އަދުގެ ޚާއްސަ

Print

ލަދުމާ

ޝާޢިއުކުރީ އިބްރާހީމް ޙުސައިން މަނިކު . ހިމެނޭބަޔަކީ ވާހަކަ


އިބްރާހީމް ޙުސައިން މަނިކު

ހޮޓަލުތެރޭ ބައިތުނި ވެފައިވަނީ، މެންދުރުގެ ހޫނުން ދުނިޔެ މާލާތީ އެވެ. ނަމަވެސް ހަނި ހަނި ފެންޑާމަތީ، ރާޒުވާ ކުޅެންތިބި ދެމީހުން ވަށައި، ފޯރިދޭން ތިބި މީހުން މަދެއް ނޫނެވެ. ގުޅަ، ބޯކިބާ، ބަޖިޔާ، ޒިލޭބީ، ކަވާބު، ކަޓްލަސް، ފިހުނު މަސް، ތެއްލި މަސް، ދޮންކޭލުން މުއްސަނދިވެފައިވާ މޭޒެއްގެ ދޮށުގައި ސައިބޯންތިބި ދެމީހުންގެ ދެބަސްވުން ހޫނުވަމުން ގޮސް އަރާރުމަކަށް ބަދަލުވަނީ އެވެ. އެހެންމީހުންނާ ވަކިން ކުޑަ މޭޒެއްގެ ދޮށުގައި އިން ޒުވާން އަކްރަމުގެ ސަމާލުކަން ހުއްޓިފައިވަނީ،  މިތަނުން އިވޭ އަޑުތަކާ ފެންނަ ކަންތައްތަކަކަށް ނޫނެވެ. ނުވަތަ ކުރިމަތީގައި ހުރި ދެބައިކުޅައެއްބައި ހުސްވެފައިވާ ފިނި އަނބު ފަނި ތަށްޓަކަށް ވެސް ނޫނެވެ.


އޭނާ ދަތްދޮޅީގައި އަތް ވިދެގެން، ކަޅިޖަހައިނުލައި ބަލަހައްޓައިގެން އިނީ ކުޑަ ދޮރުން ބޭރަށް މަގުމައްޗަށެވެ. ކޮންމެ  ދުވަހަކު ވެސް ހެނދުނު ހަތެއް ޖަހަނީ އޭނާ މި ތާ މިގޮތަށް އިންދަ އެވެ. އަދި ކޮންމެ ދުވަހަކު މެންދުރުން އަނބުރާ އެއްގަޑި ބައިވަނީ އޭނާ ހަމަ މިތާ މިގޮތަށް އިންދަ އެވެ. އޭނާ މި ހޮޓަލަށް ކާކަށް ސައިބޯކަށް ނޫނެވެ. އޭނާ މި ހޮޓަލަށް އަންނަނީ ޢައްޒާ ދެކި ލުމަށެވެ. ޢައްޒާފެނުމުގެ އުފާ ހޯދުމަށެވެ.

އިރުކޮޅަކަށްވުރެ އިރުކޮޅެއް އޮފީހުން ނިމިގެން ގެޔަށް ދާ މީހުންގެ ބައި އަންނަނީ ބޯވަމުންނެވެ. އެއާއެކު،  އަކްރަމްގެ ހިތުގެ ހިނގުން ވެސް ދިޔައީ، އަވަސް ވަމުންނެވެ. އަނބު ފަނި ފޮދެއް ބޯލަން ކަމަށް އެއްފަހަރަކު އަކްރަމް ތަށީގައި ތުންޖެހި އެވެ. އަނހާ، އަނހާ، އެދައްކާލީ އައްޒާ އެވެ. ފަނިތަށި ދޫކޮށްލައިފައި، ފުންމައިގެން ތެެދުވެ، އަރައިފައި ހުރި އަވަހުގައި ގޮނޑިއެއް ވެސް ވައްޓާލައިފައި ގޮސް، އަކްރަމް ހުއްޓުނީ ހޮޓަލުގެ ދޮރުމައްޗަށެވެ. އެއަށް ވުރެ އެކަޅަކަށް ނުދެވުނެވެ. އަނެއްކާ ވެސް އެއްކަލަ ގޮތްވީ އެވެ.  މުޅި މީހާ ފިނިވީ އެވެ. އަޒުމުގެ މައްޗަށް ނުކެރުން ބާރު ފޯރުވީ އެވެ. އަމިއްލަ ނަފުސަށް ވީ ވަޢުދު އުވާލެވުނީ އެވެ.

