އަދުގެ ޚާއްސަ

Print

ދުއްރައިން ހިތާ ކުރުވި އަނބިމީހާ

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ސަމާސާ އަދަބު


އަލްމަރްޙޫމު މުޙަންމަދު ޖަލީލު (1989)

މޫސަ އާއި، ދޮން ސަންޕަ އާ ދެ މީހުން އިނދެގެން އުޅޭތާ އަށެއްކަ އަހަރު ވެއްޖެ އެވެ. ދެ މީހުން މެ އިނީ އަލަށެވެ. ދިރި އުޅެނީ ދޮން ސަންޕަގެ މަންމަގެ ފަރާތުން ލިބިފައިވާ އޭނާގެ ގޭގަ އެވެ.

ދެ މީހުން ދިރިއުޅެން ފެށި އިރު ގެ، ކިތަންމެ ނިކަމެތި ގޮތަކަށް ހުއްޓަސް މިހާރު އެ ގެ އަކީ، (މޫސަގެ މަސައްކަތުން) ރަށުގެ މެދު ފަންތީގެ ރީތި ގެތަކުގެ ތެރެއިން ހޮވާލެވޭވަރުގެ ހިތްގައިމު ގެ އެކެވެ. ގޯތި ތެރޭގައި ތަން އޮތުމާއެކު، ވައްތަރު ވައްތަރުގެ މީރުވަސްދުވާ މާމެލާ މެލިންނާއި، ރީތި ގަސްތަކުން ގޯތިތެރެ ވެސް ވަރަށް  ހިތް ފަސޭހަ އެވެ.

ދެމީހުންނަށް ލިބިފައިތިބީ 3 ފިރިހެން ކުދިންނާއި، އެންމެ އަންހެން ކުއްޖެކެވެ. އެ ކުދިން ދެކެ މޫސަ ވަނީކީ އަމަށަކު ލޯތްބެއް ނޫނެވެ. އަދި ޚާއްޞަކޮށް އަންހެން ދަރިފުޅުދެކެ ވަކިން ލޯބި ވެ އެވެ. އެއީ އޭނާ މަންމައާ ވައްތަރުކަމުން ވެސް ތޯއްޗެކެވެ.

ކޮންމެއަކަސް މިހާތަނަށް އައިއިރު، ދޮންސަންޕަގެ ލޯތްބަށް ބަދަލު އަންނަން ފަށައިފި އެވެ. އިހަށް މޫސައަށް އޭނާގެ އަންހެނުންގެ މޫނުން ފެންނަމުން އައި ފަރި ހިނިތުން ވެލުން، މިހާރު ފެންނަމަކުން ނުދެ އެވެ. ބަލައިލާ ބަލައިލުމުގައި ވެސް ހުންނަނީ ނަފުރަތާއި ފޫހީގެ އަސަރު އެކުލެވިފަ އެވެ. މޫސަ، އެކަން ރަނގަޅުވޭތޯ ހެޔޮ ދުޢާ ކޮށްލަ ކޮށްލައި ހުންނަނީ އެވެ.

ކޮންމެއަކަސް ދުވަހެއް ދުވަހަކަށް އެކަން ބޮޑުވަމުން ގޮސް އޭނާ މޫސައާ އެކީގައި ދިރިއުޅޭ ހިތް ނުވާ ވާހަކަ ބުނަން ފަށައިފި އެވެ. މޫސަ އެއްގޮތުން ނުވިއްޔާ  އަނެއްގޮތަކުން ވެސް އަންހެނުންގެ ރުހުން ހޯދޭތޯ ކުރާ މަސައްކަތް ތަނެއްގައި ލައްވާލާ ގޮތެއް ނުވި އެވެ. މިހެން އުޅެ އުޅެ ހުއްޓާ ސާފުބަހުން ވަރިއަށް އެދެން ވެސް ފަށައިފި އެވެ.

އެންމެ ފަހުން މޫސަ ވަރި ނުކުރީމާ ފަނޑިޔާރުގެ އަށް، ހިނގައްޖެ އެވެ. (އޭރު ފަނޑިޔާރުކަމުގައި ހުންނެވީ، ބޭރުން ރާއްޖެ ދުރުވެ ހުންނެވި ޢިލްމުވެރިއެކެވެ.) ފަނޑިޔާރު ކަލޭގެފާނު ދެމީހުންނާ ވާހަކަ ދައްކަވައި ހެއްދެވުމަށްފަހު، ވަރަށް ނަސޭހަތް ދެއްވައި ޞުލްޙަ ކުރައްވައިފައި، ގެޔަށް ފޮނުއްވައިލައްވައި އެވެ. ނަމަވެސް މޫސަ އާ ގުޅިގެން ދިރިއުޅޭ ގޮތެއް ނުވި އެވެ. މޫސަ ކެތްކޮށްލައިގެން ރަނގަޅުވާނޭ ދުވަހެއްގެ  އިންތިޒާރުގައި ދުވަސްތައް ގުނަނީ އެވެ. މި ގޮތުގައި ހުރެވުނީ ދޮޅުމަހެއް ހައި ދުވަހު އެވެ. އެންކާވެސް ފަނޑިޔާރުގެ ކުރިފުޅުމައްޗަށް ދާންޖެހުނީ، އަންހެނުން ވަރިޔަށް އެދި ދަޢުވާ ކޮށްގެންނެވެ. މޫސަ، ވަރިނުކޮށްވޭތޯ ކުރެވުނުހައި މަސައްކަތެއް ކުރެ އެވެ.

