގޮތަށް އަހަރެންވެސް އެކަމާމެދު ޙައިރާންވަން... ޤިޔާމަތާ ޖެހެންދެން ދެމިއޮންނާނެ ފޮތެއް ބާވައިލައްވާނީ ކޮން ނަބިއްޔަކަށްބާ! މާރްހާލާ!

އަޅުގަނޑަކަށް ނޭނގެ... މިއީ ޣައިބު... ކަލޭގެފާނަށް ވެސް އަދި އަޅުގަނޑަކަށް ވެސް އެއެއްނޭނގޭ...


އިދާރާ

ވާހަކަ