އަކްރަމް ސިހިގެން ދިޔައީ ފަހަތުން މީހަކު ކޮނޑުގައި އަތްބޭއްވީމަ އެވެ. ފަހަތަށް ކަޅިއެއްލި އިރު އެމީހަކީ ހޮޓަލުގެ ވެރި، އެންމެންގެ އެކުވެރި ދޮންބެ އެވެ. އޭނާގެ ރޫޖެހެމުންދާ މޫނުމަތީގައިވަނީ ހިނިތުންވުމެކެވެ. އޭނާ އަހައިލި އެވެ.
''ފަނިތަށި ބޯން އިނދެފާ ކީއްތި ކުރީ އަކްރާމް؟'
'
މާނޭވާެއް ލައިފައި އަކްރަމަށް ބަލައިލެވުނީ ފަރި އިސްޖަހައިލުމެއްގައި ހިނގައިފައިދާ ޕާކިސްތާނު ހެދުމެއްގައި ހުރި ޢައްޒާ އަށެވެ. ދޮންބެގެ ހިނިތުންވުން ބަދަލުވީ ހިނިގަނޑަކަށެވެ. އޭނާ އަނގަމަތީގައި އަތްއަޅައިގެން ހުރެ ފުރަތަމަ ބަލައިލީ އަކްރަމްގެ އާ ގަމީހާއި، ފަޓުލޫނަށެވެ. ދެން ނިތް  އެއްލީ ޢައްޒާއާ ދިމާއަށެވެ.

''މީދޯ އަކްރަމަށް އައިސްގެން މި އުޅޭ ކުއްލި ބަދަލުގެ ސިަރަކީ.  ކުރީގައި އަކްރަމަށް އަރަން ކަމުނުދާ ވަރަށް ފައިވާނެއް، ލާން ނުކެރޭވަރަށް ހެދުމެއް ބާވާކަމަކަށް ނުވޭ. ނިކަން ދެކެބަލަ މިހާރު. ހީވަނީ ބެނެޓަންގެ އިޝްތިހާރެއްހެން. ބާޓާގެ އިޝްތިހާރެއްހެން.
އަކްރަމް ރަކިވެގެން އެނބުރި އައިސް އިށީނީ ކުރިންވެސް އިށީނދެ އިން މޭޒު ދޮށުގަ އެވެ. އަނބު ފަނި ތަށި ކުރިމަތީގަ އެވެ. ދޮންބެ ޖައްސާލީ ޖެހިގެން ހުރި ގޮނޑީގަ އެވެ.

''ތީ ވަރަށް ރަނގަޅު ކަމެއް ކަމަށް ފެނޭ. ދޮންބެ ލަފާ ދިނެވެ.
އަކްރަމް ނޭނގޭ ކަމަށް ހަދައިލި އެވެ. ''ކޮންެކަމެއްތަ؟''

'' އެ އަންހެން ކުއްޖާ. ހެނދުނާ މެންދުރު އެނާ މި މަގުން ހިނގާތީ މަވެސް ދެކެން. އެކި ދުވަހު އެކި ފަންތީގެ މީހުން އޭނަޔާ ހުށަހޮޅިގަނެ ރައްޓެހި ވާން  މަސައްކަތް ކުރާތީ ވެސް ދެކެން. އޭގެ ތެރޭގައި ސައިކަލުތަކުގައި އުދުހޭ ޒުވާނުންނާއި، ކާރުތަކުގައި ބޮޑުވެފައި ތިބޭ މަހުޖަހުން ހިމެނޭ.  އެކަމަކު އެކުއްޖާ އެއިން މީހަކާ އަނގައިން ނުބުނިތާ ރުހުމުގެ ލޮލަކުން ބަލައިވެސްލަނިކޮށް ނުދެކެން.
އަކްރަމްގެ މޫނު ފޮޅިގެން ދިޔަ އެވެ. ''ޢައްޒާއަކީ އަހަރެމެން ގޭދޮށު ކުއްޖެއް. މި އުޅޭ ގިނަ ކުދިންނާ ތަފާތު ކުއްޖެއް.

'' މާ ތުއި ކުއްޖަކީ ދޯ؟''