އެ ދުވަހު، ކުރީ ދުވަހަށްވުރެ ގިނަ ނަސޭހަތް ދެއްވައި ޞުލްޙަ ކުރައްވައިފައި ފޮނުއްވައި ލައްވައިފި އެވެ. މޫސަ، ކުރިޔަށް ވުރެވެސް ހެޔޮކޮށް ކަންތައް ކުރެވޭތޯ އޭނާއަށް ވެވުނުހައި ހިންމަތަކާއި، ހޭދައެއް ކުރެ އެވެ. މި ކަމުން ވެސް އަންހެނުންގެ ނުރުހުމާއި، ނަފުރަތު އިތުރުވުން ފިޔަވައި ވީ ކަމެއް ނެތެވެ.

މާ ގިނަ ދުވަހެއް ނުވެ އަނެއް ފަހަރު ފަނޑިޔާރުގެއަށް ހިނގައްޖެ އެވެ. އެ ދުވަހު ވަރަށް ސާފުކޮށް އޭނާ އަށް ދެން މޫސަ އާ އިނދެގެން ނޫޅެވޭނެ ވާހަކަ ދެންނެވި އެވެ. މޫސަ އެއްޗެއް ނުދޭތީ އެއްވެސް ނޫނެވެ. އަނިޔާކޮށް އިހާނެތި ގޮތްގޮތް ހަދާތީ އެއްވެސް ނޫނެވެ. މޫސަ ދެކެ ފޫހިވަނީ އެވެ. ލޯބި ނުވަނީ އެވެ. ފަނޑިޔާރު ކަލޭފާނު ވަރަށް ގިނަ ވާހަކަ ދައްކަވާ ނަސޭހަތް ދެއްވާ ވެސް ގަބޫލެއް ނުކުރި އެވެ.  އެންމެ ފަހުން އަދި ގެޔަށް ގޮސް ވިސްނައި ހަދައިފައި ދެން އެހެން ގޮތެއް ނެތްނަމަ، މާދަމާ ވަރިވާން އަންނަން ދާށޭ ވިދާޅުވެ ފޮނުއްވައި ލައްވައިފި އެވެ.

މިހާތަނުން މޫސައަށް ހަތަރު އުދަރެސް ފެނުޖެހިއްޖެ އެވެ. ހަދާނޭ ގޮތް ހުސްވެއްޖެ އެވެ. މާދަމާއަކީ، އޭނާގެ މުޅި ދުނިޔެ ފުނޑުފުނޑުވެގެންދާނެ ދުވަހެވެ. އެހެރަ ރީތި އޭނާ އެހާ ލޯބިވާ ދޮން ސަންޕަ އެވެ. ދެމީހުންނަށް ލިބިފައި އެތިބަ ލޯބި ކުދިންކޮޅެވެ. ދޮން ސަންޕަ އާ އެކު، އުފާވެރިކަމުގައި ހޭދަވި ދުވަސްތަކުގެ އެކި ހަނދާންތަކެވެ.

ދިޔަ ގޮތަށް ގޮސް މިސްކިތަށް އަރާ އިނދެ މި ކަމުން އަލި މަގެއް ދައްކަވައި އޭނާގެ ދިރިއުޅުން ބަރުބާދު ނުވެވާނޭ ގޮތެއް މެދުވެރި ކުރައްވާތޯ ވަރަށް ދުޢާ ކުރި އެވެ. އަދި ރޮއި އާދޭސް ދެންނެވި އެވެ.