އަކްރަމް ބޯ ހޫރައިގަތެވެ. މާ ބޮޑަށް ފޮރުވިގެން އުޅޭ ކުއްޖަކީ. އެންމެ ދުވަހަކު ވެސް އެންމެ ރެޔަކު ވެސް ޢައްޒާ ގޭގެ ދޮރޯށި ދޮށަކުން ނުފެންނާނެ. ގެއިން އޮފީހަށް، އޮފީހުން ގެޔަށް ފިޔަވާ އޭނާގެ މަންމަޔާ އެކުގައި ނޫނީ ބޭރަށް ވެސް ގޮހެއް ނޫޅޭ.
ދޮންބެ މޭޒުމަތީ ބެރުޖަހައިލި އެވެ. '' އަގު ހުންނާނީ ތަދު އެއްޗެހީގެ. ޢައްޒާ އަށް އޭނާގެ އަގު އަރުވަން އެނގެނީ''
އަކްރަމް ދުރުބަލަހައްޓައިގެން އިނދެ، ފަނިތަށިން އެތިފޮދެއް ދަމައިލި އެވެ.
'' އަކުރަމްގެ ހިތް އޮތްގޮތް މަށަށް އެނގިއްޖެ.'' ދޮންބެގެ ތޫނު ކަޅި އަކްރަމް ތޮރުފައިލި އެވެ. '' އެންމެ ރަނގަޅު. އަކްރަމްގެ ހިތް އޮތްގޮތް ޢައްޒާއަށް އެނގޭނެތަ؟''

އަޅައަޅައިގަންނަމުން އަކްރަމް ބުންޏެވެ. '' އަހަރެންގެ ކަޅި އޭނާގެ މައްޗަށް ހުއްޓިގައި ހުންނަކަން އޭނާއަށް ވެސް ވާނީ ފާހަގަ ކުރެވިފާ.''
ދޮންބެ ގާތަށް އައީ ހިންޏެވެ. '' އެހެން ކިހިނެއް އެނގޭނީ؟ އަކްރަމް ހިތުގައި އޮތް އެއްޗެއް ޢައްޒާއަށް އެނގޭނީ އަކްރަމް ބުނީމާތާ.''

އަކްރަމް އިސް އުފުލައިލީ ދޮންބެގެ އަޑަށެވެ. '' ޢައްޒާ އަށް ފޯނު ކުރަމާ ބަހީ''
''ލާހިކެއް ނޫން.'' އަކްރަމް ފުން ނޭވާއެއް ލި އެވެ.
'' އެހެންވިއްޔާ ޢައްޒާއަށް ފަންވަތެއް ފޮނުވަމާ ބަހީ''

ކުރިންވެސް ލޯބީގެ ސިޓީއެއް ލިޔަން މަސައްކަތް ކުރެވިއްޖެ އެވެ. އެކަމަކު ހަމަ ހިލާ ކުރިޔަށް ދާ ގޮތް ނުވީ އެވެ. ލިޔަންވީ ބަހުރުވަޔާއި، މޭރުން ނޭނގެނީ އެއް ނޫނެވެ. ޚިޔާލުތައް ގުޅައިގެން ޖުމުލަތައް ގަތައިލަން ނޭނގެނީ އެއްވެސް ނޫނެވެ. އެހެން މީހުންގެ ހިތުގެ ސިއްރުތައް ކިޔައިދޭ ރީތި ލޯބީގެ ވާހަކަތައް ބޭރު ދެބަހަކުން، ދިވެހި ބަހަށް ގެނައުމަކީ، ދަތި އުނދަގޫ ކަމަކަށް ނުވިޔަސް، އަދި ދިރި އުޅުމަށް ކުރާ މަސައްކަތް ނަމަވެސް، ޚުދު ތިމާގެ ހިތުގެ ސިއްރުތައް ލިޔެ ހާމަ ކުރަން ވެއްޖެ ނަމަ މޫނުގައި އަތް އެޅެނީ މީހުން ތެރޭ އޮރިޔާން ވުމުން ކަންކުރެވޭ ގޮތަށެވެ. އެހެން މީހުންނަށް ވެސް މިކަން ތަޖުރިބާ ކުރެވެނީ މި ގޮތަށް ބާވަ އެވެ.؟ ނުވަތަ މިއީ ހަމަ އެކަނި އަކްރަމަށް ވާގޮތަކީ ބާވަ އެވެ؟
އަކްރަމްގެ ހިތް ދޮންބެ ދެނެގަތް ކަހަލަ އެވެ. ''އަކްރަމަށް ނުކެރެންޏާ އަހަރެން އަކްރަމްގެ ނަމުގައި ޢައްޒާއަށް ސިޓީ ލިޔެފާނަން.''
އަކްރަމް ހީކުރީ ދޮންބެގެ ވާހަކަ އަކީ ސަމާސާއެއް ކަމަށެވެ.  އެހެން ނޫންކަން އެނގުނީ އެރޭ އިރާކޮޅު އޭނާގެ އާ ސައިކަލުގައި ދަނިކޮށް، ގޮވައި ގެނެސް ހޮޓަލަށް ވެއްދީމަ އެވެ. ސޮއި ޖަހާލާށޭ ކިޔާފައި ކައުންޓަރުގެ ވަތްގަނޑުން ނަގައި ދިއްކޮށްލީ ފަސް ހަ ޞަފުޙާގެ ސިޓީ އެކެވެ.  އެ ލިޔުމަކީ، އެންމެ މިހާރުގެ ލިޔުމެއް ނޫނެވެ. ތަންކޮޅެއް ކުރީގެ ލިޔުމެކެވެ. ކައުންޓަރާ ދިމާ މަތީ ފާރުގައި ކަރުދާން ގަނޑެއްގައި، ''ހުކުރު ދުވަހަކަށް ދިވެހި ކެއުމެއް އެންމެ -/10 ރުފިޔާއަށް''  މިޖުމުލަ ވެސް ފެވި އަތުގެ ލިޔުމެކެވެ. އާނއެކެވެ. ދޮންބެގެ ލިޔުމެކެވެ.
އަކްރަމް ސިޓީ ފެށުނީއްސުރެ ނިމެންދެން ކިޔައިލި އެވެ.