މިސްކިތުން ފައިބައިގެން، މަގުމަތިން ދިމާވާ ނިކަމެތިންނަށް އޭނާގެ ޖީބުގައި ހުރި ލާރިކޮޅުން ބަހަމުން ގެންދިޔަ އެވެ. އަދި އެވަރަކުން އޭނާ ނުނިންމި އެވެ. އެ ރޭގެ އިރު އޮއްސި އިރުކޮޅެއްވީ އިރު އޭނާ ހުރީ ފަނޑިޔާރު ކަލޭގެފާނު ހުންނަވާ ގޭގަ އެވެ. އެގޮތަކުން މިގޮތަކުން ފައިންޕުޅު ދެކެފި އެވެ. އޭނާގެ ހާލުގެ ވާހަކަ، ރޮމުން ފަނޑިޔާރު މަނިކުފާނަށް ދެންނެވި އެވެ. އޭނާ ދޮން ސަންޕަ ދެކެވާ ގަދަފަދަ ލޯބީގެ ވާހަކަ އެވެ. އޭނާ އަށް އެ ދިރިއުޅުމާ ވަކިވެގެން ދިރި ނޫޅެވޭނެ ވާހަކަ އެވެ. އޭނާގެ މުޅި މުދާ ''ޤުރުބާން'' ކޮށްގެންވެސް އެ ދިރިއުޅުން އޭނާ ބޭނުން ވާހަކަ އެވެ. އޭނާ ފަނޑިޔާރު ކަލޭގެފާނަށް ޔަޤީންކޮށް އެރުވީ މި ދުނިޔޭން އޭނާ ބޭނުން އެއްޗަކީ ހަމަ އެކަނި ދޮން ސަންޕަ ކަމެވެ.

ފަނޑިޔާރު ކަލޭގެފާނު: ކަލޭ ތިޔަ ވާހަކަ ނުބުނީ ކީއްވެތަ؟ ދެން މައްސަލައެއް ނެތޭ. އަވަހަށް ގޭ ދޮށަށް ދޭ. މާދަން ތިޔަ ކަން ހަމަޖައްސައި ދޭނަން.
މޫސަ ވަރަށް ހަމަޖެހިލައިގެން ގެއަށް ހިނގައްޖެ އެވެ. އަންހެނުން ވެސް ވަރަށް ހަލުއިކޮށް ގޭތެރޭގެ ކަންތައްތަކުގައި އުޅެއެވެ. ކޮންމެ މީހަކު މެ އުންމީދު ކުރަނީ މާދަމާ އެމިހެއްގެ އެދުން ފުރިހަމަވާނެ ކަމަށެވެ.

ފަތިސް ނަމާދުން ފައިބައިގެން ކިޔަވާލަން އިރުކޮޅަކު އިނދެފައި މޫސަ ގެ އަށް އައިސް ބޭރުގޭ ކުޑަ އަށި މަތީ ޖައްސައިލައިގެން އޮތްވައި، ކުދީން އައިސް ސައި ތައްޔާރުވި ވާހަކަ ބުނެފި އެވެ. ދިޔަ އިރު ކުދިންނަށާއި، މޫސަ އަށް ސައިތައްޔާރު ކޮށްފައި ހުއްޓެވެ. އަދި ބޯނެ ފެނާއި، ދުފާއެއްޗެހި ވެސް ހުރީ ތައްޔާރަށެވެ.

ސައިބޮއިގެން ދުފާލި ތަނާ ނޭފަތުގައި އައިސް ޖެހުނު ވަހަކުން މޫސަގެ މެޔަށް ވެސް ދިޔައީ ގުޑުން އަރައިގެންނެވެ. ދޮން ސަންޕަ އެންމެ ހިތްފަސޭހަކޮށް އުޅުނު އިރު ލައި އުޅުނު އަތަރުގެ ވަސް، މޫސަގެ މުޅި ހަށިގަނޑުގެ ތެރޭގައި ހައިޖާނެއް އުފައްދައިފި އެވެ. ވޭތުވެ ގޮސްފައިވާ އެކި އެކި އުފާތަކުގެ ހަނދާންތަކެވެ. މި އަދު ގޯސް ގޮތަކަށް ނިމިއްޖެ ނަމަ މޫސަ އުޅެން ޖެހޭނެ ހާލެވެ. އަދި ފަނޑިޔާރު މަނިކުފާނު ދެއްވި ޔަޤީންކަމެވެ.
އެ ދުވަހުގެ 8 ޖެހި އިރު، ދެ މީހުން ވެސް ތިބި ފަނޑިޔާރު ގޭގަ އެވެ. ފަނޑިޔާރު ކަލޭގެފާނު ދޮން ސަންޕަ ހުއްޓުނު އިރު ހުރީ ވަރަށް ފަރިކޮށް ހިނިތުން ވެލައިފަ އެވެ.

ފަނޑިޔާރު ކަލޭގެފާނު:  ކަނބުލޭގެ ކުރާ ދަޢުވާއަކީ ކޮބައިތަ؟

ދޮން ސަންޕަ:         އަޅުގަނޑު އައީ އަޅުގަނޑު އިނދެގެން އުޅޭ މޫސަ ގާތުން ވަރިވާން. މި އަދު، މިއީ
                ވަރިވާން އައުމަށް ވިދާޅުވި ދުވަސް.

ފަނޑިޔާރު ކަލޭގެފާނު:  ވަރިވާށޭ!

ދޮން ސަންޕަ:       އާދެ! ވަރި ވާށޭ. މިހާރު ނޫޅެވިގެން ކިތަންމެ ފަހަރަކު، މި ތަނަށް އަތުވެއްޖައިން.
                އިއްޔެ ވިދާޅުވީ މާދަމާ ވަރިވާން އަންނާށޭ.

ފަނޑިޔާރު ކަލޭގެފާނު:   މޫސައާ އިނދެގެން އުޅޭތާ ކިހާ ދުވަހެއް ވެއްޖެތަ؟
                 އިނީ ދެމީހުން އަލަށްތަ؟

ދޮން ސަންޕަ:        އިނދެގެން އުޅޭތާ 8 އަހަރާ 3 މަސް. އިނީ ދެމީހުންމެ އަލަށް.

ފަނޑިޔާރު ކަލޭގެފާނު:   ކިތައް ކުދިން ލިބިފައި އެބަ ތިބިތަ؟

ދޮން ސަންޕަ         ތިބީ ހަތަރު ކުދިން.

ފަނޑިޔާރު ކަލޭގެފާނު:    އިނީ މީހަކު ދިން ނަސޭހަތަކަށްތަ؟ ނޫނީ ހަމަ ދެމީހުން ހިތާވެގެންތަ؟

ދޮން ސަންޕަ:         އިނީ ދެމީހުން ވެސް ހިތާ ވެގެން. މީހަކު ބުނެގެނެއް ނޫން. އެކަމަކު މިހާރަކު
                  ހިތައެއް ނުވޭ. އިނދެގެން އުޅޭ ހިތެއް ވެސް ނުވޭ.

ފަނޑިޔާރު ކަލޭގެފާނު:    ހޫނ! އިނީ ދެ މީހުން ހިތާވެގެން. މީހަކު ބުނެގެނެއް ނޫން. އިނދެގެން އުޅޭތާ 8
                 އަހަރަށް ވުރެ ގިނަ ވެއްޖެ. 4 ކުދިން ލިބިފައި އެބަ ތިބި. މިހާރު ހިތާ ނުވަނީ.
                 ދޭވާނި ދުއްރަ ނެރޭ. މި ހިރަ ކަނބުލޭގެ ހިތާ ވަންދެން ތަޅާ!

      ދޭވާނި ދުއްރަ ހިފައިގެން ނުކުމެ އެ ކަނބުލޭގެ ނެރެ ދުއްރައިން 3 ފަހަރު ޖެހުމުން...

ދޮން ސަންޕަ:        އަޅުގަނޑު ހިތާވެއްޖެއޭ. ހިތާ ވެއްޖެއޭ..

ފަނޑިޔާރު ކަލޭގެފާނު:   އަދި ހިތައެއް ނުވާނެ.

      ދޭވާނި ކަލޭގެ 7 ފަހަރު ޖެހި އިރު، ހިތާ ވެއްޖެ ކަމަށާއި، ދެން ދުވަހަކު ވެސް ވަރި އަށް ނޭދޭނެ ކަމަށް ބުނެ ދޮން ސަންޕަ ރޯން ފަށައިފި އެވެ.

ފަނޑިޔާރު ކަލޭގެފާނު: ހުއްޓާލާ! ކަނބުލޭގެ މި ކޮޅަށް އާދޭ! ކޮބާ މިހާރު މޫސަ އާ ހިތާ ވެއްޖެތަ؟ ދެމީހުން
               ކުރިން އުޅުނު ގޮތަށް ކުދިންކޮޅު ގޮވައިގެން ރަނގަޅަށް އުޅޭވޭނެތަ؟

 ދޮން ސަންޕަ:      އާދެ! ރަނގަޅަށް އުޅެވޭނެ.

 ފަނޑިޔާރު ކަލޭގެފާނު: އާނ. އެންމެ ރަނގަޅު. މޫސަ ކަލޭ އަނބިމީހާ ގޮވައިގެން ގެ އަށް ދޭ. އަނބިމީހާ އާ
                ދޭތެރޭ ކަލޭ ވެސް ރަނގަޅަށް ކަންތައް ބަހައްޓާތި!

ދޮން ސަންޕަ:       މޫސަ އަޅުގަނޑަކަށް ނުބައިކޮށް ކަންތަކެއް ނުކުރާނެ.

  ދެ މީހުން އެކުގައި ނުކުމެގެން ދިޔަ ފަހުން އެއީ އުޅޭ ބައެއް ކަން ވެސް ފަނޑިޔާރުގެ އަކަށް ނޭނގެ އެވެ.


ހަވާލާ:

މުޙަންމަދު ޖަލީލު (1989). ސަމަސާ އަދަބު (1). ދިވެހި ނާދީ، ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު،  މާލެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