ދޮންބެގެ ލޮލުގައި ވަނީ ފަޚްރުވެރިކަމުގެ ވިދުވަރެކެވެ. '' އަޅެ ސިޓީ މޮޅެއް ނޫންތަ؟''
އަކުރަމް ބޯޖަހައިލަމުން، ސޮައި ޖަހައިލި އެވެ.

ކޮންމެ ވެސް ކަމަކު ދޮންެބެ ޖެހިލީ ބަދިގެ ފަރާތަށެވެ. އަކްރަމް ހިތަށް އެރި އެވެ. ސިޓީ އެއް އަތުން އަތަށް ދިނުން ވާނީ ހެއްވާ ކަމަކަށެވެ. ސިޓީގެ ބާވަތުން ގެއިން ގެޔަށް ފޮނުވާކަށް ނުކެރޭނެ އެވެ. ސިޓީ ފޮނުވެން އޮތީ ޕޯސްޓުންނެވެ. ރަނގަޅަށް ވިއްޔާ ޢައްޒާ އަތަށް އެރުމުގެ ކުރިން ސިޓީ އަރާނީ އޭނާގެ މަންމަ އަތަށެވެ. އެހެން ވެއްޖެ ނަމަ ސިޓީ ކަނޑައިގެން ކިޔައިވެސް ފާނެ އެވެ. ޢައްޒާގެ މަންމަ ނުރުހޭ ކަމެއް ނަމަ ސިޓީ ސިއްރެއް ނުވާނެ އެވެ. ސިޓީ އަނބުރާ ފޮނުވައިލެވޭނީ އަކްރަމުގެ މަންމަ އަށެވެ. ކޮޕީތައް ބަލައިލެވޭނީ އަވަށްޓެރިންނަށެވެ.  އެެދެން ކަމާ ޖެހުނީ އެވެ. އެންމެން ހީނހީނފައި އެސިޓީގެ ވާހަކަ ދައްކާނެ އެވެ.  ހަޖޫ ކިޔާނެ އެވެ. އަކްރަމް ފެންނަ ކޮންމެ ފަހަރަކު އެއްލޯ މަރައިލަމުން އެއްތުންފަތުން ހީނލަމުން '' ކަލާ ގަންގާ ކޯރު ރާޅަށްވީ ނަމަ އަޅުގަނޑު ވީހީ ޖަމްނާ ކޯރުގެ އައްސޭރިއަށޭ'' ގޮވައި ފޮށޭނެ އެވެ. އެހެން ވެއްޖެ ނަމަ.....

އަކްރަމް ލޯ މަރައިލި އެވެ. އޭނާ ދުށީ އަތުގައި އޮތް ސިޓީ ބޮޑުވަމުން ބޮޑުވަމުން ގޮސް މުޅި ރަށަށް ފެތުރި ލޮލުކޮޅަށް ގެއްލޭ ތަނެވެ. އަދި އެ ސިޓީގެ ހިޔަނި ތެރެއަށް އޭނާ ވެސް ގެއްލޭ ތަނެވެ. ކަޅުފައި ރެއެއްގެ އަނދިރީ ތެރެއަށް ކަޅު ހިންޏެއް ގެއްލޭ ފަދައިންނެވެ.
ދޮންބެ އާދޭތޯ ބަލައިލުމަށްފަހު، ދޮންބެގެ ހިލަމެއް ނެތުމުން، ސިޓީ ވީދައި ކުދިކުދި ކޮށް ކުނި ވަށިގަނޑަށް އަޅައިލި އެވެ.

ވާހަކަ ނަކަލު ކުރީ، އިބްރާހީމް ޙުސައިން މަނިކުގެ ކުރުވާހަކަ ތަކަށް؟

އިދާރާ

އެނގޭތަ؟

ވާހަކަ